بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

މާއުނގޫދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ރަށުގެ ކައުންސިލްގެ ރައީސް، މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، މި ރަށުގެ މުއައްސަސާތަކުގެ ވެރިން، ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، މި ތަނަށް ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ ބައްލަވަމުން، އަޑުއައްސަވަމުން ގެންދަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މި އަތޮޅަށް އަޅުގަނޑުމެން ފެށި ދަތުރުގައި، އެންމެފަހު ރަށަކަށް މި އާދެވުނީ މާއުނގޫދުއަށް. ވަރަށްވެސް ވިއްސާރަ ވަގުތެއްގައި. އެހެންނަމަވެސް، ތިޔަ ލޮބުވެތި ހުރިހާ ރައްޔިތުން ވަޑައިގެން، އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން މާއުނގޫދޫގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

މިއަދު ކަންދިމާކުރި ގޮތުން ވިއްސާރަކަމުން، އެއްވެސް މަޝްރޫޢެއްގެ މަސައްކަތް ރަސްމީކޮށް މަސައްކަތް ކުރަން އޮންނަ ސަރަޙައްދުތަކުގައި އަޅުގަނޑުމެންނަށް ފެށޭގޮތެއް ނުއެއްވި. އިވެންޓްތައް ބޭއްވޭގޮތެއްނުވި. ނަމަވެސް، އެއިން ކޮންމެ މަޝްރޫޢަކީ، ކުރިއަށް ގެންދިޔުމުގެ ހުރިހާ އިންތިޒާމުތަކެއް ހަމަޖެހިފައި ހުރި މަޝްރޫޢުތައް. އިވެންޓްތައް ނުބޭއްވުނު ނަމަވެސް، އެ ކޮންމެ މަޝްރޫޢެއްވެސް އިރާދަކުރެއްވިއްޔާ އެއްވެސް މަޑުޖެހުމެއްނެތި ކުރިއަށް ގެންދާނަން، ކުރިއަށްދާނެ.

އެގޮތުން ބަލާއިރުގައި، މި ރަށުގައި ކައުންސިލް އިދާރާއެއް އެޅުމަށް، އަޅުގަނޑުމެން މިއަދު މަސައްކަތް ފަށަން ހަމަޖައްސާފައި އޮތް. އަދި ހަމައެފަދައިން، ޞިއްޙީ މަރުކަޒަށް އެކްސްޓެންޝަން އިމާރާތެއް ޤާއިމުކުރުމަށް މަސައްކަތް ފަށާގޮތަށް އޮތް. މާއުނގޫދޫ ސްކޫލަށް ހަތަރުބުރީގެ އާ އިމާރާތެއްގެ މަސައްކަތް ފެށުންވެސް އަދި ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ ގޮފީގެ އިމާރާތެއްގެ މަސައްކަތް ފެށުންވެސް. އަދި ހަމަ އެއާއެކީގައި، ފުލުހުންގެ މަރުކަޒެއްގެ އިމާރާތް ފެށުންވެސް. މީގެ އިތުރުން، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއްގެ މަސައްކަތް ފެށުންވެސް.

އާދެ، 6 މަޝްރޫޢެއްގެ މަސައްކަތް، ރަސްމީކޮށް މިއަދު މޫސުން ތަން ނުދިނުމުގެ ސަބަބުން ނުފެށުނު ނަމަވެސް، އެވަނީ ހަމަޖެހިގެން ގޮސްފައި. އެހެންވީމާ، އެ މަސައްކަތްތައް ކުރިއަށްދާނެ. އެ ޔަޤީންކަން އަޅުގަނޑު އެންމެ ފުރަތަމަވެސް ތިޔަބޭފުޅުންނަށް އަރުވަން. އިރާދަކުރެއްވިއްޔާ މިއިން ކޮންމެ މަޝްރޫޢެއް ކުރިއަށްދާނެ.

