بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

މާމެންދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ރައީސް، އަދި މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ރަށުގެ ކައުންސިލްގެ ރައީސާއި، މުއައްސަސާތަކުގެ ވެރިން، ވަޑައިގެން ތިއްބެވި މި ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، އަދި މިތަނުގައި ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ، އަޑުއައްސަވާ، ބައްލަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

މި ރަށަށް މި ހެނދުނުގެ ވަގުތު އަޅުގަނޑުމެންނަށް އާދެވުނު ވަގުތު، ތިޔަބޭފުޅުން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، މާމެންދޫގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

މިއަދު އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި ފަށަނީ، ތިޔަބޭފުޅުންގެ ތަރައްޤީއަށް ބޭނުންޖެހިފައިވާ، ވަރަށް ގިނަ މަސައްކަތްތަކެއްގެ ފެށުން. ރިޔާސީ އިންތިޚާބުގައި، ރައްޔިތުންނަށްވީ މުހިންމު ވަޢުދުތަކެއް ފުއްދުމުގެ މަސައްކަތް. މިއިން ކޮންމެ މަޝްރޫޢަކީވެސް، މިކަންކަމާ ހަވާލުވި ސަރުކާރުގެ ކޮންމެ މުއައްސަސާއަކުން ވަރަށް އިސްކަމެއްދީގެން، އިރާދަކުރެއްވިއްޔާ ފުރިހަމަކޮށްދޭނެ ކަންކަން.

ބިން ހިއްކުމަށް ބަލާއިރު، 21 ހެކްޓަރުގެ ބިން އިތުރުކުރުމަށް މި ހަވާލުކުރެވުނީ. ހަމަ ޔަޤީނުންވެސް، ބިން ފުރިފައިވާ މި ރަށުގައި، ދެން އިތުރަށް ބިން ލިބިގެން ނޫނީވިއްޔާ، ތަރައްޤީގެ ކަންކަމަށް މަގުފަހިވާން ނެތް ޙާލަތުގައި، މިއީ ވަރަށް މުހިންމު މަޝްރޫޢަކަށް ވާނެ.

މީގެއިތުރަށްވެސް، އަޅުގަނޑުމެން މި ސޮއިކުރި ކޮންމެ މަޝްރޫޢަކީވެސް، އެއީ ބަނދަރު ތަރައްޤީކުރުން ކަމުގައިވިޔަސް، މަގު ހެދުން ކަމުގައިވިޔަސް، އަދި ބިން ހިއްކުމާއެކު، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ކަމުގައިވިޔަސް، އެއީ ހަމަ އެފަދަ މަޝްރޫޢުތައް. ގޮޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢާއި، ބަނދަރުގެ މަޝްރޫޢު ކުރިއަށްދާއިރުގައި، މޫދަށްއެރޭ ސަރަޙައްދެއް ހެދުންވެސް އޭގައި ހިމެނިފައިވާ ގޮތަށް، އެ މަޝްރޫޢު ރޭވިފައިވަނީ.

