بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
މިލަންދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ރަށުގެ ކައުންސިލްގެ ރައީސް، މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ރަށުގެ މުއައްސަސާތަކުގެ ވެރިން، މި ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ ދުރާއި ގާތުން ބައްލަވާ އަދި އަޑުއައްސަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
މިއަދު އަޅުގަނޑުމެންނަށް މި ރަށަށް އާދެވުނު ވަގުތު، މިލަންދޫގެ ރައްޔިތުން ވަޑައިގެން އަޅުގަނޑުމެންނަށް ވިދާޅުވި ވަރަށް ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ތިޔަ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ފަށްފަށުން ޝުކުރު ދަންނަވަން.
އާދެ، ރިޔާސީ އިންތިޚާބުގައި، އަދި ފަހުންވެސް ރައްޔިތުންނަށް އަޅުގަނޑު ވީ ވަޢުދުތައް ފުއްދުމުގެ މަސައްކަތްތައް މިއަދު އަޅުގަނޑުމެން މި ރަށުގައި މި ފެށީ. މިދިޔަ ދުވަސްތަކުގައިވެސް މީގެ ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ. އެހެނަސް، އެކަންކަމުގެ ތެރެއިން ޢަމަލީގޮތުން މަޝްރޫޢުތައް ފެށުމުގެ މަސައްކަތް މިއަދު މި ފެށުނީ.
އާދެ، އެންމެ ބޮޑު ވަޢުދަކަށް ރައްޔިތުންނަށް އަޅުގަނޑު ވީ ވަޢުދަކަށް ވާނީ އަޅުގަނޑު ހިތުން، އެއަރޕޯޓު އަޅައިދިނުމުގެ ވަޢުދު. މި ރަށުގެ ރައްޔިތުންނަށް، އަދި މި ސަރަޙައްދަށް، ތަރައްޤީ ގެނައުމުގައި، ދަތުރުފަތުރު ކުރުމުގެ ނިޒާމު، ދަތުރުފަތުރު ކުރުމުގެ ދަތިކަން އޮތްގޮތަށް ބަލާއިރުގައި، ހުރިހާ މާނައެއްގައިވެސް އެއީ، އިޤްތިޞާދީ ގޮތުން ތަރައްޤީކުރުން ކަމުގައިވިޔަސް، އަދި ހުރިހާ ގޮތަކުން ބެލިނަމަވެސް، މި ރަށަށް މި އެއަރޕޯޓު މުހިންމުކަން އޭރުގައިވެސް އަޅުގަނޑަށް ވިސްނިފައިވޭ، ރައްޔިތުން އެކަން ހުށަހެޅިއިރު. ރައްޔިތުންގެ ހުށަހެޅުން އަޅުގަނޑު އެހެންވެ ވަރަށް ބޮޑަށް ގަބޫލުކުރަން. އެއީ، ކޮންމެހެން މި ރަށަށް ކުރަންޖެހޭ ކަމެއްގެ ގޮތުގައި.
އާދެ، އަޅުގަނޑުމެން ވަރަށް ގިނަ ގޮތްގޮތުން ބަލާފައި، ރަށުގައި އެއަރޕޯޓު އަޅާނެގޮތާއި، އެޅެންއޮތްގޮތާއި، ރަށުގެ ބިން އެންމެ ހެޔޮގޮތުގައި، ބޭނުންހިފޭނެ ގޮތާއި، މި ހުރިހާ ކަމަކަށް ސަރުކާރުން، ކަމާބެހޭ ފަރާތްތަކުން ބައްލަވައި ހައްދަވާފައި، މިގޮތަށް މި ނިންމީ. މި އެއަރޕޯޓު އަޅާނެ ތަނާއި، އެ އޮރިއެންޓޭޝަނާއި، މި ހުރިހާ ތަފްޞީލެއް. އެއީ، މި ރަށުގެ ބިން މެދުރާސްތާއާއި ދުރުރާސްތާއަށްވެސް އެންމެ ހެޔޮގޮތުގައި ބޭނުންހިފޭނެ ގޮތަށް ރަށުގައި އެއަރޕޯޓު އެޅިގެންދާންޖެހޭނެ ކަމަށް އަޅުގަނޑުމެން ގަބޫލުކުރާތީ. އެހެންވީމާ، މިހާރު މި ފައިނަލް ކުރެވުނު ގޮތަށް، އެއަރޕޯޓުގެ މަސައްކަތް ކުރިއަށްދާނީ. ކުރިއަށްދާއިރުގައި، މިހާރު ބަނދަރު އޮތްތަނުން ބަނދަރު މޫވްކުރަންޖެހޭނެ. މޫވްކޮށް، ނޫނީވިއްޔާ ބަދަލުކުރަންޖެހޭނެ. އެހެންވީމާ، މި އެއަރޕޯޓު އެޅުމުގެ މަސައްކަތް ކުރެވިގެންދާނީ، މިކަންވެސް ހިމެނޭގޮތަށް. އެމް.އޭ.ސީ.އެލް.އާ އެކީގައި، މިއަދު މި ސޮއިކުރެވުނު އެއްބަސްވުމުގެ ތެރޭގައި، އެއަރޕޯޓު އެޅުމުގެ ގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ހިމެނިފައި އޮންނާނީ.
