بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތުގައި ހަރަކާތްތެރިވެވަޑައިގަންނަވާ އެންމެހައި މަސްވެރިންނާއި، އަދި އެންމެހައި ބޭފުޅުން، މިތަނަށް ވަޑައިގެން ތިއްބެވި، މި ޞިނާޢަތުގެ އެކިއެކި ކަންކަމާ ހަވާލުވެ، އެކިއެކި މަސައްކަތްތައް ކުރައްވަމުން ގެންދަވާ އެންމެހައި ބޭފުޅުން، ވަޒީރުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އެކިއެކި ޤައުމުތަކުގެ ސަފީރުން، އަދި މި ޞިނާޢަތު ކުރިއެރުވުމުގައި އެކި ގޮތްގޮތުން ހަރަކާތްތެރިވާ ހުރިހާ ބޭފުޅުން، މި ޖަލްސާ އަޑުއައްސަވާ، ބައްލަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މަސްވެރިކަން މިއީ، ދިވެހިރާއްޖޭގެ އެންމެ މުހިންމު ޞިނާޢަތް. ދިވެހިރާއްޖޭގައި އެންމެ ކުރީ ޒަމާނުން ފެށިގެން، ދިވެހި ރައްޔިތުން އެންމެ ފުޅާ ދާއިރާއެއްގައި ކުރަމުން އައި މަސައްކަތް. ޓޫރިޒަމްގެ ޞިނާޢަތު ރާއްޖެއަށް ތަޢާރުފުވުމުގެ މާކުރިން ފެށިގެން، ދިވެހިން ދިވެހިންގެ ގޮތުގައި ބެލެވެނީ، ނޫނީވިއްޔާ ދިވެހިންނަކީ ކޮން ބައެއްކަން ބޭރުބައެއް ގާތުގައި ވާހަކަ ދައްކާއިރު ސިފަކުރަންޏާ، މަސްވެރިންގެ، ނޫނީވިއްޔާ މަސްވެރިކަމުގެ ވާހަކަ ދައްކާނެ. ދިވެހި އައިޑެންޓިޓީ ސީދާ ގުޅިފައިވާ މި ޞިނާޢަތު މިއީ އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، އަދި މި ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި، ދިވެހި ޤައުމިއްޔަތު ދިރުވައި، އާލާކުރުމުގެ ގޮތުން ކުރެވޭ މަސައްކަތުގައިވެސް، ދިވެހި އައިޑެންޓިޓީ ދިރުވައި، އާލާކުރުމަށްޓަކައި ކުރެވޭ މަސައްކަތުގައިވެސް، މި ޞިނާޢަތު ނަގައި ކުރިއެރުވުމަށް، ކޮޅަށްޖަހާ، އިތުރު ކުރިއެރުންތައް ހޯދައިދީ، ފުޅާކޮށް، އަދި އިތުރު ކާމިޔާބީތައް، މަސްވެރިކަމުގެ ޞިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކަށާއި، އަދި ދިވެހިރާއްޖޭގެ އިޤްތިޞާދަށް ހޯދައިދިނުމަކީ، މި ދެންނެވި މަފުހޫމުގެ ދަށުންވެސް، މި ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް.

އާދެ، ޙަޤީޤީ މާނައިގައި، މަސްވެރިކަމުގެ ޞިނާޢަތަކީ، ދިވެހިންގެ ލޭނާރު ކަމުގައި އަލުން ހެދުމަކީ، ފަޚުރުވެރިކަމާ އެކީގައި އަޅުގަނޑު ދަންނަވަން ބޭނުންވަނީ، މި ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެކޭ. އިރާދަކުރެއްވިއްޔާ އެކަން، ތިޔަ ލޮބުވެތި ހުރިހާ މަސްވެރިންނަށް، މަސްވެރިކަމުގެ ޞިނާޢަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ އެއްބާރުލެއްވުމާ އެކީގައި، އަޅުގަނޑުމެން ހަދާނަން. އެ ޔަޤީންކަން މިއަދު ލޮބުވެތި ހުރިހާ މަސްވެރިންނަށް އަޅުގަނޑު އަރުވަން.

މިތަނުގައި ފިޝަރީޒް މިނިސްޓަރ ވަރަށް ތަފުސީލުކޮށް، އެހެންނަމަވެސް، ވަގުތު ކުޑަވީމާ، ވަރަށް ކުރުކޮށްލައްވާފައި ވިދާޅުވެދެއްވީ، މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި، މި ދެންނެވި މަގުން އަޅުގަނޑުމެން ކުރިއަށް ދިޔުމުގައި ކުރެވުނު ބައެއް ކަންތައްތައް. އަޅުގަނޑުމެންނަށް މަސައްކަތް ހަވާލުވީއިރުގައި، މީގެ ދެ އަހަރެއްހާ ދުވަސްކުރިން ފެށިއިރުގައި، މި ޞިނާޢަތު އޮތް ޙާލަތު، އަދި އެ ޙާލަތުން ނަގައި ކޮޅަށްޖެހުމަށްޓަކައި، މަސްވެރިކަމުގެ ހުރިހާ ފަރާތްތައް، ކެޔޮޅުންނާއި، މަސްވެރިކަމުގެ މަސައްކަތްކުރާ ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ އެއްބާރުލުމާ އެކީގައި ކުރެވުނު މަސައްކަތް. އާދެ، އެ ކަންކަން އަޅުގަނޑު ތަފުސީލު ކުރާކަށް ނެތިން. ތަކުރާރެއް ނުކުރާނަން. އެއީ، ފެންނަން ހުރި ޙަޤީޤަތް. ތަފާސްހިސާބުން އެ މަޢުލޫމާތު އެހެރީ ފެންނަން.

އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ، އަދި އެއަށްވުރެވެސް ރަނގަޅުކުރުމަށްޓަކައި. އެ ކުރެވުނު މަސައްކަތް އެ ކުރެވުނީވެސް، ހުރިހާ ބޭފުޅުންގެ ފުރިހަމަ އެއްބާރުލެއްވުމާ އެކީގައި. އަދި، ކުރިއަށް އޮތްތާނގައިވެސް، މި ޞިނާޢަތުގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންވެސް ތިޔަ ދެއްވާ ޚިޔާލުފުޅުތަކާއި، މަޝްވަރާތަކާއި، ސަރުކާރުން ސިޔާސަތުތައް ކަނޑައަޅުއްވާފައިވާ ގޮތަށް، މެނިފެސްޓޯގައާއި، ވަޢުދުތަކުގެ ތެރޭގައި ކަނޑައަޅުއްވާފައި ހުރި ކަންކަން ކުރުމުގައި އަޅުގަނޑުމެން ގެންދާނީ، ވަރަށް ހަލުވި ދުވެލީގައި، ބާރު ދުވެލީގައި ކުރިއަށް

އާދެ، މި ޞިނާޢަތު ކުރިއެރުވުމުގައި، މި ފާހަގަކުރެވިގެންދިޔަ ކަންކަމުގެ އިތުރަށް، ކުރިއަށް އޮތްތާނގައި، އަޅުގަނޑު މި ދެންނެވި ގޮތަށް ގިނަ ކަންތައްތަކެއް ކުރެވިގެންދާނެ. އަލުން، މައި ލޭނާރު ގޮތުގައި ކަނޑައެޅުމަށްޓަކައި، އެއީ އެއްވެސް ޙާލަތެއްގައި، އެހެން ޞިނާޢަތެއް އަޅައިނުލާ ދޫކޮށްލާ ވާހަކައެއް ނޫން. ޓޫރިޒަމްގެ ޞިނާޢަތުވެސް، އަދި ދެން ހުރި ޞިނާޢަތްތަކަކީވެސް، ދިވެހި ޤައުމުގެ އިޤުތިޞާދު ކުރިއެރުމުގައި، ދިވެހި ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމުގައި، ވަރަށް މުހިންމު ދާއިރާތައް. އެ ހުރިހާ ކަމެއް ކުރަމުން، މި ޞިނާޢަތު ނަގައި ކޮޅަށްޖަހައި، ކުރިއެރުންތައް ހޯދާ ވާހަކަ މި ދެންނެވީ. އެ މަގުން މަސައްކަތްތައް، އެގޮތުން ކުރިއަށް ގެންދާ ވާހަކަ މި ދެންނެވީ. އާދެ، އެހެންވީމާ، މި ދެންނެވި ގޮތަށް އަޅުގަނޑުމެން ކުރިއަށް ގެންދަން ހުރި ކަންކަން، އެ ސިޔާސަތުތައް މައިގަނޑު ގޮތެއްގައި ބައްޓަންވެފައި ހުރި ގޮތް، ދެންމެ މިތަނުގައި ތަފުސީލު ކުރެވިގެން އެދިޔައީ. މައިގަނޑު ހަ ދާއިރާއަކުން، ހަ ސިޔާސަތެއްގެ މައްޗަށް ބިނާކޮށް، ކަންތައްތައް ކުރެވެމުންދާ ވާހަކަ. 

އާދެ، އަޅުގަނޑުމެންނަށް އައި އެންމެ މައިގަނޑު އެއް ޝަކުވާއަކީ، ނޫނީވިއްޔާ ޙަޤީޤަތުގައިވެސް ކަންބޮޑުވުމަކީ، އެންމެ ރަނގަޅު އަގުގައި މަހަށް އަގު ނުލިބޭ ވާހަކަ. މިފްކޯއިން މަސްވެރިންނަށް ފައިސާ ނުލިބޭ ވާހަކަ. މިކަހަލަ ވާހަކަތައް. މިކަން ރަނގަޅުކުރުމަށްޓަކައި މި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން، އިރާދަކުރެއްވީތީ މިހާރު ބަރާބަރަށް މަސްވެރިންނަށް ފައިސާ ދެވެމުން އެދަނީ. އެއީ، އަޅުގަނޑުމެން ވަރަށް ގާތުން ބަލައި، ކޮންމެ ދުވަހަކުވެސް ކަމާބެހޭ ހުރިހާ ފަރާތްތަކެއް އެކަމުގައި ވަރަށް ސަމާލުކަންދީގެން ކުރިއަށް ގެންދާ ކަމެއް. އިރާދަކުރެއްވިއްޔާ، އެކަން އެގޮތަށް ކުރިއަށްދާނެ. މިދިޔަ ދުވަސްތަކުގައިވެސް، އެއީ ބަންދު ދުވަހެއް ކަމުގައިވިޔަސް، ކޮންމެ ކަހަލަ ބަންދު ދުވަހެއް ކަމުގައިވިޔަސް، އެއީ ޢީދު ދުވަހެއް ކަމުގައިވިޔަސް، ޙައްޖު ދުވަހެއް ކަމުގައިވިޔަސް، ކޮންމެ ދުވަހެއް ކަމުގައިވިޔަސް، ބަރާބަރަށް އެކަން ކުރެވޭތޯ ބަލަމުން މިއައީ. އެއީ، މަސްވެރިން އެކުރާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމަށްޓަކައި. ރެޔާއި ދުވާލު ނުކުމެ ކަނޑުމަތީގައި، އަނބިދަރިންނަށް ކާންދިނުމަށްޓަކައި، ޢާއިލާއަށް އެކިކަހަލަ ކަންކަމުގައި ހޭދަކުރާނެ ފައިސާ ހޯދުމަށްޓަކައި، އެ ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކޮށް، އޭގެ ހަމަ އަގު ލިބިދިނުމަކީ، ސަރުކާރުން އެކަމުގައި ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެއް ކަމުގައި، މި ސަރުކާރުން ގަބޫލުކުރާތީ. އެއީ، އަޅުގަނޑުމެން ކުރިއަށް އޮތްތާނގައިވެސް، ވަރަށް ފަރުވާތެރިކަމާ އެކީގައި ކުރިއަށް ގެންދާނެ ކަމެއް.

