بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

މާވަށުގެ ލޮބުވެތި އެންމެހައި ރައްޔިތުން، ރަށުގެ ކައުންސިލްގެ ރައީސް، މި ރަށުގެ މުއައްސަސާތަކުގެ ވެރިން، ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަދި މި ޖަލްސާ، ބައްލަވަމުން ގެންދަވާ، އަދި އަޑުއައްސަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މި އަތޮޅަށް މިއަދު ހެނދުނު މި ފެށި ދަތުރުގައި، މި ރަށަށް އާދެވުނު ވަގުތު، އެ ވިއްސާރައިގައިވެސް، ރަށުގެ ލޮބުވެތި ރައްޔިތުން ވަޑައިގެން، އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، މާވަށުގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، ކުރިންވެސް ތިޔަބޭފުޅުންނާ އެކީގައި އަޅުގަނޑު ބައްދަލުވީ ފަހަރުތަކުގައި، ރައްޔިތުންގެ ކަންބޮޑުވުންތައް އަޅުގަނޑާ ޙިއްޞާކުރައްވައި، އެކަންކަން ޙައްލުކޮށްދިނުމުގައި ކުރިއަށްދާނެ ކަމުގެ ވަޢުދުތައް އަޅުގަނޑު ވާނީ ވެފައި. މީގެތެރެއިން، ގިނަ ކަންތައްތަކެއް ހަމަޖައްސައިދިނުމުގެ މަސައްކަތަށް، އިރާދަކުރެއްވިއްޔާ މިއަދު އަޅުގަނޑުމެންނަށް މިއޮތީ ވަރަށް ބޮޑަށް ކުރިއެރުން ގެނެސްދެވި، ފަށައިގަނެވިފައި. ޢަމަލީގޮތުން ބިންގާއެޅިގެން، މަސައްކަތުގެ ޢަމަލީ މަރުޙަލާއަށްދިޔަ ބައެއް މަޝްރޫޢުތަކާއި، އަދި ސޮއިކުރެވިގެންދިޔަ މަސައްކަތްތަކެއް މީގެތެރޭގައި މި ހިމެނެނީ. މިއިން ކޮންމެ މަޝްރޫޢަކީ، މާވަށުގެ ލޮބުވެތި ރައްޔިތުންގެ އުންމީދުތައް ވަރަށް ބޮޑަށް ގުޅިފައިވާ، އޭގެ ސަބަބުން އެކަމެއް ފުރިހަމަވެގެން ދިޔުމުން، ރަށަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަންކަންކަން ޔަޤީން.

އާދެ، އަޅުގަނޑު އެންމެ ފުރަތަމަވެސް ދޭން ބޭނުންވާ ޔަޤީންކަމަކީ، އިރާދަކުރެއްވިއްޔާ ސަރުކާރުން މިއިން ކޮންމެ މަސައްކަތެއް، މިއިން ކޮންމެ މަޝްރޫޢެއްވެސް، ފުރިހަމަކަމާއެކީގައި ނިންމައިދޭނެ ކަމުގެ ޔަޤީންކަން. އެކަމާ ހަވާލުވެ ތިއްބެވި ކުންފުނިތަކުގެ ވެރިންނާއި، ވުޒާރާތަކުގެ މިނިސްޓަރުންނާއި، މި ހުރިހާ ބޭފުޅުންވެސް އެ ކުރައްވާ މަސައްކަތަކީ، މިއިން ކޮންމެ މަޝްރޫޢެއްވެސް ފުރިހަމަކަމާއި، އަވަސްމިނުގައި ގެންގޮސް ނިންމަވައި ދެއްވުމުގެ މަސައްކަތް. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިއަދު އަޅުގަނޑުމެން ޢަމަލީގޮތުން ރަށުގައި ބިންގާއަޅައިގެން ފެށި 8 މަޝްރޫޢާއި، އަދި ސޮއިކުރެވިގެންދިޔަ 3 މަޝްރޫޢު ހިމެނޭހެން، މި 11 މަޝްރޫޢު، އިރާދަކުރެއްވިއްޔާ ވަރަށް ފުރިހަމަކަމާއެކީގައި، އަވަސްމިނުގައި ގެންގޮސް، ނިންމައިދޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.

