بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
އާދެ، އައްޑުއަތޮޅަށް މިއަދު މި ފެށި ދަތުރުގައި، އައްޑޫ ހުޅުދޫ، އަދި އައްޑޫ މީދުއަށް އަޅުގަނޑުމެންނަށް މިއަދު އާދެވުނު ވަގުތު، މި ދެ ރަށުގެ ރައްޔިތުން ވަޑައިގެން، އަޅުގަނޑުމެންނަށް ވިދާޅުވި ވަރަށްވެސް ހޫނު މަރުޙަބާއަށްޓަކައި، އައްޑޫ ހުޅުދޫ، އަދި އައްޑޫ މީދޫގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ ފުންމިނުން، ފަށްފަށުން ޝުކުރު ދަންނަވަން.
އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ރައްޔިތުންނަށް އަޅުގަނޑު ކަމެއްގައި ވަޢުދެއް ވެއްޖިއްޔާ، އެ ވަޢުދެއް ފުއްދުމަކީ، އަޅުގަނޑު އެންމެ ސަމާލުކަންދޭ، އެކަމަކަށް އެންމެ އަމާނާތްތެރިކަން އަދާކުރާ ކަންތަކޭ. މިއަދާ ހަމައަށް އައިއިރުގައި، މި ސަރުކާރުން މަސައްކަތް ކުރަމުން މިއައީ މިގޮތަށް. ރިޔާސީ އިންތިޚާބުގައި، އަދި އޭގެ ފަހުންވެސް، އެކި ފަހަރުމަތިން ރައްޔިތުންނަށް ވެފައި ހުރި ވަޢުދުތަކާއި، ކޮށްދޭނެކަމަށް ދެންނެވިފައި ހުރި ކަންކަން، އިޚްލާޞްތެރިކަމާއި، އަމާނާތްތެރިކަމާ އެކީގައި، ފުރިހަމައަށް އަދާކޮށްދިނުމުގައި މަސައްކަތް ކުރެވޭތޯ، މިއަދާ ހަމައަށް މިއައީ. އެގޮތުން، ތިޔަ ލޮބުވެތި ރައްޔިތުން އަޅުގަނޑު ގާތުގައި އެދިވަޑައިގެންނެވި ގިނަ ކަންތައްތަކެއް، މިއަދާ ހަމައަށް އައިއިރުގައި، ފުއްދުމަށްޓަކައި މަސައްކަތް ކޮށްފައި މިވަނީ. އާދެ އޭގެތެރެއިން، ބައެއް ކަންކަން މިއަދާ ހަމައަށް އައިއިރު ހާސިލުވެގެން މިދިޔައީ. އަދި ބައެއް ކަންތައްތައް ފެށިގެން މިދަނީ. އަދި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތީ، އިތުރު ގިނަ ކަންކަން ކުރުންވެސް.
އާދެ، މީގެތެރެއިން އެއް ކަމެއް، ތިޔަ ލޮބުވެތި ރައްޔިތުން އެދިވަޑައިގަތީ، އިދާރީގޮތުން ހިންގުމުގެ ނިޒާމުގެ ތެރެއިން، ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް މިދިޔަ ގިނަ އަހަރުތަކުގެ ތެރެއިން ކުރިމަތިވެފައި އޮތް ނިކަމެތިކަމާއި، ދެރަކަމަށް، ބާކީކުރުމާއި، ތަފާތުކުރުމަށް ނިމުމެއް ގެނެސްދިނުމަށް މަސައްކަތް ކޮށްދިނުމަށް. އަޅުގަނޑު ދެންނެވިން، އެކަމުގައި ދާއިމީ ޙައްލެއް ގެނެސްދޭން އަޅުގަނޑު މަސައްކަތްކުރާނެ ކަމަށް. އެކަން ކުރުމަށްޓަކައި، މިދިޔަ ދުވަސްތަކުގައި މަގުފަހިކުރުމުގެ މަސައްކަތްތަކެއް، ނޫނީވިއްޔާ ރައްޔިތުންގެ މި އެދިވަޑައިގަތުމަށް ޙައްލެއް ގެނައުމަށް މަސައްކަތްކުރެވި، ޤާނޫނެއް އުފަންކުރެވުނީ. މައިގަނޑު ގޮތެއްގައި، ރިފަރެންޑަމް ނެގުމާބެހޭ ޤާނޫނެއް އެއީ. އެހެން ގިނަ ކަންކަމުގައިވެސް ޤާނޫނުއަސާސީއަށް ގެންނަންހުރި ބައެއް ބަދަލުތަކާއި، މިކަހަލަ ކަންކަމަށްވެސް ރިފަރެންޑަމް ޤާނޫނެއް އޮންނަންޖެހޭތީ، އެފަދަ ޤާނޫނެއް ރައްޔިތުން މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން ފާސްކޮށްދެއްވައި، ތަޞްދީޤު ކުރެވިގެން ގޮސް، އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހަށް ސުވާލެއް ހުށަހެޅިން. އާދެ، ހުޅުދޫ އަދި މީދޫގެ ރައްޔިތުން، ވަރަށްވެސް ތަނަވަސް ބޮޑު ޢަޤުލަބިއްޔަތަކުން ޖަވާބު ދެއްވާފައި ތިޔަ ވަނީ. އެހެންވީމާ، އަޅުގަނޑު ދެންނެވި ފަދައިން، އަދި ޤާނޫނުގައިވެސް އޮތްގޮތަށް، ރައްޔިތުން ނިންމެވި ގޮތަށް، މިހާރު އެވަނީ ރަސްމީކޮށް ގެޒެޓުގައި ޤަރާރު ޝާއިޢުކުރެވިފައި. އައްޑޫ ހުޅުދޫ، އަދި އައްޑޫ މީދޫ ދެ ރަށް، ވަކި ދެ ރަށުގެ ގޮތުގައި، ދެ ކައުންސިލެއް އުފެއްދުމުގެ ޤަރާރު. އެކަން އެވަނީ މިހާރު ތަޞްދީޤު ކުރެވިފައި. އެކަމަށްޓަކައި، މި ދެ ރަށުގެ ލޮބުވެތި ރައްޔިތުންނަށް މަރުޙަބާ އަރިސްކުރަން.
