ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު، ޝަރަފްވެރި ކޮށްދެއްވައިފިއެވެ.

ހައްދުންމަތީ ފޮނަދޫގައި ހުންނަ ލ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވުނު ޖަލްސާގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، އެމަރުކަޒަކީ ހައްދުންމަތީގައި ހުރި އެންމެ ގިނަ ދުވަސްވީ ސްކޫލްކަން ފާހަގަކުރައްވައި، އެމަރުކަޒު އުފެދުނުފަހުން މިވީ ތިރީހަކަށް އަހަރުތެރޭގައި ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާކަމުގައި ވިދާޅުވިއެވެ.

2000 ވަނަ އަހަރު އ.ދ.އިން ކަނޑައަޅާފައިވާ އ.ދ.ގެ ސާސްކަފުގެ ތަރައްޤީގެ ހަތް ލަނޑުދަނޑީގެ ތެރެއިން ފަސް ކަމެއް މިހާރު ރާއްޖެއިން ޙާޞިލް ކޮށްފައިވާކަމަށާއި، އޭގެތެރެއިން އެއްކަމަކީ ތަޢުލީމާ ގުޅުންހުރި ލަނޑުދަނޑިކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. މި ލަނޑުދަނޑިއަކީ، 2015 ވަނަ އަހަރުގެ ކުރިން ދުނިޔޭގެ ހުރިހާ ކުޑަކުދިން، އަންހެން ކުދިންނާއި ފިރިހެން ކުދިންނަށް ހަމަހަމަ ގޮތެއްގައި، ފަށާ ތަޢުލީމް ނިންމުމުގެ ފުރުޞަތު ކަށަވަރު ކޮށްދިނުމެވެ.

މީގެއިތުރުން، ރާއްޖޭގެ ތަޢުލީމީ ނިޒާމު ހަރުދަނާކުރައްވުމަށް، ރާއްޖޭގެ ސްކޫލުތަކަކީ އެއް ދަންފަޅިއަށް ކިޔަވައިދޭ، ވަށާޖެހޭ ތަޢުލީމެއް ދެވޭ ސްކޫލްތަކަށް ހެއްދެވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ މުހިންމު ކަމުގެ މައްޗަށް ނައިބު ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އަދި ވަށާޖެހޭ ތަޢުލީމެއް ދިނުމުގެ ބޭނުމަކީ، ސްކޫލްތަކުން ނިމިގެން ނިކުންނަ ކުދިންނަކީ ރަނގަޅު ތަޢުލީމެއް ލިބިފައިވާ، މުޖްތަމަޢަށް ބޭނުންހިފޭ ހަރުދަނާ، އަޚްލާޤް ރަނގަޅު ކުދިންތަކަށް ހެއްދެވުން ކަމުގައި ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ރޭ ދެއްކެވި ވާހަކަފުޅުގައި، މުޖްތަމަޢުގައި ކުޑަ ކުދިންނާއި ޒުވާނުން ކުށް ކުރުން އިތުރުވަމުން ދާ ދިއުމާމެދު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި މިފަދަ މައްސަލަތައް ޙައްލުކުރެއްވުމަށް، ބެލެނިވެރިންނާއި، ސްކޫލްތަކާއި، ރަށްރަށާއި މުޖްތަމަޢުގެ ވެރިން އެބޭފުޅުންގެ ޒިންމާ ފުރިހަމަގޮތުގައި އުފުއްލަވައި، މުޅި ޤައުމު ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލެއްވިއެވެ.

ރޭގެ ޖަލްސާގައި ލ.އަތޮޅު ތަޢުލީމީ މަރުކަޒުން އެކި ވަނަތަކަށް ހޮވުނު ދަރިވަރުންނަށް ނައިބު ރައީސް އިނާމު ހަވާލުކޮށް ދެއްވިއެވެ.

މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް، ނައިބު ރައީސް ހައްދުންމަތީ ފޮނަދުއަށް ވަޑައިގެންނެވީ އިއްޔެ މެންދުރުއެވެ. އަދި މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމަނިކުފާނު މާލެ ވަޑައިގެންނެވީ މިއަދު މެންދުރުފަހުއެވެ.