ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހައްދުންމަތީ މާވަށު ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ މާވަށު ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުން ކަންކަން ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން ކައުންސިލުން ވަނީ، ރަށުގެ ބިންހިއްކުމުގެ މަސައްކަތާއެކު އެ ސަރަހައްދުގައި ފުޓްބޯޅަ ދަނަޑެއް އަޅައިދެއްވުމަށާއި، ރަށުގެ ޞިއްޙީ މަރުކަޒެގެ ހާލަތު ރަނގަޅުކޮށްދެއްވުމަށާއި، ސީއެމްބިއުލާންސްގެ ޚިދުމަތް ލިބޭނެގޮތް ހެއްދެވުމުގެ އިތުރުން، ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް އަޅުއްވާއިރު މާވަށަށް އިސްކަން ދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން ސްޕޯޓްސް ފިޝިންގް އަށް ޚާއްޞަ ބޮއެއް ރަށުގެ ސަރަހައްދުގައި އަޅުއްވައިދެއްވުމަށް ވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަށުގެ ސިއްޙީ މަރުކަޒުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށާއި، އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ހުރިހާ ހެލްތު ސެންޓަރުތަކުން ބޭނުންވާ ކަންކަމުގައި ސީދާ މިނިސްޓްރީއާއި މުޢާމަލާތްކުރާ ގޮތަށް މަސައްކަތް ރާވާފައިވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އެމަނިކުފާކުގެ ވާހަކަފުޅުގައި ކައުންސިލުން އިތުރަށް ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވިއެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.