ގިނަވެގެން 30 މަސްދުވަހުގެ ތެރޭގައި ށ. ކޮމަންޑޫ އެއަރޕޯޓުގެ މަސައްކަތް ނިންމަވައި، އެއަރޕޯޓު ހުޅުވޭނެކަމުގެ ޔަޤީންކަންދެއްވައި، މިފަދަ ބިޔަ ބައެއް މަޝްރޫޢުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދަވާ ގޮތުގެ ތަފްސީލުތައް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ރައްޔިތުންނާ ހިއްސާކުރައްވައިފިއެވެ.
މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ކޮމަންޑޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމް.އޭ.ސީ.އެލް) އާ ހަވާލުކުރައްވައިގެން ކުރިއަށް ގެންދަވާ ބިންހިއްކުމާއި އެއަރޕޯޓް ތަރައްޤީކުރުމުގެ ކަންކަން ހިނގަމުންދާނެ ގޮތުގެ ތަފްސީލުތައްވެސް ހިއްސާކުރައްވާފައެވެ.
ށ. ކޮމަންޑޫގައި އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމަށްޓަކައި ޢަމަލީގޮތުން ކުރަންޖެހޭ މަސައްކަތްތައް މިއަދު ފެށިފައިވާއިރު، އެންމެ ލަސްވެގެން 8 މަސްދުވަހުގެ ތެރޭގައި ބިންހިއްކުމުގެ މަސައްކަތް ނިމޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. އެމް.އޭ.ސީ.އެލުން ބިންހިއްކުމުގެ މަޝްރޫޢުތައް ކުރިއަށްގެންދަވަނީ، އެރޮނގުން ކުރިއަރާފައިވާ، އެންމެ ފެންވަރު ރަނގަޅު، ބޭރުގެ 2 ކުންފުންޏަކާއެކު ހެދިފައިވާ އެއްބަސްވުންތަކުގެ ދަށުން ކަމަށާ، ގާތްގަނޑަކަށް 11000 ޓަނުގެ ޑްރެޖަރެއް މިމަސް ނިމޭއިރު ރާއްޖެ ގެނެވޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ނޮވެމްބަރު މަހުގެ 3 ވަނަ ހަފުތާގެ ތެރޭގައި 40000 ޓަނުގެ ޑްރެޖަރެއް ރާއްޖެ ގެންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެ ޑްރެޖަރު މަސައްކަތް ކުރާނީ ރަސްމާލޭގައި ކަމަށާ، 3 ވަނަ ޑްރެޖަރު ޑިސެމްބަރު މަހުގެ ތެރޭގައި ގެނަސް، ހއ. ދިއްދޫގެ ޕްރޮޖެކްޓު 3 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނިންމުމަށްފަހު ދެން ފަށާނީ ށ. ކޮމަންޑޫ އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިންހިއްކުމުގެ މަސައްކަތް ކަމުގައި ވިދާޅުވެ، މަޝްރޫޢުގެ ތަފްސީލުތައް، ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވިއެވެ.
އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ ށ. ކޮމަންޑޫއަށް އެންމެ މުހިންމު މަޝްރޫޢުކަމުގައި ފާހަގަކުރައްވައި ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަށުގެ ތަރައްޤީއަށްޓަކައި އެހެނިހެން ދާއިރާތަކުން ކުރިއެރުން ހޯއްދަވައިދެއްވުމަށް އެމަނިކުފާނުގެ ސަރުކާރުން ކުރައްވަމުންގެންދަވާ ބައެއް މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން އެންމެ މުހިންމުކަމެއްގެ ގޮތުގައި، ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމުގެ ގޮތުން، 2026 ވަނަ އަހަރު، ށ. ކޮމަންޑޫގައި 50 ހައުސިންގް ޔުނިޓް ތަރައްޤީކޮށްދެއްވާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، އަންނަ އަހަރުގެ ކުރީކޮޅު، މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށޭނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.
2026 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ރަށުގެ ސްކޫލުގެ މަރާމާތުގެ މަސައްކަތްތައް ކުރިއަށްގެންގޮސްދެއްވާނެ ކަމަށާ، ހަމައެއާއެކު އަހަރުގެ ކުރީކޮޅު، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކުރެއްވުމުގެ ޢަމަލީ މަސައްކަތްތައް ފެށޭނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، 2025 ވަނަ އަހަރު ނިމުމުގެ ކުރިން، ށ. ކޮމަންޑޫގައި ޑައެލަސިސް ޚިދުމަތް ގާއިމުކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.
ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިންމަވައިދެއްވައި، އެނޫންވެސް އެކި ދާއިރާތަކުން ރަށަށް ބޭނުންވާ މުހިންމު ތަރައްޤީ ހޯއްދަވައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކުރިމަތިވާ މައްސަލަތަކަށް ޙައްލު ހޯއްދަވައިގެން، އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ޙަޤީޤަތަކަށް ހައްދަވައިދެއްވައި، ރައްޔިތުންނާ ހިސާބަށް އެކަންކަން ގެނެސްދެއްވޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ތަކުރާރުކޮށްދެއްވާފައެވެ.