* މި އިންޓަރވިޔުގައި، ޕީ.އެސް.އެމް.ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފުގެ އަރިހުގައި ސުވާލުތައް ދެންނެވީ، ސީނިއަރ އެޑިޓަރ ނިޝާން މުޙައްމަދުދީދީ.

ނިޝާން މުޙައްމަދުދީދީ:

السَّلَامُ عَلَيْكُمْ

"ހަފްތާ 104" ބައްލަވާ އެންމެހައި ބޭފުޅުންނަށްވެސް މަރުޙަބާ ދަންނަވަން. "ހަފްތާ 104" ނަމުގައި އަޅުގަނޑުމެން މި ކުރިއަށްގެންދާ ސިލްސިލާ އިންޓަރވިޔުތަކަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވެރިކަމަށް ދެ އަހަރުވުމާ ގުޅިގެން، މި ދެ އަހަރުގެ ތެރޭގައި ކުރެވިފައިވާ ކަންކަމާ ގުޅޭ މަޢުލޫމާތުތައް ވީހާވެސް ތަފްޞީލީ ގޮތެއްގައި، އަދި ދެ އަހަރުތެރޭގެ ކާމިޔާބީއާ ގުޅޭ މަޢުލޫމާތުތައް ގެނެސްދިނުމަށްޓަކައި ޕީ.އެސް.އެމް. ނިއުސްއިން އަޅުގަނޑުމެން ގެނެސްދޭ ޕްރޮގްރާމެއްކަން ފާހަގަކޮށްލަން.

މި ވަގުތުވެސް އަޅުގަނޑުމެންނާ އެކީގައި ވަރަށް ޚާއްޞަ ބޭފުޅަކު އެބަ އިންނެވި. މިކަމާ ގުޅޭގޮތުން، ޚާއްޞަކޮށް ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން، ސަރުކާރުގެ ދެ އަހަރުގެ ކާމިޔާބީއާއި އަދި އެނޫންވެސް އެހެނިހެން މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްޞާ ކުރުމަށްޓަކައި. އެގޮތުން އަޅުގަނޑާއެކު މި ވަގުތު މި ބައިވެރިވެވަޑައިގަންނަވަނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް.

ވަރަށް ބޮޑަށް މަރުޙަބާ އިނގޭތޯ އަޅުގަނޑުމެންގެ ޕްރޮގްރާމަށް.

އަޅުގަނޑު ހަމަ ފުރަތަމަވެސް ދަންނަވާލާހިތްވޭ، ސަރުކާރަށް ދެ އަހަރުވެގެން މިދިޔައީ، ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޚާއްޞަކޮށް، ޕީ.އެން.ސީ.އިން، ވަރަށް ބޮޑަށް ރައްޔިތުންނާ ވަރަށް ގުޅުންހުރި ކަންކަމުގައި، ވަރަށް ގިނަ ކަންތައްތަކެއް ރައްޔިތުންނަށް ކޮށްދެއްވާނެ ކަމަށް ވަޢުދުވެވަޑައިގެން، ވެރިކަމަށް ވަޑައިގަންނަވާފައިވަނީ. އަދި ހަމަ އެހެންމެ، އެކަންކަން ފުރިހަމަކުރެއްވުމުގެ ޔަޤީންކަން ސަރުކާރުން ދެއްވަމުން ގެންދަވާކަން އަޅުގަނޑުމެންނަށް ހަމަ އެކިއެކި މަންސަތަކުގައި ފާހަގަކުރެވިގެންދޭ. ކޮންގޮތަކަށްތޯ ފާހަގަކުރައްވާނީ، ސަރުކާރުގެ ފުރަތަމަ ދެ އަހަރު ދުވަހުގެ މަސައްކަތްތަކާއި ކާމިޔާބީތައް؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

ޝުކުރިއްޔާ ވަރަށް ބޮޑަށް އިނގޭތޯ، އަޅުގަނޑަށް މި ފުރުޞަތު ފަހިކޮށްދެއްވީތީވެ. ޚާއްޞަކޮށް، ޕީ.އެސް.އެމް.ގެ މެނޭޖްމަންޓަށް އަޅުގަނޑު ވަރަށްބޮޑަށް ޝުކުރު ދަންނަވަން.

ސަރުކާރަށް މިހާރު ދެ އަހަރު މި ފުރުނީ. މިހާތަނަށް އައިއިރުގައި، އަޅުގަނޑުމެން ހަނދާނަށް ގެންނަންޖެހޭ އިނގޭތޯ. މި ވާހަކަ ނުދައްކައި އަޅުގަނޑަކަށް ކުރިއަކަށް ނުދެވޭނެ. ހަނދާނަށް ގެންނަންޖެހޭ އެބަ، ސަރުކާރާ ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަވާލުވެވަޑައިގަތުމުގެ ކުރިން، މި ޤައުމުގެ ކަންތައް ވަމުންދިޔަ ގޮތުގެ ވާހަކަ. އެހިސާބުންވެސް އަޅުގަނޑުމެންނަށް މިހާހިސާބަށް ހުރި ވާހަކަތަކާ ހަމައަށް އާދެވޭނެ އިނގޭތޯ. އޭރު އަޅުގަނޑުމެން އޮޕޮޒިޝަން ޕާޓީއެއްގެ ގޮތުގައި އޮވެ، ސަރުކާރު ޒިންމާދާރު ކުރުވުމުގައި، ރައްޔިތުންނާ ގުޅުންހުރި ވަރަށް ގިނަ ކަންބޮޑުވުންތަކެއް، އޭރުގައި އޮތް ސަރުކާރުން ޢަމަލުކުރަމުން އައިގޮތާ ގުޅޭގޮތުން ފާޅުކުރަމުންދިޔަ. އެކިއެކި ޕްލެޓްފޯމްތަކުގައި، ރައްޔިތުންގެ މަޖިލިސްތެރޭގައިވެސް، އަދި ރާއްޖޭގެ އެކި ރަށްތަކަށް ގޮސްވެސް، ރައްޔިތުންނާ ގުޅުންހުރި ވަރަށް ގިނަ ވާހަކަތައް އަޅުގަނޑުމެން ޙިއްޞާކުރަމުން ދިޔައިން.

އޭގެތެރެއިން އެންމެ މުހިންމު އެއްކަމަކީ، ދައުލަތުގެ ޚަރަދަށް ޒިންމާވާ ޤާނޫނު ސަސްޕެންޑް ކުރުމަށްފަހު ފައިސާ ޗާޕުކުރި މައްސަލަ. މިކަމުގައި ރައްޔިތުންގެ މަޖިލިސް ތެރޭގައިވެސް އަދި އަޅުގަނޑުމެންނަށް ޚިޔާލު ފާޅުކުރަން ލިބުނު ފުރުޞަތުތަކުގައި އަޅުގަނޑުމެންވާނީ މަގުމަތީގައި އެކަން ޙިއްޞާކޮށްފައި.

އޭގެ ސަބަބުން ފޫނުބެއްދޭވަރުގެ އިޤްތިޞާދީ ބޮޑު އަނދަވަޅަކަށް އަޅުގަނޑުމެން ވެއްޓޭނެ ވާހަކަ މިއީ އަޅުގަނޑުމެން އެކަންޏެއްނޫން، އޭރު އެމް.ޑީ.ޕީ.ގެ ރައީސެއްގެ ގޮތުގައި ހުންނެވި ރައީސް މުޙައްމަދު ނަޝީދުވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އިންނަވައިގެން، އެ ވާހަކަފުޅު އެގޮތަށް، އަޅުގަނޑު މި ދެންނެވި ގޮތަށް ތަކުރާރު ކުރައްވަމުން ގެންދެވި. އެހެންނަމަވެސް، އެ ބޭފުޅުންގެ ސުޕަރ މެޖޯރިޓީ ރައްޔިތުންގެ މަޖިލިސް ތެރޭގައި އޮތުމާއެކީގައި، އޭގެ ބޭނުން ނަހަމަގޮތުގައި، ރައްޔިތުންނަށް ފައިދާނޫންގޮތެއްގައި، އެ ބޭފުޅުން ހިފުމުން، ނަތީޖާ އޭރު އަޅުގަނޑުމެން ދެއްކީ، އެއްދުވަހަކުން ދެދުވަހަކުންނޫނޭ، އަހަރަކުންނޫނޭ އިޤްތިޞާދީ ގޮތުން އަޅުގަނޑުމެންނަށް މިކަމުގެ އަސަރުކުރާނީ. އޭގެ އަހަރުތަކެއް ފަހުންނޭ. މިއަދާ ހަމައަށް އައިއިރު، ތިން ހަތަރު އަހަރު ފަހަށް އައިއިރު މިއޮތީ، އަޅުގަނޑުމެންނަށް އެކަން ބައްދަލުވެފައި.

އެހެންވީމާ، އޭރުގައި ދުނިޔޭގެ ބޮޑެތި ޤައުމުތަކުން، ކަމާގުޅުން ހުރި އެޖެންސީތަކުންވެސް ގޮވާލަމުންދިޔަ އެކަން ނުކުރަން އެގޮތަށް. އެހެންނަމަވެސް، އެ ޢަމަލު އެގޮތަށް ކުރީތީވެ މިއަދު އިޤްތިޞާދީ ގޮތުން މިހާބޮޑު ދަތި އުނދަގޫ ހާލަތަކަށް، ޑޮލަރު އަގު މިހާ މައްޗަށް އަރައިގެންވެސް މިއުޅެނީ. މި ޙަޤީޤަތްތައް އަޅުގަނޑުމެން އެބަޖެހޭ ރައްޔިތުންނާ ހަމައަށް ވާސިލުކޮށްދޭން. އޭރު އަޅުގަނޑުމެން ދެއްކި ވާހަކައެއް މިއީ. އަލަށް ދައްކާ ވާހަކައެއްނޫން.