އާދެ، އެހެންވީމާ މިއަދު މި ފެށި މަޝްރޫޢަކީ، މި ދެންނެވި ފަދައިން، ބިން ހިއްކުމާއި، އެއީ 40 ހެކްޓަރުގެ ބިން ހިއްކުމާއި، ދެން އެއާ ގުޅިގެން ބަނދަރު ބަދަލުކުރުމާއި، ރަށުގެ ރައްޔިތުންނަށް ބޭނުންވާ، މިހާރު މިއޮތް ބަނދަރު އަދި މިހާރު އަޕްގްރޭޑް ކުރެވިގެން މި ހެދިގެންދާ ކޮންސެޕްޓް އެއަށްވުރެވެސް ފުރިހަމަވެގެން އިރާދަކުރެއްވިއްޔާ ދާނެ ބަނދަރެއް. އާ ބަނދަރެއް ހެދިގެންދިޔުމާއި، މި ހުރިހާ ކަމެއް ހިމެނޭގޮތަށް މި މަޝްރޫޢު މި ހަވާލުކުރެވުނީ.
އާދެ، ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް މިއަދުން ފެށިގެން އެންމެ ގިނަވެގެންވެސް 8 މަސް ދުވަހުގެ ތެރޭގައި ނިމިގެންދާނެ. މިއަދުން ފެށިގެން 30 މަސް ދުވަހުގެ ތެރޭގައި، މާނައަކީ، ދެ އަހަރާއި ބައި އެންމެ ގިނަވެގެންދާނީ މި އެއަރޕޯޓު ނިންމަން. އެހެންވީމާ، މިއަދުން ފެށިގެން އެންމެ ގިނަވެގެން، 30 މަސް ދުވަހުގެ ތެރޭގައި މި ދެންނެވި ބަނދަރު ބަދަލުކުރުމާއި، އާ ބަނދަރެއް ހެދުންވެސް ހިމެނޭގޮތަށް، މި ރަށުގައި އެއަރޕޯޓު ހަދައި، އިރާދަކުރެއްވިއްޔާ ނިންމައި ހުޅުވާނަން.
އަޅުގަނޑު ރޭގައި، އެހެން ރަށެއްގައި ވާހަކަ ދައްކަމުންވެސް ވަރަށް ތަފްޞީލުކޮށް ކިޔައިދިނިން، ތިޔަބޭފުޅުންވެސް ބައްލަވާފައިކަންނޭނގެ އޮންނާނީ. މި ރަށަށްވެސް ޝާމިލުވާ ވާހަކަތަކެއް ދެއްކިން އެއަރޕޯޓު ކަންތަކުގައި. ހުރިހާ ކަމެއް އިރާދަކުރެއްވީތީ ތަރުތީބުކޮށްގެން ހަމަޖައްސައިގެން މި ކުރަނީ. އެހެންވީމާ، އެއްވެސް މަޑުޖެހުމެއްނެތި، ހަމަ ވަރަށް ހަލުވި ދުވެލީގައި، ވަރަށް ރަނގަޅަށް މަޝްރޫޢު ކުރިއަށްދާނެ.
