بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

އިސްދޫ އަދި ކަލައިދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ދެ ރަށުގެ ކައުންސިލްގެ ރައީސް، މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ދެ ރަށުގެ މުއައްސަސާތަކުގެ ވެރިންނާއި، ޚިދުމަތްތެރި އިސް ރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ އަޑުއައްސަވަމުން ގެންދަވާ، އަދި ބައްލަވަމުން ގެންދަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

މިއަދު މި އަތޮޅަށް ކުރަމުންދާ ދަތުރު ނިންމާލަން ރޭވިފައި، ހަމަޖެހިފައި މިއޮތީ، މި ރަށަށް އައިސްގެން. އާދެ، އަޅުގަނޑުމެން މި ރަށަށް އައުމުން، އިސްދޫ، ކަލައިދޫގެ ލޮބުވެތި ރައްޔިތުން ވަޑައިގެން، އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ތިޔަ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

މިއަދު އިރާދަކުރެއްވީތީ، މުހިންމު މަޝްރޫޢުތަކެއް ފެށިގެން ހިނގައްޖެ. ދެ ރަށުގެ ތަރައްޤީއަށްޓަކައި ބޭނުން، މުހިންމު ކަންތައްތަކެއް އިރާދަކުރެއްވީތީ މި ފެށުނީ. އަދި ސޮއިކުރެވުނު މަޝްރޫޢަކީވެސް އެހާމެ މުހިންމު މަޝްރޫޢެއް. މިއީ އަޅުގަނޑު ރިޔާސީ އިންތިޚާބުގައި، ރައްޔިތުންނަށް، ދެ ރަށުގެ ރައްޔިތުންނަށް ވެފައިހުރި ގިނަ ވަޢުދުތަކެއް ފުއްދުމުގެ ގޮތުން، ޢަމަލީގޮތުން ފެށިގެންދާ މަޝްރޫޢުތައް. އާދެ، ސޮއިކުރެވުނު މަޝްރޫޢާއި، ޢަމަލީގޮތުން ފެށިގެންދިޔަ މަޝްރޫޢުތައް އިރާދަކުރެއްވިއްޔާ، ވަރަށް ހަލުވި ދުވެލީގައި، ވަރަށް އިސްކަމެއްދީގެން، ރަނގަޅަށް ކުރިއަށް ގެންގޮސް ނިންމައިދޭނެކަމުގެ ޔަޤީންކަން، ދެ ރަށުގެ ލޮބުވެތި ރައްޔިތުންނަށް އަރުވަން. ހަމަ ޔަޤީނުންވެސް ވަރަށް ދަތިވެފައިހުރި ކަންތައްތަކެއް ހުރީ.

މިސާލެއްގެ ގޮތުގައި ފާހަގަކޮށްލާނަމަ، މަގުތައް ވަރަށް ބޮޑަށް ހަލާކުވެފައި. އެހެންވީމާ، މަގުތައް ހެދިގެންދިޔުން ވާނީ، ވަރަށް ބޮޑު ފަސޭހައެއް ލިބޭ ކަމަކަށް. ރަށް ތަރައްޤީ ކުރުމަށް ވިސްނާއިރުގައިވެސް، ހަމަ ވަރަށް އަސާސީ މުހިންމު ކަމެއް މި މަގުތައް ހެދުން. މަގުތަކުގެ ވާހަކަ ދައްކާއިރު، މި ރަށުގައި ކުރިން އަޅާފައި މި އޮތް ނަރުދަމާގައި އޮތީ ވަރަށް ބޮޑު މައްސަލަތައް ދިމާވެފައި. އާދެ، މި ދާއިރާގެ ދެތިން ރަށުގައި، މި ނިޒާމު މިއޮތީ މީގެކުރިން، އަހަރުތަކެއް ކުރިން، ޤާއިމުކޮށްފައި. އޭގެ މައްސަލަތައް ވަރަށް ބޮޑު. މިއީ ކުދިކުދި މަރާމާތުން ޙައްލުކުރެވޭ ކަހަލަ ނިޒާމެއް ނޫން.

