بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ފުވައްމުލަކު ސިޓީގެ ލޮބުވެތި އެންމެހައި ރައްޔިތުން، ސިޓީގެ މޭޔަރ، ސިޓީގެ ތިން ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރުން، ހުރިހާ ކައުންސިލަރުންނާއި، މުއައްސަސާތަކުގެ ވެރިން، ޚިދުމަތްތެރި އިސް ރަށްވެހިން، އަދި ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ، ދުރާއި ގާތުން ބައްލަވާ، އަޑުއައްސަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، މިއަދު ހަވީރު އަޅުގަނޑުމެންނަށް މި ސިޓީއަށް އާދެވުނު ވަގުތު، ލޮބުވެތި ހުރިހާ ރައްޔިތުން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، ފުވައްމުލަކު ސިޓީގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން.
މިއަދު އިރާދަކުރެއްވިއްޔާ މި ފެށެނީ، މި ސިޓީގެ ތަރައްޤީގެ ވަރަށް މުހިންމު ބާބެއްގެ މަސައްކަތް. އާދެ، މިއަދު މި އެއްލޭ ޞަފްޙާއަކީ، މި ސިޓީގެ ތަރައްޤީގައި އިރާދަކުރެއްވިއްޔާ އެންމެ މުހިންމު ޞަފްޙާއަށްވާނެ. އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ތިޔަ ލޮބުވެތި ރައްޔިތުންނަށް އެކި ކަންކަމުގައި ވީ ވަޢުދުތައް ފުއްދުމުގެ ގޮތުން، މިއަދާ ހަމައަށް އައިއިރުގައި، ކުރެވިފައިވާ މަސައްކަތްތައް ޙަޤީޤަތަކަށް ހެދުމަށްޓަކައި، އެކަންކަމުގެ ނަތީޖާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، މިއަދުގެ ދަތުރު މި ޚާއްޞަ ކުރެވިގެން މިދަނީ.
އާދެ، ރައްޔިތުން ބޭނުންވެލައްވާފައިވާ މުހިންމު ކަންކަމުގައި، ޙަޤީޤީ ކުލަޖައްސައިދިނުމަކީ އަޅުގަނޑުގެ ޒިންމާ. އަދި އަޅުގަނޑުގެ މަސްއޫލިއްޔަތު. ސަރުކާރުގެ ޒިންމާ. ސަރުކާރުން ކުރަމުންދާ މަސައްކަތް. ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އަޅުގަނޑުމެންނާ މީގެ ދެއަހަރެއްހާ ދުވަސް ކުރިން ބައްދަލުކުރީ ވަރަށްވެސް ނާޒުކު ފައްތަރެއްގައި އޮވެ. ވަރަށްބޮޑު ދަރަންޏަކާ އެކުގައި. ވަރަށް ނުރައްކާތެރި ޙާލަތެއްގައި. ބަނގުރޫޓްވުމުގެ ޙާލަތުގައި، ކުރުކޮށް ދަންނަވަންޏާ. އެ ޙާލަތުން އިރާދަކުރެއްވިއްޔާ އަރައިގަނެ، ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުއްދައިދިނުމުގެ މަސައްކަތްތައް ހަލުވި ދުވެލީގައި ފެށި، ރައްޔިތުންނަށްވީ ވަޢުދުތަކުގެ ޢަމަލީ މަސައްކަތް މި އަހަރުގެ ބަޖެޓާއެކު ފަށައިގެން މިއަދާ ހަމައަށް މި އާދެވުނީ.
މި އަހަރުގެ މިއަދާ ހަމައަށް އާދެވުނުއިރުގައި، މި ދެންނެވިފަދައިން، ރާއްޖޭގެ އިޤްތިޞާދު ވަށައިޖެހޭ ތަރައްޤީއެއް ގެނެވޭނޭ ގޮތުގެމަތިން ބައްޓަންކުރެވި، ރައްޔިތުންނަށް މިގޮތަށް ވެފައިހުރި ގިނަ ވަޢުދުތަކެއް ފުއްދުމަށްޓަކައި ގިނަ މަސައްކަތްތަކެއް މިވަނީ ތަރުތީބު ކުރެވިފައި. އަހަރުގެ ކުރީކޮޅު އަޅުގަނޑު އިޢުލާނުކުރި ފަދައިން، މި އަހަރާއި، އަދި މި އަންނަ އަހަރަކީ، މިގޮތަށް، ވީ ވަޢުދުތަކާއި، ވެފައި ހުރި ވަޢުދުތަކުގެ މަސައްކަތްތައް ޢަމަލީގޮތުން ފެށިގެންދާ ދެ އަހަރު ކަމުގައޭ ވެގެންދާނީ. އެގޮތަށް މިގެންދަނީ. އެގޮތަށް އެދަނީ. އަދި މި އަންނަ އަހަރުވެސް އޮތީ އެގޮތަށް.
މި އަހަރު މި ފެށޭ ގިނަ މަސައްކަތްތަކެއް، ސޮއިކުރެވިގެންދާ ގިނަ މަސައްކަތްތަކެއް، ހަލުވި ދުވެލީގައި، ބާރުމިނުގައި ކުރިއަށްދާނެ. އަދި އޭގެތެރެއިން ބައެއް މަސައްކަތްތަކަކީ، އެ މަސައްކަތުގެ ބާވަތުން ދާދި އަވަހަށް ނިމޭނެ މަސައްކަތްތައް. އަދި ބޮޑެތި ސްކޭލްގެ މަޝްރޫޢުތަކަކީ، އޭގެ ޒާތުގައި ވަގުތު ނަގައި، އެހެންނަމަވެސް، ވީ އެންމެ ބާރު ސްޕީޑެއްގައި ނިމޭނެ ކަންކަން. ހަމައެފަދައިން، މި އަންނަ އަހަރަށް ތަރުތީބު ކުރެވިފައިވާ މަސައްކަތްތައްވެސް ހުރީ އެފަދައިން. މިހާރު އެވަނީ ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހެޅިފައި. އެ ބަޖެޓުގެ ތެރޭގައި، އަލަށް ފަށާ މަޝްރޫޢުތަކުގެ ތެރޭގައި، މި އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެށުމަށް ކަނޑައެޅިފައިވާ މަޝްރޫޢުތަކުގެ އިތުރުން، ދެން އަޅުގަނޑު ވެފައިހުރި ހުރިހާ ވަޢުދެއް ފުއްދުމަށްޓަކައި އެވަނީ ހިމެނިފައި.
އާދެ، މިއަދު އިރާދަކުރެއްވީތީ އެގޮތުން އަޅުގަނޑުމެން މި ދަތުރުގައި މި ފެށުނު މަސައްކަތްތަކާ ބެހޭގޮތުން އަޅުގަނޑު ކުޑަކޮށް އަލިއަޅުވާލާނަން.
އާދެ، ކުނި މެނޭޖްކުރުމަކީ، ނޫނީވިއްޔާ ކުނީގެ މައްސަލައަކީ، ވަރަށް ބޮޑު މައްސަލައެއް. ޚާއްޞަކޮށް، މި ސިޓީގައި. އެތައް އަހަރެއްވި، ނުގެންދެވިފައި ހުރި ލެގަސީ ވޭސްޓް، ކުނީގެ މައްސަލަ މި ސިޓީގައި ވަރަށްބޮޑު. އަދި އައްޑޫ ސިޓީގައި އަދި މިހިސާބުގަނޑުގައި، ދެކުނުގައި ވަރަށް ބޮޑު މައްސަލައެއް. އަދި ރާއްޖޭގެ ބައެއް އެހެން ސަރަޙައްދުތަކުގައިވެސް އިންތިހާއަށް ބޮޑު މައްސަލައެއް. މިކަން މި ސަރަޙައްދަށް، ދެކުނުގެ ހަތަރު އަތޮޅަށް ޙައްލުކުރުމަށްޓަކައި، ސަރުކާރުން މިހާރުވާނީ، ގއ. ގައި މީހުން ދިރިނޫޅޭ ރަށެއް ވެމްކޯއާ ހަވާލުކޮށްފައި. އެތަނުގައި ދާއިމީ ވޭސްޓް މެނޭޖްމަންޓް މަރުކަޒެއް ހަދަން. ލެގަސީ ވޭސްޓް ގެންގޮސް މެނޭޖް ކުރުމަށްޓަކައި. އެތަނަށް ބޭނުންވާ ބަޖެޓުގެ ކަންތައް ހަމަޖައްސައިދެވިފައި ވަނީ. އީ.އައި.އޭ.ގެ މައްސަލަ މިހާރު ނުއެއްއުޅޭނެ. އެހެންވީމާ، އެތަނުގައި ހަދަންޖެހޭ ހާބަރާއި، ދެން ކުރަންޖެހޭ ހުރިހާ ކަމެއްގެ ޢަމަލީ މަސައްކަތް މިހާރު ފެށުމަށް އެވަނީ ތައްޔާރުވެފައި.