އާދެ، މި މަޝްރޫޢުގެ އިތުރަށްވެސް، ވަރަށް ގިނަ ކަންކަން އިރާދަކުރެއްވީތީ އަޅުގަނޑުމެން މިއަދު މި ރަށުގައި ފަށައިފިން. މިއިން ކޮންމެ މަސައްކަތަކީވެސް ރަށުގެ ތަރައްޤީއަށް ނުހަނު ބޭނުންތެރި ކަންތައް. އަޅުގަނޑު ވެފައިހުރި ވަޢުދުތައް.
އާދެ، މިގޮތުން އިސްލާމީ މަރުކަޒެއް، ވަރަށް ޒަމާނީ، ވަރަށް ފުރިހަމަ، 700 މީހުންގެ ޖާގައިގެ އިސްލާމީ މަރުކަޒެއް އެޅުމުގެ މަސައްކަތް ފެށިގެން އެދިޔައީ. 30 އެނދުގެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ފެށިގެން އެދިޔައީ. ފުލުހުންގެ މަރުކަޒެއް، 4 ބުރީގެ އިމާރާތެއް ހިމެނޭ ފުލުހުންގެ މަރުކަޒެއް އެޅުމުގެ މަސައްކަތްވެސް އެ ފެށިގެން ދިޔައީ. ޕާސްޕޯޓުގެ ޚިދުމަތް،
މި ރަށުގައި ދޭން އިރާދަކުރެއްވީތީ މިއަދު މި ފެށުނީ. މިއިން ކޮންމެ ކަމަކީވެސް ރައްޔިތުންނަށް ފުރިހަމަ ކުރިއެރުމެއް ގެނެސްދިނުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަންތައްކަން އަޅުގަނޑަށް ޔަޤީން.
ހުޅުވިގެންދިޔަ ދެ ކުޅިވަރު ދަނޑު، ފުޓްސަލްއާއި، ވޮލީއަކީވެސް ޔަޤީނުންވެސް، ކުޅިވަރު ކުޅޭ ފަރާތްތަކާއި، ޒުވާނުންނަށް އޭގެ ފުރިހަމަ ފަސޭހަކަން ލިބި، ފައިދާވާނެ ކަންތައްތައް. ދެންމެ އަޅުގަނޑުމެން ސޮއިކުރި ސްޕޯޓްސް ކޮމްޕްލެކްސްއަކީ، 1200 މީހުންގެ ސީޓިންގ ކެޕޭސިޓީ ހިމެނޭ، އިންޑޯ ހުރިހާ ކުޅިވަރެއް ކުޅެވޭ، އެންމެ ޒަމާނީ ފެންވަރުގައި އަޅުގަނޑުމެން ބައެއް އެހެން ރަށްތަކުގައިވެސް އަޅަމުންދާ، އަޅަން ސޮއިކޮށް، ފަށައިގެން ކުރިއަށްގެންދާ ކޮންސެޕްޓްގެ، ޑިޒައިންގެ، ސްޕޯޓްސް ކޮމްޕްލެކްސްއެއް. އަދި އޭގެއިތުރަށްވެސް، މި ރަށުގައި ހޭންޑް ބޯލް ކޯޓެއް އަޅަން ކައުންސިލުން ފަށާފައި އޮތް މަސައްކަތަށްވެސް ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދޭނެ.
އެހެންވީމާ، ޖުމްލަކޮށް ބަލަންޏާ، ކުޅިވަރުގެ ދާއިރާއިންވެސް މިއަދަކީ މި ރަށުގެ ރައްޔިތުންނަށް ހަމަ ޔަޤީނުންވެސް ވަރަށް އުފާވެރިކަމެއް ގެނެސްދިން ދުވަހެއް ކަމަށް އަޅުގަނޑު ޔަޤީންކުރަން. އިރާދަކުރެއްވިއްޔާ، މިއިން ކޮންމެ މަޝްރޫޢެއްވެސް ރައްޔިތުން އެދޭގޮތަށް ނިންމައިދޭނަން. ނިމިގެން އޭގެ ފަސޭހަކަން ރައްޔިތުންނަށް ހޯދައިދޭނަން.