އެހެންވީމާ، ސަރުކާރުގެ ވިސްނުމަކީ، މި ނިޒާމު ޤާއިމުކޮށްފައި މިއޮތް، ތިންރަށް. މި ސަރަޙައްދުގައި މިއޮތް ތިން ރަށުގައިވެސް، މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން، ފުރިހަމަ ރަނގަޅު، ނަރުދަމާގެ ނިޒާމެއް ޤާއިމުކޮށްދިނުން. އިރާދަކުރެއްވިއްޔާ އެކަން ކުރިއަށް ގެންދާނަން. އަޅުގަނޑު ހިތުން އެއީ ހަމަ މިކަމުގައި އޮތް ޙައްލަކީ. އެހެންވީމާ، ނަރުދަމާ ރަނގަޅުކުރުން، މަގުހެދުމާ ގުޅިފައި އޮތީ. މަގުތައް ހެދޭނީ، ނަރުދަމާ ރަނގަޅު ކުރެވިގެން. އެހެންނަމަވެސް، ދެ ކަންތައްވެސް އެކުއެކީގައި ގެންދެވޭނެ ގޮތެއް، ނޫނީވިއްޔާ، ނަރުދަމާގެ ކަންތައް ހަމަޖެހުނުހާ އަވަހަކަށް މަގުތައް ހެދޭނެގޮތަށް އަޅުގަނޑުމެން މިކަން މިއޮތީ ތައްޔާރުކޮށްފައި.

ހަމަ އެފަދައިން، ދެންހުރި މަޝްރޫޢުތައްވެސް، މިއަދު ޢަމަލީގޮތުން ފެށުނު މަޝްރޫޢުތައް، ދަނބިދުއާ ގުޅުވާލުމުގެ މަޝްރޫޢަކީ އެތައް އަހަރެއް ވެފައި އޮތް ކަމެއް. އެކި ގޮތްގޮތަށް ވަޢުދުތައްވެ، ސޮއިކުރެވި، ކަންކަން ވެފައި އޮތް މަޝްރޫޢެއް. ނަމަވެސް، އިރާދަކުރެއްވިއްޔާ އެއްކިލޯ މީޓަރުގެ މި ދޭތެރެ ގުޅުވައިލުން މިއަދު މި ފެށިގެންދިޔައީ. ވަރަށް އިސްކަމެއްދީގެން އެކަމަށް ބޭނުންވާ، ހުރިހާ ކަމެއް ފުރިހަމަވެގެންދާނެ. އެއީވެސް، ހަމަ ޔަޤީނުންވެސް މި ދާއިރާގެ ތަރައްޤީއަށް ވަރަށް މުހިންމު ކަމެއް.

ހަމައެފަދައިން، ދެންހުރި މަޝްރޫޢުތައްވެސް އަޅުގަނޑުމެން ކުރިއަށް ގެންދާނަން. އެހެން ދާއިރާތަކުންވެސް، މި ދެ ރަށުގެ ތަރައްޤީއަށް ކަންކަން ކުރެވިގެންދާނެ. އެންމެ މުހިންމު އެއް ކަމެއްގެ ގޮތުގައި އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވަނީ، ޞިއްޙީ ނިޒާމު. އާދެ، ޞިއްޙީ ނިޒާމު ރަނގަޅު ކުރުމަށްޓަކައި، އިރާދަކުރެއްވިއްޔާ ދާދި އަވަހަށް އަޅުގަނޑުމެން މި މަސައްކަތްކުރަނީ، މި މަސް ނިމެންވާއިރަށްވެސް ސޮއިކުރެވޭތޯ. ދާދި އަވަހަށް އަޅުގަނޑުމެން 30 އެނދުގެ ޒަމާނީ ހޮސްޕިޓަލެއް އެޅުމަށް އެބަ އެގްރިމެންޓް ކުރަން. އިރާދަކުރެއްވިއްޔާ، މި އަހަރުގެ ތެރޭގައި ޢަމަލީ މަސައްކަތް ފެށޭނެ. ދެ ރަށުގެ ރައްޔިތުންނަށްވެސް ފަސޭހައިން ބޭނުންކުރެވޭ ސަރަޙައްދެއްގައި ހޮސްޕިޓަލް އަޅާނީ.

