بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ކުރެންދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، މި ރަށުގެ ކައުންސިލްގެ ރައީސް، އަދި މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ރަށުގެ މުއައްސަސާތަކުގެ ވެރިން، ޚިދުމަތްތެރި އިސް ރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަދި މި ޖަލްސާ، ދުރާއި ގާތުން ބައްލަވާ، އަޑުއައްސަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، އަޅުގަނޑުމެންނަށް މި ރަށަށް އާދެވުނު ވަގުތު، ކުރެންދޫގެ ލޮބުވެތި ރައްޔިތުން ވަޑައިގެން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، މި ރަށުގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ ފުންމިނުން، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.
މިއަދު އިރާދަކުރެއްވީތީ، އަޅުގަނޑުމެން މަސައްކަތް މިފެށި މަޝްރޫޢުތަކަކީ، ރައްޔިތުން އެދިވަޑައިގެންފައިވާ ގޮތަށް، ވަރަށް ފުރިހަމަކަމާއެކީގައި ނިންމައިދިނުމުގެ ވަރުގަދަ ޢަޒުމާއެކީގައި، އެކަމަށް ތައްޔާރުވެގެން ފެށިގެންދިޔަ ކަންތައްތައް. އަދި ސޮއިކުރެވިގެންދިޔަ މަޝްރޫޢުތަކަކީވެސް، ހަމަ އެފަދައިން ކުރިއަށް ގެންދިޔުމަށް ނިންމާފައި ހުރި ކަންކަން. ރިޔާސީ އިންތިޚާބުގައި ތިޔަބޭފުޅުންނަށް އަޅުގަނޑު ވީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ވަރަށް ގިނަ މަޝްރޫޢުތައް ހިމެނިފައި އެވަނީ.
އާދެ، ރައްޔިތުންނަށް އެންމެ ދަތިވެފައިވާ އެއް މައްސަލައަކީ، ހަމަ ޔަޤީނުންވެސް ބަނދަރާ ގުޅިގެން ދިމާވެފައިވާ ކަންކަންކަން ޔަޤީން. އާދެ، މި މަޝްރޫޢު އަޅުގަނޑުމެން ކުރިއަށް ގެންދާއިރުގައި، އަޅުގަނޑު ދޭން ބޭނުންވާ ޔަޤީންކަމަކީ، އަދި ކުރިއަށް ގެންދާނެ ގޮތަކީވެސް، ރައްޔިތުން ފާޅުކުރައްވާފައިވާ އެކި ކަންބޮޑުވުންތައް ޙައްލުވާގޮތަށް، މި ބަނދަރުގެ ކަންކަން ފުރިހަމަކޮށްދީ، އެގޮތަށް މި މަޝްރޫޢު އަޅުގަނޑުމެން ނިންމައިދޭނެ ކަމުގެ ޔަޤީންކަން. އެ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން. ރޭމްޕެއް ހަދަން ބޭނުންވެލައްވާ. އަދި އޭގެއިތުރަށްވެސް، އެއްގަމުތޮށީގެ މަސައްކަތްތަކެއް، ކީވޯލްޖަހައި، ތޮށިގަނޑަށް ބަދަލުތަކެއް ގެންނަން ބޭނުންވެލައްވާ. އަދި، ނެރުފައިކަށީގެވެސް މުހިންމު ބަދަލުތަކެއް ގެންނަން އެބަ ބޭނުންވެލައްވާ. މިފަދަ ކަންތައްތަކަކީ، މަޝްރޫޢު ކުރިއަށް ގެންދާއިރުގައި، ރައްޔިތުންގެ ކަންބޮޑުވުންތައް، އަދި އުންމީދުތައްވެސް ހާސިލުވާނެ ގޮތަށް އަޅުގަނޑުމެން ގެންދާނެ ކަންތައްތައްކަން، އަޅުގަނޑު މި ދަންނަވާލީ. އިރާދަކުރެއްވިއްޔާ، މި ދެންނެވި ކަންކަން ހިމެނޭގޮތަށް، މި މަޝްރޫޢު އަޅުގަނޑުމެން ކުރިއަށް ގެންދާނީ. ކަންބޮޑުވުންތައް ޙައްލުކުރުމުގެ ގޮތުން މި ކުރެވޭ ކަންކަން، ތިޔަބޭފުޅުންގެ ތިޔަ އުންމީދުތައް ހާސިލުވާގޮތަށް ގެންދާނެ ކަމުގެ ޔަޤީންކަން، އަނެއްކާވެސް ތިޔަބޭފުޅުންނަށް އަޅުގަނޑު ދެން.