އާދެ، މިހާރު އަޅުގަނޑުމެން މިފްކޯގެ ފަރާތުން މަސް ގަތުމުގައި މި ގެންގުޅޭ އުސޫލުގެ ތެރެއިން، މިހާރު މިދަނީ ސޯޅަ ރުފިޔާއަށް ކަނޑައަޅައިގެން، ދޮޅުކިލޯއިން ފެށިގެން މަތީގެ މަސް ގަންނަމުން. އާދެ، މިކަމުގައިވެސް އިތުރު ކުރިއެރުންތައް ހޯދައިދިނުމަކީ، އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ކަނޑައަޅާފައިވާ އަގާ ހަމައަށް ގެންދިއުމަކީ، ސަރުކާރުގެ މައިގަނޑު އެއް ސިޔާސަތު. މިކަން ކުރުމުގައި، މަސްވެރިން ދެއްވާ ޚިޔާލުތަކާއި، މަޝްވަރާތަކަކީ، އަޅުގަނޑުމެން ވަރަށް ފުރިހަމަކަމާ އެކީގައި ބަލައިގަންނަ ކަމެއް. އިންޑަސްޓްރީގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކެއް ވިދާޅުވާ ވާހަކަފުޅުތަކާއި، ދެއްވާ މަޝްވަރާ އަޅުގަނޑުމެން ގާތުން އަޑުއަހަން. މިއަދު މިތަނުގައި އަޅުގަނޑުމެން މި އިފުތިތާހުކުރި ބައެއް ކަންކަމަކީ، މިކަން އިތުރަށް ފުރިހަމަކުރުމަށްޓަކައި، ދެވޭ އަގު މަތިކުރުމަށްޓަކައި ފެށިގެންދާ ކަންކަން.

ކޫއްޑޫގައި މަސް ކިރުމަށްޓަކައި ބޭނުންކުރާ ނިޒާމު ޑިޖިޓަލައިޒް ކުރެވި، ޑިޖިޓަލް ކައްޓާތައް ބޭނުންކުރެވޭ ގޮތަށް ބަދަލުކުރެވި، ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކުރަން ފެށުމަކީވެސް، ޙަޤީޤަތުގައިވެސް އޭގެ ސަބަބުން ވަރަށް ގިނަ ކުރިއެރުންތައް ލިބިގެންދާނެ ކަމެއް. އަތަށް ލިބޭ އެއްޗެއް ގިނަވެގެންދާނެ ކަމެއް. ވަރަށް ބޮޑު ވޭސްޓޭޖް، އިންއެކިޔުރެސީ، އެކި ގޮތްގޮތުން، މެނުއަލީ، ނޫނީވިއްޔާ ޑިޖިޓަލް ނޫންކޮށް އެކަން ކުރަމުން ދިޔުމުން އަންނަ އައުން ބަދަލުވެ، ބޮޑަށް އެކިއުރޭޓް ކުރެވި، އެކަން ކުރެވިގެންދާގޮތްވީމަ، ކޮންމެ ކިލޯއަކުން ލިބޭ އެއްޗެއް، ޙަޤީޤަތުގައިވެސް ދާނީ އިތުރުވަމުން.

މީގެއިތުރަށް، މަސްކިރާއިރުގައި، ދޮޅުކިލޯއިން ފެށިގެން މައްޗަށް، މި ސޯޅަ ރުފިޔާގެ ރޭޓުން މަސްގަންނަ ގަތުމަށް ބަލާއިރުގައިވެސް، މިއީވެސް އަޅުގަނޑުމެން ރަނގަޅުކުރުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމެއް. އާދެ، މިގޮތުން މިހާތަނަށް މިފްކޯއާއި، ފިޝަރީޒް މިނިސްޓްރީއާ އެކީގައި މި ކުރެވުނު މަސައްކަތް، އެ ދެފަރާތުން ކަމާބެހޭ ފަރާތްތަކާ އެކީގައި ކުރެވިފައި ހުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، އަޅުގަނޑުމެން މިއަދުން ފެށިގެން ގެންނަ މައިގަނޑު އެއް ބަދަލަކީ، ދޮޅުކިލޯގެ ބަދަލުގައި، އެއްކިލޯއިން ފެށިގެން މަތީގެ މަހަށް، އެންމެ މަތީ ރޭޓުގައި މަސްގަންނަ ގޮތަށް ބަދަލުކުރުން. އާދެ، އެންމެ މަތީ ރޭޓޭ މި ދެންނެވީ، ސޯޅަ ރުފިޔާއަށް މިހާރު މި ގަންނަ ގަތުން، އަދި އެވެސް ވަރަށް މުހިންމު ބަދަލެއް މި ގެންނަނީ. އެންމެ ދަށްވެގެން، ސޯޅަ ރުފިޔާއަށް ގަންނަ ގޮތަށް، މިފްކޯއިން މާދަމާއިން ފެށިގެން ފަށާނެ. މާނައަކީ، މިފްކޯއަށް އެ ދުވަހަކު ސަތާރަ ރުފިޔާއަށް ގަނެވެންޏާ، އަށާރަ ރުފިޔާއަށް ގަނެވެންޏާ، އަދި އެއަށްވުރެ މައްޗަށްވެސް ގަނެވެންޏާ، މިފްކޯއިން ކަނޑައަޅާނެ އެވަގުތަކު ގަނެވޭނެ އެންމެ މަތީ އަގު. އެންމެ ދަށްކޮށް ސޯޅަ ރުފިޔާ. އެހެންވީމާ، މާދަމާއިން ފެށިގެން، މިފްކޯއިން މަސްގަންނާނީ، މި ދެންނެވި ގޮތަށް.

އާދެ، ކައްޓާތައް ޑިޖިޓަލައިޒް ކުރެވި، މި ދެންނެވި ބަދަލުތައް ގެނައީމަ، ޙަޤީޤަތުގައިވެސް ލިބޭ އަގު ވަރަށް ބޮޑުތަނުން މަތިވާނެ. މިއީ ހަމައެކަނި ކުރާ ކަމެއް ނޫން. މިކަން އެކަންޏެއްނޫން، މި ދެންނެވީ އަޅުގަނޑުމެން ތަރައްޤީގެ ގޮތުން މަސްވެރިކަމަށް، މަސްވެރިންނަށް ލިބޭ އެއްޗެއް ރަނގަޅު ކުރުމުގައި ކުރާ ކަމަކީ. އާދެ، އިތުރު ކަންކަން ކުރިއަށް އޮތްތާނގައި ކުރެވިގެންދާނެ.

އާދެ، އޭގެއިތުރަށް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ އަނެއް ކަމަކީ، ތެލުގެ ވާހަކަ. އާދެ، ރިޔާސީ އިންތިޚާބުގައި އަޅުގަނޑަށް މަސްވެރިންގެ ފަރާތުން އައި ވަރަށް މުހިންމު އަނެއް ކަމަކީ، ތެޔޮ ގަތުމުގެ ވާހަކަ. އަޅުގަނޑު ވަޢުދުވިން، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި، އެސް.ޓީ.އޯ.ގެ ރޭޓުގައި ތެޔޮ ލިބޭނެގޮތް، އިރާދަކުރެއްވިއްޔާ ހަދައިދޭނަމޭ. އެސް.ޓީ.އޯ. ރޭޓުގައި ތެޔޮ ލިބުމަކީ، މުހިންމު މަސައްކަތްތަކެއް ކުރެވިގެން ކުރެވޭނެ ކަމެއް. އާދެ، މިދިޔަ ދުވަސްތަކުގައި އެކަމަށްޓަކައި އެ ކުރެވުނީ އެ މަސައްކަތްތައް. ކުރެވި، ޢަމަލީގޮތުން އެސް.ޓީ.އޯ.ގެ ފިއުލް ސްކިޑްތައް، ފިއުލް ސްޓޭޝަންތައް އިންސްޓޯލް ކުރެވި، އެސް.ޓީ.އޯ.ގެ ރޭޓުގައި މިހާރު އެސް.ޓީ.އޯ.އިން ތެޔޮ ވިއްކަން މިއަދު މިފެށީ މި ރަށުގައި. އެހެންވީމާ، މިވަނީ އެ ވަޢުދު ފުއްދުމުގެ ޢަމަލީ މަސައްކަތް ފެށިފައި. ދެން ކޮންމެ އަތޮޅެއްގައި ގާއިމުކުރަން ހުރި، މިދެންނެވި މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތްވެސް މި ރަށުގައި، މިތަނުގައި ފެށުނު ގޮތަށް، ވަރަށް ބާރު ސްޕީޑުގައި، ކުރިއަށް އޮތް ހަފުތާތަކުގައި ގާއިމުކުރަމުންދާނެ އެސް.ޓީ.އޯ.އިން. ކޮންމެ އަތޮޅެއްގައި ކަނޑައަޅާފައިވާ ރަށުގައި ގާއިމުކުރާނެ. އަދި ދާގޮތަށް ގޮސް، އަޅުގަނޑު ވަޢުދުވީ ގޮތަށް މިކަން، މި އަންނަ މާރިޗު މަސް ނިމެންވާއިރަށް، މި ފިއުލް ސްޓޭޝަން ގާއިމުކުރަން ނިންމާފައިވާ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ގާއިމުކޮށް ނިންމާ، އަޅުގަނޑު ވަޢުދުވެފައިވާ ގޮތަށް، އެސް.ޓީ.އޯ. ރޭޓުގައި މަސްވެރިންނަށް ތެޔޮ ވިއްކޭނެ މަރުކަޒުތައް، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އޭރުން ގާއިމުވެ، ނިމިގެންދާނެ. އެކަންވެސް ވެގެންދާނީ، މަސްވެރިންނަށް ވަރަށް ބޮޑު ފައިދާއެއް ވާނެ ކަމަކަށް.

އޭގެއިތުރަށްވެސް، ތެޔޮ ވިއްކުމުގެ ކަންތަކުގައި، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މަސްވެރިންނަށް އިތުރު ކަންތައްތައް އެބަ ކޮށްދެން. އާދެ، މިފްކޯއިން މަސްވެރިންނަށް މި ދޫކުރާ ތެލަށް ބައެއް ބަދަލު މި ގެންނަނީ. އާދެ، މިއަދުން ފެށިގެން މި ގެނެވޭ ބަދަލަކީ، އެ ބަދަލުގެ ސަބަބުން، މަސްވެރިންނަށް މިހާރު ތެޔޮ މިދޭ އަގަށް އެވްރެޖްކޮށް ގެނެވޭ ބަދަލުގެ ތެރެއިން ގެނެވޭ ލުޔެއް. އާދެ، އަޅުގަނޑު މިފްކޯއިން މިހާރު ކަނޑައަޅާފައިވާ، ނޫނީވިއްޔާ ސަރުކާރުން މިކަން ކުރިއަށް ގެންދަން މިފްކޯއިން ނިންމާފައިވާ ގޮތް ދަންނަވާލާނަން. މާދަމާއިން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކުމުގައި، އެވްރެޖްކޮށް ފަންސާސް އެއްލާރި އަގުހެޔޮވެގެންދާނެ. އަދި، ތިން ޓަނަށްވުރެ މަތިން މިފްކޯއަށް މަސްކިރާ ފަރާތްތަކަށް، އެވްރެޖްކޮށް ހަތްދިހަ އެއްލާރި އަގުހެޔޮވެގެންދާނެ، މާދަމާއިން ފެށިގެން މިފްކޯގެ ހުރިހާ ސްޓޭޝަންތަކުން، މިފްކޯއިން ދޫކުރާ ހުރިހާ ތެލަކުން. އެއީ، ތޭރަ ރުފިޔާ ނުވަދިހަ ލާރިއަށް މަސްކިރާ ހުރިހާ ފަރާތްތަކަކަށް، މިފްކޯއިން ތެޔޮ ވިއްކާނެ، ތެޔޮ ދޫކުރާނެ. އަދި، ތިން ޓަނަށްވުރެ ގިނައިން މިފްކޯއަށް މަސްކިރާނަމަ، ތޭރަ ރުފިޔާ ހަތްދިހަ ދެލާރިއަށް ވެގެންދާނެ. އާންމު ފަރާތްތަކަށް، ސާދަ ރުފިޔާ ސާޅީސް ތިންލާރިއަށް.  

