ސަރުކާރުން އެންމެ އިސްކަންދޭ އެއްކަމަކީ ޞިއްޙަތުކަމުގައި ނުހަދައިފިނަމަ، ޙަޤީޤީ މާނާގައި ޤައުމު ތަރައްޤީކުރެވުނުކަމަކަށް ނުވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޤައުމެއް ބިނާކުރަމުންދާއިރު އެ ޤައުމުގެ މުޖުތަމަޢަކީ ދުޅަހެޔޮ މުޖުތަމަޢަކަށް ހެދުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވައި، މި މޭރުމުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވާފައި މި ވަނީ، އެމަނިކުފާނުގެ ސަރުކާރަށް 2 އަހަރު ފުރުމުގެ މުނާސަބަތުގައި، ޒުވާނުންގެ މަރުކަޒުގައި މިރޭ އޮތް "ރައްޔިތުންނާއެކު ކުރިއަށް- ހަފްތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތު"ގައި، ޤައުމާ މުޚާޠަބުކުރައްވަމުންނެވެ.

އަދުގެ ސަރުކާރަށް އެންމެ މުހިންމީ ރައްޔިތުންގެ ދުޅަހެޔޮކަންކަމުގައި ފާހަގަކުރައްވާ، ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ބަލިޖެހުމުގެ ކުރިން ބަލީން ދިފާޢުވުމަށް މަސައްކަތްކުރުމާއި، ބަލިޖެހޭ ހިސާބުން އެންމެ ފުރިހަމަ ފަރުވާ ފޯރުކޮށްދިނުމުގެ ވިސްނުންފުޅުގައި އެމަނިކުފާނުގެ ސަރުކާރުން ފާއިތުވީ 2 އަހަރު ދުވަހުގެ ތެރޭގައި ކުރެއްވި ބައެއް މުހިންމު މަސައްކަތްތަކަށް އަލިއަޅުއްވައިލައްވާފައެވެ.

ބަލިޖެހުމުގެ ކުރިން ބަލިން ދިފާޢުވުމަށް ދިވެހިރާއްޖޭގައި މީގެ ކުރިން މާބޮޑު ސަމާލުކަމެއް ދީފައި ނުވާކަމަށާ، ޤައުމުގެ ޞިއްޙީ ނިޒާމު އޮތީ، ބަލިޖެހޭ ހިސާބުން ދަތި ހާލުގައި ޤައުމުން ބޭރަށް ގޮސް ފަރުވާ ހޯދުމަށް މަޖުބޫރުވާފަދަ މޭރުމަކުންކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކަން އެހެން އޮތް ނަމަވެސް އެއީ އެމަނިކުފާނާއި ޤައުމުގެ ރައްޔިތުން އެދޭގޮތް ނޫންކަމުގައި ވިދާޅުވިއެވެ. ވޭޕްމަނާކުރައްވައި، ސިނގިރޭޓުގެ ވަބާއިން ސަލާމަތްވެފައިވާ ޖީލެއް ބިނާކުރުމަށް ޖެނެރޭޝަނަލް ބޭން ތަޢާރަފުކުރައްވައި، ސިނގިރޭޓުގެ އަގު ބޮޑުކުރުން ފަދަ އެތައް ކަމެއް، މިދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި ކުރައްވާފައިވާކަން ފާހަގަކުރައްވައި، އެކަންކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

ބަލިޖެހުމުގެ ކުރިން ބަލިން ދުރުވުމަށް ކުރާ މަސައްކަތްތަކުގެ އިތުރުން، ބަލިޖެހޭ ހިސާބުން ޤައުމުން ބޭރަށް ދިއުމުގެ ބަދަލުގައި، ޤައުމުގައި ތިބެގެން ފަރުވާގެ ކަންކަން ފުރިހަމަކުރެވޭނެ މަގު ތަނަވަސްކޮށްދެއްވުމަށް އެމަނިކުފާނުގެ ސަރުކާރުން ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ހަމައެކަނި މާލެއަށް ބަރޯސާވުމުގެ ބަދަލުގައި، ރާއްޖޭގެ 5 ސަރަޙައްދަކުން ޓަރޝަރީ ފެންވަރުގެ ޞިއްޙީ ފަރުވާ ހޯދޭނެ އިންތިޒާމުތައް ހަމަޖައްސަވައިދެއްވުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ހަމަ މިއާއެކު ރައްޔިތުންނަށް އެންމެ މުހިންމު އެއް ޚިދުމަތް ކަމަށްވާ، އެއަރ އެމްބިއުލާންސްގެ ޚިދުމަތަތައް އައު ހަރުފަތަކަށް ގެންދެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ ގާތަށް ކުރެއްވި ސިލްސިލާ ދަތުރުފުޅުތަކުގައި ކުރެއްވި ބައެއް މުޢާމަލާތްތަކަށް އިޝާރާތްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެކަށީގެންވާ ގޮތެއްގައި ޞިއްޙީ ޚިދުމަތްތައް ނުލިބޭ ކަމުގެ ޝަކުވާ، ގިނަ ޢަދަދެއްގެ ރައްޔިތުން އުފުއްލެވިކަމަށާ، 2026 ވަނަ އަހަރު ނިމޭއިރު، ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އަޕްގްރޭޑްކުރެވި، މަރާމާތުކުރެވި، މުވައްޒަފުން ހަމަކުރެވިފައިވާ ޞިއްޙީ މަރުކަޒެއް ހުރުން ކަށަވަރުކުރެއްވުމަކީ ސަރުކާރުގެ އަމާޒުކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޞިއްޙީ ދާއިރާގެ ޢުމްރާނީ ތަރައްޤީގެ ދާއިރާއިން އެންމެ ގިނަ މަސައްކަތްތައް ފައްޓަވާފައިވަނީ މި ދަޢުރުގައި ކަމަށް ވާއިރު، ޢުމްރާނީ ތަރައްޤީއާއިއެކު، އިންސާނީ ވަޞީލަތުގެ ގޮތުންވެސް ޞިއްޙީ ދާއިރާއަށް ގިނަ ކުރިއެރުންތަކެއް ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ. އަދި ކުރިއަށް އޮތް 6 މަސްދުވަހަކީ ޞިއްޙީ ދާއިރާއިން، ވަކީން ޚާއްޞަކޮށް ޓެސްޓުތައް ހެދުމުގެ ދާއިރާއިން ކާމިޔާބީތަކެއް ހޯއްދެވޭނެ ދުވަސްތަކެއްކަމުގައިވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.