بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
އާދެ، ވަޑައިގެން ތިއްބެވި އެންމެހައި ވިޔަފާރިވެރިން، ކުދި އަދި މެދުފަންތީގެ އެކިއެކި މަސައްކަތްތައް ކުރައްވާ ވިޔަފާރިވެރިން؛
ތިޔަބޭފުޅުން ވަރަށް އަވަދިނެތި، ބުރަކޮށް މަސައްކަތުގައި އުޅުއްވަމުންވެސް، ވަގުތު ހުސްކުރައްވައި، މިތަނަށް ވަޑައިގެންނެވި ކަމަށްޓަކައި، ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އާދެ، އަޅުގަނޑު މިރޭ ތިޔަބޭފުޅުން ވިދާޅުވެލައްވަން ބޭނުންފުޅުވާ ކަންތައްތައް ވިދާޅުވެލެއްވުމަށް ފުރުޞަތު ދިނުމަށްޓަކައި، މި ބައްދަލުވުން މި ބޭއްވީ. އެއީ، ކަންބޮޑުވުމެއް ކަމުގައިވިޔަސް، ޚިޔާލެއް ކަމުގައިވިޔަސް، އަދި މަޝްވަރާއެއް ކަމުގައިވިޔަސް، ކޮންމެފަދަ ވާހަކަފުޅެއް ކަމުގައިވިޔަސް، އަޅުގަނޑު އެދެނީ ވިދާޅުވެދެއްވުމަށް. ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއި، އަދި ހުރިހާ ފަންތިއެއްގެ ވިޔަފާރިވެރިން ކުރިއެރުވުމަށްޓަކައި މަސައްކަތްތައް، ސިޔާސަތުތައް ބައްޓަންކޮށްގެން ކުރިއަށްގެންދަން. އެހެންވީމާ، ތިޔަބޭފުޅުންގެ ވާހަކަފުޅުތަކަކީ، މިގޮތުން ކުރިއަށް ގެންދިޔުމުގައި ވަރަށް މުހިންމު، އަގުހުރި އެއްޗަކަށްވާނެ.
އާދެ، އެހެންވީމާ، އަޅުގަނޑު މާގިނަ ވާހަކައެއް މިވަގުތު ނުދަންނަވައި، ތިޔަބޭފުޅުންނަށް އަޅުގަނޑު ފުރުޞަތު އަރުވާނަން. އަދި، ހުރިހާ ބޭފުޅުން ވާހަކަފުޅު ދައްކަވައި ނިމުނީމާ، އަޅުގަނޑު ކޮންމެވެސް އެއްޗެއް ދަންނަވާލާނަން.
ވަރަށް ބޮޑަށް ޝުކުރިއްޔާ!
وَالسَّلَامُ عَلَيْكُمْ.
ބައްދަލުވުން ނިންމަވަމުން ދެއްކެވި ވާހަކަފުޅު:
ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ. ވަރަށް ގިނަ ބޭފުޅުން އަދިވެސް އެބަ ތިއްބެވި ފުރުޞަތު ބޭނުންފުޅުވާ. އަޅުގަނޑު ހިތުން މިކަހަލަ ފޯރަމްތައް، ނޫނީވިއްޔާ ބައްދަލުވުންތައް ނުބޭއްވޭތީ، ހަމަ ޔަޤީނުންވެސް، ވަރަށް ގިނަ ބޭފުޅުން ބޭނުންފުޅުވާނެ އެއްޗެއް ވިދާޅުވެލައްވަން. މިހާތަނަށް އެއްގޮތަކަށްވެސް އަޅުގަނޑަކަށް ހިއެއްނުވޭ، ކުރިން ބޭއްވިފައި އޮތްހެނެއް.
އެކި ކަންކަން ފާހަގަކުރެއްވި ބޭފުޅުން އެ ވިދާޅުވި ކަންކަމަށް، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑު ފުރަތަމަ ދެންނެވި ފަދައިން، ކޮންމެ ބޭފުޅަކު ވިދާޅުވި، ކޮންމެ ވާހަކަފުޅަކީވެސް، އަޅުގަނޑުމެން ވަރަށް އެކަން ކަނުލައި އަޑުއަހައި، އެއަށް އެންމެ ރަނގަޅު ޙައްލެއް ގެނެސްދޭން މަސައްކަތް ކޮށްދޭނެ ކަންކަމޭ، ޤާނޫނާއި، އުސޫލުތަކުގެ ތެރެއިން. އަދި ޤާނޫނާއި، އުސޫލުތައް ބަދަލުކޮށްގެން ކަމުގައިވިޔަސް، ގެނެވެންހުރި ޙައްލެއް ގެނެސްދޭން. އެއީ، ޖުމްލަކޮށް އަޅުގަނޑުމެންގެ ސިޔާސަތެއް. އަޅުގަނޑުމެން މިތަނަށް މިއައީ، އަދި ތިޔަބޭފުޅުން މިތަނަށް ތިޔަ ވަޑައިގަތީ، ކަންކަން ރަނގަޅު ކުރުމަށް. ގޯސްކޮށް ހުރި ކަންކަން ރަނގަޅުކުރުމުގެ ނިޔަތުގައި. ރަނގަޅަށްދާ ކަންކަން އެއަށްވުރެ ރަނގަޅުކުރަން. ހުރި މައްސަލަތައް ޙައްލުކުރަން. އެ ނިޔަތުގައި، އެ ޢަޒުމުގައި، އެ ބޭނުމުގައި، އަޅުގަނޑު ތިޔަބޭފުޅުންނާ މި ބައްދަލުކުރީ. އަދި، ތިޔަބޭފުޅުން މިތަނަށް ތިޔަ ވަޑައިގަތީވެސް އެ އުންމީދުގައި.
