މޫސުން ގޯސްވުމުގެ ސަބަބުން ދެކުނު އިރުމަތީ އޭޝިޔާގެ އެކި ޤައުމުތަކަށް ކުރިމަތިވަމުންދާ ހިތާމަވެރި ހާދިސާތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ ޤައުމުތަކަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި މެސެޖުގައި އެމަނިކުފާނު ވަނީ، ތައިލެންޑް، އިންޑޮނޭޝިޔާ އަދި ވިއެޓްނާމްގައި މޫސުން ގޯސްވުމުގެ ސަބަބުން ގިނަ ޢަދަދެއްގެ ބަޔަކު މަރުވެ، މުދަލާއި ތަކެއްޗަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކާމެދު ހިތާމަފާޅުކުރައްވާފައެވެ. އަދި މޫސުމީ މި ކާރިސާއަކީ، މޫސުމީ ބަދަލުތައް އިތުރުވަމުންދާކަމުގެ ހިތާމަވެރި އިންޒާރެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.
މީގެ އިތުރުން އެމަނިކުފާނުގެ މެސެޖުގައި ވަނީ، ހޮންގ ކޮންގ ގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ގިނަ ބަޔަކު މަރުވި ހާދިސާއާ ގުޅިގެން، ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަށާއި، ޗައިނާގެ ސަރުކާރަށާއި، އެ ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެފައެވެ.
އަދި އެ ހާދިސާ ހިނގި ސަރަހައްދުގައި މީހުން ސަލާމަތްކުރުމަށް ހަރަކާތްތެރިވި ޓީމުތަކުން ދެއްކި ހިތްވަރު ފާހަގަކުރައްވައި، ދިވެހީން ތިބީ، އެ ހާދިސާގައި ގެއްލުން ލިބުނު މީހުންނާ އެކުގައިކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.