بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
އޮޅުވެލިފުށީގެ ލޮބުވެތި އެންމެހައި ރައްޔިތުން، މި ރަށުގެ ކައުންސިލްގެ ރައީސް، އަދި މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ރަށުގެ މުއައްސަސާތަކުގެ ވެރިން، އަދި މި ރަށުގެ ޚިދުމަތްތެރި އެންމެހައި އިސް ރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަދި މި ޖަލްސާ އަޑުއައްސަވަމުން ގެންދަވާ، އަދި ބައްލަވަމުން ގެންދަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، މި އަތޮޅަށް އަޅުގަނޑުމެން މިއަދު މި ފެށި ދަތުރުގައި، އޮޅުވެލިފުށްޓަށް އާދެވުނު ވަގުތު، ތިޔަބޭފުޅުން، ލޮބުވެތި ރައްޔިތުން ވަޑައިގެން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ލޮބުވެތި ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
މިއަދު އިރާދަކުރެއްވިއްޔާ މި ފެށެނީ ރަށުގެ ތަރައްޤީގެ ވަރަށް ގިނަ މަސައްކަތްތަކެއް. ޢަމަލީގޮތުން ބިންގާ އެޅިގެން، މަސައްކަތް ފެށިގެންދިޔަ ތަފާތު ފަސް މަޝްރޫޢަކާއި، އެއްބަސްވުމުގައި ސޮއިކުރެވިގެންދިޔަ މަޝްރޫޢުތައް. އާދެ، މިއިން ކޮންމެ މަޝްރޫޢަކީ، އެ މަޝްރޫޢެއްގެ ދާއިރާއިން، މި ރަށުގެ ތަރައްޤީއަށް ނުހަނު ބޭނުންތެރި، މުހިންމު މަޝްރޫޢުތަކެއް.
އާދެ، އެގޮތުން ބަނދަރުގެ މަސައްކަތް ވެގެންދާނީ، މި ރަށުގެ ތަރައްޤީގެ ކުރިމަގަށް އެންމެ މުހިންމު، ޢުމްރާނީ ތަރައްޤީގެ އެއް މަސައްކަތަށްކަން ޔަޤީން. ހަމައެއާއެކީގައި، ދެންމެ އަޅުގަނޑުމެން މި ސޮއިކުރި ބިންހިއްކުމަކީ، މި ރަށުގެ ޖާގަ ވަރަށް ބޮޑަށް ތާށިވެފައިވާއިރުގައި، ޒަރޫރީ ކަމެއްގެ ގޮތުގައި، އަޅުގަނޑު ދެކޭ ކަމެއް. ރައްޔިތުންގެ ވަރަށް މުހިންމު މުހުތާދެއް.
އާދެ، މި ހުރިހާ ކަމަކަށްވެސް ޢަމަލީގޮތުން، ނަތީޖާ ނެރެދިނުމުގެ ގޮތުން، މަސައްކަތްތައް މި ފެށިގެންދިޔައީ. އަޅުގަނޑު ވެފައިހުރި ވަޢުދުތައް، އޭގެތެރެއިން ފުދިގެން ދިޔުމަށްޓަކައި. އާދެ، ބިން ހިކިގެންދާއިރުގައި، 15 ހެކްޓަރުގެ ބިން އިރާދަކުރެއްވިއްޔާ، މި ރަށަށް އިތުރުވެގެންދާނެ. އެއާއެކީގައި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މައްސަލައަށް ޙައްލުއައިސް، އޮޑިދޯނިފަހަރު ބޭލުމުގެ ތަންވެސް، ނޫނީވިއްޔާ ފެސިލިޓީވެސް ޤާއިމުވެގެންދާގޮތަށް މަޝްރޫޢު މިއޮތީ ފަރުމާކުރެވިފައި.
އެހެންވީމާ، ޖުމްލަކޮށް ބަނދަރާއި، އަދި ބިންހިއްކުމާ ގުޅިފައި މިހިރަ މަސައްކަތްތަކަކީ، މި މަސައްކަތްތައް ނިމިގެން ދިޔުމުން، ހަމަ ޔަޤީނުންވެސް ރަށަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަންތައްތައް. އެއްވެސް މަޑުޖެހުމެއް ނެތި، ހަމަ ވަރަށް ރަނގަޅަށް މިއިން ކޮންމެ މަޝްރޫޢެއް ކުރިއަށް ގެންދާނަން. އެކަންކަން އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ޔަޤީންކުރާނަން. ހަމަ އެއާއެކީގައި ދެން ކުރިއަށްމިދާ، ސޮއިކުރެވުނު ކަންކަމާއި، ފެށިގެންދިޔަ މަޝްރޫޢުތަކަކީވެސް އެފަދަ މަޝްރޫޢުތަކެއް.