އާދެ، މިއީ ފެށުމެއް. މިއީ އިރާދަކުރެއްވިއްޔާ، ތަރައްޤީގެ ފެށުން. މި ދެ ރަށުގެ ލޮބުވެތި ރައްޔިތުން މިދިޔަ ގިނަ އަހަރުތަކުގެ ތެރޭގައި އުންމީދު ކުރަމުން އައި، ނުވެ ގޮސްފައިވާ، ހާސިލުނުވެވާ ތަރައްޤީ ހާސިލުކޮށްދިނުމުގައި، އިރާދަކުރެއްވިއްޔާ ފެށުމެއްގެ ގޮތުގައި އަޅުގަނޑަށް ސިފަކުރެވޭ. އެއީ، އެންމެ މުހިންމު އެއް ކަމަކީ، އަސާސީ މުނިސިޕަލް ޚިދުމަތްތަކާއި، ރަށްވެހިކަމުގެ ޚިދުމަތްތައް ރައްޔިތުންގެ ގާތުން، ރައްޔިތުން ބޭނުންވާ ގޮތަށް ދެވޭނެގޮތް ފަހިވެގެން ދިޔުން. އެއީ، ކޮންމެ ދުވަހަކުމެ، ރަށްރަށުގެ ރައްޔިތުން ބޭނުންވާ ކަންކަން، ރައްޔިތުން އެދޭގޮތަށް އެކަން ފަހިވެފައި އޮތުން. އެކަން ހާސިލުވެގެން ދިޔުމަށް، އިރާދަކުރެއްވިއްޔާ މިހާރު މިވަނީ ހުރިހާ ކަމެއް ހަމަޖެހިފައި. އެހެންވީމާ، ކުރިއަށް، އެންމެ އަވަހަށް އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ކައުންސިލްގެ ގޮތުގައި ދެ ކައުންސިލް، ތިޔަ ލޮބުވެތި ރައްޔިތުން އިންތިޚާބު ކުރައްވާނެ. ކުރެއްވީމާ، އެ ދެ ކައުންސިލް ރަސްމީގޮތުގައި މަސައްކަތް ފަށާ ހިސާބުން އެއޮތީ، އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ތިޔަބޭފުޅުންނަށް ވީ މި ވަޢުދު ފުދިގެންގޮސް، އަދި އެއާއެކީގައި ދެން، ޢަމަލީގޮތުން ރައްޔިތުން އެދޭގޮތަށް، ރައްޔިތުންނާ ގާތުން ރަށްވެހިކަމުގެ މުނިސިޕަލް ޚިދުމަތް ދިނުމުގެ ޒަމާން ފެށިފައި. އިރާދަކުރެއްވިއްޔާ، އެކަން އޮތީ ވަރަށް ކައިރީގައި.
އާދެ، މިކަމަށްޓަކައިވެސް ވަރަށް ގިނަ ކަންކަން އެބަހުރި ކުރަން. އެއީ، ވަސީލަތްތައް ފުރިހަމަކޮށްދޭން ޖެހޭނެ. އިމާރާތުގެ ގޮތުންނާއި، ތަކެތީގެ ގޮތުންނާއި، އެހެނިހެން ގޮތްގޮތުންވެސް. އެހެންވީމާ، މިހާރުވެސް ސަރުކާރުން މަސައްކަތް ފަށައިފިން. އިމާރާތުގެ ގޮތުން ދެ ރަށުގައި މުނިސިޕަލް ޚިދުމަތްދޭ ކައުންސިލަށް ބޭނުންވާނެ ޖާގަ، މިހާރު ހުރި އިމާރާތްތަކުގެ ތެރެއިންނާއި، އަދި އިތުރަށްވެސް ޖާގަ އިތުރުކުރަންޖެހޭ ކަމުގައިވާނަމަ، އެ މަސައްކަތްވެސް ކައުންސިލް އިންތިޚާބު ނިމި، އާ ކައުންސިލް މަސައްކަތް ކުރަންވާއިރަށް ގާއިމުކޮށް ނިންމައިދިނުމަށް. އެހެންވީމާ، އެ މަސައްކަތާއި، އެއާ ގުޅިފައި ހުރި ކަންކަން ވަރަށް ގާތުން، ސަރުކާރުގެ ތެރެއިން ހިނގަމުންދާނެ.
