بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ގަލޮޅަށް ނިސްބަތްވެވަޑައިގަންނަވާ ދައުލަތުގެ އެކިއެކި މަގާމުތައް ފުރުއްވާފައި ތިއްބެވި ޚިދުމަތްތެރި ޢިއްޒަތްތެރި އިސް ރަށްވެހިން، މިހާރުވެސް ދައުލަތުގެ އެކި މަގާމުތައް ފުރުއްވަމުން ގެންދަވާ، މި އަވަށަށް ނިސްބަތްވެވަޑައިގަންނަވާ އެންމެހައި ބޭފުޅުން، މި އަވަށުގެ ލޮބުވެތި ރައްޔިތުން، ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، އަދި މި ޖަލްސާ، ދުރާއި ގާތުން އަޑުއައްސަވާ، އަދި ބައްލަވާ، ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މާލޭގެ ހުރިހާ އަވަށެއްގެ ރައްޔިތުންނާ ވަކިވަކިން ބައްދަލުކުރުމުގެ މި ސިލްސިލާގެ ތެރެއިން، މިރޭ މި ބޭއްވެނީ މި އަވަށުގެ ބައްދަލުވުން. އެންމެ ފުރަތަމަވެސް، ތިޔަބޭފުޅުން ވަގުތު ހުސްކުރައްވައި މިތަނަށް ވަޑައިގެން ތިއްބެވި ކަމަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، ގަލޮޅުގެ ލޮބުވެތި ރައްޔިތުންނަށް، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުގެ މަގުސަދަކީ، ރައްޔިތުންނާ ގާތުން ބައްދަލުވެ، ރައްޔިތުން ބޭނުންފުޅުވާ ކަންކަން ވިދާޅުވުމުގެ ފުރުޞަތުދީ، އަދި އެ ކަންކަމަށް ވީ އެންމެ ފުރިހަމައަކަށް އިޖާބަދީ، ކަންކަން ކޮށްދިނުން. މިއަދާ ހަމައަށް އައިއިރުގައި، މި ސިޓީގެ ގިނަ އަވަށްތަކާ ބައްދަލުކުރެވިގެން ދިޔައިރުގައި، ރައްޔިތުން ވަނީ ބިނާކުރަނިވި ވަރަށް ގިނަ ޚިޔާލުފުޅުތައް ދެއްވާފައި. މަޝްވަރާތައް ދެއްވާފައި. އަދި، އަމިއްލަފުޅު އެކި ކަންކަންވެސް ވަނީ ވިދާޅުވެލައްވާފައި. އަދި ހަމައެއާއެކީގައި، ބައެއް ބޭފުޅުން ވަނީ އެކިކަހަލަ ކަންކަން ލިޔުމުންވެސް އަޅުގަނޑާ ޙިއްޞާކޮށްދެއްވާފައި. މިއިން ކޮންމެ ކަމަކަށް ވަރަށް އީޖާބީ ގޮތެއްގައި، ޤާނޫނާއި، ގަވާއިދާއި، އުސޫލުތަކުގެ ތެރެއިން ކޮށްދެވެން ހުރި ކޮންމެ ކަމެއް، ސަރުކާރުގެ ތެރެއިން ކޮށްދިނުމަކީ، އަޅުގަނޑުގެ ވާޖިބު، ޒިންމާ، އަދި އަޅުގަނޑު އެކަން ކުރާނެ ގޮތް. މިއަދާ ހަމައަށް އައިއިރުވެސް މި ބޭއްވުނު ބައެއް ބައްދަލުވުންތަކުގައި، މިގޮތަށް އައިސްފައިވާ ޕަރސަނަލް ކަންކަމާއި، އަދި މުޅި އަވަށާ ގުޅިފައިވާ، ރަށާއި، ސިޓީއާ ގުޅިފައިވާ ކަންކަމުގައިވެސް، މި ދެންނެވި އުސޫލުން ކަންކަން ކޮށްދިނުމުގެ މަސައްކަތް ފެށި، ބައެއް ކަންކަން ވަނީ ކުރެވިފައި.

މައިގަނޑު ގޮތެއްގައި ދެ ކަމެއް އަޅުގަނޑު ފާހަގަކޮށްލާނަން. މުޅި މާލެއާ ގުޅިފައިވާ ގޮތުން، މިހެން ރައްޔިތުންގެ މި ބައްދަލުވުންތަކުގައި އައި ބައެއް ޚިޔާލުތަކުގެ ތެރެއިން، އަޅުގަނޑުމެން މިހާރު ޢަމަލުކުރަން ފަށާފައިވާ، ނޫނީވިއްޔާ ކަންކަން ކުރަން ފެށިފައިވާ ދެ ކަމެއް. އެއް ކަމަކީ، އެންމެ ބޮޑު މައްސަލަ، ގޯތިގެދޮރު، ބޯހިޔާވަހިކަމާ ގުޅޭގޮތުން އެކިކަހަލަ ކަންކަން ރައްޔިތުން ވިދާޅުވެލައްވާ. ހަމަ ޔަޤީނުންވެސް މިރޭގެ ބައްދަލުވުމުގައިވެސް އެކަމާ ބެހޭގޮތުން ރައްޔިތުން ވަރަށް ގިނަ ވާހަކަފުޅު ވިދާޅުވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. މިހާރު މި ހުޅުވާލަން ތައްޔާރުވަމުންދާ ސްކީމަށް ކުރިމަތިލުމަށް އޮތް ޝަރުޠުތަކުގެ ތެރޭގައި، ނޫނީވިއްޔާ މިންގަނޑުގެ ތެރޭގައި، ވަރަށް ގިނަ ރައްޔިތުން ފާހަގަކުރެއްވި، ބަދަލެއް ގެނެސްދެވިދާނެތޯ. ހުށަހެޅުން އައި. ކުރީގައި ސަރުކާރުން ދޫކޮށްފައިވާ އެއް ކޮޓަރީގެ ފްލެޓް ލިބިފައިވާ ފަރާތްތަކަށް ކުރިމަތިލެވޭ ކަހަލަ ގޮތެއް ހެދޭނެތޯ. ދެން، އެކަމާ އަޅުގަނޑުމެން ވަރަށް ތަފުސީލީ ގޮތެއްގައި ބަލައި ހަދައި ނިންމާފައި، އެންމެ ފަހުން ބޭއްވި އަވަށު ބައްދަލުވުމުގައި އަޅުގަނޑު ވާނީ، އެ ވާހަކަ ދަންނަވައިވެސް ލާފައި. މިހާރު މި ހުޅުވައިލާ ސްކީމުގައި، އެއް ކޮޓަރީގެ ފްލެޓް ލިބިފައިވާ ފަރާތްތަކަށްވެސް ފޯމު ހުށަހެޅޭ ގޮތަށް އުސޫލު ބަދަލުކުރާ ވާހަކަ. ކުރެވިފައި ވާނީ. ދެން، ކުރިމަތިލައިގެން، ހޮވޭ ފަރާތްތައް، އެ އޮންނަ އުސޫލުން އެތަން ދޫކޮށްލާފައި، މި ސްކީމުން ލިބޭ ތިން ކޮޓަރީގެ ފްލެޓަށް ދެވޭގޮތަށް. އެ އުސޫލަށް އެވަނީ، މިގޮތަށް މި ބޭއްވުނު ބައްދަލުވުންތަކުގެ ތެރެއިން، ރައްޔިތުން ހުށަހެޅުއްވި ޚިޔާލު ބަލައިގަނެވި، އެ ބަދަލު ގެނެސްދީފައި. އެހެންވީމާ، ސަރުކާރުގެ ބޯހިޔާވަހިކަމުގައި ތަންކޮޅެއް ކުރީޒަމާނެއްގައި އެއް ކޮޓަރީގެ ފްލެޓެއް ލިބިފައިވާ ފަރާތްތަކަށްވެސް ކުރިމަތިލެވޭނެއޭ ދެން. ކުރިމަތިލައިގެން، ހޮވިއްޖިއްޔާ، އެތަން ދޫކޮށްލާފައި ދާގޮތަށް، ނޫނީވިއްޔާ ބަދަލުވެވޭ ގޮތަށް މިހާރު އެވަނީ ބަދަލުވެފައި.