އާދެ، މިއީ ދެކުނުގެ މަސްވެރިންނަށް ބަލާއިރުގައި، އެވްރެޖްކޮށް އެ ފަރާތްތަކުން ދުވާލަކު، ދެހާސް ލީޓަރު ތެލަށް ޚަރަދުކުރޭ. ތެޔޮ ބޭނުންކުރައްވާއިރުގައި އެވްރެޖްކޮށް، ގާތްގަނޑަކަށް ހާހެއްހާ ރުފިޔާ ސޭވްވެގެންދާނެ ކަމެއް. އެހެންވީމާ، މިއީ އިރާދަކުރެއްވިއްޔާ އެސް.ޓީ.އޯ.ގެ ބޭސް ރޭޓުގައި، އެސް.ޓީ.އޯ.އިން ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައި ފިއުލް ސްޓޭޝަން ހެދުމުގެ އިތުރަށް، އެފް.އެސް.އެމް.އާއި، މިފްކޯއާ ގުޅިގެން ގެނެވުނު އެރޭންޖްމަންޓެއްގެ ތެރެއިން، މިފްކޯއިން ސީދާ މަސްވެރިންނަށް ތެޔޮ ވިއްކުމުގައި، ތެޔޮ ދޫކުރުމުގައި ދެވޭ ވަރަށް ބޮޑު ލުޔެއް. އަދި މަސްވެރިންނަށް އޭގެ ސަބަބުން، ވަރަށް ބޮޑެތި ފަސޭހަތައް، އާމްދަނީއަށް ލިބިގެންދާނެ ކުރިއެރުންތަކެއް ކަމުގައި އަޅުގަނޑު ޤަބޫލުކުރަން. އެކަމަށްޓަކައި އަޅުގަނޑު މިފްކޯއަށާއި، އެސް.ޓީ.އޯ.އަށާއި، އަދި މިކަމުގައި ބައިވެރިވި ފިނޭންސް މިނިސްޓްރީއާއި، ފިޝަރީޒް މިނިސްޓްރީއާއި، ޖުމްލަކޮށް ހުރިހާ ފަރާތްތަކަށް، އަދި ޖުމްލަކޮށް ހުރިހާ މަސްވެރިންނަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން.

އާދެ، މި ދެންނެވި ކަންކަމުގެ އިތުރަށްވެސް އަޅުގަނޑުމެން މި ބަލަނީ، މަސްވެރިންނަށް އަޅުގަނޑު ވެފައި ހުރި ވަޢުދުތަކަށް، އަދި މަސްވެރިންގެ ކަންބޮޑުވުންތަކަށް ޙައްލު ގެނެސްދިނުމަށް. އާދެ، ރަނގަޅު ރޭޓުތަކުގައި ތެޔޮ ލިބުމާއި، މަސް ކިރުމަށްޓަކައި ގާއިމުކުރެވޭ ކަންކަން ރަނގަޅު ކުރުމާއި، މި ހުރިހާ ކަމެއްގެ އިތުރަށްވެސް، އައިސް ލިބޭނެގޮތް ހެދިގެން ދިއުމާއި، ކޯލްޑް ސްޓޯރޭޖާ، މި ހުރިހާ ކަމަކީވެސް، މަސްވެރިންނަށް މުހިންމު ކަންތައްތައް. ޕްރެޒެންޓޭޝަންގައި ވަރަށް ތަފުސީލުކޮށް ހުރިހާ ކަމެއް އެއޮތީ ބަޔާންކޮށްދެވިފައި. އާދެ، އައިސް ސްޓޯރޭޖް ކެޕޭސިޓީ އަޅުގަނޑުމެން އިތުރުކުރަން މިކުރާ މަސައްކަތް، މި ފެށިފައިވާ މަސައްކަތްތައް ނިމިގެންދާއިރުގައި، މަސްވެރިކަމަށް ވަރަށް ބޮޑެތި ކުރިއެރުންތައް މި އަންނަނީ.

އަދި އޭގެއިތުރަށް، ކޮންމެ ދޯންޏެއްގައި އައިސް ސްޓޯރޭޖް ކެޕޭސިޓީ، އާރު.އެސް.ޑަބުލިޔޫ. ނިޒާމުގެ ތެރެއިން ގާއިމުކުރުމަށްޓަކައި، މިހާތަނަށް 35 ދޯންޏަކަށް ލޯނު ދޫކުރެވިފައިވާއިރުގައި، މިހާރު އެއޮތީ ހުޅުވާލެވިފައި، އިތުރު 200 ފަރާތަކަށް މި ލޯނު ނެގޭގޮތަށް، 200 ފަރާތަކަށް، 200 ދޯންޏެއްގައި. އެހެންވީމާ، އަޅުގަނޑު އުންމީދުކުރަން، ގާތްގަނޑަކަށް މި ހުރިހާ ލޯނުތަކެއް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި، މަސްވެރިން ނަންގަވާނެ ކަމަށް. އޭރުން ކޮންމެ ދޯންޏެއްގައި، އިތުރު 200 ދޯނީގައި ގާއިމުވެގެންދަނީ، އާރު.އެސް.ޑަބްލިޔޫ. ނިޒާމު. އާދެ، މިކަންވެސް ވެގެންދާނީ، ވަރަށް ބޮޑު ކުރިއެރުމެއް، ވަރަށް ބޮޑު ފަސޭހައެއް، މަސްވެރިކަމުގެ މަސައްކަތްކުރާ ފަރާތްތަކަށް ލިބިގެންދާ ކަމަކަށް.

އާދެ އޭގެއިތުރަށްވެސް، އަޅުގަނޑުމެން މި ފަށާ ޕްރޮސެސިންގ ފެކްޓްރީތަކާއި، އިތުރު ފެސިލިޓީތައް މިހާރު ފެށިގެން އެދަނީ. ބޭރުގެ ބައެއް އެހީތަކުގެ ތެރެއިން ކުރެވޭ ބައެއް މަސައްކަތްތައް، މިދިޔަ ދުވަސްތަކުގައި ޢަމަލީ ފޭސްއަށް، ސްޓޭޖަށް ގެންދިއުމަށްޓަކައި ނެގި ވަގުތު، އެ ޑިއު ޕްރޮސެސް ނިންމުމަށްޓަކައި ނެގި. މިހާރު އެ ހުރިހާ ލޯނު ފެސިލިޓީޒްއެއްގެ ތެރެއިން ޢަމަލީގޮތުން، ދެންމެ ޕްރެޒެންޓޭޝަންގައި އެ ދެއްކުނު ހުރިހާ ތަނެއްގެ ޢަމަލީ މަސައްކަތް ފެށުމަށް އެއޮތީ ތައްޔާރުވެފައި. އެހެންވީމާ، އެކަންތައް ތިޔަބޭފުޅުންނަށް، މަސްވެރިންނަށް، ހުރިހާ ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެ، އެ ރަށްރަށުގައި އެ ކަންކަން ކުރިއަށް އޮތް ދުވަސްތަކުގައި ދާ ބާރު ސްޕީޑު. އެހެންވީމާ، އެ ކަންކަން ނިމިގެން ދާއިރުގައި، ވެގެންދާނީ، އިރާދަކުރެއްވިއްޔާ ވަރަށް ބޮޑު ކުރިންއެރުންތަކެއް މި ކަންކަމުގައި ވެގެންދާނެ ކަމެއް ކަމުގައި. އެހެންވީމާ، ތެލުގެ މައްސަލައަށް، އައިސްގެ މައްސަލައަށް، މި ކަންކަން ޙައްލުކުރުމުގެ ކަންތައްތައް، ބާރު ސްޕީޑުގައި ޙައްލުވެގެންދާތަން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ.

އާދެ އޭގެއިތުރަށް، މަސްވެރިންނަށް އެކިކަހަލަ ފަސޭހަކަން ފޯރުކޮށްދިނުމަށް، އަޅުގަނޑު ވެފައި ހުރި ވަޢުދުތައް ފުއްދުމަށްޓަކައި، ދަފުތަރެއް ގާއިމުކުރެވި، އެ ދަފުތަރުގައި މިހާރު ވަރަށް ގިނަ މަސްވެރިން ބައިވެރިވެވަޑައިގެންފި. ޤާނޫނީ ހައިސިއްޔަތެއް ލިބިގެންވާ ދަފުތަރެއް އެއީ. މި ދަފުތަރުގައި ބައިވެރިވީމަ، ދެންމެ މިތާނގައި ލޯންޗް ކުރެވިގެން އެދިޔަ، އަދި މިހާރުވެސް ބޭނުންކުރަން ފަށާފައިވާ ލޯން ސްކީމްތަކާއި، މި ހުރިހާ ފެސިލިޓީއަކަށް އެޕްލައި ކުރުމުގެ ފުރުޞަތު ލިބިގެން މިދަނީ. އާދެ، ކުރީގައި އިނގިރޭސި ބަހުން، މިހާރު ދިވެހިބަހުންވެސް އެޕްލައި ކުރެވޭގޮތަށް މި ބަދަލުކުރެވުނީ. ވަރަށް ފަސޭހަކަމާއެކީގައި، އެކިކަހަލަ ލޯނުތަކަށް މިހާރު މަސްވެރިންނަށް އެޕްލައި ކުރެވޭގޮތަށް، ފުރުޞަތު ހޯދޭގޮތަށް މިއޮތީ ފަސޭހަކޮށްދެވިފައި، އެކިކަހަލަ ލޯނުތައް ނެގުމަށް. އެއީ، ދެންމެ މިތަނުގައި ދެއްކިގެން ދިޔަގޮތަށް، އެކި ކަންކަމުގައި، ލުއި ލޯނުތަކަށް، ގެދޮރު ގަތުމާއި، ގެދޮރު މަރާމާތު ކުރުމާއި، ފްލެޓް ގަތުމާއި، މިކަހަލަ ހުރިހާ ހައުސިންގއާ ގުޅޭ އެކިކަހަލަ ލޯނުތައް، އެކި އަދަދުތަކުގެ ލޯނުތައް ނެގުމަށާއި، އަދި އޮޑިދޯނިފަހަރު، މަސްވެރިކަމަށް ބޭނުންވާ ދޯނިތައް ބަނުމާއި، މަރާމާތު ކުރުމާއި، ދޯނީގެ މިކަހަލަ ހުރިހާ ކަމަކަށް ލޯނު ނެގުމާއި، އަދި އިތުރު އެހެން ކަންކަމަށްވެސް. މަސްވެރިކަމުގައި މަސައްކަތްކުރާ ފަރާތްތަކުގެ ދަރިންނަށް ކިޔަވައިދިނުމަށްޓަކައި ލޯނު ނެގުމާއި، މި ހުރިހާ ކަމަކަށްވެސް މިހާރު މިވަނީ ފުރުޞަތު ހުޅުވާލެވިފައި. މި ދަފުތަރުގައި ރަޖިސްޓަރ ވެގެން، ކުރިމަތިލެވޭ ގޮތަށް.