ހަމައެއާއެކީގައި، ދެން އަޅުގަނޑުމެން ސޮއިކުރި މަޝްރޫޢުތައްވެސް ދާނީ، ހަމަ ރައްޔިތުން އެދިވަޑައިގެންނެވި ގޮތަށް. މަގު ހެދުން މިސާލަކަށް. މަގުތައް ހެދުމަކީ ޙަޤީޤަތުގައި މިހާރު މި ރަށަށް ބޭނުންޖެހިފައި އޮތް ވަރަށް މުހިންމު ކަމެއް. އެހެންވީމާ، އަޅުގަނޑުމެން މި ސޮއިކުރި މަޝްރޫޢު، އެގޮތުގައި އަޅުގަނޑުމެން ކުރިއަށް ގެންދާނަން. އަދި އޭގެއިތުރަށްވެސް، ރަށަށް ބޭނުންވާ ކޮންމެ މަޝްރޫޢަކީވެސް އަޅުގަނޑުމެން އެގޮތަށް، ރައްޔިތުންނަށް ބޭނުންވެފައިވާ ކަންތައްތައް ހާސިލުވާގޮތަށް ގެންދާނެ ކަންކަން.
ކުޅިވަރުގެ ދާއިރާއަށް ބަލާއިރުގައިވެސް، ފުޓްބޯޅަ ދަނޑުގެ ލައިޓްޖަހަން، މިހާރު ފެނަކައިން އެ މަސައްކަތް ފެށުމަށް، ބޭރުން ގެންނަންޖެހޭ ލައިޓް ގެނައުމުގެ ކަންކަން ކުރިއަށް އެބަދޭ. މި އަންނަ މަސް، ނޫނީވިއްޔާ މި އަންނަ މަސް ނިމޭހާ ހިސާބަށް، ތަކެތި ގެނެވޭނެ ކަމަށް އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭ. ގެނެވެންވާއިރަށް، އެ މަސައްކަތް ފެށި، ދެން ޓަރފްގެ މަސައްކަތަށް ދާނީ. ފުޓްސަލް ދަނޑުގެވެސް ފެންސް ދަބަރުޖަހާފައި ހުރީ. އެ މައްސަލަ ޙައްލުކުރަންވެސް އެހީތެރިކަން ދޭނަން. މިފަދަ ގިނަ ކަންތައްތަކެއް އެބަހުރި.
އަޅުގަނޑުމެން މި ސޮއިކުރި ޞިއްޙީ މަރުކަޒަށް އިތުރުވެގެންމިދާ އިމާރާތަކީވެސް، މި އާބާދީގެ ގިނަ ރައްޔިތުންނަށް އެންމެ އެކަށީގެންވާ ގޮތުގައި މިހާރު ނުދެވޭ ޚިދުމަތް، އެ ޚިދުމަތް ޤާއިމުކުރުމަށްޓަކައި އިތުރުކުރެވިގެންދާނެ އިމާރާތެއް. މިތަން ހެދިގެންދާއިރުގައި، ހަތަރު އެނދުގެ ވޯޑަކާއި، ނަރސް ސްޓޭޝަން، އެކްސް-ރޭ ރޫމް، ކޮންސަލްޓޭޝަން ރޫމް، ޕްރައިވެޓް ކޮޓަރި، މި ހުރިހާ ތަނެއްވެސް ހިމެނޭނެ. އެހެންވީމާ، ހިމެނިގެން، މިތަން މި ހެދެނީ. އޭގެ ސަބަބުން، ޞިއްޙީ ޚިދުމަތް ޤާއިމުކުރުމަށް، ވަރުގަދަކުރުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަކަށް މިކަން ވާނެ.
