* މި އިންޓަރވިޔުގައި، ސަންގު ޓީ.ވީ.ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފުގެ އަރިހުގައި ސުވާލުތައް ދެންނެވީ، ވީޑިޔޯ ޖާނަލިސްޓް ފާޠިމަތު މަދަދާ.
ފާޠިމަތު މަދަދާ:
بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
السَّلَامُ عَلَيْكُمْ
ސަންގު ޓީ.ވީ. ބައްލަވަމުން ގެންދަވާ އެންމެހާ ބެލުންތެރިންނަށް މަރުޙަބާ ދަންނަވަން. އަޅުގަނޑުމެން ކުރިއަށް މިގެންދަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން، ކުރިއަށްގެންދާ ޚާއްޞަ ކަވަރޭޖް. މި ދަންފަޅީގައި ބެލުންތެރިންނާ މި ބައްދަލުކުރީ، އަޅުގަނޑު ފާޠިމަތު މަދަދާ.
ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތްތަކާއި، ސަރުކާރުގެ އެކިއެކި ކުންފުނިތަކާއި، އެސް.އޯ.އީ.ތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން، އަޅުގަނޑުމެން މި ޚާއްޞަ ދުވަހު މަޢުލޫމާތުތައް ގެނެސްދެމުން މިދަނީ. އެކިއެކި ވަޒީރުން ބައިވެރިވެވަޑައިގެން މަޢުލޫމާތުތަކެއް ގެނެސްދީފައި ވާނެ. އެގޮތުން، މި ދަންފަޅީގައި އަޅުގަނޑާއެކު ބައިވެރިވެވަޑައިގަންނަވަނީ، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް.
ވަރަށް ބޮޑަށް ޝުކުރިއްޔާ، ސަންގު ޓީ.ވީ.އިން ދެއްވި ދަޢުވަތު ގަބޫލުކުރައްވައި ވަޑައިގެންނެވީތީ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:
އާދެ، ޝުކުރިއްޔާ.
ފާޠިމަތު މަދަދާ:
އަޅުގަނޑު ހަމަ މި ދަނޑިވަޅުގައި ނައިބު ރައީސާ ބައްދަލުވުމުން އެންމެ ބޮޑަށް ކޮށްލަން ބޭނުންވާ ސުވާލަކީ، މިހާ ހިސާބަށް އައިއިރުގައި ސަރުކާރަށް ވަރަށް ބޮޑެތި ޕްރެޝަރުތަކަކާ ކުރިމަތިވެއްޖެއޭ. ވަރަށް ބައިވަރު ފިއްތުންތަކަކާއި، ވަރަށް ގިނަ ފާޑުކިޔުންތަކާ އެކުގައި، މިހާހިސާބަށް މިއައީ. އެގޮތުން، އެއްވެސް ރޭވުންތެރިކަމެއް ނެތި، ޔޫ-ޓާންތަކެއް ނަންގަވަމުންދާ ކަމަށާއި، ޕްލޭންތަކެއް ނެތި ސަރުކާރުން ހިތުހުރިހާގޮތަކަށް ކަންތައްތައް ކުރައްވަމުން ގެންދަވާ ކަމަށް. މިކަހަލަ ވަރަށް ބައިވަރު ފާޑުކިޔުންތަކެއް އަމާޒުވޭ. ނައިބު ރައީސް ކިހިނެއްތޯ، މި ދެ އަހަރު ސިފަކުރައްވާނީ؟ މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި، މިހާހިސާބަށް އައިއިރުގައި، ރަނގަޅު މަސައްކަތްތަކެއް ކުރެވިފައި އެބަވޭތޯ ސަރުކާރަށް؟
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:
بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
ޝުކުރިއްޔާ ފުރަތަމަވެސް އަޅުގަނޑަށް މި ފުރުޞަތު ތަނަވަސްކޮށްދެއްވީތީވެ. ޚާއްޞަކޮށް، ސަންގު ޓީ.ވީ.ގެ އިސްވެރިންނަށް، މަދަދާއަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އާދެ، ތިޔަ ފާހަގަކުރެއްވި ފަދައިން، ސަރުކާރަށް ދެ އަހަރުވެގެން މިދަނީ ދޮގެއްތޯ؟ ދިޔައިރު އަޅުގަނޑުމެން މީޒާނުގައި ކިރަންޖެހޭނީ ރައްޔިތުންގެ ނިންމުން ދޮގެއްތޯ؟ ރައްޔިތުންނަށްޓަކައި ވެރިކަމެއް ޤާއިމުކޮށްދޭން، ރައްޔިތުން އެ އިންތިޚާބުކޮށްދެނީ، އެ ފަސް އަހަރަކަށް ރައްޔިތުންނަށް ޚިދުމަތްކުރައްވާނެ ވެރިއެއް. އެ ވެރިޔާ ރިޔާސީ އިންތިޚާބުގެ ތެރޭގައި، ނޫނީ ރިޔާސީ ކެންޑިޑޭޓް، ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައްޔިތުންނަށް ވެވަޑައިގަންނަވާ ވަޢުދުތަކާއި، ރައްޔިތުންނާ ޙިއްޞާކުރައްވާ ކަންތައްތައް، ރައްޔިތުން މިނެކިރުމަށްފަހުގައި، ރައްޔިތުން އެ ވެރިޔަކު ހޮއްވަވަނީ ވޯޓުން. އެހެންވީމާ، ފުރިހަމަ އަޣްލަބިއްޔަތަކާއެކީ އިރާދަކުރެއްވީތީ، މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިންތިޚާބުވެވަޑައިގަތީ.
އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން، އޭގެކުރިއަށް ވިސްނާލާއިރުގައި، އޭރު އޮޕޮޒިޝަން ޕާޓީއެއްގެ ގޮތުގައި ޕީ.ޕީ.އެމް.، ޕީ.އެން.ސީ. އޮތްއިރުގައި، އަޅުގަނޑުމެން ދިޔައީ ވަރަށް ގިނަ ވާހަކަ ދައްކަމުން، ކުރީގެ ސަރުކާރާ ދޭތެރޭ ވަރަށް ގިނަ ތުހުމަތުތަކެއް ކުރަމުން. ރައްޔިތުންގެ މަޖިލިސްތެރެއިންނާއި، އޭރު އަޅުގަނޑުމެންނަށް ލިބުނު ހުރިހާ ޕްލެޓްފޯމެއްގައި، މި ވާހަކަތައް ޙިއްޞާކުރަމުން އައީ. ރައްޔިތުންގެ ސަމާލުކަމަށް، އޭރުގައި އޮތް ސަރުކާރުން ކުރަމުން އައި ނޭދެވޭ ކަންތައްތަކުގެ ވާހަކަ ޙިއްޞާކުރަމުން އައީ.
އެގޮތަށް ކުރަމުން އައިއިރުގައި، އެންމެ މުހިންމު އެއް ކަމަކަށް އަޅުގަނޑުމެން ދައްކަމުން އައި އެއް ވާހަކައަކީ ފައިސާ ޗާޕުކުރާ، ޚަރަދަށް ޒިންމާވާ ޤާނޫނު ސަސްޕެންޑް ކުރުމަށްފަހު، ޤާނޫނުއަސާސީއާ ޚިލާފަށް މަސައްކަތް ފެށްޓި ވާހަކަ. އަދި އެފަދަ މާލީ ކޮންމެ ކަމަކީ، ރައްޔިތުންގެ މަޖިލީހާ ޙިއްޞާކުރެވިގެން، ރުހުން ލިބިގެން ކުރަންޖެހޭ ކަންކަމަށް ވީހިނދު، އެއިން އެއްވެސް ކަމަކަށް ބަލައިލުމެއްނެތި، އެ ބޭފުޅުންނަށް ލިބިވަޑައިގެންފައި އޮތް ސުޕަރ މެޖޯރިޓީ ނަހަމަގޮތުގައި ހިއްޕަވައިގެން ސަރުކާރުން ޢަމަލުކުރައްވަން ފެށްޓެވީމާ، އެ ވާހަކަ އަޅުގަނޑުމެން ޙިއްޞާކުރަމުން އައީ.
އޭގެއިތުރުން، ކޮވިޑްތެރޭގައި، ދައުލަތަށް އެތައް އަދަދެއްގެ ފައިސާގެ އެހީތެރިކަމާއި، އަދި އެހެނިހެންވެސް އެތައް އެހީތައް ލިބިފައި އެބަހުރި. އެހެންނަމަވެސް، މިއިން އެއްވެސް ކަމެއްގައި ދިވެހި ރައްޔިތަކަށް ލުއިވާގޮތަކަށް ސަރުކާރުން ޢަމަލުކޮށްފައި ނުވާނުވުމަށް އަޅުގަނޑުމެން ވާނީ އިޙްތިޖާޖުކޮށްފައި.
ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އެންމެ ފުރަތަމަވެސް ބައްލަވަން ފެށްޓެވީ، ދައުލަތުގެ މުއައްސަސާތަކުގެ ޙާލަތު ކިހިނެއްތޯ އޮތީ. އަޅުގަނޑުމެން އޭރު ވާހަކަދެއްކި ގޮތަށްތޯ ޙަޤީޤަތުގައި އޮތީ. ރާއްޖޭގެ އެމް.އެމް.އޭ.ގެ ޙާލަތު އޮތީ ކިހާ ހިސާބެއްގައިތޯ. އެ ހުރިހާ ކަމެއް ބެއްލެވިއިރުގައި، އަޅުގަނޑުމެން އޭރު ދެއްކި ވާހަކަތަކާ އެތައް ގުނައެއް ތަފާތު، ނިކަމެތި، ވަރަށް ދެރަ ޙާލަތެއްގައި ދިވެހިރާއްޖޭގެ އިޤްތިޞާދު އޮތީ. އިޖުތިމާޢީ ގޮތުންވެސް އޮތީ. ޞިއްޙީ ދާއިރާވެސް އޮތީ. ހުރިހާ ދާއިރާއެއް އެހާ ނިކަމެތި، އެހާ ބަލިކަށިކޮށް އޮއްވައި، އެ މަނިކުފާނަށް ފުރަތަމަވެސް ޖެހިވަޑައިގަތީ، އެކަންކަން ހަމަމަގަށް އެޅުވުމަށްޓަކައި ވަރަށް ހަރުދަނާ ސިޔާސަތުތަކެއް ތަންފީޒު ކުރައްވަން ފަށްޓަވަން.
އެގޮތުން، ރޭވުންތެރިކަމާއެކީގައި، ވަރަށް ޙިކްމަތްތެރިކަމާއެކީގައި، އެ މަނިކުފާނު ޢަމަލުތައް ބެހެއްޓެވީ. އެއާއެކީގައި، ތިޔަ ވިދާޅުވި ގޮތަށް، އެ މަނިކުފާނަށް ގޮންޖެހުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތީ. ނިމިދިޔަ ސަރުކާރުގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހެއް ރައްޔިތުންގެ މަޖިލީހަކީ. އެ މަޖިލީހުން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ޖެއްސުންކުރުމުގެ ގޮތުން، އޭރު ފާސްކުރަން ލިބުނު ފުރަތަމަ ބަޖެޓުވެސް ފާސްކުރީ ޖެއްސުމަށް އިނގޭތޯ. އެއީ، އެ މަނިކުފާނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށްޓަކައި. އޭރުގައި ގޮވަމުން އައީ ރާއްޖެ ބަނގުރޫޓް ވެދާނެއޭ. ދިވެހިން އިނދަޖެހިދާނެއޭ. މި ވާހަކަތަކަށް މަގުފަހިކުރުމަށްޓަކައި، އެ ބަޖެޓު އެހެން ހެއްދެވީ.
އެހެންނަމަވެސް، އަޅުގަނޑު ވަރަށް ހިތާމައާއެކީ، ވަރަށް ދެރަވެފައި މި ވާހަކަ ޙިއްޞާކޮށްލަން ބޭނުން. މި ރާއްޖޭގެ ތާރީޚުގައި އެގޮތަށް ޢަމަލުކުރި ފުރަތަމަ ފަހަރު އެއީ އިނގޭތޯ. އެއީ، ނިމިދާ ސަރުކާރަކުން އަބަދުވެސް ދެން އަންނަ ސަރުކާރަށް ކަންކަން ފަހިކޮށްދިނުމަށްޓަކައި، އެ ސަރުކާރަކުން ބޭނުންވާގޮތަށް ބަޖެޓާއި ހުރިހާ ކަމެއް ފަހިކޮށްލަދޭ. ޚުދު އަޅުގަނޑު މާލިއްޔަތު ކޮމިޓީގައި އިނިން، ޕީ.ޕީ.އެމް.ގެ ވެރިކަން ނިމިގެން ދިޔައިރުގައި. އޭރުގައި އެމް.ޑީ.ޕީ.ގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަން ފެށުމާއެކީގައި، ޕީ.ޕީ.އެމް. އިން ޢަމަލުކުރި ގޮތަކީ، އޭރުގެ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވި ގޮތަށް މާލިއްޔަތު ކޮމިޓީގެ މުޤައްރިރުކަމާއި، ނައިބު މުޤައްރިރުކަންވެސް ދީފައި، އެ ބޭފުޅުން ބޭނުންވިގޮތަށް ބަޖެޓު ފާސްކޮށްދިނީވެސް ޕީ.ޕީ.އެމް. މެޖޯރިޓީ އޮތްއިރު އިނގޭތޯ.