ކުރީގައި އެއްގޮތަކަށްވެސް މަސްވެރިންނަކީ، ނިޒާމެއްގެ ތެރެއިން ރެކޮގްނައިޒް ކުރެވިފައި ތިބި ބައެއް ނޫން. އެހެންނަމަވެސް، އަޅުގަނޑު ވަޢުދުވީ ގޮތަށް، އެ ރެކޮގްނިޝަން މިހާރު ނިޒާމީ ގޮތުން މިއޮތީ، ދަފުތަރުގައި ރަޖިސްޓްރީވީމާ ގާއިމުކުރެވިފައި. އަދި ފައިނޭންޝަލް އެކިކަހަލަ ފުރުޞަތުތައް، ކުރީގައި އެއްގޮތަކަށްވެސް ނެތް ފުރުޞަތުތައް، ލުއި ފުރުޞަތުތައް، ފަސޭހައިން އެޕްލައި ކުރެވޭ ފުރުޞަތުތައް ހޯދައިދެވިފައި، ހުޅުވާލެވިފައި. ވަރަށް ފަސޭހަކަމާއެކީގައި. ދިވެހި ބަހުންނާއި، އިނގިރޭސި ބަހުންވެސް ބޭނުންކުރެވޭނެ. އެހެންވީމާ، ވަރަށް ފަސޭހަކަމާއެކީގައި، މިހާރު މިހިރަ ހުރިހާ ކަމަކަށް އެޕްލައި ކުރެވޭ އެބަ.

އެހެންވީމާ، އަޅުގަނޑުމެން މި ބަލަނީ، މި އިންޑަސްޓްރީ ކުރިއެރުވުމަށްޓަކައި، އެކިކަހަލަ ކަންތައްތައް، ވަޢުދުވެފައި ހުރި ކަންކަމާއި، އަދި އޭގެއިތުރަށްވެސް ގެންނަންޖެހޭ އެކިކަހަލަ ކުރިއެރުންތައް، މަސްވެރިންގެ ފަރާތްޕުޅުން ތިޔަ ދެއްވާ ޚިޔާލުފުޅުތަކާ އެކީގައި، މަޝްވަރާތަކާ އެކީގައިވެސް ގެނައުމަށްޓަކައި މަސައްކަތްތައް ކުރަން.

އާދެ، މީގެއިތުރަށްވެސް، އަޅުގަނޑުމެން ގިނަ ކަންތައްތަކެއް، ކުރިއަށް އޮތްތާނގައިވެސް ކުރިއަށް ގެންދާނަން. ކަޅުބިލަމަސްވެރިކަމާ އެކީގައި، ބޮޑުކަންނެލީގެ މަސްވެރިކަމަކީ، މި ސިނާއަތު ކުރިއަށް ގެންދިއުމުގައި، ވަރަށް މުހިންމު ކަމެއް އަޅުގަނޑުމެން ދޭ ދާއިރާއެއް. އާދެ، ބޮޑުކަންނެލީގެ މަސްވެރިކަން ކުރިއެރުވުމަށްޓަކައި، އަޅުގަނޑު ވެފައި ހުރި ވަޢުދުތައް ފުއްދުމަކީ، މީގެތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކަންތައް. އެކަން ކުރުމަށްޓަކައި، ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ. އެ މަސައްކަތްތައް އަޅުގަނޑުމެން މި ކުރަނީ. އެ ސިނާއަތުގައި، ނޫނީވިއްޔާ ބޮޑުކަންނެލީގެ މަސްވެރިކަންކުރާ ފަރާތްތަކަށްވެސް އެކަމުގެ ތަފުސީލު އެނގިވަޑައިގަންނަވާނެ. ކުރިއަށް އޮތް ދުވަސްތަކުގައި، މީގެތެރެއިން އެންމެ މުހިންމު އެއްކަމަކީ، އަޅުގަނޑު ވެފައިވާ އެންމެ މުހިންމު އެއް ވަޢުދު. ކަޅުބިލަމަސް ފަދައިން، މިފްކޯއިން ބޮޑުކަންނެލި ގަތުމަށްޓަކައި ފެށުމަށްވާންޖެހޭ ތައްޔާރީތައް ވުން. އެއީ އަޅުގަނޑު ވީ އެއް ވަޢުދު. އެ ވަޢުދު ފުއްދުމަށްޓަކައި، ވަރަށް ގިނަ މަސައްކަތްތަކެއް މި ކުރަނީ. ހުޅުމާލޭގައި ފެސިލިޓީއެއް ގާއިމުކުރުމަށް ފެށޭ މަސައްކަތް، ދެންމެ ޕްރެޒެންޓޭޝަންގައި އެ ވިދާޅުވީ. ދެން، އޭގެއިތުރަށް، ކަނޑުއޮތްގިރީގައި މި ފެސިލިޓީ ގާއިމުކުރުމަށްޓަކައި، އަޅުގަނޑުމެން ފަށައިގެން އުޅޭ މަސައްކަތްތައް. މި ކަންކަން ކުރިއަށްދާނެ.

އަދި އޭގެއިތުރަށްވެސް، އަޅުގަނޑުމެން ވަރަށް ފުޅާކޮށް އެކި މަސައްކަތްތައް މި ކުރަނީ. ވީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ޢަމަލީގޮތުން، ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރެވޭނެ ގޮތެއް އަޅުގަނޑުމެން ގާއިމުކުރުމަށް.

އާދެ، އަޅުގަނޑު މިއަދު އޮތް ފޯރަމްގައިވެސް ދެންނެވިފަދައިން، މިހާތަނަށް މި އެޗީވްކުރި، ހާސިލުކޮށްދެވުނު، ނޫނީ ހާސިލުކުރެވުނު ވަޢުދުތައް ހާސިލުކުރިގޮތަށް، ދެމެހެއްޓެނިވި ގޮތެއްގައި މިކަންވެސް ކުރަން ބޭނުންވަނީ. އަޅުގަނޑުމެން 48 ގަޑިއިރު ކަޅުބިލަމަހަށް ފައިސާދޭން އަޅުގަނޑުމެން ފެށީ، އެ ފެށިގޮތަށް މިއަދާ ހަމައަށް މި އާދެވުނުގޮތަށް އެކަން ކުރެވޭނެގޮތް ޔަގީންކޮށްފައި. އެއީ، އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުވީ ވަޢުދެއްވިއްޔާ، ޙަޤީޤީ މާނައިގައި، އިޚްލާޞްތެރިކަމާއެކީ، ތެދުވެރިކަމާއެކީ، އަމާނާތްތެރިކަމާއެކީ ފުއްދަން. މިއަދު ފަށާފައި، މާދަން މެދުކެނޑޭ ގޮތަކަށް ވާކަށް ބޭނުމެއްނޫން. އެހެންވީމާ، ފަހަރަކު ކަމެއް ކުރަމުންގޮސް، އަޅުގަނޑު ވަޢުދުވީގޮތަށް ވިހި ރުފިޔާއާ ހަމައަށްވެސް ކަޅުބިލަމަހުގެ އަގު ގެންދިޔުމަށް މަސައްކަތް މި ކުރަނީ. މިއަދު މި އިޢުލާނުކުރި ކަންކަމާ އެކީގައިވެސް، އެ ދިމާއަށް ވަރަށް ބޮޑަށް އެދަނީ. ހަމަ އެގޮތަށް ބޮޑުކަންނެލިވެސް.

އެހެންވީމާ، އަޅުގަނޑު ވަޢުދުވެފައި މިއޮތީ، މިފްކޯއިން، ސަރުކާރު ކުންފުނިން، މިކަން ފެށުމަށް. ފެށުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ ކަންކަން މި ފަށަނީ، ދެން މެދުނުކެނޑި ހަމަ ރަނގަޅަށް ޙަޤީޤީ މާނައިގައި އެކަން ކޮށްދެވޭގޮތަށް ކުރަން. މާލަސްތަކެއްނުވެ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިކަން ކުރާނަން. އަޅުގަނޑުމެންނާ މިކަމުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކެއް މި ގެންދަނީ އެކަން ބާރު ސްޕީޑުގައި ހާސިލުކުރުމުގެ ވަރުގަދަ ޢަޒުމުގައި މަސައްކަތްތައް ކުރަމުން. އާދެ، އެހެންވީމާ، އަޅުގަނޑުމެން މި ވަޢުދު ފުއްދުމުގެ، ޢަމަލީގޮތުން މި ވަޢުދު ފުއްދުން ހާސިލުކުރާނަން އިރާދަކުރެއްވިއްޔާ، ވަރަށް އަވަހަށް. ހާސިލުކުރެވިގެންދިޔައިމާ ދެން އިރާދަކުރެއްވިއްޔާ، މި ކަންބޮޑުވުން އެކީ އެކައްޗަކަށް ނެތިގެންދާނެ.

އާދެ، އެހެންވީމާ ހުޅުމާލޭގައާއި ކަނޑުއޮތްގިރީގައި، އަޅުގަނޑުމެން ފަށައިގަންނަން އުޅޭ މަސައްކަތްތައް މިހާރު މި ގޮސްފައިވާ ހިސާބުން މާ ލަސްތަކެއްނުވެ، އަޅުގަނޑުމެންނަށް މިކަން ހާސިލުވާނެ. އެހެންވީމާ، އެއީ އަޅުގަނޑު ހިތުން އެންމެ ބޮޑަށް އަޅުގަނޑުމެން ސަމާލުކަންދޭ ކަމަކީ މި ދާއިރާއިން، ބޮޑުކަންނެލީގެ މަސްވެރިކަމުގެ ތެރެއިން އަޅުގަނޑުމެން ކުރާ ކަންތައްތަކުގެ ތެރެއިން.

އާދެ، އެހެންވީމާ، ހަމައަގު ހޯދައިދިނުމުގައި، ސަރުކާރުން ބޮޑުކަންނެލި ގަންނަން ފެށީމަ، ދެން ޕްރައިވެޓް ސެކްޓަރއިން މިހާރު އެ ދިމާވާ މައްސަލައަށް ސަރުކާރުން ސީދާ މި ކަމުގައި، ދެމެހެއްޓެނިވި ގޮތެއްގައި، އެކަން ފަށައިގަންނައިރުގައި، އަޅުގަނޑު ވަޢުދުވީގޮތަށް އެކަން ކުރުމަށްޓަކައި ފަށައިގަންނައިރުގައި، ފަށައިގަންނާނީ ހަމަ މި ދެންނެވިފަދައިން، ޙަޤީޤީ މާނައިގައި އަޅުގަނޑުގެ ވަޢުދު ފުދިގެންދާ ގޮތަށް. އެހެންވީމާ، އަޅުގަނޑު އެދެނީ، އަދި ޔަގީންކުރަނީ، މި މަސްވެރިކަމުގައި އުޅޭ ހުރިހާ ފަރާތްތަކުންވެސް މިކަމުގައި އަޅުގަނޑުމެން މި ފަށައިގަންނަ، ނޫނީވިއްޔާ އަޅުގަނޑުމެން މި ކުރާ ކަންކަމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް.