ދެވަނަ ކަމަކަށް، މުޅި މާލޭގައި ވަރަށް ބޮޑު ކަމެއް. މުޅި ސިޓީގައި އިޖުތިމާޢީ ބޮޑު މައްސަލައެއް، ނޫނީވިއްޔާ ނޭދެވޭގޮތުން ހިނގާ ގިނަ ކަންކަމުގެ ތެރެއިން އެއް ކަމެއް. މަސާޖް ޕާލަރތަކުގެ މައްސަލަ. މިއީ އޮންނަ އުސޫލަކުން، ނޫނީވިއްޔާ ރެގިއުލަރކޮށް، ރޫޓިންގކޮށް އަބަދުވެސް ފުލުހުންނާއި، އިމިގްރޭޝަނުން ގުޅިގެން ބަލަމުންދާ، ނޫނީވިއްޔާ ތަނެއް ފާހަގަވެއްޖިއްޔާ ބަންދުކުރަމުން ދާގޮތަށް އޮންނަ ކަމެއް އަބަދުވެސް. އެހެންނަމަވެސް، ރައްޔިތުންގެ މި ޚިޔާލު، ނޫނީވިއްޔާ ކަންބޮޑުވުން، މި ބައްދަލުވުންތަކުގެ ތެރެއިން ވަރަށް ގިނައިން އަތުވެއްޖެ. އައީމަ، ސަރުކާރުން މިއަށް އިތުރު ފޯކަސްއެއް ދީފިން. އިތުރު މަސައްކަތްތަކެއް ކުރަން ނިންމައިފިން. ނިންމާ، މިކަމާ ގުޅޭ އިދާރާތައް އެއްވެ، މިކަމުގައި އިތުރު ހިތްވަރެއްލައި، ނޫނީވިއްޔާ އިތުރު ރިސޯސްތައް އިތުރުކޮށްގެން، ޚާއްޞަ އޮޕަރޭޝަނެއް މި މަހުގެ 9 ވަނަ ދުވަހު ފެށީ. ފަށައިގެން، މިއަދަށް އަދި މިއީ 16 ވަނަ ދުވަސް. ގާތްގަނޑަކަށް ހަފުތާއެއް މިވީ. ވީއިރުގައި، މިދިޔަ ކުޑަ ދުވަސްކޮޅުގެ ތެރޭގައި މި ކުރެވުނު މަސައްކަތުން، 52 މަސާޖް ޕާލަރ ބަންދުވެއްޖެ. 52 ތަން. 52 ތަނުގެ ތެރެއިން، 24 ތަން، އެ އޮޕަރޭޝަންގެ ތެރެއިން ގޮސް ވަދެ، ފާހަގަވެފައި ހުރި ކަންކަމަށް ބަލައި، އޮންނަ އުސޫލުން ބަންދުކުރީ އެ ޓީމުން. މިކަން މިހެން ހިނގާތީވެ، އަމިއްލައަށް ވިޔަފާރި ހުއްޓައިލާފައި، އަމިއްލައަށް ބަންދުކުރީ 28 ތަން. އެހެންވީމާ، ޖުމްލަ 52 ތަން. އެހެންވީމާ، މި ކުޑަ ދުވަސްކޮޅު ތެރޭގައި މިހާ ފަރމްކޮށް މި މަސައްކަތްތައް އަޅުގަނޑުމެން ކުރަން ފެށީމާ، ރައްޔިތުން ދެއްވި ޚިޔާލާ އެކީގައި ފެށީމާ، ކުރިއަށްވުރެ ބޮޑު ފޯކަސްއެއް ދީގެން، ރިސޯސް އިތުރުކޮށްގެން، ރެއާއި ދުވާލު މިކަން ކުރަން ފެށީމާ، މީގެ ނަތީޖާ ރަނގަޅު. މި ކޮންޓިނިއު ކުރާނެ. ކުރިއަށް އޮތްތާނގައި ކޮންމެ ރެއަކު، ރެއާއި ދުވާލު މިކަން ކުރިއަށްދާނެ. މި ތަންތަނުގައި ނުގަވާއިދުން ތިބޭ ބިދޭސީން ހަމަ ފޮނުވައިވެސްލަން. މިހާރު ދިހަވަރަކަށް ބިދޭސީން ވަނީ އެގޮތަށް ހައްޔަރުކުރެވިފައި. ދެން އެ އޮންނަ އުސޫލުން، އިޖުރާތްތައް ފުރިހަމަކޮށް، ބޭރުވެސް ކުރާނެ، ނޫނީވިއްޔާ ޑީޕޯޓް ކުރާނެ.

އަޅުގަނޑުމެން ބޭނުންވަނީ، މުޖުތަމަޢުގައި ހުރި މިކަހަލަ މައްސަލަތައް ޙައްލުކުރަން. އެހެންވީމާ، ރައްޔިތުން މިގޮތަށް ދެއްވާ ޚިޔާލުތައް، ވަރަށް އީޖާބީ ގޮތެއްގައި، ވަރަށް ޕޮޒިޓިވް ނޯޓެއްގައި އަޅުގަނޑުމެން ބަލައިގަންނަނީ. ކޮންމެ ވާހަކަފުޅަކީވެސް މުހިންމު ވާހަކަފުޅެއް. ތިޔަބޭފުޅުން ހުރިހާ ކަމެއް ހުއްޓާލައްވާފައި، ވަގުތު ހުސްކޮށްގެން މިތަނަށް ވަޑައިގަތުން އިޓްސެލްފް، ތިޔަބޭފުޅުން ވިދާޅުވާ ކޮންމެ ވާހަކަފުޅެއްގެ ބުރަދަނަށް އެތައް ގުނައެއް އިތުރުކޮށްދޭ. އެހެންވީމާ، ކޮންމެ ބޭފުޅަކު ވިދާޅުވާ ކޮންމެ ކަމެއްވެސް، އެކަމަކަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް، ނިޒާމުގެ ތެރެއިން ކުރެވެން ހުރި ހުރިހާ ކަމެއް، ޤާނޫނާއި، ގަވާއިދުތަކުގެ ތެރެއިން، ހަމަތަކުގެ މަތިން އަޅުގަނޑުމެން ކޮށްދޭނަން. އަދި ކުރިއަށްވުރެ ބޮޑު އިސްކަމެއްދީގެން، މިހާރު ކުރަމުންދާ ކަމެއްވިއްޔާ، އެއަށްވުރެ ރަނގަޅުކުރުވަންވެސް މަސައްކަތް ކުރާނަމޭ. އެހެންވީމާ، ދެ ކަމެއް މި ފާހަގަކޮށްލީ. އަދިވެސް ހަމަ ވަރަށް ގިނަ ޚިޔާލާއި، މަޝްވަރާ ލިބިއްޖެ. މިއިން ކޮންމެ ކަމަކަށްވެސް، އެކި މަރުޙަލާތަކަށް މިހާރު މަސައްކަތްތައް ފެށިފައި ހުރީ. އެހެންވީމާ، ކުރިއަށް އޮތް ދުވަސްތަކުގައި، އިރާދަކުރެއްވިއްޔާ އެ ކަންކަން ފެނިވަޑައިގަންނަވާނެ ރައްޔިތުންނަށް.

އެހެންވީމާ، އަޅުގަނޑުގެ ވާހަކަ ދިގުނުކޮށް، ތިޔަބޭފުޅުންނަށް ފުރުޞަތު ހުޅުވައިލާނަން. ތިޔަބޭފުޅުން ބޭނުންފުޅުވާ ކޮންމެ ކަމެއް ވިދާޅުވެލައްވަން. ވިދާޅުވުމަށްފަހު، ދެން އަޅުގަނޑު ނިންމާލުމުގެ ގޮތުން، ސަމަރައިޒް ކޮށްލާފައި، އަދި ވިދާޅުވެލައްވާ ވީހާވެސް ގިނަ ކަންތައްތަކަށް، ކޮންމެވެސް އެއްޗެއް އަޅުގަނޑު ދަންނަވާލެވޭތޯ ބަލާނަން.

ވަރަށް ބޮޑަށް ޝުކުރިއްޔާ!