އަޅުގަނޑު ދޭ ޔަޤީންކަމަކީ، ތިޔަބޭފުޅުންގެ އުންމީދުތައް ބޭކާރުވިޔަކަ ނުދޭނެކަމުގެ ޔަޤީންކަން. ހަމަ ޙަޤީޤަތުގައިވެސް، އެކަންކަމަށް ރަނގަޅު ޙައްލު ގެނެސްދޭން މަސައްކަތް ކޮށްދޭނަން. މިއީ، ޖުމްލަކޮށް ހުރިހާ ބޭފުޅުންގެ ވާހަކަފުޅުތަކަށް އަޅުގަނޑު ދޭ ޖަވާބެއް. ދެން އެހެންނަމަވެސް، ބައެއް ކަންކަން އަޅުގަނޑު ފާހަގަކޮށްލާނަން. ވަރަށް ދަންވެސްވެއްޖެ. ގަޑިން މިހާރު 12 ޖަހަން ފަސްވަރަކަށް މިނިޓަށްވެސްވީ. އެހެންނަމަވެސް، އަޅުގަނޑު ހިތުން ބައެއް ކަންކަން ފާހަގަކޮށްލަން ޖެހޭނެ.
އާދެ، ކުދި އަދި މެދު ފަންތީގެ ވަރަށް ގިނަ ވިޔަފާރިތަކާ ގުޅިފައި ހުރި ވަރަށް ގިނަ ކަންކަން ތިޔަބޭފުޅުން ފާހަގަކުރައްވައިފި. ކޯޓާ ފީގެ މައްސަލަ ފާހަގަކުރައްވައިފި. އަޅުގަނޑު ބަލާނަން، ތިޔަބޭފުޅުން ތިޔަ ފާހަގަކުރެއްވި ކޮންސަރނަށް އެންމެ ރަނގަޅު ޙައްލެއް ގެނެވޭނެ ގޮތެއް. ކަމާބެހޭ ފަރާތްތަކާ އެކީގައި އިށީނދެ، އެންމެ ރަނގަޅު ގޮތަކަށް، އެންމެ ލުއިކޮށްދެވޭނެ ގޮތެއް، ކޯޓާފީ މިހާރު މި ނަގާގޮތާއި، އެ ނަގާވަރާއި، ނޫނީވިއްޔާ އެ ނަގަމުންދާ ގޮތަށް އަޅުގަނޑުމެން މަޝްވަރާކޮށް، ބަލައި ހަދާފައި، ކަލްކިއުލޭޓް ކޮށްފައި، ހުރިހާގޮތަކުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިތުރަށް ކުރިއަށް ގެންދެވޭނެ ގޮތް، ތިޔަބޭފުޅުންނަށް ކުރިއެރުން، ދިރުން، އާރޯކަން އަންނާނެ ގޮތް ހަދައިދިނުމަށްޓަކައި، ތިޔަބޭފުޅުން ފައިމައްޗަށް ތެދުވެ، ކުރިއަށްދެވޭނެގޮތް ހެދުމުގެ މަޤްޞަދުގައި މިކަމަށް އަޅުގަނޑު ބަލާނަން، ވީ އެންމެ ރަނގަޅު ޙައްލެއް ގެނެސްދޭން. އެހެންވީމާ، އެކަމަށް މަސައްކަތްކޮށް، ނިންމާގޮތެއް އަޅުގަނޑު އިރާދަކުރެއްވިއްޔާ، ވަރަށް އަވަހަށް އިޢުލާނުކުރާނަން.
ދެން، ހަމަ އެގޮތަށް ހުރި ގިނަ ކަންތައްތައްވެސް ބަލައިދޭނަން. މިސާލަކަށް، ތިޔަބޭފުޅުން ފާހަގަކުރެއްވި، ތިޔަބޭފުޅުންގެ ކޮމްޕެނީގެ ބޭނުމަށް ގެންނަ ވެހިކަލް، ހަތަރު ފުރޮޅުލީ، ފޯރ ވީލާރސް. މިހާރު އޮންނަ އުސޫލުން، ބްލޭންކެޓްލީ ހުރިހާ އެންމެންނަށްވެސް އޮންނަ އުސޫލު ތިޔަބޭފުޅުންނަށްވެސް ފޮލޯކުރަން މި ޖެހެނީ. އެހެންވީމާ، އޭގެ ސަބަބުން، އެހެން ހުރިހާ އެންމެންނަށްވެސް އެ އެޕްލައިވޭ، ތިޔަބޭފުޅުންނަށްވެސް އެބަ އެޕްލައިވޭ. މަގުމަތިން ނަގައިގެން ގެންދާއިރުގައި، ކިތަންމެ ބަލައިގެން ގެންދިޔަސް، ބައެއްފަހަރު ގެއްލުންވެސް އެބަވޭ. އަދި ތިޔަބޭފުޅުންގެ ވިޔަފާރިތަކަށްވެސް އެބަ ވަރަށް ގެއްލުންވޭ. މިހެންހުރި އެތައް ކަމެއް ފާހަގަކުރައްވައިފި.
އެހެންވީމާ، ކުދި ވިޔަފާރިތަކަށް މިކަމުގައި އެންމެ ރަނގަޅު ޙައްލެއް ގެނެސްދޭން، ތިޔަބޭފުޅުންނަށް ކުރިއެރުން ހޯދައިދިނުމަށްޓަކައި، މިކަމަށްވެސް ރަނގަޅު ޙައްލެއް ގެނެސްދޭން މަސައްކަތް ކޮށްދޭނަން. ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ނަމުގައި، މިސާލަކަށް، މަދުވެގެން އެއް ވެހިކަލަށް ޚާއްޞަގޮތެއްގައި، ހުއްދަ ދެވޭނެގޮތެއް ހެދުންކަހަލަ ރަނގަޅު ޙައްލެއް ގެނެސްދޭން. މިކަމުގައިވެސް ބަލާނަން، ވަރަށް ރަނގަޅަށް، އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާކޮށް، ރަނގަޅު ޙައްލެއް ގެނެސްދޭން. އިރާދަކުރެއްވިއްޔާ، އެކަމުގައިވެސް މަސައްކަތް ކޮށްދޭނަން.