ހަމައެއާއެކީގައި، މިހާރު ހުރި ޞިއްޙީ ނިޒާމު ރަނގަޅުކުރުމަށްވެސް، ހޮސްޕިޓަލްގެ މަސައްކަތް ނިމުމާ ހަމައަށް ދަންދެން ހޭދަވާނެ ދުވަސްތަކަށްވެސް ބޭނުންވާނެ އިތުރު ކުރިއެރުންތައް ގެނެސްދިނުމަށްވެސް އަޅުގަނޑުމެން ޞިއްޙީ މަރުކަޒުތައް ރަނގަޅުކޮށްދޭނަން. މިހާރު ކުރެވެންހުރި ކަންކަން، މި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން ކުރެވެންހުރި ކަންކަމާއި، އެކަންކަމަށް ވިސްނައިގެން، އެއީ މުވައްޒަފުން ހޯދައިދިނުން، ޑޮކްޓަރުން ހޯދައިދިނުން، މިފަދަ ކަންކަން ހިމެނޭހެން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، ޞިއްޙީ ނިޒާމުވެސް ރަނގަޅުކޮށްދޭނަން.

ހަމައެފަދައިން ތަޢުލީމީ ނިޒާމުވެސް. ސްކޫލްތަކަށް އިތުރަށް ބޭނުންވާ ކުލާސްރޫމްތައް އަޅައިދިނުން ފަދަ ކަންކަން މި އަންނަ އަހަރަށް އަޅުގަނޑުމެން ބަޖެޓު ކުރާއިރުގައި، އިރާދަކުރެއްވިއްޔާ އެގޮތަށް ގެންދަން ރާވާފައި އޮތީ. އަދި މި އަހަރު ފެށެންހުރި މަސައްކަތްތައްވެސް އަޅުގަނޑުމެން ބަލާނީ ރަނގަޅަށް ފަށައިދެވޭނެ ގޮތެއް ހަމަޖައްސަން.

މިގޮތަށް ބަލާއިރުގައި، ކުޅިވަރުގެ ދާއިރާއިންވެސް އެކި ދަނޑުތައް އެޅުން، ފުޓްސަލް ދަނޑުގެ ޓާރފް ބަދަލުކުރުން، ނޫނީވިއްޔާ އަލަށް ވޮލީކޯޓު އަޅައިދިނުން، ހޭންޑްބޯލް ކޯޓު އަޅައިދިނުން، މިއީ އަޅުގަނޑުމެން ރާވާފައި ހުރި ކަންތައްތައް. މި އަންނަ އަހަރުގެ ބަޖެޓުގައި އެބަ ހިމަނަން، ވޮލީކޯޓު، ހޭންޑްބޯލް ކޯޓު، އަދި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު، މި ހުރިހާ ތަންތަނެއް އެޅުން. އިރާދަކުރެއްވިއްޔާ، މި މަރުކަޒުތައް، މި ކޯޓުތައް އެޅިގެންދާނެ މި އަންނަ އަހަރުގެ ތެރޭގައި. ހަމަ އޭގެއިތުރަށް، އިންޑޯ ބެޑްމިންޓަން ކޯޓު އެޅުން، ދުވާ ޓުރެކެއް އަޅައިދިނުން، މިކަންކަންވެސް މި އަންނަ އަހަރުގެ ބަޖެޓުގެ ތެރޭގައި ހަމަޖެހިގެންދާނެ. އާދެ، މިއީ ޖުމްލަކޮށް، ކުޅިވަރުގެ ދާއިރާގައި ހުރި ބައެއް ކަންކަން އަޅުގަނޑު މި ފާހަގަކޮށްލަދިނީ.