އަޅުގަނޑުމެން ތިބޭނީ، ތިޔަ ލޮބުވެތި ރައްޔިތުންނާ އެކީގައި، ރައްޔިތުންގެ އަތުގައި ހިފައިގެން، ރައްޔިތުން ބޭނުންވާ ބާރުމިނުގައި، ރައްޔިތުން ބޭނުންވާ ގޮތަށް، ރައްޔިތުން އެދޭ އަމާޒަށް ދިޔުމުގައި ދާންޖެހުނު އެންމެ ދުރަކަށް، ހަމަ ވަރަށް ހަލުވި ދުވެލީގައި ދިޔުމަށް ތައްޔާރަށް. އެގޮތުގައި އަޅުގަނޑުމެން، މި ސަރުކާރުން ތިޔަ ލޮބުވެތި ރައްޔިތުންނާ އެކީގައި ކުރިއަށް ދާނަން. އެ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް ދެން.
މިއަދު އަޅުގަނޑުމެން ބައެއް މަޝްރޫޢުތަކުގައި ސޮއިވެސް މިކުރީ އެގޮތުން. އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ވީ ބައެއް ވަޢުދުތައް މީގެތެރެއިން ފުދިގެން މިދަނީ. އާދެ، ދެ ކައުންސިލް ގޮތުގައި، ދެ ރަށް ގޮތުގައި އޮތްކަމުގައިވިޔަސް، ޒަމާނުއްސުރެ މި އަންނަނީ ބައެއް މުހިންމު ޚިދުމަތްތައް އެކުގައި ދޭގޮތަށް. އެހެންވީމާ، ޞިއްޙީ މަރުކަޒު މި ބަދަލުކުރަނީ ހޮސްޕިޓަލަކަށް. ހޮސްޕިޓަލަށް ބަދަލުކުރުމުގެ ތެރެއިން، ސޮއިކުރެވިގެން މިދިޔައީ، ހުރިހާ ކަމެއް ހަމަޖައްސައިގެން. ފައިނޭންޝަލީ އެންމެ މުހިންމު ކަމަކީ. ފައިނޭންޝަލީ ބޭނުންވާ ފަންޑިންގއާއި، އަދި ދެންހުރި ހުރިހާ ކަމެއް، އިޖުރާތްތައް ފުރިހަމަކުރެވި، މިއަދު މި އެގްރީމަންޓް ކުރެވިގެން މިދިޔައީ، 30 އެނދުގެ ޒަމާނީ ހޮސްޕިޓަލެއް އެޅުމަށް. އެހެންވީމާ، ހުޅުމީދޫ ހޮސްޕިޓަލް އެޅިގެން ދާއިރުގައި، އިރާދަކުރެއްވިއްޔާ ހޮސްޕިޓަލެއްގައި ހުންނަންޖެހޭ ހުރިހާ ކަމެއް ހުންނާނީ ހަމަޖެހި، ވަރަށް ރަނގަޅު ފެންވަރުގައި ޞިއްޙީ ޚިދުމަތް ދެވިގެންދާނެ.
ތަޢުލީމީ ގޮތުންވެސް، ސްކޫލަށް އިތުރުކުރެވިގެންމިދާ ޖާގަ، އޮފީސް އިމާރާތާއި، އެހެނިހެން ޚިދުމަތްތައް ދެވޭ ޖާގަ، ވެގެންދާނީ މި ސްކޫލަށްވެސް ހަމަ ޔަޤީނުންވެސް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަކަށް.
ހަމައެއާއެކީގައި، މިއަދު އަޅުގަނޑުމެން ޢަމަލީގޮތުން ބިންގާ އަޅައިގެން މި ފެށީވެސް އެފަދަ މުހިންމު އެތައް މަސައްކަތްތަކެއް. ޒަމާނީ ތަރައްޤީގެ އެންމެ މުހިންމު ބައެއް މަޝްރޫޢުތައް. މަގު ހެދުމަކީ އެފަދަ ވަރަށް މުހިންމު މަސައްކަތެއް. އަދި އެގޮތަށް، ކުނި މެނޭޖްކުރުމުގެ ބޮޑު މައްސަލައަށް ޙައްލެއް ގެންނަންވެސް މިއަދު މި ފެށި މަސައްކަތާއި، އަދި ކުޅިވަރުގެ ދާއިރާއިން ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތް، ނޫނީވިއްޔާ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތާއި، މިހެންގޮސް އެތައް ކަމެއް.
ހަމައެއާއެކީގައި، ދެ ރަށުގައިވެސް ބޭންކިންގގެ ޚިދުމަތް އެއްވަރަކަށް ގާއިމުކުރުމަށްޓަކައި، ބްރާންޗް ގާއިމުކުރުމާއި، އަދި އެމް.އައި.ބީ.ގެ އޭ.ޓީ.އެމް. ހުޅުވުމާއި، މި ހުރިހާ ކަމެއްވެސް މިކުރީ، ހަމަހަމަ ކަމާއެކީގައި. ހުޅުދޫ، މީދޫގެ ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތް، ތަރައްޤީ ގެނެސްދިނުމުގެ ބޭނުމުގައި، އެ ޢަޒުމުގައި، އެ ނިޔަތުގައި، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި މިފަދަ އެތައް ކަމެއް ކުރިއަށްދާނެ. އަޅުގަނޑު ކުރިން ދަންނަވާލި ގޮތަށް މިއީ ފެށުމެއް. ކުރިއަށް އޮތް ތަނުގައި ގިނަ ކަންތައްތަކެއް ތިޔަބޭފުޅުންނަށް ކޮށްދިނުމަކީ، އަޅުގަނޑުގެ އުފަލަކަށް ވާނެ. އިރާދަކުރެއްވިއްޔާ ކޮށްދޭނަން.