ކުޅިވަރުގެ ދާއިރާއިން ސޮއިކުރެވިގެން މިދިޔަ ފުޓްސަލް ދަނޑަކީ، ފުޓްސަލް ކުޅުމަށް ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާއިރުގައި، ހަމަ ޔަޤީނުންވެސް ވަރަށް މުހިންމު މަޝްރޫޢަކަށްވާނެ. އަދި ފުޓްބޯޅަ ދަނޑުގެ ޗޭންޖިންގ ރޫމް ހެދުމާއި، ލައިޓްޖެހުމާއި، މިކަންކަންވެސް ދާދި އަވަހަށް ބަޔަކާ ހަވާލުކުރަން އަޅުގަނޑުމެން ނިންމާފައި މިއޮތީ. އަދި ފިޓްނަސް އެންޑް ރިކްރިއޭޝަން މަރުކަޒު އެޅުމަށްޓަކައި، މި ހަވާލުކުރެވުނު، ނޫނީ ފެށިގެންދިޔަ މަސައްކަތަކީވެސް މި ދެންނެވިހެން ޖުމްލަކޮށް، ކުޅިވަރުގެ ދާއިރާއިން، ވަރަށް މުހިންމު މަޝްރޫޢުތަކެއް.
ހަމައެއާއެކީގައި، ކައުންސިލް އިދާރާ އެޅުމަށާއި، ފުލުހުންގެ އިދާރާ އެޅުމަށް، މި ހަވާލުކުރެވުނު، ނޫނީ މި ފެށިގެންދިޔަ މަސައްކަތްތަކާއި، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޤުރްއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުގެ ދަށުން، މި ރަށުގައި މި ފެށިގެންދިޔަ މަސައްކަތަކީވެސް އެފަދަ މުހިންމު މަސައްކަތްތަކެއް.
އާދެ، އަޅުގަނޑު ތިޔަބޭފުޅުންނަށް، ރައްޔިތުންނަށް ދޭން ބޭނުންވާ މައިގަނޑު ޔަޤީންކަމަކީ، މި ދެންނެވި ހުރިހާ މަސައްކަތްތައްވެސް ވަރަށް ރަނގަޅަށް ކުރިއަށް ގެންގޮސް، ދާދި ބާރު ސްޕީޑްގައި، އަވަސް ސްޕީޑްގައި ގެންގޮސް އިރާދަކުރެއްވިއްޔާ ނިންމައިދޭނެކަމުގެ ޔަޤީންކަން.
ހަމައެއާއެކީގައި، މި ރަށުގައި ހުއްޓިފައި ހުރި، ނޫނީވިއްޔާ ޙައްލުކުރަން ހުރި މަސައްކަތްތައްވެސް އެބަހުރި. މައިގަނޑު ގޮތެއްގައި ކަރަންޓާ ގުޅިފައި ވަރަށް ގިނަ ކަންކަން މި ރަށުގައި މިހުރީ. ރަށުގެ ނެޓްވަރކް ވަރަށް ބޮޑަށް މިއޮތީ އަޕްގްރޭޑް ކުރަން ޖެހިފައި. ނޫނީވިއްޔާ ރަނގަޅުކުރަން ޖެހިފައި.
މިއަދު މި ބައްދަލުވުމުގެ ކުރިން އަޅުގަނޑުމެން ބޭއްވިން، ކައުންސިލާއި، މުއައްސަސާތަކުގެ ބައްދަލުވުން. ވަރަށް ތަފްޞީލުކޮށް މި މައްސަލައިގައި މަޝްވަރާކުރެވި، ވާހަކަ ދެކެވުނު.