ދެން ހަމައެއާއެކީގައި، މިސާލަކަށް، ތިޔަބޭފުޅުން ފާހަގަކުރެއްވި އެއަރޕޯޓުގެ ކަންކަމަށް ބަލާއިރުގައި، އެއްކަމަކަށް ފާހަގަކުރެއްވި، ޑެމަރޭޖް ނާރާ، ފްރީކޮށް މި އޮންނަ 80 ގަޑިއިރުގެ ވާހަކަ. އެވަގުތުކޮޅު ތެރޭގައި ދިމާވާ ހުރިހާ ކަމެއް ފާހަގަކުރެއްވި. އޭގެ ސަބަބުން، އެތައްބަޔަކު ވަރަށް ބޮޑަށް ޑެމަރޭޖް ދައްކަންޖެހި، އަތުން ބޮޑު ޚަރަދެއްދާ ވާހަކަ ފާހަގަކުރެއްވި. އެހެންވީމާ، މިކަމުގައި އިރާދަކުރެއްވިއްޔާ، އެމް.އޭ.ސީ.އެލް.ގެ ފަރާތުން މިކަމުގައި އުޅުއްވާ ބޭފުޅުންނާ މިތަނުގައި މަޝްވަރާކޮށްލާފައި، އަޅުގަނޑުމެން މިހާރު، އިރާދަކުރެއްވިއްޔާ އެ ބޭފުޅުން މި 80 ގަޑިއިރު، 124 ގަޑިއިރަށް، ޑެމަރޭޖް ނާރާ ވަގުތު އިތުރުކޮށްދޭނެ. 80 ގަޑިއިރުން 124 ގަޑިއިރަށް. އަދި ކަސްޓަމާއި، އެމް.އޭ.ސީ.އެލް. ގުޅިގެން ކްލިއަރިންގ މަސައްކަތަށް މިހާރު މި އޮންނަނީ، ގާތްގަނޑަކަށް އެއް ޝިފްޓް، ނޫނީވިއްޔާ ދެ ޝިފްޓް މި އޮންނަނީ. ގާތްގަނޑަކަށް 18 ގަޑިއިރުގެ ކްލިއަރިންގ މަސައްކަތް މި ކުރަނީ. އެހެންވީމާ، އެއީ 18 ގަޑިއިރާ ބައި، އެގޮތަށް އެހެން އޮތުމުގެ ބަދަލުގައި ހަމަ ރައުންޑް އޯ ކްލޮކް، ޓުވެންޓީ ފޯރ އަވަރޒްއަށް އިރާދަކުރެއްވިއްޔާ ބަދަލުކޮށްދޭނަން.
އަދި ހަމައެއާއެކީގައިވެސް، އަޅުގަނޑުމެންނަށް މިވަގުތު ދަންނަވާލެވެން އޮތީ މިތާނގައި ތިބެގެން އަޅުގަނޑުމެންނަށް ނިންމާލެވުނު ކަންކަން މިއީ. އިތުރަށްވެސް ބަލައިދޭނަން އެކަމުގައި، އެއަރޕޯޓާއި، ސީޕޯޓާ ގުޅޭގޮތުން ތިޔަބޭފުޅުން ފާހަގަކުރެއްވި ކަންކަމުގައި، ދެން އަޅުގަނޑުމެންނަށް ގެނެސްދެވޭނެ ލުއިތައް ގެނެސްދިނުމަށްޓަކައި. ޖުމްލަކޮށް ކުރިން އަޅުގަނޑު ދެންނެވި ސިޔާސަތުގެ ތެރެއިން، ހުރިހާ ކަމަކަށްވެސް އެންމެ ރަނގަޅު ޙައްލެއް ގެނެސްދިނުމަށްޓަކައި، އަޅުގަނޑުމެން އިށީނދެގެން ވާހަކަ ދައްކާނަން. ސީޕޯޓާއި އެއަރޕޯޓުގައި ތިޔަބޭފުޅުންގެ މުދާ ނެރުމަށްޓަކައި، މިހާރު ދިމާވާ ހުރިހާ ދަތިތަކަށް ރަނގަޅު ޙައްލެއް ގެނައުމުގެ ކަންތަކުގައި. އޭގެތެރޭގައި، އެމް.ޕީ.އެލް.ގައި، މިހާރު ނޯރތް ހާބަރުގައި މި ދިމާވާ ކެޕޭސިޓީ އިޝޫވެސް ހިމެނޭ. ފާހަގަކުރެއްވި، އަމިއްލަ ވެހިކަލް ވައްދައިގެން އެއްޗެހި ނެރުމުގެ ފުރުޞަތު ދެވިދާނެ ނޫންހެއްޔޭ. ހަމަ ރަނގަޅު ޚިޔާލުފުޅެއް. އެހެންވީމާ، މިގޮތަށް ފާހަގަކުރެއްވި ކޮންމެ ކަމެއްވެސް، ބަލާނަން ހަމަ އެންމެ ރަނގަޅު ގޮތަކަށް، އެކަމަށް ޙައްލެއް ގެނެސްދިނުމަށް.