އެހެންނަމަވެސް، އެމް.ޑީ.ޕީ.އިން ކަންކުރީ އެހެނެއްނޫނޭ. އެމް.ޑީ.ޕީ.އިން ކަންކުރިގޮތް އަޅުގަނޑު މި ފާހަގަކުރީ. ޖެއްސުމަށް އެކަން ކުރީ. މިސާލަކަށް، އަޅުގަނޑުމެން އާންމުކޮށް މި ދަންނަވާ ގޮތަށް ދަންނަވަންޏާ، 30 މިލިއަން ރުފިޔާގެ ޕްރޮޖެކްޓަކަށް 2 ލައްކަ ރުފިޔާ ޖަހައިލީމާ މިއީ، ރައްޔިތުންނަށް ކުރާ ޖެއްސުމެއް ދޮގެއްތޯ. މިއީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެ މަނިކުފާނުގެ ސަރުކާރަށް ކުރާ ޖެއްސުމެއްނޫން. ދިވެހި ރައްޔިތުންނަށް މީގެ ގެއްލުން ލިބެނީ. އެފަދަ ގޮންޖެހުންތަކާއެކު ފުރަތަމަ އަހަރު ފެށީ.
އަދި އެކަން އެހެން ނުވެގެން ރައީސުލްޖުމްހޫރިއްޔާގެ ނޯ ކޮންފިޑެންސް ވޯޓެއް ނަގަންއުޅުނު. އަޅުގަނޑު އެކަން ސިފަކުރަނީ ކުޑަ ބަޣާވަތެއްގެ ގޮތުގައި އިނގޭތޯ. ރައްޔިތުންގެ ރުހުމާއެކީ، ފުރިހަމަ ތާއީދާއެކީގައި، ލޯތްބާއެކީގައި ހޮވުނު ސަރުކާރެއް ވައްޓާލުމަށްޓަކައި، ރައްޔިތުންގެ މަޖިލިސް ތެރެއިން، އެ ހިންގެވި ޢަމަލަކީ، އެ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ ވަރަށް ވަރަށް ބޮޑު ތަނުން ގެއްލިގެންދިޔަދިޔުން. ރައްޔިތުން ގަބޫލުކުރި، އެމް.ޑީ.ޕީ.އަކީ އެއްވެސް ހަރުދަނާ ސިޔާސަތެއް ނެތް ބައެއްގެ ގޮތުގައި. އެ ނިންމުން އެގޮތަށް ނިންމީމާ، މުޅި ދުނިޔެއަށް ސާބިތުވެގެންދިޔައީ އެގޮތަށް. އެއީ، ސަރުކާރަކަށް ތިންމަސް ނުފުރި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކުރިމަތިވެފައި އޮއްވައި، އިންތިޤާލީ މަރުޙަލާއެއްގެ ތެރޭގައި މިފަދަ ގޮތަކަށް، ނާތަހުޒީބީ ޢަމަލުތަކެއް، ޑިމޮކްރަސީއާ ބީރައްޓެހި ޢަމަލުތަކެއް، އެމް.ޑީ.ޕީ.ގެ ފަރާތުން ފެނިގެންދިޔަދިޔުމުގެ ނަތީޖާ އެއީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ދިވެހި ރައްޔިތުން، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ސުޕަރ މެޖޯރިޓީ ދެއްވުން. އެއާ ގުޅިގެން، އެ އިންތިޚާބު ކާމިޔާބުވުމާ ގުޅިގެން އިރާދަކުރެއްވީތީ، އެ މަނިކުފާނުގެ މަސައްކަތްޕުޅުތަކަށް ވަރަށް ބޮޑު ލުޔެއް ލިބިވަޑައިގަތް. އެހެންނަމަވެސް، ހުރި ގޮންޖެހުންތައް މަދެއްނޫން.
ހުރި ގޮންޖެހުންތަކަކީ، ރާއްޖެ އޮތީ ދަރަނިވެރިވެފައި. ޙަޤީޤަތަކީ އެއީ ދޮގެއްތޯ؟ ދަރަނިވެރިވެފައި. ބޭރު ފައިސާ މި ރާއްޖެއަކު ނެތް. ދަރަނި ދައްކާނެ ގޮތްތަކެއް ނެތް. އެހެންނަމަވެސް، މި ހުރިހާ ފިޔަވަޅުތަކަކާ އެކީގައި، އެ މަނިކުފާނުގެ ހަރުދަނާ ސިޔާސަތުތަކާ އެކީގައި، ޤައުމުގެ އިޤްތިޞާދު ހަމަމަގަކަށް އެޅުވުމުގެ މަސައްކަތް ފަށްޓަވައި، ދަރަނި ދެއްކުމަށް، އަޅުގަނޑުމެން ބޮޑެތި ދަރަނިތައް އަދާކުރަންޖެހޭ ފަރާތްތަކާ ގާތް ގުޅުމެއް ބާއްވަވައި، ސަރުކާރުތަކާ ގާތް ގުޅުމެއް އުފައްދަވައި، އެ ދަރަނިތައް މެނޭޖްކުރެވޭނެ އުސޫލުތަކެއް ހަމަޖެއްސެވި. މިއީ ވަރަށް ގިނަ މަސައްކަތް. އަޅުގަނޑު މި ދެންނެވީ، ކުރިން ފާހަގަކުރިހެން، ބޮއްސުންލާފައި އޮތް ތަނެއް ހަމަމަގަކަށް އަޅުވަން ވަގުތުކޮޅެއް ނެގި.
އެއަށްފަހުގައި، އެ ގޮންޖެހުންތަކާއެކުގައި އެ މަނިކުފާނު ޙަޤީޤަތުގައި ރައްޔިތުންނަށް އިތުރު މަންފާތަކެއް ގެނެސްދެއްވުމަށްޓަކައި މަސައްކަތްޕުޅު ފެށްޓެވި. އޭގެ ނަތީޖާ މިއަދާ ހަމައަށްއައިއިރު، ދެ އަހަރުވެގެން މިދާއިރު، އަޅުގަނޑު ދަންނަވާނީ، އެ މަނިކުފާނު އަމިއްލަފުޅު ބަޖެޓެއް ފާސްކުރައްވަން ފުރުޞަތު ލިބި، އެ ބަޖެޓް ފާސްކުރައްވައިގެން، އޭގެ ފޮނިމީރުކަން ދިވެހި ރައްޔިތުންނަށް މިހާރު އެވަނީ ލިބެން ފަށާފައޭ. އެ ކުޑަވަގުތުކޮޅާ އެކީގައި، ކަންކަން ހަމަމަގަށް އަޅުއްވައި، އިޤްތިޞާދު ހަމަމަގަށް އަޅުއްވައި، އިޖުތިމާޢީ ގޮތުން ރަނގަޅު ފޭރާމަކަށް ދިވެހި ރައްޔިތުން ގެނެސްދެއްވައި، ހަމަޖެހޭ ދިރިއުޅުމެއް ގެނެސްދެއްވައި، މިނިވަން ދައުލަތެއްކަން ޔަޤީންކޮށްދެއްވައި، އިރާދަކުރެއްވީތީ، މި ހުރިހާ މަސައްކަތްޕުޅެއް މިހާހިސާބަށް ކުރައްވާފައި، ދެ އަހަރުވީއިރުގައި މިއޮތީ ދިވެހި ދައުލަތް ހަމަމަގަށް އަޅުއްވައި، ދިވެހި ޤައުމު މިނިވަންކޮށްދެއްވާފައި. އިރާދަކުރެއްވީތީ ވަރަށްބުރަ، ބޮޑު މަސައްކަތްތަކެއް ދިވެހި ރައްޔިތުންނަށް ކޮށްދެއްވާފައި. ކާމިޔާބު ދެ އަހަރެއް މިދިޔަ ދެ އަހަރަކީ.
ފާޠިމަތު މަދަދާ:
އާދެ، ދެން ހަމަ އަޅުގަނޑުގެ ދެވަނަ ސުވާލާ ވަރަށް ގުޅޭ ވާހަކަތަކެއް ނައިބު ރައީސްގެ ވާހަކަފުޅުގައި ތިޔަ ފާހަގަކުރެއްވީ. ޤައުމުގެ އިޤްތިޞާދީ ޙާލަތުގެ ވާހަކަ. ރާއްޖޭގެ އިޤްތިޞާދަށް ބަލާއިރުގައި މިސާލަކަށް، ފަތުރުވެރިކަމުގެ ޞިނާޢަތް، ވަރަށް މަދު ޞިނާޢަތްތަކެއް ހުރީ. އެހެންނަމަވެސް، ޙަޤީޤަތަކީ ރާއްޖެފަދަ ޤުދުރަތީގޮތުން މުއްސަނދި ވަސީލަތްތަކެއް ހުރި ޤައުމަކާ އަޅައިބަލާއިރުގައި، ވަރަށް ބޮޑެތި ނަފާތަކެއް ހޯދޭނެ ދާއިރާތަކެއް އެބަހުރިކަން. ގަބޫލުކުރައްވަންތޯ، މި ރޮނގުން ރަނގަޅު މަސައްކަތްތަކެއް، ފާއިތުވެގެން މިދިޔަ ދުވަސްތަކުގެ ތެރޭގައި، ސަރުކާރަށް ކުރެވިފައިވާ ކަމަށް؟ މިސާލަކަށް، ފަތުރުވެރިކަމުގެ ދާއިރާ، މަސްވެރިކަމުގެ ދާއިރާ އަދި ދަނޑުވެރިކަމަށް ބެލިނަމަވެސް، މިހެންހުރި އެކިއެކި ރޮނގުތަކުން ކުރެވިފައިވަނީ ހަމަ އެކަށީގެންވާ މަސައްކަތްތަކެއް ކަމަށް ގަބޫލުކުރައްވަންތޯ؟
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:
އާދެ، ޝައްކެއްވެސްނެތް ދޮގެއްތޯ؟ މިސާލަކަށް ބައްލަވާ. އަޅުގަނޑު ކުރިން މި ދެންނެވީ އިޤްތިޞާދީ ގޮތުން މިހާ އަޅުގަނޑުމެން ބަލިކަށިކޮށް އޮއްވައި، އެންމެ ފުރަތަމަ އިސްކަންދެއްވީވެސް ރާއްޖޭގެ ރައްޔިތުންނަށް ނަފާވެރިކަން ހޯދައިދެވޭނީ ކޮން މަސައްކަތެއް ކޮށްގެންތޯ. ނޫނީ މަސައްކަތެއް ނިންމައިގެންތޯ. އެގޮތުން، ދިވެހިރާއްޖޭގެ އިންޓަރނޭޝަނަލް އެއަރޕޯޓް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓާރމިނަލް ހުޅުއްވައިދެއްވީ. އެއީ، ރާއްޖެއަށް އެންމެ ރަނގަޅު އިންކަމެއް ޖެނަރޭޓް ކުރެވެން އޮތް ހަމައެކަނި މަގަށްވީމާ ދޮގެއްތޯ؟ އެކަން ކޮށްދެއްވި. ވަރަށް އުނދަގޫ ޙާލަތުގައި. އެކަން ފުރަތަމަ އެ މަނިކުފާނު އިޢުލާނު ކުރެއްވި ޑޭޓަކަށްވެސް ނޫން އެތަން ހުޅުވިގެންދިޔައީ. އެހެންނަމަވެސް، ހަމަ ގޮންޖެހުންތަކާ އެކީގައި، އެކަން ތަންފީޒު ކުރެވިގެން ދިޔައީ. އެ މަނިކުފާނުގެ ވަޢުދުފުޅެއް އެއީ. އެކަން ނިންމަވައި ދެއްވި. އެއީ، ރާއްޖޭގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުޔެއް އިނގޭތޯ. އިޤްތިޞާދީ ގޮތުން ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ދިވެހިރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށްޓަކައި، ދުނިޔޭގެ އެކި ޤައުމުތަކުން ފަތުރުވެރިން އިތުރުކުރުމަށްޓަކައި އޮތް އެންމެ ބޮޑު ފުރުޞަތަކީވެސް އެއީ. އެހެންވީމާ، އެ ފުރުޞަތު ފުރަތަމަވެސް ހުޅުއްވައިދެއްވީ.
