ރައީސުލްޖުމްހޫރިއްޔާގެ ނައިބު‎ އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ތިލައުތުރު ފުޓުސަލް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހއ. އުތީމު ފުޓްބޯޅަ ދަނޑަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤާއި އުތީމު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދެވެ.

ތިލައުތުރު ފުޓުސަލް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، އެފަދަ މުބާރާތެއް އަތޮޅުކައުންސިލުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދިއުމަކީ، ކުރިޔަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާ، އަދި މިއީ ވަރަށްބޮޑު އިޖުތިމާޢީ ޙަރަކާތެއް ކަމުގައި ފާހަގަ ކުރައްވާފައިވެއެވެ. އަދި އެއީ ކުޅިވަރުގެ އިތުރަށް އިޤުތިޞާދީ މަންފާތަކެއްވެސް ލިބިގެންދިޔަ މުބާރާތެއްކަން ފާހަގަ ކުރައްވައި، މުބާރާތް ރާވައި ދެއްވިކަމަށްޓަކައި އަތޮޅުކައުންސިލަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މިފަދަ މުބާރާތްތައް ހިންގުމުގައި ސަރުކާރުގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

މި މުބާރާތުގެ ފައިނަލް މެޗުގައި ވާދަކުރީ މުރައިދޫ ޓީމާއި، އުތީމު ޓީމެވެ. މި މެޗުން ކާމިޔާބު ކުރީ އުތީމު ޓީމެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ތާޖު ހަވާލުކޮށްދެއްވައި، މުބާރާތުގެ ޗެމްޕިއަން ޓީމަށް މެޑަލް އަދި ޓްރޮފީ ދެއްވާފައެވެ.