އާދެ، ހަމަ އެންމެ ކޮމަން އެއް ކަމަކީ، ޚާއްޞަކޮށް ސަރުކާރުގެ މަސައްކަތް. ސަރުކާރުގެ މިނިސްޓްރީތަކާއި، ކުންފުނިތަކުގައި މަސައްކަތްކުރައްވާ ބޭފުޅުންގެ އެންމެ ޖާއިޒް، އެންމެ ކަންބޮޑުވާ ކަންކަމަކީ، ޕެންޑިންގ ބިލްސްތަކުގެ ވާހަކަ. އެކަމަށް އިރާދަކުރެއްވިއްޔާ މި ބަލަނީ، މިމަސް ނިމޭއިރަށް ވީހާވެސް ގިނަ ބިލްތަކެއް ކްލިއަރ ކުރުމަށް. ފިނޭންސް މިނިސްޓްރީން ކަމާބެހޭ ފަރާތްތަކާ އެކީގައި، އެކަމަށް އެ މަސައްކަތް ކުރަމުންދާއިރުގައިވެސް، ދެންމެ ތިޔަ ފާހަގަކުރެއްވި ފަދައިން، މިސާލަކަށް، މީރާއިން މި އޮންނަނީ ބޮޑު އަދަދެއް ޓެކްސް ދައްކަން. އެހެންވީމާ، މިކަމުގައިވެސް މިސާލަކަށް، އެސް.އޯ.އީ. ތްރޫކޮށް ދާން އޮތް ބިލް، ނޫނީވިއްޔާ މިނިސްޓްރީ ތްރޫކޮށް މި ދައްކަން އޮތް ޕޭމަންޓް، މީގައި ތިޔަބޭފުޅުން ދައްކަވަން އޮތް އެއްޗަކާ އަޅައި ކެނޑޭނެ ގޮތަކީ ކޮބައިތޯ. މިހާރުވެސް ކޮންމެވެސްވަރަކަށް ކުރާ ކަމެއް. އެހެންނަމަވެސް، އެއަށްވުރެ ފުޅާކޮށް. ތަންކޮޅެއް ކޮމްޕްރިހެންސިވް ގޮތަކަށް، ވީހާވެސް ގިނަ ބަޔަކަށް އެ އުސޫލެއްގެ ތެރެއިން، އެކަން އެޕްލައި ވާނެ ގޮތަކަށް. ތިޔަބޭފުޅުން ދައްކަން އޮތް އެއްޗެއް، ސަރުކާރުން ދައްކަން އޮތް އެއްޗަކާ އަޅައި ކެނޑޭނެ ގޮތަކަށް. ދެން އޭގައި ޤާނޫނީގޮތުން އެއްވެސް ކަމެއް ބަލަން އޮތްތޯ ބެލުމާއެކީގައި، މީރާއާއި، ފިނޭންސާ އެކީގައި އިށީނދެގެން، އަޅުގަނޑުމެން ބަލައިދޭނަން. އެއަށްވެސް އެންމެ ރަނގަޅު ޙައްލެއް ގެނެސްދޭން އިރާދަކުރެއްވިއްޔާ މަސައްކަތް ކޮށްދޭނަން. ހަމަ ޔަޤީނުންވެސް، ރަނގަޅު ޙައްލެއް އަންނާނެ. މިތާނގައި އަޅުގަނޑަށް އަދަދު، ނޫނީވިއްޔާ މިވެނިވަރެއް ނުދެންނެވުނަސް، ޔަޤީނުންވެސް، މިއަށް ޙައްލެއް އަންނާނެ. އަދި ދެންހުރި ފައިސާވެސް މި ދެންނެވިހެން، ފުދޭވަރެއްގެ ގިނަ ފަރާތްތަކަކަށް މިމަސް ނިމޭއިރަށް، ބާކީ މި އޮތް ފަނަރަވަރަކަށް ދުވަސް ތެރޭގައި، ދެ ހަފުތާއެއްހާ ދުވަސް މިއޮތީ، އިރާދަކުރެއްވިއްޔާ މި ބަލަނީ، ޕޭކޮށްލެވޭތޯ. އަދި ހަމައެއާއެކީގައި، ޖަނަވަރީ މަސް ތެރޭގައި ބާކީ އެމައުންޓްވެސް، ރޯދަމަހާ ހަމައަށް ދާންވާއިރަށް ކްލިއަރ ކޮށްލެވޭތޯ މި ބަލަނީ. ކްލިއަރ ކުރާއިރުގައިވެސް، މިހެންހުރި މީރާގެ ޕެންޑިންގސްތަކަށްވެސް، ތިޔަބޭފުޅުން ދައްކަވަން އޮތް އެއްޗަކަށްވެސް ރަނގަޅު ޙައްލެއް ގެނެސްދެވޭ ގޮތަށް.
ދެން ހަމައެއާއެކީގައި، ތިޔަބޭފުޅުން ފާހަގަކުރެއްވި، ރުފިޔާއިން ކުރިން ފުރޭޖް، ނޫނީވިއްޔާ ޑެމަރޭޖް، ނޫނީވިއްޔާ ޕޭމަންޓް ހަދަން އޮންނަ އޮތުން، މިހާރު ޑޮލަރުން ޕޭކުރަންޖެހޭ ކަންތައް. އެކަންވެސް އަޅުގަނޑުމެން ބަލާނަން. ކޮބައިތޯ އޭގެ ސަބަބުން އަންނާނެ އިމްޕްލިކޭޝަނަކީ، އެއަށް ގެންނަ ބަދަލެއްގެ ސަބަބުން. އެއާއެކީގައި އަޅުގަނޑުމެން ހަދާފައި ހުރި ހިސާބުތައް ހުންނާނެ. ބަޖެޓާ ގުޅުވާފައި ހުރި ހިސާބުތައްވެސް. އަދި ތިޔަބޭފުޅުންގެ ކުރިއެރުމަށްޓަކައި އަޅުގަނޑުމެން ކުރަން ބޭނުންވާ މަސައްކަތްތަކަށްވެސް އަޅުގަނޑު ބޭނުން، ކުދި ވިޔަފާރިތައް، މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން. އެހެންވީމާ، އެ ވިސްނުމުގައި، ކޮބައިތޯ ގެނެވޭނެ ޙައްލަކީ. މަސައްކަތް ކޮށްދޭނަން، ބަލައިގެން އެންމެ ރަނގަޅު ގޮތެއް ހަދައިދޭން.
