ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ގ. ބަރޯސާ، މޫސާ އަންވަރަށް އަރުވައިފިއެވެ. މޫސާ އަންވަރަށް މި ޢިއްޒަތް އަރުވާފައިވަނީ، ޒުވާނުންގެ މަރުކަޒުގައި މިއަދު ހެނދުނު ބޭއްވި، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
އައްޑުއަތޮޅު މީދުއަށް އުފަންވެވަޑައިގަތް މޫސާ އަންވަރު ޞިއްޙީ ދާއިރާއާ ގުޅިވަޑައިގެންނެވީ، އައްޑުއަތޮޅު ގަމުގައި އިނގިރޭސީން ތިބި ދުވަސްވަރު، ގަމުގައި ހުރި ރީޖަނަލް މެޑިކަލް ސެންޓަރުގެ ތަރުޖަމާނެއްގެ ހައިސިއްޔަތުންނެވެ. އެ ވަޒީފާގައި ހުންނަވައިގެން ދާއިރާއިން ލިބެންހުރި ތަމްރީންތައް މޫސާ އަންވަރު ހޯއްދަވަން ފެއްޓެވިއެވެ. އަދި އެއަށްފަހު، ދަތުގެ ފަރުވާއިން ފެށިގެން އޮޕަރޭޝަން ތިއޭޓަރުގެ މަސައްކަތްތައްވެސް މޫސާ އަންވަރު ކުރެއްވިއެވެ. ގަމުގެ ރީޖަނަލް މެޑިކަލް ސެންޓަރުގައި ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން، އާރް.އޭ.އެފް އިން ދެއްވި އޭ.އޯ.ސީ.ގެ ކޮމެންޑޭޝަން 1975 ވަނަ އަހަރު މޫސާ އަންވަރަށް ލިބިވަޑައިގެންފައިވެއެވެ.
އިނގިރޭސީން އައްޑުއަތޮޅު ގަމުން ފޭބުމާއެކު، 1977 ވަނަ އަހަރު، އޭރުގެ ރައީސް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރުގެ އެދިވަޑައިގަތުމަކަށް މާލެ ވަޑައިގެން މޫސާ އަންވަރު، ދައުލަތުގެ ޚިދުމަތާ ގުޅިވަޑައިގަތެވެ. ޚިދުމަތް ފެއްޓެވީ، އެލައިޑް ހެލްތު ސަރވިސަސް ޓްރޭނިންގ ސެންޓަރުގެ ޕްރެކްޓިކަލް ނަރސް ޓީޗަރުކަމުގެ ވަޒީފާ އާއި ސެންޓްރަލް ހޮސްޕިޓަލްގައި ދަތުގެ ފަރުވާވެސް ދެއްވުމުގެ ޚިދުމަތުންނެވެ.
އެއަށްފަހު 1979 ވަނަ އަހަރު، ދާއިރާއިން އިތުރު ތަޢުލީމު ޙާޞިލުކުރެއްވުމަށް މޫސާ އަންވަރު އިނގިރޭސިވިލާތައް ވަޑައިގަތެވެ. އެނބުރި ވަޑައިގެން މަސައްކަތްކުރެއްވީ، އެލައިޑް ހެލްތު ސަރވިސަސް ޓްރޭނިންގ ސެންޓަރުގެ ޓިއުޓަރެއްގެ ގޮތުގައެވެ. އެ ސެންޓަރުގެ އެސިސްޓެންޓް ޑިރެކްޓަރ އަދި ޑެޕިއުޓީ ޑިރެކްޓަރގެ މަޤާމުވެސް މޫސާ އަންވަރު ފުރުއްވިއެވެ.
އެއަށްފަހު ސަރުކާރުގެ ޞިއްޙީ ވުޒާރާއާ ގުޅިވަޑައިގެން، އެ ވުޒާރާގެ އެކި މަޤާމުތައް ފުރުއްވައި، ގިނަ ޚިދުމަތްތަކެއް ކުރެއްވިއެވެ. އެގޮތުން، ރާއްޖޭގެ އަތޮޅުތަކުގައި ރީޖަނަލް ހޮސްޕިޓަލްތައް ބިނާކުރުމަށްޓަކައި އޭރުގެ ސަރުކާރުން ކުރައްވަމުން ގެންދެވި ގިނަގުނަ މަސައްކަތްތަކުގައި މޫސާ އަންވަރު، ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިއެވެ.
މޫސާ އަންވަރުގެ އެންމެ އަގުހުރި އެއް މަސައްކަތަކީ، ތެލެސީމިއާ ފަރުވާގެ ޚިދުމަތް ރަނގަޅުކުރުމަށާއި، ތެލެސީމިއާ އާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ހިންގެވި މަސައްކަތްތަކުގައި އަދާކުރެއްވި ދައުރެވެ. އެގޮތުން ނޭޝަނަލް ތެލެސީމިއާ ސެންޓަރުގެ ޅަފަތުގައި، އެ ސެންޓަރަށް ކުރެއްވި ޚިދުމަތްތައް ފާހަގަކުރެވެއެވެ.
ކ. ގުރައިދޫގައި ހުންނަ، ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި، ޑްރަގް ރިހެބިލިޓޭޝަން ސެންޓަރަށް ބޭނުންވާ ފަންނީ އެހީތެރިކަންވެސް މޫސާ އަންވަރު ފޯރުކޮށްދެއްވައިފައިވެއެވެ. ސެންޓްރަލް ހޮސްޕިޓަލްގެ ޚިދުމަތްތައް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލަށް ބަދަލުކުރުމުގެ މަރުޙަލާގައިވެސް، ފަންނީ މުއައްޒަފުން ހޯދުމުގެ މަސައްކަތްވެސް މޫސާ އަންވަރު ކުރައްވާފައިވެއެވެ. މޫސާ އަންވަރު އެންމެފަހުން ޚިދުމަތް ކުރެއްވީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައެވެ. އެ އޮތޯރިޓީ ގާއިމުކުރައްވައި، އެ އޮތޯރިޓީގެ މަސައްކަތްތައް ފުޅާކުރެއްވުމުގައިވެސް، މޫސާ އަންވަރު އިސް ދައުރެއް އަދާކުރެއްވިއެވެ.
މޫސާ އަންވަރު، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް 40 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވެއެވެ. އޭގެތެރެއިން 30 އަހަރަށްވުރެ ގިނަ ދުވަސް، ހޭދަކުރެއްވީ ދައުލަތުގެ ޚިދުމަތުގައެވެ. މޫސާ އަންވަރު، ދައުލަތުގެ ވަޒީފާއިން ރިޓަޔަރ ކުރެއްވީ، 23 ޖުލައި 2009 ގައެވެ.