ހަމައެއާއެކީގައި، ސޮއިކުރެވިގެންދިޔަ ކޮންމެ މަޝްރޫޢަކީވެސް އެއީ 50 ޔުނިޓުގެ ހައުސިންގ މަޝްރޫޢު ކަމުގައިވިޔަސް، އަދި ދެން ކޮންމެ މަޝްރޫޢެއް ކަމުގައިވިޔަސް، އެއީވެސް ހަމަ އަޅުގަނޑުމެން ފުރިހަމަ އިސްކަމެއްދީގެން ރައްޔިތުންނަށް ފޯރުކޮށްދޭނެ، ނިންމައިދޭނެ، ޑެލިވަރކޮށްދޭނެ ކަންތައްތައް. މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން ކުރެވޭ މަސައްކަތުގައި ބޭރުން ވަށައި ރިންގްރޯޑެއް އަޅުގަނޑުމެން ހަދާނަން. އިރާދަކުރެއްވިއްޔާ، އެކަން ވެގެންދާނީ، ރައްޔިތުންނަށް އޭގެ ފަސޭހަކަން، ވަށައިގެން ދަތުރުކުރުމުން، އެއަރޕޯޓު ހެދިގެންދާ ރަށެއްގައި، އެކަމާވެސް ގުޅޭ ކޮންސެޕްޓެއްގެ ތެރެއިން ހެދިގެންދާނެ މަގަކަށްވާނެ. އަދި، ދެވަނަ ފިޔަވަހީގައި ދެން ހެދޭ މަގުތައްވެސް ހެދިގެން ދިޔުމުން، ރަށުގެ ރައްޔިތުންނަށް، ތަރައްޤީއަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބޭނެ.
އާދެ، ޝޯރ ޕްރޮޓެކްޝަން، ނޫނީވިއްޔާ ރަށްގިރުމުގެ މައްސަލަ، ދެވަނަ ފިޔަވަހީގެ ތެރެއިން ކުރިއަށްދާއިރުގައި، އަޅުގަނޑުމެން ބަލާނީ، ވީވަރަކުން ވަށައިގެން ރަށަށް ޖާގަ އިތުރުވާނެ ގޮތަށް، އެ ރިވެޓްމަންޓް ޖަހަން. އޭގެ ސަބަބުން، ރަށަށް ފަޅުތެރެއިން އިތުރުކުރެވެން އޮތްވަރަކަށް، އަޅުގަނޑުމެން ޖާގަ ބޭރަށް ޖައްސާފައި، އެކަން ކުރާނީ. އެހެންވީމާ، އެވެސް ވެގެންދާނީ އިރާދަކުރެއްވިއްޔާ، ކޮންމެވެސްވަރަކަށް ރަށަށް އިތުރު ޖާގަ ލިބިގެންދާނެ ކަމެއް ކަމަށް އަޅުގަނޑު ޤަބޫލުކުރަން.
އާދެ، މިކަންކަމުގެ އިތުރުން ބަލާއިރުގައި، ރަށްރަށުގައި އަޅުގަނޑުމެން ވަރަށް އިސްކަމެއްދެން، ކުނި މެނޭޖްކުރަން. ހުރިހާ ރަށެއްގައިވެސް ކުނި މެނޭޖްކުރާ، ނޫނީވިއްޔާ ވޭސްޓް މެނޭޖްމަންޓް މަރުކަޒުތައް، އެ ރަށެއްގެ އާބާދީގެ ނިސްބަތުން، ޖާގައިގެ ނިސްބަތުން ހަދަމުން މިދަނީ. ދެ އަހަރު ދުވަހަށް ބަހާލައިގެން، ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް މީގެ ތަނެއް އެބަ ހަދަން. ހަދައި، ރައްޔިތުންނަށް މި ކުނީގެ ބޮޑު މައްސަލައަށް ޙައްލެއް ގެނެސްދޭން އެބަ މަސައްކަތްކުރަން. މިއީ، އަޅުގަނޑު ރިޔާސީ އިންތިޚާބުގައި، ރައްޔިތުންނަށް ވީ ވަރަށް ބޮޑު ވަޢުދެއް. އަދި ރިޔާސީ ބަޔާނުގައިވެސް އެކަން ބަޔާންކޮށްގެން، ކުރަމުންދާ ކަމެއް.