އެހެންވީމާ، އެތަން ހެދިގެން ދިޔައިމާ، މިހިސާބުގައި މި ހިމެނޭ، އައްޑޫ ސިޓީ، ފުވައްމުލައް، ހުވަދުއަތޮޅުގެ ދެބުރީގައި މި ހުންނަ، ގިނަ ދުވަސްވީ ފުނިޖެހިފައި ހުރި ފުނިތައް، ކުނިފުނިތައް ގެންދެވޭނެ. ގެންދެވޭނެ ގޮތަށް، އަދި ވެހިކަލްސްތަކާއި، ލޭންޑިންގ ކްރާފްޓްތައް ހަމަޖައްސައިދެވި، އެ ހުރިހާ ކަމެއް ތަރުތީބުވެގެންދާ ގޮތަށް ބަޖެޓު ހަމަޖައްސައިދީފައި އެވަނީ. އެހެންވީމާ، އެއީ ދާދިއަވަހަށް، އެތަނަށް މި ކުނިގޮނޑު އެކީގައި ގެންދެވޭނެ ގޮތަށް ތަރުތީބުވެފައިވާ، މި ދެންނެވި ގޮތަށް އޮތް ކަމެއް. އަދި އޭގެއިތުރަށް، ދާއިމީ މަރުކަޒެއް، ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ހެދުމަށް މިއަދު އަޅުގަނޑުމެން މި މަސައްކަތް ފެށީ. އެހެންވީމާ، މިއީ މި ކުނީގެ މައްސަލައަށް އެޑްރެސްކުރާ ގޮތަކީ. އެހެންވީމާ، އެ މަޝްރޫޢު އަޅުގަނޑު މި ދެންނެވިފަދައިން، އެވަނީ ފެށިފައި. އެކަން އިރާދަކުރެއްވިއްޔާ ހަމަ ރަނގަޅަށް ކުރިއަށްދާނެ.
އާދެ، އޭގެއިތުރަށް، މިއަދު އަޅުގަނޑުމެން މަސައްކަތް ފެށިން، މި އަތޮޅު ތަޢުލީމީ މަރުކަޒުގައި ފަސްބުރީގެ އިމާރާތެއް އެޅުމުގެ މަސައްކަތް. އެ މަސައްކަތް ރަސްމީކޮށް ފެށިގެން އެ ދިޔައީ. ޢަމަލީ މަސައްކަތް ފެށިގެން ދިޔައީ. އެއީވެސް އިރާދަކުރެއްވިއްޔާ، ހަމަ ރަނގަޅަށް ހުރިހާ ކަމެއް ތަރުތީބުކުރެވިގެން ބާރަށް ކުރިއަށްދާނެ މަސައްކަތެއް. އޭގެ އިތުރަށް، އަޅުގަނޑުމެން މިތަނުގައި ސޮއިކުރިން، ފުވައްމުލަކު ސްކޫލްގެ ކުލާސްރޫމްތަކާއި، ލެބް ހިމެނޭ އިމާރާތެއް އެޅުމަށްޓަކައި. އެ މަޝްރޫޢަކީވެސް މި ސިޓީގެ ތަޢުލީމީ ކުރިއެރުމަށްޓަކައި، ވަރަށް މުހިންމު މަޝްރޫޢެއް. އާދެ، މި 16 ކްލާސްރޫމާއި، ލެބްތައް ހިމެނޭ މި މަޝްރޫޢު ވެގެންދާނީ ހަމަ ޔަޤީނުންވެސް، މި ސްކޫލްގެ ތަރައްޤީއަށް އަދި މި ސިޓީގެ ތަރައްޤީއަށް، ތަޢުލީމީގޮތުން ވަރަށް މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫޢަކަށް. އަދި މިއަދު މި ފެށި މަޝްރޫޢާ އެކީ ދެ މަޝްރޫޢުވެސް ވެގެންދާނީ އެފަދަ މަޝްރޫޢުތަކަށް.
އާދެ، އޭގެއިތުރަށްވެސް، ތަޢުލީމީ ދާއިރާއިން މިހާރު ފެށިފައިވާ އެމް.އެން.ޔޫ.ގެ ކެމްޕަސްއާއި ދަނާލުގެ މަސައްކަތް ހަލުވި ސްޕީޑްގައި ގެންދިޔުމަށްޓަކައި، ކުރަންޖެހޭ ކަންކަން އެބަ ކުރިއަށްދޭ. އަދި ޓިވެޓް އިމާރާތެއް އެޅުމަށްޓަކައި، މިހާރު ޓެންޑަރިންގ މަރުޙަލާ އެދަނީ ނިމެމުން. އެހެންވީމާ، ތަޢުލީމީގޮތުން މި ދެންނެވި އެކި ކަންތައްތައް މި ސިޓީގެ ތަރައްޤީއަށްޓަކައި އެވަނީ ތަރުތީބު ކުރެވިފައި.
ހަމައެއާއެކީގައި، ޞިއްޙީ ދާއިރާއަށް ބަލާއިރު، އަޅުގަނޑު ވަޢުދުވިން، ޓާރޝަރީ ހޮސްޕިޓަލެއް ޤާއިމުކުރާނެ ކަމަށް. ޓާރޝަރީ ހޮސްޕިޓަލް މި ޤާއިމުކުރަނީ ބޭރުގެ ފަންޑަކުން. ސަޢުދީ ފަންޑުގެ ފަންޑު ހަމަޖެހި، ކޮންފަރމް ވެފައި އޮތް މަޝްރޫޢެއް. އެކަމަށްޓަކައި ސަޢުދީ ފަންޑުގައި އޮންނަ ޕްރޮކިއުމަންޓް ޕްރޮސީޖަރގެ ތެރެއިން، ހަމަ އެއްވެސް މައްސަލައެއް ނެތި އެކަން އެބަ ހިނގާ. މިހާރު އެއޮތީ ކޮންސަލްޓެންސީ ސްޓޭޖްގައި. ކޮންސަލްޓެންޓް ހޯދަން އިޢުލާނުކޮށްފައި. ޑިސެންބަރު މަހަށް މުއްދަތު ހަމަވާއިރު ކޮންސަލްޓެންޓެއް ނެގި، ދެން އޭނާގެ މަސައްކަތް ކުރިއަށްގޮސް، އެ އޮންނަ ޕްރޮސީޖަރއިން ޑީޓެއިލް ޑިޒައިން، ކޮންޓްރެކްޓް އެވޯޑުކުރުމާއި، ކަންކަން ހިނގާނެ. އާންމުކޮށް މިކަހަލަ ބޭރުގެ ފަންޑުތަކަށް އަށެއްކަ މަސްދުވަސް ނަގާ، ޢަމަލީގޮތުން ބިންމަތީގައި އިމާރާތެއް ފެށެން.
އެހެންނަމަވެސް، ޔަޤީންކަމަކީ، އެއްވެސްކަހަލަ ފަންޑިންގ އިޝޫއެއް ނެތްކަން. ބަރާބަރަށް ހިނގަމުންދާ މަޝްރޫޢެކޭ. އެއީވެސް ހަމަޖެހިފައި އޮތް މަޝްރޫޢެއް. އެހެންވީމާ، މިހާރުން ފެށިގެން ބަލާނަމަ، މި އަންނަ އަހަރުގެ މޭ، ޖޫން ހިސާބުގައި އެންމެ ލަސްވެގެން އެއީ، އިމާރާތްކުރުމުގެ މަސައްކަތް، ޢަމަލީގޮތުން ފެށުމާ ހަމަޔަށް ދާނެ ކަމެއް. އޭގެ ކުރިންވެސް ދިޔުމަކީ އެކަށީގެންވާ ކަމެއް. މެކްސިމަމް ނަގަނީ އާންމުކޮށް އަށެއްކަ މަސްދުވަސް، މިހާ ހިސާބުން ފެށިގެން.
އޭގެ ކުރިއަށް އަޅުގަނޑުމެން މި ފަށަނީ ފެށެންހުރި ޚިދުމަތްތައް. ސީ.ޓީ.ގެ ޚިދުމަތް ރަސްމީކޮށް މިއަދު ފެށުނީ. މިހާރު ފެށިގެން ނުވަދިހަވަރަކަށް ޕޭޝަންޓުންނަށް ޚިދުމަތް ދެވިފައިވޭ. މެމޮގްރަފީގެ ޚިދުމަތް ދިނުމަށްޓަކައި މިހާރު ތަކެތި ހަމަޖެހި، ޓްރޭނިންގ މަސައްކަތް އެދަނީ. އެމް.އާރު.އައި. ޚިދުމަތް ދިނުމަށްޓަކައި، އަދި ޑީކޮމްޕްރެޝަން ޗެމްބަރެއް ޤާއިމުކުރުމަށްޓަކައި މި ސިޓީގައި، އަދި އަޅުގަނޑު ވަޢުދުތައްވީ ބައެއް އިތުރު ރަށްތައް ހުންނާނެ. މި ތަންތަނާ އެކުގައި، ބަލްކުކޮށް މި މެޝިނަރީ ގަތުމަށްޓަކައި ބަޔަކާ ހަވާލުކުރުމުގެ މަސައްކަތް އެބަ ހިނގާ. އޭގައިވެސް ފަންޑިންގ އިޝޫއެއް ނެތް. ފަންޑިންގގެ އިޝޫ ނެތް މައްސަލައެއް އެވެސް. އެހެންވީމާ، ދާދި އަވަހަށް ޑީކޮމްޕްރެޝަން ޗެމްބަރު ބެހެއްޓުމާއި، އެމް.އާރު.އައި. ބެހެއްޓުމަށްޓަކައިވެސް އެބަ ހަވާލުކުރެވޭ. މެކްސިމަމް ތްރީވަރަކަށް މަންތްސް އެ ގެނައުމަށް ދާނީ. އެހެންވީމާ، އެއީވެސް މި ދެންނެވިހެން ހަމަ މާދުރުނޫން މުސްތަޤްބަލެއްގައި އަންނާނެ ކަންތައް. އެހެންނަމަވެސް، އިމާރާތުގައި އިތުރުކުރަންޖެހޭ ޖާގައެއް ބޭނުންވާނަމަ، ފަހަރެއްގައި އެމް.އާރު.އައި ޚިދުމަތް ދިނުމުގައި، ނޫނީވިއްޔާ ޑީކޯ ޗެމްބަރަށް ޖާގަ އިތުރުކުރަން ޖެހިދާނެ. އެހެންނަމަވެސް، އަޅުގަނޑަށް އަންދާޒާ ކުރެވެނީ، ކުރިއަށް އޮތް ތިން ހަތަރު މަހެއްގެ ތެރޭގައި، އެއީވެސް ނިންމޭނެ ކަންކަމޭ.