ހަމަ އޭގެ އިތުރަށްވެސް، ތަރައްޤީގެ މުހިންމު އެކިއެކި މަޝްރޫޢުތައް އަޅުގަނޑުމެން ކުރިއަށް ގެންދާނަން. އާދެ، ކަރަންޓުގެ ނިޒާމު ވަރަށް ބޮޑަށް އަޕްގްރޭޑް ކުރަންޖެހޭ. އެހެންވީމާ، އިތުރު ޖަނަރޭޓަރުތައް ގެނައުމާއި، މިހާރު ހަދަމުންދާ ޕަވަރހައުސް ނިންމުމާއި، މިކަހަލަ ކަންތައްތައްވެސް ކުރިއަށްދާނެ. އެކަމަށްޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތްތައް ވަރަށް ރަނގަޅަށް، ވަރަށް އަވަހަށް ކުރިއަށް ގެންދެވޭނެ ގޮތްތައް ހަމަޖެހިގެންދާނެ.

އެހެންވީމާ، މިހެންހުރި ކޮންމެ ދާއިރާއަކުން މިހާތަނަށް ރަނގަޅަށް ސަމާލުކަން ނުދެވި މިހިރަ ކަންކަން ރަނގަޅުކޮށް، ސަމާލުކަންދީގެން ކުރުމަކީ، އަޅުގަނޑުމެން އިސްކަންދޭނެ ކަންތައްތައް. އޭގެ ސަބަބުން އިރާދަކުރެއްވިއްޔާ، ރައްޔިތުންނަށް ދާދި އަވަހަށް ފަސޭހަތައް ލިބޭނެ ކަންކަން އަޅުގަނޑުމެން ކުރަމުން މިގެންދަނީ.

އާދެ، އަޅުގަނޑު ހިތުން މި ހުޅުވިގެންދިޔަ އޭ.ޓީ.އެމް.ތަކުންވެސް ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއްވާނެ. އަދި އަޅަން މި ފަށާ ފުލުހުންގެ މަރުކަޒު އެޅިގެން ދިޔުމުންވެސް، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި، ފުލުހުންގެ ޚިދުމަތް ލިބިގެން ދިޔުމުގައިވެސް ފަސޭހަތައް ލިބިގެންދާނެ.

އާދެ، މި ރަށަކީ ތާރީޚީގޮތުންވެސް ވަރަށް މުއްސަނދި ރަށެއް. ދިވެހިރާއްޖޭގެ ތާރީޚު މި ރަށާ ވަރަށް ބޮޑަށް ގުޅިފައިވާ ރަށެއް. އާދެ، އަޅުގަނޑުމެންގެ ސިޔާސަތުގެ ތެރޭގައި ވަރަށް ބޮޑަށް އިސްކަމެއް ދެން، ޤައުމިއްޔަތު ދިރުވައި އާލާކުރަން. ޤައުމިއްޔަތު ދިރުވައި އާލާކުރުމުގެ ތެރޭގައި، ރާއްޖޭގެ ތާރީޚު ދިރުވައި އާލާކުރުން، ނޫނީވިއްޔާ ތާރީޚީ ކަންކަން އޮޅުންފިލުވައި، ނޫނީވިއްޔާ އެކަންކަން އިތުރަށް ޒުވާނުންނަށް، ކުޑަކުދިންނަށް، އަދި ރާއްޖެއަށް ވިޒިޓްކުރާ ފަތުރުވެރިންނަށް، މިހެންގޮސް ހުރިހާ ފަރާތްތަކަށް އެނގޭނެފަދަ ގޮތްގޮތަށް، އަންނަން އޮތް ޒަމާންތަކަށް ރައްކާތެރިކޮށް، ތަރައްޤީކޮށް ދެމެހެއްޓުން، ބެލެހެއްޓުން. އެ ނިޒާމު ގެނައުން އެއީ އަޅުގަނޑުމެންގެ ސިޔާސަތުގައި އޮތް ކަމެއް، ޤައުމިއްޔަތު ދިރުވައި އާލާކުރާއިރު. އެހެންވީމާ، ތާރީޚާއި ސަގާފަތް ދިރުވައި، އާލާކުރުމުގައި މި ރަށަށް ސަމާލުކަން ދޭންޖެހޭ.