ހަމަ އޭގެއިތުރަށްވެސް، ގިނަ ކަންތައްތަކެއް ކުރިއަށް ގެންދަން އަޅުގަނޑުމެން ގަސްދުކުރަން. އެންމެ ބޮޑު ކަމަކީ، ޙަޤީޤަތުގައިވެސް ބިމުގެ ޖާގަ ނެތް މައްސަލަ. އަޅުގަނޑު ވާނީ ރައްޔިތުންނަށް ދަންނަވާފައި، މިތާ ކައިރީގައި އޮތް "ޅޮއްސަލަފުށި" މި ރަށުގެ ބައެއްގެ ގޮތުގައި ހަދައިދިނުމަށް މަސައްކަތް ކޮށްދޭނެ ކަމަށް. އެ މަސައްކަތް ކުރަމުން މިދަނީ. އެނގިވަޑައިގަންނަވާނެ ފަދައިން، އެ ރަށަކީ، ކުރީގެ ސަރުކާރަކުން އެހެން މަޝްރޫޢެއްގެ ބޭނުމަށް ހަވާލުކޮށްފައި އޮތް ރަށެއް. އެހެންވީމާ، އެ ފަރާތުން، ދެ ޕާޓީއަކާއެކު އެގްރީމަންޓް ހަދާފައި އޮތް، އަދި ބޭރުގެ ފަރާތްތަކަކާއެކު އެގްރީމަންޓް ހަދާފައި އޮތް ރަށަކަށްވާތީ، އެގްރީމަންޓްގެ ޓަރމްސްތަކާއި، ޤާނޫނުތަކާއި، ގަވާއިދުތަކުގެ ތެރެއިން އެ ރަށް، ދައުލަތަށް ގެއްލުންނުވާ ގޮތަށް ނަގައި، އަޅުގަނޑު ދެންނެވި ފަދައިން، ތިޔަބޭފުޅުންނާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ. އެހެންނަމަވެސް، އަދި ނުއެއްނިމޭ. އެހެންވީމާ، އެ މީހުންނާ އެ މަޝްވަރާކުރެވި، އެމިކަބަލްކޮށް، ދެފަރާތުން އެއްބަސްވާގޮތަށް، ދައުލަތަށް ގެއްލުންނުވާ ގޮތަށް، އަދި އެ ކުންފުނިން އެ ކުރަމުންދިޔަ މަސައްކަތާ ގުޅުވައިގެން ދޭންޖެހޭ ބަދަލު، ނޫނީވިއްޔާ އެ ރަށުގެ ބަދަލުގައި އެހެން ރަށެއް ދޭންޖެހެންޏާވިޔަސް، އެ ތަފުސީލުތައް ނިމުނުހާ އަވަހަކަށް، އަޅުގަނޑު ހިތުން މި މައްސަލަ ނިންމާލެވޭނެ.
މިކަން ހަމަ ދަންނަވާލަން ބޭނުންވީ، އެކަން ކުރިއަށްދާކަމުގެ ޔަޤީންކަން ދޭން. އަޅުގަނޑު ދެންނެވިން، އެ ޅޮއްސަލަފުށި ތިޔަބޭފުޅުންނާ ހަވާލުކުރަން މަސައްކަތް ކޮށްދޭނެ ކަމަށް. ހަމަ އެ ސިޔާސަތު މި ކުރިއަށް ގެންދަނީ. އެ މަސައްކަތް އެބަ ކުރަން. އަޅުގަނޑު އުންމީދުކުރަނީ އެކަން ކާމިޔާބުވާނެ ކަމަށް. ހަމަ ޔަޤީނުންވެސް މި ރަށުގެ ބިމުގެ ޖާގައަކީ ހަމަ އެންމެ ބޮޑު އެއް މައްސަލަ. އިތުރަށް ޖާގައެއް ނެތް. ހައުސިންގ އަޅަން ބެލިކަމުގައިވިޔަސް، މިހާރު ހިނގަމުންދާ މަޝްރޫޢު ނިމުނަސް އަދި ހައުސިންގ މައްސަލަ ޙައްލެއްނުވޭ. 50 ހައުސިންގ ޔުނިޓަކުން މި ރަށަކަށް ނުވާނެ. އެ ހުރިހާގޮތަކުން ވިސްނާއިރުގައިވެސް، ޖާގަ އިތުރުކުރަން ބޭނުން.
ސަރުކާރުގެ ސިޔާސަތަކީ، ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށް މިކަންކަން ކޮށްދިނުން. އެހެންވީމާ، އެ މަސައްކަތް އެބަ ކުރިއަށް ގެންދަން. އިރާދަކުރެއްވިއްޔާ ހަމަ ކާމިޔާބުވެގެންދާނެ. ހަމަ ޔަޤީނުންވެސް އަޅުގަނޑުވީ ވަޢުދާ އެއްގޮތަށް ސަރުކާރުން އެކަން ކުރިއަށް ގެންދިޔުމުގެ މަސައްކަތް އެބަ ގެންދަން. އެހެންވީމާ، އެގޮތުގައި ތިޔަބޭފުޅުން އުންމީދު ބާއްވަވައިދެއްވުން ހަމަ އަޅުގަނޑު އެދެން. އެކަން ކާމިޔާބުވާނެ ކަމުގެ ޔަޤީންކަމާއި، އުންމީދު އަޅުގަނޑުގެ ވަރަށް ބޮޑަށް އޮތް ވާހަކަ ދަންނަވަން. އަޅުގަނޑު ބޭނުންވަނީ ކޮންމެގޮތެއްވިޔަސް، ދައުލަތަށް ގެއްލުންނުވާގޮތަށް، ރައްޔިތުންނަށް ފައިދާވާގޮތަށް އެކަން ޙައްލުކޮށްދޭން، މި ރަށުގެ ބައެއްގެ ގޮތުގައި ޅޮއްސަލަފުށި ހަމަޖައްސައިދިނުމަށް. އެހެންވީމާ، އެކަން އެގޮތުގައި ކުރިއަށްދާ ކަމުގެ މަޢުލޫމާތު ތިޔަބޭފުޅުންނަށް އަޅުގަނޑު ހަމަ އަރުވަން.