ބައްދަލުވުން ނިންމަވަމުން ދެއްކެވި ވާހަކަފުޅު:

بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

އާދެ، ތިޔަ ހުރިހާ ބޭފުޅުން މިތަނުގައި ވަރަށް ގިނަ ވަގުތު ތިއްބަވައި، ވަރަށް ގިނަ ބޭފުޅުން އެކި ކަންކަން ވިދާޅުވެލައްވައިފި. މިހާރު ގަޑިން ބާރަޖަހަން އެދަނީ. އަވަށު ބައްދަލުވުންތައް އަޅުގަނޑު މި ބާއްވަނީ، ތިޔަބޭފުޅުންނަށް މި ފުރުޞަތު ދިނުމަށްޓަކައި، އަދި އެ ކަންކަމުގައި ވިދާޅުވެލައްވަން ބޭނުންފުޅުވާ ހުރިހާ ކަމެއް ވިދާޅުވުމަށް. އެހެންނަމަވެސް، ވަރަށް ގިނަ ބޭފުޅުން އަދިވެސް ފުރުޞަތަށް އެދިވަޑައިގެންފައި އެބަހުރި. މީގެ ކުރީގެ އަވަށު ބައްދަލުވުންތަކުގައިވެސް ހަމަ އެހެން، ވަރަށް ގިނަ ބޭފުޅުން ފުރުޞަތަށް އެދިވަޑައިގެންފައި، ފުރުޞަތު ނުލިބި ދިޔަ. މިއީ، އަޅުގަނޑު ހިތުން މީގެ ކުރިން މިކަހަލަ އެއްވެސް ފުރުޞަތެއް، އެއްވެސް ބައްދަލުވުމެއް ބޭއްވިފައި ނެތީމަ، މިހެން ހުރި ކަންތައްތައް ގިނައީ. ވިދާޅުވާން ހުރި ކަންކަން. އެހެންވީމާ، އެންމެންނަށް އެއް ބައްދަލުވުމަކުން ފުރުޞަތު ނުދެވިދާނެ. އެހެން މިވަނީ. މި ބައްދަލުވުމުގައި އަދި މީގެކުރިން އަވަށްތަކުގައި ބޭއްވުނު ބައްދަލުވުންތަކަށްވުރެ ގިނަ ބޭފުޅުންނަށްވެސް ފުރުޞަތު ދެއްވިއްޖެ. ގިނަ ވަގުތުވެސް. އެހެންނަމަވެސް، އަދިވެސް ފުރުޞަތު ދެވުނު ބޭފުޅުންނަށްވުރެ ގިނަ، ނުދެވޭ ބޭފުޅުން. އަޅުގަނޑު ދެންމެ ލިސްޓުން އަދަދު ބަލާލައިފިން. އަޅުގަނޑު އިރާދަކުރެއްވިއްޔާ ވަގުތު ވީވަރަކުން ކުރިއަށް އޮތްތާނގައިވެސް، މީގެ ދެވަނަ ބައްދަލުވުމެއްވެސް ބާއްވާނެ. އެކަމަކު ވަގުތު ތަރުތީބު ކުރެވިގެން. ދެން އެކަމަކު، ހުރިހާ ރަށަކަށްވެސް އަޅުގަނޑު ހިނގައްޖައިން. ހުރިހާ ރަށެއްގައިވެސް، ހުރިހާ ރައްޔިތުންނާ ބައްދަލުކުރިން. ހަމައެގޮތަށް، ދެވަނަ ރައުންޑެއް ފަށަން ޖެހޭނީ، އެހެންނޫންތޯ؟ ކޮންމެ ރަށަކަށް ގޮސްވެސް ރައްޔިތުންނާ ބައްދަލުކުރިން. އެކަމަކު ކޮންމެ ރަށެއްގައި މިގޮތަކަށް ފުރުޞަތު ދީގެން، ސުވާލާއި، ޖަވާބު ގޮތަކަށް ނުބާއްވަން. ބައެއް ރަށްރަށުގައި އެހެންވެސް ބޭއްވިން. އެކަމަކު ހުރިހާ ރަށެއްގެ ރައްޔިތުންނާއެކު ޖަލްސާ ބޭއްވިން. އަދި މުއައްސަސާތަކާ ބައްދަލުކުރިން. އަދި މާލޭގައިވިއްޔާ މިގޮތަށް މި ބާއްވަނީ.

އާދެ، ޖުމްލަކޮށް އެއްޗެއް ދަންނަވައިލާނީ، މިހާ ވަގުތު ކުޑަވެފައި އޮތީމާ. އެންމެ ފަހު ވާހަކަފުޅު ދެއްކެވި ބޭފުޅާ ވާހަކަ ދެއްކެވި ހިސާބުން އަޅުގަނޑު ފަށާނީ. ބޯހިޔާވަހިކަމަކީ އަޅުގަނޑު އެންމެ ބޮޑު ވަޢުދެއް، ނޫނީ އެންމެ މުހިންމު ކަމެއް ގޮތުގައި ވަޢުދުވީ ކަންތައް. އެއީ، އެންމެ މުހިންމު މައްސަލަވީމާ. އަދި އަމުދުން، މާލޭގައި. މައިމުޅަވެފައި ތިބި ފަރާތްތައް މިއީ، މީގެކުރީގެ އެއްވެސް ސަރުކާރެއްގައި، ހައުސިންގ ސްކީމެއްގައި ރިކޮގްނައިޒް ކޮށްފައިވާ ފަރާތްތަކެއް ނޫން. އެހެންނަމަވެސް، އަޅުގަނޑު ރިޔާސީ އިންތިޚާބުގައި އެކަން ރިކޮގްނައިޒްކޮށް، އަޅުގަނޑު ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި ވަޢުދުވީ، މައިމުޅަވެފައި ތިބި ފަރާތްތަކަށް ވަކިން ޚާއްޞަކޮށް ކެޓަގަރީއެއް ކަނޑައަޅައި، ފްލެޓް، ނޫނީވިއްޔާ ގޯތި ހަމަޖައްސައިދޭނެ ވާހަކަ. އެއީ، އަޅުގަނޑު ކަނޑައެޅި ކަމެއް. މީގެކުރީގައި ކުރި ކަމެއް ނޫން އެއީކީ. އެހެންވީމާ، ދެންމެ ވިދާޅުވެއްޖެ، ރިކޮގްނައިޒެއް ނުކުރެއޭ، ތިމަންނަމެން އެ ވާހަކަ ދެއްކީމަ، ކުރީދުވަހު ޖަލްސާގައި އެހެން ވިދާޅުވެއްޖެއޭ. ނޫން! އެހެނެއްނޫން! ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި އެ ވާހަކަ އަޅުގަނޑު ދެއްކީ. އެކަން އެއޮތީ ލިޔެވިފައި. ދެން އެހެންވީމާ، މި ސަރުކާރުން ފުރަތަމަ މި ފަށާ ސްކީމްގައި އެވަނީ، އެ ކެޓަގަރީއަށް ކަނޑައަޅާފައި. މިހާރު އެ ހުޅުވާލަން ނިންމާފައި އެވަނީ، މައިމުޅަވެފައި ތިބި ފަރާތްތަކަށް ޚާއްޞަކުރެވިގެން. ގޯތިވެސް، އަދި ފްލެޓްވެސް ވަކި އަދަދެއް. އެއީ ވަރަށް ނިކަމެތި ޙާލަތެއް ދިމާވެފައި ތިއްބެވި ބޭފުޅުންނަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެ ބޭފުޅުންނަށް ޚާއްޞަ ގޮތްތަކެއް އޮންނާނެ.

ދެން އެކަމަކު، ދެންމެ ވިދާޅުވި ކަންތަކުގައި އަޅުގަނޑު އެއްޗެއް ދަންނަވާލަން ބޭނުން. އަޅުގަނޑަށް އަންޑަރސްޓޭންޑްވޭ. މި ބޯހިޔާވަހިކަމުގެ މައްސަލައަކީ ވަރަށް ކްރިޓިކަލް، ވަރަށް ހާލުގައި ގިނަ މީހުން އުޅެމުންދަނީ. އެ ބޭފުޅާވެސް އަދި އެހެން ހުރިހާ ބޭފުޅުންވެސް، އެހެންވީމާ، އިމޯޝަނަލް ވާނެ. އަދި އަޅުގަނޑަށް ހަމަ ފުރިހަމައަށް އަންޑަރސްޓޭންޑްވޭ އިނގޭތޯ ތިޔަ ކަންތައްތައް. އެ ފްރަސްޓްރޭޝަންސްތަކާ، އެ ހުރިހާ އެއްޗެއް. އެހެންވީމާ، އެކި ބޭފުޅުންނަށް އެކި ގޮތްގޮތަށް ވިދާޅުވެވޭނެ. އެހެންނަމަވެސް، ދެންމެ ވިދާޅުވެވުނު ބައެއް ވާހަކަފުޅުތަކުގައި ޙަޤީޤަތާ ޚިލާފު އެއްޗެހި ވިދާޅުވެވިފައި ހުރީމަ، ރަނގަޅުކޮށްލަން ބޭނުން.