އަޅުގަނޑު ވީ ގިނަ ވަޢުދުތަކެއް ފުއްދުމުގެ ގޮތުން، މަސައްކަތްތައް ކުރުން އަދިވެސް ކުރިއަށް އޮތީ. ހުޅުދޫގައި ފެކްޓްރީގައި އިތުރު ކޭނިންގ މަސައްކަތް ކުރުމަށްޓަކައި ޖާގަ އިތުރުކޮށް، ޚިދުމަތް އިތުރުކުރުމަކީ، އަޅުގަނޑު ވީ ވަޢުދެއް. އެކަމަށްޓަކައި، ފަންޑިންގގެ މަސައްކަތްތައްވެސް ދަނީ ކުރިއަށް. އަޅުގަނޑުމެން ތެރޭގައި ވަރަށް ބޮޑަށް ވާހަކަތައް ދެކެވޭ، މިކަހަލަ ކަންކަމުގެ ޙަޤީޤަތް އޮޅޭގޮތަށް. އަޅުގަނޑު ވީ ވަޢުދެއް ބަދަލެއް ނުކުރާނަން އެހެން ތަނަކަށް. މިތަނުގައި ކުރަންހުރި ކަމެއްވިއްޔާ ހިނގާނީ މިތަނުގައި. އެހެން ތަނަކަށްވީ ވަޢުދެއް ވިއްޔާ، އެތަނެއްގައި ހިނގާނީ. ބައެއްފަހަރު ދެކެވޭ ވާހަކަތައް އެހެން ހުރީމަ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވީ މިކަންވެސް.
ބްރިޖުވެސް އެއީ އަޅުގަނޑު ވީ ވަޢުދެއް. މިހާރު ތިޔަބޭފުޅުންނަށް ނޫހުން، އަދި މީޑިއާއިން ފެނިވަޑައިގަންނަވާނެ، އަޅުގަނޑުމެން އިންޓަރނޭޝަނަލް ބިޑިންގއަށް ހުޅުވާލައިގެން ފުރިހަމަ ޑިޒައިނެއް ހެދުމަށް ޗައިނާގެ ޕާޓީއަކާ އެވަނީ މިހާރު ހަމަސް ދުވަހުގެ ތެރޭގައި ޑިޒައިން، އެއީ ހުރިހާ ކުރެހުންތަކާއި، ހުރިހާ ފަންނީ މަޢުލޫމާތަކާ އެއްކޮށް، ތިން އޮޕްޝަނަކަށް ޑިޒައިން ހަދާފައި، ސަރުކާރަށް ހުށަހަޅަން، 1 މިލިއަން ޑޮލަރުގެ އެގްރީމަންޓެއް ހަދާފައި، ހަވާލުކުރީ. އެއީ، ދުނިޔޭގެ ފެންވަރުގައި އެންމެ ރަނގަޅަށް މިކަހަލަ މަސައްކަތްކުރާ އެއް ކުންފުނި. އެ ފަރާތުން ހުށަހަޅާނެ. ސަރުކާރުން ދިނީ ތިން އޮޕްޝަނެއް، ތިން ޑިޒައިނަކަށް، ތިން ގޮތަކަށް ބްރިޖުގެ ޑިޒައިނާއި، އޭގެ ފީޒިބިލިޓީތަކާއި، ކޮންޓްރެކްޓަރަކާ މަސައްކަތް ހަވާލުކުރަންޏާ ބޭނުންވާނެ ފެންވަރަށް، ހުރިހާ ކަމެއް ނިންމާފައި ހުށަހެޅުމަށް. އެހެންވީމާ، ހަމަސް ދުވަހަށް މި ހަވާލުކުރީ. ހަމަސް ދުވަހުގެ އެގްރީމަންޓެއް ހެދިފައި އެއޮތީ މިހާރު. މިހާރު މަސައްކަތް ފަށައިފި. މިދިޔަ މަހުން ފެށިގެން މަސައްކަތް ހިނގަމުންދަނީ.
އެހެންވީމާ، މި އަންނަ މަހު މާރިޗު އެޕްރީލްއާ ހިސާބަށް ދާއިރު، ސަރުކާރަށް އެފަރާތުން ހުށަހަޅާނެ މި ލިޔުންތައް. ހުށަހެޅީމާ ދެން އަޅުގަނޑުމެން އޭގެތެރެއިން، އެ 3 އޮޕްޝަންގެ ތެރެއިން 1 ޑިޒައިން ޗޫޒްކޮށްފައި، އަޅުގަނޑުމެން އެގްރިމެންޓް ހަދާނީ. އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރުގެ ތެރޭގައި، މި ބުރިޖުގެ މަސައްކަތް ފެށުމަކީ، އަޅުގަނޑުމެންގެ އަމާޒު. އިރާދަކުރެއްވިއްޔާ އެގޮތަށް އެކަން ދާނެ.
