ވަށާޖެހޭ ތަރައްޤީއަކަށް ވާނީ އަޅުގަނޑުމެންގެ ފިކުރު ތަރައްޤީކޮށްގެންކަމަށާއި، ޚާއްޞަކޮށް ޅަދަރީންގެ ފިކުރު ތަރައްޤީކުރުމަށްޓަކައި ތަޢުލީމީ ސިޔާސަތަކީ އެންމެ މުހިންމު އެއް ކަންތައްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް މިރޭ ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ކުރިއަށްދިޔަ "ރައްޔިތުންނާއެކު ކުރިއަށް - ހަފުތާ 104 ގެ ކާމިޔާބީ ފާހަގަކުރުމުގެ ރަސްމިއްޔާތު" ގައި ވާހަކަފުޅުދައްކަވަމުންނެވެ. މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތު އޮންނާނީ ވަށާޖެހޭ ތަޢުލީމީ ސިޔާސަތެއް ބިނާކުރުމަށްކަމުގައި ވިދާޅުވިއެވެ. ވަށާޖެހޭ ތަޢުލީމީ ސިޔާސަތަކީ ތުއްތު ކުދިން ބޮޑުކުރަންޖެހެނީ އަޅުގަނޑުމެންގެ އައިޑެންޓިޓީ ހިމާޔަތްކޮށް، އެ އައިޑެންޓިޓީއަށް ފަޚުރުވެރިވެ، އެއާމެދު ފިކުރުކޮށް އަންނަންއޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ވިސްނުމުގައި ތިބޭ ބައެއްގެ ގޮތުގައި ތަރައްޤީކުރެވިގެން ކަމުގައި ވިދާޅުވިއެވެ. އަދި އެކަން ކުރެވޭނީ ވަށާޖެހޭ ތަޢުލީމީ ސިޔާސަތުގެ ތެރެއިން ސިޔާސަތު ބައްޓަންކުރެވިގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް ޤައުމިއްޔަތު މާއްދާ ތަޢާރަފުކުރެއްވީ އެ ބޭނުންފުޅުގައިކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މިހާރު މި މާއްދާ ވަނީ އެންމެ ދަށް، ކީ-ސްޓޭޖްތަކުގައި ކިޔަވައިދޭން ފަށާފައިކަމަށާއި އަދި އެ އޮންނަ އުޞޫލުގެ ތެރެއިން އެކަން ހިނގަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތަޢުލީމީ ދާއިރާގައި ބިދޭސީންގެ ޢަދަދު ވަރަށް ގިނަކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުލީމީ ދާއިރާއަކީ ދިވެހިން ކިޔަވައިދޭ ދާއިރާއެއްގެ ގޮތުގައި ތަރައްޤީކުރަންޖެހޭ ދާއިރާއެއްކަން ފާހަގަކުރައްވާފައެވެ. މިގޮތުން ތަޢުލީމީ ދާއިރާއަށް ދިވެހި މުދައްރިސުން ތަމްރީނުކުރުމަށްޓަކައި ސަރުކާރުން ބިޔަ މަސައްކަތެއް ފައްޓަވާފައިވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އޭގެތެރެއިން 190 ދަރިވަރުން މުދައްރިސުކަމުގެ ތަމްރީނު ހަދަމުންދާކަމަށާއި އެ ދަރިވަރުންނަށް ޚާއްޞަ އިނާޔަތެއް ދެއްވަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިސަރުކާރުން ވެރިކަމާ ޙަވާލުވެވަޑައިގަތްއިރު، ގްރޭޑް 10 ނިންމާ ކުދިން ފާސްވާ ނިސްބަތް ހުރީ ވަރަށް ދަށުގައި ކަމަށާއި، އެގޮތުން 2023 ގައި 31 އިންސައްތައިގައި ހުރި މި ނިސްބަތް 2025 ގައި 49 އިންސައްތައަށް މަތިކުރެވިފައިވާކަން ހާމަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ އަހަރު ދުވަހުގެ ތެރޭގައި މިފަދަ ކާމިޔާބީއެއް ހޯދުމަކީ އާދައިގެ ކަމެއް ނޫންކަމުގައި ވިދާޅުވެފައެވެ. އަދި އެއީ މުޅި ތަޢުލީމީ ނިޒާމުގެ ތެރޭގައި ކުރެވުނު ވަރަށް ގިނަ މަސައްކަތްތަކުގެ ނަތީޖާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަދަރުސީ ތަޢުލީމުގެ ތެރެއިން ހުނަރާއި މަސައްކަތްތެރިކަން ކުރިއެރުވުމަށްޓަކައި ގްރޭޑް 10 ނިންމާ ކުދިންނަށް އޭ-ލެވެލް ފެންވަރަށް ކުރިއަށްދެވޭނެ 3 ޕާތުވޭއެއް ކަނޑައަޅުއްވައި، އެކެޑަމިކް، ވޮކޭޝަނަލް ސްކޫލް އަދި ވަރކް ބޭސްޑް (އެޕްރެންޓިސްޝިޕް) ގެ މަގުތަކުން ދަރިވަރުންނަށް ކުރިއަށްދެވޭނެ މަގުފަހިކޮށްދެއްވާފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން މީގެބޭނުމަކީ އޯ-ލެވެލް އަދި އޭ-ލެވެލަށް ކިޔަވައިދޭ ސްކޫލްތައް އިތުރުކުރުމާއެކު، ދަރިވަރުން ސްކޫލް ނިންމާ އަހަރަކީ ގްރޭޑް 10ގެ ބަދަލުގައި ގްރޭޑް 12 އަށް ހެދުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ތަޢުލީމީ ނިޒާމު ވަރުގަދަކުރުމުގައި އެމަނިކުފާނު ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވަޢުދަކީ ކުރީގައި އޮތް ގޮތަށް ޖެނުއަރީ މަހުގައި ދިރާސީ އައު އަހަރު ފެށޭގޮތަށް ހެއްދެވުން ކަމުގައި ވިދާޅުވިއެވެ. އެގޮތުން މިދިޔަ ސަރުކާރުން ގެނައި ބަދަލުގެ ސަބަބުން ދަރިވަރުންގެ ތަޢުލީމީ ހަޔާތުން ހައެއްކަ މަސް ގެއްލިގެންދިޔަ ކަމުގައި ވިދާޅުވެ، މި ސަރުކާރުން ވަރަށް ވިސްނުންތެރިކަމާއެކު މަސައްކަތްކުރައްވައިގެން، މިއަންނަ އަހަރުގެ ޖެނުއަރީގައި ކުދިން ނިކުންނާނީ އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ގޮތަށް އެ ވަޢުދު ފުއްދިގެން، ދިރާސީ އައު އަހަރު ޖަނަވަރީގައި ފަށާގޮތަށްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި އަންނަ އަހަރު މުޅިން އަލަށް ރާއްޖޭގައި ޕްރައިމަރީ ދަރިވަރުން ބައިނަލްއަގުވާމީ ޓެސްޓެއްގައި ބައިވެރިވެ ބެންޗްމާކް ކުރެވިގެންދާނެކަމުގައި ވިދާޅުވިއެވެ. ބައިނަލްއަގުވާމީ ބެންޗުމާކް ކުރުމުގެ ޕައިލެޓް މަސައްކަތް ނޮވެންބަރު މަހުން ފެށިގެންދަނީ ކުރިއަށެވެ. އިތުރު ސްކޫލްތައް އެޅުމުގެ ތެރެއިން ހުޅުމާލޭގައި އައު ސްކޫލެއް ހަދާނިމި އަންނަ އަހަރުގެ ދިރާސީ އައު އަހަރާއެކު ހުޅުވިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ މިރޭ އިޢުލާނުކުރެއްވިއެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅަމުންދާ ސްކޫލް ޢިމާރާތްތަކުގެ ތެރެއިން ވީ އެންމެ ގިނަ ޢަދަދަކަށް ސްކޫލް ޢިމާރާތްތައް ނިންމައި ސްކޫލްތަކުގެ ލިސްޓަށް އިތުރުކުރެވޭތޯ މަސައްކަތް ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އޭގެ ސަބަބުން އެއް ސެޝަނަށް ބަދަލުނުކުރެވި ހުރި ސްކޫލްތައް އެއް ސެޝަނަށް ބަދަލުކުރެވުންފަދަ އެތައްކަމެއް ހާސިލުވާނެކަމުގައި ވިދާޅުވިއެވެ.

މަޝްރޫޢުތަކަށް ބަލާއިރު މިހާރުވެސް 65 މަޝްރޫޢެއްގައި ސޮއިކުރެވި ހިނގަމުންދާކަމަށާއި މިދިޔަ ސަރުކާރުން ފެށިގެން ހިނގަމުންދާ މަޝްރޫޢުތަކާއެކު ޖުމުލަ 150 މަޝްރޫޢެއްގެ މަސައްކަތް ތަޢުލީމީ ދާއިރާގައި ހިނގަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ތަޢުލީމީ ދާއިރާއިން ކުދިން ބިނާކުރެވިގެން، އެކުދިން ދެން ދަނީ މަތީ ތަޢުލީމަށް ކަމަށާއި މަތީ ތަޢުލީމުގެ ސިޔާސަތަކީވެސް މި ސަރުކާރުން ވަރަށް މުހިންމު އިސްކަމެއްދޭ ސިޔާސަތެއް ކަމުގައި ވިދާޅުވިއެވެ. މީގެކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސް ހުރީ އެންމެ 4 ރަށުގައި ކަމަށާއި މި ސަރުކާރު އައުމަށްފަހު މި 2 އަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސް ގާއިމުކުރުމުގެ 26 މަޝްރޫޢެއް މިހާރު ހިނގަމުންދާކަމަށާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަސް މީގެކުރީގައި ހުރީ މާލޭގައި އެކަނިކަމަށާއި އައި.ޔޫ.އެމްގެ ކެމްޕަސް ގާއިމުކުރުމުގެ 12 މަޝްރޫޢެއްގައި މިހާރު ސޮއިކުރެވިފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިއާއެކު މާލެއަށް ނުވަތަ ވެރިކަންކުރާ ސިޓީއަށް ބަރޯސާވުމަކީ އެމަނިކުފާނު ގަބޫލުފުޅުކުރައްވާގޮތެއް ނޫންކަމުގައި ވިދާޅުވެ ސަރުކާރުން މުޅި ރާއްޖެއަށް އަމާޒުކޮށް ވަސީލަތްތައް ތަރައްޤީކުރައްވަމުން ގެންދަވަނީ އެންމެ ކުޑަ ރަށުގައި ދިރިއުޅޭ މީހާއާއި އެންމެ ބޮޑު ރަށުގައި ދިރިއުޅޭ މީހާއަކީވެސް އެމަނިކުފާނުގެ ވިސްނުންފުޅުގައި ހަމަހަމަ ބައެއްކަމަށް ވާތީކަމުގައި ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ވަޒީރުންނާއި، ދައުލަތުގެ ޢިއްޒަތްތެރީންނާއި، ސަރުކާރުގެ އިސް ވެރީން ބައިވެރިވެވަޑައިގެންނެވިއެވެ.