އަޅުގަނޑުމެން މި ސަރުކާރުން އިހަށްދުވަހު މި 4,000 އެފް.ޑީ.ސީ. ފްލެޓްސް ދިންއިރުގައި ނުހުންނާނެ ޕޮއިންޓް ބަދަލުކޮށްފައެއް. ނުހުންނާނެ 74 ލިބުނު މީހުންނަށް ދީފައެއް. ނުހުންނާނެ އެކަކަށްވެސް ދީފައެއް. އަޅުގަނޑު މި ދަންނަވަނީ ވަރަށް ފަރމްކޮށް، ވަރަށް ސާފުކޮށް، ވަރަށް ޔަޤީންކަމާއެކީގައި، ނުދެން އެގޮތަކަށް. މިދިޔަ ސަރުކާރުން ފްލެޓް ދިން މީހުންނަށް ދޭން ނިންމާފައި، 76ން ފެށިގެން މައްޗަށް ހުރި މީހުންނަށް. އަދި 75 ގައިވެސް އެ އޮންނަ އުސޫލަކުން، މިދިޔަ ސަރުކާރުން ކަނޑައަޅާފައި އޮތް ގޮތަކަށް ނޫނީ، އެއްވެސް މީހަކަށް ބަދަލެއް ނުގެންނަން. އެގޮތަށް އެހެރީ. އެހެންވީމާ، އެ ވިދާޅުވެވުނީ، އިމޯޝަނަލީ އެ ފްރަސްޓްރޭޝަންސްގައި. ހަމަ ޔަޤީނުންވެސް އިތުރުފުޅެއް ހައްދަވާކަށް ނޫން އެހެން އެ ވިދާޅުވީކީ. ފަހަރެއްގައި ބޭފުޅުން ވިދާޅުވެފައި ހުރެދާނެ، އަޑުއިވިފައި ހުރެދާނެ، އެހެން ދީފައޭ ހުރީ. އެހެންވީމާ، އަޅުގަނޑަށް ގަބޫލުކުރެވޭ ތިހެން ވިދާޅުވެވިދާނެ ކަމަށް. އެކަމަކު، އެއީ މަޢުލޫމާތުގެ ކުށެއްވީމާ، އަޅުގަނޑު މި ރަނގަޅުކޮށްލައިދިނީ، ނުހުންނާނެ އެހެން ދީފައެއް.

ދެން، އެ ފްލެޓްތަކާ ބެހޭގޮތުންވެސް އެއްޗެއް ދަންނަވައިލާފައި އަޅުގަނޑު ދާނީ އިނގޭތޯ. މި 4,000 ފްލެޓްސްއާ ބެހޭގޮތުން. އެ ތަންތަން މިހާރު އެ ނިމެނީ. ކަރަންޓާއި، ފެނާއި، ހުރިހާ އެއްޗެހި ގުޅާ. އިރާދަކުރެއްވިއްޔާ، މި އަންނަ ހަފުތާ ތެރޭގައި ނިންމާލެވޭތޯ މިއުޅެނީ. އެ ހުރިހާ ފަރާތްތަކާ ހަވާލުކުރަން އިރާދަކުރެއްވިއްޔާ މި އަންނަ ހަފުތާ ތެރޭގައި. އެއީ، އަޅުގަނޑު ދެންނެވިން، ދިރާސީ އާ އަހަރު ފެށެންވާއިރަށް، އެ ތަންތަނަށް ވަދެވޭވަރު ކޮށްދޭނަމޭ. އެހެންވީމާ، މި އަންނަ ހަފުތާ ތެރެއަށް ނިންމާލެވޭތޯ. ހަމަ ޔަޤީނުންވެސް މި މަސް ތެރޭގައި، އިރާދަކުރެއްވިއްޔާ ވަދެވޭވަރު ވާނެ އެ ތަންތަނަށް.

ދެން ވިދާޅުވެއްޖެ ޑައުން ޕޭމަންޓް، 25,000 ގެ ވާހަކަ. އަޅުގަނޑު މި ބައްދަލުވުން ފަށަމުންވެސް ދެންނެވިން، ބައްދަލުވުންތަކުގެ ބޭނުމަކީ، މިކަހަލަ ޚިޔާލާއި، ކަންބޮޑުވުންތައް އަޑުއެހުމޭ. އަދި އެ ކަންކަމަށް ގެނެވޭނެ ޕޮޒިޓިވް ބަދަލެއް، ނޫނީވިއްޔާ ރަނގަޅު ޙައްލެއް ގެނެވޭނެ ގޮތަކީ ކޮބައިތޯ ބެލުމަށޭ. އެއްވެސް ބޭފުޅަކު ވިދާޅުވާ ކަމަކީ، ބޭކާރު ކަމެއް ނޫނޭ، އަދި ގޯސްކަމެއްވެސް ނޫނޭ. ހަމަ ވަރަށް ޖާއިޒް، ވަރަށް މުހިންމު ވާހަކަތަކެއް ވިދާޅުވަނީ. އެހެންވީމާ، ތިކަމަކީވެސް އަޅުގަނޑު ވަރަށް ވަރަށް ސީރިއަސްކޮށް ބަލައިދޭނެ ކަމެއް. ތިކަމަށް ގެނެވޭނެ ޙައްލަކީ، މި ދެންނެވީ، މި 4,000 ފްލެޓްގެ މި ޑައުންޕޭމަންޓް 25,000 ރުފިޔާގެ ކަންތަކުގައި ތިޔަ ވިދާޅުވާ ކަންތައް، އެ އުނިކޮށްލުން، ނޫނީވިއްޔާ އެއަށް ކޮންކަހަލަ ބަދަލެއްތޯ. އަދި މަހުން މަހަށް ދައްކަންޖެހޭވަރު، އެއަށް ކޮންކަހަލަ ބަދަލެއްތޯ ގެނެވޭނީ، އަޅުގަނޑުމެން ގޮސްފައި ބަލާނަން. ބަލާފައި، މި އިޝޫގައި ގެނެވެން އޮތް އެންމެ ރަނގަޅު ބަދަލެއް، އެންމެ ރަނގަޅު ޙައްލެއް، ތިޔަ ކަންބޮޑުވުންތަކަށް އެޑްރެސްކުރުމަށްޓަކައި، އެންމެ ރަނގަޅު ޙައްލެއް އަޅުގަނޑު ގެނެސްދޭނަން. އެހެންވީމާ، އެ ވާހަކަ ދަންނަވާލަން.

ދެން، އެކަމާ ގުޅޭގޮތުން، ޖުމްލަކޮށް އެ ވާހަކަ މި ދަންނަވާލީ. ހުޅުމާލެ 3، އެތަން ހިއްކާ އެ ނިމެނީ، އިރާދަކުރެއްވީތީ ވަރަށް ބާރަށް އެދާ ސްޕީޑުގައި. މިހާރު ދެ ޑްރެޖަރުން ހިއްކަމުން އެދަނީ. އެތަން އެ ނިމެނީ. މިތަނުން ބޭފުޅަކު ފާހަގަކުރެއްވި، ކޮންއިރަކުންތޯ ލޭންޑް ޔޫސް ޕްލޭން، ޕްލޮޓްތައް ފާހަގަކުރަނީ. އަޅުގަނޑުމެން އެ މަސައްކަތް ކުރަމުން އެބަ ދަން. އެހެންވީމާ، މާގިނަ ދުވަހެއް ނެތް، އެތަނުގެ ގޯތިތައް ހަވާލުކުރުންވެސް އިނގޭތޯ. އަދި ގިރާވަރުފަޅުވެސް، އެތަން ނިމޭއިރަށް، އެ ދެ ޑްރެޖަރު ގޮސް މަސައްކަތް ފަށާނެ. މި އަންނަ މަސް ތެރޭގައި އިރާދަކުރެއްވިއްޔާ. އެ މަސައްކަތްވެސް ފަށައިގެން ގޮސް، ދެތިން މަސް ތެރޭގައި، އަޅުގަނޑު ކޮންމެ ޖަލްސާއެއްގައި މި ވާހަކަ ދަންނަވަމުން މި އަންނަނީ. ގިރާވަރުފަޅުވެސް ހިއްކާ ނިމޭނެ.

އެހެންވީމާ، އެ ފްރަސްޓްރޭޝަންސްތައް އެބަހުރި. އެކަމަކު ދަންނަވަންތޯ ވާހަކައެއް. ވިދާޅުވެއްޖެ ކުރީ ސަރުކާރުގެ ވާހަކަ ނުދައްކާށޭ. ވަކި ސަރުކާރެއްގެ ނަން ދަންނަވާކަށް ނޫން. އެކަމަކު، ފެކްޓް ބަޔާންކުރަންވެގެން. ކުރީގައި ހަދާފައި އޮތް އެގްރީމަންޓެއް އެހެންވީމާ. ކުރީގައި މި ތަންތަން ހައްދާފައި އޮތް އެގްރީމަންޓްތައް ހުރި ގޮތުން، އަޅުގަނޑުމެން ޖެހުނީ އެއިން ނުކުންނަން. އެ ތަންތަން ހިއްކަން ދީފައިހުރީ، އެ ތަން ހިއްކައިދޭތީ، އެއީ ބޭރު ފަރާތެއް، އެ ފަރާތަށް ވަރަށް ގިނަ އެހެން ތަންތަނުން ފަޅުތަކާއި، ބިންތަކާ ދޭގޮތަށް. އެހެންވީމާ، މި އެއްޗެހި އަޅުގަނޑުމެން ކެންސަލް ކުރަން ވަގުތު ނެގި. އެހެންވީމާ، އެއިން ނުކުތީ އަޅުގަނޑުމެން. ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަކަށް ނޫން، ބޮޑު ގެއްލުމެއް ވާގޮތަށް ހުރި ކަންކަންވީމަ، ނުކުމެފައި މިހާރު މި ކުރަނީ، އެކަހަލަ އެއްވެސް ބަދަލެއްގެ ގޮތުގައި ބިމެއް އެއްޗެއް ދޭން ނުޖެހޭގޮތަށް. މިހާރު ސަރުކާރުން މި ތަންތަން މި ހިއްކަނީ، ސަރުކާރު ކުންފުނިތަކުން. އެޗް.ޑީ.ސީ.އާއި، އެމް.އޭ.ސީ.އެލް.އާ، ވަރަށް ގިނަ ކުންފުނިތައް ބައިވެރިވެފައި އޮތް ކަމެއް މިއީ. މިގޮތަށް މި ތަންތަން މި ހިއްކަނީ. އެހެންވީމާ، ފޭސް 3 ހިއްކާ ނިމޭއިރަށް، ގިރާވަރުފަޅު ހިއްކާނެ.

