بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
މާބައިދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، މި ރަށުގެ ކައުންސިލްގެ ރައީސް، މި ދާއިރާގެ ޢިއްޒަތްތެރި މަޖިލީސް މެންބަރު، ރަށުގެ މުއައްސަސާތަކުގެ ވެރިން، އަދި ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ، ދުރާއި ގާތުން އަޑުއައްސަވާ، ބައްލަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، ވަރަށް ވިއްސާރަ ވަގުތެއްގައި، ބޯކޮށް ވާރޭވެހެމުންދިޔަ ނަމަވެސް، އަޅުގަނޑުމެން މި ރަށަށް އައި ވަގުތު، މި ރަށުގެ ލޮބުވެތި ރައްޔިތުން ވަޑައިގެން، ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، މާބައިދޫގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް، ހިތުގެ އެންމެ ފުންމިނުން އަޅުގަނޑު ޝުކުރު ދަންނަވަން.
މޫސުން އެހާ ތަން ނުދިނުމުގެ ސަބަބުން، އަޅުގަނޑުމެންނަށް ޕްރޮގްރާމްގައިވާ ގޮތަށް، ބައެއް މަޝްރޫޢުތައް ފަށަން އޮންނަ ތަންތާނގައި ފެށޭގޮތަކަށް ކަންކަން ހަމައެއްނުޖެއްސުނު. ނަމަވެސް، އަޅުގަނޑު ދޭ އެންމެ ބޮޑު ޔަޤީންކަމަކީ، އެގޮތަށް އެ އިވެންޓުތައް ނުބޭއްވުނު ނަމަވެސް، އެއީ ހަމަޖެހިފައި ހުރި މަޝްރޫޢުތަކެއްކަން. މަސައްކަތްތައް ފެށުމަށް ތައްޔާރުވެގެންކަން އިވެންޓުތައް ބާއްވަން ނިންމާފައި އޮތީ. ބިންގާ އެޅުމުގެ ގޮތުން މި ކުރެވޭ ކޮންމެ މަސައްކަތެއް، ކޮންމެ މަޝްރޫޢެއް ފުރިހަމަކުރެވިގެން، މަސައްކަތުގެ މަރުޙަލާއަށް ދިޔުމަށް ފުރިހަމަކުރެވިގެން އަޅުގަނޑުމެން ބިންގާ އަޅަނީ. އެހެންވީމާ، ވާރޭވެހުމުގެ ސަބަބުން އަޅުގަނޑުމެންނަށް އެކަންކަން އަދި ނުފެށުނު ނަމަވެސް، މި ރަށުގެ ތަރައްޤީއަށް މިއިން ކޮންމެ މަޝްރޫޢަކީ، ހަމަޖެހިފައި ކުރިއަށްދާނެ މަޝްރޫޢުތަކެއްކަން. އެ ޔަޤީންކަން އަޅުގަނޑު އަރުވަން.
އެގޮތުން، މިއަދު ދެންމެ ހަނދާނީ ފިލާ ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން އެ ހަވާލުކުރި އޭ.ޓީ.އެމް. އެވަނީ މިހާރު ހުޅުވިފައި. މިހާރުން ފެށިގެންވެސް ޚިދުމަތް ލިބިވަޑައިގަންނަވާނެ.
ހަމައެއާއެކީގައި، އައިސް ޕްލާންޓެއްގެ މަސައްކަތް ފެށުމަށް އަޅުގަނޑުމެން އިވެންޓެއް ހަމަޖެއްސިން. އެހެންނަމަވެސް، ކެންސަލްކުރަން ޖެހުނީ، މޫސުން ގޯސްވީމާ. އެހެންނަމަވެސް، އައިސް ޕްލާންޓުގެ މަސައްކަތްވެސް އެވަނީ ހަމަޖެހިފައި.