އާދެ، އަޅުގަނޑު ވަރަށް އުންމީދުކުރިން، އެކަން ނިންމައި ތިޔަބޭފުޅުންނާ ހަވާލުކުރެވޭނެ ކަމަށް މިއަދު. އެހެންނަމަވެސް، އެ ހިސާބަށް ނިންމައި ނުލެވުނު. އެހެންނަމަވެސް، އެކަން އެބަ ކުރިއަށްދޭ.
އާދެ، މައިގަނޑު މައްސަލައަކީ އަޅުގަނޑު ހިތުން ގެދޮރުގެ މައްސަލަ. އެހެންވީމާ، އެކަމަށް ޙައްލު ގެނައުމަށްޓަކައި، މި މައްސަލަ ޙައްލުކުރަން މި މަސައްކަތްކުރަނީ. އަދިވެސް އިތުރަށް ބިމުގެ ޖާގަ އޮތް މިންވަރަކުން ގެދޮރު އަޅައިދިނުމުގެ މަޝްރޫޢުތައް ފަދަ މުހިންމު ކަންކަމަށް އަޅުގަނޑުމެން އިސްކަންދޭނަން. މިހާރު މި ފެށިގެންދާ މަޝްރޫޢުތަކާއި، އަދި މި ދެންނެވިހެން ކުރިއަށް ހުރި ކަންކަމުގައި، ވީ އެންމެ ރަނގަޅަކަށް، ވީ އެންމެ އަވަސްމިނެއްގައި ކުރިއަށް ގެންދިޔުމަށް މަސައްކަތް ކޮށްދޭނަން.
އާދެ، ސަރުކާރުން ރައްޔިތުންނަށް، އަޅުގަނޑު ވެފައިހުރި ވަޢުދުތައް ފުއްދައިދިނުމުގެ މަސައްކަތް މި ކުރަނީ މިގޮތަށް. ރައްޔިތުން އެދޭ ކަންކަން، ރައްޔިތުން އެދޭގޮތަށް، ހާސިލުކުރުމަށްޓަކައި. މި އަންނަ އަހަރުގެ ބަޖެޓު މިހާރު މި ހަފްތާގެ ތެރޭގައި ހުށަހެޅިގެންދާއިރުގައި، މި ދެންނެވި ކަންކަމަށް ވިސްނައިގެން ކުރިއަށް މިގެންދަނީ. ކުރިއަށް އޮތް އަހަރުގެ ތެރޭގައި، މި އަހަރު ފެށިފައިނުވާ ހުރިހާ މަޝްރޫޢެއް އިރާދަކުރެއްވިއްޔާ ފެށިގެންދާނެ. އަދި އަޅުގަނޑު ކުރިން ކަނޑައަޅާފައި އޮތްގޮތަށް، އިޢުލާނުކޮށްފައި އޮތްގޮތަށް، ދެތިން ދުވަސްތެރޭގައި، ނޮވެންބަރު 1 ގައި ޕޭ ހާމަނައިޒް ކުރެވި، މުސާރަ ބޮޑުވެގެންދާނެ. ރާއްޖޭގެ ހުރިހާ ސިވިލް ސަރވިސް މުވައްޒަފުންނާއި، ޖުޑީޝަރީގެ މުވައްޒަފުންގެ މުސާރަ ބޮޑުވާއިރުގައި، ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަވެސް ބޮޑުވާނެ.
