ކުރިއަށް އޮތް 2026 ވަނަ އަހަރު ވެގެންދާނީ ރައްޔިތުންގެ ވެރިކަން އިތުރަށް ހަރުދަނާކުރެވި، ކޮރަޕްޝަންގެ ވަބާއިން ވީހާވެސް ބޮޑަކަށް ސަލާމަތްކުރެވިފައި އޮތް ނިޒާމެއްގެ ތެރެއިން އެންމެހާ ރައްޔިތުންނަށް ޚިދުމަތް ދެވޭ އަހަރަކަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މިއަހަރުގެ ރަސްމީ ޖަލްސާގައި، ޤައުމާ މުޚާޠަބުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
2026 ވަނަ އަހަރަށް ދަޢުލަތުން ހުށަހެޅުއްވި ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާނެ އެއް ކަމަކީ މޯލްޑިވްސް 2.0 ނުވަތަ ޑިޖިޓަލައިޒްކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ޚިދުމަތްތައް ފޯރުކޮށްދެއްވުންކަމަށާ، މިއީ އެންމެ ހަރުދަނާ ގޮތުގައި ރައްޔިތުންނަށް ޚިދުމަތްތައް ލިބުމަށް އޮތް ހުރަސްކަމުގައިވި ކޮރަޕްޝަންގެ ވަބާ ވީހާވެސް ބޮޑަކަށް ކުޑަކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މޯލްޑިވްސް 2.0ގެ މަސައްކަތްތައް ފުޅާދާއިރާއެއްގައި 2026 ވަނަ އަހަރު ކުރިއަށް ގެންދަވަން ތަރުތީބުކުރައްވާފައިވާއިރު، މިއީ 3 އަހަރު ދުވަހުގެ މަޝްރޫޢެއް ކަމަށާ، 2028 ވަނަ އަހަރުގެ މެދަކާ ހިސާބަށް ދެވޭއިރު މި އަމާޒަށް ވާސިލުވެވޭނެކަމުގެ އުންމީދު، ރައީސުލްޖުމްހޫރިއްޔާ ވަނީ އައުކޮށްދެއްވާފައެވެ.
ޖުމްހޫރީ ވެރިކަމެއްގައި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ރައްޔިތުންނަށް އެންމެ މުހިންމުވާ ކަންކަމަކީ، ދެފުށް ފެންނަ، އިންސާފުވެރި، އަދި ޢަދުލުވެރި ގޮތެއްގައި ޚިދުމަތް ދެވުމުގެ ސިފަ އަށަގަނެފައި އޮތުންކަމަށާ، މިކަމަށް އޮތް އެންމެ ބޮޑު ހުރަސްކަމުގައިވި ކޮރަޕްޝަންގެ ވަބާއިން ސަލާމަތްވުމަށް ޑިޖިޓަލައިޒޭޝަންގެ ތެރެއަށް ދިއުމަށް ނިންމެވި ނިންމެވުމަށް ޙަޤީޤީ ކާމިޔާބު އޮތީ، ހުރިހާ ރައްޔިތުން މިކަން ބަލައިގަނެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން، ޑިޖިޓަލައިޒްކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ޚިދުމަތްތައް ފޯރުކޮށްދެވެމުންދާ ދިއުމުގައި މުޖުތަމަޢުގެ އިސްރަށްވެހީންނަށް، ޒުވާނުންގެ ފަރާތުން އެއްބާރުލުން ބޭނުންވާނެކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ވަކީން ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ.
ކޮރަޕްޝަން ނައްތާލުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ސަރުކާރުން ކުރައްވަމުން ގެންދަވާނެކަމަށް ވެވަޑައިގެންނެވި ވަޢުދުފުޅު ފުއްދަވާނެ ކަމުގެ ޔަޤީންކަން ތަކުރާރުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ހިންގުމުގެ ނިޒާމު ދެފުށްފެންނަ ގޮތް ހަދައި، ޖަވާބުދާރީ ކުރެވޭ މިންވަރު އިތުރުކޮށް، ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ނައްތާލުމަކީ ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަމުގެ ގޮތުގައި ފާހަގަކުރައްވާފައެވެ. މޯލްޑިވްސް 2.0 ގެ މަޝްރޫޢަކީ މިމޭރުމުން ކުރެވޭ އެންމެ ބޮޑު މަސައްކަތްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެންމެން ގުޅިގެން، އެއް އަމާޒަކަށް މަސައްކަތްކުރަމުންދަނީނަމަ، ނަތީޖާ ރަނގަޅުވާނެ ކަމަށާ، ރައްޔިތުން އެމަނިކުފާނާ ހަވާލުކުރެއްވި ޒިންމާ އަދާކުރެއްވުމުގައި އަމާނާތްތެރިކަމާއި، އިޚްލާޞްތެރިކަމާއި، ތެދުވެރިކަމާއެކު ކުރިއަށްވަޑައިގަންނަވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ދެއްވާފައެވެ. އަދި މިހާ ހިސާބަށް ވަޑައިގަތުމުގައި ދިވެހި ދަޢުލަތުގެ ޚިދުމަތުގައި ތިއްބެވި ފަރާތްތަކާއި ރައްޔިތުންގެ ދައުރު އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިމޭރުމުން އެމަނިކުފާނު ވަނީ، ދަޢުލަތަށް ގިނަ ދުވަހު ޚިދުމަތްކޮށްދެއްވުމުގެ ރޮނގުން އެވޯޑް ހާސިލުކުރެއްވި ފަރާތްތަކާއި، ޤައުމަށް ރީތި ނަން ހޯއްދަވައިދެއްވި އެންމެހާ ފަރާތްތަކުގެ އަގުވަޒަންކުރައްވައި، އެ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.