އާދެ، މަސްވެރިކަމުގެ ޞިނާޢަތަކީ، އަޅުގަނޑު ދެންމެ ފަށަމުން ދެންނެވިފަދައިން، އަޅުގަނޑު އެންމެ އިސްކަމެއްދޭ ޞިނާޢަތު. އަޅުގަނޑުމެންގެ ލޭނާރުގެ ގޮތުގައި، މައި ޞިނާޢަތުގެ ގޮތުގައި ކަނޑައެޅުމަށްޓަކައި، އަދި ޙަޤީޤީ މާނައިގައި، އެކަން އެގޮތަށް ހެދުމަށްޓަކައި، މި ކުރަމުންދާ މަސައްކަތް މިކުރަނީ، އެކަން ދެމެހެއްޓެނިވި ގޮތެއްގައި، ޙަޤީޤީ ގޮތުގައި، އިޚްލާޞްތެރިކަމާއެކީގައި ކުރުމަށް. އެހެންވީމާ، މި ކަމުގައި ބޮޑުކަންނެލީގެ މަސްވެރިކަންކުރާ ފަރާތްތަކުންވެސް، ފުރިހަމަ އެއްބާރުލުން ދެއްވާނެކަމީ އަޅުގަނޑު ޔަގީންކުރާ ކަމެއް.

އާދެ، މަސްވެރިކަމުގެ ޞިނާޢަތު ކުރިއެރުވުމަށް މި ކުރެވޭ މަސައްކަތަކީ، ޤައުމީ މަސައްކަތެއް. ވަރަށް ބޮޑު ޤައުމީ މަސައްކަތެއް. އަމިއްލަ ފަރުދުންގެ ދިރިއުޅުމާއި، ޢާއިލާތަކާއި، ރަށާއި، ޤައުމުގެ، މުޖުތަމަޢުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކެއް. އެކަންކަން ކުރުމުގައި، އަޅުގަނޑުމެން މަސައްކަތް މިކުރަނީ، ސީދާ މަސްވެރިންނާ ގާތުން. ސީދާ މި ކަމުގައި އުޅޭ ފަރާތްތަކާ ގާތުން. އެހެންވީމާ، މި ކަމުގައި ހުރިހާ ފަރާތްތަކުން އަޅުގަނޑުމެންނާ އެކީގައި، ފުރިހަމައަށް އެއްބާރުލުން ދެއްވައިގެން މަސައްކަތް ކުރުމަކީ، އަޅުގަނޑު ޔަގީންކުރާ ކަމެއް. އެކަމަށް ކުރެވޭ މަސައްކަތްތަކުގައި، އަޅުގަނޑުމެންގެ ތެރޭގައި، މި ޤައުމީ ވިސްނުމާ ދެކޮޅު، މީގެ ތެރޭގައި ސިޔާސީ އޮއިވަރު ވައްދައިގެން، ކަންކަން ކުރަން އުޅޭ އުޅުމަށް، މަސްވެރިކަމުގައި މަސައްކަތްކުރާ ފަރާތްތަކުން ޖާގަ ނުދެއްވުމަކީ، އަޅުގަނޑު ހިތުން އެންމެ ރަނގަޅު ގޮތަކީ. އެގޮތަށް އެކަން ވެގެންދިޔައިމާ ޤައުމަށް އެއިން، ޞިނާޢަތަކަށްވާ ފައިދާއެއް ނެތް.

އަޅުގަނޑުމެން ކުރާ މަސައްކަތް ވަރަށް ދެފުށް ފެންނަ ގޮތެއްގައި ފެންނަމުން މިދަނީ. ވަރަށް ސާފުކޮށް، އަޅުގަނޑުމެން ކުރާ ކަންކަން މިހިރީ ފެންނަން. އެހެންވީމާ، މިގޮތުން މިކުރެވޭ މަސައްކަތުގައި އެންމެން އެއްބާރުލުންދީގެން ކުރިއަށް ގެންދާކަމުގައިވާނަމަ، ހަމަ ޔަގީންކަމާ އެކީގައި އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، ބޮޑުކަންނެލީގެ މަސައްކަތްކުރާ ފަރާތްތަކަށްވެސް، އަޅުގަނޑުވީ ވަޢުދާ އެއްގޮތަށް އެކަން ފުރިހަމަވެގެންދާނެއޭ. އެކަން އެދަނީ ވަރަށް ގާތުން ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތަށް، ފުރިހަމަވެގެން.

އާދެ، މައިގަނޑު ގޮތެއްގައި އަޅުގަނޑުވީ ވަޢުދުތައް، ތެލާއި، އައިސްއާއި އަދި ސަރުކާރުގެ ފަރާތުން މަސްގަތުމާއި، މި ތިން ކަންތައް. މިއީ ބޮޑުކަންނެއްޔާ ބެހޭގޮތުން އަޅުގަނޑުވީ މައިގަނޑު ވަޢުދުތައް ގުޅޭ ތިން ކަންތައް. އެ ކަންކަން ވަމުންދާގޮތް އަޅުގަނޑު ދެންމެ މި ދަންނަވާލީ. ތަކުރާރުކުރާކަށް ނެތިން. އެހެންވީމާ، އަޅުގަނޑު ޔަގީންކުރަނީ ކުރިއަށް އޮތް ދުވަސްތަކުގައި، މިގޮތަށް އެންމެން ގުޅިގެން ކުރެވޭ މަސައްކަތެއްގެ ނަތީޖާއަކަށްވާނީ، އެކަން ހާސިލުވެގެން ދިޔުން. އެއްވެސް ވަރަކަށް މީގައި އެނޫންގޮތަކަށް މި ސަރުކާރުގެ ތެރޭގައި މި ސިޔާސަތު ނެތް. އެހެންވީމާ، އެއްވެސް ފަރާތަކުން ދައްކާ ވާހަކައެއް އެއީ ޙަޤީޤަތެއްތޯ ނުބައްލަވައި، ސިޔާސީ ފަރާތްތަކުގެ އެކި ކަހަލަ ސިޔާސީ އޮއިވަރުގައި އަޅުގަނޑުމެން ނުޖެހި، އަޅުގަނޑުމެންގެ އިޤްތިޞާދު ކުރިއެރުވުމުގައި، ޞިނާޢަތް ކުރިއެރުވުމުގައި، އެންމެން އެކުގައި ގުޅިގެން މަސައްކަތް ކުރުމަކީ، އަޅުގަނޑު އިލްތިމާސްކުރާ އަދި ޔަގީންކުރާ ކަމެއް.

އާދެ، މިގޮތުން އަޅުގަނޑުމެން މި ޞިނާޢަތު ކުރިއެރުވުމުގައި ހަމަ މަސްވެރިކަމުގެ ދާއިރާގައި އެންމެ ފުޅާކޮށް، ކުރެވެން ހުރި ހުރިހާ މަސައްކަތެއް މިދަނީ ކުރިއަށް ގެންދަމުން. ވަރަށް ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރިއަށްގެންދެވޭނެ. ޕްރޮސެސިންގގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް ބޭނުންވާ ފުރުޞަތުތައް ހުޅުވައިލުން. އެކި ކަހަލަ ލޯނު ފެސިލިޓީތައް ހުޅުވާލުމުގެ މަސައްކަތްވެސް މިހާރު އެވަނީ ފެށިފައި. ވަރަށް ގިނަ ފަރާތްތަކަށް އެކި ކަހަލަ ލޯނުތައް ލިބޭގޮތަށް އެވަނީ، އެކި ވަރުވަރުގެ ލޯނުތަކަށް ފުރުޞަތު ހުޅުވައިލެވި، އެކި ފުރުޞަތު އެވަނީ ހުޅުވާލެވިފައި. އަދި މި އިންޑަސްޓްރީގައި މި އުފައްދާ ތަކެތި މާކެޓް ކުރުމަށްޓަކައިވެސް، އެކަމަށް ޚާއްޞަ ކުންފުންޏެއް އުފެއްދިގެންވެސް އެ ކުރެވޭ މަސައްކަތަކީ، އޭގެ ފުރިހަމަ ނަތީޖާ ކުރިއަށްއޮތް ތާނގައި ލިބޭނެ ކަންކަން. މިހާރަށްވުރެ ފުރިހަމައަށް. އަދި މި ޞިނާޢަތު އިތުރަށް ފުޅާކުރުމަށްޓަކައި މި ކުރެވޭ ކަންކަމުގައިވެސް، މެރިކަލްޗަރއާއި، ކަނޑުގެ އެކި ކަހަލަ ރޯދިތައް، އޭގެ ފުރިހަމަ ނަފާ ހޯދުމަށްޓަކައި މި ހުޅުވާލެވޭ އެކި ލޯނު ފެސިލިޓީތަކާއި، މި ކަންކަމަކީވެސް، މި ދާއިރާއިން ލިބިގެންދާ ވަރަށް ބޮޑެތި ފުރުޞަތުތައް.

އާދެ، ހަމައެއާއެކީގައި، ކުރިއަށް އޮތް ދުވަސްތަކުގައި އިރާދަކުރެއްވިއްޔާ، މި ދާއިރާއަށް ދިވެހިން އިތުރުކުރުމަށްޓަކައި، ޒުވާނުން އިތުރުކުރުމަށްޓަކައި، މި ކުރެވޭ މަސައްކަތަކީވެސް އަޅުގަނޑުމެން އިތުރަށް ސަމާލުކަންދޭނެ ކަމެއް. އާދެ، އަޅުގަނޑު ބޭނުންވަނީ މި ޞިނާޢަތަކީ، ހަމައެކަނި ދިވެހިން މަސައްކަތްކުރާ ޞިނާޢަތަކަށް އަނެއްކާވެސް ވާން. މިހާރު މި ވެފައިވާގޮތަކީ، މަޖުބޫރީ ޙާލަތަކުން ދޯނިތަކަށް ބޭރުމީހުން އަރުވަންޖެހިފައި ތިޔަބޭފުޅުންނަށް ތިވަނީ. މިއީ، މަޖުބޫރީ ޙާލަތެއް. އެހެންވީމާ، މި ޙާލަތުން އަރައިގަނެ، އަނެއްކާވެސް ހަމައެކަނި ދިވެހިން މަސައްކަތްކުރާ ޞިނާޢަތަކަށް، ދޯނިތަކުގައި މަސައްކަތްކުރަނީ، ހަމައެކަނި ދިވެހިންނަށްވުމަކީ، އަޅުގަނޑު އެންމެ ދެކެން ބޭނުންވާ ދުވަސް. އެކަމަށްޓަކައި ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރާނީ، އެގޮތަށް އެކަން ހާސިލުކުރެވޭގޮތަށް. މި ކަމަށްޓަކައި ހިތްވަރު ދިނުމަށްޓަކައި، މަގުފަހިކުރުމަށްޓަކައިވެސް، އަޅުގަނޑު އެކި ކަންކަން، ކުރިއަށް އޮތް ތާނގައި ތަޢާރުފު ކުރާނަން. ކުރަމުންދާނަން.