އާދެ، އެއާއެކީގައި ދެން، މިސާލަކަށް ބައެއް ކަންކަމަށް ބަލާއިރުގައި، ގެސްޓްހައުސް ޓޫރިޒަމްގައި، ނޫނީވިއްޔާ ލޯކަލްސްއަށް، ދިވެހިންނަށް ރެންޓަލް ރޫމްސް ގޮތުގައި، މި ގެސްޓްހައުސް ހިންގާ ފަރާތްތަކުން، މިތަނުން އެއް ބޭފުޅަކު އެކަން ފާހަގަކުރެއްވި، 15 އަހަރު ވެއްޖެއޭ، އެއްގޮތަކަށްވެސް ތިމަންނަމެންގެ ބިޒްނަސް ރިކޮގްނައިޒެއް ނުކުރެއޭ. އޭގެ ސަބަބުން ބޭރުމީހުން ގެނައުމާއި، މިހެންގޮސް، އެއްވެސް ކަމެއްގައި، ޓޫރިސްޓް ގެސްޓްހައުސްތަކުގައި އޮންނަ އުސޫލޭ ތިމަންނަމެންނަށް އެޕްލައި ވަނީ. މިކަމުގައި ޙައްލެއް ގެނެސްދޭން. އެހެންވީމާ، އެކަމުގައި އުޅުއްވާ ކަމާބެހޭ މިނިސްޓްރީތަކުން، އިކޮނޮމީ މިނިސްޓްރީއާ އެކީގައި މަޝްވަރާކޮށް، ނޫނީވިއްޔާ އެކަމަށް ޙައްލެއް ގެންނާނަން. ލޯކަލް ފަރާތްތަކަށް، ދިވެހިންނަށް ގެސްޓްހައުސް ބިޒްނަސް ހިންގާ ފަރާތްތައް ރިކޮގްނައިޒްކޮށް، އެ ފަރާތްތަކަށް މިހާރު ދިމާވާ މައްސަލަ ޙައްލުކޮށްދޭނަން. އިރާދަކުރެއްވިއްޔާ އެކަން، ދާދި އަވަހަށް ހަމަޖެހިގެންދާނެ. މިއޮތްހާ ދުވަހު ތިޔަކަން ނުވެއޮތް މައްސަލައަށް މާގިނަ ދުވަހެއް ނުވާނެ. ދެން ޙައްލުވެ، ތިޔަބޭފުޅުންނަށް ފުލް ރިކޮގްނިޝަން ލިބިގެން، ވިޔަފާރީގައި ކުރިއަށް ގެންދެވޭނެ. އެކަން އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ.
ދެން ހަމައެއާއެކީގައި، ފާހަގަކޮށްލާނަން، ހަމަ ވަރަށް ކޮމަންކޮށް މި އޮންނަނީ، ވެއަރހައުސްތަކާއި، އަދި އެކިއެކި ބޭނުންތަކަށް، ކުއްޔަށް ތަންތަން ނުލިބޭ ވާހަކަ. އެކަމުގައި ކޮންކަމެއްތޯ ކުރެވޭނީ ބަލާއިރުގައި، މިހާރު މިސާލަކަށް، އެޗް.ޑީ.ސީ.އިން، ނޫނީ އެމް.ޕީ.އެލް.އިން، ނޫނީވިއްޔާ މި އެއްވެސް ކުންފުންޏަކުން ހުޅުމާލޭގައި، ތިލަފުށީގައި، މިއިން އެއްވެސް ތަނެއްގައި، އަޅުގަނޑުމެން ބަލާނަން މިހާރު މިސާލަކަށް، އެޗް.ޑީ.ސީ.އިން ބައެއް ގުދަންތައް ކުއްޔަށްދޭން އެބަ ރެޑީވޭ. އަދި ސަރުކާރުން މިކަން ފުޅާ ދާއިރާއެއްގައި ފުރުޞަތު ދިނުމަށްޓަކައި، ކުރެވޭނެ ކަންކަންވެސް ބަލައިދޭނަން. އަދި ތިޔަބޭފުޅުންނަށް ކުޑަ އަގެއްގައި، ބިން ކުއްޔަށް ނެގޭނެގޮތް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބަލާނަން ކޮންކަހަލަ ހަމަތަކަކުންތޯ، އެންމެ ކުރު މުއްދަތެއްގެ ތެރޭގައި، މި ފުރުޞަތުވެސް ލުއިގޮތެއްގައި، ޙަޤީޤީ މާނައިގައި ތިޔަބޭފުޅުންނަށް ލުއިގޮތެއްގައި ކުއްޔަށް، ރެންޓަލް ގޮތުގައި، ކުއްޔަށް ކުޑަ އަގެއްގައި ބިންތައް ލިބޭނެގޮތެއް. އެއީ، އެކި ބޭނުންތަކުގައި ބިން ހޯދޭނެ ގޮތެއްވެސް މަސައްކަތް ކޮށްދޭނަން ހަމަޖައްސައިދޭން.
އާދެ، ބޭރުމީހުން މާލޭގައި ފިހާރަތަކާއި ތަންތަން ހިންގާތީ، އޭގެ ސަބަބުން މި ދިމާވާ މައްސަލަ ޙައްލުކުރުމަށް، ވަރަށް އެކްޓިވްލީ ސަރުކާރުން މިހާރު މަސައްކަތް ކުރަމުން މިދަނީ. އަޅުގަނޑު ރޭގައި އޮތް ބައްދަލުވުމުގައި، މީގެ ބައެއް ސްޓެޓިސްޓިކްސް އިޢުލާނުކުރިން. މި ވޭތުވެދިޔަ ދެ ހަފުތާ ތެރޭގައި، އަޅުގަނޑުމެން ބަންދުކުރިން ގާތްގަނޑަކަށް 47 ތަން. 47 ތަން ބަންދުކުރީ. ބިދޭސީން ނުގަވާއިދުން މާލޭގައި ހިންގާ ވިޔަފާރިތައް. މިދިޔަ ދެ ހަފުތާ ތެރޭގައި. މިއީ، ކޮންޓިނުއަސް ޕްރޮސެސްއެއް. ހަމަ ކޮންމެ ދުވަހަކު އެ ބޭފުޅުން އެ ގެންދަވަނީ އެކަން ބައްލަވަމުން މިހާރު. ބިދޭސީން ނުގަވާއިދުން މި ހިންގާ ހުރިހާ ކަންތައްތަކެއް ހުއްޓުވުމަށް، ވަރަށް ބޮޑަށް ވަރަށް ގިނަ މަސައްކަތް އެބަ ކުރަން. އެހެންވީމާ، އެކަން އޮންގޮއިންގ ޕްރޮސެސްއެއް ގޮތުގައި ކުރިއަށްދާނެ ކަމެއް އެއީ.
