بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلحَمْـدُ لِلّـهِ، وَالصَّلاَة وَالسَّلَامُ عَلَى أَشْرَفِ الأَنْبِيَاءِ وَالْمُرْسَلِينَ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ
ފުރަތަމަވެސް، ރާވެރިޔާ ވޮލީ މުބާރާތުގެ ފައިނަލް ދެ މަޗަށް އަޅުގަނޑަށް ދައުވަތު ދެއްވައި، އަދި މި ރަށަށް އައުމުން، އަޅުގަނޑަށް ދެއްވި މެހްމާންދާރީއަށްޓަކައި، ރަށުގެ ލޮބުވެތި ރައްޔިތުންނަށް، އަދި ކައުންސިލަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
އާދެ، މި މުބާރާތެއްގެ ފައިނަލް މެޗެއްގެ ކުރިން، މިކަހަލަ ޕޯޑިއަމްތަކަށް ހުއްޓި، އެހާ ގިނަ ވާހަކަތަކެއް ދެއްކުމަކީ އަޅުގަނޑަށް ހީވާގޮތުން، އެހާ ރަނގަޅު ކަމަކަށްވެސް ނުވެދާނެ. އެހެންނަމަވެސް، ފާހަގަކޮށްލަންޖެހޭ ކަމެއް، މި ރަށަށް އާދެވުމުން، މި ރަށުގެ ރައްޔިތުންނަކީ، ތަރައްޤީއަށް ލޯބިކުރާ ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއްކަން އެބަ ޔަޤީންކުރެވޭ. އެއީ، ރަށުގެ އިޤްތިޞާދު ކުރިއެރުވުމަށްޓަކައި ރަށުގައި މައިގަނޑު ގޮތެއްގައި މިކުރާ އެންމެ ބޮޑު ދެ މަސައްކަތަކީ، މަސްވެރިކަމާއި، ދަނޑުވެރިކަމުން ނަފާހޯދުން. ބަޔަކަށް ބަރޯސާނުވެ، އަމިއްލަވަންތަ، އަދި ބަދަހި ގުޅުމަކުން ބަދަހިވެ، އިޖުތިމާޢީ ގޮތުން އެއްބައިވަންތަކަށް ދައްކަމުންދާ މި ރަށުން ފެންނަމުން މިދަނީ އަޅުގަނޑުމެން އެހެން ރަށްތަކުން ނަމޫނާ ލިބިގަންނަންޖެހޭ ފަދަ ސިފަތަކެއް. މި ދެންނެވި ގޮތަށް، ބަޔަކަށް ބުރަނުވެ، އިޤްތިޞާދީ ގޮތުން، ރަށަކީ ފުދުންތެރި ރަށަކަށް ހެދުމަށްޓަކައި، މި ދެންނެވި ދެ ދާއިރާއިން ކުރިއަރަމުން އަންނަ ކަން، އަޅުގަނޑު އުފާލާއެކީގައި ފާހަގަކުރަން.
އޭގެއިތުރަށް، އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، އަހަރުތަކެއް ވަންދެން ކައުންސިލުން ކާމިޔާބުކަމާ އެކީގައި، އަތޮޅުގެ އެހެން ރަށްތަކާއި، އަދި އަތޮޅު ކައުންސިލާވެސް ގުޅިގެން، އަދި އެތައް ގިނަ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާ އެކީގައި މެނުވީ، މިފަދަ މުބާރާތެއް މިހާ ކާމިޔާބުކަމާ އެކީގައި، އަހަރުތަކަކަށް ދެމިގެންނެއް ނުދާނެ. އެއީ، ޝައްކެއް އޮތް ކަމެއްނޫން. އެހެންކަމުން، މިފަދަ ފުރިހަމަ އިންތިޒާމުތަކެއް ރާވަމުންދާތީވެ، ކައުންސިލަށް އަޅުގަނޑު ވަރަށް ބޮޑަށް ހިތްވަރުދެން. އަދި، އިތުރަށް ކުލަގަދަކޮށް، މި މުބާރާތް އިތުރަށް ފުރިހަމަކުރުމަށްޓަކައި މަސައްކަތް ކުރުމަކީވެސް، އަޅުގަނޑުމެން އެދޭ ކަމެއް. ހަމަ ޔަޤީނުންވެސް، މިފަދަ ކޮންމެ ކުޅިވަރެއް، ކައުންސިލްތަކުން ބޭއްވިކަމުގައިވިޔަސް، ޖަމުޢިއްޔާ، ޖަމާޢަތްތަކުން ބޭއްވިކަމުގައިވިޔަސް، ސަރުކާރުން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން، މި ފުރުޞަތުގައި އަޅުގަނޑު ދެން.
އަޅުގަނޑަށް މިތަނުން ވަރަށް އެބަ ފެނޭ، ދެ ޓީމުންވެސް ވަރަށް ޒުވާން މޫނުތަކެއް. އަޅުގަނޑު އުންމީދުކުރަނީ، އަތޮޅު ތެރޭގައި ހިންގޭ މިފަދަ މުބާރާތްތަކުން، ޤައުމީ ފެންވަރުގެ މޮޅު ކުޅުންތެރިން އުފެދި، ޤައުމީ ފެންވަރުގެ ކުޅުންތެރިން ފެނިގެންދިއުމަކީ މިއީ، ޤައުމީ ވިސްނުމަކުން ވިސްނާނަމަ، އަޅުގަނޑުމެން ބޭނުންވާ ގޮތް. އިރާދަކުރެއްވިއްޔާ، އެކަން މާދުރަކު ނޫން އޮތީކީ. އެކަން އަޅުގަނޑު ޔަޤީންކުރަން.
އަޅުގަނޑަށް އެނގިފައި އޮތް ގޮތުން، މި ވާދަވެރި މުބާރާތުގެ ފިރިހެން ޓީމުތަކަށް ބަލާއިރު، ނިލަންދޫ އަދި ގެމަނަފުށި އޮތީ ފައިނަލްގައި. މިއަދު ހަވީރުވެސް މިއޮތީ ނިލަންދޫ، ގެމަނަފުށި ފައިނަލްގައި. އެހެންވީމާ، ދެ ޓީމަށްވެސް އަޅުގަނޑު ކާމިޔާބީއަށް އެދެން. ޔަޤީނުންވެސް، ކޮންމެވެސް އެއް ޓީމެއް މޮޅުވެގެން ފައިބާނެ.
އަޅުގަނޑު އެދެނީ، ކުޅިވަރުގެ ރޫޙާ އެއްގޮތަށް، ވާދަވެރި، މޮޅު ކުޅުމެއް ދެ ޓީމުގެ ފަރާތުން ފެނިގެން ދިޔުން. އެކަން ޔަޤީންކުރަމުން، އަދިވެސް އެއްފަހަރު ތިޔަބޭފުޅުން އަޅުގަނޑަށް މި ފުރުޞަތު ދެއްވީތީވެ، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ޝުކުރިއްޔާ!
وَالسَّلَامُ عَلَيْكُمْ.