އެހެންވީމާ، ފުލް ޓަރޝަރީ ބިލްޑިންގއެއް، ހޮސްޕިޓަލެއް އިމާރާތް ކުރުމަށްޓަކައި ސަޢުދީ ފަންޑުގެ ތެރެއިން، ހަމަޖެހިގެން ޢަމަލީ މަސައްކަތަށް ދިޔުމުގެ ކުރިންވެސް އެމް.އާރު.އައި. ޤާއިމުކުރުން، ޑީކޯ ޗެމްބަރު ޤާއިމުކުރުން، މެމޯގްރަފީ ޚިދުމަތް، އަދިވެސް އިތުރު ކަންކަން އަޅުގަނޑުމެން ގެނައުމަށްޓަކައި، އިމާރާތުން ޖާގަލިބޭ އެންމެ ފުޅާމިނެއްގައި ކުރުމަށް ހުރި ކަންކަން މިވަނީ ހަމަޖެހިފައި. އަޅުގަނޑު ވަޢުދުވެފައި އޮތްގޮތަށް، ހަމަ އެންމެ މަތީ ފެންވަރުގެ ޞިއްޙީ ޚިދުމަތްތައް ލިބޭ ހޮސްޕިޓަލަކަށް އިރާދަކުރެއްވިއްޔާ، މި ސިޓީގެ ހޮސްޕިޓަލް ވެގެންދާނެ. އެ ޔަޤީންކަން އަރުވަން.
އާދެ، ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާއަށްފަހު، އަޅުގަނޑު ބޯހިޔާވަހިކަމުގެ ވާހަކަ ފާހަގަކޮށްލާނަން. އާދެ، އަޅުގަނޑުމެންނާ ހަވާލުވިއިރުގައިވެސް ސޮއިކުރެވިފައި އޮތް 400 ޔުނިޓެއްގެ މަސައްކަތް، މިދިޔައީ ދެ އަހަރެއްހާ ދުވަސް، އެކި މައްސަލަތަކުގެ ތެރޭގައި، އެ މަސައްކަތް ނުފެށި. ކުރުކޮށްލާފައި ދަންނަވަންޏާ މައްސަލަތައް ޙައްލުވެއްޖެ. އެހެންވީމާ، މިއަދު ޢަމަލީގޮތުން މަސައްކަތް މި ފެށުނީ. ދެން އޭގެ ތަފުސީލަށް އަޅުގަނޑު ހަމަ ނުދިޔައީ ގަސްތުގައި. އޭގައި ޕޭމަންޓް އަދި އިތުރު އެކި މައްސަލަތައް، އިޝޫތައް ހުރި. އެހެންނަމަވެސް، އެކަން ޙައްލުކުރެވި، އިރާދަކުރެއްވީތީ މިހާރު އެއޮތީ ފެށިފައި.
އޭގެއިތުރަށް، އަޅުގަނޑުމެން މި ސޮއިކުރީ، 75 ޔުނިޓެއްގެ މަސައްކަތް. އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ވަޢުދުވިން، 500 ހައުސިންގ ޔުނިޓު އިތުރަށް އަޅައިދޭނެ ކަމަށް. އެހެންވީމާ، އޭގެތެރެއިން 75 ޔުނިޓު، ކޮންޓްރެކްޓް ފައިނޭންސް އުސޫލުން ފައިނޭންސް ހަމަޖެހި، ހުރިހާ ޕްރޮސީޖަރއެއް ފުރިހަމަކުރެވި، ހަމަ ހުރިހާ ފޯމަލިޓީޒްތައް ނިންމައިގެން މިއަދު މި ސޮއިކުރީ. އެހެންވީމާ، އެއީ 500 ހައުސިންގ ޔުނިޓުގެ ވަޢުދުގެ ތެރެއިން އެޅިގެންދާ 75 ޔުނިޓެއް.
އޭގެއިތުރަށް، އަޅުގަނޑުމެން މި އަންނަ އަހަރަށް އަދި ޖެހިގެން އަންނަ އަހަރަށް ބަހާލައިގެން، އަޅުގަނޑު ވަޢުދުވީ އަދަދު ފުރިހަމަކުރުމަށްޓަކައި އިރާދަކުރެއްވިއްޔާ، އިތުރު މަޝްރޫޢުތައް ކުރިއަށް ގެންދާނަން. ހަމަ ޔަޤީނުންވެސް ބޯހިޔާވަހިކަމަކީ، މި ސިޓީއަށް އެންމެ ބޮޑު، އެންމެ ގިނަ ރައްޔިތުން އެކަމަށްޓަކައި އެދެމުންދާ އެންމެ ބޮޑު އެއް މައްސަލަކަން ޔަޤީން. އެހެންވީމާ، މި ފެށިގެން މިދިޔަ 400 ހައުސިންގ ޔުނިޓާއި، ސޮއިކުރެވިގެންދިޔަ 75 ޔުނިޓާއި، އަދި ކުރިޔަށް އޮތް ދެ އަހަރަށް ބަހާލައިގެން އަޅުގަނޑުމެން އިތުރަށް އަޅާނެ 325 އެއްހާ ޔުނިޓު ވެގެންދާނީ، ގާތްގަނޑަކަށް 900 ހައުސިންގ ޔުނިޓު މި ދައުރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ނިމި، ތިޔަބޭފުޅުންނަށް އޭގެ ފައިދާކުރާނެ މަޝްރޫޢުތަކަކަށްކަން އަޅުގަނޑަށް ހަމަ ޔަޤީން.
އާދެ، އޭގެއިތުރަށްވެސް، އަޅުގަނޑުމެން ވަރަށް ގިނަ ވަޢުދުތައް ފުއްދުމަށްޓަކައި، އެގްރީމެންޓްތަކުގައި މިއަދު މިވަނީ ސޮއިކޮށްފައި. އާދެ، އަޅުގަނޑުމެން މިއަދުވެސް މި ސޮއިކުރި މަޝްރޫޢުތަކުގެ ތެރޭގައި، އޮފީސް ކޮމްޕްލެކްސް މަޝްރޫޢު ހަމަ ޔަޤީނުންވެސް ވެގެންދާނީ، މި ސިޓީގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް، އަދި ވަޒީފާއަށް ނުކުންނަން ތިބި ފަރާތްތަކަށް ވަރަށް މުހިންމު މަޝްރޫޢަކަށް. އެކި ތަންތަނުގައި، އެކި އޮފީސްތަކުގައި ޚިދުމަތްތައް ދިނުމުގެ ބަދަލުގައި، ޒަމާނީ ބޮޑު އޮފީސް ކޮމްޕްލެކްސްއެއްގެ ތެރޭގައި، އެ ޚިދުމަތްތައް ދިނުމަކީ ރައްޔިތުން އެދިވަޑައިގެންނެވި ގޮތް. އަޅުގަނޑު ވަޢުދުވީ އެހެންވެގެން އެގޮތަށް އެކަން ކުރަން. އެގޮތުގެ މަތިން، މިއަދު މި ފެށިގެންދާ، ސޮއިކުރެވިގެންދިޔަ މަޝްރޫޢުގެ ތެރެއިން، އިރާދަކުރެއްވިއްޔާ އެ ޙަޤީޤަތް ތިޔަބޭފުޅުންނަށް ހާސިލުވެގެންދާނެ.
ހަމައެއާއެކީގައި، ބަނދަރުގެ މަޝްރޫޢަށް ބަލާއިރުގައި މިއީ، ވަރަށް ދަތިވެފައި އޮތް މައްސަލައެއް. މިހާރު އޮތް ބަނދަރާ ގުޅުވާލެވިގެން އިތުރު އާ ބަނދަރެއް ހެދިގެން މިދަނީ. މިއީ ސައިންޓިފިކަލީ ދިރާސާކުރެވި، ކަމާބެހޭ ކޮންސަލްޓަންޓް އެތައް ވަގުތެއް ހޭދަކޮށްގެން، މި ސިޓީގައި މަސައްކަތްކޮށްގެން، ފައިނަލައިޒް ކޮށްފައި އޮތް ލޮކޭޝަންގައި، ކޮންސެޕްޓްގައި، ޑިޒައިންގައި ހެދިގެންދާ ބަނދަރެއް. އޭގެވެސް ހުރިހާ ފައިނޭންޝަލް ކަންކަން ހަމަޖެހިފައިވަނީ. ބަޖެޓުގެ އިޝޫއެއް ނެތް، ހުރިހާ ކަމެއް ހަމަޖެހިގެން ސޮއިކުރެވިގެންދިޔަ މަޝްރޫޢެއް.
''ހެވީ ފޯސް'' އަކީ ވަރަށް ފެންވަރު ރަނގަޅުކޮށް، މިފަދަ މަސައްކަތް މީގެ ކުރިންވެސް ރާއްޖޭގެ ގިނަ ރަށްރަށުގައި ކޮށްފައިވާ ކުންފުންޏެއް. މި ރަށުގައި މި ހަދަންޖެހޭ ފެންވަރުގެ ބަނދަރެއް، އެ ބޭފުޅުންނަށް ހެދޭނެކަން މިއީ ޝައްކެއްއޮތް ކަމެއްނޫން. އެހެންވީމާ، މިއަދު މި ސޮއިކުރެވިގެންދިޔަ ބަނދަރުގެ މަޝްރޫޢު ވެގެންދާނީ، ހަމަޔަޤީނުންވެސް، ބަނދަރުގެ ދަތިކަމަށް، ވަރަށް ބޮޑު ފުރިހަމަ ޙައްލެއް އިރާދަކުރެއްވިއްޔާ އަންނާނެ ކަމަކަށް. އެހެންވީމާ، އެއީ އަޅުގަނޑު ހިތުން މި ސިޓީގެ ރައްޔިތުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވަމުން އައި ކަމެއް ޙަޤީޤަތަކަށް ވެގެންދަނީ.