ހަމައެއާއެކީގައި، ޤުރްއާން މަރުކަޒުގެ އިމާރާތެއް އެޅުމަށް ހުރިހާ ކަމެއް ހަމަޖެހިފައި، އެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ. ދެން އަޅުގަނޑުމެން އިވެންޓެއް ބާއްވަން އުޅުނިން، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު އަޅަން. އެވެސް ހަމަޖެހިފައި އޮތް މަޝްރޫޢެއް. އެހެންވީމާ، އައިސް ޕްލާންޓްގެ މަޝްރޫޢާއި، ޤުރްއާނާބެހޭ މަރުކަޒުގެ މަޝްރޫޢާއި، ފިޓްނަސް ސެންޓަރުގެ މަޝްރޫޢާ، މި ތިން މަޝްރޫޢުވެސް އިރާދަކުރެއްވިއްޔާ ރަނގަޅަށް ކުރިއަށްދާނެކަމުގެ ޔަޤީންކަން އަރުވަން.
ދެން މިތަނުގައި އަޅުގަނޑުމެން މި ސޮއިކުރި މަޝްރޫޢުތައްވެސް، މިއީވެސް ހަމަ ކުރިއަށްދާނެ މަޝްރޫޢުތައްކަމުގެ ޔަޤީންކަން އަރުވަން. މިއިން ކޮންމެ ކަމެއްވެސް އަޅުގަނޑުމެން ސޮއިކުރުމާ ހަމައަށްވެސް މިގެންނަނީ އެކަމުގެ އިޖުރާޢަތްތައް ފުރިހަމަކޮށް، ތައްޔާރީތައް ވެގެން. އެހެންވީމާ، އެގޮތުން މި ސޮއިކުރެވިގެންދިޔަ، ގިރާ ސަރަޙައްދު ހިމާޔަތްކުރުން، ޝޯރ ޕްރޮޓެކްޝަން މަޝްރޫޢު އެއީވެސް އިރާދަކުރެއްވިއްޔާ، އެއްވެސްކަހަލަ މަޑުޖެހުމެއްނެތި ކުރިއަށްދާނެ ކަމެއް.
ސްކޫލަށް މަލްޓި ޕާރޕަސް ހޯލެއް އިތުރުކުރުމަށް އަޅުގަނޑުމެން މި ސޮއިކުރި މަޝްރޫޢު، މި ސްކޫލަށް ވަރަށް މުހިންމު ކަމެއް. ސްކޫލުގެ ޖާގަ އިތުރުކުރުމަށް ކޮންމެހެން ކުރަންޖެހޭ ވަރަށް ޒަރޫރީކަމެއް. އެއީވެސް ހަމަ އެގޮތަށް ކުރިއަށްދާނެ މަޝްރޫޢެއް.
ފުޓްބޯޅަ ދަނޑެއް ޤާއިމުކުރުމަށްޓަކައި އަޅުގަނޑުމެން މި ސޮއިކުރި މަޝްރޫޢަކީވެސް މިފަދަ މަޝްރޫޢެއް. އެހެންވީމާ، ޖުމްލަކޮށް ދަންނަވަންޏާ، އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، ސޮއިކުރެވިގެންދިޔަ ތިން މަޝްރޫޢާއި، އަޅުގަނޑުމެން ޢަމަލީގޮތުން މިއަދު މި ރަށުގައި ފެށި ތިން މަޝްރޫޢާއި، މި ހަ މަޝްރޫޢަކީވެސް އިރާދަކުރެއްވިއްޔާ، ވަރަށް ރަނގަޅަށް ކުރިއަށްދާނެ މަޝްރޫޢުތަކެއް ކަމުގެ ޔަޤީންކަން.
މީގެ އިތުރަށްވެސް ކަންތައްތަކެއް އެބަހުރި. ފުލުހުންގެ މަރުކަޒެއް ޤާއިމުކުރުމަށްޓަކައި، އަޅުގަނޑުމެން ވަރަށް އަވަހަށް ފަރާތަކާ އެގްރިމެންޓެއް ހެދުމަށް މަސައްކަތް އެބަކުރަން. އޭގެ އިޖުރާޢަތްތައް ފުރިހަމަކުރުމުގެ މަސައްކަތް އެބަ ހިނގާ. ދާދި އަވަހަށް، އުންމީދުކުރެވޭ، މިމަހުގެ ތެރޭގައިވެސް ހަވާލުކުރެވޭނެ ކަމަށް. ހަވާލުކުރެވި، ހަމަ ޔަޤީނުންވެސް، އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގައި މަސައްކަތް ފެށޭނެ.