މިއިން ކޮންމެ މަޝްރޫޢަކީ، އެ މަޝްރޫޢެއްގެ ބަޖެޓު ހަމަޖެހި، މިއިން ކޮންމެ މަޝްރޫޢެއްގެ މަސައްކަތް ކުރުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެފައިހުރި މަޝްރޫޢުތައް. އެކަންކަން އެގޮތުގައި ކުރިއަށްދާނެ. މިއިން ކޮންމެ މަޝްރޫޢެއް ނިމުމުން، އެ މަޝްރޫޢެއްގެ ބޭނުންކުރަން ތިބި ފަރާތްތަކަށް ހަމަ ޔަޤީނުންވެސް ލިބިގެންދާނީ ވަރަށް ބޮޑު ހިތްހަމަޖެހުންތަކެއް. މިސާލަކަށް ދަންނަވަންޏާ، ޞިއްޙީ ދާއިރާ ކުރިއެރުވުމަށް، މި މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ވެގެންދާނީ، އޭގެ ސަބަބުން ޞިއްޙީ ދާއިރާއަށް އެތައް ފެސިލިޓީސްތަކެއް، ޚިދުމަތްތަކެއް ދިނުމަށް ލިބިގެންދާ ކުރިއެރުމަކަށް. 24 ގަޑިއިރަށް ޚިދުމަތް ބަދަލުކުރުމަށް ސަރުކާރުން ގަސްދުކުރަން. މިކަން ކުރުމުގައިވެސް މިއީ ވަރަށް މުހިންމު މަޝްރޫޢަކަށްވޭ. ސްކޫލަށް އިތުރުކުރެވޭ އިމާރާތް ވެގެންދާނީ ހަމަ ޔަޤީނުންވެސް ސްކޫލަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމަކަށް. ހަމައެފަދައިން، ދެން ހުރި ކޮންމެ މަޝްރޫޢެއްވެސް.

އާދެ، މީގެއިތުރުން، ހިނގަމުންދާ މުހިންމު މަޝްރޫޢެއް ނުނިމި އެބައޮތް. އެއީ، ފެނާއި، ނަރުދަމާ އެޅުމަށްޓަކައި ހަވާލުކުރެވުނު މަޝްރޫޢު. އަމިއްލަ ކުންފުންޏަކުން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މަސައްކަތް ކުރިއަށް ގެންގޮސްފައި އޮތް މަޝްރޫޢެއް. ކުރިއަށް ނުގޮސްގެން އަޅުގަނޑުމެން އެކި ގޮތްގޮތުން އެކަމަށް މަސައްކަތްކޮށް، އެންމެފަހުން ޓަރމިނޭޓް ކޮށްފައި، ސަރުކާރުން އެމް.ޑަބްލިޔޫ.އެސް.ސީ.އާ މިހާރު އެއޮތީ ހަވާލުކޮށްފައި. އެމް.ޑަބްލިޔޫ.އެސް.ސީ.އިން ވަރަށް އަވަހަށް ރީސްޓާޓް ކުރާނެ. ތަކެތި އަރުވައިގެން މޮބިލައިޒް ކުރާނެ. ކޮށްގެން އިރާދަކުރެއްވިއްޔާ، އެ މަޝްރޫޢު އެ ބޭފުޅުން ކުރިއަށް ގެންދަވައި ނިންމަވާލަދެއްވާނެ.

ހަމައެއާއެކީގައި، ބަނދަރުގެ މަސައްކަތަކީ، އެމް.ޓީ.ސީ.ސީ.އިން ކުރަމުންދާ މަސައްކަތްތަކެއް. އިރާދަކުރެއްވިއްޔާ ބަނދަރުގެ މަސައްކަތް، ރައްޔިތުން އެދިވަޑައިގެންފައިވާ ކަންތައްތަކަށް ރިޢާޔަތްކޮށްގެން، އަޅުގަނޑުމެން ނިންމައިދޭނަން. މީގެއިތުރުން، ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދާއިރުގައި، ރައްޔިތުން އެދިވަޑައިގެންފައިވާ ގޮތަށް، މޫދަށްއެރޭ ސަރަޙައްދެއް ހެދިގެންދާނެ ގޮތަށް، މި މަޝްރޫޢަށް އަޅުގަނޑުމެން ބަދަލުތަކެއް ގެނެސްދީ، ސްކޯޕް ބަދަލުކޮށްދީ، އިރާދަކުރެއްވިއްޔާ، މޫދަށްއެރޭ ސަރަޙައްދެއްވެސް ހިމެނިގެންދާ ގޮތަށް، އެ މަޝްރޫޢު ކުރިއަށް ގެންދާނަން. އެކަން ތިޔަބޭފުޅުންނަށް ދަންނަވަން.