ސަރުކާރުން ޤައުމީ ފެންވަރެއްގައި ދޭ އިނާމުތައް ދިނުމުގައި، ޤައުމީ އެކި ކަހަލަ އިނާމުތައް ދިނުމުގައިވެސް، ޤައުމީގޮތުން ފާހަގަކުރެވޭ އެކި ކަންކަމުގައިވެސް، ޒުވާނުން މި ދާއިރާއަށް ނެރޭ ފަރާތްތަކަށް ހިތްވަރު ދިނުމަށްޓަކައި، އަޅުގަނޑުމެން ކަންކަން ކުރާނަން. ޒުވާނުން މަސްވެރިކަމަށް ނެރެ، މަސްވެރިކަމުގައި ޒުވާނުން ބައިވެރިކޮށް، އަދި ހަމައެކަނި ދިވެހިން، އެ ދޯންޏެއްގައި މަސައްކަތްކުރާގޮތަށް ކަންތައްތައް ބައްޓަންކުރުމަށް ހިތްވަރުދިނުމަށްޓަކައި، އެކި ކަހަލަ ކަންކަން ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން ތަޢާރުފު ކުރާނަން. ޤައުމީ ފެންވަރެއްގައި ދެވޭ އިނާމުތަކާއި، އަދި މިފަދަ މުހިންމު ކަންކަމުގައި އެންމެ މަތީ ފެންވަރުގައި، މި ފާހަގަކުރެވޭ ކަންކަމުގެ ތެރޭގައި، އިނާމުތައް ދިނުމުގެ ތެރޭގައި، އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައި ޒުވާނުންނަށް ޚާއްޞަކޮށް، އަދި ޖުމުލަކޮށް ދިވެހިން، އަނބުރާ މަސްވެރިކަމުގެ ޞިނާޢަތުގައި މަސްދޯނިތަކުގައި މަސައްކަތްކުރާގޮތަށް ބަދަލުކުރުމަށްޓަކައި ކުރެވެން ހުރި ހުރިހާ ކަމަކަށް ހިތްވަރުދިނުމަށްޓަކައި.

އެހެންވީމާ، އަޅުގަނޑު ދެކެން ބޭނުންވަނީ، މި ޞިނާޢަތުގައި އަޅުގަނޑުމެންނަށް މިހާރު މި ދިމާވެފައިވާ ޙާލަތުން އަރައިގަނެވޭނެކަހަލަ ގޮތަކަށް ކަންކަން ބައްޓަންވެގެންދާން. އަޅުގަނޑުމެން ސަރުކާރުން މި ގެންނަ ސިޔާސަތުތަކާއި އަދި މި ޞިނާޢަތު ކުރިއެރުވުމުގައި އެންމެން ގުޅިގެން މި ކުރެވޭ މަސައްކަތުން އަޅުގަނޑަށް ޔަގީނުންވެސް މިކަން ހާސިލުވާނެ. މި ޞިނާޢަތު ދޫކޮށް އެކި ފަރާތްތަކުން ދިޔަ ސަބަބުތައް، އަޅުގަނޑުމެން މި ޙައްލުކުރަނީ. ބަރާބަރަށް އާމްދަނީ ލިބޭނެގޮތް ހަދައިދިނުމާއި، ލިބޭ އެއްޗެއް އިތުރުކުރުމާއި، އެކި ކަހަލަ މައްސަލަތައް ޙައްލުކުރެވިގެން، ޞިނާޢަތު ކުރިއަރައިގެންދިޔުން ވެގެންދާނީ، ހަމަ ޔަގީނުންވެސް މިކަން ހާސިލުކުރުމުގައި އެންމެ ބޮޑު ކަމަކަށް. އަދި އިތުރު މަގުތައް ފަހިކޮށްދިނުމާއި، އެކި ކަހަލަ ލޯނު ފެސިލިޓީތައް ހޯދައިދިނުމާއި، މި ކަންކަން ކުރެވިގެން މިދަނީ، ހަމަ ޔަގީނުންވެސް މި ޞިނާޢަތު ކުރިއެރުވުމަށްޓަކައި.

އެހެންވީމާ، ޖުމުލަކޮށް ހަމަ ދަންނަވާލަން ބޭނުންވަނީ، މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި، ކުރިއަށް އޮތް ތާނގައި، މި ދެންނެވި ހުރިހާ ކަމެއް އަޅުގަނޑުމެން ކުރިއަށް ގެންދާނީ، ތިޔަބޭފުޅުން ތިޔަ ދެއްވާ ފުރިހަމަ އެއްބާރުލުމާ އެކީގައޭ. އަޅުގަނޑު ވެފައިވާ ވަޢުދާ އެއްގޮތަށް، މި ދާއިރާ ކުރިއަރުވާނަން. މި ދާއިރާއިން އަޅުގަނޑު ވެފައި ހުރި ހުރިހާ ވަޢުދެއް މި ދައުރުގައި ފުދިގެންދާނެ. އެއީ، ފުރިހަމަ ޔަގީންކަމާ އެކީގައި، މަސްވެރިކަމުގެ ޞިނާޢަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް އަޅުގަނޑު ދަންނަވާ ވާހަކައެއް. މެނިފެސްޓޯގައި އެހުރީ ވަރަށް ސާފުކޮށް ބަޔާންކޮށްފައި ހުރިހާ ވަޢުދެއް. އަދި ފަހުން އަޅުގަނޑު އެކި ތަންތަނުގައި ދައްކާފައި ހުރި ވާހަކަ ހުންނާނީ ލިޔެވިފައި. ރިޔާސީ ބަޔާނުގައި، އަދި އެހެނިހެން ކަންކަމުގައި ބޭއްވިފައި ހުރި ބައްދަލުވުން ތަކުގައި. މިއިން ކޮންމެ ވަޢުދެއް، މިއިން ކޮންމެ ކަމަކީ، އެކަމެއް ކުރުމަށްޓަކައި ދެއްކިފައި ހުރި ވާހަކަ. އެ ކަންކަން ހާސިލުކުރެވޭނެކަން ޔަގީންވާތީ ދެއްކިފައި ހުރި ވާހަކަ. އެކަން މިދަނީ އަޅުގަނޑުމެން ކުރަމުން. ކުރިއަށް އޮތް ތާނގައިވެސް ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނީ އަޅުގަނޑު ވެފައިހުރި ހުރިހާ ވަޢުދެއް ފުއްދާތަން.

އެހެންވީމާ، ޖުމުލަކޮށް ދަންނަވާލަން ބޭނުންވަނީ މަސްވެރިކަމުގެ މި މުހިންމު ދުވަހު، މުހިންމު ޙަފުލާގައި، މި އިންޑަސްޓްރީގައި އުޅޭ ހުރިހާ ފަރާތްތަކަށް، އަޅުގަނޑު ވެފައިހުރި ހުރިހާ ވަޢުދެއް އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި، ބާކީހުރި ހުރިހާ ވަޢުދެއް ފުދިގެންދާނެއޭ. ފުއްދައިދޭނަމޭ. އެ ޔަގީންކަން އަޅުގަނޑު އަރުވަން.

އާދެ، އަޅުގަނޑުމެން މަސައްކަތްކުރަމުންދަނީ މިގޮތަށް. ކޮންމެ ދާއިރާއެއް ކަމުގައިވިޔަސް، ކޮންމެ ޞިނާޢަތެއް ކަމުގައިވިޔަސް، ކޮންމެ ރަށެއްގެ ތަރައްޤީއަށް ކަމުގައިވިޔަސް، މުޅި ރާއްޖޭގެ ތަރައްޤީ ކަމުގައިވިޔަސް، އަޅުގަނޑު ވެފައި ހުރި ހުރިހާ ވަޢުދެއް ފުއްދުމަށްޓަކައި މަސައްކަތްކުރަމުންދަނީ. އެއްވެސް ވަޢުދެއް ނުވަން، އެ ވަޢުދު ނުފުއްދޭނެ ކަމަށްވާނަމަ. ނުފުއްދޭނެ ވަޢުދެއް ނުވަން. ފުއްދޭނެކަން އެނގޭތީވެ ވަޢުދުވެފައި ހުންނާނީ.

އާދެ، މިފަދަ މުހިންމު ބައްދަލުވުމެއް މި ރަށުގައި ބޭއްވިގެންދާއިރުގައި، މި ރަށުގެ ރައްޔިތުންނަށްޓަކައިވެސް އަޅުގަނޑު ބައެއް ކަންކަން ދަންނަވާލާނަން. އާދެ، ދުވާފަރަކީ ވަރަށް މުހިންމު ތަރައްޤީގެ ރަށެއް. ވަރަށް ހިތި މާޒީއަކާ ގުޅިފައިވާ ކަމަކާ އެކީގައި، ގުޅިފައިވާ މާޒީއެއް އޮތް ރަށެއް. އާދެ، މި ރަށުން މި މަސްވެރިކަމުގެ މި މުހިންމު އިވެންޓް، ނޫނީވިއްޔާ މި ކަމާ ގުޅިގެން މި ދެ ތިން ހަތަރު ދުވަހު މި ހިންގި ހުރިހާ ކަމެއްގައިވެސް، ހުރިހާ ރައްޔިތުން އެކުވެރިކަމާ އެކީގައި، ވަރަށް ގިނަ މަސައްކަތް ކުރައްވައިފި. ޢިއްޒަތްތެރި މަޖިލިސް މެންބަރުގެ ފުރިހަމަ ލީޑަރޝިޕާ އެކީގައި، އެ ކުރެވިގެންދިޔަ މަސައްކަތް، އަދި ކައުންސިލުންނާއި ހުރިހާ ފަރާތްތަކުން، އަދި އެކި ކަހަލަ ސްޕޮންސަރޝިޕް ދެއްވި ފަރާތްތަކާއި، ޖުމުލަކޮށް ހުރިހާ ފަރާތްތަކެއްގެ ފުރިހަމަ އެއްބާރުލުމާ އެކީގައި، ރަށުގެ ރައްޔިތުންގެ އެއްބާރުލުމާ އެކީގައި މިކަންކަން ވެގެންދިޔައީ. އެކަމަށްޓަކައި ދުވާފަރުގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އަދި އަޅުގަނޑަށް ހަމަ ފަށަމުން ދަންނަވައިނުލެވުނީ. އެއްގޮތަކަށްވެސް ހަނދާންނެތިގެނެއް ނޫން. މިއަދުގެ ޖަލްސާގެ ގޮތުން. އެހެންނަމަވެސް، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން، އަޅުގަނޑު މި ރަށަށް އަންނަ ކޮންމެ ފަހަރަކު، ރަށުގެ ރައްޔިތުން ވަރަށް ބޮޑު ތަރުޙީބެއް ދެއްވާ. ވަރަށް ބޮޑު އިސްތިޤުބާލެއް ކުރައްވާ. މިއަދުވެސް ވަރަށް ގިނަ ރައްޔިތުން ނުކުމެވަޑައިގެން އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ދުވާފަރުގެ ލޮބުވެތި ރައްޔިތުންނަށް، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، މި ރަށުގެ ތަރައްޤީއަކީ މި ދެންނެވިހެން ދެމެހެއްޓެނިވި ތަރައްޤީގެ ތެރެއިން ވަރަށް މުހިންމު ދައުރެއް އަދާކުރާ ރަށެއް. މަސްވެރިކަމުގެ ޞިނާޢަތުގެ ވާހަކަ ދައްކަމުންވެސް އަޅުގަނޑު ދެންނެވިފަދައިން، އަޅުގަނޑުވާ ކޮންމެ ވަޢުދެއް ފުއްދަންވެގެން މަސައްކަތްތައް ފަށަނީ، އެކަން ޙަޤީޤީ މާނައިގައި ކުރެވޭނެގޮތަށް ކަންކަން ތަރުތީބު ކޮށްފައޭ. ނަމެއްގައެއް ނުފަށަމޭ އެއްވެސް ކަމެއް. ނުވެސް ފަށާނަން އެގޮތަކަށް. އެއީ އަޅުގަނޑު ކަންކުރާ ގޮތެއްނޫން. މި ސަރުކާރުން ކަން ކުރާނެ ގޮތެއްނޫން.

