"5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް"ގެ ދަށުން، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރ. ދުވާފަރުގައި ރުއް އިންދަވައިދެއްވައިފި
ދިވެހިރާއްޖޭގެ "5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް"ގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރުގައި ދިވެހި ރުއް އިންދަވައިދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ރ. ދުވާފަރުގައި ދިވެހި ރުކުގެ 2 ރުއް އިންދަވައިދެއްވީ، އެ ދެކަނބަލުން މިވަގުތު އެރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނުއެވެ.
5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރެއިން އެއް ވަޢުދުފުޅަށް ވާއިރު، މި ވަޢުދުފުޅުގައި ޙަޤީޤީ ކުލަޖެއްސެވުމަށް ގިނަ މަސައްކަތްތަކެއް ޤައުމީ ފެންވަރުގައި ގެންދަވަނީ ކުރައްވަމުންނެވެ.
5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ސަބަބުން، މޫސުމަށް އަންނަ ބަދަލުތަކުން ދިވެހިރާއްޖެއަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، ދިވެހިރާއްޖޭގެ މާހައުލީނިޒާމުތައް ހިމާޔަތްކޮށް، ދެމެހެއްޓުމަށާއި، މިހާރުގެ ޖީލަށާއި އަންނާންއޮތް ޖީލުތަކަށް ދިވެހިރާއްޖޭގެ ވެށީގެ ރީތިކަމާއި މުއްސަނދިކަން ފޯރުކޮށްދިނުމަށް އެހީވެދޭނެއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާ އެއްގޮތަށެވެ.
މި މަޝްރޫޢުގެ ދަށުން މިހާތަނަށް، އެކި ބާވަތްތަކުގެ ގަސްގަހާގެހި ހިމެނޭހެން 967،431 ގަސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ އިންދާފައެވެ.