ފުލުހުންގެ މަރުކަޒެއްގެ މަސައްކަތްވެސް. ހަމަ އެގޮތަށް، ވަކިވަރަކަށް މަސައްކަތް ކުރެވިފައި އޮތް ފުޓްސަލް ދަނޑު ނިންމުމަށްޓަކައިވެސް އަޅުގަނޑުމެން، ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، މަސައްކަތް އެބަ ހަވާލުކުރަން ފަރާތަކާ. ހަވާލުކުރެވި، އެ ފުޓްސަލް ދަނޑު ނިންމުމަށްވެސް، އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގައި މަސައްކަތް ކުރެވިގެންދާނެ.
ދެން އެހެންވީމާ، މި ކަންތައްތައް ވެގެންދިޔުމުން، އަޅުގަނޑު ހިތުން މި ރަށުގެ ތަރައްޤީއަށް އަޅުގަނޑުވީ ވަރަށް ގިނަ ވަޢުދުތަކެއް ފުރިހަމަވެގެންދާނެ. މި އަންނަ އަހަރަށް ބަޖެޓު ހުށަހެޅުމަށް މިހާރު ތައްޔާރުވަމުން މިދަނީ. ބަޖެޓު ފޮނުވާއިރުގައި، މި ރަށުގެ ތަރައްޤީގެ މަޝްރޫޢުތަކަށްވެސް، އަޅުގަނޑުމެން އިތުރު މަޝްރޫޢުތައް އެބަ ހިމަނަން. އެގޮތުން ހިމަނާ އެއްކަމަކީ، ވޮލީ ކޯޓެއް އެޅުން. ވޮލީ ކޯޓެއް އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން، އަޅުގަނޑުމެން އަޅައިދޭނަން.
ހަމައެއާއެކީގައި، ހެލްތް ސެންޓަރު 24 ގަޑިއިރަށް ބަދަލުކުރުމަށްޓަކައި ބޭނުންވާ މުވައްޒަފުން ނެގުމަށް، މި އަންނަ އަހަރުގެ ބަޖެޓަށް އަޅުގަނޑުމެން އެބަ ލަން. ލައިގެން، އިރާދަކުރެއްވިއްޔާ އަހަރުގެ ކުރީކޮޅު، މި ރަށުގެ ޞިއްޙީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށްދޭނަން.
އަޅުގަނޑު ހިތުން، މިކަންކަން ވެގެންދިޔައީމަ، އަޅުގަނޑު ވީ ހުރިހާ ވަޢުދެއް ފުއްދުނީ. މިއަދު ސޮއިކުރެވިގެންދިޔަ މަޝްރޫޢުތަކާއި، ޢަމަލީގޮތުން ފެށިގެން މިދިޔަ މަޝްރޫޢުތަކާއި، 24 ގަޑިއިރަށް ހެލްތް ސެންޓަރުގެ ޚިދުމަތް ބަދަލުވެގެންދިޔުން، އަދި ދެންމެ އަޅުގަނޑު މި ދެންނެވި ގޮތަށް، ފުޓްސަލް ދަނޑު ނިމިގެންދިޔުން، އަދި ފުލުހުންގެ މަރުކަޒު އެޅިގެންދިޔުން،
މިކަންކަން ވެގެންދިޔައީމަ، ހުރިހާ ވަޢުދެއް ފުރިހަމަކުރެވިގެން އެބަދޭ.
މީގެއިތުރަށްވެސް، ޗައިނާގެ ހިލޭ އެހީގެ ދަށުން އަޅާ ކައުންސިލް އިމާރާތްތަކުގެ ތެރޭގައިވެސް، މި ރަށުގެ ކައުންސިލް އިމާރާތް ހިމެނިފައިވާތީ، އެވެސް ކުރިއަށް އޮތް މަޝްރޫޢެއް. އެހެންވީމާ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތީ، ގިނަ މަސައްކަތްތަކެއް މި ރަށުގައި ކުރިއަށްދިޔުން.