މީގެއިތުރަށްވެސް ކަންތައްތަކެއް ހުންނާނެ. މިއަދު ބައެއް މަސައްކަތްތައް އަޅުގަނޑުމެންނަށް ފެށުނީ، މި ރަށުގެ ޒުވާނުން، ރައްޔިތުން ބޭނުންކުރަމުންދިޔަ ފުޓްބޯޅަ ދަނޑުގައި. ލޭންޑް ޔޫސް ޕްލޭން އެއޮތީ ކައުންސިލުން، ރައްޔިތުންގެ ޚިޔާލާއެކީގައި ހައްދަވާފައި. އޭގައި އެއޮތީ، ބިން ހިއްކިގެން ދާއިރުގައި، އެ ތަނުގައި ރަނގަޅު ފެންވަރުގެ ފުޓްބޯޅަ ދަނޑެއް ޤާއިމުކުރަން، ލޭންޑް ޔޫސް ޕްލޭންގައި ކަނޑައަޅުއްވާފައި.

ބިން ހިއްކުމުގެ މަޝްރޫޢުވެސް މިހާރު އެދާ ސްޕީޑަށްވުރެ ބާރު ސްޕީޑްގައި، އިރާދަކުރެއްވިއްޔާ ކުރިއަށް، މާ ބާރު ސްޕީޑްގައި ކުރިއަށްގޮސް ނިމިގެންދާނެ ކަމެއް އެއީ. އަޅުގަނޑު ވަޢުދުވިން، އިތުރު 15 ހެކްޓަރު އިތުރުކޮށްދޭނެ ކަމަށް. ކުރިން އޮތީ 15 ހެކްޓަރު. މިހާރު 30 އަށް ބަދަލުވެފައި އެއޮތީ، އެ ވަޢުދުވީ ގޮތަށް. އެ ނިމިގެންދިޔައީމަ، އެ އިތުރުވާ ބިމުގައި، ތިޔަބޭފުޅުންގެ ޚިޔާލާއި، މަޝްވަރާއާ އެކީގައި، އެއޮތީ މިހާރު ލޭންޑް ޔޫސް ޕްލޭން ހައްދަވާފައި. އެ ލޭންޑް ޔޫސް ޕްލޭންގައި އެއޮތީ ވަރަށް ގިނަ ކަންކަން ހިމަނުއްވާފައި. ދަނޑާއި، ހައުސިންގއާއި، މިހެންގޮސް އެތައް ކަމެއް. ސަރުކާރުން މި އަންނަ އަހަރަށް ބަޖެޓު ފާސްކުރާއިރުގައި، އެ ބަޖެޓަށް އަޅުގަނޑުމެން އެބަ ހިމަނަން، މި ރަށުގައި މި ދެންނެވި ފުޓްބޯޅަ ދަނޑު، ޒަމާނީ ފެންވަރުގެ، އާ ފުޓްބޯޅަ ދަނޑު އެޅުން. އެހެންވީމާ، ބިންހިކި ނިމުނީމަ، އެ ލިބޭ ބިމުގައި އެންމެ ފުރަތަމަ ފެށޭ އެއް މަޝްރޫޢު ގޮތުގައި ވެގެންދާނީ، އަޅުގަނޑު ހިތުން މި ފުޓްބޯޅަ ދަނޑު އަޅައިދިނުން.

ދެން ހަމައެއާއެކީގައި، ގިނަ މަޝްރޫޢުތައް އެބަހުރި. ހައުސިންގ ޔުނިޓު އެޅުން އެއީ، އެންމެ މުހިންމު އެއް ކަންތައް. އަޅުގަނޑުމެން އެކަމަށް އެންމެ އިސްކަމެއްދޭ އެންމެ މުހިންމު އެއް މަޝްރޫޢު، ނޫނީވިއްޔާ އެއް ދާއިރާއަކީ ހައުސިންގ ދާއިރާ. އެހެންވީމާ، ކުރިއަށް އޮތީ އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންގެ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް، ރަނގަޅު ޙައްލުތަކެއް ގެނެސްދިނުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނެ ދުވަސްތައް. ބިންހިއްކައި ނިމި، އެ ބިމުގައި ފެނާއި ނަރުދަމާ، ކަރަންޓުގެ މަސައްކަތްތައްވެސް ކުރިއަށްދާންޖެހޭނެ. އެ މަރުޙަލާތަކުގެ ތެރެއިން ކުރިއަށްދާއިރުގައި، ހައުސިންގ މަޝްރޫޢުތައް ހިންގައިދިނުމަކީ، ސަރުކާރުގެ ސިޔާސަތު، މި ރަށުގައި އެކަން ކޮށްދިނުމަކީ. އެހެންވީމާ، ސަރުކާރުގެ ޕްލޭންގެ ތެރޭގައި އޮތީ، ކުރިއަށް އޮތްތާނގައި، އެކަމަށް ރަނގަޅު ޙައްލުތަކެއް ގެނެސްދިނުން.

