ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، އޭ.އެފް.ސީ އޭޝިއަންކަޕް ކޮލިފިކޭޝަންގައި ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމާއި ތަޖިކިސްތާނުގެ ޤައުމީ ފުޓްބޯޅަ ޓީމު މިއަދު ހަވީރު ބައްދަލުކުރި މެޗު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ގަލޮޅު ރަސްމީ ދަނޑަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޚަބާ ދެންނެވީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަޙްމަދު ޠާރިޤެވެ.

އޭ.އެފް.ސީ އޭޝިއަންކަޕް ކޮލިފިކޭޝަންގައި ދިވެހިރާއްޖޭގެ ޤައުމީ ޓީމާއި ތަޖިކިސްތާނުގެ ޤައުމީ ޓީމު ބައްދަލުކުރި މި މެޗު ނިމިގެންދިޔައީ 3 - 0 ގެ ނަތީޖާއަކުން ތަޖިކިސްތާނު ޓީމު މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުން މޮޅުވެ، 10 ޕޮއިންޓާއެކު އެ ޓީމު ވަނީ ކޮލިފައިން ގްރޫޕްގެ އެއްވަނައިގައެވެ.

މި މެޗަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ދިވެހި ޤައުމީ ފުޓްބޯޅަ ޓީމާއި ސަލާންކުރައްވައި، ޓީމުގެ ކުޅުންތެރިންނަށް ހިތްވަރުދެއްވިއެވެ.