ހަމަ އެގޮތަށް އަޅުގަނޑުމެން ދައްކަމުން އައިން، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ބަޖެޓުތަކުގައި، މާލީ ކަންކަމާ ގުޅޭ ޤާނޫނުތައް، އެ ބަޖެޓާއެކު ހުށަހެޅެންވާނެއޭ. އެހެންނަމަވެސް، އެއިން އެއްވެސް ކަމެއް ނުކޮށް، ބަޖެޓު ފާސްކޮށްގެންދާއިރުވެސް، އަދި މާލީ ކަންކަމާ ގުޅޭގޮތުން ސަރުކާރުން ކަމެއް ކުރާނަމަ، ރައްޔިތުންގެ މަޖިލީހާ ޙިއްޞާކުރަންޖެހޭކަން ޤާނޫނުތަކުގައި އޮތީ ބަޔާންކޮށްފައި. އެހެންނަމަވެސް، މިއިން އެއްވެސް ކަމެއް އެ ބޭފުޅުން ކުރައްވާފައެއް ނެތް.

އެހެންކަމުން، ވަރަށް ޒިންމާދާރުކަން ކުޑަކޮށް، ދެފުށް ނުފެންނަ ސިޔާސަތެއްގެ ތެރެއިން، އެ ބޭފުޅުން މަސައްކަތް ކުރެއްވުމުގެ ނަތީޖާ މިއަދާ ހަމައަށް އައިސްފައި އެއޮތީ. ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހުގައި، އޭރު އަޅުގަނޑުމެން ދެއްކީ، ދައުލަތުގެ ޚަޒާނާގައި، އެމް.އެމް.އޭ.ގައި އެއްވެސް އެއްޗެއް ނެތްކަމާއި، އަޅުގަނޑުމެންގެ ސޮވެރިންގ ޑިވެލޮޕްމަންޓް ފަންޑުގައިވެސް ޑޮލަރު ނެތްކަމާއި، މި ވާހަކަތައް.

އަޅުގަނޑުމެންގެ ރައީސަށް އެ ފުރުޞަތު ލިބިވަޑައިގަތުމާއެކު ފުރަތަމަވެސް ބެއްލެވީ، މިހެންހުރި ކަންކަން ތަރުތީބުވެފައި ހުރީ ކިހިނެއްތޯ. ޙަޤީޤަތުގައިވެސް އަޅުގަނޑުމެން ދެއްކި ވާހަކަތަކަށްވުރެވެސް ގޯސްކޮށް ޙާލަތު އޮތީ. ހީވެސްނުކުރާހާ ނިކަމެތިކޮށް ރާއްޖޭގެ އިޤްތިޞާދު އޮތީ. އިޤްތިޞާދު އެކަންޏެއްނޫން، ރާއްޖޭގެ މިނިވަންކަމާއި، ރާއްޖޭގައި ހުރި މިނިވަން މުއައްސަސާތަކާއި، ރާއްޖޭގައި ހުރި ސަރުކާރާ ގުޅުންހުރި ކުންފުނިތައްވެސް އޮތީ އެއަށްވުރެ ނިކަމެތި ޙާލަތުގައި. އެހެންކަމުން، އެ މަނިކުފާނަށް ޖެހިވަޑައިގަތީ މިކަންކަން ތަރުތީބު ކުރައްވަން. ހަމަމަގަށް އަޅުވަން. އޭގެއިތުރަށް، ރާއްޖެއަކީ ރައްކާތެރި ތަނެއްގެ ގޮތުގައި، ދިވެހީންނަކީ ރައްކާތެރި ދިރިއުޅުމެއްގައި އުޅެވޭ ބައެއްގެ ގޮތުގައި ހައްދަވައިދެއްވަން އެ މަނިކުފާނު މަސައްކަތްޕުޅު ކުރެއްވި.

އެ މަނިކުފާނު ވެވަޑައިގެންނެވި ވަރަށް ގިނަ ވަޢުދުތައް އެބަހުރި. އެކަންކަމުގެ މަތިން އެ މަނިކުފާނު ދުވަހަކުވެސް ހަނދުމަފުޅެއް ނުއެއްނެތޭނެ. ތަކުރާރު ކުރައްވަމުން އެ ގެންދަވަނީ އެކަމުގެ ވާހަކަ. އެހެންނަމަވެސް، ފުރަތަމަ މި ޖެހުނީ މި މަރުޙަލާގައޭ. މިކަން ހަމައަކަށް އެޅުވުމަށްޓަކައި މަސައްކަތްޕުޅު ފެށްޓެވިތަނާހެން، އޭރުގައި ރައްޔިތުންގެ މަޖިލީހުގައި އޮތީ ސުޕަރ މެޖޯރިޓީ އެމް.ޑީ.ޕީ.އިން މަސައްކަތް ފެށީ، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވެރިކަމަށް އުނދަގޫތަކެއް ކުރަން.

އޭގެތެރޭގައި، އެ މަނިކުފާނު ވެރިކަމުން ދުރުކުރުވުމަށްޓަކައި، ރައްޔިތުންގެ ލޯތްބާއި އިޙްތިރާމާ އެކީގައި ޤާނޫނީގޮތުން އުފެދިފައިވާ، އުފެދުނު އާ ވެރިކަމަކަށް ތިންމަސް ނުވަނީސް އެ ބޭފުޅުން ރައްޔިތުންގެ މަޖިލިސް ތެރެއިން ބަޣާވަތެއް ކުރަން ނިންމުން. މިއީ، އަނެއްކާ އެ މަނިކުފާނަށް ދަތިވި އެންމެ އުނދަގޫ އެއް ކަންތައް. މިކަންކަމަށްވެސް ޙިކްމަތްތެރިކަމާ އެކީގައި، ދުރުވިސްނުންފުޅާ އެކީގައި، ޢަމަލުތައް ބައްޓަން ކުރައްވަމުން ގެންދެވި. އެ ހުރިހާ ކަމެއް އިރާދަކުރެއްވީތީ، ގިރާވެސް ކުރެއްވި އިނގޭތޯ. ގިރާކުރެއްވިއިރު އަދި އެ ބޭފުޅުން އެކަން ދޫކޮށްލެއްވީކީއެއް ނޫން. އެ ބޭފުޅުން، އެ މަނިކުފާނަށް ހަވާލުކުރި، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓު ފާސްކުރީވެސް، ސަރުކާރަށް ޖެއްސުންކުރުމަށްޓަކައި.

މިސާލަކަށް އަޅުގަނޑު ދަންނަވާފާނަން، ހައުސިންގ ޕްރޮޖެކްޓެއް ހިންގުމަށްޓަކައި ހުޅުމާލޭގައި، ނޫނީ ރާއްޖޭގެ އެހެން ރަށެއްގައިވެސް، އަޅުގަނޑުމެންގެ ރައީސް ބޭނުންފުޅުވަނީ، އެކަން ފަށައި ނިންމޭވަރުގެ އެކަށީގެންވާ އަދަދެއް އޭގައި ޖަހަން. މިސާލަކަށް، ދިހަ މިލިއަން ރުފިޔާ، ނޫނީ ވިއްސަކަށް މިލިއަން ރުފިޔާ ޖަހާފައި އޮތްތަނުން އުނިކުރުމަށްފަހު، އެއްލައްކަ ރުފިޔާ ޖަހާފައި އެބަހުއްޓޭ. މިހާވަރަށް ތިލަވެފައި ހުރީމާ، އެ ކަނޑައެޅިގެން ދިވެހި އެންމެ އާދައިގެ ރައްޔިތު މީހާއަށްވެސް އެނގޭނެ، މި ކުރަނީ ޖެއްސުންކަން ސަރުކާރަށް.

މީގެ ކުރީގެ ސަރުކާރުތަކުން، ޚުދު އަޅުގަނޑުވެސް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އިން، އޭރުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވީމާ. އޭރުގައި ޕީ.ޕީ.އެމް. ވެރިކަން ނިމިގެންދިޔައިމާ، އޭރުގައި އޮތީ ޕީ.ޕީ.އެމް.ގެ ސުޕަރ މެޖޯރިޓީ. އެހެންނަމަވެސް، ޢަމަލުކުރިގޮތަކީ އެމް.ޑީ.ޕީ.އިން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބޭނުންފުޅުވި ގޮތަށް، އެ ބަޖެޓު ފާސްކުރަން ބަޖެޓު ކޮމިޓީގެ މުޤައްރިރުކަންވެސް އެ ބޭފުޅުންނަށް ދީގެން، އެގޮތަށް އެކަން ނިމިގެންދިޔައީ. މިއީ ކުރީގައި ކަންކަން ހިނގާފައި އޮތް ރީތި އާދަ.