އޭގެ އިތުރަށް، ދެން ނުހެދިހުރި ގިނަ ރިޒޯޓުތައް އެބަހުރި. އެ ރަށްތަކަށް އިތުރު ޢިނާޔަތްތައް ދެއްވައިގެން، އެ ފަރާތްތަކަށް އިތުރު ލުއިތަކެއް ދެއްވައިގެންވެސް، އެ ރަށްތައް ރަނިންގ ކޮންޑިޝަނަށް ގެނައުމަށްޓަކައި، ބުރަ މަސައްކަތްތަކެއް ކޮށްދެއްވި. ޓޫރިޒަމް ދާއިރާގެ ތެރެއިން މިއަދާ ހަމައަށް އައިއިރު ގިނަ ރަށްތައް ނެހެދޭ. މިހާރު އެހުރީ ބައެއް ރަށްތައް ހުޅުވިފައި. މި އަހަރުގެ ތެރޭގައިވެސް އަދި މި އަންނަ އަހަރުގެ ކުރީކޮޅުގައިވެސް ގިނަ ރަށްތައް ހުޅުވިގެންދާނެ. އޭގެ ސަބަބުން ދިވެހި އިޤްތިޞާދަށް ފައިދާ މިވަނީ އިނގޭތޯ.
ހަމަ އޭގެއިތުރަށް، ކުރީގެ ރައީސުން ލުއިގޮތް އިޚްތިޔާރު ކުރެއްވުމުގެ ސަބަބުން، ރައްޔިތުންނަށް ވަރަށް ބޮޑު ނިކަމެތިކަމެއް ލިބިފައި އޮތީ. އެހެންނަމަވެސް، އެ މަނިކުފާނު ބެއްލެވީ، އާންމު ދިވެހި ރައްޔިތުންނަށް އެންމެ މަޞްލަޙަތު ހުރިގޮތް. އެންމެ ރަނގަޅުގޮތް އިޚްތިޔާރުކުރެއްވީ. ބޭރުފައިސާ ދިވެހިރާއްޖޭގައި ހިފެހެއްޓުމަށްޓަކައި ބޮޑެތި ނިންމުންތައް ނިންމެވި. އެ ނިންމެވުމުގެ ނަތީޖާއަކީ، ދިވެހި ރައްޔިތުންނަށް ޑޮލަރު ލިބެން ކުރީގައި ލިމިޓްކޮށްފައި އޮތް ލިމިޓްވުން މިއަދު ނިމުމަކަށް ގެނައުން. އިޤްތިޞާދު ހަމަމަގަކަށް އެޅޭވަރަކަށް މިހާރު އެދަނީ ޑޮލަރުގެ އަދަދު އިތުރުވަމުން. އެ މަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް، އިރާދަކުރެއްވިއްޔާ އެ މަނިކުފާނު އެކަން ކޮށްދެއްވާނެ. އެ ފެންނަނީ އޭގެ މިސާލުތައް އަޅުގަނޑުމެންގެ ލޯ ކުރިމަތިން. އިޖުތިމާޢީ ގޮތުންވެސް، އިޤްތިޞާދީ ގޮތުންވެސް، މިއިން ކޮންމެ ކަމަކަށް، ކުރިން އަޅުއްވަން ފެށްޓެވި ފިޔަވަޅުތައް، ފަހަރަކު ބައެއް އެ އަންނަނީ. އައީމާ ތަރުތީބުން ހަމަމަގަށް އަޅުއްވަމުން ގެންދަވަނީ.
ދެން އަޅުގަނޑުމެން އިޤްތިޞާދީ ގޮތުން ފާހަގަކޮށްލާއިރު، މަސްވެރިކަމުގެ ވާހަކަ ތިޔަ ވިދާޅުވީ. އެމް.ޑީ.ޕީ. ވެރިކަން ނިމުނުއިރު، ރިޔާސީ އިންތިޚާބަށްޓަކައި 25 ރުފިޔާ، ނޫނީ 20 ރުފިޔާއަށްވުރެ މައްޗަށް މަހުގެ އަގު ޖައްސާފައިދިޔަ ދިޔުން އެއީ، އަޅުގަނޑުމެން ގަބޫލުކުރާ ގަބޫލުކުރުންތަކެއް ނޫން. އިންތިޚާބެއް ކާމިޔާބު ކުރުމަށްޓަކައި އެފަދަ އެއްވެސް ނިންމުމެއް ސިޔާސީގޮތުން ވެރިން ނިންމެވުމަކީ އެއީ، ނާތަހުޒީބީ ޢަމަލުތަކެއްގެ ގޮތުގައި އަޅުގަނޑު ސިފަކުރަން އިނގޭތޯ.
ރައީސުލްޖުމްހޫރިއްޔާވެސް ވަޢުދުވެވަޑައިގެންނެވި ދޮގެއްތޯ، މަހުގެ އަގު ބޮޑުކުރައްވަން. އެހެންނަމަވެސް، ރާއްޖޭގެ އިޤްތިޞާދާ ނުބައްދަލު ކަމެއް ކިހިނެއްތޯ ކުރާނީ؟ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައިގެން، އެކަން ކުރަން އަޅުގަނޑުމެން ގަދައަޅައި މަސައްކަތް ކުރިނަމަ، ގަދަބަސް ބުނެ، ގަދައަޅައި މަސައްކަތްކުރިނަމަ، މިއަދު އެކަން ނުވެދާނެ. އެހެންނަމަވެސް، މީގެ ދެ އަހަރު ފަހުން، އެއް އަހަރު ފަހުން، ރައްޔިތުން ތިބޭނީ ކޮން ޙާލަތެއްގައިތޯ. ދައުލަތުގެ ޚަރަދަށް ޒިންމާވާ ޤާނޫނު ސަސްޕެންޑް ކުރުމަށްފަހު ފައިސާ ޗާޕުކުރީމާ، އަޅުގަނޑުމެން އޭރުގައި ދެއްކީ އެ ވާހަކަ. މިއަދަކު ނޫނޭ، އެއް އަހަރަކުން ނޫނޭ މިކަމާ އަޅުގަނޑުމެން ކުރިމަތިލާނީ. ކުރިއަށް އޮތް ދެތިން އަހަރުތެރޭ އަޅުގަނޑުމެން މިއަށް ކުރިމަތިލާނެއޭ. ޑޮލަރުގެ އަގު ބޮޑުވާނެއޭ. މިއީ، ޚުދު އަޅުގަނޑުމެން އެކަނި ދެއްކި ވާހަކައެއް ނޫން. އޭރު އެމް.ޑީ.ޕީ.ގެ ރައީސަކަށް ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް އެ ވާހަކަ ޙިއްޞާކޮށްދެއްވި. މި ވާހަކަތައް އަޅުގަނޑުމެން މި ދެއްކީ. މިހެންވީމާ، އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ ޢަމަލުފުޅުތައް ބެހެއްޓެވިގޮތަކީ، މަސްވެރިންނާ ވާހަކަ ދައްކަވައިގެން، މަސްވެރިންނަށް ނުލިބިހުރި ފައިސާތައް ދެވޭނެ އިންތިޒާމު ފުރަތަމަ ހަމަޖެއްސެވުން.
މަހުގެ އަގު ރަނގަޅު އަގަކަށް އަޅުގަނޑުމެން ތިރިކުރިން. މަސްވެރިންނަށް އެންމެ ލުއިގޮތް ހޯއްދަވައިދެއްވި. މަސްވެރިންނާ މަޝްވަރާކުރެއްވި. މިއީ، ޑިމޮކްރަސީގެ އެންމެ ރީތި އުސޫލު. އެބަޔަކާ ގުޅޭ ކަންކަން، އެ ބަޔަކާ ހަމައަށް ތިރިކޮށް، އެ ބަޔަކާ ވާހަކަ ދެއްކުން. މިހާރަކު ނުހުންނާނެ އިނގޭތޯ، އެއްވެސް މަސްދޯންޏަކު، އޮޑިވެރިއެއް ފައިސާ ނުލިބި. ދުވަހުން ދުވަހަށް ފައިސާ ދޭނެ. އެހެންނަމަވެސް، މަހުގެ އަގު އެވަނީ ތިރިކޮށްފައި. އެހެންނަމަވެސް، އެ މަނިކުފާނު ވަޢުދުވެވަޑައިގަތް، ވަކި މުއްދަތެއްގެ ތެރޭގައި، މަހުގެ އަގު މައްޗަށް ޖައްސަވަން، އިޤްތިޞާދު ރަނގަޅުވަމުންދާ މިންވަރަކަށް. މިއީ އެހެންނޫންތޯ، ވެރިންގެ އޯގާތެރިކަމަކީ. ކޮންމެ ކަމެއްވެސް މި ނިންމަވަނީ، ރައްޔިތުންނާ ހަމައިން. ރައްޔިތުން ބޭނުންވާ ގޮތަށް. ރައްޔިތުންނަށް ލުއި ހޯދައިދޭ ގޮތަށް. އެހެންވީމާ، އިރާދަކުރެއްވީތީ އިޤްތިޞާދީ ގޮތުން މިދަނީ، ހަމަ މަޑުމަޑުން އަޅުގަނޑުމެން ކުރިއަރަމުން.
ފާޠިމަތު މަދަދާ:
ދެން އިޖުތިމާޢީ ރޮނގުން ބަލާއިރުގައި، ރައީސުލްޖުމްހޫރިއްޔާ ދާދިފަހުން ރައްޔިތުންނާ މުޚާޠަބު ކުރެއްވިއިރުގައި، ޖުމްހޫރީ ދުވަހުގެ ޖަލްސާގައިވެސް އަދި އޭގެ އިތުރުން، އެކިއެކި ހަރަކާތްތަކުގެ ތެރެއިން، އެ މަނިކުފާނު އެބަވޭ، އިޖުތިމާޢީ ރޮނގުން ރާއްޖޭގެ ކުރިއެރުމަށް އަދި ރައްޔިތުންގެ ފުދުންތެރިކަމަށާއި ކާމިޔާބަށް މި ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށްވެސް ވަރަށް ބޮޑަށް އަލިއަޅުވައިލައްވާފައި. ގިނަ ކަންތައްތަކެއް ހާސިލުކުރެވުނު ކަމަށް ފާހަގަކުރައްވަނީ. ކޮބައިތޯ އެ ވިދާޅުވާ ކަންކަމަކީ؟ އިޖުތިމާޢީ ރޮނގުން ބަލާއިރުގައި، ސަރުކާރަށް ދެ އަހަރުވެގެން އައިއިރުގައި މި ހާސިލުކުރެވުނު؟
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:
އާދެ، އިޖުތިމާޢީ ގޮތުން ދުޅަހެޔޮ މުޖުތަމަޢެއް ދިވެހިންނަށް ހޯއްދަވައިދެއްވުމަށްޓަކައި، އެ މަނިކުފާނު އެވަނީ ވަރަށް ބޮޑެތި ނިންމެވުންތަކެއް ނިންމަވާފައި. އެއާ ގުޅިގެން އެ މަނިކުފާނަށް ވަރަށް ބޮޑެތި ގޮންޖެހުންތަކާވެސް ކުރިމަތިލައްވަން ޖެހުނު. އެހެންނަމަވެސް، އެއިން އެއްވެސް ކަމަކަށް ޖެހިލުންވެވަޑައިނުގެން ކުރިމަތިލެއްވީ، ދިވެހި ރައްޔިތުންގެ މުސްތަޤްބަލް ދިވެހިންނަށް ހޯއްދަވައިދެއްވުމަށްޓަކައި. ދިވެހިންގެ ޖީލެއް ސަލާމަތްކޮށްދެއްވުމަށްޓަކައި. އެގޮތުން، ވޭޕް މަނާކުރެއްވީ. އެގޮތުން ޖެނެރޭޝަން ބޭނެއް އިޢުލާނުކުރައްވައި، އެ މަސައްކަތްޕުޅު ފެށްޓެވި.