އާދެ، މިހާރު މި މައްސަލަ ޙައްލުނުވުމުގެ ސަބަބުން، ނަރުދަމާ ބޭނުންނުކުރެވޭ ގޮތް ވެފައި މިއޮތީ. ނަރުދަމާ އަޅައި ނިމިފައި. އެހެންނަމަވެސް، ނަރުދަމާގެ ބޭނުމެއް ނުހިފޭ. ޞިއްޙީ މަރުކަޒަށް އިތުރުކުރެވުނު ޖާގައިގެ ބޭނުމެއް ނުކުރެވޭ އެކަށީގެންވާ ގޮތެއްގައި. ޖުމްލަކޮށް، ރަށުގެ ކަރަންޓުގެ މައްސަލަ ޙައްލެއްނުވޭ. އެހެންވީމާ، މިކަމަށް ދާދި އަވަހަށް ބޮޑު ޙައްލެއް ގެނައުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން. ދެންމެ ދެންނެވިފަދައިން، މިއަދުގެ މީޓިންގގައި އަޅުގަނޑުމެންނަށް މިކަމާ މަޝްވަރާ ކުރެވުނު،
އެހެންވީމާ، އަޅުގަނޑުމެންގެ އަމާޒަކީ އިރާދަކުރެއްވިއްޔާ، މި އަހަރުގެ ތެރޭގައި، މި ނަރުދަމާގެ މައްސަލައަށް ޙައްލު ގެނައުމަށްޓަކައި އަދި ޞިއްޙީ މަރުކަޒަށް މި ބޭނުންވާ ކަރަންޓުގެ މައްސަލަ، ބޭނުންވާވަރަށް މި މައްސަލަ ޙައްލުކުރުމާއި، އަދި ދާގޮތަށްގޮސް އެންމެ ލަސްވެގެން ރޯދައިގެ ކުރިއަށް މުޅި ރަށުގެ ކަރަންޓުގެ މައްސަލަ ޙައްލުކޮށްދިނުން. ފެނަކައަށް ބޭނުންވާ ހުރިހާ ސަޕޯޓެއް، ސަރުކާރުގެ ތެރެއިން ބޭނުންވާ ހުރިހާ އެހީތެރިކަމެއްވެސް އަޅުގަނޑުމެން ފަހިކޮށްދޭނަން. ފަހިކޮށްދީ، މި ދެންނެވި ގޮތަށް، މި މައްސަލަ އިރާދަކުރެއްވިއްޔާ، ޙައްލުކޮށްދޭނަން. އެ ޔަޤީންކަން އަރުވަން. ހަމަ ވަރަށް ގާތުން އަޅުގަނޑުމެން މިކަން ބަލަމުންދާނަން.
އަޅުގަނޑަށް އިޙްސާސް ވެއްޖެ، މި ރަށަށް އައިސް ތިޔަބޭފުޅުންނާ ވާހަކަދެއްކީމާ އަދި އިތުރަށް ޔަޤީންވެގެން ހިނގައްޖެ، މީގައި ހުރި ކްރިޓިކަލްކަން. ކޮންމެގޮތެއްވިޔަސް، ލިޔެކިޔުމުން، ސިޓީބިޓީން، ބައްދަލުވުންތަކުން ކުރީގައިވެސް މަޢުލޫމާތު ލިބިފައި އެބަހުރި. އެކަމަށް މަސައްކަތްތައްވެސް ކުރެވިފައި މިހިރީ. އެކަން އިތުރު އާރޖަންސީއަކާ އެކީގައި އަޅުގަނޑުމެން މަސައްކަތްކުރަމުން ގެންދާނަން. މިކަން އިތުރަށް ރަނގަޅުކުރުމަށްޓަކައި މި ބޭނުންވާ އިތުރު އިންޕުޓްލައިގެން އަވަސް ކުރުމަށްޓަކައި. ރައްޔިތުންގެ ގާތަށް އައިސް، މިހެން ވާހަކަދައްކައި، ބައްދަލުކޮށް ހަދައިލީމާ ވަރަށް ގިނަ ކަންކަން ހަމަ ޙަޤީޤަތުގައިވެސް ރަނގަޅުކުރުމަށް މަގުފަހިވެގެންދޭ.