ދެން ގުޅީފަޅު ގޯތިތައް ކީއްވެތޯ ހަވާލުކުރުން މި ލަސްވަނީ. ގޯތިތައް ހަވާލުކުރަން ފަށާފައި އޮތީ. އަޅުގަނޑުމެން ވަރަށް އަވަސްކުރާނަން. ކުރިއަށް އޮތްތާނގައި، ތިޔަބޭފުޅުން، ގޯތި ލިބިފައި ހުރި ފަރާތްތައް އެ ތަންތަނަށް ދާންޖެހޭ. އެހެންވީމާ، ގެންދިއުމާއި، މި ޓްރާންސްޕޯޓާއި، ލޮޖިސްޓިކަލް ކަންކަމަށް، ކުދި ކުދި ދަތިތަކެއް ދިމާވެގެން ދިޔަ. އެހެންނަމަވެސް، އެ ކަންކަން ރަނގަޅުކޮށްފައި، ކުރިއަށް އޮތްތާނގައި އެކަންވެސް ސްޕީޑްއަޕް ކޮށްދޭނަން. އެހެންވީމާ، އެ ގޯތިތައްވެސް ގޯތި ކަނޑާފައި ހަވާލުކުރުން. މިހާރު ރަޖިސްޓަރީ ލިބިފައި ހުންނާނީ ގިނަ މީހުންނަށް. ހަވާލުކުރުން އަވަސްކޮށްދޭނަން. އެހެންވީމާ، ގިރާވަރު އަދި ގުޅީފަޅު ކަންތައް، މި ދެންނެވި ގޮތަށް މިއޮތީ.

ދެން އިޚްތިޞާޞް ތެރޭގައި ހިމެނޭނެތޯ، ނޫންތޯ. މިހާރު ޤާނޫނީ އިޖުރާތް އެއޮތީ އޭގެތެރެއިން ކަނޑައެޅިފައި. އިޚްތިޞާޞްގެ ތެރޭގައި ބުރިޖަކުން ގުޅުވާލެވޭ ގޮތަށް މިހިރަ ހުރިހާ ތަނެއް ހިމެނުން. އެއީ، އަޅުގަނޑުމެން ވިސްނާފައި އޮތްގޮތް. އެހެންވީމާ، އުތުރުތިލަފަޅާ ހަމައަށް. އުތުރުތިލަފަޅުވެސް އިރާދަކުރެއްވިއްޔާ ހިއްކަން ފަށަން މިއުޅެނީ. އެހެންވީމާ، އުތުރުތިލަފަޅު، ގިރާވަރުފަޅު، ގިރާވަރު، ގުޅީފަޅު، މި ހުރިހާ ތަނެއް، މާލޭގެ އިޚްތިޞާޞް ތެރޭގައި ހިމެނިގެންދާ ހަމައަކުން، އެކަން ކުރަން އަޅުގަނޑު ވިސްނާފައި މިއޮތީ. އެހެންވީމާ، އެގޮތަށް އެކަން ކުރިއަށް އޮތްތާނގައި ކުރިއަށްދާނެ. ކޮންމެގޮތެއްވިޔަސް، މާލޭގައި ދިރިއުޅެމުންދާ، ނޫނީވިއްޔާ މާލޭގެ ރައްޔިތުންނަށް މި ތަންތަނުން ގޯއްޗާއި، ފްލެޓް ލިބިފައި މި ހުންނަނީ. އެހެންވީމާ، މާލެވަންތަކަން އެ ތަންތަނުގައި ހުންނަންޖެހޭނެ. ހަމައެގޮތަށް، ރަސްމާލެވެސް ހިއްކަމުން މިދަނީ. އެހެންވީމާ، މިގޮތަށް މިކަންވެސް މިއޮތީ.

ދެން، އަޅުގަނޑު ހިތުން އަޅުގަނޑު އެހެން ޖަލްސާތަކުގައި، ވަރަށް ގިނަ ކަންކަމަށް އަލިއަޅުވައިލާ ގޮތަށް ހުރިހާ ކަމަކަށް އަލިއަޅުވާލަން ވެއްޖިއްޔާ، ވަރަށް ގިނައިރުވާނެ. އެހެންނަމަވެސް، ބައެއް ކަންކަން ފާހަގަކޮށްލާނަން.

އެންމެ ބޮޑު ކަމަކަށް، މި އަވަށްވީމާ މިއޮތީ، ސިނަމާލެ، މާލޭހިޔާ ފްލެޓްތަކުގެ ވާހަކަ. އެކަން އެންމެ ގިނަ ބޭފުޅުން ފާހަގަކުރެއްވި އެއް ކަމަކަށް ވާނެ. ޖޫރިމަނާ ވާހަކަ. އަޅުގަނޑު ހަޤީޤަތުގައިވެސް ހައިރާންވެފައި މިހާރު މިހިރީ. އެއީ، އެ ޖޫރިމަނާ ކޮށްގެންނުވާނެ. އެއީ އަޅުގަނޑު މޭޔަރަކަށް ހުރިއިރުގައި، އެއޮތީ އެ ޖޫރިމަނާތައް ކެންސަލް ކޮށްފައި. ދެން، ޑެޕިއުޓީ މޭޔަރ ކައިރީގައި އަޅުގަނޑު އަހާލައިފިން، ތިޔަ ވާހަކަ އެކި ބޭފުޅުން ވިދާޅުވާތީވެ. މި ކައުންސިލަރުންވެސް އެ ވިދާޅުވަނީ، ތިމަންނަމެންނަށްވެސް ނޭނގެއޭ އަނެއްކާވެސް އެ ޖޫރިމަނާއާ އެކީގައި ޕޭ ކުރަން އެންގި އެންގުން އެއީ ކީއްވެ ކުރި ކަމެއް ކަމެއް. އެ ޖޫރިމަނާ އަޅުގަނޑުމެން ސިނާމާލެ ހަތަރު ފްލެޓާއި، މާލޭހިޔާގެ ދެ ފްލެޓުން އޮންނާނީ ކެންސަލް ކޮށްފައި. ދެން އެހެންވީމާ، ކޮންމެގޮތެއްވިޔަސް، އެގޮތަށް އެކަން ސިޓީ ކައުންސިލުން ކޮށްގެން ނުވާނެ. އެއޮތީ ސިޓީ ކައުންސިލްގައި އަޅުގަނޑު ހުރިއިރުގައި ކެންސަލް ކޮށްފައި، ދެން ހަވާލުވާ ފަރާތަކުން ހަމަ އެ ކޮންޓިނިއު ކުރަންޖެހޭނެ ކަމެއް އެއީ. އެހެންވީމާ، އަޅުގަނޑު އެދެން ޑެޕިއުޓީ މޭޔަރ އަރިހުން، މިކަން އަނބުރާ ކައުންސިލްގެ ފްލޯރއަށް ގެންދަވާފައި، މިކަން ރަނގަޅުކުރައްވަން. އެ ނިންމުން ތަންފީޒުކުރައްވަންޖެހޭނެ.

ދެން، ދެވަނަ ކަމަކަށް، އެތަނުގެ ޙާލަތާއި، އެތަނުގެ މިހިރަ ހުރިހާ ކަމެއް. ލިފްޓްވިޔަސް، އަދި ފާޚާނާތަކުން ފެން ފޭބުންވިޔަސް. މިއީވެސް ހަމަ ސީދާ ކައުންސިލުން ބަލަހައްޓަންޖެހޭ ތަނެއް. މެއިންޓެނަންސަކީ ކައުންސިލްގެ ޒިންމާއެއް. ދެން، އެކަން އެއޮތީ ނުކުރެވި.