އެހެންނަމަވެސް، މި ބޭފުޅުންނަށް މި ފަހަރު ޖެހުމުން، މި ބޭފުޅުން ޢަމަލުކުރެއްވީ، މުޅިން ތަފާތުގޮތަކަށޭ. ބޭނުންފުޅުނުވީ، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ރަނގަޅު ކަންތައްތަކެއް ރައްޔިތުންނާ ހަމައަށް ވާސިލުވާން. މިއީ ދެން ތާރީޚުގެ ތެރެއިން، އަޅުގަނޑުމެންނަށް ފެންނަންހުރި ކަންކަން. މި އުނދަގޫތަކާ އެކީގައި އެއްއަހަރުގެ ތެރޭގައި، އެ މަނިކުފާނު ސާބިތުކަމާއެކީގައި ފިޔަވަޅުތައް ކުރިއަށް އަޅުއްވަމުން، އެ ބަޖެޓުންވެސް ރައްޔިތުންނަށް ޚިދުމަތް ކުރައްވަމުން، މި ދެންނެވިހެން ރައްޔިތުންގެ ރައްކާތެރިކަމާއި، ރައްޔިތުންނަށް ބޭނުންވެފައި ހުރި އަސާސީ ޙައްޤުތައް ކަށަވަރު ކުރުމަށްޓަކައި، ވަރަށް ރަނގަޅު ތަރުތީބުތަކުން މަސައްކަތްޕުޅު ކުރެއްވި.

އަދި އޭގެ އިތުރަށް، އެކިއެކި ޤައުމުތަކުން ނެގިފައި ހުރި ދަރަނިތައް، ލޯނުތައް އަދާކުރުމުގައި ހުރި އުނދަގޫތައް ޙައްލުކުރެއްވުމަށްޓަކައި އެ ޤައުމުތަކާ ގާތް ގުޅުމެއް އުފައްދަވައި، އަދި ޚާއްޞަކޮށް، ދުނިޔޭގެ ގިނަ ޤައުމުތަކާ ގާތް ގުޅުމެއް އުފައްދަވައި، އެއް އަހަރުގެ ތެރޭގައި ވަރަށް ބޮޑު ކާމިޔާބީތަކެއް ހާސިލުކުރެއްވި.

ޖެހިގެން އައި އަހަރު އިރާދަކުރެއްވީތީ، މި ނިމިގެންދާ އަހަރުގައި، އެ މަނިކުފާނަށް އެ މަނިކުފާނުގެ ރަސްމީ ބަޖެޓު ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދިޔަ. ރައްޔިތުންގެ މަޖިލީހުގައި އެމް.ޑީ.ޕީ.އިން އޭރުގައި ކަންކުރިގޮތުން، ރައްޔިތުން އެމް.ޑީ.ޕީ.އާ ދޭތެރޭގައި ފޫހިވެ، އެމް.ޑީ.ޕީ.ގެ ލީޑަރޝިޕާ ދޭތެރޭގައި ފޫހިވުމުގެ ނަތީޖާއަކީ، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކަށް ތާއީދުކޮށް، އެ މަނިކުފާނުގެ ވިސްނުންފުޅަށް ރައްޔިތުންގެ މަޖިލީހުގައިވެސް ސުޕަރ މެޖޯރިޓީ ފުރަތަމަ ފަހަރަށް އެންމެ ގިނަ ގޮނޑިތަކެއް ރައްޔިތުން ޕާޓީއަކަށް ދިން ފަހަރަށް އެ ފަހަރު ވެގެންދިޔަކަން.

އެހެންކަމުން، އެ މަޖިލީހުގެ އެއްބާރުލުމާ އެކީގައި، ބަޖެޓު ފާސްވުމާ ގުޅިގެން، އެ މަނިކުފާނުގެ މަސައްކަތްޕުޅުތައް ހަލުވިވި. އެކަން ދިވެހި ރައްޔިތުންނަށް މިއަދު ފެންނާނެ. އެ މަނިކުފާނުގެ މަސައްކަތްޕުޅުތައް ހަލުވިވެ، މުއައްސަސާތަކުގައި ނުނިމިހުރި މަސައްކަތްތައް ނިންމަމުން، އަލަށް ޕްރޮޖެކްޓްތައް ފަށަމުން މިހާހިސާބަށް މި އާދެވުނުއިރުގައި، ވަރަށް ބޮޑެތި ކާމިޔާބީތަކެއް އަޞްލުގައި ހާސިލުވެފައި މިއޮތީ. އެ މަނިކުފާނު އަތޮޅުތަކަށް، ހުރިހާ ރަށްތަކަށް ދެ އަހަރުގެ ތެރޭގައި އެ މަނިކުފާނުގެ ވަޢުދު ފުއްދަވާނެ ވާހަކަ އަޅުގަނޑު ކުރިން ފާހަގަކުރިން. އެ ވަޢުދުފުޅު އެ ފުއްދެވީ. ފުއްދެވިއިރު ހުރިހާ ރަށަކަށް ވަޑައިގެންނެވިއިރުވެސް، އެ މަނިކުފާނު ރަސްމީކޮށް ކުރައްވަންޖެހޭ މަސައްކަތްޕުޅުތައް، އޮފީސް މަސައްކަތްޕުޅުތަކެއް ނުއެއްހުއްޓަވާ އިނގޭތޯ. ލޯންޗުކޮޅުގައި އިންނެވި ކަމުގައިވީނަމަވެސް، ރޭގަނޑު ލިބިވަޑައިގަންނަވާ ވަގުތުތަކުގައިވިޔަސް ނިދި މަދުކުރައްވާފައި، އެ މަސައްކަތްޕުޅުތަކުގައި އުޅުއްވަނީ. އަޅުގަނޑަކީ އެންމެ ކައިރިން އެކަން ފެންނާނެ އެކަކަށްވާތީ، އަޅުގަނޑު މި ވާހަކަ ޙިއްޞާކުރީ.

އެހެންކަމުން، މިދިޔަ ދެ އަހަރު އަޅުގަނޑު ފާހަގަކުރާނީ، ކާމިޔާބު އަހަރުތަކެއްގެ ގޮތުގައޭ. އަދި ޚާއްޞަކޮށް، ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަވެސް ވިސްނުންފުޅު އިސްކުރެއްވީ، ދިވެހި ރައްޔިތުންނަށް އާމްދަނީ އިތުރުކުރެވޭނީ ކޮންގޮތަކުންތޯ. އެކަން އެހެން ބަލައިލިއިރު، އެންމެ ފުރަތަމަވެސް މިއޮތީ، އަޅުގަނޑުމެން އެންމެންނަށް އެބަ އެނގޭ، އަޅުގަނޑުމެންގެ އިންޓަރނޭޝަނަލް އެއަރޕޯޓު ހުޅުވުންކަން. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު އަވަހަށް ހުޅުއްވަން އެ މަނިކުފާނު މަސައްކަތްޕުޅު ކުރެއްވި. އޭގައިވެސް އެމް.ޑީ.ޕީ.އިން ކަންތައްތައް ކޮށްފައި އޮތްގޮތުން، ވަރަށް ބޮޑެތި ޗެލެންޖިންގތައް އެ މަނިކުފާނަށް ކުރިމަތިވެވަޑައިގަތް.

އެހެންނަމަވެސް، އެ ހުރިހާ ކަމެއް ގިރާކުރެއްވުމަށްފަހު، އިރާދަކުރެއްވީތީ އެއަރޕޯޓު ހުޅުވާފައި އެވަނީ. އެއަރޕޯޓު ހުޅުވިއިރުގައި، އެއާ ގުޅިގެން ދެންހުރި ކަންކަމުގައިވެސް އެކަށީގެންވާ ހަރުދަނާ ފިޔަވަޅުތަކެއް އެޅުއްވި. އެއީ، އަޅުގަނޑުމެންގެ އެތެރޭގެ އެއަރޕޯޓުތައް އިތުރުކޮށް، އަންނަ ފަސިންޖަރުންނަށް، ޓޫރިސްޓުންނަށް، ފަސޭހަގޮތެއްގައި އެކި ތަންތަނަށް ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް އެ މަނިކުފާނު އޮތީ ފަށްޓަވާފައި. ޓުއަރިޒަމްގެ ދާއިރާގައި، ބެޑް ކެޕޭސިޓީ އިތުރުކުރުމާއި، ދަތުރުފަތުރުގެ ނިޒާމު ފަސޭހަކުރުމާއި، މިހެންގޮސް އެތައް ގިނަ މަސައްކަތްތަކެއް އިންޑަސްޓްރީގެ ތެރެއިންވެސް ކޮށްދެއްވާފައި އޮތީ.

އެހެންވީމާ، ފުރިހަމަގޮތެއްގައި އަޅުގަނޑަށް ގަބޫލުކުރެވެނީ، ދިވެހި ރައްޔިތުންވެސް ގަބޫލުކޮށްފިއޭ، އެ މަނިކުފާނުގެ ޚިދުމަތް. އެ މަނިކުފާނުގެ ސިޔާސަތު. މުޅި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން އެކި ކަންކޮޅުތަކުން އެ މަނިކުފާނާ އެކީގައި މިއަދު އެ ޖޯޝާއި ފޯރީގައި އެ ތިއްބެވި ތިއްބެވި ތިއްބެވުމުން އެނގެނީ، އެ މަނިކުފާނުގެ ހަރުދަނާ ސިޔާސަތުތަކާއި، ދުރުވިސްނުންފުޅާއި، ޙިކްމަތްތެރިކަމާއި، ކެތްތެރިކަން.