އެހެންވީމާ، އެގޮތަށް އެކަންވެސް އެބަ ހިނގާ. އަޅުގަނޑު ބޭނުންވީ މިވާހަކަ ދަންނަވާލަން. ހަމަ ހުރިހާ ކުރެހުންތަކަކާއި މަޢުލޫމާތުތަކެއް އަގުކުރުމާއި، މި ހުރިހާ ކަމަކަށް ބޭނުންވާ ހުރިހާ ކަމެއް ހިމެނޭހެން 3 އޮޕްޝަނަކަށް އަޅުގަނޑުމެން މި ޑިޒައިންހަދަން ހަވާލުކުރީ. އެހެންވީމާ، އެކަން އެދަނީ ހަމަ ރަސްމީކޮށް ހިނގާ މަސައްކަތެއްގެ ގޮތުގައި މިހާރު. ހަމަ ޢިއްޒަތްތެރި މަޖިލިސް މެންބަރުން އަދި ހަމަ ކައުންސިލްގެ ފަރާތުންވެސް މިނިސްޓްރީގައި އައްސަވާލެއްވިޔަސް، ތަފްސީލު ހަމަ ލިބިލައްވާނެ. ހަމަ ކުރިއަށްދާ ގޮތުގެ މަޢުލޫމާތުވެސް، ހުރިހާ ކަމެއްގެ މަޢުލޫމާތު އެހުރީ ފެންނަން. އެގޮތަށް އެކަން އެބަ ހިނގާ.
އަދި އޭގެއިތުރަށް ދެން ހުރި ކަންކަންވެސް އާމްދަނީ ހޯދުމުގެ ކަންކަމަށް ބެލިނަމަވެސް، މި އަތޮޅަށް، މުޅި އަތޮޅަށް ބަލާއިރުގައި، ވަޒީފާގެ ފުރުޞަތު އިތުރުކުރުމަކީ، އަޅުގަނޑުވީ އެންމެ މުހިންމު އެއް ވަޢުދު. އެގޮތުން ހަމަ މުޅި އަތޮޅަށް ފައިދާވެގެންދާނެ ޓޫރިޒަމް ފުޅާކުރުމުން. އަޅުގަނޑު ވަޢުދުވިން މީގެތެރެއިން ޝަންގްރިއްލާ ޓޫރިޒަމް ރިސޯޓު ހުޅުވުމުގެ މަސައްކަތް، އެތައް ދުވަހެއް ވަންދެން ހުއްޓިފައި ނުހިނގައި އޮތް މި މައްސަލަ ޙައްލުކުރަންވެސް. މިހާރު ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، މި އަހަރު ނިމޭއިރަށް އެތަން ނިންމައި، އޮޕަރޭޝަނަށް ގެންނަން އެއޮތީ، އެފަރާތުން އިޢުލާނުކޮށްފައިކަން. މިއީ އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިގެން، ވަރަށްވަރަށް ގިނަ މަސައްކަތް ކުރެވިގެން، އެ ހިސާބަށް ގެންދެވުނު ކަމެއް. އެހެންވީމާ، އެތަން ހުޅުވިގެން ދިޔުން ވެގެންދާނީ ހަމަ ހުޅުދޫ، މީދޫ، އަދި މުޅި ޖުމްލަކޮށް މި އަތޮޅުގެ ޒުވާނުންނަށް ވަރަށް ގިނަ ވަޒީފާގެ ފުރުޞަތު ލިބޭނެ ކަމަކަށް. އަދި އޭގެއިތުރަށްވެސް ޓޫރިޒަމްގެ އެތައް ކަމެއް، އަޅުގަނޑުވީ ވަޢުދުތައް ފުއްދުން ހަމަ މިއޮތީ ހަމަ ހަމަޖެހިފައި. ކުރިއަށް އޮތް ދުވަސްތަކުގައި ފެނިވަޑައިގަންނަވާނީ، މީގެ ގިނަ މަސައްކަތްތަކެއް ފެށިގެންދާތަން. އަޅުގަނޑުމެން އޭގެތެރެއިން ބައެއް އެގްރިމެންޓްތަކުގައި ސޮއިކުރުން މިރޭވެސް އެބައޮތް.
އެހެންވީމާ، މި އަތޮޅުގައި އަޅުގަނޑު ވަޢުދުވީ ޓޫރިޒަމްގެ ހުރިހާ ވަޢުދުތަކެއް ފުއްދުމަށް މި އޮތީ ހަމަޖެހިފައި. އެ މަސައްކަތްތައް އެވަނީ ތަރުތީބުކުރެވިފައި. އިރާދަކުރެއްވިއްޔާ، ޓޫރިޒަމްގެ ދާއިރާއިންވެސް ވަޒީފާގެ ފުރުޞަތުތައް، އަޅުގަނޑުމެން މި ވަޢުދުވެފައި އޮތްގޮތަށް ހޯދުމުގެ މަސައްކަތްތައް އެވަނީ ހަމަޖެހިފައި. އިރާދަކުރެއްވިއްޔާ، އެކަންވެސް އެގޮތަށް ދާނެ. އާދެ، މީގެއިތުރަށްވެސް ގިނަ މަސައްކަތްތަކެއް ދެން ހުރި ދާއިރާތަކުންވެސް ރަށުގެ ތަރައްޤީއަށް ކުރިއަށްއޮތްތާ ހިނގަމުންދާނެ.