އާދެ، ކައުންސިލްތަކަކީ މިހާތަނަށް އައިއިރުގައި، ވަރަށް ދަށް ގްރޭޑެއްގައި ގިންތިކޮށްފައި އޮންނަ އިދާރާތަކެއް. އެ ތަންތާނގައި މަސައްކަތްކުރާ މުވައްޒަފުން ތިބީ 4 ވަނަ ގްރޭޑުގައި. އެހެންނަމަވެސް، ރެޔާއި ދުވާލު މަސައްކަތް ކުރަންޖެހޭ ބައެއް، ކައުންސިލްގެ އިދާރީ މުވައްޒަފުންނަކީ. އާދެ، ލާމަރުކަޒީ ނިޒާމަކީ، އަޅުގަނޑުމެން ވަރަށް ބޮޑަށް އިސްކަންދޭ، އެކަމަކަށް ވަރަށް ބޮޑަށް އެއްބާރުލުންދީ، އެމްޕަވަރ ކުރާ ނިޒާމެއް. އެހެންވީމާ، ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މި ގްރޭޑް 4 ވަނައިން 3 ވަނައަށް ގެންދިޔުމަށް ކުރީގައި ވާހަކަ ދެކެވިފައި އޮތް. ކުރީގެ ސަރުކާރުގެ ޒަމާނުގައި.
އަޅުގަނޑުމެން ނިންމާފައި މިހާރު މިއޮތީ، ނޮވެންބަރު 1ން ފެށިގެން، ސިވިލް ސަރވިސް މުވައްޒަފުންގެ ޕޭ ހާމަނައިޒް ކުރެވި، މުސާރަ ބޮޑުވާއިރު، ކައުންސިލް މުވައްޒަފުންގެވެސް ޕޭ ހާމަނައިޒް ވާއިރުގައި، ރާއްޖޭގެ ހުރިހާ ސިވިލް ސަރވިސް މުވައްޒަފުންނާ އެއް ގިންތިއަކަށް، 4 ން 3 އަށް ނޫން، 4 ން 1 އަށް، އެއް ގިންތިއަކަށް، ސިވިލް ސަރވިސް މުވައްޒަފުންނާ އެއްގިންތިއަކަށް ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންވެސް ގިންތިކުރަން. މަތިކޮށްލަދޭން.
އެހެންވީމާ، ކައުންސިލްތަކުގައި މަސައްކަތްކުރާ އިދާރީ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުވެގެންދާނީ އެގޮތުން. ޕޭ ހާމަނައިޒް ކުރެވިގެން ބޮޑުވެގެންދާނީ އެގޮތުން. އެއީ ނޮވެންބަރު 1ން ފެށިގެން. މާނައަކީ، ނޮވެންބަރު މަހުގެ މުސާރަ ލިބޭއިރުގައި، އެންޑް އޮފް ނޮވެންބަރގައި ލިބޭއިރުގައި ލިބޭނީ އެގޮތަށޭ. ޖުޑީޝަރީއާއި، ސިވިލް ސަރވިސްއާއި، އަދި ސިވިލް ސަރވިސްގެ ތެރެއިން ކައުންސިލް މުވައްޒަފުންނާ. ދެން އޭގެ އިތުރަށް ބާކީހުރި މުއައްސަސާތައް، މައިގަނޑު ގޮތެއްގައި ދެން ބާކީ ހުންނަ ދައުލަތުގެ މިނިވަން މުއައްސަސާތަކާއި، ބައެއް ސްޓެޓިއުޓަރީ ބޮޑީސްތަކުގެ ޕޭ މި އަންނަ އަހަރު ހާމަނައިޒް ކުރެވޭނެ.
އާދެ، ސަރުކާރުން މިގޮތަށް ތަރުތީބުކޮށްގެން މިގެންދަނީ. ރައްޔިތުންގެ އާމްދަނި މަތިކޮށްދިނުމާއި، މަޝްރޫޢުތައް ގެންދިޔުން ދެ އަހަރަށް ބަހާލައިގެން. އިރާދަކުރެއްވިއްޔާ އެކަން އެގޮތަށް ކުރިއަށްދާނެ.
އާދެ، އަދިވެސް އެއްފަހަރު، ކުރެންދޫގެ ލޮބުވެތި ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ، މި ރަށުގެ ތަރައްޤީއަށް މި ފެށިގެންދާ ކޮންމެ މަޝްރޫޢެއް ކާމިޔާބުކަމާއެކީގައި އަދި ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ނިންމައިދޭނަމޭ. އަދި އިރާދަކުރެއްވިއްޔާ އިތުރު ކަންކަންވެސް ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކުރިއަށް ގެންގޮސްދޭނަމޭ.
އާދެ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންގެ ޤައުމުގެ ކަންކަން ހެޔޮމަގަށް ގެންދިޔުމުގައި ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކަންކަން ކާމިޔާބުކަމާއެކީގައި ހާސިލުކުރުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން. އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.