ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، މިއަހަރުގެ ރާވެރިޔާ ވޮލީމުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މުބާރާތުގެ ފައިނަލް މެޗުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އަންހެން އަދި ފިރިހެން ދެ ޓީމުގެ ކުޅުންތެރިންނާ ސަލާމްކުރައްވައި ހިއްވަރުދެއްވައި، ވާދަވެރި މެޗުތައް ބައްލަވާލައްވާފައެވެ. ރާވެރިޔާ ވޮލީ މުބާރާތް 2025 ގެ އަންހެނުންގެ ފައިނަލް މެޗުގައި، ބޮންބޮން ސްޕޯޓްސް ކްލަބާއި ގެމަނަފުށީ ވޮލީ ކްލަބްގެ ޓީމު ބައްދަލުކުރި މެޗު، ދެ ސެޓުން މެޗު ކާމިޔާބުކުރީ ބޮންބޮން ސްޕޯޓްސް ކްލަބުންނެވެ. އަދި ފިރިހެނުންގެ ފައިންލް މެޗުގައި، ޓޮޕް ބްރަދާސް ސްޕޯޓްސް ކްލަބާއި ގެމަނަފުށި ވޮލީ ކުލަބުގެ ޓީމު ބައްދަލުކުރި މެޗު، 3-2އިން ކާމިޔާބުކުރީ ޓޮޕް ބްރަދާސް ސްޕޯޓްސް ކްލަބުންނެވެ.
މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމަށް މެޑެއްޔާއި ޓްރޮފީ އަދި ފައިސާގެ އިނާމު ހަވާލުކޮށްދެއްވާފައެވެ.
ނިލަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތް އެންމެ ފުރަތަމަ ބާއްވާފައި ވަނީ 2022 ވަނަ އަހަރު ރާއްޖޭގެ ދެކުނު އަތޮޅުތަކަށް ހުޅުވާލައިގެންނެވެ. އެއަށްފަހު ކޮންމެއަހަރަކުވެސް ނިލަންދޫ ކައުންސިލުން ދަނީ ރާވެރިޔާ ވޮލީ މުބާރާތް ބާއްވަމުންނެވެ.