بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلحَمْـدُ لِلّـهِ، وَالصَّلاَة وَالسَّلَامُ عَلَى أَشْرَفِ الأَنْبِيَاءِ وَالْمُرْسَلِينَ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ

ފުރަތަމަވެސް، އަޅުގަނޑަށް ހއ. އަތޮޅު ކައުންސިލުން މި ބާއްވާ ފުޓްސަލް މުބާރާތުގެ ފައިނަލް މެޗަށް ދައުވަތު ދެއްވައި، އަދި ހއ. އުތީމަށް އަޅުގަނޑު އައުމުން ބެހެއްޓި ގާތްކަމާއި، ދެއްވި އިޙްތިރާމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، ލޮބުވެތި އެންމެހައި ރައްޔިތުންނަށާއި، ކައުންސިލަށް.

އާދެ، އަޅުގަނޑު މިތަނަށް އައުމުންވެސް އެބަ އަޑުއިވޭ، ވާހަކަ ދިގުނުކުރާން. ޙަޤީޤަތުގައިވެސް އެއީ ތެދުވާހަކައެއް. އެއީ، މިފަދަ ފޯރިގަދަ މުބާރާތެއްގައި، އަދި ޚާއްޞަކޮށް، މިތަނަށް ބަލައިލީމަ ފެންނާނެ، މި ރަށުގެ މި މުބާރާތަށް ތައްޔާރުވެފައި އޮތް މިންވަރު. ފައިނަލް މެޗަށް ސަޕޯޓަރުން، މުޅި ރައްޔިތުން، ކުދި ބޮޑު އެންމެން އެއް ތަނަކަށް ޖަމާވެ، ތަށި ގެންދިއުމަށްޓަކައި ކެތްމަދުވެފައި އެތިބީ، ސަޕޯޓްކުރަން. އެހެންކަމުން، މިއީ އެންމެ ރަނގަޅު ވަގުތުކޮޅެއްވެސް ނޫން ވާހަކަ ގިނަކުރާކަށް.

އެހެންވީމާ، އަޅުގަނޑު ވަރަށް ކުރުކޮށް ދަންނަވައިލާނަން. މިފަދަ މުބާރާތެއް މިގޮތަށް އިންތިޒާމު ކޮށްގެން، އަތޮޅު ކައުންސިލުން، އަދި އަތޮޅު ތެރެއަށް ހުޅުވާލައިގެން، ކުރިއަށް ގެންދިޔުމަކީ، ވަރަށް ބޮޑު އިޖުތިމާޢީ ޙަރަކާތެއް. ކުރިއަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅެއްވެސްމެ. އެހެންކަމުން، މީގެތެރެއިން މި ފުޓްސަލް މުބާރާތުގެ ތެރެއިން އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ވަރަށް ބޮޑެތި އިޤްތިޞާދީ މަންފާތަކެއްވެސް ލިބިގެންގޮސްފައި ވަނީ. އެހެންކަމުން، މިއިން މި ލިބިގެންދިޔައީ ހަމައެކަނި، ދަންނަ އެކުވެރިންގެ ގުޅުންތައް ބަދަހިވެ، ނުދަންނަ މީހުންވެސް ދެނެފަރިތަ މީހުންނަށް ބަދަލުވެ، އަތޮޅު ތެރޭގައި އޮތް ރަށްތަކުގެ ވާދަވެރިކަން އިތުރުވެ، މިފަދަ މުބާރާތްތަކުން އަޅުގަނޑުމެން ބޭނުންވާ ފަދަ ހުނަރުވެރި ކުޅުންތެރިން ރަށްތަކުން ފެނިގެންދިޔަ ދިއުމުގެ އިތުރަށް، އަޅުގަނޑުމެންނަށް އެނގިގެން މި ދިޔައީ، މި މުބާރާތުން ރަށްތަކަށް ގިނަގުނަ އިޤްތިޞާދީ މަންފާތަކެއްވެސް ކުރަމުން އަންނަކަން.

އެހެންވީމާ، މިފަދަ މުބާރާތްތައް އިތުރަށް ހިންގުމުގައި ތިޔަ ކުރައްވާ މަސައްކަތަށް، އަތޮޅު ކައުންސިލަށް އަޅުގަނޑު ހިތްވަރުދެން. އަދި ތިޔަބޭފުޅުން ތިޔަ ކުރައްވާ މަސައްކަތަށް އަޅުގަނޑުމެން ޝުކުރުވެސް ދަންނަވަން. ސަރުކާރުން މިކަމުގައި، ރައީސުލްޖުމްހޫރިއްޔާ ތިޔަބޭފުޅުންނަށް ދެއްވަންޖެހޭ ހުރިހާ އެއްބާރުލެއްވުމެއް ދެއްވާނެ ކަމުގެ ޔަޤީންކަން، އަޅުގަނޑު މި ފުރުޞަތުގައި ފާހަގަކޮށްލާ، އަޅުގަނޑުގެ ވާހަކަ ކުރުކޮށްލާނަން.

އަދި، ދެ ޓީމުގެ ސަޕޯޓަރުންނަށްވެސް ހިތްވަރުދިނުމުގައި ނަމޫނާ ބަޔަކަށް ވުމަށް އަޅުގަނޑު އެދެމުން، ދެ ޓީމަށްވެސް ކާމިޔާބަށް އެދެމުން ވާހަކަ ކުރުކޮށްލާނަން.

وَالسَّلَامُ عَلَيْكُمْ.