ނިޝާން މުޙައްމަދުދީދީ:

އާދެ، ދެން ނައިބު ރައީސް ފާހަގަކުރައްވައިފި، ރާއްޖޭގެ މާލީ ޙާލަތު އޮތްގޮތުން، އެ ޙާލަތު ރަނގަޅު ކުރުމަށްޓަކައިވެސް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މަސައްކަތްޕުޅުތައް ދޮގެއްތޯ؟ ދެން އެއާއެކުވެސް ބައެއް ފަރާތްތަކުން ބައެއް ވާހަކަތައް އެގޮތަށް އެބަ ބައްޓަންކުރޭ، ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ލަސްކަމުގެ ވާހަކަ ނުވަތަ ލަސްތަކެއް އުޅޭކަމަށް. ކިހިނެއްތޯ ފާހަގަކުރެވެނީ، ދެ އަހަރު ދުވަހުގެ ތެރޭގައި، ކުރިން ދެންނެވި ޙާލަތުން އަރައިގަނެ، މި ކުރެވުނު މަސައްކަތްތަކާ އެކީގައި ތަރައްޤީގެ ކަންކަން އެންމެ ކުރިއަށްދާ ސްޕީޑާމެދު ދެކެވަޑައިގަންނަވަނީ ކޮންގޮތަކަށްތޯ؟ އަދި އެގޮތަށް ދެކެވަޑައިގަންނަވާ ބޭފުޅުންނަށް ކޮބައިތޯ ދެއްވާނެ ޖަވާބަކީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

އާދެ، އަޅުގަނޑުމެންނަށް އެނގޭ. ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންނާ ވާދަވެރި ފަރާތްތަކުން އަޅުގަނޑުމެންނަށް ހެޔޮއެދިގެނެއް ވާހަކައެއް ނުދައްކާނެކަން. އެއީ، މާޒީގައި ކަން ހިނގާފައި އޮތްގޮތް ސާފުވާނެ އިނގޭތޯ. ކިތަންމެ ރަނގަޅު ކަމެއް ދިވެހި ރައްޔިތުންގެ ޙައްޤުގައި ނިންމަވަން ޖެހުނުކަމުގައިވިޔަސް، އެކަމެއް އެ ބޭފުޅުން ރައްޔިތުންނާ ހަމައަށް ތިލަކޮށްދޭން މަސައްކަތްކުރަނީ އެއީ، ވަރަށް ގޯސް ކަމެއްގެ ގޮތުގައި.

އެހެންނަމަވެސް، އެކަންކަން ނިމި ތަންފީޒުވެ ރައްޔިތުންނާ ހަމައަށް އައުމުން، ރައްޔިތުން ގަބޫލުކޮށްފި އެއީ، ތިމަންނާމެންނަށް އެންމެ ފައިދާހުރި ކަންކަން ކަން. ބައްލަވާ، މިހާހިސާބަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވާފައި ހުރި ބޮޑެތި ކަންކަން. ރައީސަކު އަތްލާން ނުކެރި، ފަސޭހަގޮތް އިޚްތިޔާރު ކުރުމުގެ ސަބަބުން، އެކަންކަމުން މުޖުތަމަޢުގެ ތެރޭގައި ނޭދެވޭ ކަންކަން އުފެދި، އަޅުގަނޑުމެން އަޅުގަނޑުމެންގެ އަމިއްލަ ނަފްސުގެ ރައްކާތެރިކަން ނެތް ހިސާބަށް ގަބޫލުކުރި ކުރުން، ނަފްސާނީގޮތުން އިންސާނާ ބަލިކަށިވެފައި އޮތް މިންވަރު، މިއަދު އަޅުގަނޑުމެން މުޖުތަމަޢަށް ބަލައިލާއިރު މިއީ ވެރިން އަތްލާން ނުކެރިފައި، ނޫނީ ކަންފަސޭހަކޮށްލާން ދޫކޮށްލެވިފައި ހުރި ކަންކަމުގެ ސަބަބުން މިހެންމިވީ.

އެހެންނަމަވެސް، ރައީސް ވަޑައިގަތުމަށްފަހުގައި، ވޭޕް މަނާކުރުމަށާއި، މިސާލަކަށް، ޑްރަގާ ގުޅޭގޮތުން މިކަން ހުއްޓުވުމަށްޓަކައި، ބޮޑެތި އޮޕަރޭޝަންތަކެއް ފެށްޓެވީ. މުޖުތަމަޢުގެ ތެރޭގައި އޮތް ބިރުވެރިކަން ނައްތާލުމަށްޓަކައި، އަދި އެވެސް އެކަމުގައި އުޅޭ ފަރާތްތަކަށް މުޖުތަމަޢުގެ ތެރެއަށް ގެނެވޭނެ ނިޒާމެއްގެ ތެރެއިން ރީހެބިލިޓޭޝަން ފުރުޞަތު ހޯދައިދިނުމަށްފަހުގައި، އެކަން ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައިގެން އެކަން މި ފެށީ. ހަމަ ހުރެފައި އެ މަނިކުފާނު އެކަން ފެށްޓެވީކީއެއް ނޫނޭ. ތަރުތީބު ނިޒާމެއްގެ ތެރެއިންނޭ ކަންކަން އެ ގެންދަވަނީ. އެއަށް ވަގުތުތަކެއް މި ނަގަނީ. މިއީކީ އެއްގޮތަކަށްވެސް ލަސްވާ ލަސްވުމެއްނޫން. މުއައްސަސާތައް ހަރުދަނާވެ، މުއައްސަސާތަކަށް ދޭންޖެހޭ ޤާނޫނީ ބާރު ދެއްވައިގެން، އެ މަނިކުފާނު މިހާހިސާބަށް މަސައްކަތްކުރެއްވީ.

އެހެންވީމާ، ފިޔަވަޅަކަށްފަހު ފިޔަވަޅެއް، އެ އަޅުއްވަނީ ވަރަށް ވިސްނުންތެރިކަމާ އެކީގައި ނިޒާމެއްގެ ތެރެއިން. އެންމެ ނިކަމެތި ރައްޔިތު މީހާއަށް އޭގެ ފައިދާއާއި މަންފާ ލިބޭނެގޮތަށް. ދިވެހި އެންމެ ނިކަމެތި ރައްޔިތުމީހާއަށް މިއަދު އެ އިޙްސާސްވާ ވުމަކީ، އެއީ އިޚްލާޞްތެރި ވެރިޔަކު، ކިޔަމަންތެރި ވެރިޔަކު ހުރިކަމުގެ މިސާލެއް. އެއީ ހެޔޮވެރިކަން. ހެޔޮވެރިކަމުގެ ނިޝާންތައް މިއަދު ދިވެހި ދައުލަތުން ފެންނަމުން، މުޅި މުޖުތަމަޢުން ފެންނަމުން މިދަނީ.

އަޅުގަނޑު މި ދެންނެވިހެން، އަޅުގަނޑުމެންގެ އަމިއްލަ ޤައުމުގައި ސަރުކާރުގެ ޙިއްޞާވާ، ނޫނީ އަޅުގަނޑުމެންގެ އަމިއްލަ ބޭންކުގައި އަޅުގަނޑުމެންގެ އިންވެސްޓަރުންގެ، ނޫނީވިއްޔާ ޓޫރިޒަމް ދާއިރާއިން ޑޮލަރު ބެހެއްޓި ބެހެއްޓުން، އަޅުގަނޑުމެންގެ އާ ޖީލެއް ޑްރަގުގެ ވަބާއިން ސަލާމަތްވުމަށް ކުރެވޭ މަސައްކަތް، އަދި އޭގެ އިތުރަށް، މި ދެންނެވި ގޮތަށް، ރައްޔިތުންނަށް ލުއިކޮށްދިނުމުގައި، އަސާސީ ޙައްޤުތައް ކަށަވަރުކޮށްދިނުމުގައި، މި ދޭންޖެހޭ ލުއިތައް، މި ދޭންޖެހޭ އެހެނިހެން އަސާސީ ލުއިފަސޭހަތައް ހޯއްދަވައި ދެއްވުމުގައި އެ ގެންދަވަނީ. އޭގެ މާނައަކީ، ރައީސްގެ މަސައްކަތްޕުޅުތައް އެ ގެންދަވަނީ ވަރަށް ތަރުތީބުންނޭ. ވަރަށް ބާރު ސްޕީޑެއްގައޭ. މިކަންކަން ކުރެއްވުމުގައި އަޅުގަނޑު މި ދެންނެވި ގޮންޖެހުންތަކާ އެކީގައިވެސް، އަޅުގަނޑުމެންނާ ވާދަވެރި ފަރާތްތަކުން އަޅުގަނޑުމެންނާ ދޭތެރޭގައި ދައްކާ ވާހަކަތައް، އަޅުގަނޑުމެންނަށް އެނގޭ ހުއްޓާނުލާނެކަން. އެހެންނަމަވެސް، ރައްޔިތުން އެކަން ގަބޫލުކުރާނަމަ، އަޅުގަނޑުމެންނަށް އެއޮތީ އެ ނަތީޖާ ނެރެވިފައި. ރައީސް އިރާދަކުރެއްވިއްޔާ އެ ނަތީޖާ ނެރެދެއްވާނެ، ކުރިއަށް އޮތް ދުވަސްތަކުގައި.