ހަމަ އެގޮތުން، މަސްތުވާތަކެތީގެ ވަބާއިން ދިވެހިން ސަލާމަތްކުރުމަށްޓަކައި، ދިވެހި ޒުވާނުން ކުށުގެ ވެށިން ރައްކާތެރިކުރުމަށްޓަކައި، ރީހެބިލިޓޭޝަން ސެންޓަރުތަކެއް ޤާއިމުކޮށްދެއްވައި، އެ ފަރުވާ ހޯދޭނެ ނިޒާމެއްގެ ތަރުތީބުން، މުޅި ވަށައިޖެހޭ ނިޒާމެއްގެ ތެރެއިން އެކަން ކޮށްދެއްވުމަށް މަސައްކަތްޕުޅު ފެށްޓެވި. މި ޑްރަގް ނެޓްވަރކް އެކީގައި ނައްތާލުމަށްޓަކައި، ބޮޑެތި މަސައްކަތްތަކެއް އެބައޮތް ފަށްޓަވާފައި. ޤައުމީ ބޮޑު މަސައްކަތެއްގެ ގޮތުގައި އެ މަސައްކަތް އޮތީ ފަށްޓަވައި ދެއްވާފައި. އެގޮތުން، 100 އެތައް ތަނެއް، މިދިޔަ ހަފްތާތެރޭގައިވެސް ފާސްކޮށް، 90 އަށްވުރެ ގިނަ ބަޔަކު ހައްޔަރުވެސް ކޮށްފައިވޭ. އަދި ވިދާޅުވި ދޮގެއްތޯ، އިހަށްރޭ ބޮޑު ޖަލްސާއެއްގައިވެސް، ތިމަން މަނިކުފާނުގެ ވަރަށް ބޮޑު އެދިވަޑައިގަތުމެކޭ، މިއިން އެއްވެސް ނުފޫޒަކުން، އެއްވެސް ކަމަކުން، މިގޮތަށް ފުލުހުން ބަލާ ބެލުމުގެ ތެރެއިން ހައްޔަރުކުރެވޭ މީހުން ދޫވެގެން ނުވާނެކަން. އިންޞާފުގެ ކުރިމައްޗަށް ގެނެވެންޖެހޭނެއޭ.
އެހެންވީމާ، ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކޮށްދެއްވުމަށްޓަކައި އެ މަނިކުފާނު މިހާވަރަށް މަސައްކަތްޕުޅު އެބަ ކުރައްވާ. ޙަޤީޤަތުގައިވެސް ވަރަށް ބިރުވެރި މާޙައުލެއްގެ ތެރޭގައި އަޅުގަނޑުމެންގެ ދިވެހި ރައްޔިތުން ދިރިއުޅެމުން މިގެންދަނީ. އެހެންވީމާ، އެކަން ކަށަވަރު ކުރުމަށްޓަކައި އެ މަސައްކަތްޕުޅު ފަށްޓަވައި، އަދި މީގެ އިތުރަށް، މުޖުތަމަޢުގެ އެތައް ބަޔަކީ، ހަރުދަނާ ބަޔަކަށް ހެއްދެވުމަށްޓަކައި، ދުޅަހެޔޮ މުޖުތަމަޢަކަށް ހެއްދެވުމަށްޓަކައި، ތެލެސީމިއާ ކުދިންނަށްވެސް ޢިނާޔަތްތައް ހަމަޖައްސަވައި، އެކަނިވެރި މައިންނަށްވެސް ޢިނާޔަތް އިތުރުކޮށްދެއްވައި، އަދި އިޤްތިޞާދީ ގޮތުންނާއި، ސިޔާސީގޮތުން އަންހެނުން ބާރުވެރިކުރެއްވުމަށްޓަކައި، އެކިއެކި ސްކީމްތައް ހުޅުއްވައިދެއްވައި، އޭގައި ބައިވެރިވާން ފުރުޞަތު ދެއްވައި، މި ހިންގަނީ ވަރަށް ގިނަ މަސައްކަތްތައް ދޮގެއްތޯ؟ މިއިން ޙަޤީޤީ ފައިދާ ރައްޔިތުންނަށް ލިބިގެންދާނެ. އެހެންވީމާ، ކޮންމެ ކަމަކީވެސް ދިވެހި އާންމު ނިކަމެތި ރައްޔިތު މީހާއަށް ލުއިވެގެންދާނެ ކަންކަން.
ފާޠިމަތު މަދަދާ:
މުޅި ޖުމްލަގޮތެއްގައި، ރާއްޖޭގެ މަސްރަޙަށް ބަލައިލާއިރުގައި، އަދި އާންމުކޮށް ރައްޔިތުންގެ ތެރެއިންވެސް މި އިވޭ ކަންބޮޑުވުންތަކާއި، ޝަކުވާތަކަށް ބަލައިލާއިރުގައި، އަބަދުވެސް މި ދައްކާ ވާހަކައަކީ، ޚަރަދާ ބައްދަލު އާމްދަނީއެއް ނުލިބޭ ވާހަކަ. މިކަހަލަ ވަރަށް ގިނަ ކަންބޮޑުވުންތަކެއް، ޝަކުވާތަކެއް އެބައޮވޭ. ކިހިނެއްތޯ މިކަމާމެދުގައި ދެކެވަޑައިގަންނަވަނީ؟ މިކަމަށް ޙައްލެއް ލިބޭނެ މަގަކުން ސަރުކާރަށް މަސައްކަތްތަކެއް ކުރެވިފައި އެބަވޭތޯ؟
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:
އާދެ، ސަރުކާރުން މި މަސައްކަތް ކުރަނީ، ދެކޮޅުޖެހޭ ނިޒާމެއްގެ ތެރެއިން، ރައްޔިތުންނަށް ޚިދުމަތް ކުރުމަށްޓަކައި. އެހެންނަމަވެސް، ކޮންމެ ސަރުކާރެއް އައިސްފައިވެސް މި ކުރާ ކަމަކީ، ކުރީ ސަރުކާރުން ފަށްޓަވާފައި ހުންނަ މަޝްރޫޢުތައް ހުއްޓާލާފައި، އާ މަޝްރޫޢުތަކަކަށް މިދަނީ. އޭގެ ސަބަބުން، ތިޔަ ވިދާޅުވާ ކަންތައްތަކަށް މި އޮތް ފުރުޞަތު ހުޅުވިގެން މިދަނީ. އާ މަޝްރޫޢުތައް ފެށީމާ ވާގޮތަކީ، ކުރިން ހުރި މަޝްރޫޢުތައް ހުއްޓާލީމާ، އެއަށް ކުރެވުނު ޚަރަދުތަކާއި، އެއަށް ދޭންޖެހޭ ބަދަލުތަކާއި، މިހެންގޮސް މާލީ ނިޒާމުގެ ތެރޭގައި ވަރަށް އުނދަގޫ ކަންތައްތަކަކާ ކުރިމަތިލާންޖެހެނީ. ކޮންމެ ސަރުކާރެއް އަޔަސްވެސް.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސަރުކާރާ ހަވާލުވެވަޑައިގަތުމަށްފަހު، އެ މަނިކުފާނަށްވެސް ހަމަ އޮތް އެ މަގު އިޚްތިޔާރު ކުރެއްވެން. އެހެންނަމަވެސް، ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ، މިހާރުވެސް ތިޔަބޭފުޅުންނަށް ވަރަށް ސާފުކޮށް އެ މަނިކުފާނު ވިދާޅުވާ ބަސްފުޅު އަޑުއިވިގެންދާނެ އިންތިޚާބުގެ ތެރޭގައި. މީޑިއާތަކަށް ސާފުވެސްވާނެ. ތިމަން މަނިކުފާނު އެއްވެސް މަޝްރޫޢެއް، ކުރިން ފަށްޓާފައި ހުރި އެއްވެސް މަޝްރޫޢެއް ނުހުއްޓާނަމޭ. ދިވެހި ރައްޔިތުންގެ ޙައްޤުގައި ކުރީގެ ސަރުކާރުންވެސް މަސައްކަތް ފަށްޓަވާފައި އޮތީ. އެހެންވީމާ، އެ މަސައްކަތް ތިމަން މަނިކުފާނު ނިންމަވައިދެއްވާނަމޭ. އެ ނުނިންމާ އޮތް އޮތުމަކީ، އެއީ ރައްޔިތުންނަށް ލިބޭ ނިކަމެތިކަމެއް. ރައްޔިތުންގެ ފައިސާ އެއީ. ޚިޔާނާތަކަށް ނޫނީ ނުވާނެ. އެއީ، ޝައްކެއްއޮތް ކަމެއްނޫން. މަސައްކަތްތައް އެހެން ބައްޓަން ނުކުރުމަށްޓަކައި، ވަރަށް ރަނގަޅު މިސާލެއް މިއަދުގެ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ދިވެހި ރައްޔިތުންނަށްޓަކައި އެ ފެނިވަޑައިގަންނަވަނީ ދެކޮޅުޖެހޭ ނިޒާމެއްގެ ތެރެއިން، މި ޚަރަދު ބަރަދު ބެލެހެއްޓުމުގެ ކަންތައްތަކެއް، އެ މަނިކުފާނު ފަށްޓަވާފައި އެއޮތީ.
އެހެންނަމަވެސް، އުނދަގޫތަކެއް އެބަހުރި. އުނދަގޫތަކަކީ، ސަރުކާރު ހަވާލުވީމާ ރައީސްގެ އަތްޕުޅުން ކުރައްވާ މަސައްކަތްޕުޅުތަކުންވާ އުނދަގޫތަކެއް ނޫން. ކުރީގައި ހުރި ދަރަނިތައް އަދާކުރުމާއި، އަދި އޭގެ އިތުރަށް، އެ ބޭފުޅުން ނަންގަވާފައި ހުރި ސުކޫކްތަކަކަށްވެސް މި އަހަރުގެ ތެރޭގައި އަޅުގަނޑުމެން ދައްކަން އެބަޖެހޭ ވަރަށް ގިނަ އަދަދު. ދެން ބަޖެޓުވެސް ޙަޤީޤަތުގައި މިފަހަރު ވަރަށްބޮޑު ތަނުން ކުޑަވި. އެހެންނަމަވެސް، މި ސުކޫކަށް ދައްކަންޖެހޭ ބައިތަކާހުރެ ބޮޑުވެފައި މިއޮތީ ބަޖެޓުން ފެންނަ އަދަދުތައް. މި ބަޖެޓު ފޮތުގެ ތަފްސީލު ބައްލަވައިލެއްވީމާ އެކަން ފެނިގެންދާނެ. އެހެންވީމާ، މިގޮތަށް ޚަރަދުކުރުމުގައި ދެކޮޅުޖެހޭ ސިޔާސަތެއް އެ މަނިކުފާނު އެބަ އެކުލަވައިލައްވާ. އެހެންނަމަވެސް، މިއީ އެއް އަހަރުން، ދެ އަހަރުން ވާނެ ކަމެއްނޫން. އިރާދަކުރެއްވިއްޔާ، މި ފަސް އަހަރުގެ ތެރޭގައި އެ މަނިކުފާނު އެކަން ތަންފީޒުކޮށްދެއްވާނެ.
ފާޠިމަތު މަދަދާ:
ރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމަށް ބަލައިލާއިރުގައި، ހަރުދަނާކުރުމަށްޓަކައި އަދިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަވެގެން މިދަނީ. ރާއްޖެއަކީ ޑިމޮކްރަސީއަށް ފައްކާ ޤައުމެއްގެ ގޮތުގައި ސިފަކުރިނަމަވެސް، ދެމެހެއްޓެނިވި ގޮތެއްގައި، ކުރިއަށް ގެންދިޔުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކެއް އަންނަ މައިގަނޑު އެއް ސަބަބަކީ، ފަސް އަހަރުން ފަސް އަހަރުން ބަދަލުވަމުން މި އަންނަ ސިޔާސަތުތަކާއި، ވެރިކަމުގައި ގެންގުޅޭ ގެންގުޅުންތައް. ދެން ވެރިކަން ބަދަލުވެގެން އެބަ އާދޭ، ފަސް އަހަރުގެ ކޮންމެ ދައުރަކާ އެކުގައި. އެގޮތުން ބަލާއިރުގައި، ރާއްޖޭގެ ޑިމޮކްރެޓިކް މި ނިޒާމު ހަރުދަނާގޮތެއްގައި ދެމެހެއްޓުމަށްޓަކައި، މި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯ؟
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:
ޑިމޮކްރަސީގެ އެންމެ ރީތި އެއް ސިފައަކީ، އެންމެ މުހިންމު އަސާސަކީ، ރައްޔިތުންނާ ގާތުން މަސައްކަތް ކުރުން ދޮގެއްތޯ؟
ރައީސުލްޖުމްހޫރިއްޔާ އެންމެ ފުރަތަމަވެސް ފެށްޓެވީ، އަދި ވަޢުދުވެސް ވެވަޑައިގެންނެވީ، ދިވެހިރާއްޖޭގެ ހުރިހާ ރަށަކަށް، ފުރަތަމަ ދެ އަހަރު ތެރޭގައި ވަޑައިގެން، ރައްޔިތުންގެ ޚިޔާލު ހޯއްދަވައިގެން، މަސައްކަތްޕުޅު ބައްޓަންކުރައްވާނެ ކަމަށް.