އާދެ، ފުޓްބޯޅަ ދަނޑެއް އެޅުމަށް އަޅުގަނޑުމެން ވަރަށް އަވަހަށް މި މަހުގެ ތެރޭގައި އެބަ ސޮއިކުރަން. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ، މި އަހަރުގެ ތެރޭގައި ފެށިގެންދާނެ.

އާދެ، ފެނާއި، ނަރުދަމާގެ މަސައްކަތް ނިމުނީމާ މަގުހެދުން ކުރިއަށް އޮތީ. އަޅުގަނޑު ވެފައި އޮތް ވަޢުދެއް އެއީ. މަގުހެދުމަކީ، އަޅުގަނޑުމެން ކޮންމެ ރަށެއްގައިވެސް ކޮންމެވެސް މިންވަރަކަށް މި ދައުރުގެ ތެރޭގައި، ކުރިއަށްގެންދާނެ ކަމެއްގެ ގޮތުގައި. އެހެންވީމާ، ފެނާއި، ނަރުދަމާ ނިމުނުހާ އަވަހަކަށް އެކަން ކުރުމަށް އަޅުގަނޑުމެން ތާވަލުކޮށްފައި އޮތީ. ސީދާ އަދި ތާރީޚެއް އަޅުގަނޑު ދަންނަވައިނުލި ނަމަވެސް.

އަޅުގަނޑުމެން މި އަންނަ އަހަރަށް ބަޖެޓުގައި ހިމަނާނަން، އާ މިސްކިތެއް އެޅުން. އެހެންވީމާ، ބަޖެޓު ފާސްވެގެން އައިމާ، މި އަންނަ އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ، މިސްކިތެއް އިމާރާތް ކުރުމުގެ މަސައްކަތް ފެށޭނެ.

އާދެ، އެހެންވީމާ، ޖުމްލަކޮށް މި ދެންނެވި ކަންތައްތައް އަޅުގަނޑު ފާހަގަކޮށްލަން. މިއަދު ފެށުމަށް ހަމަޖެހި، އެހެންނަމަވެސް ކުރިއަށްދާނެކަމުގެ ޔަޤީންކަން އަޅުގަނޑު މިދިން 6 މަޝްރޫޢާއި، އަދި ދެންމެ އަޅުގަނޑު މި ދަންނަވާލި ގޮތަށް، ކުރިއަށްދާނެ މަޝްރޫޢުތައް، ވަރަށް އިސްކަންދީގެން އެކަމާ ގުޅޭ ހުރިހާ މުއައްސަސާތަކުން، ކުންފުނިތަކުން، މިނިސްޓްރީތަކުން ކުރިއަށް ގެންގޮސްދޭނެ. މިއިން ކޮންމެ މަޝްރޫޢެއް ނިމިގެންދިޔުމުން ހަމަ ޔަޤީނުންވެސް، ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުންތަކެއް، ކުރިއެރުންތަކެއް ލިބޭނެ. ޒުވާނުންނަށް، އާންމު ރައްޔިތުންނަށް، ސްކޫލަށް، ހުރިހާ މުއައްސަސާތަކަށް، ޖުމްލަކޮށް ރަށުގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް.

އާދެ، އެހެންކަމުން، މާއުނގޫދޫގެ ތަރައްޤީއަށް މިކަންކަން ވެގެންދާނީ، އަޅުގަނޑު ހިތުން ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައި ހުރި ކަންކަން ފުރިހަމަވެގެން ދިޔުން ކަމުގައި. އެކަންކަން ވެގެންދިޔައިމާ، އަޅުގަނޑު ރައްޔިތުންނަށްވީ ހުރިހާ ވަޢުދެއް، އަޅުގަނޑު ހިތުން ފުރިހަމަވެގެންވެސްދާނެ.