ނިޝާން މުޙައްމަދުދީދީ:

ދެން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މިވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި. މަޖިލީހުގައި ބަޖެޓުގެ ބަހުސްވެސް ފެށިގެން ކުރިއަށް އެބަދޭ، ބަޖެޓާ ގުޅުންހުރި ތަފާތު މަސައްކަތްތައް. ދެން އަންނަ އަހަރުގެ ބަޖެޓު ޚާއްޞަކޮށްފައި މިވަނީ، ޚާއްޞަގޮތެއްގައި ޞިއްޙީ ދާއިރާއިން، ކުރިއެރުންތަކެއް ގެނުވާނެ ގޮތަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައި. ކޮބައިތޯ ރައްޔިތުންނަށް އޮތް އުންމީދުތަކަކީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

ޞިއްޙީ ދާއިރާގެ ވާހަކަ އަޅުގަނޑުމެން ދައްކާލާއިރުގައި، ރިޔާސީ އިންތިޚާބުގެ ތެރޭގައި ޚުދު އަޅުގަނޑުވެސް ވަރަށް ގިނަ ރަށްތަކަށް ޒިޔާރަތްކުރީމު. ގިނަ ޞިއްޙީ މަރުކަޒުތަކަށް، ނޫނީ ހޮސްޕިޓަލްތަކަށް އަޅުގަނޑުމެންނަށް ވަދެވިފައި ހުރީ. ޙާލަތު ވަރަށްވެސް ދަށް. މެއިންޓެނަންސް އެއްގޮތަކަށްވެސް ނުކޮށް، ދޫކޮށްލާފައި އޮތީ. އަޅުގަނޑަށް މި ވާހަކަ އަޑުއިވުނު، އެމް.ޑީ.ޕީ. ކުރީގެ ވެރިކަން ނިމިގެންދިޔައިރުވެސް، ހަމަ މިކަހަލަ ގޮތަކަށޭ ކަންވެގެން ދިޔައީ. މެޝިނަރީޒްތަކެއް އަޕްގްރޭޑެއް ނުކުރޭ. ލިބެންޖެހޭ ޓްރޭނިންގތަކެއް، އެ ސެކްޓަރ ތެރޭގައި އުޅުއްވި އެއްވެސް ބޭފުޅަކަށް ލިބިފައެއް ނެތް. މިހެންގޮސް، މުޅި ސެކްޓަރ އޮތީ އެކީގައި ހަމަ ބޮޑު އިހުމާލަކުން އިހުމާލުވެފައި އިނގޭތޯ.

އެހެންކަމުން، ރައީސް ވެވަޑައިގެންނެވި ވަޢުދުތަކާ އެއްގޮތަށް، އެ މަނިކުފާނު އެ ފެށްޓެވީ، މި އަހަރުގެ ބަޖެޓުން ޖާގަ ހޯއްދަވައިގެން، މުޅި ހެލްތް ސެކްޓަރ މުޅިން އެހެން ލެވެލަކަށް ގެންދެވުމަށް. އޭގެތެރޭގައި، މި ދެންނެވިހެން، އިމާރާތްތައް އަޕްގްރޭޑް ކުރުމާއި، މެޝިނަރީޒްތައް ހޯދުމާއި، ޒަމާނީ ވަސީލަތްތައް އިތުރުކުރުމާއި، މިހެންގޮސް، އެތައް ގިނަ މަސައްކަތްތަކެއް އެބަޖެހޭ ކުރަން. މިއިން ކޮންމެ ކަމަކީ، ވަރަށް ގިނަ ޚަރަދު ހިނގާ ކަންކަން އިނގޭތޯ. ފެންވަރު ރަނގަޅު ޑޮކްޓަރުންނާއި، ނަރސަސްއަށް ބޭނުންވާ ރަނގަޅު ޓްރޭނިންގއާއި، މިހެންގޮސް، ޚިދުމަތް ދިނުމުގައި އެ ތަންތަނުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ބޭނުންވާ ހުރިހާ ވަސީލަތެއް ޤާއިމުކޮށްދިނުމަކީ، މި ދެންނެވި ގޮތަށް ދައުލަތަށް އުނދަގޫ ކަމަކަށްވިޔަސް، ދިވެހި ރައްޔިތުން ފުރިހަމަ ޞިއްޙަތެއްގައި ބޭތިއްބުމަށްޓަކައި، އެ މަނިކުފާނު ކޮންމެހެންވެސް ވެވަޑައިގެންނެވި ވަޢުދެއް އެއީ ފުއްދުމަށްޓަކައި. ބަޖެޓު މިފަހަރު އެކުލެވިގެން ދިޔައިރު، ޞިއްޙީ ދާއިރާއަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާފައި އެއޮތީ. އެއީ، ވަށާޖެހޭ ނިޒާމެއްގެ ތެރެއިން، އެކަންކަން ހާސިލުކޮށްދެއްވުމަށްޓަކައި. އެ ނިމޭއިރު، އަޅުގަނޑުމެންގެ އުންމީދަކީ، އަޅުގަނޑުމެންގެ ޤައުމުން ބޭސްފަރުވާއަށް ބޭރަށް މިދާ ދިވެހީންގެ އަދަދު މަދުކުރުން. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކްސް-ރޭއާއި، އެމް.އާރު.އައި.އާއި، މިހެންގޮސް، ޓެސްޓުތައް ހެދުމުގައި މި ބޭނުންވާ ބޮޑެތި ޚިދުމަތްތައް ފޯރުކޮށްދެވޭ ނިޒާމު ޤާއިމުކޮށްދެވިފައި އޮތުން، ރައީސް ބޭނުންފުޅުވެވަޑައިގަންނަވަނީ. އޭރުން ރަށްރަށުން މީހުން މާލެ އައުންވެސް މަދުވެ، ޓްރާންސްޕޯޓަށް ދިވެހީން މި ކުރަންޖެހޭ ޚަރަދުތައްވެސް މަދުވޭ. އެހެންވީމާ، ޖީބަށް ލިބޭ އެއްޗެއް ސޭވްކޮށް، ދިރިއުޅުމުގެ އެހެން ކަންކަމަށް ޚަރަދުކުރުމަށް ފުރުޞަތު އެބަލިބޭ.

އޭގެއިތުރުން، މީހާ ބަލިވުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައްވެސް އެޅުމަށް، މަސައްކަތްތަކެއް އެބަ ކުރައްވާ. އެގޮތަށް މިހާރު އަޅުގަނޑުމެންގެ ހެލްތް މިނިސްޓްރީން މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ، އެ މަނިކުފާނުގެ ވަޢުދު ފުއްދުމަށްޓަކައި.

އެހެންވީމާ، މިހެންގޮސް، އަޅުގަނޑުމެންގެ މުޅި ނިޒާމު، އިރާދަކުރެއްވިއްޔާ މިކަންކަން ނިމިގެންދާއިރު އޮންނާނީ، އަޅުގަނޑުމެން ރައްޔިތުން އެދޭ، ވަރަށް ރަނގަޅު، ފުރިހަމަ ޞިއްޙީ ނިޒާމެއް މި ޤައުމުގައި ޤާއިމުކުރެވިފައި. އެކަމަށް މިފަހަރު ބަޖެޓު އެކުލެވިފައި އެއޮތީ. އެއްގޮތަކަށްވެސް އެއީ އަޅުގަނޑުމެން އެ ޚިދުމަތްތަކެއް ފޯރުކޮށްނުދީ ތިބެންޖެހޭ ޚިދުމަތްތަކެއް ނޫން. އެކަން ކޮށްދޭން އެބަޖެހޭ، ދިވެހި ރައްޔިތުންގެ ޙައްޤުގައި. އެކަން އިރާދަކުރެއްވިއްޔާ، މި އަހަރު ތެރޭގައި ފެންނަމުންދާނެ. ކުރިއަށް އޮތް ދެ މަސް ތެރޭގައި، އެ މަސައްކަތްތައް ފެށިގެންދާނެ.

ނިޝާން މުޙައްމަދުދީދީ:

އަޅުގަނޑުމެންނަށް މީގެ ކުރީގެ ރިޔާސީ ދައުރުތަކަށް ބަލައިލާއިރު، ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މި އޮންނަ ގުޅުން، ބައެއްފަހަރު ތަފާތުގޮތަކަށް ފެނިގެންދަނީ. ބައެއްކަހަލަ މައްސަލަތައް ކުރިމަތިވެފައި ހުންނަ ތަން މާޒީގައި ފެނިގެން ގޮސްފައި އެބަވޭ.

ދެން، އަޅުގަނޑުމެންނަށް ބައެއް ފަރާތްތަކުން، މިހާރުވެސް، މި ދައުރުގެ ތެރޭގައިވެސް އެކަހަލަ ވާހަކަތަކެއް، މި ގުޅުމާ ގުޅޭގޮތުން މަދުން ނަމަވެސް އަޅުގަނޑުމެންނަށް އަޑުއިވިގެންދޭ.

އެކަމުގެ ޙަޤީޤަތް އެންމެ އެނގިވަޑައިގަންނަވާނީ މަނިކުފާނަށް. ކިހިނެއްތޯ މި ސަރުކާރުގެ ކަންކަން ކުރިއަށް ގެންދިޔުމާއި، އަދި ހަމަ އެހެންމެ، ކިހާވަރަކަށް ދެ ބޭފުޅުން ގުޅިގެން، މަޝްވަރާގެ މަތިން މަސައްކަތް ކުރެވޭތޯ؟ އަދި އެގޮތަށް ނުރުހުމެއް އޮންނަ ކަމަށް އެ ދެކެވެނީ ކީއްވެގެން ކަމަށްތޯ ގަބޫލުކުރެވެނީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

ވަރަށް އުފާކޮށްފިން ތިޔަ ސުވާލު ކުރެއްވީމަ އިނގޭތޯ. ދެން، އަޅުގަނޑަށް އެނގޭ، މި ސުވާލުތައް މިހެން އަންނާނެކަން. މި ރާއްޖޭގެ ފެހި ޤާނޫނުއަސާސީ އުފެދުނީއްސުރެން ރަނިންގ މޭޓަކާ އެކީގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުވެގެން އައީމަ، އެ ބޭފުޅަކު މިވަނީ، ޤައުމުގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް.