ދެން، އެތަނަށް ދައްކަން ހުރި ފައިސާގެ ކަންތައްވެސް. މިއީ ހަމަ ސީރިއަސް އިޝޫޒްތައް މިހިރީ. އެހެންވީމާ، އަޅުގަނޑު ތިޔަބޭފުޅުންގެ ތިޔަ ހުރި ކަންބޮޑުވުންތަކަށް ކޮން ގޮތަކަށްތޯ އެޑްރެސް ކުރެވޭނީ ބަލާނަން. މިހާރު ކައުންސިލުން ކުރަންޖެހޭ ކަމެއް، ކައުންސިލަކަށް ނުކުރެވުނު. އެހެންވީމާ، ސަރުކާރުން މިކަމުގެ ތެރެއަށް ސްޓެޕްއިން ކޮށްގެން، ކުރެވޭނެ ކަމެއް. ކޮންމެގޮތެއްވިޔަސް، ރައްޔިތުންގެ ބޯހިޔާވަހިކަމެއް. އަދި އަމުދުން ރައްޔިތުންނަށް ލިބިފައި ހުރި ތަންތަން މިއީ. އުޅެމުންދާ ތަންތަން. އެތަނެއްގެ ތެރެއިން އެތައް ކަންބޮޑުވުންތަކެއް، ނޫނީވިއްޔާ އެތައް ދަތިތަކެއް ރައްޔިތުން ތަހައްމަލް ކުރަމުންދާ ތަނެއް މިއީ. އެހެންވީމާ، މި ތަންތަނުގައި އުޅެމުންދާއިރުގައި، އެންމެ ރަނގަޅު ގޮތެއް ވާންޖެހޭނެ. އެއީ، ދައްކަންޖެހޭ ބާކީއޮތް އެއްޗެއް ދެއްކުން ކަމުގައިވިޔަސް. ގައިމުވެސް ޖޫރިމަނާއެއް ދައްކާކަށް ނުޖެހޭނެ. ބާކީއޮތް އަދަދެއް، އެތަން އޯނަރޝިޕަށް ދިއުމަށްޓަކައި ދައްކަންޖެހޭ އެއްޗެއް ދެއްކުމުގެ ކަންތަކަށް ގެނެވޭނީ ކޮންކަހަލަ ލުޔެއްތޯ. ހެދޭނީ ކޮން ގޮތެއްތޯ، މުޅި ތަނުގެ ޙާލަތަށް ބަލާފައިވިޔަސް. އަޅުގަނޑު މުޅި އޯވަރޯލްކޮށް މިކަމަށް ރަނގަޅު ޙައްލެއް ގެންނަން މަސައްކަތް ކޮށްދޭނަމޭ. އެކަމުގައި، އަޅުގަނޑުމެންގެ ތެރޭގައި، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްފައި، އަޅުގަނޑު މި ހަ ފްލެޓްގައި، ސިނަމާލޭގެ ހަތަރު ފްލެޓާއި، މާލޭހިޔާގެ ދެ ފްލެޓުގައި އުޅޭ ރައްޔިތުންނަށް، ސަރުކާރުގެ ފަރާތުން ރަނގަޅު ޖަވާބެއް އިރާދަކުރެއްވިއްޔާ މިކަމުގައި ދޭނަން. ދެން، އަޅުގަނޑު އެދެން ކައުންސިލުން މި ލިފްޓް ހެދުމުގެ ކަންތަކަށް ޑެޕިއުޓީ މޭޔަރ އަދި ކައުންސިލުން ރަނގަޅު ޙައްލެއް ގެނައުމަށް މަސައްކަތް ކުރުމަށް. އެކަމުގައި ސަރުކާރުންވެސް މީގައި ފުރިހަމައަށް އެހީތެރިކަން ދޭނަން. ސަރުކާރުގެ ކުންފުނިތަކުން އެހީތެރިކަން ދީގެންވެސް އެކަމަށް ޙައްލެއް ގެނެސްދޭން ބޭނުންވަންޏާ، އެކަމެއް ކޮށްދޭނަން. އަޅުގަނޑު ބޭނުންވަނީ އެ އޮންނަ އުސޫލުގެ ތެރެއިން ގެންދަން. އެހެންވީމާ، ކައުންސިލް ހައްތަހާވެސް މިތާނގައި މި ނަންކުރަނީ. ސަރުކާރުން، ހައުސިންގ މިނިސްޓްރީން ވަދެގެންވިޔަސް، އަޅުގަނޑުމެންނަށް އެކަން ކުރެވިދާނެ އިނގޭތޯ. އަޅުގަނޑު ބޭނުމެއްނޫން، މިގޮތަށް ދޫކޮށްލާފައި ދެން އޮންނާކަށްވެސް އިނގޭތޯ. މި މައްސަލަ އެހާވެސް ސީރިއަސް. އަޅުގަނޑަށް ދެން، ވަރަށް ރަނގަޅަށް އެނގޭ ހިސާބުގަނޑެއް ދޮގެއްތޯ؟ ގަލޮޅުގައި ވަރަށް ގިނަވާނެ، އަޅުގަނޑު ގޮސްފައި ހުރި ގޭގެވެސް. އަދި މި ފްލެޓް އޭރިއާއަކީ ވަރަށް ގިނަ ފަހަރު ދެވިފައި ހުރި ސަރަޙައްދެއް. ދެން ޕޮލިހުންގެ ވާހަކަ ވިދާޅުވީ. މިނިސްޓަރވެސް މިތާނގައި އެބަ އިންނެވި. އަޅުގަނޑު ހަމަ ބަލާނަން ޕޮލިހުން އެތަނުގައި އެ ބޭނުންކުރާ ސަރަޙައްދުގައި ތިޔަ ދިމާވާ ދަތިކަމަށް، ރަނގަޅު ޙައްލެއް ގެނެވޭނެ ގޮތެއް ފެނޭތޯވެސް. އިރާދަކުރެއްވިއްޔާ، ރަނގަޅު ޙައްލެއް ގެނެސްދޭނަން. އެކަމުގައިވެސް އަޅުގަނޑުމެން.

ދެން، ގަލޮޅުގެ މި ސަރަޙައްދުގައި އޮތް ބިމެއް. އަޅުގަނޑު މޭޔަރަކަށް ހުރިއިރުގައި ދަނޑު ހަދަން ދޮގެއްތޯ؟ ދަނޑު ހަދައިދޭން އޮތްތަން. މިހާރު ކައުންސިލުން ކުރަންޖެހޭ ކަމެއް އަނެއްކާވެސް. ސަރުކާރުން އެކަމަށް ސްޓެޕްއިން ކޮށްފައި، ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން އެތަނުގައި ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ ދަނޑު ހަދަން ފަށައިދޭނަން. އެހެންވީމާ، ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން، އިރާދަކުރެއްވިއްޔާ އެތާނގައި ދަނޑު ހަދާނީ. ދެން، އެތާނގައި ރުއްގަސް އިންދާފައި ހުރި ވާހަކަ އަޑުއިވޭ. ހުރެއްޖިއްޔާ ނަގައިގެންވިޔަސް، ސާފުކޮށްފައިވިޔަސް، އަޅުގަނޑުމެން ސަރުކާރުން އެ ދަނޑު އެތާނގައި ހަދައިދޭނަން އިރާދަކުރެއްވިއްޔާ އިނގޭތޯ. ދެން އެހެންވީމާ،
އިރާދަކުރެއްވިއްޔާ އެ މައްސަލަ އެ ޙައްލުވަނީ.

ދެން، ސިނަމާލެ، މާލެހިޔާ ފްލެޓްތައް ކައިރީގައި މިހިރަ ހުރިހާ ކަމަކަށް ރަނގަޅު ޙައްލެއް އަންނާނެ އިރާދަކުރެއްވިއްޔާ އިނގޭތޯ.

ދެން، އަޅުގަނޑު ހުރިހާ ކަމެއް ފާހަގަކުރަންވެއްޖިއްޔާ، ވަރަށް ގިނަ ވަގުތުވާނެތީ، ޖުމްލަކޮށް ފްލެޓްތަކާ ބެހޭގޮތުން އަޅުގަނޑު މި ދެންނެވި ކަންތައްތައް މި ފާހަގަކޮށްލީ. ދެންހުރި ކޮންމެ ކަމަކީވެސް، އެއީ، ބޭރުމީހުންނާ ގުޅޭ ކަންތައްތައް ކަމުގައިވިޔަސް. އަދި ދެންހުރި އިޝޫޒްތަކަކީވެސް އަޅުގަނޑުމެން މިހާރު ވަރަށް ސީރިއަސްކޮށް އެޑްރެސް ކުރަމުންދާ ކަންތައްތައް. ބޭރުމީހުންގެ ވާހަކަ ފާހަގަކުރައްވައިފި ވަރަށް ގިނަ ބޭފުޅުން. ނުގަވާއިދުން އުޅޭ ބިދޭސީންނަށް މިހާރަކު ނޫޅެވޭނެ. ބަޔޮމެޓްރިކްސް ނުނަގާ ހުރި ބިދޭސީއަކު ހުރިއްޔާ، ވަގުތުން މިހާރު ޑީޕޯޓް މި ކުރަނީ. ބަޔޮމެޓްރިކްސް 10 އިނގިލީގެ މަޢުލޫމާތު ނުނަގާ ހުރި މީހަކު ހުރެއްޖިއްޔާ، މިހާރަކު ނޫޅެވޭނެ. އެ މީހަކު ބޭރު އެބަ ކުރަން. ދެން ތިބި މީހުން ރެގިއުލަރައިޒް ކުރުމާއި، މި ކަންތައްތައް މިދަނީ.