މީގެއިތުރުން، އެއަށްވުރެ އަވަހަށް ކުރެވޭނެ ކަންކަންވެސް އެބަހުރި. މިއަދު ފެށިގެންދިޔަ ހުރިހާ މަސައްކަތްތަކާއި، ސޮއިކުރެވުނު ހުރިހާ މަޝްރޫޢުތަކެއް، ދެންމެ މި ދެންނެވި ފަދައިން ކުރިއަށް ގެންދިޔުން. އޭގެއިތުރަށް، ޞިއްޙީ މަރުކަޒު ތަރައްޤީކުރުމަށް، ޞިއްޙީ މަރުކަޒަށް ރަނގަޅު ފެންވަރުގެ ކުރިއެރުމެއް ގެނެސްދިނުމަކީ، އަޅުގަނޑު ވީ ވަޢުދެއް. އެގޮތުން، އިރާދަކުރެއްވިއްޔާ މިމަހު އަޅުގަނޑުމެން ކުންފުންޏަކާ އެކީގައި އެގްރީމަންޓް ހެދުމުގެ މަސައްކަތް އެބަ ނިންމަން. އެއީ، މި ދެންނެވި ކަހަލަ ކުރިއެރުންތަކެއް ގެނެސްދިނުމުގެ މަޝްރޫޢެއް. އޭގެތެރޭގައި، އެޅޭ އިމާރާތުގައި، ހަތަރު އެނދުގެ ވޯޑަކާއި، ނަރސް ސްޓޭޝަން، ޕަބްލިކް ހެލްތް ޔުނިޓް، ކޮންފަރެންސް ރޫމް، ލެބް، ލޯންޑްރީ، ގަރާޖް، ސްޓޯރޭޖް، މި ހުރިހާ ތަނެއް ހިމެނޭ، ހުރިހާ ކަމެއް އެތަނުން ފުދޭ އިމާރާތެއް އެޅުން، އިރާދަކުރެއްވިއްޔާ މިމަހުގެ ތެރޭގައި ކުންފުންޏަކާ ހަވާލުކުރަން. ހަވާލުކުރެވި، ހަމަ މި އަހަރު ތެރޭގައި ޢަމަލީގޮތުން މަޝްރޫޢު ފެށިގެންދާނެ. އެހެންވީމާ، އެއީ އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ފެށިގެންދާނެ އިތުރު މަޝްރޫޢެއް. އަޅުގަނޑުމެން އެކަމަށް ވަރަށް ބޮޑު ސަމާލުކަމެއްދީގެން، ކުރިއަށްގެންދާ އެއް މަޝްރޫޢު އެއީ. އެކަން ވެގެންދިޔުމުން، މި ރަށުގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށްޓަކައި މިކުރެވޭ މަސައްކަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ.

އަޅުގަނޑުގެ އަމާޒަކީ، ތިޔަ ލޮބުވެތި ރައްޔިތުންގެވެސް އަމާޒު. ރަށުގައި ހޮސްޕިޓަލެއް ޤާއިމުކުރުމަށްޓަކައި، ހޮސްޕިޓަލެއްގެ ސްޓޭޓަސް ގެނައުމަށްޓަކައި ކުރެވޭ މަސައްކަތްތަކެއް މިއީ. އެކަމަށް އަދި އިތުރު މަރުޙަލާތަކަކަށް ދާންޖެހޭނެ. ސަރުކާރުގެ ސިޔާސަތަކީ، ރައްޔިތުން އެދޭގޮތަށް ހޮސްޕިޓަލެއް ޤާއިމުކުރުން. އެހެންވީމާ، އެ މަސައްކަތް އެގޮތަށް ގެންދިޔުމަށްޓަކައި އެޅޭ އެއް އިމާރާތް މިއީ. އެގޮތަށް އަޅުގަނޑުމެން ކުރިއަށް މިދަނީ.