އެހެންނަމަވެސް، ބައެއް ކަންތައްތައް ތާރީޚުގެ ތެރޭގައި މި ހިނގާފައި ހުރި ގޮތުން، މި ސުވާލުތައް ރައްޔިތުންގެ ހިތުގައި އުފެދެނީ. ދެން، ސިޔާސީ ބޭނުމަށްޓަކައި، އެއިރެއްގައި އެ އޮންނަ ވާދަވެރިން، އެކަހަލަ ވާހަކަތައް މުޖުތަމަޢުގެ ތެރޭގައި ދެއްކީމަ، ބައެއްފަހަރަށް ރައްޔިތުންނަށް ޙަޤީޤަތް އޮޅޭގޮތްވޭ.

އެހެންނަމަވެސް، އަޅުގަނޑު ދަންނަ މީހަކުނަމަ، އަޅުގަނޑު ކުޑައިރުއްސުރެން މިހާ ހިސާބަށް ބޮޑުވެފައި ހުރިއިރު ދަންނަ މީހަކު ގަބޫލުކުރާނެ، އަޅުގަނޑުގެ ސިފަތައް، އަޅުގަނޑުގެ ޢަޤީދާ އަޅުގަނޑު ބިނާކުރަމުންދާނީ ކިހިނަކުންކަން. އަޅުގަނޑު ހަނދާން އެބަހުރި، ޤާނޫނުއަސާސީއާއި، ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އަޅުގަނޑު ކުރި ހުވާ، ރައީސުލްޖުމްހޫރިއްޔާއާ އެކީގައި، އެއް ދުވަހެއްގައި. އެ ހުވާ މަތިން އަޅުގަނޑު އަބަދުވެސް ހަނދާން ހުންނާނެ. އަދި މި މަގާމަށް އައުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑަށް އެ ދެއްވި ދަޢުވަތުވެސް، އަޅުގަނޑު ހަނދާން އެބަހުރި. މި ހަނދާން ހުރި ހުރުމަކީ، އަޅުގަނޑުގެ ޢަޤީދާ ކޮންމެ ދުވަހަކު އިތުރަށް، މި ދެންނެވި ކަމުގައި ވަރުގަދައަށް ހުރުމަށް އަޅުގަނޑަށް ލިބޭ، ވަރަށް ބޮޑު ހިތްވަރެއްވެސްމެ.

އެހެންވީމާ، އިރާދަކުރެއްވިއްޔާ މިހާ ހިސާބަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާ އަޅުގަނޑަކާ އެއްވެސް މައްސަލައެއް ނުޖެހޭ. އަޅުގަނޑުމެން ދެމީހުން މިތިބީ ހަމަ ވަރަށް ބަދަހިކޮށް، އެކުވެރިކޮށް. ޤައުމު ހިންގުމުގައި އެ މަނިކުފާނު ދެއްވާ އިރުޝާދާއި، ލަފާފުޅާ އެއްގޮތަށް އަޅުގަނޑު މަސައްކަތް ކުރަމުން މިދަނީވެސް. އަޅުގަނޑަށް މަޝްވަރާވެސް ލިބޭ، އެ މަނިކުފާނުގެ އިރުޝާދުތައްވެސް ބަރާބަރަށް ލިބެމުންދޭ.

އެހެންކަމުން، ބަޔަކު އެ ދައްކާ ވާހަކައަކަށް އަދި އަޅުގަނޑު އިރުއިރުކޮޅާ ޖަވާބުދާރީވާކަށްވެސް ނުޖެހޭކަންނޭނގެ. އެއީ، ޒިންމާދާރު ގޮތެއްވެސް ނޫން. އެހެންނަމަވެސް، މިތާނގައި ޕްލެޓްފޯމެއްގައި ތިޔަހެން އައްސަވައިލެއްވީމާ، އަޅުގަނޑު އުފާކުރާ ވާހަކަ މި ދެންނެވީ. ޤައުމުގެ ކުރީގެ މާޒީގައި، މި ކުރު މާޒީއެއްގެ ތެރޭގައި، ބޮޑެތި މިކަހަލަ ކަންކަން ހިނގާފައި އޮތުމުން، ތިޔަ ސުވާލުތައް އުފެއްދުމަށްޓަކައި، ނޫނީ ރައްޔިތުންގެ ހިތުތެރޭގައި ވަހުމުތައް އުފެއްދުމަށްޓަކައި، ސިޔާސީ މީހުން މަސައްކަތް ކުރާތީ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އިރާދަކުރެއްވީތީ، މީގެ އެއްވެސް ކަމެއް ނެތް. ވަރަށް ސާބިތުކޮށް، އަޅުގަނޑުމެން ދެމި މިތިބީ.

ނިޝާން މުޙައްމަދުދީދީ:

ދެން، އަޅުގަނޑުމެންނަށް މި ވެރިކަމުގެ ދެ އަހަރު ފާއިތުވެގެން މިދިޔައީ ދޮގެއްތޯ؟ މި ދައުރުގެ ރައީސް، ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ، ޚާއްޞަކޮށް ޕީ.އެން.ސީ.ގެ ސަރުކާރުން، އަޅުގަނޑުމެން ކުރިންވެސް ފަށަމުން ފާހަގަކުރިގޮތަށް، ވަރަށް މުހިންމު ވަޢުދުތަކެއް ވެގެން، މުހިންމު ކަންތައްތަކެއް، ޤައުމަށް ކުރިއެރުންތަކެއް ހޯއްދަވައިދެއްވާނެ ކަމުގެ ވަޢުދާއެކީގައި ވެރިކަމަށް ވަޑައިގެންނެވީ.

ކުރިއަށް އެބައޮތް އަދި ތިން އަހަރު ދޮގެއްތޯ؟ މި އޮތް މުއްދަތުގެ ތެރޭގައި މި ވަޢުދުތައް ފުއްދުމަށް، އަދި ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ފަހިކޮށްދެއްވުމަށްޓަކައި، ކޮބައިތޯ މިކަމުގައި ރައްޔިތުންނަށް ދެއްވާނެ ޔަޤީންކަމަކީ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

އާދެ، އެއްވެސް ޝައްކެއްނެތް، ކުރިއަށް އޮތް ތިން އަހަރު ވެގެންދާނީ، ވަރަށް ބާރު ސްޕީޑެއްގައި، އެކިއެކި ބޮޑެތި މަޝްރޫޢުތައް ހިނގަމުންދާނެ ތިން އަހަރަށް. އެ ވާހަކަ ރައީސްވެސް އެ ވިދާޅުވަނީ، އެ މަނިކުފާނުގެ މަސައްކަތްޕުޅުތައް ކުރިއަށްވުރެ އަވަސްވެ، ބާރުވެގެންދާނޭ. އެއީ، އަޅުގަނޑު މި ދެންނެވީ، އަޅުގަނޑުމެން މި ކަޑައްތުކުރި މަރުޙަލާއަކީ، ދަތި، އުނދަގޫ މަރުޙަލާތަކެއް.

އެހެންނަމަވެސް، އެއަށްފަހު މިހާރު، އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ އެތެރޭގެ ކުންފުނިތަކާއި، މި ދެންނެވީ، އެތެރޭގެ އަމިއްލަ ކުންފުނިތަކަށް، ޕްރައިވެޓް ސެކްޓަރގައި ހުރި ކުންފުނިތަކަށް މިހާރު ޕްރޮޖެކްޓްސްތައް ލިބެމުން އެދަނީ. އެހެންވީމާ، އޭގެ މާނައަކީ، ދިވެހީންގެ އަތްމަތިން ފައިސާ ދައުރުވުމުގެ ފުރުޞަތު ހުޅުވިގެން މިދަނީ، ޤައުމަށް ބަޔަކު ހެޔޮއެދިގެން މަސައްކަތް ކުރީތީ ދޮގެއްތޯ، އެ ފުރުޞަތު ލިބިގެން މިދިޔައީ.