އެގޮތުން، އެ މަނިކުފާނު އެވަނީ އެ މަނިކުފާނުގެ ވަޢުދުފުޅު ފުއްދަވާފައި. ދިވެހި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްޕުޅު ފެށްޓެވި. ރައްޔިތުން ބޭނުންވާގޮތަކަށް، އެ ރަށެއްގެ ރައްޔިތުންގެ ޚިޔާލާއި، މަޝްވަރާއާއެކީގައި، އެ ރަށެއްގެ ތަރައްޤީ ބައްޓަން މި ކުރަނީ. މާނައަކީ، އެ ރަށެއްގައި އޮވެދާނެއޭ، ބަނދަރު ހެދުމުގައި ދައުލަތުން، ނޫނީވިއްޔާ ސަރުކާރުން ކުރީގައި ޑިޒައިންކުރި ތަފާތު ގޮތެއް. އެހެންނަމަވެސް، އެ ރަށެއްގެ ރައްޔިތުންނަށް، ޒަމާންތަކެއް ވަންދެން އެނގޭނެ ދޮގެއްތޯ، އެ ރަށުގެ އޮއިވަރާއި، މިކަންކަން ހިނގަމުން އަންނަ ގޮތް. ރަށަށް ރާޅުއެރުމާއި، މިކަންކަން ހުންނަ ގޮތް. އެހެންވީމާ، އެ ސަރވޭ ކުރުމުގެ ތެރޭގައި، ދެ ފަރާތާ ވާހަކަ ދައްކައިގެން، ރައްޔިތުންނަށް އެންމެ ރަނގަޅު ލުއި ޙައްލުތައް، ހޯއްދަވައިދެއްވަނީ.
މިސާލަކަށް، ސްކޫލް އިމާރާތެއް އެޅުމުގައިވެސް، އިތުރަށް ބޭނުންވެފައި ހުރި ކަންކަން، ނޫނީ އިތުރު ކްލާސްރޫމެއް ކަމުގައިވިޔަސް، ސްކޫލްގެ ބެލެނިވެރިންނާއި، ޓީޗަރުންނާއި، އަދި ރަށުގެ އެހެނިހެން އިސް ރަށްވެހިންގެ ފަރާތުން ޚިޔާލު ހޯއްދަވައިގެން، އެކަން ނިންމަވަމުން، ތަންފީޒު ކުރައްވަމުން އެގެންދަވަނީ. މިހާރު ފަށްޓަވާފައި ހުރީ ތަންފީޒީ ކަންކަން އިނގޭތޯ. މިހާރު އެގެންދަވަނީ، ރައްޔިތުންނާއެކީ މަޝްވަރާ ކުރައްވަމުން، ޚިޔާލު ހޯއްދަވަމުން، ދުވަހުން ދުވަހަށް ކަންކަން ތަންފީޒު ކުރައްވަމުން. އެހެންކަމުން، ޑިމޮކްރަސީގެ އެންމެ މުހިންމު އެއް ސިފަ، އެ ތަންފީޒު ކުރައްވަނީ.
ދެން، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން. ޚިޔާލުފާޅުކުރުމުގެ މިއަށްވުރެ ރަނގަޅު ފުރުޞަތުތަކެއް ދިވެހި ރައްޔިތުންނަކަށް ނުލިބޭނެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ވަޑައިގެން، ބޭނުންފުޅުވާ ވާހަކައެއް ދެއްކެވުމުގެ. އެ ވަގުތު ހަމަ އެ ބޭފުޅަކު އެ ބޭނުންވާވަރަށް، އެ ރައްޔިތަކު ބޭނުންވާވަރަކަށް އެ ފުރުޞަތު ހުޅުއްވައިދެއްވާފައި އޮތީ.
ދެން، އެމް.ޑީ.ޕީ. ވެރިކަމުގައި، ވަކި ތަންތަނަކަށް އެއްވެގެން ނޫނީ، ހުއްދަ ނަގައިގެން ނޫނީ، އަޅުގަނޑުމެންނަށް އެކަން ނުކުރެވޭނެ ޤާނޫނެއް އޮތް. އެހެންނަމަވެސް، މިހާރު އަޅުގަނޑުމެންގެ މި ވެރިކަމުގައި، އެއްވެސް ހުއްދައަކާނުލައި އެއްވެވޭނެ، ޚިޔާލުފާޅުކުރެވޭނެ، ބޭނުންވަރަކަށް ތިބެވޭނެ. އެހެންނަމަވެސް، މިއިން ކޮންމެ ކަމެއްގައިވެސް އޮންނާނެ ނޫންތޯ ޙުދޫދެއް. މިންގަނޑުތަކެއް ކަނޑައެޅިފައި. އަޅުގަނޑުވެސް ވާހަކަ ދައްކާއިރު، މަދަދާގެވެސް އޮންނާނެއޭ ޙައްޤުތަކެއް. އެއީ، އަޅުގަނޑު ޔަޤީންކުރަންޖެހޭ އެއްޗެއް. އެއަށްފަހުގައި އަޅުގަނޑު ވާހަކަ ދައްކަންޖެހޭނީ. އެހެންނޫންނަމަ، އަޅުގަނޑަށް މި އަރައިގަނެވެނީ، އަނެކާގެ ޙައްޤުތަކަކަށް. އަނެކާގެ އަބުރަށް. އެހެންވީމާ، އަޅުގަނޑުމެން ރައްކާތެރި ނުކުރި ކަމެއް، ކާކުތޯ މާދަމާ ރައްކާތެރިކުރާނީ. މިއަދުގެ ވަލިއްޔުއްއަމްރުގެ ގޮތުގައި، އަޅުގަނޑުމެން، ލޮބުވެތި ދިވެހި ރައްޔިތުން އިޚްތިޔާރު ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެއް ނޫންތޯ؟ އެހެންވީމާ، އެ މަނިކުފާނު ޖެހިވަޑައިގަންނަވާނެ ނޫންތޯ، ދިވެހީންގެ ރައްކާތެރިކަން ކަށަވަރުކޮށްދެއްވަން ދިވެހީންނަށް. ބަޔަކު ކިތަންމެ ވާހަކައެއް، އެގޮތަށް ތަފާތު ގޮތްގޮތަށް ދެއްކިޔަސް، އެ މަނިކުފާނު މަސައްކަތްޕުޅު ކުރައްވާ ގޮތުގެ މިސާލު އަޅުގަނޑުމެންނަށް ފެންނަން މިއޮތީ. ޙަޤީޤަތުގައިވެސް، އޯގާތެރި ރައީސެއްގެ އެންމެ މާތް އެއް ސިފަ.
އެހެންވީމާ، އަޅުގަނޑުމެންގެ މި ރާއްޖޭގައި، އެ މަނިކުފާނު އެ ވިދާޅުވަނީ ތަކުރާރުކޮށް، ދިވެހި ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރާހެން، ހުރިހާ މިނިވަންކަމެއް، ހުރިހާ ވާހަކައެއް ދެއްކުމުގެ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނާނެއޭ. މީޑީއާތަކުގައި އެކަން އެއޮތީ ފެންނަން. ކޮން ފިޔަވަޅެއްތޯ، ކާކާ ދޭތެރޭގައިތޯ އެޅުއްވީ؟ އެހެންވީމާ، އެ ފުރުޞަތު އެބައޮތް އިނގޭތޯ.
ފާޠިމަތު މަދަދާ:
ދެން، ނައިބު ރައީސްގެ ވާހަކަފުޅުގައި ހަމަ ވަރަށް ބޮޑަށް އަލިއަޅުވައިލައްވައިފި، އަތޮޅުތެރޭގެ ރަށްތަކަށް މި ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކަށް. ދެން، ވާދަވެރި، ނޫނީވިއްޔާ ސަރުކާރުގެ މި ސިޔާސަތުތައް ކަމުނުދާ ބޭފުޅުން ދައްކަވާ ވާހަކަތަކަށް ބަލައިލާއިރުގައި، މިސާލަކަށް މި ވިދާޅުވަނީ، އައްޑޫސިޓީއަކީ، ވަރަށް ބޮޑު ސިޓީއެކޭ. އެ ސިޓީއަށް އެ މަނިކުފާނު ވަޑައިގެންނުވެއޭ ވިއްސަކަށް މިނިޓް. ކިހިނެއްތޯއޭ، ކޮން ރައްޔިތަކާތޯއޭ ބައްދަލުކުރާނީ؟ ރައްޔިތުންނާ ބައްދަލުކުރެއްވުމެއް ނޫނޭ، ކައުންސިލްތަކާއި، ކައުންސިލްތަކުގެ މެންބަރުންނާއި، ރައީސުންނާ ބައްދަލުކުރެއްވުމަކީ، ނޫނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ވާހަކަ ދެއްކުމަކީ.
ކިހިނެއްތޯ މިކަމާ ދޭތެރޭގައި ދެކެވަޑައިގަންނަވަނީ؟ ރައީސް އަތޮޅުތެރޭގެ ރަށްތަކަށް މި ކުރައްވާ ދަތުރުފުޅުތަކަކީ ރަނގަޅު ގޮތެއްގެ މަތިން ކުރައްވާ ދަތުރުފުޅުތަކެއްތޯ؟
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:
އަޅުގަނޑުމެން ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމަށްފަހު، ބާރުތަކެއް މިދިނީ. ރައްޔިތުން ބާރުތަކެއްވެސް ދެއްވާފައި މިއޮތީ. ރައްޔިތުން އެއްބާރުލުން މިދެނީ، ރައްޔިތުންގެ މަންދޫބުން ގޮތުގައި، ރައްޔިތުންގެ މަޖިލީހަށް ހޮވާ މެންބަރުންތަކަށް. ކިހިނެއްތޯ ހުރިހާ ރައްޔިތުންނަށް، ރައްޔިތުންގެ މަޖިލިސް ތެރޭގައި، އެ ބޭފުޅަކު ބޭނުންވާ ޚިޔާލު ވަކިވަކިން ދެއްވޭނީ؟
އެހެންވީމާ، ނިޒާމެއް ކަނޑައެޅިފައޭ މިއޮތީ. އެ ނިޒާމަކަށް އަޅުގަނޑުމެން ޕްރެކްޓިސް މި ކުރަނީ. އެހެންވީމާ، އެ ނިޒާމުގެ ތެރޭގައި، ރަށްރަށުގައި ކައުންސިލެއް އެކުލެވިފައި މިއޮތީ ރައްޔިތުންގެ އަޑުއުފުލުމަށްޓަކައި. ރައްޔިތުންގެ ޚިޔާލާއި، މަޝްވަރާ އެ ކައުންސިލުން ރައީސަށް އަރުވާނީ.
އެހެންވީމާ، މިސާލަކަށް ޑަބްލިޔޫ.ޑީ.ސީ.، އަންހެނުން ތަރައްޤީކުރާ، ކުރިއަރުވާ ކޮމިޓީން، އެ ޚިޔާލުތައް އެ ދެއްވަނީ، ރަށުގެ އަންހެން ބޭފުޅުންގެ ޚިޔާލާއި މަޝްވަރާއާ އެކީގައި، މަޝްވަރާތައް އެ ދެނީ. އެ ބޭފުޅުންގެ އަމިއްލަ މަޝްވަރާތަކެއް ނޫނޭ އިނގޭތޯ. އެހެންވީމާ، ދެކޮޅުޖެހޭ ވާހަކަ އަޅުގަނޑުމެން ދައްކަންޖެހޭނީ. އެ ނިޒާމުތައް ކަނޑައެޅުމުގައި، އެންމެ ވަރުގަދައަށް ޑިމޮކްރަސީ ރޫޙުގައި އެ ވާހަކަ ދައްކަވަން ފެށްޓެވީ އެ ބޭފުޅުން. އަޅުގަނޑުމެން ދޭންޖެހޭ ޝުކުރެއް، އެ ބޭފުޅުންނަށް އަދާކޮށްގެން މަސައްކަތް މި ކުރަނީ.
އެހެންނަމަވެސް، ތިމާމެންނަށް މިހާރު ވެރިކަން ނުލިބުނީމާ، އަނެކުން ގޯސްކުރުމަށްޓަކައި އެކަހަލަ ވާހަކަ ދެއްކުމަކީ، އެއީ މުޖުތަމަޢު ބަލައިގަންނާނެ ކަމެއް ނޫނޭ. މި ޒަމާނީ، ތަހުޒީބީ މުޖުތަމަޢުގައި، އެއީ ދެކޮޅުނުޖެހޭ ވާހަކަތަކެއް އިނގޭތޯ.