އާދެ، ދެން، ކްރިއޭޓިވް އިންޑަސްޓްރީގެ އެކިކަހަލަ ތަކެތި އުފައްދައިގެން، އޮންލައިންކޮށް ވިއްކުމާއި، މި ހުރިހާ ކަމެއްގައި އުޅޭ ފަރާތްތަކާ ގުޅިފައިވާ، ވަރަށް ގިނަ ކަންކަން ސަރުކާރުން އެބަ ކުރަން. އަޅުގަނޑުމެންގެ ސިޔާސަތުގެ ވަރަށް ބޮޑު އެއް ދާއިރާ އެއީ، ކްރިއޭޓިވް އިންޑަސްޓްރީ ފުޅާކޮށްދިނުން. އޮންލައިންކޮށް ސެލަރ އެކައުންޓްސް، ބައިންގ، މި ހުރިހާ ކަމެއް ކުރެވޭނެގޮތް، ދުނިޔޭގައި ހުރި އެކިކަހަލަ ސެޓަޕްތަކުން ރާއްޖެއަށް ފުރުޞަތު ހޯދައިދިނުން. މިކަމަށް ވަރަށް މަސައްކަތް ކުރަމުން މިދަނީ. އެނގިވަޑައިގަންނަވާނެ، ޕޭޕަލްއާ އެކީގައި މިހާރު ވަރަށް ބޮޑު ކުރިއެރުމެއް މިއޮތީ ހޯދިފައި. އަޅުގަނޑުމެން ވަރަށް ބޮޑަށް ލުކް ފޯވަޑް ކުރަމުން މިދަނީ، އިރާދަކުރެއްވިއްޔާ ޖަނަވަރީ މަހަކީ އެކީގައި އެ ސެޓަޕް ނިމި، ޕޭޕަލްގެ ޚިދުމަތް މި ވިޔަފާރީގައި، ނޫނީވިއްޔާ އޮންލައިންކޮށް ޕޭމަންޓް ހެދުމާއި، މިކަންކަމުގައި ފުރުޞަތު ލިބިގެންދާނެ މަސް.
ހަމައެއާއެކީގައި، ބޭންކް އޮފް މޯލްޑިވްސްއިން އަމިއްލައަށް ތައްޔާރުކުރި، ހަންޑްރެޑް ޕަސެންޓް މޯލްޑިވިއަން ޕްރޮޑަކްޓް، ޕޭޕަލްގެ މޯލްޑިވިއަން ވަރޝަން، އެހެންގޮތަކަށް ދަންނަވަންޏާ، ސްވައިޕް. އެ ބޭފުޅުންވެސް މިހާރު އެވަނީ އެކަމަށް ތައްޔާރުވެފައި. ބޭންކް އޮފް މޯލްޑިވްސްއިން މި މަހުގެ ތެރޭގައި، ސްވައިޕްގެ ބީޓާއަށް ހުޅުވާލާނެ. ހުޅުވާލާފައި، މި އަންނަ އަހަރުގެ ފުރަތަމަ ކުއަރޓަރގައި، ބޭރުގެ ނެޓްވަރކްތަކާ އިންޓެގްރޭޓް ކުރެވި، ބޭރުން ފައިސާ އިތުރު ޗާޖަކާ ނުލައި، ވަގުތުން ގެނެވޭނެ ގޮތް، މި ސްވައިޕް ފެސިލިޓީގެ ތެރެއިން، އިރާދަކުރެއްވިއްޔާ ހަމަޖެހިގެންދާނެ. މިއީވެސް ވަރަށް ގިނަ ފަރާތްތަކަށް ފުރުޞަތު ފަހިވެގެންދާނެ ކަމެއް.
ދެން، މިއަދު ތިޔަބޭފުޅުންނަށް ފާހަގަކުރެއްވޭނެ، އަލީބާބާގައި މިހާރު މިވަނީ، އޯތެންޓިކް މޯލްޑިވްސްގެ ފަރާތުން، އޯތެންޓިކް މޯލްޑިވްސްގައި ރަޖިސްޓަރީވެފައި ވަނީ، ގާތްގަނޑަކަށް 400 ފަރާތް. އޯތެންޓިކް މޯލްޑިވްސްގައި ރަޖިސްޓަރީވެފައިވާ ހުރިހާ ފަރާތްތަކަށް، މިހާރު އަލީބާބާ ޑޮޓް ކޮމްގައި ޕްރޮޑަކްޓްސް ވިއްކޭނެ ގޮތް މިއަދު މި ހަމަޖެހުނީ. އެއީ، އަލީ ބާބާގައި ރަޖިސްޓަރވެފައި މިވަނީ، 400 ވެންޑަރުން. އެފަރާތްތަކަށް މިހާރު އަލީ ބާބާ ޑޮޓް ކޮމްއަށް އެކްސެސް ލިބިގެން ގޮސްފައި އެވަނީ. އޭގައި އެ ބޭފުޅުންގެ ޕްރޮޑަކްޓްސް ވިއްކޭނެ. އެހެންވީމާ، އޯތެންޓިކް މޯލްޑިވްސްގައި ބައިވެރިވާންޖެހޭނެ، ބައިވެރިވީމަ، އެ އެކްސެސް އެ ލިބިގެންދިޔައީ.
އެހެންވީމާ، މިކަހަލަ ވަރަށް ގިނަ ކަންކަން އެބަ ކުރެވޭ، މި އޮންލައިން ނިޒާމުގެ ތެރެއިން ވިޔަފާރިކުރުމަށްޓަކައި. ދެން ހަމަ ކުރިއަށް އަދި އިރާދަކުރެއްވިއްޔާ، އަޅުގަނޑު މެނިފެސްޓޯގައި ބަޔާންކޮށްފައި ހުރި، ސްޓެޕް ބައި ސްޓެޕް، ވަރަށް ގިނަ ކަންކަން އެހެރީ. ކޮންމެ އެއްޗެއް ހާސިލުކުރުމަށްޓަކައި މަސައްކަތް މި ކުރަނީ، ތިޔަބޭފުޅުން ތިޔަ ދެއްވާ ޚިޔާލުތަކާއި، މަޝްވަރާތަކުގެ އަލީގައި. އިރާދަކުރެއްވިއްޔާ، މިކަންކަން ވަރަށް ރަނގަޅަށް ކުރިއަށްދާނެ.
