މާލޭގެ އަވަށްތަކަށް އަމާޒުކޮށް ބައްދަލުވުންތަކެއް ބާއްވަވަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރައްވައިފި
މާލޭގެ އަވަށްތަކުގެ ތަރައްގީ ކުރިއަށްގެންދާނޭ ގޮތުގެ މަޝްވަރާ ކުރެެއްވުމަށް، މާލޭގެ އަވަށްތަކަށް އަމާޒުކޮށްގެން މާލޭގެ ރަށްވެހިންނާއި މާލޭގައި ދިރިއުޅޭ ފަރާތްތަކާއެކު ބައްދަލުވުންތަކެއް ބާއްވަވަން ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިއުލާންކުރައްވައިފިއެވެ.
ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް، "ރައްޔިތުންނާއެކު ކުރިއަށް- ހަފުތާ 104" މިނަމުގައި މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގައުމީ ތަރައްގީގެ އަމާޒުގެ ދަށުން ހުރިހާ އަތޮޅުތަކަށް ވަޑައިގެން ކައުންސިލްތަކާއި، އ.ތ.މ. ކޮމިޓީ، އަދި އަތޮޅުތަކުގެ އިސް ހިންގުންތެރިންނާއި ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި، މި ބައްދަލުވުންތަކަކީ ވަރަށްވެސް ކާމިޔާބު، ނަތީޖާ ފެނިގެންދިޔަ ބައްދަލުކުރެއްވުންތަކެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަތޮޅުތަކުގައި މި ބައްދަލުވުންތައް ކުރިއަށް ގެންދެވުނު ފަދައިން މާލޭ ސަރަހައްދުގައި މިފަދަ ބައްދަލުވުންތަކެއް އަންނަ ހަފުތާއިން ފެށިގެން ކުރިއަށް ގެންދެވުމަށް ނިންމަވާފައިވާ ކަމަށާއި މި ބައްދަލުވުންތަކުގައި މާލޭގެ ހަތަރު އަވަށާއި، ވިލިނގިލި، އަދި ހުޅުމާލޭގެ ދެ ފޭސްގައި ދިރިއުޅޭ ރައްޔިތުންނާއެކު މަޝްވަރާ ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއި، އަންހެނުންނާއި ޒުވާނުން އިސްވެ ހިންގާ ވިޔަފާރިތަކަށް އަމާޒުކޮށް ބައްދަލުވުންތަކެއް ބޭއްވުމަށް ނިންމަވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.