އަޅުގަނޑު މި ދެންނެވީ، ފެށި ފެށުމުގައި، އަޅުގަނޑުމެންނަކަށް ނެތޭ އޭރަކު އެ ފުރުޞަތެއް މި ޤައުމަކު. އެމް.ޑީ.ޕީ. ވެރިކަން ނިމިގެންދިޔައިރު، ކޯވިޑާއި އަދި އެހެން ގޮތްގޮތުން އަޅުގަނޑުމެންނަށް ދަތިވި ދަތިވުންތަކާ އެކީގައި، ބޭރުގެ އެތައް ގިނަ ފަރާތްތަކެއްގެ ހިލޭ އެހީތަކާއި، މި ދެންނެވީ ފައިސާގެ އެހީތަކާއި، ލޯނުތަކަށް ދާންދެންވެސް ދެވިފައި އެބަހުރި. އަދި އޭގެއިތުރުން، އެކަމާ ގުޅުންހުރި އެކިއެކި ވަސީލަތްތައް މެދުވެރިކޮށް، އެކިކަހަލަ އިކުއިޕްމަންޓްސްތަކާއި، ކޮންސިއުމަބަލްސްތައް އަޅުގަނޑުމެންނަށް ދީފައި އެބަހުރި، ޞިއްޙީ ހާލަތާ ގުޅިގެން. އެހެންނަމަވެސް، މިއިން އެއްވެސް ކަމެއްގެ ބޭނުން ހެޔޮގޮތުގައި ހިފާފައެއް ނެތް. އަޅުގަނޑުމެންނަށް ނޭނގި ތިއްބައެއް ނޫން މި އުނދަގޫ އަޅުގަނޑުމެންނަށް ކުރިމަތި މިވީކީ. އަޅުގަނޑުމެން މި ވާހަކަ ދައްކަމުން އައީ. އެހެންނަމަވެސް، އެއަށްވުރެ ގޯސް ޙާލަތެއްގައި އޮތުމުން، އަޅުގަނޑުމެންނަށް މިޖެހުނީ މަސައްކަތްތަކެއް ކޮށް، ހަމަމަގަށް އަޅުވަން. ހަމަމަގަށް އަޅުވައިގެން، މިއަދު އިރާދަކުރެއްވީތީ ބާރު ސްޕީޑްގައި މިދަނީ.

އަޅުގަނޑު ހަމަ ޔަޤީންކަން މިދެނީ، އެ މަނިކުފާނު ވެވަޑައިގެންފައި އޮތް ވަޢުދުތައް، އިރާދަކުރެއްވިއްޔާ އެ މަނިކުފާނު ފުއްދަވާނެ. އެކަންކަމުގައި ރައްޔިތުންގެ އެއްބާރުލެއްވުން، މިހާރުވެސް ތިޔަ ދެއްވާ ގޮތަށް އަޅުގަނޑު އެދެނީ، ކުރިއަށް އޮތް ތަނުގައިވެސް، ރައްޔިތުން ހަމަ އެ ފުރިހަމަ އެއްބާރުލުން އެގޮތުގައި ދެއްވުން.

ނިޝާން މުޙައްމަދުދީދީ:

ދެން، ވެރިކަންކުރާ ޕާޓީ، ޕީ.އެން.ސީ.ގެ ވަރުގަދަ ސިޔާސީ ހަރަކާތެއް ދާދިފަހުން މާލޭގައި ކުރިއަށް ގެންގޮސްފައި މިވަނީ. ދެން، މި ހަރަކާތުގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ ބަޔަކު، އަދި މި ސަރުކާރަށް ތާއީދުކުރާ މީހުން ފެނިގެންދިޔަ.

ދެން، މީގެ ކުރީގައި ބޭއްވިގެންދިޔަ، މިފަދަ ސިޔާސީ ހަރާކަތްތަކަށް ބަލައިލާއިރު، ވަރަށް ބޮޑަށް، އޭރު އިދިކޮޅުގައި ތިބި ސިޔާސީ މީހުންނާ ގުޅުވައިގެން، އެ ފަރާތްތަކުން ޢަމަލުކޮށްފައިވާ ގޮތާ ގުޅޭގޮތުން ވާހަކަ ދައްކައި، ސިޔާސީ ވާހަކަތަކެއް ދެކެވޭ ތަން އަޅުގަނޑުމެންނަށް ފެނިގެންދިޔަ.

އެހެންނަމަވެސް، ރައީސުލްޖުމްހޫރިއްޔާ މި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި، ޤައުމުގެ ކަންކަން ކުރިއެރުވުމަށް ވަރަށް ބޮޑަށް އިސްކަންދެއްވާކަން އަޅުގަނޑުމެންނަށް ބޮޑަށް ފާހަގަވެގެންދިޔައީ، ސިޔާސީ ފަރާތްތަކަށް ރައްދު ދިނުމާއި، އެކަންކަމަށްވުރެ ބޮޑަށް.

ކިހިނެއްތޯ ސަރުކާރަށް އޮތް ތާއީދު، ކިހާވަރަކަށް ފެނިގެންދިޔަތޯ މި ހަރަކާތުން؟ އަދި ޖުމްލަގޮތެއްގައި، ރާއްޖޭގެ ސިޔާސީ މަސްރަޙު ހަލަބޮލިނުކުރުމަށް، ނުވަތަ އެނޫންވެސް ރާއްޖޭގެ އިޖުތިމާޢީ ކަންކަން ހަމަމަގަށް އެޅުވުމަށް މިކުރާ މަސައްކަތުގައި، ކިހާވަރެއްގެ ނަމޫނާތަކެއް މިފަދަ ހަރަކާތަކުންވެސް ފެނިގެން ހިނގައްޖެތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

މިއަދު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދާ ހަމައަށް ދައްކަވާފައިވާ ވާހަކަފުޅުތަކަށް ބަލައިލި ކަމުގައިވީނަމަވެސް، ވަރަށް ބޮޑަށް ފާހަގަކުރެވޭ އެއް ކަމެއް، ސިޔާސީ ވާދަވެރިންނަށް ރައްދުދެއްވައި، ޖެއްސުމަށް ވާހަކަފުޅު ނުދެއްކެވުން. އެއީކަންނޭނގެ، އެ މަނިކުފާނުގެ އެންމެ މުހިންމު އެއް ސިޔާސަތަކީ.

އެ މަނިކުފާނު ބޭނުންފުޅުވަނީ، އެ މަނިކުފާނުގެ ޒިންމާ އަދާކުރެއްވުމުގައި، ރައްޔިތުންނާ ގުޅުންހުރި ކަންކަމުގެ ވާހަކަ، ރައްޔިތުންނާ ދެއްކެވުން. އޭރުންކަންނޭނގެ އަޅުގަނޑަށް ހީވަނީ، ހެޔޮގޮތުގައި ހެޔޮ ވެރިކަމެއްވެސް ކުރެވޭނީ. ރައްޔިތުންނަށްވެސް އެންމެ މަންފާވާނީ. ބޭކާރު ވާހަކަ ދައްކައިގެން، އަޅުގަނޑުމެންގެ މުޖުތަމަޢު ތެރޭގައި ކުރީގައި ހިންގިކަހަލަ، ސިޔާސީ ހަމަނުޖެހުން އުފެދި، އެއްބަޔަކު އަނެއްބަޔަކާ އަރާރުންވެ، ޢާއިލާތަކުގައި އޮންނަ ބަދަހިކަން ނެތިގޮސް، އެއްބަނޑުއެއްބަފާ މީހުންގެ މޫނުދިމާނުވެ، ރަޙިމުގެ ގުޅުމަށް އަސަރުކުރާ މިންވަރަށް ކަންކަން ދިޔުމަކީ، އެއީ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާނެ ގޮތެއްނޫން. އެ މަނިކުފާނުގެ ޠަބީޢަތުގައި ހުރި ގޮތެއްވެސް ނޫން.

އެހެންވީމާ، އެ މަނިކުފާނުގެ ސިޔާސީ ޙަޔާތްޕުޅު އެ ބައްޓަން ކުރައްވަނީ، އަޅުގަނޑު ދަންނަވާނީ، ކުރިއަށް އޮތް ޖީލުތަކަށް ނަމޫނާ ދައްކަވަމުން، ވަރަށް ރީތި މިސާލަކުންނޭ. އެކަން އަޅުގަނޑުމެން ބަލައިގަންނަ އެއްކަމެއްގެ ޙަޤީޤަތަކީ، ތިޔަ ވިދާޅުވި ގޮތަށް، އަޅުގަނޑުމެން ގާތްގަނޑަކަށް ހަތަރު ދުވަހަށް ވެފައި އޮއްވައި، މި ނިންމި ނިންމުން، ރައީސްގެ އިރުޝާދާއެކީގައި ލީޑަރޝިޕުން ނިންމި ނިންމުމަކީ، ބޮޑު އެއްވުމަކަށް ގޮވާލި ގޮވާލުމަށް މުޅި ރާއްޖެއިން އިޖާބަދިނުން. އަދި އަންނަން ބޭނުންވި އެތައް ބަޔަކަށް މާލޭ މި ފަސްގަނޑަށް ނާދެވި ތިބީ. އޭގެތެރެއިން ރައީސް އިޢުލާނުވެސް ކުރެއްވި، ދިހަޔަކުން ގުނާނަމަ، އޭގެތެރެއިން އެއް ޕަސެންޓޭ މާލެއާ ހަމައަށް އާދެވުނީ. އެއީ، ތެދެއްމެ. ދަތުރުފަތުރު ކުރުމުގެ ދަތިކަމާއި، މިހެންހުރި ގިނަ ދަތި ކަންތައްތަކާ ގުޅިގެން، އަންނަން ބޭނުންވި އެތައް ރައްޔިތުންނެއްގެ ތެރެއިން މަދު ބަޔަކަށް، އަޅުގަނޑުމެންނާ ހަމައަށް އާދެވުނީ. އެތައް އެތައް ގިނަ ފޯންކޯލްތަކެއް، އެތައް ގިނަ ލިސްޓުތަކެއް އަޅުގަނޑުމެންނާ ހަމައަށް އައި. އެހެންނަމަވެސް، އަޅުގަނޑުމެންގެ ދަތުރުފަތުރުގެ ނިޒާމު އޮތްގޮތުން، އެއީ އަޅުގަނޑުމެންނަށް އެހާ ފަސޭހައިން ކުރެވޭނެ ކަމަކަށްނުވޭ. އެރޭ އާދެވުނުހާ ރައްޔިތުންގެ ޝުޢޫރު އޮތްގޮތް ފެނިވަޑައިގަންނަވާނެ ތިޔަބޭފުޅުންނަށް. އެތަނުގައި ހަރުއަޑުން ރައީސަށް ތާއީދުކޮށް، ރައީސްގެ ނިންމެވުންތަކަށް ތާއީދުކޮށް، "ރައީސޭ ތިޔަގޮތަށް ކުރިއަށް ވަޑައިގަންނަވާށޭ"، ރައްޔިތުން ވިދާޅުވަމުން ގެންދެވި. އެއީ، އަޅުގަނޑު މި ދެންނެވި ދުރު ވިސްނުންފުޅާއި، ކެރުންތެރިކަމާއި، ޙިކްމަތްތެރިކަމާއެކު ޢަމަލުތައް ކުރެއްވީމާ އެކަން ފެނިގެންދިޔައީ. އެހެންނަމަވެސް، ކުރީކޮޅު އެ މަނިކުފާނު ސިޔާސީގޮތުން ބަސް ވިދާޅުވެ، އެމަނިކުފާނުގެ ސުޕަރ މެޖޯރިޓީ އޮތްކަން ރައްޔިތުންނަށް ދެއްކުމަށްޓަކައި، ކުރީގެ ވެރިން ހައްދަވާހެން، އެކަހަލަ ބޭކާރު ވާހަކަ ދައްކަވަން ފެށްޓެވިނަމަ، އުނދަގޫތަކެއްހުރީސް. އެހެންނަމަވެސް، އަޅުގަނޑު މި ދެންނެވިހެން، ޚިޔާރުކުރައްވަނީ މި މަގު. އެއީ، ރައްދު ދިނުމެއްނެތި، ޤައުމުގައި ހުރި މައްސަލަތަކަށް އެ މަނިކުފާނު ޙައްލު ހޯއްދަވާނެ ގޮތްތަކުގެ ވާހަކަ، ރައްޔިތުންނަށް ތަފްޞީލުކޮށް، އަލިފުން ޔާއަށް ވިދާޅުވެދެއްވަނީ.