މިގޮތުން ބަލާއިރުގައި، އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ގޮތުންނާއި، އަދި އެހެނިހެން ތަރައްޤީގެ ނަޒަރިއްޔާތަކުން ބަލާއިރުގައި، ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުގައި ބަލާ ބައެއް ރަށްރަށުގައި، އަޅުގަނޑުމެން ވެމްކޯގެ ޚިދުމަތް އެބަ ޤާއިމުކުރަން. އެގޮތުން، މި ރަށުގައި އިރާދަކުރެއްވިއްޔާ، ވެމްކޯގެ ޚިދުމަތް އަޅުގަނޑުމެން ފަށާނަން. ވެމްކޯގެ ޚިދުމަތް ފެށުމަށްޓަކައި،
އެ ބޭފުޅުން ގެންނަވަންޖެހޭ އިކްއިޕްމަންޓާއި، މި ހުރިހާ ކަމަކަށް ވާންޖެހޭ ތައްޔާރީތަކަށް، އަދި ދެމަހެއްހާ ދުވަސް ނަގާނެ. މި އަހަރު ނިމެންވާއިރަށް ކަންކަން ނިންމައި، އިރާދަކުރެއްވިއްޔާ ޖަނަވަރީ މަހުން ފެށިގެން، ވެމްކޯގެ ޚިދުމަތް ރަސްމީކޮށް މި ރަށުގައި ފެށިގެންދާނެ.
އާދެ، މި އަތޮޅަކީ ވަރަށް ބޮޑަށް ރަށްރަށް ދުރުގައި ހުރި، އަދި ދަތުރުފަތުރު ކުރުމުގެ ގޮތުންވެސް ދަތިތަކެއް ހުރި އަތޮޅެއް. އެހެންވީމާ، މިހާ އެއަރޕޯޓުތައްވެސް މި ބޭނުންވަނީ، ހުރިހާ ނަޒަރިއްޔާތަކުން ބަލާއިރުގައި. ޚާއްޞަކޮށް، ޓޫރިޒަމްގެ ދާއިރާއިން ތަރައްޤީކުރަން ބަލާއިރުގައި، އެންމެ ބޮޑު ހުރަހަކަށްވެސް ވެފައި މިއޮތީ، މި އަތޮޅުގެ ތެރޭގައި މިހިރަ، ދަތުރުފަތުރު ކުރުމުގެ މި ދުރުމިން، ޙަޤީޤަތުގައި ކަނޑުގަދަވުމާއި، މި ހުރިހާ ކަމެއްގެ ތެރެއިން. އެހެންވީމާ، މި އެއަރޕޯޓުތައް އެޅިގެންދިޔުމާއި، މި ހުރިހާ ކަމެއް މުހިންމުވެގެން މިދަނީ.
އާދެ، ރަށްރަށުގައި މުހިންމު އުމްރާނީ ތަރައްޤީގެ މަސައްކަތްތައް ކުރެވިގެންދާއިރުގައި، އެ ތަންތަން ބެލެހެއްޓުމަކީވެސް އެހާ މުހިންމު ކަމެއް. މެއިންޓެނަންސަކީ ވަރަށް މުހިންމު ކަމެއް. އެކަމަށް ކޮންމެ އަހަރެއްގައި، ސަރުކާރުގެ ބަޖެޓުގެ ތެރެއިން ބޮޑު ޚަރަދެއް ކުރުމަކީ، ދެމެހެއްޓެނިވި ގޮތެއްނޫން. އެގޮތުން އަޅުގަނޑުމެން ވިސްނާފައި، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި، މަދުވެގެން އެއް ރަށުގައި، ޕަބްލިކް ވަރކްސް މަރުކަޒުތައް ހަދަން ނިންމައިގެން، އެކަން ފަށައިގަނެގެން މިއުޅެނީ. އެހެންވީމާ، މި އަތޮޅުގައި މިހާރު އެއް ރަށުގައި އެކަން އަޅުގަނޑުމެން ޤާއިމުކުރަން ނިންމައި، އެއީ ފުނަދޫގައި ޤާއިމުކުރުމުގެ މަސައްކަތް އެވަނީ ހަވާލުކުރެވިފައި. ދެވަނަ ރަށެއްގެ ގޮތުގައި، މި ރަށުގައި ޕަބްލިކް ވަރކްސް މަރުކަޒެއް އަޅުގަނޑުމެން ހަދައިދޭނަން.