ދެން، ރާއްޖެއިން ބޭރުން ގެނައުން ހުއްޓުވައިދޭން އެދެފި. އެކަމަށްވެސް މިހާރު އުސޫލެއްގެ ގޮތުން، ހުއްދައެއް ނުދެން ކުރީގައި ދޭ ގޮތަކަށް. ވަރަށް ރެސްޓްރިކްޓެޑް ގޮތަކަށް، ވަކި ޕްރޮޖެކްޓްސްތަކަކަށް، ވަކި ވަރަކަށްވުރެ ބޮޑު ކުންފުނިތަކަށް އޮންނަ ލިމިޓެއް އޮވޭ. އެކަމަކު، އެކަންވެސް އިތުރަށް ލިމިޓްކުރުމަށްޓަކައި، ކުރެވޭނެ ކަންކަން އަޅުގަނޑުމެން ތިޔަބޭފުޅުން ތިޔަ ދެއްވާ ޚިޔާލުތަކާ އެއްގޮތަށް ބަލައިދޭނަން. ދެން، މިތާނގައި އުޅޭ ބިދޭސީން ކުރާ ގޯސް ކަންތައްތައް ހުއްޓުވުމަށްޓަކައި، ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް މި ކުރަނީ. މިސާލަކަށް، މިދިޔަ ދެ ހަފުތާ ދުވަހުގެ ތެރޭގައި، އަޅުގަނޑުމެން ބަންދުކޮށްފިން، ބިދޭސީން ނުގަވާއިދުން ހިންގާ ވިޔަފާރިތަކުގެ ތެރެއިން، 38 ފިހާރައެއް. 38 ވިޔަފާރިއެއް ބަންދުކޮށްފިން، ނުގަވާއިދުން ބިދޭސީން ހިންގަމުންދާ. މިދިޔަ ދެ ހަފުތާ ތެރޭގައި އެކަނި. އެއީ ވަރަށް ގިނަ ތަންތަން ދޮގެއްތޯ، ދެ ހަފުތާއަށް ބަލައިފިއްޔާ. އެހެންވީމާ، ކޮންޓިނުއަސްލީ މިހާރު އެބަ ގެންދެވޭ. މިއީ ދުވަހަކުވެސް އެޑްރެސް ނުކޮށް ހުރި ކަންކަން މިއީ. ވަކި މި އަވަށަކަށް އެކަންޏެއް ނޫން. މުޅި މާލޭގައިވެސް، ހުޅުމާލޭގައިވެސް.

އެހެންވީމާ، ބިދޭސީންގެ މި މައްސަލައަށް ޙައްލެއް ގެންނަން މަސައްކަތް މި ކުރަނީ. އެކަމަކު މި ކަމުގައި އަޅުގަނޑު ކުރިންވެސް ދަންނަވައިލާފައި އޮންނާނެ، އެހެން ބައްދަލުވުންތަކުގައިވެސް، އެންމެންގެ އެއްބާރުލުން ބޭނުންވާނެއޭ. އެއީ، ބިދޭސީން ގިނައިން މި ގެންގުޅެނީ، ގާތްގަނޑަކަށް ހުރިހާ ފަހަރަކުހެން، ކޮންމެވެސް ދިވެއްސަކު. ގާތްގަނޑަކަށް ހުރިހާ ފަހަރަކުވެސް. ދެން ވާގޮތަކީ ދިވެހިންނަށް މަސައްކަތް ކޮށްދޭނެ ދިވެހިން ނުލިބޭ ވާހަކަވެސް އާދޭ. އޭގައިވެސް އެބަހުރި ޖާއިޒް ވާހަކަތަކެއްވެސް. ދެން އެހެންނޫނަސް، ފަސޭހައަކަށްވެސް ގެންގުޅޭ. ނުގަވާއިދުންވެސް ބިދޭސީން ގެންގުޅޭ. އެހެންވީމާ، އެބަ ބޭނުންވޭ، މުޅި ސޮސައިޓީ ތެރެއިން އެއްބާރުލުމެއް، ދިވެހިންނަށް ހުރި ފުރުޞަތު އަދި ޤާނޫނީ ގޮތުން ދިވެހިންނަށް އެކަނި ހުރި ފުރުޞަތުތައް ދިވެހިން އެ މަސައްކަތް ކުރަން. ތިޔަބޭފުޅުންނަށް ނޫހުން ފެނިވަޑައިގަންނަވާނެ، ސަރުކާރުން އެއޮތީ، ދިވެހިންނަށް ފުރުޞަތު އިތުރުކުރުމަށްޓަކައި ވަކި ދާއިރާތަކެއް، ކުރިއަށް އޮތް އެކި އަހަރުތަކަށް ބަހާލައިގެން، ދިވެހިންނަށް އެކީގައި ބަދަލުކޮށްލަން އިޢުލާނުކޮށްފައި ދޮގެއްތޯ؟ ބިދޭސީންނަށް ދޭ ކޯޓާތައް އެކީގައި ހުއްޓާލަން. މަގުސަދަކީ، ސްކިލްސް ޑިވެލޮޕްމަންޓްގެ ތެރެއިންނާއި، ތަޢުލީމީ ނިޒާމުގެ ތެރެއިން، ދިވެހިން އުފައްދައިގެންނާއި، ދިވެހިންނަށް އިންސެންޓިވައިޒް ކޮށްގެންނާއި، އެކި ގޮތްގޮތުން ދިވެހިން އެ ދާއިރާތަކަށް ނެރެން. މިއަދު ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، ނޫހުން އެ ހުރިހާ މަޢުލޫމާތެއް. އެއީވެސް، ދިވެހިންނަށް މި ފުރުޞަތުތައް ހޯދައިދޭން. ބިދޭސީން މަދުކުރަން. ދިވެހިންނަށް ކުރެވޭ އެއްވެސް ކަމެއްގައި، ބިދޭސީން މަސައްކަތް ކުރުމަކީ، އަޅުގަނޑު ހިތުން އެއީކީ އެންމެ ރަނގަޅު ގޮތެއް ނޫން. އެހެންވީމާ، އެގޮތަށް އެ ކަންތައްތައް އެދަނީ. ދެން ގެންގޮސްދޭނަން.

އަޅުގަނޑު ދެން ހުރި ހުރިހާ ކަމަކަށް ސީރިއަސްކޮށް އެޑްރެސް ކުރާނަން. ބޭހުގެ ވާހަކަ ފާހަގަކުރައްވައިފި. އަދި ޕާކިންގއާ ގުޅޭ ވަރަށް ގިނަ ކަންކަންވެސް ފާހަގަކުރައްވައިފި. އަދި ވަރަށް ގިނަ ކަންކަން. ތިޔަބޭފުޅުން ވިދާޅުވި ހުރިހާ ކަމަކީ، އަޅުގަނޑުމެން ވަރަށް ސީރިއަސް ގޮތެއްގައި އެޑްރެސް ކުރާނެ ކަންތައްތައް. ބައެއް ކަންކަން އަޅުގަނޑު މި ފާހަގަކޮށްލީ.

މިތާނގައި ފާހަގަކުރައްވައިފި، ސްކޫލްތަކަށް ބަޖެޓު ނުދެނީތޯ. ސްކޫލްތަކަށް ބަޖެޓު ދެން. މިއީ އަދި މި ސަރުކާރުން، އަޅުގަނޑުމެން އިތުރު 400 މިލިއަން ރުފިޔާ އިތުރުވެސް ކޮށްފައި ބަޖެޓު މިދެނީ މިހާރު ސްކޫލްތަކަށް. ސްކޫލްތަކުން ކުރަންޖެހޭ ރެގިއުލަރ، އަސާސީ ކަންކަމަކަށް ޕޭރަންޓުން ނުޖެހޭނެ ޚަރަދު ކުރާކަށް. އެކަމަކު، ޒަމާނުއްސުރެ، އަބަދުވެސް އޮންނަ ކަމެއް، އިތުރަށް ކުރާ ކަންކަމަށް، ސްކޫލްތަކުން ޕޭރަންޓުންނާ ގުޅިގެން، ޕީ.ޓީ.އޭ.އިންނާއި، އެކި ގޮތްގޮތުން ޕޭރަންޓުން އެބަ ހޭދަތަކެއް ކުރޭ. އެއީ އެކަމަކު ސްކޫލް ހިންގުމަކަށް، ސްކޫލްގެ ޑޭ ޓު ޑޭ އެކްޓިވިޓީޒަކަށް ބޭނުންވާނެ އެއްޗިއްސެއް ނޫން އެއީކީއެއް. އެހެންވީމާ، މިހާރު އަދި އިތުރަށް 400 މިލިއަން އެބަ ޚަރަދުކުރަން.