އާދެ، އޭގެ އިތުރަށްވެސް އަޅުގަނޑުމެން ވަރަށް ގިނަ މަޝްރޫޢުތަކުގައި މިއަދު މި ސޮއިކުރީ. ކޮންމެ ކަމަކަށްވެސް ސޮއި މިކުރަނީ، ހަމަ ހުރިހާ ކަމެއްގައިވެސް، އެންމެ މުހިންމު ކަމަކަށް، ބޭނުންވާ ފަންޑިންގ ހަމަޖެހިގެން. ބަޖެޓުގެ ތެރެއިން، އަދި އެހެނިހެން ތަރުތީބުތަކުގެ ތެރެއިން ހަމަޖެހިގެން. އިޖުރާތްތައް ފުރިހަމަކުރެވިގެން. އެހެންވީމާ، އެއީ އެއްވެސް މަޑުޖެހުމެއްނެތި ކުރިއަށްދާނެ ކަންކަން.
މިސާލަކަށް ދަންނަވަންޏާ، މި ސިޓީއަކީ، ދީނީ ރޮނގުން ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްފައިވާ، އަދި ކުރަމުންދާ ރައްޔިތެއް އުޅޭ ސިޓީއެއް. ޤުރްއާން ކިޔެވުމާއި، އެކި ދާއިރާތަކުން ވަރަށް ފާހަގަކުރެވޭ ސިޓީއަކަށްވާއިރު، ޒަމާނީ ފެންވަރުގެ އިސްލާމީ މަރުކަޒެއް ޤާއިމުކުރުމަކީ، ރައްޔިތުންގެ އުންމީދު. އެކަން ޙަޤީޤަތަކަށް ހެދުމަށްޓަކައި، މި ހަވާލުކުރެވުނު މަޝްރޫޢަކީ، މި ދެންނެވި ގޮތަށް ކުރިއަށްދާނެ، ހަމަ ވަރަށް ހަލުވި ދުވެލީގައި، ބާރު ސްޕީޑްގައި ކުރިއަށްދާނެ މަޝްރޫޢެއް. އިރާދަކުރެއްވިއްޔާ ވަރަށް ކާމިޔާބު މަޝްރޫޢަކަށް މި މަޝްރޫޢު ވެގެންދާނެ.
ހަމައެއާއެކީގައި، ޓޫރިޒަމްގެ ދާއިރާއިން މި ސިޓީ ވަރަށް ބޮޑަށް އެބަ ކުރިއަރާ. ޑައިވިންގައި، ދުނިޔޭގެ ފެންވަރުގައި، އެންމެ ރަނގަޅު ޓޫރިޒަމް ހިނގާ ސިޓީއަކަށް މި ސިޓީގެ ރައްޔިތުން މި ސިޓީ މިހާރުވަނީ ހަދާފައި. އެކަމަށް ފުރިހަމަ އެއްބާރުލުން ދިނުމަށްޓަކައި، ސަރުކާރުން އެކަން ކުރުމަށް، އަޅުގަނޑު ވީ ވަޢުދު ފުއްދުމަށްޓަކައި މިއަދު އެމް.އޭ.ސީ.އެލް.އާ އެކީގައި، މި ސޮއިކުރެވުނު އެއްބަސްވުމުގެ މަޝްރޫޢަކީ، ވަރަށް ކާމިޔާބުކަމާއެކީގައި އެ ކުންފުނިން ފުރިހަމަކުރާނެ މަޝްރޫޢެއް. އާދެ، އިކޯ ޓޫރިޒަމްގެ މަޝްރޫޢަކާއި، އިކޯ ޓޫރިޒަމް އޭގެ ތެރެއިން ފުރިހަމަވެގެންދާ މަޝްރޫޢަކާއެކު، ސިޓީ ހޮޓަލެއް ޤާއިމުކުރުމަށްޓަކައި، އެމް.އޭ.ސީ.އެލް.އާ އެކީގައި އެއްބަސްވެވުނީ، ރައްޔިތުންނަށް ސީދާ އެއިން ނަފާ ލިބޭނެގޮތް ހަމަޖެހިގެންދާގޮތަށް.
އަޅުގަނޑުމެން ރަށްރަށުގައި މިފަދަ ލޯކަލް ޓޫރިޒަމް މަޝްރޫޢުތައް އެމް.އޭ.ސީ.އެލް.އާ ހަވާލު މި ކުރަނީ، އެ ރަށެއްގެ ރައްޔިތުންނަށް އެއިން ފައިދާވާނެގޮތަށް، އާމްދަނީގެ ގޮތުން މަންފާ ލިބޭނެގޮތް ހަމަޖެހިގެންދާގޮތަށް. އެހެންވީމާ، ރަށުގެ ކައުންސިލްގެ، ނޫނީ ސިޓީ ކައުންސިލްގެ ލޯކަލް އޮތޯރިޓީ ކޮމްޕެނީއަށް އޭގެ ޙިއްޞާ ލިބޭގޮތަށް، ރައްޔިތުންނަށް އެއިން ފައިދާ ސީދާ ލިބޭނެގޮތް އެމް.އޭ.ސީ.އެލް.އިން މި ސިޓީގައި މި އިމާރާތް ކުރެވިގެންދާ ބިން އޭގެ ޙިއްޞާގެ ގޮތުގައި ހިމެނޭ ފޯމިއުލާއެއްގެ ތެރެއިން، ކައުންސިލާއި، އެމް.އޭ.ސީ.އެލް.އާ ވަކި އެއްބަސްވުމެއް ހަދާނެ. ހަދައިގެން ރަށުގެ ރައްޔިތުންނަށް އެ ސިޓީ ހޮޓެލް އަދި އީކޯ ޓޫރިޒަމް އިންވެސްޓްމަންޓްގެ ތެރެއިން، ރައްޔިތުންނަށް ދާއިމީގޮތެއްގައި އާމްދަނީގެ ގޮތުން، އަދި ވަޒީފާގެ ގޮތުން، އަދި ޓޫރިޒަމް ސީދާ ފުޅާކުރުމުގެ ގޮތުން، ސީދާ އަދި ނުސީދާ ފައިދާވާނެވަރަށް ކާމިޔާބު މަޝްރޫޢަކަށް އިރާދަކުރެއްވިއްޔާ މި މަޝްރޫޢު ވެގެންދާނެކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން.
ހަމައެއާއެކީގައި، ކުޅިވަރުގެ ދާއިރާއިން އަޅުގަނޑުމެން މިއަދު މި ސޮއިކުރި ސްޕޯޓްސް ކޮމްޕްލެކްސްގެ މަޝްރޫޢަކީވެސް، މި ސިޓީގެ ކުރިއެރުމަށްޓަކައި، ކުޅިވަރުގެ ދާއިރާއިން ވަރަށް މުހިންމު މަޝްރޫޢެއް. އާދެ، އިންޑޯ ހުރިހާ ކުޅިވަރެއް، ޒަމާނީ ފެންވަރުގެ ކުޅިވަރުތައް ކުޅެވޭ، 1200 މީހުންގެ ސްޕެކްޓޭޓަރ ކެޕޭސިޓީ ހިމެނޭ، ފުރިހަމަ، ޒަމާނީ ސްޕޯޓްސް ކޮމްޕްލެކްސެއް އެޅުމަށްޓަކައި އަޅުގަނޑުމެން ހަވާލު މިކުރީ. އެހެންވީމާ، އެ މަޝްރޫޢުގެ ތެރެއިންވެސް، އިރާދަކުރެއްވިއްޔާ މި ސިޓީއަށް ވަރަށް ބޮޑު ކުރިއެރުމެއް އަންނާނެ.
ޒުވާނުންނަށް ބޭނުންވާ އެކިކަހަލަ ފުރުޞަތުތައް ހޯދައިދިނުމަށްޓަކައި، ތަރޑް ސްޕޭސް ކޮންސެޕްޓްގެ ދަށުން، ދެވަނަ މަޝްރޫޢުގައި މި ސިޓީގައި މި ސޮއިކުރީ. ފުރަތަމަ މަޝްރޫޢު މާލޭގައި ނިމެމުން އެދަނީ. ދެވަނައަށް ސޮއިކުރެވިގެން މިދިޔައީ މި ސިޓީގައި. އާދެ، އިތުރު ބައެއް ސިޓީތަކުގައި، ބައެއް ރަށްރަށުގައި ސޮއިކުރުން އެބައޮތް ކުރިއަށް. އެހެންވީމާ، މީގެތެރެއިން ބިނާކުރަނިވި ކަންކަމުގައި ވަގުތު ހޭދަކުރުމުގެ ހުރިހާ ފެސިލިޓީއެއް ޒުވާނުންނަށް ހަމަޖެހިގެންދާ، ޒަމާނީ ބިނާއެއް މީގެތެރެއިން ކުރެވިގެންދާނެ. އެކަމަށްވެސް ފަންޑިންގގެ ހުރިހާ ކަމެއް ހަމަޖެހި، ހުރިހާ އިޖުރާތްތަކެއް ފުރިހަމަކުރެވިގެން، ހަވާލުކުރެވިގެންދިޔަ މަޝްރޫޢެއް އެއީ.