އާދެ، އަޅުގަނޑު ބައެއް ކަންކަން މި ފާހަގަކޮށްލީ. މީގެއިތުރަށްވެސް، އިރާދަކުރެއްވިއްޔާ މި ރަށުގެ ތަރައްޤީއަށް ގިނަގުނަ ކަންތައްތަކެއް، ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެން، ސަރުކާރުގެ ބަޖެޓުގެ ތެރެއިން ތަންދޭ އެންމެ ރަނގަޅު ގޮތަކަށް ތަރުތީބުކުރެވިގެން، ފުރިހަމަކުރަމުން، ހަމަޖައްސަމުން ގެންދާނަން. ވަރަށް ގިނަ، މުހިންމު މަޝްރޫޢުތަކެއް މިއަދު
މި ފެށުނީ. މި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން، އަދި ދެން އަންނަ އަހަރަށްވެސް ބައެއް ދާނެ މަޝްރޫޢުތަކެއް މިއީ. އެހެންވީމާ، އެކަންކަމަށް އިސްކަންދީ، ތަރުތީބުކޮށްގެން، އަޅުގަނޑު ދެންމެ މި ދެންނެވި އިތުރު ކަންކަންވެސް ހިމެނޭގޮތަށް، ބަޖެޓުގެ ތެރެއިން މި ރަށުގެ ތަރައްޤީއަށް ޖާގަ ހަމަޖެހިފައި އޮންނާނީ. އެހެންވީމާ، ދެންހުރި ރަށްރަށާއި، ދެންހުރި ސަރަޙައްދުތަކަށްވެސް ތަރުތީބުކުރެވިގެން، އަޅުގަނޑުމެން، އަޅުގަނޑުމެންގެ ތަރައްޤީގެ ބަޖެޓު ކޮންމެ އަހަރަކަށް ތަރުތީބު ކުރާއިރު ގެންދަނީ. އެހެންވީމާ، އިތުރަށް ހުރި ބައެއް ކަންކަންވެސް ހުންނާނެ. އެކަންކަމަށްވެސް އަޅުގަނޑުމެން އެޑްރެސް ކުރަމުންދާނަން.
އާދެ، މިހާރުވެސް މި ރަށުގައި އިތުރު ބައެއް މަސައްކަތްތައްވެސް އެބަ ކުރެވޭ. ޞިއްޙީ ގޮތުން މި ހޮސްޕިޓަލް އެޅެންދެންވެސް، މިހާރު ހުރި ޞިއްޙީ ނިޒާމުވެސް ތަރައްޤީކުރަން މަސައްކަތްތައްވެސް އެބަ ކުރެވޭ. ތިޔަބޭފުޅުންނަށް، ޞިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ފާހަގަވެލައްވާނެ، އެކްސްރޭގެ ޚިދުމަތް ޤާއިމުކުރުމަށް، ހެލްތް މިނިސްޓްރީން އެސް.ޓީ.އޯ.އާ ހަވާލުކޮށްގެން، މަސައްކަތްތަކެއް ކުރައްވާކަން. އެ ބޭފުޅުން އެ މެޝިން ބަހައްޓާ، އޮޕަރޭޓް ކުރުމަށް ބޭނުންވާ ތަނުގެ ބައެއް މަސައްކަތްތައް ކުރުމުގެ މަރުޙަލާގައި އެ އުޅުއްވަނީ. އަދި، ގާތްގަނޑަކަށް ދެމަހެއްހާ ދުވަސް އިތުރަށް ނަގާނެ ކަމެއް އެއީ. އަޅުގަނޑު މި ބައްދަލުވުމަށް އައުމުގެ ކުރިންވެސް، އެސް.ޓީ.އޯ.ގެ މެނޭޖިންގ ޑިރެކްޓަރާ އިތުރު އަޕްޑޭޓެއް ހޯދާލަންވެސް މި ވާހަކަ ދައްކާލިއިރުގައި، ވިދާޅުވީ އެހެން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެ ޚިދުމަތަކީ މި އަހަރު ނިމެންވާއިރަށް، މި ރަށުގައި ފެށޭނެ ކަމެއް. ޞިއްޙީ ގޮތުން އިތުރު ސަރވިސްއެއް ދެވޭގޮތް މި ޤާއިމުވެގެންދަނީ. މި އަހަރު ނިމެންވާއިރަށް، އެކްސްރޭގެ ޚިދުމަތް ދެވޭގޮތް ވެގެންދާނެ.