އާދެ، ޓޫރިޒަމް ފުޅާކުރުމުގައިވެސް، އަޅުގަނޑުމެންގެ އެ ސިޔާސަތު އެއީ މި ދެންނެވިހެން، ރާއްޖޭގައި މިހިރަ ޚާއްޞަ ބައެއް ކަންކަން ބެލުމަށް އަންނާނެ ފަރާތްތަކަށް، ޝައުޤުވެރިކަން އިތުރުވާނެގޮތަށް ޓޫރިޒަމް ފުޅާކުރަން، "ވިޒިޓަރ އިކޮނޮމީ" ކޮންސެޕްޓްގައި އަޅުގަނޑުމެން އެ ކަންތައްތައް މި ރާވަނީ. އެހެންވީމާ، ތާރީޚީ ކަންކަން، ސަގާފީ ކަންކަން ބެލުމާއި، އެކަންކަމުގެ މަޢުލޫމާތު ހޯދަން ބޭނުންވާ ފަތުރުވެރިން، އެކި ޤައުމުތަކަށް ވަރަށް ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް ހަދާ. ހަމަ ޔަޤީނުންވެސް، އެފަދަ ފަރާތްތައް ބޭނުންވާނެ ރާއްޖެއަށްވެސް އަންނަން. އެހެންވީމާ، މިއީ އެގޮތުން ބަލާއިރުގައި، މުހިންމު އިންވެސްޓްމަންޓްތަކެއް ކުރެވޭނެ، ސަރުކާރުން އެކަމަކަށްޓަކައި ކަންތައްތަކެއް ކުރެވޭނެ، އަދި ކުރަންޖެހޭ ރަށެއް.

އެހެންވީމާ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި، އަޅުގަނޑުމެން ވީހާވެސް އިސްކަމެއްދީގެން، މި ދެންނެވި ނަޒަރިއްޔާތުން، މި ރަށުގައި ހުރި ތާރީޚީ ކަންކަން ރަނގަޅުކޮށްދީ، އަދި ދިވެހިވަންތަކަން، ދިވެހީންގެ ސަގާފަތާއި، އާދަކާދަ، ކުޑަކުދިންނާއި، ޒުވާނުންނާއި، ކިޔަވާކުދިންނާއި، ފަތުރުވެރިންނާއި، ހުރިހާ ފަރާތްތަކަށް ފެންނާނެ ފަދަ ގޮތަކަށް، މިތަނުގައި ޤާއިމުކޮށްދިނުމުގެ މަސައްކަތްތަކެއް ކުރަން އަޅުގަނޑުމެން ގަސްދުކޮށްފައިވާ ވާހަކަ. އެކަމުގައި ކައުންސިލްތަކާ ގުޅިގެން މަސައްކަތް ކުރާނެކަން އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލާނަން. ހަމަ ޔަޤީނުންވެސް މި ރަށަށް އާމްދަނީ ލިބޭނެ ވަރަށް މުހިންމު ދާއިރާއަކަށްވާނެ މިކަން. "ވިޒިޓަރ އިކޮނޮމީ"، މި ސިޔާސަތުގެ ދަށުން ހެރިޓޭޖް ޓޫރިޒަމް މި ރަށުގައި ކުރިއެރުވުމަށްޓަކައި، އަޅުގަނޑުމެން ފަށަން މި ގަސްދުކުރާ ކަންކަން، މި ދެ ރަށުގެ ދެ ކައުންސިލާ ގުޅިގެން، ކުރިއަށް ގެންދާނެ. މި މަސައްކަތް ހަމަ ޔަޤީނުންވެސް ވެގެންދާނީ، ފަތުރުވެރިކަން ކުރިއެރުވުމަށާއި، އަދި ޖުމްލަކޮށް ރަށުގެ އާމްދަނީ އިތުރުވެގެންދާނެ ކަމަކަށް. އެހެންވީމާ، ކުރިއަށް މިއޮތް މަދު ދުވަސްކޮޅު، މިކަމަށް އަޅުގަނޑުމެން މަސައްކަތްތައް ފަށާނަން.

އާދެ، އެންމެފަހު ކަމަކަށް އަޅުގަނޑު މި ބާއްވާލީ، ތިޔަބޭފުޅުން އެންމެ ބޮޑަށް ބޭނުންވާ ކަންތަކާ ބެހޭގޮތުން އެއްޗެއް ދަންނަވާލަން. އާދެ، މި އަތޮޅުގެ ދަތުރު ފެށިއިރުގައިވެސް އައީ މި މައުޟޫޢު. ހަމަ ކޮންމެ ދުވަހަކުހެން، އަޅުގަނޑު މިކަމާ އެބަ ރަށްރަށުގައި ވާހަކަދައްކަން. އާދެ، ރިޔާސީ އިންތިޚާބުގައި އަޅުގަނޑު މި އަތޮޅަށް ޒިޔާރަތްކުރިއިރުގައި، ކެމްޕެއިން ތެރޭގައިވެސް ތިން ރަށަކުން މިކަމަށް ހަމަ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ. ކޮންމެ ރަށެއްގެ ރައްޔިތުންވެސް، ވަރަށް މުހިންމު ކަންކަން ފާހަގަކުރައްވާ. އޭގައި ހުރި ފައިދާ، ރަށަށް، ދާއިރާއަށް، އަތޮޅަށް. އަޅުގަނޑު އެ ހުރިހާ ކަމަކަށްވެސް އިޙްތިރާމުކުރަން، އަދި މަރުޙަބާވެސް ކިޔަން، އަދި ޤަބޫލުވެސްކުރަން.