އެހެންވީމާ، މިއީ އެންމެ ބޮޑު އެއް މައްސަލައަކަށް އަޅުގަނޑު ހަމަ ޙަޤީޤަތުގައިވެސް ފާހަގަކުރާ، އަޅުގަނޑު ހިތުން ރައްޔިތުންނަށްވެސް އެންމެ ބޮޑު އެއް މައްސަލައަކަށް ވާނެ ކަމަކަށްވޭ. އާދެ، އެހެންވީމާ، ކަރަންޓުގެ މައްސަލަ އަވަސްކުރަން، މި ދެންނެވިހެން ވަރަށް ގާތުން، ވަރަށް ރަނގަޅަށް، ސީދާ ރައީސް އޮފީހުގެ ފަރާތުން، ކަމާބެހޭ ފަރާތްތަކާއި ގާތުން ވާހަކަދައްކައި ބަލަމުން ގެންދާނަން.
ދެން މިއޮތީ ސްކޫލްގެ މަޝްރޫޢު. މި ކަންތަކަށްވެސް ބަލައިލާއިރުގައި، ފައިސާގެ އިޝޫއެއް ޙަޤީޤަތުގައި ނެތް. މި ކުންފުންޏަށް މިހާތަނަށް ކުރި މަސައްކަތަށް ހުރީ ޖުމްލަކޮށް ފައިސާ ދެވިފައި. އެންމެ ލައްކައެއްހާ ރުފިޔާގެ ޕެންޑިންގ ބިލްސް ހުންނާނީ. ދެން މިވަރުގެ މަސައްކަތެއްގައި، އެއީ، ވަރަށް ކުޑަ އަދަދެއް. ޖުމްލަކޮށް ދަންނަވަންޏާ، ޕެންޑިންގ އެއްވެސް ޕޭމަންޓެއް ނެތޭ ދެންނެވޭ ހިސާބަށް ފައިސާގެ މައްސަލައެއް ނެތް. މިނިސްޓްރީގެ ފަރާތުން މި ކުންފުންޏާ އެ ގެންދަވަނީ ވާހަކަ ދައްކަވަމުން. އަވަހަށް މަސައްކަތް ފަށައިގެންގޮސް ނިންމުމަށް. މިހާރު މިއީ ޕްރައިވެޓް ކުންފުންޏަކުން ކުރާ ކަމެއްވީމާ، ސީދާ ސަރުކާރުން މުވައްޒަފުން ލައްވައި، ސަރުކާރުގެ އެސް.އޯ.އީ.އެއް ލައްވައި ކުރެވޭކަހަލަ ކަމަކަށްނުވޭ.
މިސާލަކަށް، ސަރުކާރުގެ ކުންފުންޏެއްނަމަ، އަޅުގަނޑުމެންނަށް ހަމަ މުޅިން އެހެން ގޮތަކަށް މިކަން ރާވައިލެވޭނެ. ސަރުކާރުގެ މުވައްޒަފުން ލައްވައި، ސަރުކާރުގެ ތަކެތި އަރުވައި، އެހެން ގެންދެވޭކަހަލަ ގޮތަކަށްނޫން މިއޮތީ. އެހެންވީމާ، ޕްރައިވެޓް ކުންފުންޏެއް މެދުވެރިކޮށް، އަނެއްކާ ފައިސާ ދެވިފައި ހުރި ކަމަކަށްވާއިރުގައި، ދެން އިތުރު ބިލެއް އެ މީހުންނަށް ރެއިޒް ކުރެވޭނީވެސް މަސައްކަތެއް ކޮށްގެން. އެހެންވީމާ، މަސައްކަތްކުރަން އަރަން މިހާރު އެއޮތީ އެންގިފައި. ވަރަށް ގިނަފަހަރު އެންގިއްޖެ. ދެން، މިހާރު ދޭ ޔަޤީންކަމަކީ، މި ފެށޭ މަހުގެ ތެރޭގައި، އެހެން ރަށެއްގެ މަޝްރޫޢު ނިންމާފައި، މި ރަށަށް ހުރިހާ އެންމެން އަންނާނެ ކަމަށް. މިއަދު ކުރިން އޮތް މީޓިންގގައި މިނިސްޓަރވެސް އެ ވާހަކަ ވިދާޅުވެލެއްވި. މިއީ އަޅުގަނޑުމެން ޤަބޫލުކުރާ ސްޓޭންޑަޑެއް ނޫން އެއްގޮތަކަށްވެސް. އެހެންވީމާ، އިތުރަށް މަސައްކަތް ކުރަމުންދާނަން. އެ ކުންފުނީގެ ޒިންމާއެއް، އެގްރީމަންޓްގައި އޮތްގޮތަށް މި މަސައްކަތްތައް އަވަހަށް ނިންމުން.