އެހެންވީމާ، މި ރަށުގެ ތަރައްޤީއަށްޓަކައިވެސް، ކުރަންހުރި ހުރިހާ ކަމެއް އަޅުގަނޑުމެން މި ފެށީ، އެގޮތަށް އެ ކަންކަން ތަރުތީބުކޮށްފައި. މިއަދު މި ރަށުގައި އަޅުގަނޑުމެން އިރާދަކުރެއްވީތީ، 15 މަޝްރޫޢަކާ ގުޅޭ ކަންކަން ކޮށްފިން. އޭގެތެރެއިން ބައެއް ކަންކަމަކީ، ނިންމާފައި ހުޅުވި ތަންތަން. ބައެއް ކަންކަމަކީ ފެށުމަށްޓަކައި، ބިންގާ އެޅި، ޢަމަލީ މަސައްކަތް ފެށުނު ކަންކަން. ބައެއް ކަންކަމަކީ އެކަމަށްޓަކައި ކުރަންޖެހޭ ސޮއިކުރެވުނު ކަންކަން. މި ހުރިހާ ކަމެއް ހިމެނޭހެން ތަފާތު 15 މަޝްރޫޢަކާ ގުޅޭ އެކިކަހަލަ މަސައްކަތްތައް މިއަދު ކުރެވިގެން މި ރަށުގައި ހިނގައްޖެ. މިއީ އެއް ރަށެއްގައި، އެއް ދުވަހެއްގައި، އަޅުގަނޑު ހިތުން ކުރެވިގެންދިޔަ އެންމެ ގިނަ ކަންކަން.

އާދެ، ދުވާފަރުގެ ތަރައްޤީ ހާސިލުކުރުމަށްޓަކައި، މިދިޔަ ދުވަސްތަކުގައި ކަންކަން ނުވެ އޮތް އޮތުން އެއީ، އަޅުގަނޑު އެކަމަކާ ބެހޭ ވާހަކަ ދައްކަންޖެހޭނެ ކަމެއްނޫން. އަޅުގަނޑުގެ ޒިންމާއަކީ، އަދި އަޅުގަނޑުގެ މަސްއޫލިއްޔަތަކީ، އަދި އަޅުގަނޑު ކުރަންބޭނުންވާ ގޮތަކީވެސް، މި ރަށުގެ ތަރައްޤީއަށްޓަކައި، ހަމަ ޖުމުލަކޮށް ހުރިހާ ރަށެއްގެ ރައްޔިތުންގެ ތަރައްޤީއަށްޓަކައިވެސް، ކުރަންޖެހޭ ކަންކަން ކޮށްދިނުން. މި ސަރުކާރުން ރާއްޖޭގެ އިޤްތިޞާދު ރަނގަޅު ކުރަމުން، ރައްޔިތުންނަށްޓަކައި ކަންކަން ކޮށްދޭނީ މި ދެންނެވި ގޮތަށް. މި ރަށުގައިވެސް މިކަން މިކުރާ ގޮތަށް. މިދިޔަ ދުވަސްތަކުގައި އަޅުގަނޑު ހުރިހާ ރަށަކަށް ދިޔައިން. ދިޔައިރުގައި އެ ރަށްރަށުގައި ކުރަންހުރި ކަންކަން، އެ ވަގުތު ފެށެންހުރި ހުރިހާ ކަމެއް އަޅުގަނޑު ފަށައި، ސޮއިކުރެވެން ހުރި ހުރިހާ މަޝްރޫޢެއްގައި ސޮއިކޮށްފައި އެވަނީ، އެ މަސައްކަތްތައް ފެށުމަށްޓަކައި. މިހާރު އެކި ރަށްރަށުގައި، އެކި މިންވަރުތަކުގައި، އެކި ސްޕީޑުގައި އެދަނީ އެ ކަންކަން ފެށިގެން.

އާދެ، މިއަދު މި ރަށުގައި ފެށުނު ކޮންމެ މަޝްރޫޢަކީވެސް މި ދެންނެވިގޮތަށް ދާނެ ކަންކަން. ސޮއިކުރެވުނު ކޮންމެ މަޝްރޫޢަކީވެސް އެގޮތަށްދާނެ ކަންތައްތައް. އާދެ، މިސާލަކަށް، އެއް މަޝްރޫޢު އަޅުގަނޑު ހަމަ ދަންނަވާލާނަން. މިއަދު މި ރަށުގައި ޞިއްޙީ ދާއިރާގެ ކުރިއެރުމަށްޓަކައި އަޅުގަނޑުމެން މަޝްރޫޢެއްގައި ބިންގާއަޅައި، ނިމިފައި ހުރި މަސައްކަތެއް ހުޅުވީ. އާދެ، ޞިއްޙީ ދާއިރާ ކުރިއެރުވުމަށްޓަކައި، މިއީ 5000އަށްވުރެ ގިނަ ރައްޔިތުން އުޅޭ އާބާދީއެއްގައި ބޭނުންވާވަރާ ގާތަށްވެސް މީގެކުރިން ނެތް ޚިދުމަތްތައް ޤާއިމުވެފައި. މިއަދު އެކި ކަހަލަ ޚިދުމަތްތައް ހިމެނޭހެން، އާ އިމާރާތެއް މި ހުޅުވީ. އަދި އެ އިމާރާތުގައި މި ގާއިމުކުރެވުނު ޚިދުމަތްތަކަށް އިތުރަށް ބޭނުންވާ، ތިއޭޓަރ ކޮމްޕްލެކްސްއާއި، އިތުރު ވޯޑުތަކާއި، ހުރިހާ ކަމެއް، ނާރސިންގ ސްޓޭޝަނާއި، ދެން ޖުމުލަކޮށް ހޮސްޕިޓަލަކަށް ހެދުމަށް ބޭނުންވާ ހުރިހާ ކަމެއް ހިމެނޭ އިމާރާތެއްގެ މަސައްކަތްވެސް ބިންގާ އެޅިގެން މި ދިޔައީ.

އާދެ، މި ރަށުގައި ޞިއްޙީ ދާއިރާ ކުރިއެރުވުމަށްޓަކައި މި ކުރެވޭ ކަންކަމާއި، އަދި ދެން ފެށުނު މަޝްރޫޢުތަކަށް ބަލާއިރުގައި، މިސާލަކަށް ދަންނަވަންޏާ، ބިން ހިއްކުމުގެ މަޝްރޫޢު، މި ރަށުގައި ފަޅުތެރެއިން، ބިން އިތުރަށް ހިއްކެން އޮތް، އެންމެ ފުޅާމިނެއްގައި، މިއަދު ފެށިގެންދިޔަ މަޝްރޫޢު ނިމިގެންދާއިރު ބިން ހިކިގެންދާނެ. އާދެ، 15 ހެކްޓަރުގެ ބިން ހިއްކަން މަޝްރޫޢު ފެށުނުކަމުގައިވިޔަސް، މަޝްރޫޢު ނިމިގެންދާއިރުގައި، މި ރަށުގައި 30 ހެކްޓަރުގެ ބިން އިރާދަކުރެއްވިއްޔާ ހިކި، މިހާރު ހިކިފައި އޮތް ބިމާ ގުޅުވައިލެވިގެންދާނެ. އެކަން ވެގެންދާނީ، މި ރަށް ތަރައްޤީކުރުމަށްޓަކައި، ކުރަން ހުރި ހުރިހާ މަސައްކަތަކަށް ބޭނުންވާ އާބާދީ އެއްފަސްކުރުމާއި، ބޯހިޔާވަހިކަމާއި، ޞިނާޢަތްތައް ކުރިއެރުވުމާއި، އަދި ޚާއްޞަކޮށް، މަސްވެރިކަމުގެ ޞިނާޢަތް ކުރިއެރުވުމަށް ކުރެވިގެންދާނެ މުހިންމު ކަމަކަށް.

މަގުހެދުމުގެ މަޝްރޫޢަށް ބެލިނަމަވެސް، ތިން ވަނަ ފިޔަވަހިން މި ފެށީ. ބާކީހުރި ހުރިހާ މަގެއް އެ ފިޔަވަހީގައި ހެދިގެންދާނެ. ބާކީހުރި ހުރިހާ މަގެއް ހެދިގެންދާނެ، މަގުހެދުމުގެ ފިޔަވަހީގެ ދަށުން. އެހެންވީމާ، އެގޮތަށް މިކަން މި ކުރަނީ.

އާދެ، ސަރުކާރުގެ ސިޔާސަތުގެ ދަށުން މި ރަށް މިހާރު އަޅުގަނޑު މި ކަނޑައަޅާފައި މިވަނީ، އުނގޫފާރާ އެކީގައި ދުވާފަރަކީ، މި ދެ ރަށް އެކުގައި މިއީ އާރބަން ސެންޓަރެއްގެ ގޮތުގައި. އިރާދަކުރެއްވިއްޔާ، މި އާރބަން ސެންޓަރު އަޅުގަނޑުމެން ތަރައްޤީކުރާނީ، ދެމެހެއްޓެނިވި، ތަރައްޤީގެ ގޮތުން މެދު އަދި ދުރު ރާސްތާއަށް ބަލާއިރުގައި، ރާއްޖޭގެ ތަރައްޤީގެ މުހިންމު ނާރެހެއްގެ ގޮތުގައި. އާދެ، މި ދެ ރަށް ދޭތެރޭގައި އެކަނި ޑެޑިކޭޓް ކުރެވިފައިވާ، ޚާއްޞަ އާރު.ޓީ.އެލް. ފެރީއެއް އަޅުގަނޑުމެން ގާއިމުކުރާނަން. މި ދެ ރަށް ދޭތެރޭގައި އެކަނި ދަތުރުކުރާ އާރު.ޓީ.އެލް. ނިޒާމުގެ ތެރޭގައި، މި ދެ ރަށް ދޭތެރޭގައި އެއް ރަށުން އަނެއް ރަށާ ދޭތެރޭގައި ދަތުރުކުރާ އާރު.ޓީ.އެލް. ފެރީއެއް، މި އަންނަ ރަމަޟާންމަސް ފެށުމުގެ ކުރީގައި، އަޅުގަނޑުމެން ގާއިމުކުރާނަން. އޭރުން، ކޮންމެ ގަޑިއަކު އެއްފަހަރު ކަހަލަ ގޮތަކަށް، ވަރަށް ގިނަ ފަހަރު މި ދެ ރަށް ދޭތެރޭގައި، އުނގޫފާރާއި ދުވާފަރާ ދޭތެރޭގައި ދަތުރުކުރެވޭނެ. އެގޮތަށް އަޅުގަނޑުމެން މި ގާއިމުކުރަނީ. މި ސިނާޖީ އުފެއްދުމަށްޓަކައި. މި ސިނާޖީ އުފެއްދުމަށްޓަކައި މީގެ އިކޮނޮމީ އޮފް ސްކޭލް، އަދި މީގެ ހުރިހާ ފައިދާއެއް އިޖްތިމާޢީ ގޮތުންވެސް، އިޤްތިޞާދީގޮތުންވެސް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި. މި އަތޮޅަށްވެސް އެއިން ލިބޭނެ ތަރައްޤީ ވަރަށް ސާފުކޮށް ފެންނަން އެބައޮތް.