މަގުހެދުމަކީ މިހާރު ފެށިފައި އޮތް މަސައްކަތެއް. ކުޑަކޮށް ލަސްކޮށްދިޔަނަމަވެސް، އެއާ ބެހޭ ހުރިހާ ކަންތައްތަކެއް، ޚާއްޞަކޮށް ފައިސާއާ ގުޅޭ ކަންކަން، މިހާރު އެވަނީ ހަމަޖެހިފައި. ދެވަނަ ފިޔަވަހީގެ މަސައްކަތްވެސް ބާރު ސްޕީޑްގައި ހިނގަމުންދާނެ. ހަމައެއާއެކީގައި، މިހާރު މި ހަވާލުކުރެވުނީ، ދެންހުރި ހުރިހާ މަގެއް އޭގައި ހިމެނިފައި އޮތް ތިންވަނަ ފޭސް. އެހެންވީމާ، ތިންވަނަ ފޭހަކީ، އަޅުގަނޑު ވީ ވަޢުދު ފުދޭ ފޭސް. އެއީ، މި ސިޓީގެ ހުރިހާ މަގެއް ހަދާނެ ކަމަށް އަޅުގަނޑު ވަޢުދުވިން. އެހެންވީމާ، އިރާދަކުރެއްވިއްޔާ ދެވަނަ ފޭސްއާއެކު، މިއަދު މި ސޮއިކުރެވިގެން މިދިޔަ ތިންވަނަ ފޭސް ނިމިގެންދާއިރުގައި، އަޅުގަނޑު ވީ ވަޢުދު ފުދި، މި ސިޓީގެ ހުރިހާ މަގެއް ހެދިފައި އޮންނާނީ. އެކަމުގެ ޔަޤީންކަން ތިޔަ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން.
އާދެ، އޭގެއިތުރަށްވެސް، ބައެއް މަޝްރޫޢުތަކުގައި އަޅުގަނޑުމެން ސޮއިކޮށްފިން. އާދެ، ސްކޭޓް ޕާކެއް ޤާއިމުކުރުމަށްޓަކައި ސޮއިކުރެވިގެންދިޔަ މަޝްރޫޢަކީވެސް، ހަމަ އެފަދަ މަޝްރޫޢެއް.
އާދެ، ކުރިއަށް އޮތް ތަނުގައި އަދި އިތުރު ކަންކަން ކުރިއަށް ގެންދިޔުމަށް އެބައޮތް. އަޅުގަނޑު ވީ ބައެއް އެހެން ވަޢުދުތައް އަދި މި އަންނަ އަހަރު އޮތީ. ވަޤުފް އިމާރާތެއް ޤާއިމުކުރުމަށްޓަކައި ވީ ވަޢުދު ފުއްދުމަށް، މި އަންނަ އަހަރުގެ ބަޖެޓުގައި، ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ތެރެއިން ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައި.
އިންޑިއާގެ އެލް.އޯ.ސީ.ގެ ތެރޭގައި ވަނީ، ސިންތެޓިކް ޓްރެކް ޤާއިމުކުރުން ހަމަޖެހިފައި. އެހެންވީމާ، އެކަންކަން ވެގެންދިޔައީމަ، މައިގަނޑު ގޮތެއްގައި އަޅުގަނޑު ވީ ގިނަ ވަޢުދުތަކެއް ފުދިގެންދާނެ.
އާދެ، މި ސިޓީގައި ވަރަށް ބޮޑު މައްސަލައެއް ކަރަންޓް މައްސަލަ. ކަރަންޓް މައްސަލަ ޙައްލުކުރުމަށްޓަކައި، ފެނަކައިން މަސައްކަތްތަކެއް ކުރަމުން މިއަދާ ހަމައަށްވެސް މިއައީ. މިހާރު އޯޑަރު ޖަހާފައި ވާނެ، 1.2 މެގަވޮޓްސްގެ އިތުރު ޖެންސެޓަކަށް. 1.2 މެގަވޮޓްސްގެ މި ޖެންސެޓް އިރާދަކުރެއްވިއްޔާ ގެނެވޭނެ. ފެނަކައިން މިއަދުވެސް އަޅުގަނޑުމެންނަށް ޔަޤީންކަން ދެއްވި. ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި، މާނައަކީ، ރަމަޟާން މަހުގެ ކުރީގައި، ހަމަ ޔަޤީނުންވެސް އިރާދަކުރެއްވިއްޔާ، އެ އިތުރު ކެޕޭސިޓީ ޤާއިމުވެގެން ދިޔައީމަ، މިހާރު ތިޔަބޭފުޅުންނަށް މި ދިމާވާ ކަންބޮޑުވުންތައް ޙައްލުވެ، އިރާދަކުރެއްވިއްޔާ ކަރަންޓުގެ މައްސަލައަށް ރަނގަޅު ޙައްލެއް ލިބިގެންދާނެ. އެހެންވީމާ، އެކަންވެސް އެގޮތަށް ހަމަޖެހިފައިވާކަން އަޅުގަނޑު ފާހަގަކޮށްލަން.
ހަމަ އޭގެއިތުރަށް، ވަރަށް މުހިންމު އިންވެސްޓްމަންޓެއް އެބަ ކުރަން. ސޯލާ ޕަވަރގެ ދާއިރާއިން. މި މަސައްކަތް ވަރަށް ކުރިއަށް ގެންދެވިއްޖެ. މި ސިޓީގައި، އައްޑޫ ސިޓީގައި، އަދި ރާއްޖޭގެ ގާތްގަނޑަކަށް އަށާވީހަކަށް ރަށުގައި، އަޅުގަނޑުމެން އެ ރަށްތަކުގެ ހުރިހާ ގޭބިސީއަށް ވާވަރަށް ސޯލާ ޕަވަރ ޖެނެރޭޓް ކުރުމުގެ މަސައްކަތް، ބެޓްރީ ކެޕޭސިޓީއާ އެކީގައި، މިހާރު ކަރަންޓުގެ މި ރޭޓުތަކަށްވުރެ ކުޑަކޮށް، މާނައަކީ އެއްވެސް ސަބްސިޑީއެއް ދޭން ނުޖެހޭ މިންގަނޑުގައި، އަޅުގަނޑުމެން ސޯލާ ޕަވަރ ޕްރޮޖެކްޓެއްގައި ސޮއިކުރުމުގެ މަސައްކަތް، ވަރަށް ބާރު ސްޕީޑްގައި އެބަ ހިނގާ. މިކަމާ ގުޅޭ އެމް.އޯ.ޔޫ.ގައި އަޅުގަނޑު ސޮއިކުރީ، އެންމެފަހުން އަޅުގަނޑު ޗައިނާއަށް ކުރި ދަތުރުގައި، އެކަމާ ބެހޭ ކުންފުންޏަކާއެކީ. އޭގެދަށުން، މި ސިޓީގައިވެސް، މުޅި ސިޓީއަށް ބޭނުންވާވަރަށް، ސޯލާ ޕަވަރ ޖެނެރޭޓް ކުރެވޭވަރަށް އިންފްރާސްޓްރަކްޗަރ ޤާއިމުކުރުން ހަމަޖެހިގެންދާނެ.
އެހެންވީމާ، ޕަވަރ ކެޕޭސިޓީ ހަމަޖެހިގެންދާއިރުގައި، ސޯލާ ޕަވަރވެސް މި ހަމަޖައްސަނީ. އެހެންވީމާ، ސޯލާ ޕަވަރ ޤާއިމުވެގެން ދިޔައީމަ، އެއިން ރަންކުރާގޮތް ވާނީ ޑިފޯލްޓަށް. ދެން، އެ ޑިފޯލްޓުން ބޭރަށް ދާންޖެހޭ ވަގުތު، ކޮންވެންޝަނަލް ޕަވަރ ހުންނާނެ. އެހެންވީމާ، އެއީ އަޅުގަނޑުމެން ދާން މި ބޭނުންވާ މިސްރާބަކީ. އަޅުގަނޑު އިޢުލާނުކުރިން، މީގެ ދޮޅުއަހަރެއްހާ ދުވަސް ކުރިން، މި ފަސް އަހަރު ނިމެންވާއިރަށް އަޅުގަނޑުމެންގެ އަމާޒަކީ، އިލެކްޓްރިސިޓީ ޑިމާންޑުގެ މަދުވެގެން، 33 އިންސައްތައަކީ، ރިނިއުބަލް އެނަރޖީން ރަންކުރާ އެއްޗަކަށް ހަދަން ބޭނުންވާ ކަމަށް. އެކަން ހާސިލުކުރުމަށްޓަކައި، މި މަޝްރޫޢު މިހާރު ދާދި އަވަހަށް މި ސިޓީގައިވެސް ފެށިގެންދާނެ. އެހެންވީމާ، ޕަވަރ އިޝޫއަކީ ހަމަ ޔަޤީނުންވެސް، މާގިނަ ދުވަސްތަކެއްނުވެ ޙައްލުވާނެ ކަމެއްކަމުގެ، ފުރިހަމަ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން.
އާދެ، މިއީ ދެން ވަރަށް ގިނަ ކަންކަން އަޅުގަނޑު މި ފާހަގަކޮށްލައިދިނީ. ދެންމެ ހަވާލުކުރެވިގެން މިދިޔަ ފިލާ، ނޫނީވިއްޔާ މަޝްރޫޢު ނިންމާފައި ހަވާލުކުރެވިގެންދިޔަ ދިޔުމަކީވެސް، އަޅުގަނޑު ވީ ވަޢުދެއްގެ ތެރެއިން ކަންތައްތައް ފުރިހަމަވެ، ތިން ސަރަޙައްދެއްގައި މޫދަށްއެރެވޭ ގޮތަށް، ޑިޒައިންގެ ތެރެއިން ހެދިގެންގޮސް، ހަވާލުކުރެވިގެންދިޔަ މަޝްރޫޢެއް.