މީގެއިތުރަށްވެސް، ރަށުގެ ޖިއޮގްރަފިކަލީ މި އޮންނަ ސަރަޙައްދަށް ބަލާއިރުގައި، ދަތުރުފަތުރު ކުރުމުގައި، ބަލިމީހުން ގޮވައިގެން އަމުދުން ދަތުރުކުރަން ބަލާއިރުގައި، ސީ އެމްބިއުލެންސްގެ ޚިދުމަތް ވަރަށްދަތި. އަޅުގަނޑުމެން މިހާރު ސަރުކާރުން ކެބިނެޓުގައި މަޝްވަރާކޮށް ނިންމާފައި އޮންނާނެ، މި އަންނަ އަހަރަށް ސީ އެމްބިއުލެންސް ފްލީޓް ބޮޑުކުރުމަށްޓަކައި، އިތުރު، ވަރަށް ގިނަ ސީ އެމްބިއުލެންސް ވެސެލްތައް އިތުރުކުރުމުގެ މަޝްރޫޢެއް ކުރިއަށް ގެންދަން. އެހެންވީމާ، އަލަށް މި އަންނަ އަހަރު ކުރިއަށް ގެންދެވޭ މި މަޝްރޫޢުގެ ތެރޭގައި، މި ރަށުގައި ޤާއިމުވެގެން އޮންނަ ސީ އެމްބިއުލެންސެއް، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަޖައްސާނަން.

އާދެ، މި ހުރިހާ ކަމެއްގެ ތެރެއިންވެސް ކަންތައްތައް ވެގެންދާއިރުގައި، އަދި އިތުރު މުހިންމު ކަންކަން ހުންނާނެ. އަޅުގަނޑުމެން އެއިން ކޮންމެ ކަމަކަށްވެސް ސަމާލުކަން އެބަދެން. އަދި، އިސްކަންދޭނަން. އާދެ، މިއަދު އަޅުގަނޑުމެން ފެށި މަގު ހެދުމުގެ މަޝްރޫޢުގެ ތެރޭގައި، އަޅުގަނޑުމެން މިވަގުތު ސްކޯޕް ކަނޑައަޅާފައި އެއޮތީ، މައި ހަތަރު މަގު ހަދަން. އެއަށްވެސް އަޅުގަނޑުމެން، އިރާދަކުރެއްވިއްޔާ މަގުތައް އިތުރުކުރާނަން. އިތުރުކޮށްދީ، މިހާރަށްވުރެވެސް ރަނގަޅުކުރާނަން.

އަދި އޭގެއިތުރަށް، މި އަހަރު ތެރޭގައި، އިރާދަކުރެއްވިއްޔާ ސްޕޯޓްސް ފިޝިންގ ބޮޔެއްވެސް އަޅައިދޭނަން. އެއީ، މި ރަށުގެ ޒުވާނުން އެދޭ ކަމެއް. އެކަންވެސް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ހަމަޖައްސައިދޭން ނިންމާފައި އޮތީ. އެކަންވެސް އެގޮތަށް ދާނެ.

މި ސަރަޙައްދާ މާ ދުރުނޫން ހިސާބެއްގައި ރިޒޯޓުތައް ތަރައްޤީކުރަންވެސް ހުޅުވާލެވިފައި އޮތީ. އެކަމަށްވެސް އެކި ފަރާތްތައް ކުރިމަތިލައިގެން ކުރިއަށްދާ މަރުޙަލާއެއް އެއީ. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ވީ ވަޢުދެއް މި އަތޮޅަށް، ރިޒޯޓުތައް އިތުރުކޮށްދިނުން، ޓޫރިޒަމް އިތުރަށް ފުޅާކުރުން. އެންމެ ރަނގަޅު އެއް ލޮކޭޝަން، އެއް ސަރަޙައްދު މިއީ މި އަތޮޅުގެ. އަދި އެކްސްޕޭންޝަނަށް ބަލާއިރުގައިވެސް، ޕޮޓެންޝަލްވެސް އެންމެ ބޮޑު އެއް ސަރަޙައްދު. އެހެންވީމާ، ކުރިއަށް އޮތްތާނގައި، އެއީ އަޅުގަނޑުމެން ވަރަށް އިސްކަމެއްދޭ ކަމެއް.