އާދެ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވޭ، ބައެއް ރައްޔިތުންގެ ކިބައިގައި ކަންބޮޑުވުމެއް، ނޫނީވިއްޔާ އޮޅުންއަރާފާނެފަދަ ގޮތަކަށް ވާހަކަ ދެކެވެމުންދާތީ، ދެ ރަށުގެ ކައުންސިލް އުފެދިގެން ދާއިރުގައި، އިޙްތިޞާސް އޮންނާނީ ކިހިނެއްތޯ. ކިހިނެއްތޯ މި ކަމުގައި ސަރުކާރުގެ ވިސްނުން އޮތީ. ސަރުކާރުގެ ވިސްނުމަކީ، ވަކި ވިސްނުމެއްނޫން. މި ދެ ރަށުގެ ރައްޔިތުން މިއަދާ ހަމައަށްވެސް އައިގޮތް އެއީ، ސަރުކާރުގެ ވިސްނުމަކީ. ސަރުކާރުން އާ ކަމެއް އީޖާދެއް ނުކުރާނެ. މިއަދާ ހަމައަށް އައިއިރުގައިވެސް، މި ވޯޓު ނެގުމުގައިވެސް ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކަންތައް މިކުރީ. އެހެންވީމާ، މިއަދާ ހަމައަށް އައިއިރުގައި، ކުރީޒަމާނުއްސުރެ، ހުޅުދޫ، އަދި މީދޫ ހިނގަމުން އައިގޮތް އެއީ، ހަމަ އެކަން އަޅުގަނޑުމެންވެސް ކުރިއަށްގެންދާނެ ގޮތަކީ.
މިގޮތުން ހަމަ ބަލައިލާއިރުގައި، ސ. އަތޮޅު މަދަރުސާގެ ދެކުނުން އޮތް އާބާދު މަގުގެ ދެކުނު ފަޅީގައި ދިރިއުޅެނީ، ހުޅުދޫ ރައްޔިތުން. އެ މަގުގެ އުތުރުފަޅީގައި ދިރިއުޅެނީ، މީދޫ ރައްޔިތުން. ރަސްމީކޮށް ދެ ރަށުގެ އިން މި މަގުން ވަކިކުރެވިފައި ނެތްކަމުގައިވިޔަސް، މި ދެ ރަށުގެ ރަށުއޮފީސް ހިންގި ދުވަސްވަރު، ދެ ރަށުގައި އޭރު ތިއްބެވި ވެރިންގެ މެދުގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ހުޅުދޫ އޮފީހުގެ އިދާރީ ހިންގުން މިންކުރެވިފައި އޮތީ، އާބާދު މަގުގެ ދެކުނުފަޅިއާ ހަމައަށް. މީދޫ އޮފީހުގެ ހިންގުން މިންކުރެވިފައި އޮތީ، އާބާދު މަގުގެ އުތުރުފަޅިއާ ހަމައަށް. ރަށު އޮފީސްތައް އުވި، ސިޓީ ކައުންސިލް އުފެދުނު ފަހުންވެސް މިކަން އޮތީ މިގޮތަށް. ނަމަވެސް، މި ދެ ރަށުގެ ކައުންސިލް އުފެދި، ދެ ރަށުގެ ކައުންސިލްގެ އިޚްތިޞާޞް ރަސްމީގޮތެއް ސަރުކާރުން ކަނޑައަޅަންޖެހޭކަމަށް އަޅުގަނޑު ގަބޫލުކުރަން.
އެހެންކަމުން، ހުޅުދޫ ކައުންސިލާއި، މީދޫ ކައުންސިލްގެ އިޙްތިޞާޞް ކަނޑައެޅުމުގައި އިމެއްގެ ގޮތުގައި ސަރުކާރުން ބަލާނީ، މެދު ބަނދަރަށްދާ މަގުގެ ހުޅަނގު އުތުރުފަޅިން ފެށިގެންގޮސް، ސ. އަތޮޅު މަދަރުސާގެ ދެކުނުން އޮތް އާބާދު މަގު، ސީދާ އިރަށް ދަމާލުމުން އެމަގުގޮސް ނިމޭހިސާބުގެ އުތުރުފަޅިއަކީ މީދޫކަމަށް. ދެކުނު ފަޅިއަކީ ހުޅުދޫ ކަމުގައި. އެގޮތަށް އެކަން އަޅުގަނޑުމެން ކުރިއަށްގެންދަން ގަސްދުކުރާ ވާހަކަ ދަންނަވަން.
އެހެންވީމާ، ތާރީޚުގައި މިކަން އައިސްފައިވާގޮތަށް އަޅުގަނޑުމެން ފޮލޯކުރާނީ. އެއްވެސް އާގޮތެއް އަޅުގަނޑުމެން އީޖާދެއް ނުކުރާނެ. އިންސާފުވެރިގޮތަކީ މިއަދާ ހަމައަށް މި ދެ ރަށުގެ ކާބަފައިން ކަންތައް ކުރަމުންއައި ގޮތް، ރަށުގެ އިސްރަށްވެހިން ކަންތައް ކުރަމުންއައި ގޮތް، ކަމުވޮށިގެންވާ ފަރާތްތަކުން ކަން ކުރަމުންއައި ގޮތަށް، މިކަން ކުރިއަށް ގެންދިޔުން ކަމުގައި އަޅުގަނޑު ގަބޫލުކުރަން.
އާދެ، އިރާދަކުރެއްވިއްޔާ ރައްޔިތުން ބޭނުންވާގޮތަށް، ދެރަށުގެ ރައްޔިތުންގެ ކަންކަން އަޅުގަނޑުމެން ކުރިއަށް ގެންދާނީ. އަޅުގަނޑު ގަބޫލުކުރަނީ މިއީ ތަރައްޤީގެ އެތައްއެތައް މަސައްކަތްތަކެއް މި ދެ ރަށުގައި ކުރިއަށް ގެންދިޔުމުގައި، ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ ނިންމުމެކޭ ރައްޔިތުން ނިންމަވާފައި އޮތް ކަމަށް. އެކަމުގައި ކޮށްދޭންޖެހޭ ހަމަ ކޮންމެކަމެއް ސަރުކާރުގެ ތެރެއިން އަޅުގަނޑުމެން ތަކުރާރުކޮށް މި ދަންނަވާލަނީ، ވަރަށް އިސްކަމެއްދީގެން ކޮށްދޭނަމޭ. ސަބަބަކީ، ޑިމޮކްރަސީގައިވެސް އޮންނަ ހަމައަކީ، ނިކަމެތި ކުރެވިފައިވާ ފަރާތްތަކަށް، ބާކީ ކުރެވިފައިވާ ފަރާތްތަކަށް، އިސްކަމެއްދޭންޖެހޭ. އިސްކަމެއް ދިނުން. އެއީ، ތަފާތު ކުރުމެއްނޫން.