އާދެ، އަޅުގަނޑު ލިސްޓެއްގެ ގޮތަށް މިކަންކަން މި ދަންނަވާލީ. އަޅުގަނޑު ހަމަ ޔަޤީންކަންދޭން ބޭނުންވާތީ. ސަރުކާރުން އަޅުގަނޑު ވީ ހުރިހާ ވަޢުދެއް ހަނދާން ބަހައްޓައިގެން، ލިސްޓުކޮށްގެން، ވަރަށް ބޮޑަށް ޑީޓެއިލަށް ގޮސްގެން، ވަރަށް ކޯޑިނޭޓެޑް މަސައްކަތްތަކެއް، ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި، ކަމާގުޅޭ ހުރިހާ ކުންފުނިތަކާ އެކީގައި ކުރަމުންދާކަމާއި، ކޮށް، އޭގެ ނަތީޖާ ނެރެމުންދާނެކަމާއި، އިރާދަކުރެއްވިއްޔާ މިއަދު މި ސޮއިކުރެވިގެން، ފެށިގެންދިޔަ ކަންކަމަކީ، ވަރަށް ރަނގަޅަށް ތައްޔާރުވެގެން، ޕްލޭން ކުރެވިގެން، ހަމަޖެހިގެން ކުރިއަށްދާނެ ކަންކަންކަމުގެ ޔަޤީންކަން، ތިޔަ ލޮބުވެތި ރައްޔިތުންނަށް ދިނުމަށްޓަކައި، ތަކުރާރުކޮށްވެސް ދަންނަވާލަން ބޭނުންވަނީ، ދެންމެ މިތާނގައި ސޮއިކުރެވުނު 11 މަޝްރޫޢާއި، މިއަދު މި ސިޓީގައި ޢަމަލީގޮތުން ފެށުނު 5 މަޝްރޫޢާއެކު، ޖުމްލަ 16 މަޝްރޫޢަކީ، ހަމަ ވަރަށް ފުރިހަމަކަމާ އެކީގައި، ކާމިޔާބުކަމާ އެކީގައި، ނިންމައިދޭނެ މަޝްރޫޢުތަކެއް ކަމުގެ ޔަޤީންކަން، ތިޔަ ލޮބުވެތި ރައްޔިތުންނަށް އަރުވަމޭ.
މީގެއިތުރަށްވެސް، އަޅުގަނޑު ދެންނެވިހެން ކަންކަން އެބަހުރި. އެއަރޕޯޓަށް ތަރައްޤީގެ މަސައްކަތްތައް ގެނެސްދިނުން. އެމް.އޭ.ސީ.އެލް.އިން ފުރަތަމަ ކުރާނެ އެއްކަމަކަށް ވާނީ، އެއަރޕޯޓުގެ ޓަރމިނަލް، ޒަމާނީ ޓަރމިނަލަކަށް ހެދުން. އެ ބޭފުޅުން ދާދި އަވަހަށް އެ މަސައްކަތް ފަށާނެ. އަދި، އަޅުގަނޑު މި ހުރިހާ ކަންކަން ދަންނަވައިނުލިނަމަވެސް، ވަޢުދުވީ ކޮންމެ ކަމެއްވިއްޔާ، ހަނދާން އެބަހުރި ކަމާއި، އެކަންކަން ކުރަމުންދާނެ ކަމުގެ ޔަޤީންކަން ދޭންވެގެން، އެކަންކަން އަޅުގަނޑު މި ފާހަގަކޮށްލީ.
އާދެ، އަޅުގަނޑުމެން ސަރުކާރުގެ ފަރާތުން ކުރިންވެސް އަޅުގަނޑު ދަންނަވާލި ފަދައިން، ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދުމުގައި މިގެންދަނީ، ވަށާޖެހޭ ތަރައްޤީއެއް ހާސިލުކުރުމުގެ ނިޔަތުގައި، ކަންކަން ކޮށްދެމުން. އާދެ، އަޅުގަނޑު ވަޢުދުވިން، މިގޮތަށް ރައްޔިތުންނަށް ލިބޭ އާމްދަނީއަށް ރަނގަޅު ގޮތްތަކެއް ހަދައިދޭނެ ކަމަށް. އެގޮތުން، ދެ އަހަރަށް ބަހާލައިގެން، ހުރިހާ މުވައްޒަފުންގެ މުސާރަ، ޕޭ ހަރމަނައިޒް ކުރެވި، ބޮޑުކޮށްދޭނެ ކަމަށް އަޅުގަނޑު ވަޢުދުވިން. އެހެންވީމާ، މިފަދަ މަޝްރޫޢުތައް ފެށުމުގެ އިތުރަށް، ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުކުރުމާއި، މިފަދަ ހުރިހާ ކަމެއް ގުޅި ލާމެހި، ވަށާޖެހިގެންދާ ގޮތަށޭ ކަންކަން ތަރައްޤީ ކުރެވިގެން، ހަމަޖެހިގެން ގެންދާނީ.
އެގޮތުގެ މަތިން މިހާރު އެއޮތީ، މި އަހަރުގެ ތެރޭގައި ޕޭ ހަރމަނައިޒް ކުރެވޭނެ ފަރާތްތަކަށް، އެކަން އިޢުލާނު ކުރެވުނު ގޮތަށް ހަމަޖައްސާފައި. ނޮވެންބަރު 1ން ފެށިގެން އިޢުލާނު ކުރެވިފައި. އެހެންނަމަވެސް، މީގައި އެބަހުރި ކަންބޮޑުވުންތަކެއް، ނޫނީވިއްޔާ އޮޅުންނުފިލާ ކަންތައްތަކެއް. ޕޭ ކޮމިޝަންގެ ފަރާތުން ވަރަށް ތަފުސީލުކޮށް، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި ހުރިހާ އޮފީސްތަކަށް، އެއީ ސަރުކާރުގެ ސިވިލް ސަރވިސް އޮފީސްތައް ވިޔަސް، ޖުޑީޝަރީ ކަމުގައިވިޔަސް، ކައުންސިލްތައް ކަމުގައިވިޔަސް، މި ހުރިހާ ތަނަކަށް ދާނީ، ވަރަށް ގާތުން މުޢާމަލާތްކޮށް، މިކަންކަން ކިޔައިދެމުން. އެހެންނަމަވެސް، މި ސިޓީގައި އަޅުގަނޑު މި ދަތުރުގައި، މިދިޔަ ކުޑަ ވަގުތުކޮޅުގެ ތެރޭގައިވެސް ފާހަގަވެއްޖެ، ވަޒީފާ އަދާކުރާ ވަރަށްގިނަ ރައްޔިތުންނަށް މިކަމުގެ ތަފުސީލު އެނގިވަޑައިނުގަންނަވާތީ، ހުރި ކަންބޮޑުވުންތައް. އަޅުގަނޑު ހިތުން މިއީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް މި ކަންބޮޑުވުން މިގޮތަށް އޮންނާނެ ގޮތް. އެއީ، އަދި ރަނގަޅަށް މި އިޢުލާނު ކުރެވިގެން މިދިޔައީ، އަދި ތިން ދުވަސް މިވީ. އެހެންވީމާ، އެ ތަފުސީލުތައް އަދި އެނގިގެން ދިޔައީމަ، އޭގެ ހިތްހަމަޖެހުން ލިބޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް. އެހެންނަމަވެސް، އަޅުގަނޑު ހިތަށްއެރީ، މި ޖަލްސާގައި، މި ޕޭ ހަރމަނައިޒް ކުރުން ކަނޑައަޅައި، ރަސްމީކޮށް އިޢުލާނުކުރެވި، އޭގެފަހުން، މިކަހަލަ ގޮތަކަށް ރައްޔިތުންނާ އަޅުގަނޑު ފުރަތަމަ ބައްދަލުވާ ފަހަރު ކަމަށްވާތީ، މިފަދަ ވާހަކައެއް ދެއްކޭނެ ކަހަލަ ފުރަތަމަ މާޙައުލު ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭތީ، އެއާ ބެހޭގޮތުން މުޅި ރާއްޖޭގެ ހުރިހާ ސިވިލް ސަރވިސް، ކައުންސިލް، އަދި ޖުޑީޝަރީ، މި ހުރިހާ ތަނެއްގެ ޕޭ ހަރމަނައިޒް ކުރެވި، މުސާރައަށް ބަދަލުތައް އައި، ކުރިއެރުން އައި ފަރާތްތަކަށް ކުޑަ އެއްޗެއް ދަންނަވާލާނަމޭ. އެއީ ވަރަށް ބޮޑު ކަންބޮޑުވުންތައް އޮތް ކަމަށް އަޅުގަނޑަށް ފާހަގަވާތީ.
އާދެ، މިމަހުގެ 1 ން ފެށިގެން، މުސާރަ ބޮޑުކުރެވިގެން މިދިޔަ ދާއިރާތައް، އަދި ސިވިލް ސަރވިސް، އޭގެތެރޭގައި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން ހިމެނޭހެން، ޝަރުޢީ ދާއިރާއިން ޖުމްލަ 20,000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރަ އެވަނީ، ޕޭ ހަރމަނައިޒް ކުރެވިފައި. އާދެ، މުސާރަ ލިބޭނީ މި މަސް ނިމޭއިރު. އެހެންވީމާ، 1 ވަނަ ދުވަހުން ފެށިގެން މި އިޢުލާނުކުރީ. ކުރިއަށް އޮތް ދުވަސްކޮޅުގެ ތެރޭގައި، ކުރިން އަޅުގަނޑު ދަންނަވާލި ގޮތަށް، ޕޭ ކޮމިޝަނުން ހުރިހާ އޮފީސްތަކާ މުޢާމަލާތް ކުރާނެ. ކޮށްފައި، ކޮންމެ އޮފީހެއްގައި ހުރި ކަންބޮޑުވުމެއްވިއްޔާ، އެއަށް އެޑްރެސް ކުރައްވާނެ. އެއޮތީ ގެޒެޓްކޮށްފައި. ޕޭ ހަރމަނައިޒޭޝަންގެ ގަވާއިދަށް، ނޫނީވިއްޔާ އެއަށް ބަދަލުތަކެއް ގެނެސްފައި، އެއޮތީ އިޢުލާނުކޮށްފައި. ތިޔަބޭފުޅުން ބައްލަވައިލެއްވީމަ، ގެޒެޓުން ފެނިވަޑައިގަންނަވާނެ، އޭގައި ހުރި ހުރިހާ ތަފުސީލެއް. އެހެންވީމާ، އެއާ އެއްގޮތަށް، ކޮމިޝަނުން ހުރިހާ އޮފީސްތަކާ ވާހަކަ ދައްކަމުން ދާނެ. އަދި، އޭގައި ބުނެފައިވާ ގޮތަށް ކަންކަމާ އެޑްރެސް ކުރާނެ. މައްސަލައެއް، ނޫނީވިއްޔާ ކަންބޮޑުވުމެއް އޮތީވިއްޔާ ޙައްލުތައް ގެނެސްދޭނެ. އެހެންވީމާ، ވިއްސަކަށް ހާސް މުވައްޒަފުންގެ މުސާރަ މި އަހަރު ބޮޑުކުރެވިގެން މިދަނީ. އާދެ، މިގޮތަށް ޕޭ ހަރމަނައިޒް ނުކުރެވޭ، ޕޭ ފްރޭމްވަރކަށް ހިޖުރަ ނުކުރާ ފަރާތްތަކަށް އަޅުގަނޑު ވަޢުދުވީ ފަދައިން، މި އަންނަ އަހަރު މުސާރަ ބޮޑުވާނެ. އެއީ މައިގަނޑު ގޮތެއްގައި، ދެންހުރި ހުރިހާ މިނިވަން ކޮމިޝަންތަކާއި މިފަދަ ތަންތަން.
