އިންޑޮނޭޝިޔާގެ އައްސޭރި ފަށުގެ ބައެއް ރަށްރަށަށް އައި ބާރުގަދަ ބިންހެލުމާއި، ބިންހެލުމުގެ ސަބަބުން އުފެދުނު ސުނާމީގައި ގިނަ ބަޔަކު މަރުވެ އެތައް ސަތޭކަ ބަޔަކަށް އަނިޔާވެ، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، އިންޑޮނޭޝިޔާގެ ރައީސް ސުސިލޯ ބަމް ބަންގ ޔުދޮޔޮނޯއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހަމްދަރުދީ ފޮނުއްވައިފިއެވެ.

އިންޑޮނޭޝިޔާގެ ރައީސަށް، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވީ ހަމްދަރުދީގެ މެސެޖްގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ރައީސް ޔުދޮޔޮނޯއަށާއި، އިންޑޮނޭޝިޔާ ސަރުކާރާއި، ރައްޔިތުންނަށް އަދި މި ކަމުގެ ގެއްލުން ސީދާ ގޮތުން ތަޙަންމަލު ކުރަމުންގެންދާ ރައްޔިތުންނަށް ޙާއްޞަގޮތެއްގައި ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ. އަދި މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވާ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.