އަޅުގަނޑު މި ދަތުރު ފެށިއިރު، އެންމެ ފުރަތަމަ ޖަލްސާގައި ދެންނެވިން، އަޅުގަނޑުމެންގެ ސިޔާސަތަކީ، ދެމެހެއްޓެނިވި ތަރައްޤީގެ ނިޒާމުގެ ސިޔާސަތުގެ ދަށުން، އެ އެއަރޕޯޓު އެޅިގެންދިޔުމުން، އޭގެ ނަފާ އެންމެ ރަނގަޅުގޮތުގައި ލިބޭނެ ގޮތަކަށް، އެއަރޕޯޓު އަޅައި ލޮކޭޝަން ނިންމުމޭ. މި ދަތުރުގައެއް އަޅުގަނޑެއް އެކަމެއް ފައިނަލެއް ނުކުރަމޭ. އެހެންނަމަވެސް، އެ ވިސްނުމުގައި އަޅުގަނޑުމެން، އަޅުގަނޑު އެކަމަށްޓަކައި ތިޔަ ހުރިހާ ރައްޔިތުން ތިޔަ ވިދާޅުވާ ކަންކަން ގާތުން އަޑުއަހައި، އެންމެ ރަނގަޅުގޮތަކަށް ނިންމާނަމޭ. މި ރަށުގައި މިހެން ބަލާއިރުގައި، އަނެއް ދެ ރަށުން އެދިވަޑައިގަންނަވާ ކަންކަމުގައި ހުރި ކަންކަންވެސް ހަމަ ރަނގަޅު. މި ރަށުގައި ތަފާތު ކަމެއް އަޅުގަނޑު ދަންނަވާނަން. އެއަރޕޯޓެއް އަޅާއިރުގައި، އާންމުކޮށް ރަށްރަށުގައި އެއަރޕޯޓު އަޅަން މިޖެހެނީ، ބިން ހިއްކައިގެން، ވަރަށް ބޮޑު ޚަރަދެއްކޮށްގެން. އަޅުގަނޑު ހިތުން އިސްދޫ، ކަލައިދޫގައި، މި ރަށުގައި އެއަރޕޯޓެއް އަޅާއިރުގައި މި ޚަރަދުކުރާކަށް ނުއެއްޖެހޭނެ. ބިން ނުހިއްކައި އެކަން ކުރެވޭނެ. އެއީ، އަޅުގަނޑު ހިތުން ފާހަގަކޮށްލަންޖެހޭ ވަރަށް މުހިންމު ނުކުތާއެއް. އަޅުގަނޑު މިވަރަށް ދަންނަވާފައި، މި މައުޟޫޢު މިވަގުތަށް މަޑުޖައްސައިލާނަން. އަޅުގަނޑު ދަންނަވަން ބޭނުންވަނީ، އިރާދަކުރެއްވިއްޔާ ހަމަ އެންމެ ރަނގަޅުގޮތަށް، އަޅުގަނޑުމެން މިކަން ނިންމާނަމޭ. ދެވަނަ އެއަރޕޯޓެއް މި އަތޮޅުގައި އެޅުމުގެ ވަޢުދު، އަޅުގަނޑު ފުއްދާނަން. މި ދައުރުގެ ތެރޭގައި، އިރާދަކުރެއްވިއްޔާ އެއަރޕޯޓު ހުޅުވޭނެހާ ވަގުތު އޮއްވައި، އެއަރޕޯޓު އެޅުމުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ ފެށުން އަމާޒަކީ. މި ދެންނެވީ އަޅުގަނޑު ވަރަށް ސީރިއަސްކޮށް ވިސްނާނެ ކަމެއްގެ ވާހަކަ. އިންވެސްޓް ކުރާއިރުގައި، އިންވެސްޓްމަންޓުގެ ޚަރަދު ރިކަވަރ ކުރެވޭނެގޮތްވެސް އެއީ ވިސްނަންޖެހޭ ކަމެއް. ދެމެހެއްޓެނިވި ތަރައްޤީއަށް ވިސްނަންޖެހޭ. އަޅުގަނޑު ދެންނެވިން، ޓޫރިޒަމް ފުޅާކުރެވެން އޮތް އެންމެ ރަނގަޅުގޮތަކާއި، އަދި އިޤްތިޞާދީ ގޮތުން އެންމެ ރަނގަޅަށް ހިންގޭނެ ގޮތާއި، ޖިއޮގްރަފިކަލީ ވިސްނާއިރުގައިވެސް، އެންމެ ސެންސިބަލް ލޮކޭޝަނާއި، މިކަންކަމަށް ވިސްނާނަމޭ.

އެހެންވީމާ، އަޅުގަނޑަށް މިއައި ތިން ރިކްއެސްޓް، ނޫނީވިއްޔާ ހުށަހެޅުމުގައިވެސް މިކަހަލަ މުހިންމު ނުކުތާތަކެއް އެބަހުރި. ކޮންމެ ރަށެއްގެ ރައްޔިތުންގެ ވާހަކަފުޅުތަކުގައިވެސް ހުރީ މުހިންމު ކަންކަން. އެހެންނަމަވެސް، އަޅުގަނޑު ދެންމެ މި ދަންނަވާލި ކަމަކީވެސް، އަޅުގަނޑު ހަމަ ސީރިއަސްކޮށް ޤަބޫލުކުރާގޮތުގައި ރިޢާޔަތް ކުރަންޖެހޭނެ ކަމެއް.