އާދެ، މިގޮތަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ތަރައްޤީ އަޅުގަނޑުމެން މި ގެންދަނީ. އެ ރަށެއްގެ އާބާދީއާއި، އެ ރަށެއްގެ ޖިއޮގްރަފިކަލް ޙަޤީޤަތްތަކާއި، އެ ރަށެއްގެ މުސްތަޤުބަލް ބިނާކުރެވެން އޮތް މިންވަރާއި، މި ހުރިހާ ކަމަކަށް ބިނާކޮށްގެން، އަޅުގަނޑުމެން އެކި ކަންތައްތައް ބައްޓަން މިކުރަނީ. ކޮންމެ ރަށެއްގައި ކުރަން ހުރި ކަންކަން ކުރަމުން، އަދި މެދު ރާސްތާއާއި ދުރުރާސްތާގެ ތަރައްޤީއަށް ބޭނުންވާ ކަންކަން މި ބައްޓަން ކުރަނީ. އެ ކަންކަން މިކުރަނީ ރާއްޖޭގައި މިއޮތް، ޖިއޮގްރަފިކަލީ ރަށްތައް ބެހިފައިވާގޮތާއި، އާބާދީ ބެހިފައިވާގޮތަށް ބަލައިގެން. މި ރާއްޖެ ކުރިއަށް ގެންދިޔުމުގައި ކަންކަން ކުރަންޖެހޭނެގޮތް ވިސްނައިގެން، ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކުރުމަށްޓަކައި. ދެމެހެއްޓެނިވި ތަރައްޤީއަކީ، އަޅުގަނޑުގެ ތަރައްޤީގެ ސިޔާސަތުގެ އެންމެ މުހިންމު އަސާސް. ދެމެހެއްޓެނިވި ތަރައްޤީ ހާސިލުކުރުން. އިޤްތިޞާދުތައް ކުރިއެރުވުމުގައިވެސް، ޢުމްރާނީގޮތުން ކުރިއެރުވުމުގައިވެސް، އިޖުތިމާޢީގޮތުން ކުރިއެރުން ހޯދައިދިނުން ކަމުގައިވިޔަސް، އަދި އޭގެ އިތުރަށް، ޤައުމީ ލެވެލްއެއްގައި ހުރި އެހެން ހުރިހާ ބޮޑެތި މައްސަލަތައް ޙައްލުކުރުން ކަމުގައިވިޔަސް، ދެމެހެއްޓެނިވި ގޮތެއްގައި އެކަމެއް ކުރުމުގެ ސިޔާސަތަކީ، އެންމެ މައިގަނޑު ބޭސްލައިން އަސާސް.

އެހެންވީމާ، އެގޮތަށް އިރާދަކުރެއްވިއްޔާ، ރާއްޖޭގެ ހުރިހާ ރަށެއް ތަރައްޤީކުރުމުގެ ކަންކަން އަޅުގަނޑުމެން ކުރިއަށް އޮތް ތާނގައިވެސް ކުރިއަށް ގެންދާނީ. އެކަމަށްޓަކައި ބޭނުންވާ މުހިންމު މަސައްކަތްތައް، މި ނިމިގެންދާ އަހަރު، މިހާރު އެވަނީ ގިނަ ރަށްތަކެއްގައި ފެށިފައި. އަދި މި އަންނަ އަހަރު ވެގެންދާނީ، އަޅުގަނޑު އަބަދުވެސް މި ދަންނަވާހެން، އަޅުގަނޑު އެތައް ފަހަރަކު މި ވާހަކަ ދަންނަވާލާފައި ވާނެ، ދެ އަހަރަށް ބަހާލައިގެން، އަޅުގަނޑު ވެފައިހުރި ހުރިހާ ވަޢުދެއްގެ ޢަމަލީ މަސައްކަތް ފެށޭ ވާހަކަ. އެހެންވީމާ، މި ދެންނެވި ސިޔާސަތު ހާސިލުކުރުމުގެ ގޮތުން، ބާކީ ހުރި ހުރިހާ މަޝްރޫޢެއް މި އަންނަ އަހަރުގެ ބަޖެޓުން އެވަނީ ހަމަޖެހިގެން ފަށާގޮތަށް ތަރުތީބު ކުރެވިފައި.

އެހެންވީމާ، މި ދެ އަހަރުގެ ތެރޭގައި، ރާއްޖޭގެ ތަރައްޤީއަށްޓަކައި ގާއިމުކުރެވެންޖެހޭ ހުރިހާ ތަންތަނާއި، ފަށަންޖެހޭ ހުރިހާ މަޝްރޫޢުތަކެއް ފެށި، ޢަމަލީގޮތުން އަޅުގަނޑު ވަޢުދުވެފައި ހުރި ހުރިހާ މަޝްރޫޢެއްގެ މަސައްކަތް ފެށިގެންދާނެ. އެއީ އެއްވެސް ސުވާލެއް އޮތް ކަމެއް ނޫން އިރާދަކުރެއްވިއްޔާ. އެގޮތަށް ކަންކަން އެވަނީ ތަރުތީބު ކުރެވިފައި. އެއީ ރާއްޖޭގައި ހުރި އިޖުތިމާޢީ ބޮޑެތި މައްސަލަތައް ޙައްލުކުރަމުންނާއި، ރާއްޖޭގެ މިނިވަންކަން ކަށަވަރު ކުރަމުން، ރާއްޖޭގެ ސިޔާދަތީ ބާރު ޔަގީންކުރަމުން، އިސްތިޤްލާލު ޔަގީންކުރަމުން، އަދި އެއާ އެކީގައި ޚާއްޞަކޮށް، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނަށް ދޭންޖެހޭ ސަމާލުކަންދީ، އިސްލާމްދީން ކުރިއަރުވައި، އިސްލާމްދީނަށް ނަޞްރު ދިނުމާ އެކީގައި، އަޅުގަނޑުމެންގެ ތެރޭގައި ހުރި ބޮޑެތި ބޮޑެތި މައްސަލަތައް، ބޮޑެތި ވަބާތައް، ބޮޑެތި މައްސަލަތައް އަޅުގަނޑުމެންގެ ތެރެއިން ޙައްލުކުރުމަށްޓަކައި މި ކުރެވޭ ކަންކަމާއި، މި ހުރިހާ ކަމެއް ގުޅި ލާމެހިގެން ދާދިޔުމުގެ ތެރެއިން، ކޮންމެ ރަށަކާއި، ކޮންމެ ސަރަޙައްދެއްގެ ތަރައްޤީގެ ކަންކަން މި ކުރަނީ. ކޮންމެ ޞިނާޢަތެއް ކުރިއެރުވުމަށްޓަކައި މަސައްކަތް މި ކުރަނީ.

އެގޮތުން މަސްވެރިކަމުގެ ޞިނާޢަތަށްޓަކައިވެސް މިއޮތްހާ ދުވަހު ނުކޮށްދީ ހުރި ކަންތައްތައް، އެ ކަންކަން ކުރުމަށްޓަކައި، އަޅުގަނޑުމެން މި ތެދުވީ. އެ ކަންކަން ކުރަން ނިންމައިގެން މި ތެދުވީ، ޙަޤީޤީ މާނައިގައި ކުރިއެރުން ގެނެސްދިނުމަށްޓަކައި. ހުސް ވާހަކައެއް ދައްކާކަށް ނޫން. ހުސް ވާހަކައެއް ނުވެސް ދައްކާނަން އަޅުގަނޑުމެންނެއް. ޙަޤީޤީ މާނައިގައި ކަންކަން ކޮށްދޭން. އަދި ކޮށްދޭ ކޮންމެ ކަމެއް ކޮށްދޭނީ، އެކަމާ ގުޅޭ މީހުންނާ ގާތުން ވާހަކަ އަޑުއަހައިގެން. އެ ބޭފުޅުން ވިދާޅުވާ ކަންކަން އަޑުއަހައިގެން. އަޅުގަނޑު އަބަދުވެސް މަސައްކަތްކުރާ ގޮތަކީ އެއީ. ގާތުން މަސައްކަތް ކުރުން. އެ ބައެއްގެ ގާތަށް ގޮސްގެން، ކަންކަން އޮޅުންފިލުވައިގެން، ނޫނީވިއްޔާ ވިދާޅުވާ ކަންކަން އަޑުއަހައިގެން، ރައްޔިތުންގެ ފަޅީގައި، އެ ބައެއްގެ ފަޅީގައި ތިބެގެން ކަންކަން ކުރުން. އެގޮތަށް އަބަދުވެސް އަޅުގަނޑު މަސައްކަތްކުރަނީ.

އެހެންވީމާ، މަސްވެރިންނާވެސް ވާހަކަދައްކަނީ ގާތުން އެގޮތަށް. ދެން ހުރި އިންޑަސްޓްރީތަކުގެ ފަރާތްތަކާވެސް ގާތުން މަސައްކަތްކުރަނީ އެގޮތަށް. ރަށްރަށުގެ ރައްޔިތުންނާވެސް ގާތުން ވާހަކަ ދައްކަނީ، ބައްދަލުކުރަނީ އެ ބޭނުމުގައި. އެގޮތުގައި ކުރިއަށް އޮތް ތަނުގައިވެސް އިރާދަކުރެއްވިއްޔާ މަސައްކަތް ކުރަމުންދާނީ. ރައްޔިތުން ބޭނުންވާ ކަންކަން ރައްޔިތުންނާ ހަމައަށް ފައިބާ، އެބަޔަކު ބޭނުންވާ އެއްޗެއް ވިދާޅުވާން ފުރުޞަތު ދީގެން، އެކަމެއްގެ އަޑު އަހައިގެން، އެ ކަންކަމުގެ ތެރެއިން ކުރެވެން ހުރި ކަންކަން ރައްޔިތުންގެ ވިންދާއި، އިޙްސާސާ ގުޅޭގޮތަށް ކުރުމަކީ، ޙަޤީޤީ މާނައިގައި ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ. އެއީ އަޅުގަނޑު އަބަދުވެސް ކަން ކުރަން ބޭނުންވާ ގޮތަކީ. އަޅުގަނޑު ވަޢުދުވީ ގޮތަކީވެސް އެއީ. އެގޮތަށް ކޮންމެ ކަމެއްވެސް އިރާދަކުރެއްވިއްޔާ، މި ސަރުކާރުން ކުރިއަށް ގެންދާނީ.

އާދެ، ނިންމާލުމުގެ ކުރިންވެސް އަޅުގަނޑު މަސްވެރިންނަށް ދަންނަވާލަން ބޭނުންވަނީ، ދެންމެ އަޅުގަނޑުމެން މިއަދުން ފެށިގެން ފެށޭ ކަންކަން ކަމަށް މި ދެންނެވި ކަންކަމަކީ ޙަޤީޤީ މާނައިގައި ތިޔަބޭފުޅުންނަށް މާދަމާ ފެނިވަޑައިގަންނަވާނެ، ކުރިއަށްދާ ތަން. އަދި ކުރިއަށް އޮތްތާނގައި ކުރާނެ ކަމަށް މި ދެންނެވި ހުރިހާ ކަމަކީވެސް ކުރިއަށްދާނެ ކަންތައްތައް. ކަޅުބިލަމަހުގެ މަސްވެރިކަން، ބޮޑުކަންނެލި، އަދި ދެން ހުރި ދާއިރާތަކުންވެސް މަސްވެރިކަމުގެ އިންޑަސްޓްރީ ކުރިއެރުވުމަށްޓަކައި، މި ތަނުގެ ޕްރެޒެންޓޭޝަންގައި މިއަދު ފެނުނު ކަންކަމާއި، އަޅުގަނޑު ދެންނެވި ކަންކަމާއި، މި ހުރިހާ ކަމެއްވެސް ފުރިހަމަކަމާއެކު ކުރިއަށްދާނެކަމުގެ ފުރިހަމަ ޔަގީންކަން، މަސްވެރިކަމުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަކަށް ތަކުރާރުކޮށްދެމުން، މަސްވެރިންގެ ދުވަހުގެ ތަހުނިޔާ، ހުރިހާ ފަރާތްތަކަކަށް އަދިވެސް ދަންނަވަމުން އަޅުގަނޑު ވަކިވެލާނަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މި ކުރާ މަސައްކަތްތަކުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. ދިވެހިރާއްޖެއަށް އުފާފާގަތިކަން މިންވަރުކުރެއްވުން. އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.