އެހެންވީމާ، އެކަމަށް އިތުރަށް ބާރުއަޅައި، ސްކޫލުގެ މަޝްރޫޢު އަވަސްކުރަން މަސައްކަތް ކުރަމުން ގެންދާނަން. އެކަމަކު ސީދާ ސަރުކާރަށް ކުރެވޭނެ ކަމަކަށް އޮންނާނީ، ދޭންއޮތް ފައިސާއެއްވިއްޔާ ދިނުން. ދީގެން، އަވަސްކުރަން މަސައްކަތް ކުރުވުން. ދެން އެގްރީމަންޓާ ޚިލާފުވެއްޖިއްޔާ، އެގްރީމަންޓްގައި އޮންނަ އުޞޫލުން ބާޠިލުކުރުން. އެހެންވީމާ، އެހެން ނަހަދާ، މަސައްކަތް ނިންމާލެވޭތޯ އަޅުގަނޑުމެން އަދިވެސް ބަލަމުން ގެންދާނަން. އެކަމަކު ވަރަށް ލަސްވެއްޖެ. ދެ ދަންފަޅިން، އެއް ދަންފަޅިއަށް ބަދަލުކުރަން ބަލާއިރުގައި، މިއީ ހަމަ އަސާސީ ކަމެއް. ދެން، އެކަން އެހެން އޮތްއިރުގައި، އެކަންވެސް ނިންމުމަށް ވަރަށް އަވަހަށް އަޅުގަނޑުމެން ބާރުއަޅަމުން ގެންދާނަން، އެ 10 ކްލާސްރޫމްގެ މަޝްރޫޢުގެ ކަންތައް.
އޭގެއިތުރަށް، މި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން، މި ރަށުގައި އަޅުގަނޑުމެން މަލްޓި ޕަރޕަސް ހޯލެއް އެޅުމަށް ހިމަނައި، މަލްޓި ޕަރޕަސް ހޯލެއް އަޅައިދޭނަން. އިރާދަކުރެއްވިއްޔާ، އެކަން އަޅުގަނޑުމެން ކުރިއަށް ގެންދާނަން. އެހެންވީމާ، 10 ކްލާސްރޫމްގެ މަޝްރޫޢު، މި ދެންނެވި ފަދައިން ކުރިއަށް ގެންދާހިނދު، މަލްޓި ޕަރޕަސް ހޯލެއް އިރާދަކުރެއްވިއްޔާ ވަކި މަޝްރޫޢެއް ގޮތުގައި، އަޅުގަނޑުމެން ކުރިއަށް ގެންގޮސްދޭނަން. ދެން ހުރިހާ ރަށެއްގެ އޭސީކުރުން ކުރިއަށްދާގޮތަށް، މި ރަށުގައިވެސް ކްލާސްތައް، އިރާދަކުރެއްވިއްޔާ ދިރާސީ އާ އަހަރު ފެށޭއިރު ހުންނާނީ އޭސީކުރެވިފައި. އާދެ، މި ދެންނެވިހެން އަޅުގަނޑުމެން މި މަސައްކަތްކުރަމުން މިގެންދަނީ.
އާދެ، އޭގެއިތުރަށް ބަލާއިރުގައިވެސް، އިރާދަކުރެއްވިއްޔާ އަދި ކުރިއަށްވެސް ގިނަ މަސައްކަތްތަކެއް ހުންނާނެ. އާދެ، އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ، ދެންހުރި ކަންކަންވެސް، ރައްޔިތުން އެދިވަޑައިގަންނަވާފައި މިހިރަގޮތަށް، މަސައްކަތްތައް ނިންމައިދިނުމަށް. އަދި އަވަސްކުރުމަށްޓަކައި ކުރަންހުރި ކަންކަން، ކުރިއަށް ގެންދިޔުމަށް.