އެހެންވީމާ، ނިޒާމުގެ ތެރެއިން މިހިރީ ކަންތައްތަކެއް ކަނޑައެޅިފައި. ޑަބްލިޔޫ.ޑީ.ސީ.، ރަށްރަށުގެ ކައުންސިލް އިދާރާތައް، ރަށުގެ އިސް ރަށްވެހިން، މިހެންގޮސް، ޖަމުޢިއްޔާ، ޖަމާޢަތްތައްވެސް ހެދިފައި އެބަހުރި. މިސާލަކަށް، ޒުވާނުންނާ ގުޅޭގޮތުން ރަށްރަށުގެ ކުރިއެރުމަށްޓަކައިވެސް، ޒުވާނުންނާ ގުޅިގެން، ކައުންސިލްތަކުން އިސްވެގެން ބައެއް ޖަމުޢިއްޔާތައް އެބަ އުފެދޭ. އެހެންވީމާ، އެ ޖަމާޢަތަކުން، ނޫނީވިއްޔާ އެ ޖަމުޢިއްޔާއަކުން އައިސް، ސްޕޯޓްސް މިނިސްޓްރީގައި ބައެއް ކަންކަމަށް އެދިގެން މިދަނީ. ވަކިވަކި ފަރުދުން އައިސް އެހެން އެދޭ ކަންކަމުގައިވެސް، ހުންނާނެ އެޓެންޑް ވަމުންދާ ކަންކަން. އެހެންނަމަވެސް، މި ދެންނެވީ، މުޅި މުޖުތަމަޢު ތަމްސީލުކުރެވޭ ނިޒާމުގައި، ކައުންސިލްތަކާއި، ޑަބްލިޔޫ.ޑީ.ސީ.އާއި، ނޫނީ މިނިސްޓްރީތަކާއި، މިހެން ހުންނަ އިސް ތަންތަނޭ އެ ކަނޑައަޅާފައި މި ހުންނަނީ. އެހެންވީމާ، ނިޒާމަކަށޭ އަޅުގަނޑުމެން މަސައްކަތް މި ކުރަނީ.
ފާޠިމަތު މަދަދާ:
ދެން، ސަރުކާރުގެ މުހިންމު ނިންމެވުންތަކާ އެކުގައި، މަދަނީ ޖަމުޢިއްޔާތަކުގެ ކަންބޮޑުވުންތަކާއި، އެ ބޭފުޅުންގެ ޝުޢޫރުތައް. ހަމައެކަނި ކަންބޮޑުވުމެއް ނޫން، އެ ބޭފުޅުންގެ ޝުޢޫރުތައް ޖުމްލަގޮތެއްގައި އެބަ ޙިއްޞާ ކުރެވިގެންދޭ. ދެން، އެ އަޑު ސަރުކާރަށް އިވުމަކީ، ޙަޤީޤަތުގައި ވަރަށް މުހިންމު ކަމެއް. މަނިކުފާނުގެ ވާހަކައިގައިވެސް ތިޔަ ފާހަގަކުރެއްވި ފަދައިން، ކޮންމެ ރައްޔިތަކު އައިސް ވަކިވަކިންނެއް ނޫން ކަންކަން ދަންނަވާނީ. ހަމަ އެގޮތަށް، ޖަމުޢިއްޔާތަކެއް އުފެދިގެން އައިސްފައި މި ހުންނަނީ، އެކިއެކި ކަންކަމަށް ޚާއްޞަ ކުރެވިގެން. އެކަމާ ގުޅޭ ނިންމެވުމެއް ނިންމާއިރު، އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ހަމަ އެ ޖަމުޢިއްޔާތަކުގެ އަޑު، ސަރުކާރަށް އިއްވުމަށްޓަކައި މަސައްކަތްތަކެއް ކުރަމުންދާ މަންޒަރު. ދެން، އެ އަޑު ރައީސުލްޖުމްހޫރިއްޔާއަށް، ސަރުކާރަށް އިވެމުންދާކަން އަޅުގަނޑުމެންނަށް ހަމަ ޔަޤީން. ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކުންނާއި، މި ހުރިހާ ކަންކަމަކުން، ޚުދު ރައީސުލްޖުމްހޫރިއްޔާއަށް، މަނިކުފާނަށްވެސް އެކަންކަން ފާހަގަވާނެ.
މިއާ އެއްގޮތަށް ސަރުކާރުން ނިންމުންތައް ބައްޓަންކޮށް، ރައްޔިތުން އެ އެދޭ މަގުން ކަންކަން ކުރިއަށް ގެންދިޔުމަށްޓަކައި، ކޮބައިތޯ ކުރެވިފައިވާ މަސައްކަތްތަކަކީ؟
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:
ވަރަށް ރީތި މިސާލެއް ނޫންތޯ، ރައީސް ރަށްރަށަށް ވަޑައިގެން ކައުންސިލްތަކާއި، ޑަބްލިޔޫ.ޑީ.ސީ.އާ މަޝްވަރާކުރައްވާ. އޭގެއިތުރަށް، މި ދެންނެވި ގޮތަށް، އެފަދަ ޖަމުޢިއްޔާއަކުން ރިކްއެސްޓެއް އައިސްފައި އޮތިއްޔާ، ވަގުތުން ހަމަ އެއަށް އިޖާބަދެއްވާ އިނގޭތޯ. ބައްދަލުކުރައްވައި، މި ދެންނެވި ގޮތަށް، ވަރަށް ފުރިހަމައަށް ވަގުތު ދެއްވައިގެން، އައްސަވައިގެން، އަދި އަރިހުގައި ތިއްބަވާ މިނިސްޓަރުންވެސް، އެކަންކަމާ ގުޅޭ މިނިސްޓަރުން ކުރެން އައްސަވައިގެން، ދުވަހުން ދުވަހަށް އެކަމެއް ޙައްލުކޮށްދެވެން އޮތީވިއްޔާ، އެކަމަށްވެސް އިސްކަންދެއްވައިގެން މަސައްކަތްޕުޅު އެ ކުރައްވަނީ.
އަޅުގަނޑު މި ދެންނެވީ، ޑިމޮކްރަސީގެ ވަރަށް ރީތި ސިފައެކޭ އެއީ، ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުން. އެހެންވީމާ، އިތުރަށް އަޅުގަނޑުމެން މީގައި ދައްކަންޖެހޭ ވާހަކަތަކެއް ނެތް.
ދެން، އަޅުގަނޑުމެންގެ މާލޭ ސިޓީއަށް ބަލައިލި ކަމުގައިވީނަމަވެސް، މުއައްސަސާތައް މިހުރީ މާލޭގައި. އަޅުގަނޑުމެން ސްޕޯޓްސް މިނިސްޓްރީ، ނޫނީ ޔޫތު މިނިސްޓްރީން، ހަމަ ކޮންމެއިރަކުވެސް މިނިސްޓަރުންނަށް ދެއްވެން އޮތް ހުރިހާ ވަގުތުތަކެއް، ރައީސްގެ އިރުޝާދާ އެކީގައި ޖަމުޢިއްޔާތަކަށް އެގެންދަވަނީ ދެއްވަމުން.
އެހެންވީމާ، އެ ހުރިހާ ކަމެއް، ބިލެއް އެކުލަވައިލި ކަމުގައިވިޔަސް، މިސާލަކަށް، އެންމެ ބޮޑަށް އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، ކުޅިވަރާ ބެހޭ ޤާނޫނެއް އެކުލަވައިލުމަށްޓަކައި، އެމް.ޑީ.ޕީ. ވެރިކަމުގައި އޮތް، އާ ބިލެއް ހުށަހަޅާފައި. ދެ ފެކްޝަނެއްގެ ކޯޅުމާ ގުޅިގެން، އެ ބިލު އިޖުތިމާޢީ ކޮމިޓީގައި، އަޅުގަނޑުމެންގެ މި ވެރިކަން އައިއިރުގައިވެސް އޮތީ ތަޅުލެވިފައި. އެ ވާހަކަވެސް މިދިޔަ ބޮޑު ޖަލްސާގައި ތިޔަބޭފުޅުންނަށް އަޑުއިވިވަޑައިގެންނެވި. މުހިންމު ބިލުތަކެއް ހުރީ ތަޅުލެވިފައޭ. އެ ފާސްކުރާކަށް ނުކެރުނޭ. އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން، މިފަދަ ކޮންމެ ބިލެއް، ޞިއްޙަތާ ގުޅުންހުރި ބިލެއްވެސް، ކުޅިވަރާބެހޭ ބިލެއްވެސް ގެންނަވައި، އެއޮތީ މަޖިލީހުން ފާސްކުރައްވައި، ތަންފީޒު ކުރައްވަންވެސް ފަށްޓަވާފައި. އެގޮތުން، އާންމު ދިވެހި ރައްޔިތުންނަށް މަންފާ ލިބޭ، ގިނަގުނަ ކަންކަން ފަށްޓަވާފައި މިވަނީ. އަދި ކުރިއަށް ތިން އަހަރު އެބައޮތް. އިރާދަކުރެއްވިއްޔާ، ފާގަތި ދުވަސްތަކެއް ކުރިއަށް އޮތީ އިނގޭތޯ.
ފާޠިމަތު މަދަދާ:
އާދެ، ދެން، 2025 ވަނަ އަހަރަށް، އާ ބަޖެޓު ފާސްކުރި ވާހަކަވެސް ނައިބު ރައީސްގެ ވާހަކައިގައި ފާހަގަކުރައްވައިފި. ސަރުކާރުން ބޭނުންވި ކަންތައްތަކަށް ބޭނުންވާ ފައިސާ ހިމަނައިގެން، މަސައްކަތްތަކެއް ފެށިގެން އައި ވާހަކަ. އެގޮތުން، މި އަހަރުގެ ބަޖެޓު ޖުމްލަގޮތެއްގައި، ސަރުކާރުން ސިފަކުރީ، ރާއްޖޭގައި މިއޮތް އެންމެ ބޮޑު އެއް މައްސަލަތަކުގެ ތެރޭގައި ހިމެނޭ ބޯހިޔާވަހިކަމުގެ މައްސަލަތަކާއި، މިހެންހުރި ގިނަ މައްސަލަތަކަކަށް ޙައްލު ލިބިގެންދާނެ ބަޖެޓެއްގެ ގޮތުގައި. މި އަހަރަށް ބަލައިލާއިރުގައި ގަބޫލުކުރެއްވޭތޯ ބަޖެޓުން އަމާޒުހިފި ގިނަ ކަންތައްތަކެއް ހާސިލުކުރެވިފައިވާ ކަމަށް؟
ދެން، ވަރަށް ބޮޑު އުންމީދީ ބަޖެޓެއްގެ ގޮތުގައި ފާހަގަކުރެވިގެން މިދިޔައީ. ކިހިނެއްތޯ މަނިކުފާނު ދެކެވަޑައިގަންނަވަނީ؟
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:
މިދިޔަ އަހަރުގެ ބަޖެޓުތޯ؟ 2026 ވަނަ އަހަރު ތަންފީޒުކުރާނެ ބަޖެޓުގެ ވާހަކަ ދޮގެއްތޯ؟
ފާޠިމަތު މަދަދާ:
އާދެ!
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:
އާދެ، އަޅުގަނޑަށް ހީވަނީ، އެ ބަޖެޓުގައި ރައީސް އެންމެ ބޮޑަށް އިސްކަންދެއްވާފައި އެއޮތީ، ޞިއްޙީ ދާއިރާއަށްހެން އިނގޭތޯ. ވަށާޖެހޭ ނިޒާމެއްގެ ތެރެއިން، ރައްޔިތުންނަށް ޞިއްޙީ ފަރުވާ ފޯރުކޮށްދެއްވުމަށްޓަކައި، ދުޅަހެޔޮ ޞިއްޙަތެއް ޔަޤީންކޮށްދެއްވުމަށްޓަކައި، އަދި އަޅުގަނޑުމެންގެ ތެރޭގައި، ދާއިމީގޮތެއްގައި މި ފަރުވާ ހޯއްދަވަންޖެހޭ ފަރާތްތަކުގެވެސް ޖީބަށް ބުރަބޮޑު ނުވާނެގޮތަކަށް މި ނިޒާމު ކަށަވަރުކޮށްދެއްވުމަށްޓަކައި، އެ ބަޖެޓު އެކުލަވައިލެވިފައި އޮތީ.
އޭގެ ސަބަބަކީ، އެ މަނިކުފާނު މިދިޔަ ދެ އަހަރު ތެރޭގައި ރަށްތަކަށް ކުރެއްވި ޒިޔާރަތްތަކާއި، އަދި ކުރިންވެސް ކެމްޕެއިންގައި ކުރެއްވި ޒިޔާރަތްތަކުގައި، ރައްޔިތުންގެ ހުރި އެންމެ ބޮޑު ޝަކުވާތައް އަޑުއައްސަވައި، އެ ރަށްރަށުގައި ޞިއްޙީ މަރުކަޒުތަކާއި، ހޮސްޕިޓަލްތައް ހުރި ހާލަތު އެ މަނިކުފާނަށް ވަރަށް ރަނގަޅަށް ވަޒަންކުރެއްވިފައިވުން.