ޕެންޝަންގެ ވާހަކަ ފާހަގަކުރައްވައިފި. އަޅުގަނޑު ދަންނަވާފައި އޮންނާނެ، އަދި ރިޔާސީ އިންތިޚާބުގެ ވަޢުދެއްވެސްމެ، ޕެންޝަންގެ ބޭނުންކުރުމަށް އިތުރު ފުރުޞަތުތައް ދޭން. އޭގެތެރެއިން ބައެއް ކަންކަން އެހެރީ މިހާރުވެސް ފެށިފައި ދޮގެއްތޯ؟ ހައުސިންގގެ ބައެއް ކަންކަމަށް ކޮލެޓަރައިޒް ކުރުމާ، މިކަހަލަ ބައެއް ކަންތައް. މިހާރު އަޅުގަނޑުމެން މިއުޅެނީ ޕެންޝަންގެ ޤާނޫނު އިޞްލާހުކުރަން އަނެއްކާވެސް ފޮނުވަންވެގެން. އޭގެތެރޭގައި، އިތުރު ބައެއް ކަންކަން ހިމަނަން. އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ވީ ވަޢުދާއި، އަދި މިހެން ބައްދަލުވުންތަކުގައި އަންނަ ކަންކަމަށް ރިޢާޔަތްކޮށްފައި. މީގެތެރޭގައި ޓަރމިނަލް އިލްނެސްއެއްގައި އުޅޭ ފަރާތަކަށް ވިއްޔާ، އެ ބޭފުޅެއްގެ ޕެންޝަން އެކީގައި ނެގޭ ކަހަލަ ގޮތަކަށް ހެދުމާއި، މިކަހަލަ ބައެއް ކަންތައް. ހައުސިންގގައި މިހާރު ދެވޭ ފުރުޞަތުތަކުގެ އިތުރަށް، ހައުސިންގއާ ގުޅޭ އެކި ކަންކަން، އިތުރު ކަންކަން ހިމެނޭހެން ކޮލެޓަރައިޒް ކުރެވޭ ގޮތަށް ހިމެނުމާއި، މިކަހަލަ އެތައް ކަމެއް، އިތުރު ފުރުޞަތުތައް ހިމެނޭހެން، ޕެންޝަންގެ ޤާނޫނު އިޞްލާޙުކުރަން ދާދި އަވަހަށް އެބަ ފޮނުވަން މަޖިލީހަށް. އޭރުންވެސް އަޅުގަނޑު ހިތުން ގިނަ ފަރާތްތަކަކަށް، މިހާރަށްވުރެ ގިނަ ފުރުޞަތު ލިބޭނެ، ޕެންޝަންގެ ތެރެއިން ފުރުޞަތު ހޯދަން.

ދެން އެހެންވީމާ، އެކަހަލަ ވަރަށް ގިނަ ކަންކަން އަޅުގަނޑު ހިތުން އެބަހުރި. މުޅި މުޖުތަމަޢުގައި ހުރި މިކަހަލަ ގިނަ ކަންކަން ޙައްލުކުރެވޭތޯ މި ބަލަނީ. މިސާލަކަށް، ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، އަޅުގަނޑު އިޢުލާނުކޮށްފައި އޮންނާނެ، ޖުވާކުޅުން. ޖުވާ ކުޅުމަކީ، ދީނުގައި ޙަރާމް ކަމެއް. އެކަމަކު، ރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގައި މިހާތަނަކަށް ކުށެއް ނޫން. ޖިނާއީ ކުށެއް ނޫން. އެހެންވީމާ، އަޅުގަނޑުމެން މިހާރު ޖިނާއީ ކުށަކަށް ހިމަނަން ފޮނުވައިފިން.

އެހެންވީމާ، މިހެން ހުރި ބޮޑެތި މައްސަލަތައް މިހިރީ. އަޅުގަނޑުމެންގެ މުޖުތަމަޢުގައި ޙައްލުނުކުރެވި ހުރި އެތައް ކަމެއް. މާލިއްޔަތު ގަވާއިދުގެ ވާހަކަވެސް ފާހަގަކުރެއްވި. މާލިއްޔަތު ގަވާއިދުގައި އެ ވިދާޅުވި ކަންކަން، ސްޕެސިފިކް، އެ ވިދާޅުވާ އިޝޫގައި ވެއްޖިއްޔާ، ހުރިހާ ކަމެއް ހުރީ ޤާނޫނާއި ގަވާއިދުގެ ތެރެއިން، އަޅުގަނޑުމެން ކުރިއަށް ގެންގޮސްފައި. ޕްރޮޖެކްޓްސްތައް ހަވާލުކުރި ފަރާތްތަކަށް، ގެރެންޓީއާ ނުލާ އެޑްވާންސް ޕޭމަންޓެއްވެސް ނުދޭނެ. މަސައްކަތް ކުރީމާ، ޕްރޮގްރެސް ޕޭމަންޓް ދޭނީވެސް. އެހެންނަމަވެސް، އެ ވާހަކަފުޅު ވިދާޅުވީމަ، އަޅުގަނޑުމެން ބަލައިދޭނަން، އެ ހަވާލުކުރެވުނު އެއްވެސް ކުންފުންޏަކީ، އެ ވިދާޅުވާ ކަހަލަ، އެއްވެސް ކަހަލަ، އަޅުގަނޑުމެން ކޮންސަރންވާ ކަހަލަ އިޝޫއެއް އޮތް ކުންފުންޏެއްތޯ. އެކަން ބަލާނަން އަޅުގަނޑުމެން. އެއްވެސް ފަރާތަކަށް އަޅުގަނޑުމެން ހަވާލެއް ނުކުރާނަން ޤާނޫނާއި، ގަވާއިދާ ޚިލާފަށް އެއްވެސް ކަމެއް.

އެހެންވީމާ، ކޮންމެ ބޭފުޅަކު ވިދާޅުވި ހުރިހާ ކަމަކަށް، އަޅުގަނޑުމެން ސީރިއަސް ގޮތެއްގައި އެޓެންޑް ކުރާނަން. ވަކި ކަމެއް ދުލެއްނުކޮށްލާނަން. ބައެއް ކަންކަމަކީ އަޅުގަނޑުމެންނަށް ހަމަ އާނއެކޭ ފުރަތަމަ މިހެން ނުދެންނެވޭ ކަހަލަ ކަންކަން. އެކަމަކު، ކޮންމެ ކަމަކީވެސް މުހިންމު ވާހަކަފުޅުތަކެއް. އެހެންވީމާ، ވިދާޅުވި ހުރިހާ ވާހަކަފުޅުތަކަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ހަމަ ވަގުތު ލަސްވަމުންދާތީ، ކުރުކޮށްލަނީ. އެއްގޮތަކަށްވެސް، އެއިން އެއްވެސް އެއްޗަކަށް ޖަވާބުނުދީ ދޫކޮށްލާކަށެއް ނޫން.

އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް މުސްތަގުބަލުގައި އަޅުގަނޑަށް ވަގުތުވީ ވަރަކުން، އަނެއްކާވެސް ހުރިހާ އަވަށަކާ ވަކިވަކިން ބައްދަލުކޮށްލާނަން. އަދި، މިގޮތަށް ގާތުން ތިޔަބޭފުޅުންނާ އެކީގައި އަޅުގަނޑު މަސައްކަތް ކުރަމުންދާނަން. ވިދާޅުވި ކޮންމެ ކަމެއް، ކަމާގުޅޭ އިދާރާތަކުން ޙައްލުކުރަން މަސައްކަތް ކޮށްދޭނަން. އިރާދަކުރެއްވިއްޔާ، ރައްޔިތުން ތިޔަ އެދިވަޑައިގަންނަވާ ކަންކަން، ވީ އެންމެ ރަނގަޅަކަށް ކޮށްދެވޭތޯ އަޅުގަނޑު ބަލައިދޭނަން.

އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ޝުކުރިއްޔާ!

والسَّلامُ عَلَيْكُم