ބޭފުޅަކު ފާހަގަކުރެއްވި، ތިލަފުށީގައި ބީ.އެމް.އެލް.ގެ އޭ.ޓީ.އެމް.އެއް ބަހައްޓައިދޭށޭ. ބީ.އެމް.އެލް.ގެ ބޭފުޅުން އަޅުގަނޑު ގާތު ވިދާޅުވި، މި އަންނަ ޖަނަވަރީ މަސް ނިމެންވާއިރަށް، ބީ.އެމް.އެލް.ގެ އޭ.ޓީ.އެމް، އިރާދަކުރެއްވިއްޔާ ތިލަފުށީގައި ހުޅުވިގެންދާނެ ކަމަށް.
އާދެ، އައްޑޫގެ ޓޫރިޒަމް، ނޫނީވިއްޔާ އައްޑޫގެ ވިޔަފާރީގެ ވާހަކަވެސް ވަރަށް ގިނައިން ފާހަގަކުރެއްވި. އަޅުގަނޑުމެން މިހާރު ކެބިނެޓް ލެވެލްގެ މަޝްވަރާއަކަށް، ދިރާސާއެއް ހައްދަވަމުން އެ ގެންދަވަނީ ކަމާބެހޭ މިނިސްޓްރީތަކުން. މިގޮތަށް، ރާއްޖޭގެ ވަކި ސަރަޙައްދުތަކެއް، ވަކި މުއްދަތަކަށް ޚާއްޞަ ލުއިތަކެއް ދޭން، އޭގެތެރޭގައި މިސާލަކަށް، އައްޑޫ ސިޓީ ހިމެނޭނެ. ދެން އެގޮތަށް، މިސާލަކަށް، އެންމެ އުތުރުން، އަޅުގަނޑުމެންގެ މި ޑިވެލޮޕްމަންޓް ޕްލޭންގައި ހުރި ވަކި ދިމާތަކެއް، އެއް ލެވެލަކަށް ގެންދިޔުމަށްޓަކައި، ސަރަޙައްދީ ތަރައްޤީގެ ވިސްނުމުގައި، ވިޔަފާރި ކުރިއެރުވުމަށް ބޮޑެތި ލުއިތަކެއް ވަކި މުއްދަތަކަށް ދިނުމުގެ ސިޔާސަތެއް ކަނޑައެޅުމަށްޓަކައި. މިސާލަކަށް، ފަސް އަހަރު ދުވަހަށް ލުއިތަކެއް ދިނުން. ޓެކްސް ބްރޭކްތަކާ، މިހެންގޮސް ލިސްޓް އޮފް ތިންގްސް. ލުއިތަކެއް ދެވޭނެ ގޮތްތަކެއް، ހިސާބު ހަދައި، ނޫނީވިއްޔާ އޭގެ ދިރާސާތައް ނިންމަމުން އެދަނީ. ކެބިނެޓަށް ގެނެސްފައި، އަޅުގަނޑުމެން އެ ނިންމާފައި، އެކަންތައް އަޅުގަނޑުމެން އިޢުލާނުކުރާނަން. އޭގެ ސަބަބުން، މިކަހަލަ ލުއިތައް ބޭނުންވާ ފަރާތްތަކަށް ލުއިލިބި، އަދި އޭގެ ސަބަބުން، ވަރަށް ގިނަ ފަރާތްތަކަށް އިރާދަކުރެއްވިއްޔާ ފުރުޞަތު ލިބި ކުރިއަރައިގެންދާނެ ކަމެއް އެއީ.
އާދެ، ހަމަ މިއާއެކީގައި، އައިނުގެ ވިޔަފާރިކުރާ ފަރާތްތަކުން ފާހަގަކުރެއްވި ކަންކަމަކީވެސް، އަޅުގަނޑުމެން ވަރަށް ރަނގަޅަށް އެއަށް އެޓެންޑްވާނެ ކަންތައްތައް. ތިޔަ ވިދާޅުވިހެން، ހަމައެކަނި ސަރުކާރުގެ ހޮސްޕިޓަލުން އެކަނި މިހާރު ފުރުޞަތު މި އޮންނަނީ. އެ ތަނުން ލިޔުން ގެނައީމަ ނޫނީވިއްޔާ، އާސަންދަ ނުލިބޭގޮތަށް. އެހެންވީމާ، މިއަށް ގެނެވޭނެ ބަދަލަކީ ކޮބައިތޯވެސް ބަލައިދޭނަން. ކޮބައިތޯ ބަލައި، އެކަންވެސް އިރާދަކުރެއްވިއްޔާ ކޮށްދެވޭތޯ މަސައްކަތް ކޮށްދޭނަން.
އާދެ، މިހެންހުރި ވަރަށް ގިނަ ކަންތައްތައް، އަޅުގަނޑަށް ހަމަ ކޮންމެ ކަމެއް ވަކިން ދަންނަވައިނުލެވުނަސް، ވަރަށް ސީރިއަސްކަމާއެކީގައި އެޓެންޑްވާނަން. ހުޅުމާލޭގައި ހުރި އިޝޫޒްތައް ފާހަގަކުރެއްވި، ވެމްކޯއިން ކުނިއުކާލަންޖެހޭ އަގުބޮޑު ވާހަކަ ފާހަގަކުރެއްވި. ވިޔަފާރިވެރިންގެ ޖަމުޢިއްޔާގެ އިޝޫޒްތައް ފާހަގަކުރެއްވި. އެކަމަށް ޚާއްޞަ ޤާނޫނެއްވެސް މިހާރު، ބިލެއްވެސް ޑްރާފްޓް ކުރެވިގެންދާ ކަމެއް އެއީ. ދެން، ޓްރޭޑިއަންގައި ހުރި އިޝޫޒްތައްވެސް ފާހަގަކުރެއްވި، ޓެރިފްއާ ގުޅޭ އިޝޫޒް. އެވެސް އަޅުގަނޑު ބަލައިދޭނަން، އެކަން ޙައްލުކުރެވޭނެ ގޮތަކީ ކޮބައިތޯ. ބައޯޑިގްރޭޑަބަލް، ކޮމްޕޯސްޓަބަލް ޕްރޮޑަކްޓްސްތަކާ ބެހޭގޮތުން ވިދާޅުވި ކަންކަންވެސް. އޭގައި އެ ދިމާވާ މައްސަލައަށްވެސް ރަނގަޅު ޙައްލެއް ގެނެސްދޭން މަސައްކަތް ކޮށްދޭނަން.