އެހެންވީމާ، އެކަންކަމަށް ރިޢާޔަތްކުރައްވައި، އެ މަނިކުފާނު ބޭނުންފުޅުވީ، ބޮޑު ބަދަލެއް ގެންނަން. އެ ބަދަލަކީ ޙަޤީޤަތުގައި، ރައްޔިތުންނަށް ފައިދާހުރި ބަދަލެއް. މިސާލަކަށް، ގދ. ތިނަދޫ ހޮސްޕިޓަލް، އައްޑޫ ހޮސްޕިޓަލް، ކުޅުދުއްފުށީ ހޮސްޕިޓަލް، މިއީ މައިގަނޑު ބޮޑެތި ހޮސްޕިޓަލްތައް އަޅުގަނޑުމެން މި ފާހަގަކުރަމުން އަންނަ. ރާއްޖޭގެ އެކި ރަށްތަކުގައި، ސިޓީތަކުގައި ހުރި. މި ތަންތަން އައި.ޖީ.އެމް.އެޗް. ފެންވަރަށް، ނޫނީ އެއަށްވުރެ ރަނގަޅު ފެންވަރުގައި ޤާއިމުކޮށް، އެކްސް-ރޭއާއި، އެމް.އާރު.އައި.އާއި، މިހެންގޮސް ބޮޑެތި މެޝިނަރީޒްއާ އެކީގައި ޚިދުމަތް ދެވޭނެ ތަންތަނަށް ހައްދަވާފައި، އަދި އޭގެއިތުރަށް، ސްޓާފުންނަށް ލިބެންޖެހޭ ޒަމާނީ ފެންވަރުގެ ޓްރޭނިންގ ލިބިފައި، ފެންވަރު ރަނގަޅު ޑޮކްޓަރުންނާއި، އެކި ޚިދުމަތްތައް ދެއްވައި، އެކިއެކި ފަންނުގެ ޑޮކްޓަރުން މި ތަންތަނަށް ގެނެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި، މިހެންގޮސް، މުޅި ނިޒާމު ވަށާޖެހޭއިރު އޮންނާނީ، ވަރަށް ހަރުދަނާ ސިޔާސީ ނިންމުންތަކެއް ނިންމިފައި، ތަންފީޒު ކުރެވިފައި.
ރައީސްގެ އެންމެ ބޮޑު ނިންމެވުމަކީ، ދިވެހިން، ދިވެހިރާއްޖެއިން ބޭރަށްދާ ދިޔުން މަދުކުރެއްވުން. މާނައަކީ، އެކަމަކާ ގުޅުންހުރި ފަރުވާ، ރާއްޖެއިން ލިބުމޭ. ޓެސްޓުތައް ރާއްޖެއިން ހެދުމޭ. ދިވެހިން އެންމެ ގިނައިން ބޭރަށްދާންޖެހޭނީ، މިފަދަ ކަންކަމާ ގުޅިގެން. އެހެންނަމަވެސް، ރާއްޖޭގެ ބައެއް ރަށްރަށުގައި، ލެބޯރެޓަރީން ޔޫރިން ޓެސްޓުވެސް ހަދައިނުލެވޭ. ލޭ ނަގަންވެސް ދާން މިޖެހެނީ، ދަތުރުފަތުރު ކޮށްފައި. ކަނޑުގަދަ ދުވަސްތަކުގައި މާބަނޑު މީހާވެސް ދާންޖެހެނީ، ސްކޭނެއް ހަދަންވިޔަސް، ޓެސްޓެއް ހަދަންވެސް އެތައް މޭލެއް ދުރަށް. އެހެންނަމަވެސް، މިކަންކަން ހުއްޓުވުމަށްޓަކައި، އިރާދަކުރެއްވީތީ ރައީސްގެ މަސައްކަތްޕުޅު، މިފަހަރުގެ ބަޖެޓުގައި ހިމަނާފައި އޮތީ. އެކަން އިރާދަކުރެއްވިއްޔާ، ތަންފީޒު ކުރެވިގެންދާނެ، ކުރިއަށް އޮތް ދެމަސް ތެރޭގައި. އަޅުގަނޑު ގަބޫލުކުރަނީ، މިކަންކަމަށް މަސައްކަތް ފެށިގެންދާ ތަން، ދިވެހި ރައްޔިތުންނަށް ފެނިގެންދާނެ ކަމަށް. މިއީ، ބޮޑެތި ބޮޑެތި ބަދަލުތައް އިނގޭތޯ.
ފާޠިމަތު މަދަދާ:
ސަރުކާރުން މިހާހިސާބަށް އައިއިރުގައި ރާއްޖޭގެ ހާލަތު، އަދި ދައުލަތުގެ ހާލަތުވެސް ވަރަށް ބޮޑަށް ދެނެގަނެވިފައި ވާނީ. ކުރިއަށް، އާ އަހަރަކަށް އަޅުގަނޑުމެން ތައްޔާރުވަމުންދާއިރުގައި، ހަމަ ޔަޤީން، ސަރުކާރުން ސަމާލުވެ ތިބޭނެ، މި ހުންނަ އެކިއެކި ކަންކަމާ ގުޅޭގޮތުން.
އެގޮތަށް ފާހަގަކުރެވޭއިރުގައި، ކިހިނެއްތޯ ގަބޫލުކުރައްވަނީ، 2026 ވަނަ އަހަރު ސަރުކާރަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާ ގުޅޭގޮތުން. އަދި ޚާއްޞަ ގޮތެއްގައި، އެ ގޮންޖެހުންތަކުން އަރައިގަނެ، ޤައުމު ކުރިއަށް ގެންދިޔުމަށްޓަކައި، އިޤްތިޞާދީ ގޮތުން ކަމަށްވީނަމަވެސް، ޚާރިޖީ ސިޔާސަތުތަކުގެ ގޮތުން ބަލާއިރުގައިވެސް، ކޮބައިތޯ ސަރުކާރުން އަޅުއްވާނެ ފިޔަވަޅުތަކަކީ، މިހެންހުރި ކަންތައްތަކުން ދުރާލާ ރައްކާތެރިވުމަށްޓަކައި؟
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:
އާދެ، ވަރަށް ގިނަ ބޭފުޅުން ދައްކަވާ ވާހަކައެއް ދޮގެއްތޯ؟ 2026 ވަނަ އަހަރަކީ މިއީ، އަޅުގަނޑުމެންގެ ސަރުކާރަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އޮންނާނެ އަހަރެކޭ؟
އެއީ، އަޅުގަނޑުމެން މި ސަރުކާރުން ކޮށްފައި އޮތް ކަންތައްތަކެއްގެ ސަބަބަކުންނެއް ނޫން. އެއީ، މާ ކުރީގެ ވެރިކަންތަކުން އައިސް، މިހާހިސާބަށް އައިއިރު ހުރި ދަތިތަކެއްގެ ސަބަބުން، މި ވާހަކަ މި ދެކެވެނީ.
އެހެންނަމަވެސް، އަޅުގަނޑު ކުރިން ދެންނެވިހެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން، މި ހުރި ކޮންމެ ކަމެއް ވަރަށް ރަނގަޅަށް ދިރާސާ ކުރައްވައިގެން ފެށްޓެވީ. އެހެންކަމުން، މިހާހިސާބަށް އަންނައިރު، މިކަންކަމާ ކުރިމަތިލާންޖެހޭނެކަން އެނގިވަޑައިގެން، އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކާއި، އަޅުގަނޑުމެންނަށް އެހީތެރިވަމުން އަންނަ ޤައުމުތަކާ މަޝްވަރާ ކުރައްވައިގެން، ގާތް ގުޅުމެއް އުފެއްދެވި. ވަރަށް ރަނގަޅު ޚާރިޖީ ސިޔާސަތެއް ފެށްޓެވި. ދެކޮޅުޖެހޭ ނިޒާމެއްގެ ތެރެއިން މަސައްކަތްޕުޅު ފެށްޓެވި. އެކަން މިހާރު ފެންނާނެ. ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި އަޅުގަނޑުމެންގެ އެމްބަސީތަކާއި، އަޅުގަނޑުމެންގެ ކޮންސިއުލޭޓް ހުޅުވި، މިހެންގޮސް ގިނަ ކަންތައްތަކެއް ކުރެވި، ވަރަށް އެކުވެރި ގުޅުމެއް މިއޮތީ ބަދަހިވެފައި. އަދި އޭގެއިތުރުން، އަޅުގަނޑުމެން ބޮޑެތި ލޯނު ނަގާފައި ހުރި ޤައުމުތަކުންވެސް، އަޅުގަނޑުމެންނަށް ބޮޑެތި ލުއިތަކެއް އެބަ ދެއްވާ. އަދި، މި ސުކޫކުގެ ވާހަކަ، ދެން އެންމެ ބޮޑަށް މި ދެކެވެނީ. އެހެންނަމަވެސް، އިރާދަކުރެއްވީތީ، ސުކޫކްވެސް ދެއްކޭނެގޮތް އެއޮތީ، ނިޒާމުގެ ތެރެއިން ހަމަޖައްސަވާފައި.
ދެން، މީގައި އަޅުގަނޑުމެންނަށް ހާސްކަމެއް ނެތް އިނގޭތޯ. ވަރަށް ޔަޤީންކަމާއެކީގައި މި ދަންނަވަނީ، ދިވެހި ރައްޔިތަކު ނިކަމެތިވާނެ އެއްވެސް ކަމެއް، އެ މަނިކުފާނުގެ ވެރިކަމުގައި ނުވާނެ. ފުރަތަމަ އަހަރު ފެށި ވަގުތުކޮޅުގައި، ކަންކަމުގައި ކުޑަކޮށް ލަސްކަމެއް ފެނިގެންދިޔަ. އެހެންނަމަވެސް، ބާރުމިނުގައި ކަންކަން ހިނގައިގަތް ތަން، އެ ހެޔޮ ނަތީޖާ މިހާރު މި ފެންނަނީ.
އިޤްތިޞާދީ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުނީމައޭ، މަސްވެރިންނަށް ފައިސާ ދެވެމުން މިދަނީ. ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވަމުން މިދަނީ. ރާއްޖޭގެ އެތެރޭގައި، ބޭރު ފައިސާ ހަރުލާފައި ހުރި ހުރުމޭ، ދިވެހީންނަށް ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމުތަކެއް ހަމަޖެހިގެން މިދަނީ. އުނދަގޫތަކެއް ހުންނާނެ. އެހެންނަމަވެސް، އަޅުގަނޑު މި ދަންނަވަނީ، އެއްދުވަހުން، ދެ ދުވަހުން ހާސިލުވާނެ ކަންކަމެއް ނޫނޭ. ކުރު މުއްދަތެއްގެ ތެރޭގައި، އެހެންނަމަވެސް، ހެޔޮ ނަތީޖާ ފެނިގެންދާނެއޭ.
ފާޠިމަތު މަދަދާ:
ރާއްޖެއަށް ބަލާއިރުގައި، އަޅުގަނޑުމެންނަށް ފާހަގަވެގެން މިދަނީ، ޤައުމީ އުފެއްދުންތެރިކަން އަދިވެސް އިތުރުކުރަން ޖެހިފައިވާ ތަން. ދެން، ޤައުމީ އުފެއްދުންތެރިކަމަކީ، ޤައުމެއްގެ ކުރިއެރުން. އިތުރު ޤައުމުތަކަށް ބަރޯސާނުވެ، އަމިއްލަ ޤައުމުން ތިމާމެން ބޭނުންވާ ކަންކަން އެއީ، އާމްދަނީގެ ގޮތުން އާ، ފަހި ފުރުޞަތުތަކެއް ހޯދުމަށްޓަކައި ބެލެވޭ ކަންކަން.