ޒަމާންތަކެއް ވަންދެން ދުނިޔޭގެ އެހެން ތަންތާގައިވެސް، ބާރުގަދަ ފަރާތްތަކުން، އަޑުގަދަ ފަރާތްތަކުން، ހުރިހާ ބާރަކާއި، ހުރިހާ މޮޅަކާ ހޯދައިގެން ތިބޭ ތިބުމުގެ ތެރެއިން، ނިކަމެތިވެގެންދާ، މާޖިނަލައިޒްވުމުން އެ ފަރާތްތަކަށް، ދެންމެ މި ދެންނެވި މަތީގައި ތިބި ފަރާތްތަކާ ހަމައަށް ގެންނަކަމަށްވަންޏާ، ދޭންޖެހޭނެ ޕޮޒިޓިވް ޑިސްކުރިމިނޭޝަނެއް، އިސްކަމެއްދޭން ޖެހޭނެ. އެއީ، ހަމަހަމަ ކުރެވޭނެ ގޮތަކީ. މަތީގައި ތިބި ފަރާތްތަކާއި ތިރީގައި ތިބި ފަރާތްތަކާ އެއްވަރު ކުރަންޏާޖެހޭނެ އާދަޔާ ޚިލާފު މިންވަރަކަށް އިސްކަމެއް ދޭން. އެހެންވީމާ، އެއީ މި ސަރުކާރުގެ ސިޔާސަތު ތިޔަބޭފުޅުންނަށް އޮތް ގޮތް. އެގޮތަށް އަޅުގަނޑުމެން ކުރިއަށް ގެންދާނަން.
އެހެންވީމާ، ކުރިއަށް އޮތް ދުވަސްތަކުގައި ތަރައްޤީގެ ދާއިރާ، ޞިއްޙީ ދާއިރާ ކަމުގައިވިޔަސް، ތަޢުލީމީ ދާއިރާ ކަމުގައިވިޔަސް، ވަޒީފާގެގޮތުން ކަމުގައިވިޔަސް، ޢުމްރާނީ ތަރައްޤީގެ ގޮތުން ކަމުގައިވިޔަސް، ސަރުކާރުގެ ބަޖެޓުގެތެރެއިން ކަމުގައިވިޔަސް، އަދި އެހެނިހެން ގޮތްގޮތުން ޕްރައިވެޓް ސެކްޓަރގެ ތެރެއިން އަޅުގަނޑުމެން ފަހިކޮށްދޭ ކަންކަމުގައިވިޔަސް، އައްޑޫ ހުޅުދޫއާއި، އައްޑޫ މީދޫ، މި އައްޑު އަތޮޅު ހަމަހަމަ ގޮތުގައި ތަރައްޤީވާ އައްޑު އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ގޮތުގައި ތަރައްޤީ ހާސިލްވެއްޖެކަން ޔަޤީންވާ ވަރަށް ދަންދެން، މި ސަރުކާރުން ތިޔަބޭފުޅުންނަށް ކަންކަން ކޮށްދޭނެ. އެގޮތަށް އަޅުގަނޑުމެން ކަންކަން ކޮށްދޭނަން. އެއީ، އަޅުގަނޑު ގަބޫލުކުރަނީ ޢަދުލުވެރި ވުމަކީ، އިންސާފުވެރި ވުމަކީ.
އަޅުގަނޑު ކުރިން ދުވަހެއްގައި އެހެން ޖަލްސާއެއްގައިވެސް ދެންނެވިން، މީގެ ކުރީގައި ރާއްޖޭގައި ބައެއް ޒަމާންތަކުގައި އަދި ބައެއް ރަށްރަށުގައި، ބައެއް ސަރަޙައްދުތަކުގައި ކަންކަން ހިނގާފައި އޮތީ، އެހެން ގޮތަކަށޭ. އެކިއެކި މަޞްލަޙަތުތައް އިސްކުރުމުގެ ގޮތުން ބައެއް ރަށްތައް އެހެން ރަށްތަކާ ތަފާތުކޮށްފައި އެބަހުރި. ބައެއް ސަރަޙައްދުތައް، ބައެއް އެހެން ސަރަޙައްދުތަކާ ތަފާތުކޮށްފައި އެބަހުރި. ޒާތީ ތަޢައްޞުބުގެ ތެރެއިންނާއި، އެހެނިހެން ބޭނުންތަކުގެ ގޮތުން. ބޭނުންތައް ހާސިލުކުރުމުގެ ގޮތުން. އެއީ، އަޅުގަނޑު ގަބޫލުކުރާ ހަމައެއްނޫނޭ. މި ސަރުކާރުން ކަންކަން ކުރާނީ، އެގޮތް ބަދަލުކުރާށޭ. އެގޮތުން މިއަދާ ހަމައަށް މި ދެ އަހަރުގެ ތެރޭގައި، ހުންނާނެ ހަމަ މިގޮތަށް ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައި، އެހެން ބައެއް ސަރަޙައްދުތަކުގައި، މިހެން ހުރި ތަފާތުކުރުންތައް ނައްތާލަން ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރަން ފަށާފައި. އެއީ، ޢަދުލުވެރިކަމާ އެކީގައި، އެ ނިކަމެތި ކުރެވިފައި ތިބި ރައްޔިތުންނަށް ހަމަހަމަކަން ގެނެސްދޭން ކަންކަން ކުރަންޖެހޭނެގޮތް ކަމުގައި ފެންނާތީ، އެ އުސޫލު ތިޔަބޭފުޅުންނަށްވެސް އަޅުގަނޑުމެން މި ގަބޫލުކުރާ ގޮތުގައި، ބޭނުންވާނީ. އަދި ކަންކަން ކޮށްދޭންޖެހޭނެ ގޮތަކީ. އެއީ، ތިޔަބޭފުޅުން ވޯޓުންވެސް ދައްކަވައިދެއްވި ކަމަކީ.