އެހެންވީމާ، އެއީ އެ މަނިކުފާނުގެ ތަފާތަކީ. އެ މަނިކުފާނު އެ ތަފާތު އެގެންދަވަނީ، މޭޔަރުކަމުއްސުރެ މިއަދު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ވަޑައިގަތީއްސުރެ ހަމަ އެއްގޮތަކަށް. އެއަކަށް ބަދަލެއްނާދޭ.

ނިޝާން މުޙައްމަދުދީދީ:

ނިންމާލުމުގެ ގޮތުން، މި ވޭތުވެގެންދިޔަ ދެ އަހަރާއި، އަދި ކުރިއަށް މިއޮތް މުއްދަތުގައި، ސަރުކާރުގެ ކަންކަން ކުރިއަށްދާނެގޮތާ ގުޅޭގޮތުން، ރައްޔިތުންނަށް އޮތް އުންމީދުތަކަކީ ކޮބައިތޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

އާދެ، ލޮބުވެތި ދިވެހި ރައްޔިތުން މި ސަރުކާރު ގެނައީ، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒަށް އެހާބޮޑު ތާއީދެއް ދެއްވީވެސް، އެ މަނިކުފާނަށް ވަރަށް ބޮޑު އިތުބާރެއް ކުރައްވާފައި، ވަރަށް ބޮޑު ޔަޤީންކަމަކާއެކީގައި. އެ އިތުބާރާއި ޔަޤީންކަން، އިރާދަކުރެއްވީތީ އެ މަނިކުފާނު އެބަ ދަމަހައްޓަވާ. އޭގެ މިސާލުތައް އަޅުގަނޑު ކުރިން ފާހަގަކުރީ.

ޤައުމު އުނދަގޫ ޙާލަތެއްގައި އޮއްވައި، ޤައުމު ހަމަމަގަށް އަޅުވައި، ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްޕުޅުތައް ކުރައްވަމުން، ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުކުރުވާނެ ފުރުޞަތުތައް ފަހިކޮށްދެއްވަމުން، މި ހުރިހާ މަސައްކަތެއް އެ މަނިކުފާނު ތަރުތީބުން ކުރައްވަމުން ގެންދަވާ ގެންދެވުމަކީ، އެއީ ދިވެހި ރައްޔިތުން މާދަމާ އުފާކުރަންޖެހޭނެ ކަމެއް. މިއަދު ވާހަކަ ދައްކަމުންވެސް ގެންދާނެ، އުނދަގޫތައްވެސް ކުރާނެ. އެހެންނަމަވެސް، ކަންކަން ތަންފީޒުވެ ނިމުނީމަ، އޭގެ ޙަޤީޤީ މަންފާ ލިބެން ފެށުމުން، އެ ހަރުއަޑުން ވާހަކަ ދައްކަވާ ބޭފުޅުންގެ ވާހަކަތަކުގެވެސް ރާގު ބަދަލުވެގެންދާނެ. މިއީ، މި ޤައުމުގައި މިހާތަނަށް ކަން ހިނގާފައި އޮތްގޮތްވެސްމެ.

އެހެންވީމާ، ލޮބުވެތި ދިވެހި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަނީ، މިއަދު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާ އެކީގައި، މިހާރުވެސް ތިޔަ ތިއްބެވި ގޮތަށް، ގަދަކޮށް ތިއްބަވައި ދެއްވާށޭ. އެ މަނިކުފާނު ޤައުމުގައި މިހިރަ މުހިންމު ކަންކަން ޙައްލުކޮށްދެއްވައި، ތިޔަބޭފުޅުންނަށް ހަމަޖެހޭ ދިރިއުޅުމެއް މި ޤައުމުގައި ޤާއިމުކޮށްދެއްވާނެއޭ. މި ޤައުމުގައި އަސާސީ ޙައްޤުތައް ކަށަވަރުކޮށްދިނުމުގެ އިތުރުން، ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާ އާމްދަނީ، އަހަރަކަށްވުރެ އަހަރެއް އިތުރުކުރެއްވުމަށް މަސައްކަތް ކުރައްވަމުން އެ ގެންދަވަނީ، މިހާރުވެސް އިތުރުވުމުގެ ފުރުޞަތު ތިޔަބޭފުޅުންނަށް ހޯއްދަވައިދެއްވަމުން ގެންދަވަނީ. ރާއްޖޭގެ އިޤްތިޞާދު ފުޅާކޮށްދެއްވާނެއޭ. ރާއްޖޭގެ އިޖުތިމާޢީ ހަމަޖެހުން ގެނެސްދެއްވާނެއޭ. ކުރިން އަޅުގަނޑު ފާހަގަކުރިހެން، ރާއްޖޭގެ ޒުވާނުން ގޯސް ޢަމަލުތަކުން ދުރުހެލިވެ، ތަޢުލީމީ ޤާބިލް ޒުވާނުންތަކެއް އުފެއްދުމަށް އެ މަނިކުފާނު ފުރުޞަތުތައް ހުޅުވައިލައްވާނެއޭ. މިހެންގޮސް، އެތައް ގިނަ މަސައްކަތްޕުޅުތަކެއް އެބަ ކުރައްވާ.

އެހެންވީމާ، މިއީ އަޅުގަނޑުމެންގެ ހުރި އުންމީދުތައް. އެ އުންމީދުތައް ހާސިލުކުރެވޭނީ، ރައްޔިތުން ކެތްތެރިކަމާއެކީގައި، މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒާ އެކީގައި ތިއްބަވައިގެންނޭ. އެހެންވީމާ، މިއަދު ތިޔަ ތިއްބެވި ގޮތަށް، އެ މަނިކުފާނާ އެކީގައި ތިއްބަވައިދެއްވާށޭ. ތިޔަބޭފުޅުންނަށް އިރާދަކުރެއްވިއްޔާ، މި ހެޔޮވެރިކަމުގެ ނަތީޖާ ފޮނިވެގެންދާނެ.

ނިޝާން މުޙައްމަދުދީދީ:

ވަރަށް ބޮޑަށް ޝުކުރިއްޔާ އިނގޭތޯ، އަޅުގަނޑުމެންގެ ޕްރޮގްރާމަށް ވަޑައިގެން، ތިޔަ ޙިއްޞާކޮށްލެއްވި ވާހަކަފުޅުތަކަށް.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް:

އާދެ، ޝުކުރިއްޔާ!

ނިޝާން މުޙައްމަދުދީދީ:

އަޅުގަނޑުމެން މި ގެނެސްދިން، "ހަފުތާ 104"ގެ މި ޕްރޮގްރާމްގައި، ޚާއްޞަކޮށް މިބައިގައި، ސަރުކާރަށް މި ފުރިގެންދިޔަ ދެ އަހަރާއި، އަދި ހަމަ އެހެންމެ، ކުރިއަށް އޮތް ތަނުގައި، ސަރުކާރުން ކުރައްވާނެ މަސައްކަތްތަކާ ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މެދުވެރިކޮށް، ހަމަ މުހިންމު ވާހަކަފުޅުތަކެއް ގެނެސްދެވުނު ކަމުގެ އުންމީދުގައި، މި ޕްރޮގްރާމް ނިންމާލާފައި ވަކިވެލާނަން.

وَالسَّلَامُ عَلَيْكُمْ.