އާދެ، މިކަންކަމުގެ އިތުރަށް، ހަމަ ޔަޤީން، ރައްޔިތުން ބޭނުންވާ އެންމެ މުހިންމު އެއް ކަމަކަށް އޮތީ، އެއަރޕޯޓުކަން އަޅުގަނޑަށް އެނގޭ. އަޅުގަނޑު މިތާނގައި ނުއެއް ދަންނަވަން އަދި އެއްވެސް އެއްޗެއް. ލިސްޓުގެ 1 ން 10 އަށް އޮތީ އެއަރޕޯޓުކަން އަޅުގަނޑަށް އެނގޭ. އެހެންވީމާ، އަދި ނުދެންނެވިގެން މިއުޅެނީ. އެހެންނެއް ނޫން! އަޅުގަނޑު ވަރަށް ސީރިއަސްކޮށް ދަންނަވައިލާނަން ވާހަކައެއް. މިއަދު ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، އަޅުގަނޑުމެން ކުރަން މަސައްކަތް މިކުރާ ކަމަކީ، އަޅުގަނޑު ވަޢުދުވެފައި ދެންހުރި ހުރިހާ ވަޢުދެއް ފުއްދުމުގެ މަސައްކަތް. 11 މަޝްރޫޢެއް، އިރާދަކުރެއްވިއްޔާ ސޮއިކުރެވި، ޢަމަލީ މަސައްކަތުގެ މަރުޙަލާއާ އެކީގައި، ޖުމްލަ 11 މަޝްރޫޢެއް. ޞިއްޙީ ދާއިރާއަށްވެސް ވީ ވަޢުދު ފުއްދުން، މި ދެންނެވީ މި އަހަރު ފެށޭނެއޭ. އަދި އިތުރު ކަންތައްތައްވެސް. އެންމެ މުހިންމު ވަޢުދު މިއޮތީ. ނޫނީވިއްޔާ، މި އަތޮޅަށް ވީ ވަޢުދު އެއީ. ދެވަނަ އެއަރޕޯޓެއް ގެންނާނެ ކަމަށް. އަޅުގަނޑު ވީ ވަޢުދަކީ، ކޮންމެ ވަޢުދަކީ އިރާދަކުރެއްވިއްޔާ ފުއްދާނެ ވަޢުދެއް. އެހެންވެ ވަޢުދުވަނީ. ވަޢުދު ފުއްދަން ބޭނުންވާތީ، ނޫނީވިއްޔާ ފުއްދޭނެކަމުގެ ޔަޤީންކަން އޮވެގެން.

މިއަދު އަޅުގަނޑު ދޭނެ ހަމައެކަނި ޔަޤީންކަމަކީ، އެއީ ވަރަށް މުހިންމު ޔަޤީންކަމެއް. މި އަތޮޅަށް ދެން އަންނަންޖެހޭ އެއަރޕޯޓު އަންނަންޖެހޭނީ، ދުރު ރާސްތާއަށްވެސް ވިސްނާއިރު، އިޤްތިޞާދީ ގޮތުންވެސް، ދެމެހެއްޓެނިވި ތަރައްޤީއެއް ހާސިލުވާނެ ގޮތަކަށޭ. ޓޫރިޒަމް ކުރިއެރުވުމަށް ބަލާއިރުގައިވެސް، އެންމެ ރަނގަޅުގޮތުގައި، ގިނަ ރިޒޯޓުތަކެއް ތަރައްޤީކުރެވެން އޮތް ހިސާބެއްގައި އޮތް ރަށެއްގެ ކައިރީގައި އެއަރޕޯޓު އަޅަންޖެހޭނީ. އަދި، ޖިއޮގްރަފިކަލީ ބަލާއިރުގައިވެސް، އެއަރޕޯޓެއް އޮންނަން އެންމެ ޖެހޭނެ ރަށެއްގައި، އެއަރޕޯޓު އަޅަންޖެހޭނީ. އަޅުގަނޑު މިގޮތަށް މި ވިސްނަނީ. އެހެންވީމާ، ތިޔަބޭފުޅުން ތިޔަ ބޭނުންވެލައްވާ ކަންތަކުގައި އަޅުގަނޑުގެ ވިސްނުންހުރި ގޮތް މިއީ. މި އަތޮޅުގައި ދެވަނަ އެއަރޕޯޓެއް އެޅެންޖެހޭނެ ކަމަށް. މި ދެންނެވިހެން، ޓޫރިޒަމް ކުރިއެރުވުމާއި، ދަތުރުފަތުރު ކުރުމާއި، މި ހުރިހާ ކަމަކަށް ބަލާއިރުގައިވެސް، އެ ނީޑް އޮތް، އެ ޕޮޓެންޝަލް އޮތް، އެ އުންމީދު، ނޫނީވިއްޔާ އެ މުސްތަޤްބަލު އޮތް ހިސާބެއްގައި. އެހެންވީމާ، އެގޮތަށް އަޅުގަނޑު ނިންމާނަން، އިރާދަކުރެއްވިއްޔާ މާ ލަސްތަކެއްނުވެ. ތިޔަބޭފުޅުންގެ މި ބޭނުން އަޅުގަނޑަށް އެނގޭ. އަދި، އެއީ އަޅުގަނޑު ޤަބޫލުކުރަނީ، ވަރަށް ވަރަށް ރަނގަޅު ވިސްނުމެއް ކަމަށް. އަޅުގަނޑުވެސް ވަރަށް ޤަބޫލުކުރަން، އެއީ ހަމަ ވަރަށް ބޮޑަށް ދެކޮޅުޖެހޭ ވިސްނުމެއް. އެހެންވީމާ، އަޅުގަނޑު ވަރަށް ޤަބޫލުކުރަން، އަދި އިޙްތިރާމުވެސް އަދާކުރަން.