އާދެ، އިސްދޫ އަދި ކަލައިދޫގެ ރައްޔިތުންނަށް، އަދިވެސް އެއްފަހަރު އަޅުގަނޑު ދޭނެ ޔަޤީންކަމަކީ، ތިޔަބޭފުޅުންގެ ތަރައްޤީގެ ކަންކަމުގައި ކުލަޖައްސައިދިނުމަކީ އަޅުގަނޑުގެ ޒިންމާއޭ، އަޅުގަނޑުގެ މަސްއޫލިއްޔަތޭ، އަޅުގަނޑުގެ އުފަލޭ. އަޅުގަނޑު ރައްޔިތުންގެ ގާތަށް މި އަންނަނީ، ރައްޔިތުން އެދޭ ކަންކަން ގާތުން އަޑުއަހައި، އޮޅުންފިލުވައި، ރައްޔިތުން އެދޭ އަމާޒަށް ކަންކަން ހަމަޖައްސައިދިނުމަށް. އެއީ، އަޅުގަނޑު މިކުރާ މަސައްކަތަކީ. އެކަމަށްޓަކައި ރައްޔިތުން ދެއްވާ އެއްބާރުލެއްވުމަށް، އަޅުގަނޑު އަބަދުވެސް އުފަލާއެކީގައި ޝުކުރު ދަންނަވަން.

މި ޖަލްސާއާއެކު، މި ރަށަށް އައުމާ އެކީގައި، މި ދަތުރު މި ނިމުނީ، މި އަތޮޅަށް ކުރެވުނު ދަތުރު. 11 ރަށުންވެސް، ހަމަ ހުރިހާ ރައްޔިތުންވެސް ވިދާޅުވި މަރުޙަބާއާއި، ހޭދަކުރެއްވި ވަގުތާއި، ވެހެމުންދިޔަ ވާރޭގައި، ގަދަ ވިއްސާރައިގައިވެސް ރައްޔިތުން ނުކުމެވަޑައިގެން، ރައްޔިތުންގެ ކަންކަމުގައި އަޅުގަނޑުމެން މަޝްވަރާ ކުރެވިގެންދިޔަ ކަންކަމާއި، ހޭދަކުރެވުނު ވަގުތު، އަދި މި ހުރިހާ ކަމަކަށް، އަޅުގަނޑު ހަމަ ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް ޝުކުރު ދަންނަވަން. ކޮންމެ ރަށެއްގައިވެސް ފެށިގެންދިޔަ މަޝްރޫޢުތަކާއި، ސޮއިކުރެވުނު ކަންކަން، އަޅުގަނޑު އެ ރަށްރަށުގައި ދެންނެވިފަދައިން ކުރިއަށްދާނެ ކަމުގެ ޔަޤީންކަން، އަދިވެސް އެއްފަހަރު ދެން. މި ސޮއިކުރެވުނު މަޝްރޫޢުތައް ވަރަށް އަވަހަށް ފެށޭނެ. އަދި ޢަމަލީ މަސައްކަތް، ބިންގާއެޅުމުގެ މަސައްކަތްތައްވެސް ކުރިއަށްދާނެ. މިހާރުވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، މިދިޔަ އެތައް ރަށެއްގައި، މިދިޔަ ގާތްގަނޑަކަށް އަށެއްކަ މަސް ދުވަހުގެ ތެރޭގައި، މި ފެށިގެންދިޔަ މަސައްކަތްތައްވެސް، އެގޮތުގައި އަޅުގަނޑުމެން ބާރު ސްޕީޑްގައި ގެންދިޔުމުގެ މަސައްކަތް މިކުރަނީ. މި އަހަރު ތެރޭގައި މި ފެށޭ މަސައްކަތްތަކުގެ އިތުރަށްވެސް، އެތައް މަސައްކަތްތަކެއް މުޅި ރާއްޖޭގައި ފެށުން މި އަންނަ އަހަރަށްވެސް މިއޮތީ ތާވަލުކުރެވިފައި.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި اللهُ سُبْحَانَهُ وَتَعَالَى ބަރަކާތްލައްވައި، ދިވެހި ރައްޔިތުންނަށް އުފާފާގަތިކަން މިންވަރު ކުރެއްވުން. އާމީން!

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.