އެހެންވީމާ، ޑިމޮކްރަސީގައި އޮންނަ ރީތި ހަމަ އަޅުގަނޑު ގަބޫލުކުރަން. ޑިމޮކްރަސީގައި އޮންނަ ހަމައާ އެއްގޮތަށް، ރައްޔިތުން ގޮތްގޮތް ބޭނުންވީމާ، ނިންމެވީމާ، އެގޮތަށް ކުރިޔަށް ދިޔުމަކީ، އެކަން ކުރަންޖެހޭނެގޮތް. ރައްޔިތުން ގޮތެއް ނިންމީމާ އެއާ އިދިކޮޅަށް ކަންކަން ކުރާ ޒަމާން މި ރާއްޖޭގައި ރައްޔިތުން ދެން ބޭނުމެއްނުވޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ، ރައްޔިތުން ކުރިއަށްދާން ބޭނުންވާ ގޮތަކީ. އެހެންވީމާ، އެގޮތުގައި ކުރިއަށް ދިޔުމުގައި ހަމަ ވަރަށް ބާރު ސްޕީޑުގައި، ރައްޔިތުންނާ އެކީގައި، ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ކުރަމުންދާނަން.
އާދެ، އަދިވެސް އެއްފަހަރު އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ހުރިހާ ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. ތިޔަބޭފުޅުން ތިޔަ ކުރައްވާ މަސައްކަތަށާއި އަދި ތިޔަބޭފުޅުންގެ ތިޔަ ބައިވެރިވެވަޑައިގަތުމަށް އަޅުގަނޑު އިޙްތިރާމާ އެކީގައި، އުފަލާއެކީގައި، ވަރަށްބޮޑަށް ޝުކުރު ދަންނަވަން. ތިޔަބޭފުޅުންގެ ތިޔަ އުންމީދުތައް ހާސިލުކޮށްދީ، ތިޔަބޭފުޅުންގެ ދަރިންނާއި ދަރިންގެ ދަރިންގެ މުސްތަޤުބަލަށްޓަކައި މި ދެ ރަށް ކުރިއެރުވުމަށް ތިޔަ ބޭނުންވެލައްވާ ހިސާބަށް ދިޔުމުގައި، އަތުކުރި އޮޅާލައިގެން މި ސަރުކާރުން ދާނީ ކުރިއަށްކަމުގެ ފުރިހަމަ ޔަޤީންކަން އަދިވެސް އެއްފަހަރު ތިޔަ ލޮބުވެތި ރައްޔިތުންނަށް ދެމުން އަޅުގަނޑު މިއަދު ވަކިވެލާނަން.
ދެން އަޅުގަނޑު އުންމީދުކުރަނީ މީގެ ތެރެއިން ގިނަ މަސައްކަތްތަކެއް ހިނގައިގަނެ، ނޫނީވިއްޔާ ނިމުމަކާ ހަމައަށްގޮސް، އަދި މީގެ ތެރެއިން ބައެއް ކަންކަމުގައި، އިތުރަށް ތިޔަބޭފުޅުން ބޭނުންވާ ކަންކަމާ ގުޅިގެން، ބައްދަލުކޮށްލުމަށް އަޅުގަނޑު އަލުން އާދެވޭނެ ދުވަހަކަށް. އިރާދަކުރެއްވިއްޔާ އެއީ މާދުރުނޫން މުސްތަޤުބަލެއް ކަމަށް އުންމީދުކުރަން. އެ ދުވަހަކުން ތިޔަބޭފުޅުންނާ އެކީގައި، އަދި މިއަށްވުރެ ތަންކޮޅެއް ހޫނު މަޑު ވަގުތެއްގައި އައިސް، ތަންކޮޅެއް ގިނަ ވަގުތު ތިތަބޭފުޅުންނާ އެކީގައި ހޭދަކޮށްލުމުގެ އުންމީދުގައި މިއަދު ވަކިވެލާނަން.
އާދެ، އަޅުގަނޑުގެ ދުޢާއަކީ، މި ޤައުމުގެ ތަރައްޤީއަށްޓަކައި، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، އައްޑޫ ހުޅުދޫ، އައްޑޫ މީދޫ، އަދި އައްޑޫ ސިޓީގެ، އައްޑު އަތޮޅުގެ ތަރައްޤީއަށްވެސް އުފާފާގަތިކަން މިންވަރު ކުރެއްވުން. އާމީން!
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.