މީގެއިތުރަށް، ދެން އަޅުގަނޑުމެން މި ސޮއިކުރީ، ހުޅިމެންދޫގައި ފައިވް ސްޓަރ ފެންވަރުގެ ރިޒޯޓެއް، ހޮޓެލް ސްކޫލް، ނޫނީވިއްޔާ ޓޫރިޒަމްގެ ދާއިރާއަށް މީހުން ބިނާކުރުމުގެ، ތަޢުލީމު ދިނުމުގެ، ތަމްރީނުދީ އުފެއްދުމުގެ، އެންމެ މަތީ ފެންވަރުގެ ތަމްރީނު ލިބިފައިވާ ދިވެހިން އުފެއްދުމަށްޓަކައި، އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ވީ ވަޢުދު ފުއްދުމަށް މި ހަވާލުކުރެވުނު މަޝްރޫޢު. މި ރަށަށް އަދި މި އަތޮޅަށް، ދެން ހަމަ ޙަޤީޤަތުގައި، ޖުމްލަކޮށް ޓޫރިޒަމް ސެކްޓަރއަށް، މުޅި ރާއްޖެއަށް ފައިދާވާނެ މަޝްރޫޢެއް. މި މަޝްރޫޢު އެމް.އޭ.ސީ.އެލް.އިން ކުރިއަށް ގެންދަން މި ހަވާލުކުރީ، އެ ބޭފުޅުންނަކީ މިހާރުވެސް މި ޞިނާޢަތުގައި މަސައްކަތް ކުރަމުންދާ ކުންފުންޏެއް. މ. އަތޮޅުގައި ވަރަށް ކާމިޔާބު ރިޒޯޓެއް، މިހާރުވެސް އެމް.އޭ.ސީ.އެލް.ގެ ފަރާތުން އެބަ ހިންގާ. އަދިވެސް، އިތުރަށް ޓޫރިޒަމްގެ ދާއިރާގެ އެ ޞިނާޢަތުގައި، ވަރަށް ކާމިޔާބު މަސައްކަތް ކުރައްވާ. އެހެންވީމާ، މި ރިޒޯޓު، އިރާދަކުރެއްވިއްޔާ ހެދިގެންދިޔުމުން ވެގެންދާނީ، ޓޫރިޒަމް ކުރިއެރުވުމަށްޓަކައި، އަދި ވަކިން ޚާއްޞަކޮށް، މީހުން ބިނާކުރުން އޭގައި ހިމެނޭގޮތަށް ކުރިއެރުވުމަށްޓަކައި ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމަކަށް، ވަރަށް މުހިންމު މަޝްރޫޢަކަށް.

އާދެ، މިއީ އަޅުގަނޑު ރިޔާސީ އިންތިޚާބުގައި، މި އަތޮޅުގައި ވީ ވަރަށް މުހިންމު ވަޢުދެއް. އަޅުގަނޑު ދެންމެ މި ދަންނަވާލި ފަދައިން، މި މަޝްރޫޢުވެސް އެކަމާ މި ހަވާލުވި ކުންފުނީގެ ފަރާތުން ވަރަށް އިސްކަމެއްދީގެން ކުރިއަށް ގެންދާނެ. ނެޝަނަލް ޔުނިވަރސިޓީއަށް އެ ބޭނުންވާ ސަޕޯޓް، އެ ބޭފުޅުންގެ މި ޓްރޭނިންގ ރިކްއަރމަންޓް، މީގެތެރެއިން ފުރިހަމަކުރުމަށްޓަކައި، ޤައުމީގޮތުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، އެންމެ މަތީ ފެންވަރުގެ ޚިދުމަތް ދެވޭ، ތަޢުލީމާއި، ތަޖުރިބާ ހާސިލުވެފައި ތިބި ދިވެހިން އުފެއްދުމުގައި، މިއީ އެޅިގެންދިޔަ ވަރަށް މުހިންމު ފިޔަވަޅެއް.

އޮން ދަ ޖޮބް ޓްރޭނިންގ އެންމެ ރަނގަޅު ފެންވަރުގައި، ފައިވް ސްޓަރ ފެންވަރުގެ ޚިދުމަތްދޭ ރިޒޯޓެއްގައި ލިބިގެންދިޔުމަކީ، އަޅުގަނޑު ހިތުން ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި، ފަތުރުވެރިކަމުގެ ދާއިރާގައި، މަސައްކަތްކުރަން ބޭނުންވާ ހުރިހާ ފަރާތްތަކަށާއި އަދި މަސައްކަތް ކުރަމުންދާ ހުރިހާ ފަރާތްތަކަށް ފައިދާވާނެ ކަމެއް. ވަކިން ޚާއްޞަކޮށް، މި ރަށުގެ ޒުވާނުންނަށް ވަރަށްބޮޑު ފުރުޞަތެއް ލިބިގެންދާނެ ކަމެއް. މި ދާއިރާގެ ޒުވާނުންނަށް ވަރަށް ބޮޑު ފުރުޞަތަކަށް މިކަންވާނެ. މި އަތޮޅުގެ ޒުވާނުންނަށް އޭގެ ސަބަބުން، ހަމަ ޔަޤީނުންވެސް ވަރަށް ފަސޭހަކަމާއެކީގައި، މި ފުރުޞަތުގެ ބޭނުންހިފޭނެ ކަމަކަށްވާނެ. އެހެންވީމާ، އަޅުގަނޑު މި ދެންނެވިފަދައިން، އަޅުގަނޑު ވަރަށް އުންމީދުކުރަން، އަދި ޔަޤީންކުރަން، އެއީ ތިޔަ ލޮބުވެތި ރައްޔިތުން އެކަމަށްޓަކައި ވަރަށް ބޭނުންވެފައިވާ ކަމެއްކަން.