އާދެ، މުސާރައަށް މި ގެނެވުނު ހެޔޮ ބަދަލާ ގުޅިގެން، މުވައްޒަފުންގެ އާމްދަނީ އިތުރުވެގެންދާނެ. އޭގެ ސަބަބުން، ދިރިއުޅުމުގެ ފެންވަރު މަތިވުމުގެ އިތުރަށް، މުވައްޒަފުންނަށް ފަހަށް ރައްކާކުރަން ލިބޭ އެއްޗެއް އިތުރުކުރުން މަޤްޞަދަކީ. އާދެ، މިހާރު މި ބަދަލު ގެނައުމުގެ ސަބަބުން، ހުރިހާ މުވައްޒަފުންގެވެސް އަސާސީ މުސާރައަށް ބޮޑު ކުރިއެރުމެއް އަންނާނެ. އަދި އެންމެ ކުޑަކޮށް އަސާސީ މުސާރަ ކަނޑައެޅިފައިވާ މުވައްޒަފުންނަށްވެސް، 7000 ރުފިޔާއަށްވުރެ ބޮޑު އަސާސީ މުސާރައެއް ލިބިގެންދާނެ. އެހެންކަމުން، ހުރިހާ މުވައްޒަފުންނަށްވެސް މިނިމަމް ވޭޖުގެ މިންވަރު، އަސާސީ މުސާރައިގެ ގޮތުގައި، މީގެފަހުން ލިބިގެންދާނެ. އަދި އަސާސީ މުސާރައަށް މި ގެނައި ބަދަލުގެ ސަބަބުން، މުވައްޒަފުންގެ ޕެންޝަން ފަންޑަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމަކަށް މިކަން ވާނެ. މުވައްޒަފުން ރިޓަޔަރ ކުރާއިރުގައި، ނަތީޖާއަކަށް ވެގެންދާނީ، ޕެންޝަން ފަންޑުގައި ޖަމާވެފައިވާ އަދަދު އިތުރުވެގެންދިޔުން.
އާދެ، ޕެންޝަން ފަންޑުގެ ވާހަކަ އަޅުގަނޑު ދަންނަވާލާއިރުގައި، އަޅުގަނޑު ވަޢުދުވީ ކަމެއް، ޕެންޝަން ފަންޑުގެ ތެރެއިން އިތުރު ލުއިތައް، ނޫނީވިއްޔާ އެހީތެރިކަން ލިބޭގޮތަށް، ފައިދާވާނެ ގޮތަށް، ޤާނޫނަށް ބަދަލު ގެންނާނެ ވާހަކަވެސް. އެކަމަށްވެސް އެބަ ތައްޔާރުވޭ. މިހާރު ޕެންޝަން ފަންޑުން މި އޮންނަނީ ވަރަށް ލިމިޓެޑް ބޭނުންތަކެއް ކުރެވޭގޮތް. އެހެންވީމާ، ވަޢުދުވީ ވަޢުދުތައް ފުއްދުމުގެ ބަދަލުތައް އެބަ ހުށަހަޅަން ޤާނޫނަށް. އެހެންވީމާ، ޕެންޝަން ފަންޑަށް އިތުރަށް އެއްޗެއް ޖަމާވުމަކީ، ތިޔަބޭފުޅުންނަށް އެއިން ފައިދާތަކެއް ކުރާނެ ކަމަކަށްވާނެ. މިހާރަށްވުރެ ގިނަ ފައިދާތައް. އާދެ، މި ހެޔޮ ބަދަލާއެކު، މުސާރަ ކަނޑައަޅާފައިވާ ގޮތްވެސް އެވަނީ އެއްހަމަ ކުރެވި، ކަންތައްތައް ހަމަޖެހިގެން ގޮސްފައި. އަދި، މައިގަނޑު ކަންބޮޑުވުމަކަށް މިއޮތީ، އިތުރުގަޑީގެ ކަންތައްކަންވެސް އަޅުގަނޑަށް ފާހަގަކުރެވޭ. އެހެންނަމަވެސް، އޭގައިވެސް ދަންނަވާލަން ބޭނުންވަނީ، މީގެކުރިން ޕޭ ހަރމަނައިޒް ކުރެވުނު ފަރާތްތަކުގައި އެ އޮތް ކަންބޮޑުވުމަށްވެސް އެޑްރެސްކުރެވި، ވަރަށް ބޮޑެތި ލުއިތަކެއްވެސް ދެވިފައި މިފަހަރު މިވަނީ. ތިޔަބޭފުޅުން ގެޒެޓުން ބައްލަވައިލެއްވީމަ، އެކަން ވަރަށް ސާފުކޮށް ފެނިވަޑައިގަންނަވާނެ.
އާދެ، އެއްކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވަނީ، މިސާލެއް ގޮތުގައި، ހޮސްޕިޓަލްތައް. ހޮސްޕިޓަލްތަކަކީ، 24 ގަޑިއިރު، ހަފުތާގެ ހުރިހާ ދުވަސްތަކެއްގައި މަސައްކަތް ކުރަންޖެހޭ ތަންތަނަށްވާއިރުގައި، އިތުރުގަޑީގެ 10 އިންސައްތައިގެ ކެޕް ހަމަވާ މައްސަލައަށް މިހާރު އެވަނީ ލުޔެއް ގެނެސްދީފައި. މިއީ، ޖުމްލަކޮށް ހުރިހާ ދާއިރާއަކަށްވެސް އެޕްލައި ވާނެ ކަމެއް. އެންމެ ބޮޑަށް ހޮސްޕިޓަލްތަކަށް، ނޫނީވިއްޔާ ޞިއްޙީ ދާއިރާއަށް އެޕްލައިވާތީ، މިސާލެއް ގޮތުގައި މި ފާހަގަކޮށްލީ. އާދެ، އެހެންވީމާ، މީގައި މިވާގޮތަކީ، މިސާލަކަށް މީގެތެރެއިން އިސްތިސްނާ މިހާރުވާނެ، އިތުރުގަޑީގައި މި 10 ޕަސެންޓުގެ ކެޕް އެޕްލައިނުވެ، އިތުރުގަޑި ލިބޭނެ ދުވަސްތަކެއް ކަނޑައެޅިގެން މިދިޔައީ. އެއީ، ރަމަޟާން މަހުގެ ފަހުދިހައެއްގައި މި ބަންދުވާ ހުރިހާ ދުވަހެއް، އަދި ރައީސުލްޖުމްހޫރިއްޔާގެ ދެންނެވުމަކުން ބަންދުކުރާ ހުރިހާ ދުވަހެއް، ދެން، ވަޒީފާއާ ބެހޭ ޤާނޫނުގައި ފާހަގަކޮށްފައި އޮންނަ ރަސްމީ ހުރިހާ ބަންދު ދުވަސްތަކެއް، އޭގައި ހުކުރުދުވަސް ހިމެނޭ. މިކަހަލަ ހުރިހާ ދުވަހެއްގައި، މި 10 ޕަސެންޓެއް އެޕްލައިއެއް ނުވޭ. އިތުރުގަޑީގެ ގޮތުގައި މަސައްކަތް ކުރަންޖެހޭ މުވައްޒަފުންނަށް އިތުރުގަޑި ލިބޭނެ އޭރުން. އެއީ ގެނެވުނު ވަރަށް ބޮޑު ބަދަލެއް.