އާދެ، އަދިވެސް އެއްފަހަރު، އަޅުގަނޑު ތިޔަ ލޮބުވެތި ރައްޔިތުންނަށް މިކަމުގެ ޔަޤީންކަން އަރުވަން. މި ދެންނެވި ގޮތަށް، ރައްޔިތުން އެދޭގޮތަށް އަޅުގަނޑުމެން މިކަންކަން އިރާދަކުރެއްވިއްޔާ ވަރަށް ބޮޑަށް ކުރިއަށް ގެންގޮސްދޭނަން.

އާދެ، މޫސުން ވަރަށް ތަން ނުދިނުމުގެ ސަބަބުން، އަޅުގަނޑުމެން ބޭނުންވިގޮތަށް، ތިޔަބޭފުޅުން ބޭނުންވިގޮތަށް ކަންކަން، އަޅުގަނޑުމެން އެންމެން ބޭނުންވިގޮތަށް ކަންކަން ނުގެންދެވުނު ނަމަވެސް، ހުރިހާ ރައްޔިތުން ވަޑައިގެން، އަޅުގަނޑުމެންނާ އެކީގައި ތިޔަ ހޭދަކޮށްލައްވާ ވަގުތާއި، މި ދެއްވާ މެހްމާންދާރީ އަޅުގަނޑު ހަމަ ހިތުގެ ފުންމިނުން، ވަރަށް އުފަލާއެކީ ފާހަގަކޮށް، އަދިވެސް ޝުކުރު ދަންނަވަން. އިރާދަކުރެއްވިއްޔާ، މާއުނގޫދޫގެ ތަރައްޤީގައި ޙަޤީޤީ ކުލަޖައްސައިދީ، މަޝްރޫޢުތައް ކުރިއަށް ގެންގޮސް ނިންމައިދޭނަން.

އާދެ، މި ދަތުރު މިއަދު މި ނިމިގެންދަނީ. މި ރަށުގެ މި ދަތުރާއެކީގައި، މި އަތޮޅަށް ކުރެވިގެންދިޔަ ދަތުރު. މި އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ކޮންމެ ރަށެއްގެ ރައްޔިތުންވެސް، އެ ބޭފުޅުން ވިދާޅުވި ކަންތައްތައް ކޮށްދިނުމުގައި ސަރުކާރުން، އަޅުގަނޑު އެއިން ކޮންމެ ރަށެއްގައި ދެންނެވި ގޮތަށް، އަޅުގަނޑުމެންގެ މަސައްކަތްތައް ކުރިއަށްދާނެ. ސަރުކާރުން މި މަސައްކަތްތައް މިކުރަނީ، އެކަމަށްޓަކައި ހުރިހާ ގޮތަކުން ކަންކަން ކުރެވޭނެގޮތް މަގުފަހިކޮށްގެން. އަދި މި އަންނަ އަހަރަށް ކުރާނެ ކަމަށް އަޅުގަނޑު ހުރިހާ ރަށެއްގައި ދެންނެވި ކަންތައްތައްވެސް އެގޮތަށް ކުރިއަށްދާނެ.

އާދެ، މި އަހަރުގެ ތެރޭގައި، މިދިޔަ އަހަރުގެ ތެރޭގައި އަޅުގަނޑުމެން ބޮޑަށް މަސައްކަތް ކުރަންޖެހުނީ، މި އަހަރުގެ މިހިސާބަށް މިކަންކަން ޢަމަލީގޮތުން ފެށޭނެގޮތަށް ރާއްޖޭގެ އިޤްތިޞާދީ ޙާލަތުގައި ހުރި މައްސަލަތައް ޙައްލުކުރެވި، ރާއްޖޭގެ ދަރަނިތައް ދެއްކުމުގެ ގޮތްގޮތް ހަމަޖައްސައި، މި ހުރިހާ ކަމެއް ތަރުތީބުކޮށްގެން، އަޅުގަނޑު ވެފައިހުރި ވަޢުދުތައް ރަށްރަށުގައި ކުރިއަށް ގެންދެވޭނެ ހިސާބަށް ގެންދަން. އެހިސާބަށް މިހާރު އާދެވި، މަސައްކަތްތައް މި ފެށުނީ. މި އަހަރާއި، މި އަންނަ އަހަރުގެ ތެރޭގައި މަސައްކަތްތަކުގެ ބޮޑުބައި ކުރިއަށްގޮސް ނިމެމުންދާނެ.