ހަމަ އޭގެއިތުރަށްވެސް، ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެން ބައެއް ކަންކަން ބަލާނަން، ތަރައްޤީގެ ގޮތުން މި ރަށަށް ގެނެވޭނެ ކަންކަން. އެކަންކަން ތަރުތީބުކޮށްގެން، އަޅުގަނޑުމެން ކުރިއަށް ގެންދާނަން.
އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިއަދު ރައްޔިތުންގެ އުންމީދުތަކާ ގުޅިފައި ހުރި، ވަރަށް ގިނަ ކަންކަން އެއްފަހަރާ ފެށިގެން، ސޮއިކުރެވިގެން މި ދިޔަދިޔުން، މިއީ މި ރަށުގެ ތަރައްޤީގެ އާ ޞަފްޙާއެއް އެއްލިގެންދާ ދުވަހެއް ގޮތުގައި ރައްޔިތުން ބަލައިގަންނާނެ ކަމަށް، ޤަބޫލުކުރައްވާނެ ކަމަށް. މިއީ، އަޅުގަނޑު ހިތުން މިލަންދޫގެ ވަށާޖެހޭ ތަރައްޤީގެ ބިންގާއެޅިގެންދިޔަ ދުވަސް. އިރާދަކުރެއްވިއްޔާ، މި ބިންގަލުގެ މަތީގައި ސަރުކާރުން، ތިޔަ ލޮބުވެތި ރައްޔިތުންނާ އެކުގައި، ރައްޔިތުން އެދޭގޮތަށް، ރައްޔިތުންގެ އަޑުއަހައިގެން، އަޅުގަނޑުމެން ކަންކަން ކުރަމުން ގެންދާނީ.
މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު ޙަސަން މުފީދަކީ، އަޅުގަނޑުގެ ވަރަށް ގާތް އަޚެއް. ވަރަށް ގާތް ރަޙުމަތްތެރިއެއް. އަޅުގަނޑަށް ވަރަށް އިތުބާރުކުރެވޭ، އަޅުގަނޑު އެ ބޭފުޅަކާ އެކީގައި، ވަރަށް ގިނަ މަސައްކަތް ކޮށްފައި ހުރި ބޭފުޅެއް. އެހެންވީމާ، އަޅުގަނޑު ޤަބޫލުކުރަނީ، މި ރަށުގެ ކަންކަން ގެންދިޔުމުގައި، ޢިއްޒަތްތެރި މަޖިލިސް މެންބަރު އެ ކުރައްވާ މަސައްކަތާ އެކީގައިވެސް، އަޅުގަނޑުމެންނަށް ވަރަށް ގިނަ ކަންކަން ވެގެންދާނެ ކަމަށް.
އަދިވެސް އެއްފަހަރު، ރަށުގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އަޅުގަނޑުގެ ދުޢާއަކީ، މިއަދު މި ފެށިގެންދިޔަ ކަންކަމުގެ ފޮނިމީރުކަން، ތިޔަ ލޮބުވެތި ރައްޔިތުންނަށް ލިބިގެންދިޔުން. މިލަންދޫގެ ތަރައްޤީއަށް އަދި މުޅި ރާއްޖޭގެ ތަރައްޤީއަށް އުފާފާގަތިކަން ލިބިގެންދިޔުން. އަޅުގަނޑުމެން އެންމެން މިކުރާ މަސައްކަތްތައް ކާމިޔާބުވެގެން ގޮސް، ދިވެހި ލޮބުވެތި ރައްޔިތުންނަށް އުފާފާގަތި ދުވަސްތައް މިންވަރު ކުރެއްވުން. އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.