ހަމައެއާއެކީގައި، އިންޝުއަރެންސް ޕެކޭޖް ހޯދުމުގައި، ސަރުކާރުގެ އިންޝުއަރެންސް ކުންފުނި، އެލައިޑް އިންޝުއަރެންސުން މިހާރު މި އޮންނަ އުސޫލު ލުއިކޮށްދީ، ކުދި ވިޔަފާރިތަކުގައި އުޅޭ، މަދު ސްޓާފުން އުޅޭ ކުންފުނިތަކަށް އެ ފުރުޞަތު ދެވޭނެ ގޮތަކީ ކޮބައިތޯވެސް ބަލައިދީ، އެއަށްވެސް ރަނގަޅު ޙައްލެއް ގެނެސްދެވޭތޯ މަސައްކަތް ކޮށްދޭނަން.
ހަމައެއާއެކީގައި، ދެން ފާހަގަކުރެއްވި ހަމަ ހުރިހާ ކަމަކަށްވެސް، ވީ އެންމެ ރަނގަޅަކަށް އަޅުގަނޑުމެން މަސައްކަތް ކޮށްދޭނަން. ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގެ ސިޔާސަތުގެ ތެރެއިން، އެންމެ މާނަހުރި ގޮތެއްގައި ނަތީޖާ ލިބިދެވޭނެ ކަހަލަ ގޮތަކަށް، ތިޔަބޭފުޅުން ފާހަގަކުރެއްވި ހުރިހާ ކަމަކަށް ރަނގަޅު ޙައްލެއް ގެނެސްދޭން މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން، ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން.
އަޅުގަނޑަށް ވަކި ކަމެއް ނުދެންނެވި އޮތް ކަމުގައިވިޔަސް، އެއީ، އެ ވާހަކަ ނުދެއްކީކީ ނޫން. ޖުމްލަކޮށް އަޅުގަނޑު ހިތުން، ހުރިހާ ސުވާލަކަށް އަޅުގަނޑު ޖަވާބު މިދިނީ. ސްޕެސިފިކް ބައެއް ކަންކަން އަޅުގަނޑު މި ފާހަގަކޮށްލީ. އެއިން ކޮންމެ ކަމަކަށްވެސް ސީރިއަސްކަމާއެކީގައި އެޓެންޑްވާނަން. މިސާލަކަށް، ފާހަގަކުރެއްވި ކުދި ވިޔަފާރިތަކުގައި މި އޮންނަ ޖީ.އެސް.ޓީ. ތްރެޝްހޯލްޑަށް ބަދަލެއް ގެނެސްދެވިދާނެތޯ؟ މިކަންވެސް ޕޮޒިޓިވް ނޯޓެއްގައި ބަލައިދޭނަން. ކޯވިޑުގެ ތެރޭގައި އަރާފައި ހުރި ދަރަނިތައް، ސަރުކާރަށް ދައްކަން ހުރި ފައިސާއަށް، ރަނގަޅު ޙައްލެއް ގެނެސްދެވިދާނެތޯ؟ މިހެންހުރި ހުރިހާ ކަމަކީ، އަޅުގަނޑުމެން އިށީނދެގެން، އެކަންކަމަށް އަޅުގަނޑުމެން ރަނގަޅަށް ބަލާފައި، ޙައްލުތަކެއް ގެނެސްދޭނެ ކަންކަން. އެހެންވީމާ، ތިޔަބޭފުޅުންގެ އެއްވެސް ވާހަކަފުޅެއް އަންއެޓެންޑެޑްކޮށެއް ނުބާއްވާނަމޭ. އެއިން ކޮންމެ ކަމަކަށްވެސް، ކޮންމެވެސް ކަހަލަ ރަނގަޅު ޙައްލެއް ގެނެސްދޭނަމޭ.
މިތާނގައި މިވަގުތު އަޅުގަނޑަށް ދެންނެވެން ސީދާ ހަމަ މިވެނި ގޮތަކަށޭ ދެންނެވެން އޮތް ހުރިހާ ކަމެއް މި ދަންނަވާލީ. ދެންހުރި ކޮންމެ ކަމެއްގައިވެސް، ކަން ކުރާނެ ގޮތް މި ދެންނެވީ. އެހެންވީމާ، ވަރަށް ޔަޤީންކަމާއެކީގައި، އަޅުގަނޑު މި ދެންނެވި ގޮތަށް، އިރާދަކުރެއްވިއްޔާ ރަނގަޅު ޙައްލުތަކެއް، މިވަގުތަށް ގެނެވެންހުރި ހުރިހާ ޙައްލެއް، އަދި، ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައާއި، ކުރިއަށް އޮތް ހަފުތާތަކުގައި، މަސްތަކުގައި ގެނެވެން ހުރި ޙައްލުތައްވެސް، ކުރިއެރުންތައް ގެނެސްދީ، ތިޔަބޭފުޅުން ކުރިއަރައިގެންދާނެ އަދި އޭގެ ސަބަބުން ތިޔަބޭފުޅުންގެ ވިޔަފާރި ކުރިއަރައިގެންދާނެ، ރާއްޖޭގެ އިޤްތިޞާދު ކުރިއަރައިގެންދާނެ، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަންތައްތައް އެއީ. އެހެންވީމާ، ތިޔަބޭފުޅުން ތިޔަ ބޭނުންފުޅުވާ މި ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި، ތިޔަބޭފުޅުންގެ ތިޔަ ހުރި ހުރިހާ ކަންބޮޑުވުންތަކަށް، ވީހާވެސް ރަނގަޅު ޙައްލެއް ގެނެސްދޭން، ސަރުކާރުން މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން، ލޮބުވެތި ހުރިހާ ބޭފުޅުންނަށް ދަންނަވަމުން، މިރޭ ދެން އަޅުގަނޑުމެން ނިންމާލާނަން.
އަދިވެސް އެއްފަހަރު، ހުރިހާ ބޭފުޅުން ވަޑައިގެންނެވީތީ، ވަރަށް ބޮޑަށް ޝުކުރިއްޔާ!
وَالسَّلَامُ عَلَيْكُمْ