އެހެންވީމާ، ކުރިންވެސް ދެންނެވި ގޮތަށް، މި އަހަރު އަދި މި އަންނަ އަހަރު ވެގެންމިދަނީ، ރައްޔިތުންނަށް އަޅުގަނޑު ވަޢުދުވީ މިކަހަލަ ގިނަ މަޝްރޫޢުތައް، ހުރިހާ މަޝްރޫޢެއްވެސް ފެށިގެންދާ ދެ އަހަރުގެ ގޮތުގައި. އަދި އޭގެތެރެއިން ހަމަ ގިނަ މަޝްރޫޢުތަކެއް ނިމިގެންވެސް ދާނެ. އަދި ދެން އަންނަ އަހަރު ވަރަށް ގިނަ މަޝްރޫޢުތައް ނިމިގެންވެސްދާނެ.

އެހެންވީމާ، މި ދެންނެވި ގޮތަށް، ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސައިދިނުމުގައި، އަޅުގަނޑުމެން ރައްޔިތުންނާ އެކީގައި ކުރިއަށްދާނަން. ރައްޔިތުންގެ ގާތަށް މި އަންނަނީ އެހެންވެގެން. ރައްޔިތުން ބޭނުންވާ ކަންތައްތައް ސީދާ ރައްޔިތުންގެ ގާތުން އޮޅުންފިލުވައި، އަޑުއެހުމަށްޓަކައި. ކައުންސިލްތަކާ ސީދާ ގާތުން ބައްދަލުކުރުމަށް. މުއައްސަސާތަކުގެ ވެރިންނާ ގާތުން ބައްދަލުކުރުމަށް. އޭގެ ނަތީޖާ އިރާދަކުރެއްވިއްޔާ، ރައްޔިތުންނަށް ފުރިހަމަކަމާއެކީގައި ލިބިގެންދާނެ. ލިބެމުންވެސް އެބަދޭ. އަޅުގަނޑު ހިތުން ހުރިހާ މުއައްސަސާތަކުގެ ވެރިންވެސް، ކައުންސިލްތަކުންވެސް ގަބޫލުކުރައްވާ، ހުރިހާ ކަމަކާ، ރައްޔިތުންގެ ކަންކަމައިގެން މާލެއައިސް، ވަގުތުތައް ހޭދަކޮށް، ހުރިހާ ކަމެއްގައި އުފުލަންޖެހޭ ތަކުލީފުތައް، މިހާރަކު އުފުލަން ނުޖެހޭކަން. އެކަންކަން އަޅުގަނޑުމެން ސީދާ ރައްޔިތުންގެ ގާތަށް އައިސްގެން ޙައްލުކޮށްދޭން މި މަސައްކަތް ކުރަނީ. ކުރިއަށް އޮތް ތާނގައިވެސް އަޅުގަނޑުމެން ގެންދާނީ އެގޮތުގައި. އިރާދަކުރެއްވިއްޔާ، ރައްޔިތުންގެ އުންމީދުތައް މިގޮތުން އަވަސްމިނުގައި ފުރިހަމަވެގެންދާނެ.

އާދެ، އަދިވެސް އެއްފަހަރު، މާއުނގޫދޫގެ ރައްޔިތުންނަށް، އަދި މި އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި ކުރާ މަސައްކަތްތައް ކާމިޔާބުވުމުގައި، ތިޔަބޭފުޅުންގެ ތިޔަ އެއްބާރުލެއްވުމާއި، ތަރުހީބާއެކީގައި ކާމިޔާބީއާ ހަމައަށް ދާނެ.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ޤައުމު ކުރިއެރުވުމުގައި، ދިވެހި ރައްޔިތުންގެ އުންމީދުތައް ހާސިލުކުރުމުގައި ކާމިޔާބީ މިންވަރުކުރެއްވުން. ޤައުމަށް އަޅުގަނޑުމެން އެދޭ އުފާފާގަތިކަން ގެނެސްދިނުމުގައި، ކާމިޔާބީ މިންވަރު ކުރެއްވުން. އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.