އެހެންވީމާ، ކައުންސިލްތަކުން އަދި އެހެން ދިމަދިމާއިންވެސް، ހޮސްޕިޓަލާއި، އެކި ތަންތަނުގައި އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތް ކަންތައް މިއީ. ދެން އެހެންނަމަވެސް، ސިވިލް ސަރވިސް ގަވާއިދުގައި އޮވޭ، އިތުރުގަޑީގައި މަސައްކަތް ކުރެވެނީ ކޮން ހަމައަކުންކަން. ޒިންމާދާރުކަމާއެކީގައި މަސައްކަތް ކުރަންޖެހޭނީ. އޮންނަ އުސޫލަކުން، ނަގަންޖެހޭ ހުއްދަތަކެއް ނެގި، މަސައްކަތް ކުރަންޖެހޭ ފަރާތްތަކުން މަސައްކަތް ކުރަމުންދާނެ. އާދެ އެހެންވީމާ، އެންމެ ބޮޑު އެއް ޙައްލަކީ އެއީ. މި ބަދަލު ގެނައީމަ، އިތުރުގަޑީގެ ކެޕް ހަމަވާނީ ހަމަ ވަރަށް މަދު ޙާލަތެއްގައި. ނަމަވެސް، އެފަދަ ޙާލަތްތަކުގައިވެސް، ޢަމަލުކުރެވޭނެ ތަފާތު ގޮތްތައް މި މިންގަނޑުގައި، މިހާރު ގެޒެޓް ކުރެވިފައި އޮތް މިންގަނޑުގައި އޮންނާނެ ބަޔާންކޮށްފައި. އެކަންކަން ޕޭ ކޮމިޝަންގެ ފަރާތުން، އެއަށް ކޭސް ބައި ކޭސް، އެ މުއައްސަސާއަކަށް އެ ޙައްލު ގެނެސްދޭނެ. އެކި މުއައްސަސާތަކުގައި އެކި ޙައްލު ގެންނަންޖެހޭނެ. މައިގަނޑު ޙައްލު ޖުޑީޝަރީއަށް. ޖުޑީޝަރީގައި މަސައްކަތް ކުރަނީ، ވަރަށް ތަފާތުގޮތަކަށް. އަދި އެހެން މުއައްސަސާތަކުގައިވެސް ހުރޭ ތަފާތުތަކެއް. ކައުންސިލްތަކުގައިވެސް ހުރޭ ތަފާތުތަކެއް. އެހެންވީމާ، އެކަމަށް އެޑްރެސް ކުރެވޭގޮތަށް، ޕޭ ކޮމިޝަނަށް ބާރުތަކެއް ލިބިފައި އޮންނަ ގޮތަށް، މިއޮތީ ގަވާއިދު ހަދާފައި. އެހެންވީމާ، އެއްވެސްވަރެއްގެ ކަންބޮޑުވުމެއް މިކަންކަމުގައި މުވައްޒަފުންގެ ތެރޭގައި ނުބޭއްވުމަށް، އަދި އޮތަނުދިނުމަކީ އަޅުގަނޑުގެ އެދުން. މިކަމުގައި ކަމާބެހޭ މުއައްސަސާތަކުގެ ޕީ.އެސް.އިންނާއި، އެސް.ޖީ.އިންނާއި، ކައުންސިލްތަކުގެ ރައީސުންނާއި، މޭޔަރުން، މި ހުރިހާ ބޭފުޅުން ކަމާބެހޭ ކޮމިޝަނާ އެކީގައި މުޢާމަލާތު ކުރެއްވީމާ، މުވައްޒަފުންނަށް އެކަންކަން ވަރަށް ސާފުވާނެ. އަޅުގަނޑު ހަމަ ކުރުކޮށް ދަންނަވާލަން ބޭނުންވެގެން މިކަންކަން މި ފާހަގަކޮށްލީ.
އާދެ އެހެންވީމާ، ޖުމްލަކޮށް، މި ޕޭ ހަރމަނައިޒް މި ކުރެވުނީ، ވަރަށް ބޮޑަށް ދިރާސާކުރެވި، މިހާރު މިހިރަ ކަންބޮޑުވުންތަކަށްވެސް ޙައްލު ލިބޭގޮތަށް. އެހެންވީމާ، ކުރިއަށް އޮތް ތާނގައި، މި ދެންނެވި ފައިދާތައްވާގޮތަށް މިވަނީ މުވައްޒަފުންގެ މުސާރަ ބޮޑުކުރެވިފައި. ޙަޤީޤީ މާނައިގައި އޭގެ ފައިދާވާނެ. މުވައްޒަފަކަށް މިހާރު ލިބޭ މުސާރައެއް އެއްވެސްވަރަކަށް ކުޑަވެ، އޭގެ ސަބަބުން ގެއްލުންވާނެ ކަހަލަ ގޮތަކަށް ކޮށްފައި އޮތް ކަމެއް ނޫން. ކޮންމެ ކަމަކަށްވެސް އެޑްރެސްކުރެވޭ ގޮތަށް ގަވާއިދު ހަދައި، އެއަށް ރަނގަޅު ޙައްލު ގެނެވޭގޮތަށް މިވަނީ ހަމަޖެހިފައި.
އާދެ، ސަރުކާރުން މަސައްކަތް ކުރަމުން ގެންދާނީ، ރައްޔިތުންގެ ވިންދާއި އިޙްސާސާ އެއްގޮތަށް. ވިންދާއި އިޙްސާސް ދެނެގަނެގެން. ރައްޔިތުންނާ ގާތުން. ރައްޔިތުން ގާތަށް އައިސް އެ މަސައްކަތް ކުރަނީވެސް އެހެންވެގެން. ރައްޔިތުން ގާތަށް އަޅުގަނޑު މި އަންނަނީ، އަޅުގަނޑުމެން މި އަންނަ ސަބަބަކީވެސް އެހެންވެގެން. ރައްޔިތުން ބޭނުންވާ ކަންކަން ގާތުން އަޑުއަހައި، އޮޅުންފިލުވައި، ރައްޔިތުން ބޭނުންވާ އަމާޒަށް ކަންކަން ގެންދިޔުމަށްޓަކައި. މި ސަރުކާރަކީ ރައްޔިތުންނާ އެކީގައި އޮތް، ރައްޔިތުންގެ ސަރުކާރެއް. ރައްޔިތުން ބޭނުންވާގޮތަށް، ރައްޔިތުންނަށް ހެޔޮވާގޮތަށް ކަންކަން ކުރާނެ ސަރުކާރެއް. މިއަދާ ހަމައަށްވެސް ސަރުކާރުން ކަންކަން ކުރަމުން އައިގޮތަށް، ކުރިއަށް އޮތް ދުވަސްތަކުގައި ހަމަ މި ދެންނެވި ފަދައިން، ރައްޔިތުންގެ ހެވާއި ލާބައަށް ފަހިވާގޮތަށް، އަޅުގަނޑު ވީ ވަޢުދުތައް އިރާދަކުރެއްވިއްޔާ ފުއްދަމުން ގެންދާނީ.
އާދެ، ބައެއް ކަންކަމަކީ، އޭގެ ސަބަބުން ބައެއް ފަރާތްތަކުގެ ހިތްހަމަނުޖެހުން ހުރެދާނެ ކަންތައްތައް. އެހެންނަމަވެސް، ޖުމްލަކޮށް މުޅި ޤައުމަށް ފައިދާވާނެ ކަންކަން. އަޅުގަނޑު އިސްކުރަނީ، ރަނގަޅު ކަންކަން ކުރަން، ޕޮޕިއުލަރ ކަންކަން ކުރާކަށް ނޫން. ޕޮޕިއުލަރ ކަންކަން ކުރަންޏާ، ފަސޭހަގޮތް ޚިޔާރުކޮށްގެން، ކުރީގެ ސަރުކާރުތަކުން ހެދިގޮތް ހަދައިގެން ތިބެވިދާނެ. ވޭޕްވެސް މަނާކުރާނެ ކަމެއް ނެތް. ޖެނެރޭޝަނަލް ބޭންވެސް ގެންނާނެ ކަމެއް ނެތް. މިހެންހުރި އެއްވެސް ކަމެއް ނުކުރަންވީ. އެއެއްނޫން އަޅުގަނޑުގެ އުސޫލަކީ، ސިޔާސަތަކީ. އިޚްލާޞްތެރިކަމާ އެކީގައި، ލޮބުވެތި ދިވެހި ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށް، ކަންތައްތައް ކުރިއަށް ގެންދިޔުން. ރަނގަޅު ގޮތް އިސްކުރުން. އެހެންވެގެން، ޒުވާނުންނަށް މި މަނާކުރީ، ސިނގިރޭޓާއި، ދުންފަތުގެ އިސްތިޢުމާލު ކުރުން. އަދި މުޅި އާބާދީއަށް ވޭޕް މަނާކުރީ. އަދި މިފަދަ ކަންކަން، ޞިއްޙަތު ސަލާމަތްކޮށްދިނުމަށްޓަކައި މި ކުރަނީ. ޞިއްޙަތަށް ކުރާ ހޭދައަކީ އިންވެސްޓްމަންޓެއް. މި އިންވެސްޓްމަންޓްގެ ފައިދާކުރާނީ ހަމައެކަނި ޞިއްޙަތަކަށް ނޫން. އިޤްތިޞާދީ ގޮތުންވެސް އަދި މުޅި މުޖުތަމަޢަށްވެސް ފައިދާކުރާނެ. ކޮންމެ މީހަކުވެސް ޞިއްޙަތު ރަނގަޅުކޮށް ހުރުމަކީ، އެ މީހާއަށްވެސް ފައިދާކުރާނެ ގޮތް. އެމީހާގެ ޢާއިލާއަށްވެސް، މުޖުތަމަޢަށްވެސް ފައިދާކުރާނެ ގޮތް. އެހެންވީމާ، އެކަމަށްވެސް އަޅުގަނޑުމެން މި އިސްނެގީ. އެގޮތުން، ވަށާޖެހޭގޮތަށް ކަންކަން ކުރަމުން މިދަނީ.
އާދެ، އަދިވެސް އެއްފަހަރު، ލޮބުވެތި ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މި ސިޓީގެ ތަރައްޤީއަށްޓަކައި މިއަދު އެއްލިގެން މިދިޔަ ސަފުހާއަކީ، އަޅުގަނޑު ކުރިން ދަންނަވާލި ފަދައިން، އިރާދަކުރެއްވިއްޔާ ރައްޔިތުންގެ އުފާފާގަތިކަން ޙަޤީޤަތަކަށް ވެގެންދާނެ ސަފުހާއަކަށް ވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަދިވެސް ތިޔަ ލޮބުވެތި ރައްޔިތުންނަށް އަރުވަން.
އަޅުގަނޑުގެ ދުޢާއަކީ، މި ސިޓީގެ ތަރައްޤީއާއި، އަދި މުޅި ޤައުމުގެ ތަރައްޤީ ޙަޤީޤަތަކަށް ހެދުމުގައި، އަޅުގަނޑުމެންނަށް ހެޔޮ ތައުފީޤު މިންވަރު ކުރެއްވުން. އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.