އަޅުގަނޑުމެން މި ފެށި މަޝްރޫޢުތަކުގެ އިތުރަށްވެސް ގިނަ ކަންތައްތަކެއް އެބަހުރި. މިއިން ކޮންމެ ކަމަކަށްވެސް ސަރުކާރުގެ ތެރެއިން، މާމެންދޫ ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ފަހިކޮށްދޭން މަސައްކަތް ކުރަމުންދާނަން. މިސާލަކަށް ދަންނަވަންޏާ، ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް، މި ސްކޫލަށް ތަރައްޤީ ގެނައުމަށް، އަޅުގަނޑުމެން މަސައްކަތްކުރަން ބަލާއިރުގައި، މަލްޓި ޕާރޕަސް ހޯލެއް ޤާއިމުކުރުމަކީ، އަޅުގަނޑު ހިތުން މިހާރު ސްކޫލަށް ބޭނުންޖެހިފައިވާ އެންމެ މުހިންމު ޢުމްރާނީ އެއް މަސައްކަތަށްވާނެ. ސްކޫލުގެ ހުރިހާ ފަރާތްތަކަށް، އަދި ޖުމްލަކޮށް ރައްޔިތުންނަށް އަޅުގަނޑު ދޭން ބޭނުންވާ ޔަޤީންކަމަކީ، މި އަންނަ އަހަރަށް އަޅުގަނޑުމެން ބަޖެޓު ފާސްކުރާއިރުގައި، މި ރަށުގެ މި މަލްޓި ޕާރޕަސް ހޯލު ޤާއިމުކުރުން ހިމެނިފައި އޮތްކަން. އަދި އިރާދަކުރެއްވިއްޔާ ވީ އެންމެ އަވަސްމިނެއްގައި، މި އަންނަ އަހަރުގެ ތެރޭގައި އެ މަޝްރޫޢު އަޅުގަނޑުމެން ކުރިއަށް ގެންގޮސްދޭނެކަން.

އަޅުގަނޑު ޔަޤީންކުރަން، މި ހޯލު އެޅިގެންދިޔުމުން، ކުލާސްރޫމް ޖާގައާއި، މި ސްކޫލަށް ލިބިގެންދާ ތަރައްޤީ ވަރަށް ބޮޑުތަނުން މަތިވެގެންދާނެ ކަމަށް. އަދި އޭގެއިތުރަށްވެސް، އަވަހަށް ކުރަންޖެހޭ މުހިންމު ބައެއް ކަންކަން އެބަހުރި. ކަރަންޓުގެ މައްސަލައާއި، މިހެންހުރި ކަންކަން. ފެނަކައިގެ ފަރާތުން މި މައްސަލަ ޙައްލުކުރުމުގައި، މި ކޭބަލް ނެޓްވަރކްގައި މިއޮތް ބޮޑު މައްސަލަ ޙައްލުކުރުމާއި، މިހެން ގުޅިފައިހުރި ކަރަންޓުގެ ކަންކަމަށްވެސް ދާދި އަވަހަށް މި އަންނަ މަހުގެ ތެރޭގައި، މި އަހަރުގެ ތެރޭގައި ބާކީ މިއޮތް މުއްދަތުގައި މަސައްކަތް ފަށާނެ. މިހެންގޮސް ކޮންމެ ކަމަކަށް ސަމާލުކަންދީގެން، އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންގެ މުހިންމު ކަންކަމަށް އަޅުގަނޑުމެން އެޑްރެސް ކުރާނަން. ނޫނީވިއްޔާ އެކަންކަން ޙައްލު ކުރުމުގައި އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނަން.

ހަމަ އެއާއެކީގައި، އިތުރަށް ހުރި މަޝްރޫޢުތަކުގެ ތެރޭގައި، ފުލުހުންގެ މަރުކަޒެއް އެޅުންވެސް އެބައޮތް. އަޅުގަނޑުމެން މަސައްކަތް ކުރަނީ، ކުރިއަށް މި އޮތް ހަފްތާއެއްހާ ދުވަސް ތެރޭގައިވެސް ބަޔަކާ އެ މަސައްކަތް ހަވާލުކުރެވޭތޯ. ހަވާލުކުރެވި ހަމަ މި އަހަރުގެ ތެރޭގައި އެ މަސައްކަތްވެސް ފެށޭތޯ. އެހެންވީމާ، އަޅުގަނޑު ދެންމެ މި ދަންނަވާލިފަދައިން، ދެންމެ މި ތާނގައި ސޮއިކުރެވުނު ކަންކަމާއި، މިއަދު ޢަމަލީގޮތުން ފެށުނު ކައުންސިލް އިދާރާ އިމާރާތް ފަދަ މަޝްރޫޢުތަކާއި، އަދި މި ދެންނެވި، މި އަންނަ އަހަރަށް މި ބަޖެޓު ކުރެވުނު ކަންކަމާއި، މި ހުރިހާ ކަމަކަށްވެސް ސަރުކާރުގެ ތެރެއިން، ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމެއްގައި ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ.

ކުނި މެނޭޖް ކުރުމަށްޓަކައިވެސް މިހާރު އެވަނީ އެ ސެންޓަރު ހެދުމަށްވެސް ވެމްކޯއާ ހަވާލުކުރެވިފައި. އެހެންވީމާ، މިކަހަލަ އެތައް ކަމެއް އަދި ކުރިއަށް އޮތް ތާނގައިވެސް އޮންނާނެ. ކުޅިވަރުގެ ދާއިރާއިންވެސް އަޅުގަނޑުމެން އިތުރު މަޝްރޫޢުތައް ކުރިއަށް ގެންދަން ގަސްދުކޮށްފައި އޮތީ. ފުޓްސަލް ދަނޑު އެޅުންކަހަލަ، ހޭންޑް ބޯލް ކޯޓު ހެދުންފަދަ ކަންކަމަކީ، މި އަންނަ އަހަރަށް އަޅުގަނޑުމެން ރާވާ ކަންކަން.

އެހެންވީމާ، ޖުމްލަކޮށް މާމެންދޫގެ ރައްޔިތުންނަށް ދަންނަވަން ބޭނުންވަނީ، ކޮންމެ ދާއިރާއަކުންވެސް ރަށަށް ތަރައްޤީ ގެނެސްދިނުމުގައި، އަޅުގަނޑުމެން ވަރަށް މަސައްކަތްކޮށްދޭނަމޭ. ރައްޔިތުންނަށްވީ ވަޢުދުތައް ފުއްދައިދިނުމާއި، އޭގެއިތުރަށްވެސް ބޭނުންވާ ކަންކަން ކޮށްދިނުމުގައި. އިރާދަކުރެއްވިއްޔާ، މިކަންކަމުގެ ނަތީޖާ ރައްޔިތުން އެދޭގޮތަށް ފެނިގެންދާނެ.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، މި ހުރިހާ ކަމެއް ކާމިޔާބުކަމާއެކީގައި ނިމިގެންދިޔުން. ރާއްޖޭގެ ތަރައްޤީއަށް އުފާފާގަތިކަން ހޯދައިދިނުމުގައި އަޅުގަނޑުމެންނަށް ކާމިޔާބީ މިންވަރު ކުރެއްވުން. އާމީން!

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.