އާދެ، ކައުންސިލުން ވޮލީކޯޓެއް އެޅުމަށް ކުރާ މަސައްކަތަށްވެސް ސަރުކާރުން އެބަ އެއްބާރުލުން ދެން. އެކަމަށް ބޭނުންވާ ފައިސާވެސް މިހާރު މިއޮތީ ސަރުކާރުން ހަމަޖައްސައިދީފައި. އެހެންވީމާ، އެ ފައިސާ ދާދިއަވަހަށް ކައުންސިލަށް ޖަމާވާނެ. ޖަމާވީމަ، ކައުންސިލުން ވޮލީކޯޓުވެސް އެޅޭނެ. އަދި އިރާދަކުރެއްވިއްޔާ ނަރުދަމާ ބޭނުންކުރަން ފެށުނީމަ، ކުރިއަށް އޮތް އަހަރު، މަގު ހެދުމުގެ މަޝްރޫޢަކަށްވެސް އަޅުގަނޑުމެން އެބަ ޕްލޭންކުރަން. އެހެންވީމާ، އެއީ މި ރަށުގައި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ކަމެއް. މަގު ހެދުމުގެ މަޝްރޫޢެއްވެސް ކުރިއަށް ގެންދިޔުން އެބައޮތް.
އާދެ ޖުމްލަކޮށް ދަންނަވަންޏާ، އަޅުގަނޑަށް ދެންނެވޭނީ، ހުރިހާ ދާއިރާއަކުންވެސް، ތަޢުލީމީ، ޞިއްޙީ، ކުޅިވަރު، އިންފްރާސްޓްރަކްޗަރ، މިހެންހުރި ކޮންމެ ދާއިރާއަކުންވެސް، ރަށަށް ބޭނުންވާ ތަރައްޤީގެ ކަންކަން، އަޅުގަނޑުމެން ވަރަށް ގާތުން އިސްކަންދީގެން، ވަރަށް ރަނގަޅަށް ކުރިއަށް ގެންގޮސްދޭނަމޭ. އެކަންކަމަށް، ސަރުކާރުގެ ކަމާބެހޭ ހުރިހާ ވުޒާރާތަކާއި، ކުންފުނިތަކުން މަސައްކަތް ކުރަމުން ގެންދާނެ. އަޅުގަނޑުމެން ބޭނުންވަނީ، އަޅުގަނޑު ވީ ވަޢުދުތަކުގެ އިތުރަށްވެސް ހުރި، މިކަހަލަ މުހިންމު ގިނަ ކަންތައްތަކެއް ރައްޔިތުންނަށް ވީހާވެސް އަވަހަކަށް، ރަނގަޅަށް ނިންމައިދޭން.
މިހާރު މިއޮތީ، ބަޖެޓު ހުށަހެޅުމުގެ ވަގުތު އައިސްފައި. މި ހަފުތާ ނިމުމުގެ ކުރީގައި، ޤާނޫނުގައި ބުނާގޮތަށް، ސަރުކާރުން މަޖިލީހަށް ބަޖެޓު ހުށަހަޅާނެ. ހުށަހަޅާއިރުގައި، މިހެންހުރި ކަންކަން ހިމަނާފައި، މި ދެންނެވިހެން، މި ރަށުގައި މަލްޓި ޕަރޕަސް ހޯލު ހިމެނިގެންދާނެ، އާ މަޝްރޫޢެއް ގޮތުގައި. މިހެން ހުރި ކަންކަން ހިމަނައިގެން، އަޅުގަނޑުމެން ރާއްޖޭގެ ހުރިހާ ރަށެއްގައި، އަޅުގަނޑު ވެފައިހުރި ވަޢުދުތަކުގެ ތެރެއިން، މި އަހަރު ޢަމަލީގޮތުން ސޮއިކުރެވި، މަސައްކަތް ފެށުނު މަޝްރޫޢުތަކުގެ އިތުރަށް، ދެންހުރި ވަޢުދުތައް ފުއްދަން ބޭނުންވާ ހުރިހާ މަޝްރޫޢަކަށް، މި އަންނަ އަހަރު ބަޖެޓުގައި ޖާގަ އަޅުގަނޑުމެން ހަމަޖައްސާފައި، ބަޖެޓު މި ހުށަހަޅަނީ. އަޅުގަނޑު ކުރިން އޮންނާނެ އިޢުލާނުކޮށްފައި، ދެ އަހަރަށް ބަހާލައިގެންނޭ ވަޢުދުތައް ޢަމަލީގޮތުން ފުއްދުމުގެ މަސައްކަތްތައް ތާވަލުކޮށްފައި މިއޮތީ. އެހެންވީމާ، މި އަންނަ އަހަރަށް މި ހުށަހަޅާ ބަޖެޓު ވެގެންދާނީ، އަޅުގަނޑު ރައްޔިތުންނަށް ވީ ވަޢުދުތަކުގެ ބާކީހުރި މަޝްރޫޢުތައް ފެށޭ ބަޖެޓަކަށް. އަދި އޭގެއިތުރަށް، ރައްޔިތުންނަށް ޚިދުމަތްތައް ދިނުމުގެ ގޮތުން، ފަހިވާގޮތަށް އިތުރު ކަންކަންވެސް ބަޖެޓުގައި މި ހުށަހަޅަނީ.