އާދެ މީގެއިތުރަށް، ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށްޓަކައި، ފެނަކައިން އިތުރު ޖެނެރޭޓަރެއް މި ރަށަށް ގެނެސްދޭނެ. ގެނެސް، ކަރަންޓުގެ ކަންކަންވެސް މިހާރަށްވުރެ ރަނގަޅަށް ހަމަޖައްސައިދޭނެ. އެވެސް ތަރުތީބުވެފައި އޮތް ކަމެއް.
އެހެންވީމާ، ޖުމްލަކޮށް މާބައިދޫގެ ރައްޔިތުންނަށް އަޅުގަނޑު ދަންނަވަން ބޭނުންވާ މައިގަނޑު ވާހަކައަކީ، އަޅުގަނޑުވީ ހުރިހާ ވަޢުދެއް ފުއްދައިދޭނަމޭ. އެކަމުގެ ފުރިހަމަ ޔަޤީންކަން ތިޔަ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން. ކުރިއަށް މިއޮތް އަހަރެއްހާ ދުވަސް ވެގެންދާނީ، މިއަދު މި ސޮއިކުރެވުނު މަޝްރޫޢުތައް، ބާރު ސްޕީޑްގައި ހިނގަމުންގޮސް، ނިމެމުންދާތަން ފެނިވަޑައިގަންނަވާނެ ދުވަސްތަކަކަށް. އަދި އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރު ތެރޭގައި، މީގެ ބައެއް ކަންކަން ނިމޭނެ. އަދި، އަނެއް އަހަރަށް ދާ ބައެއް ކަންކަންވެސް ހުންނާނެ އޭގެ ޒާތުގައި.
އެހެންވީމާ، ޖުމްލަކޮށް، މި ފެށިގެންދާ އަހަރު، މިހާރު މި ސޮއިކުރެވުނު މަޝްރޫޢުތަކާއި، އަދި ކުރިއަށް އޮތް މަޝްރޫޢުތަކަކީ، ޢަމަލީގޮތުން ފުރިހަމަވެގެންދާ ކަންކަމަށް ވާނެ. އާދެ، މިކަންކަން ވެގެންދިޔުން ވާނީ ހަމަ ޔަޤީނުންވެސް، ތިޔަބޭފުޅުން ތިޔަ އުންމީދު ކުރައްވާ ތަރައްޤީ ޙަޤީޤަތަކަށް ވެގެންދިޔުން. އެކަމުގައި ސަރުކާރުން މިތިބީ ފުރިހަމައަށް، މާބައިދޫ ރައްޔިތުންނާ އެކީގައި.
އަޅުގަނޑު ރައްޔިތުން ގާތަށް މިއައީ، ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭން. ރައްޔިތުން ބޭނުންވާ ކަންކަން ގާތުން އަޑުއަހަން. ރައްޔިތުން ބޭނުންވާ ކަންކަން، ރައްޔިތުން ވިދާޅުވުމަށް ފުރުޞަތު ދިނުމަށް. އަޅުގަނޑަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެއް، ރައްޔިތުން ގާތަށް އައިސް، ރައްޔިތުން ބޭނުންވާ ކަންކަން އަޑުއަހައި، ރައްޔިތުން ބޭނުންވާ އަމާޒަށް ކަންކަން ފަހިކޮށްދިނުން. އެއީ އަޅުގަނޑުގެ ޒިންމާ، މަސްއޫލިއްޔަތު. އިރާދަކުރެއްވިއްޔާ އަޅުގަނޑުވީ ހުރިހާ ވަޢުދެއް، މި ރަށުގައި ކުރިއަށް އޮތް ދުވަސްތަކުގައި ފުރިހަމަކޮށްދޭނެ ކަމުގެ ޔަޤީންކަން، އަދިވެސް އަރުވަމުން އަޅުގަނޑު ވަކިވެލާނަން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ރާއްޖޭގެ ތަރައްޤީ ޙަޤީޤަތަކަށް ހެދުމުގެ ކާމިޔާބީ، އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުން. އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.