ނަމަވެސް، ކޮބައިތޯ މި ސަރުކާރުން ޤައުމީ އުފެއްދުންތެރިކަން އިތުރުކުރުމަށް، މިދިޔަ ދުވަސްތަކުގެ ތެރޭގައި، އަދި ކުރިއަށް އޮތް ތަނުގައިވެސް ކުރައްވާނެ މަސައްކަތްތަކަކީ؟ އެގޮތުން ބަލާއިރުގައި ގަބޫލުކުރައްވަންތޯ، ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް، މި ފާއިތުވެގެން މިދިޔަ ދުވަސްތަކާ އެކީގައި ބަލާއިރު؟
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:
އާދެ، އަޅުގަނޑުމެންގެ އިޤްތިޞާދު ހަމައެކަނި ބަރޯސާވެފައި މި އޮންނަނީ ޓޫރިޒަމަށް. އޭގެ ވަރަށް ނޭދެވޭ އަސަރުތަކެއް، ކޯވިޑާ ގުޅިގެން އަޅުގަނޑުމެންގެ ދައުލަތަށް، ނޫނީވިއްޔާ ދިވެހި ރައްޔިތުންނަށްވެސް ކޮށްފައި މިއޮތީ. އެ ތަޖުރިބާގެ އަލީގައި، މުޅި ދުނިޔެވެސް އެކަންކަމަށް ލޯހުޅުވައިގެން، ކޮންމެ ޤައުމެއްގެ އިޤްތިޞާދުގައި، އެބަޔަކަށް ކުރެވެން އޮތް މަސައްކަތްތަކެއް އެބަ ކުރޭ. އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާވެސް ސަރުކާރާ ހަވާލުވެވަޑައިގަތުމަށްފަހު، އެ މަސައްކަތްޕުޅުތައް ވަރަށް ބާރަށް އެބަ ކުރިއަށް ގެންދަވާ.
އެގޮތުން، އަޅުގަނޑުމެންގެ އެކިއެކި ފަންނުވެރިންވެސް، ރާއްޖޭގައި ކުރެވެން ހުރި މަސައްކަތްތައް ބަލައި، އެ ފުރުޞަތުތައް ހުޅުވާލައިގެން، ވަރަށް ބޮޑަށް މަސައްކަތް އެބަކުރޭ، ޓޫރިޒަމަށް އެކަނި ބަރޯސާ ނުވުމަށްޓަކައި. މަސްވެރިކަމުގެ ޞިނާޢަތްވެސް އިތުރަށް ފުޅާކޮށްފައި. އެގްރިކަލްޗަރގެ މަސައްކަތްތައް ރަށްތަކުގައި ފުޅާކުރުމަށްޓަކައި، ލުއި ލޯނުތަކާއި، އަދި އެހެނިހެން ސްކީމްތައް ހުޅުވައިގެން، އަދި ސަރުކާރުން އެއްބާރުލުން ދީގެން، އެކަންކަން ރަށްރަށުގައި ބާރަށް ކުރިއަށް އެބަ ގެންދޭ. އަދި ބޭރުގެ ޤައުމުތަކުގެ އެހީތެރިކަމާއެކީގައި، ފަންނުވެރިން ގެނެސްގެން، އެ ރަށްތަކުގައި އެކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކާ ގުޅިގެން، ވަރަށް ގިނަ ރަށްތަކުގައި އެ މަސައްކަތް ފެށިގެން މިދަނީ.
އޭގެއިތުރަށްވެސް، އަޅުގަނޑުމެންގެ ޤައުމަކީ، ތިމާވެށްޓާ ރަށްޓެހި، ތިމާވެށްޓަށް ލޯބިކުރާ ރައްޔިތެއް ދިރިއުޅޭ ތަނަކަށް ހެދުމަށްޓަކައި، އެ މަސައްކަތްވެސް ބާރަށް އެބަ ކުރިއަށް ގެންދޭ. މިފަދަ ކޮންމެ އިންޓަރނޭޝަނަލް ފޯރަމެއްގައިވެސް އަޅުގަނޑު މި ދައްކަނީ އެ ވާހަކަތައް. އަޅުގަނޑުމެން އިކޮނޮމީ ޑައިވަރސިފައި ކުރަމުންދާ ވާހަކަ. އެހެންވީމާ، އިތުރު ދިމަދިމާގައި ރައީސްގެ އިރުޝާދާއެކީގައި، އަޅުގަނޑުމެންގެ ޤައުމުގައި ތިބި ފަންނުވެރިން މިކަމަށް މަސައްކަތް ކުރަމުންދަނީ.
އެ ނަތީޖާއަކީ، ފަސޭހައިން އަޅުގަނޑުމެންނަށް ފެންނާނެ ނަތީޖާއެއް ނޫން. އެހެންނަމަވެސް، އެ މަސައްކަތް ބާރަށް އެބަ ހިނގާ. އެހެންވެގެން ރައީސް އެ ބޭނުންފުޅުވަނީ، ތަޢުލީމީ، އަދި ޞިއްޙީގޮތުންނާއި، ހުރިހާ ގޮތަކުން ޤާބިލް ޒުވާނުންތަކެއް، މުޖުތަމަޢުގައި އުފެދިގެން އައުމަށް. އޭރުން މި މަސައްކަތް ކުރެވޭނެ، ކޮންމެ ދާއިރާއެއްގައިވެސް، ކޮންމެ ހިސާބެއްގައިވެސް.
ފާޠިމަތު މަދަދާ:
އާދެ، ދެން، ބައިނަލްއަޤްވާމީ ގޮތުން މިހުރި ފުރުޞަތުތަކާއި، އަދި ހޯދެންހުރި ފުރުޞަތުތަކާ ގުޅޭގޮތުން ފާހަގަކުރެއްވި. އަޅުގަނޑުމެންނަށް ފެނޭ، ނައިބު ރައީސްވެސް ވަޑައިގެން، ބައިނަލްއަޤްވާމީ އެކިއެކި ސެމިނަރތަކުގައި، ފޯރަމްތަކުގައި، ކޮންފަރެންސްތަކުގައި ބައިވެރިވެވަޑައިގަންނަވާ މަންޒަރު. މިގޮތަށް ބަލާއިރުގައި، ކޮބައިތޯ މިދިޔަ ދުވަސްތަކުގެ ތެރޭގައި ކުރެވިފައިވާ ފާހަގަކުރެވޭ މަސައްކަތްތަކަކީ؟
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:
އާދެ، އިރާދަކުރެއްވީތީ ރައީސްވެސް ވަރަށް ގިނަ ފޯރަމްތަކުގައި ބައިވެރިވެވަޑައިގެންފި. އަޅުގަނޑުވެސް މިދަނީ ބައިވެރިވަމުން. އަދި އަޅުގަނޑުމެން ނޫނަސް، ސަރުކާރުގެ އެކިއެކި ބޭބޭފުޅުން، އިސްވެރިންވެސް ބައިވެރިވެވަޑައިގެންފައިވޭ. އެތައް ގިނަ ޤައުމުތަކެއްގެ، އަދި ޚާއްޞަގޮތެއްގައި، އަޅުގަނޑުމެންގެ މި ކުދި ޤައުމުތަކުގެ ތިމާވެށްޓާއި، މި ނާޒުކު ޤައުމުތަކުގެ އިސްވެރިންނާ އެކީގައި، ނޫނީ އެ ފަރާތްތަކަށް ލިބިދޭނެ ލުއިތަކާއި، ހޯދޭނެ މަގުތައް ފަހިކޮށްދޭނެ ކަންތައްތަކާ ގުޅޭގޮތުން ބައިވެރިވެ، މަޝްވަރާ މި ކުރެވެނީ. އޭގެ ސަބަބުން، މުޅި ދުނިޔެއަށްވެސް، ޤައުމުތަކަށްވެސް ބޮޑެތި ބަދަލުތަކެއް އާދޭ. ލުއިތަކެއް ލިބިގެންދޭ.
ޚާއްޞަކޮށް، އަޅުގަނޑުމެން ފަދަ ކުދި ޤައުމުތަކާއި، މި ތިމާވެށްޓަށް ނުރައްކާވެފައި ހުރި ޤައުމުތަކަށް، ގޮންޖެހުންތަކެއް އެބަހުރި. އެހެންނަމަވެސް، މިކަމުން އަރައިގަތުމަށްޓަކައި މަޝްވަރާތަކެއް ކުރެވެމުން މިދަނީ. އެ މަޝްވަރާތަކުގެ އަލީގައި ގިނަ ފައިދާތަކެއް، މަންފާތަކެއް މިފަދަ ކުދި ޤައުމުތަކަށް އިރާދަކުރެއްވީތީ ލިބެމުން އެބަދޭ. އޭގެ ބޭނުމަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، އަޅުގަނޑުމެންނަށް އެހީތެރިކަން ހޯދައިދިނުން. އެހެންވީމާ، އިރާދަކުރެއްވީތީ އެ މަގު ފަހިވެގެން އެބަދޭ.
ފާޠިމަތު މަދަދާ:
އާދެ، ވަރަށް ދިގުކޮށްވެސް ދެކެވިދާނެ ވާހަކަތަކެއް. އެހެންނަމަވެސް، އަޅުގަނޑަށް ލިބިފައިވާ ވަގުތުވެސް ހަމަވުމާއެކުގައި، އެބައޮތްތޯ އިތުރަށް ފާހަގަކޮށްލައްވަން ބޭނުންފުޅުވާ ކަމެއް؟
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:
ތިޔަ ވިދާޅުވީ ދޮގެއްތޯ، ވަރަށް ގިނަ ވާހަކަތައް އެބަހުއްޓޭ؟
އަޅުގަނޑު ފާހަގަކޮށްލަން ބޭނުން. ދިވެހި ރައްޔިތުންނަށް ދޭން ބޭނުންވާ ޔަޤީންކަމަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ، ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމަށޭ. އެ މަނިކުފާނު އެ ގެންދަވަނީ، ސިޔާސީގޮތުން ވަރަށް ރީތި މިސާލެއް ދައްކަވަމުންނޭ. އެ މަނިކުފާނާ ބެހޭގޮތުން، އެ މަނިކުފާނުގެ ޢާއިލާއާ ބެހޭގޮތުން، އެ މަނިކުފާނުގެ ސަރުކާރާ ބެހޭގޮތުން، ނޫނީ ޒާތީ ކަންކަމާ ބެހޭ ވާހަކަ އެބަ ދެކެވޭ. އެހެންނަމަވެސް، އެއިން އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދެއްވައި، އެ މަނިކުފާނާ ހަވާލުކުރި ޒިންމާއާއެކީގައި، ކުރިއަށް ވަޑައިގަންނަވަނީ.
އެއްވެސް ހިނދެއްގައި ރައްޔިތުންގެ މަތިން ހަނދުމަފުޅެއް ނައްތައެއްނުލައްވާ. ރައްޔިތުންނާ ގުޅުންހުރި، ރައްޔިތުންނަށް މަންފާކުރަނިވި ވާހަކަ ދައްކަވަނީ. އެ ބަޔަކަށް ރައްދުދީ، އެ މަނިކުފާނު އެގޮތަށް ވަގުތު ބޭކާރުކޮށެއްނުލައްވާ. މި މިސާލު ފެނިވަޑައިގަންނަވާނެ، އެ މަނިކުފާނު އެންމެ ފުރަތަމަ މިނިސްޓަރަކަށް ހުންނެވިއިރުވެސް، މާލޭ ސިޓީގެ މޭޔަރަކަށް ހުންނެވިއިރުވެސް. މިއަދު ރައީސުލްޖުމްހޫރިއްޔާއަށް އެ ވެވަޑައިގަތީ. އެހެންވީމާ، ކަންކަން ތަންފީޒުކުރުމުގައި، ރައްޔިތުންނަށް ކަމެއް ފޯރުކޮށްދެއްވުމަށް އެންމެ ވަގުތެއްވެސް ހުސްނުކުރައްވައި، އެކަން ކުރައްވަނީ.
އަޅުގަނޑު ޔަޤީންކަން ދޭން ބޭނުން، ﷲ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކަކީ، ދިވެހީންނަށް ފާގަތި، ތިޔާގި ދުވަސްތަކެއް ކަމަށް ވާނޭ ކަމަށް.
ފާޠިމަތު މަދަދާ:
ވަރަށް ބޮޑަށް ޝުކުރިއްޔާ، އަޅުގަނޑުމެންނަށް ތިޔަ ދެއްވި މަޢުލޫމާތާއި، އަދި ވަގުތުކޮޅަށް.
އުންމީދުކުރަނީ، ހަމަ މުހިންމު މަޢުލޫމާތުތަކެއް ބެލުންތެރިންނަށް ލިބިގެން ހިނގައްޖެ ކަމަށް. ސަންގު ޓީ.ވީ.ގެ ކުރިއަށް ހުރި އެކިއެކި ވަގުތުތަކުގައިވެސް، ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން، ސަރުކާރުގެ މަސައްކަތްތަކާއި، ސިޔާސަތުތަކާއި، ކުރެވިފައި ހުރި ކަންކަމާ ގުޅޭ މަޢުލޫމާތުތައް، އަޅުގަނޑުމެން ގެނެސްދެމުންދާނެ ވާހަކަ ފާހަގަކޮށްލަމުން، މިވަގުތަށް މި ކަވަރޭޖް މެދުކަނޑައިލާނަން.
އެންމެހައި ބެލުންތެރިންނަށްވެސް ބާއްޖަވެރި، ރައްކާތެރި ދުވަހަކަށް އެދެން.
وَالسَّلَامُ عَلَيْكُمْ