މިގޮތުން ބަލާނަމަ، އެއްކަމަކަށް އަޅުގަނޑުމެން ނިންމާފައި މިއޮތީ، ޤާނޫނުއަސާސީއަށް ގެންނަ ބަދަލެއްގެ ތެރެއިން، އަތޮޅު ކައުންސިލްތައް އުވާލަން. އަތޮޅު ކައުންސިލްތައް އުވާލީމަ، މި ލިބޭ ފައިސާ އަޅުގަނޑުމެން މި ބަހާލަނީ، ރަށްރަށުގެ ކައުންސިލްތަކުގެ ބަޖެޓުގެ ތެރެއިން، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ކުރަން. އަތޮޅު ކައުންސިލް ނެތުނީމަ، އެ ސޭވްވާ އެމައުންޓް ހޭދަ މިކުރަނީ، ރައްޔިތުންގެ އިޖުތިމާޢީ ކަންކަމަށް އެއިން ފަހިވާގޮތަށް. މި ދެންނެވި ގޮތަށް ބަލާއިރުގައި، މި އިތުރުވާ ފައިސާ، ބަހާލެވޭ ފައިސާ، ކޮންމެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް، އެ ރަށެއްގައި ހުންނަ، އިޖުތިމާޢީ ގޮތުން ރައްޔިތުންގެ ތެރޭގައި ހުރި ވަލްނަރަބަލް، ނޫނީވިއްޔާ އެހީ ބޭނުންވާ ފަރާތްތަކަށް، އެއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ކަމުގައިވިޔަސް، އެކިކަހަލަ އެހީތެރިކަން ބޭނުންވާ ފަރާތްތައްވިޔަސް، އިމަރޖެންސީކޮށް ދިމާވާ ކަންކަމުގައިވިޔަސް، މިހެން ހުންނަ އެހީތެރިކަން ބޭނުންވާ ދިމަދިމާއަށް، އެހީތެރިކަން ދެވޭގޮތަށް، ކައުންސިލްގެ ބަޖެޓަށް މި އިތުރުވާ ފައިސާ ބޭނުންކުރުން ލާޒިމުވާގޮތަށް، އަޅުގަނޑުމެން ކައުންސިލްތަކަށް މި އިތުރުވާ ބަޖެޓު މި ހަމަޖައްސަނީ.
އެހެންވީމާ، މި އަހަރާ ބަލާއިރުގައި، މިދިޔަ އަހަރުތަކާ ބަލާއިރުގައި، ދެން މި އަންނަ އަހަރު ކައުންސިލްތަކަށް ނިސްބަތުން ބަޖެޓް އިތުރުވެގެން ދާދިޔުން، އެ ބޭނުންކުރެވޭނީ، ހަމައެކަނި މި ދެންނެވި ފަދައިން، އިންޑިވިޖުއަލް އާންމު ރައްޔިތުންނަށް ބޭނުންވާ، މި ދެންނެވި ކަހަލަ ބޭނުންތައް ޖެހިފައި ހުރި ފަރާތްތަކަށް ބޭނުންވާ ކަންކަމަށް. ޤާނޫނުގައި، ކައުންސިލްތަކުގެ މެންޑޭޓުގައި އޮންނާނެ ވަރަށް ގިނަ ކަންކަން. އޭގެތެރޭގައި އޮންނާނެ، އިޖުތިމާޢީ ގޮތުން ރައްޔިތުންނަށް ކަންކަން ކޮށްދިނުން. އެ އިޖުތިމާޢީ ރައްކާތެރިކަން ހޯދައިދިނުން އޮންނާނެ، ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް. އެ ޒިންމާ އަދާކުރުމަށް ބޭނުންވާ ފައިސާ މިދެނީ. ކުރިން ދަންނަވާލި ފަދައިން، މިސާލަކަށް، އޭރުން ރަށްރަށުގައި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް، ނޫނީވިއްޔާ ހަމަ ޢާއިލާ ތެރޭގައި އެކިކަހަލަ ގޮތްގޮތުން، ސަރުކާރުން، ނޫނީވިއްޔާ ކައުންސިލުން އެހީތެރިކަން ދޭންޖެހޭ ކަހަލަ ފަރާތްތައް ތިބޭނެ. އަދި އޭގެއިތުރަށްވެސް، ކުއްލިއަކަށް ދިމާވާ ނުރައްކަލަކާ ގުޅިގެން، ނޫނީވިއްޔާ އެކި ގޮތްގޮތުން ކައުންސިލުން އެހީތެރިކަން ދޭންޖެހޭ ފަރާތްތައް ތިބޭނެ. އެހެންވީމާ، އެފަދަ ފަރާތްތަކަށް އެ ބޭނުންވާ ކެއަރ، އެ ބޭނުންވާ އެހީތެރިކަން ކައުންސިލް މެދުވެރިކޮށް ދެވޭނެގޮތަށް، މި ދެންނެވިހެން، އަތޮޅު ކައުންސިލްތައް އުވާލީމަ މި ލިބޭ ފައިސާ، ރަށު ކައުންސިލްތަކަށް ބަހާލައިގެން ދޭން ޗެނަލްކުރެވޭ ގޮތަށް މަޖުބޫރުވާ ގޮތަށް، މި ބަހާލެވޭގޮތަށް މި ހަމަޖައްސަނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ބަޖެޓު ވެގެންދާނީ، ކައުންސިލްތައް މެދުވެރިކޮށް ރައްޔިތުންނަށް ވަރަށް އޯގާތެރި، ވަރަށް ކެއަރިންގ، އެހީތެރިކަންދެވޭ ފަދަގޮތަކަށް ފަހިވާގޮތަށް، ބަޖެޓު އިތުރުވެގެންދާ ބަޖެޓަކަށް.
އާދެ އެހެންވީމާ، ރަށްރަށުގެ މިހެންހުރި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމުގެ އިތުރަށް، މިހެން ހުންނަ އިޖުތިމާޢީ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަންދޭން އަޅުގަނޑުމެން ބޭނުން. މީގެ ފައިދާ ރައްޔިތުންނަށް އިޙްސާސްވާނެ މި އަންނަ އަހަރު. އިރާދަކުރެއްވިއްޔާ، އިޙްސާސްވާނެ ހަމަ އިންޑިވިޖުއަލް، ވަކިވަކި ފަރާތްތަކަށް. އެހެންވީމާ، އަޅުގަނޑުމެން ބަޖެޓު ފާސްކުރާއިރު އޮންނާނީ އެ އުޞޫލުން.
އާދެ، އަދިވެސް އެއްފަހަރު، އޮޅުވެލިފުށީގެ ރައްޔިތުންނަށް ދަންނަވާލަން ބޭނުން، މިއަދު މި ފެށިގެންދިޔަ، ސޮއިކުރެވިގެންދިޔަ ކަންކަމާއި، އަދި ދެންމެ އަޅުގަނޑު ދަންނަވާލި ފަދައިން، މި އަންނަ އަހަރަށް މިހިރަ ކަންކަން، އަޅުގަނޑު ދެންނެވި ފަދައިން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށް ގެންދާނަން. ރައްޔިތުންނަށް މި ބޭނުންވާ ހުރިހާ ކަމަކަށް ވަރަށް ސަމާލުކަންދީގެން، ވަރަށް އިސްކަންދީގެން ސަރުކާރުން މަސައްކަތް ކޮށްދޭނަން. އަދި އޭގެއިތުރަށްވެސް، ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި އަޅުގަނޑުމެން ދާނީ އެހީތެރިކަން ދެމުން.
އަދިވެސް އެއްފަހަރު، އޮޅުވެލިފުށީ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އަޅުގަނޑުގެ ދުޢާއަކީ، މި ރަށުގެ ތަރައްޤީއަށް، އަދި ރާއްޖޭގެ ތަރައްޤީއަށް މި ކުރެވޭ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން، ތައުފީޤު ދެއްވުން. އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.