އެހެންވީމާ، ދެންހުރި ހުރިހާ ވަޢުދެއް ފުއްދަން ފުރަތަމަ މި ފެށީ. ދެން އެއްގޮތަކަށްވެސް މާޔޫސްވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަކަށް އަޅުގަނޑު ޤަބޫލެއްނުކުރަން. އާދެ، އެހެންވީމާ، ދެވަނަ އެއަރޕޯޓެއް މި އަތޮޅުގައި އެޅުމުގެ ވަޢުދު ފުއްދާނަން. ފުއްދާއިރުގައި، މި ދެންނެވި ވިސްނުމުގައި އަޅުގަނޑު އެކަން ކުރާނީ. މާ ލަސްތަކެއްނުވެ، އެކަމަށްވެސް އަޅުގަނޑު ފައިނަލް ޑިޒިޝަނެއް ނަގާނަން.

އާދެ އެހެންވީމާ، އެހިސާބުން އަޅުގަނޑު މިއަދު ވަކިވެލާނަން. އަޅުގަނޑު ޤަބޫލުކުރަނީ، މިއަދު މި ފެށިގެންދިޔަ ކޮންމެ މަޝްރޫޢަކީވެސް ރައްޔިތުން ބަލައިގަންނަ، ރައްޔިތުންނަށް ބޭނުންވާނެ ކަންކަމުގެ ގޮތުގައި. ކޮންމެ ދާއިރާއަކަށްވެސް ކުރިއެރުން ލިބިގެންދާނެ. ތަޢުލީމީ، ޞިއްޙީ ދާއިރާ، ކުޅިވަރު، އިންފްރާސްޓްރަކްޗަރ ގޮތުން، ހުރިހާ ދާއިރާއެއް. މި ރަށުގެ ތަރައްޤީއަށް ބޭނުންވާ ދެންހުރި ހުރިހާ ކަމެއް، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ފެށީ. ކުރިއަށްދާނެ. ފުރިހަމަކަމާއެކީ ނިމިގެންދާނެ. ރަށަށް އެއިން ފުރިހަމަ ކުރިއެރުންތަކެއް، އަޅުގަނޑު އުންމީދުކުރަން އެތައް ގުނައަކުން ލިބިގެންދާނެ ކަމަށް. އަދި އެއާއެކީގައި، ދެންއޮތް ކަންތަކައިގެންވެސް ކުރިއަށްދެވޭނެ މަގު ފަހިވާނެ ކަމަށް.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، ދިވެހިރާއްޖޭގެ ތަރައްޤީއަށް އަޅުގަނޑުމެން އެންމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ކާމިޔާބީ މިންވަރު ކުރެއްވުން. އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه