ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ފީވަކު ކައުންސިލް އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށަށް މިވަގުތު އެންމެ ބޭނުންވާ ކަންކަން ފާހަގަކުރައްވާފައިވެއެވެ. އެގޮތުން، ރަށުގެ ބަނދަރުގެ ބޭރު ތޮށިލުމުގެ މަސައްކަތާއި، ބަނދަރުގައި ހަދާނިމިފައިވާ ޓާރމިނަލަށް ބޭނުންވާ ފެނާއި ނަރުދަމާގެ ޚިދުމަތް ލިބޭނެގޮތް ހައްދަވައިދެއްވުމަށާއި، ރަށުގެ ޗަކަބިން ސަރަހައްދުން ދޫކޮށްފައިވާ ބިމަށް ފަސްއަޅައި ހިއްކައިދެއްވުމަށް މެންބަރުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ރަށުގެ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން މަސައްކަތް ހުއްޓިފައިވާތީ، އެމަސައްކަތް ކުރިއަށް ގެންދެވުމަށާއި، ޞިއްޙީ މަރުކަޒުން ސައުވީސް ގަޑިއިރަށް ޚިދުމަތް ދެވޭނެ ގޮތް ހައްދަވައިދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން އަތޮޅު ހޮސްޕިޓަލުން، ޞިއްޙީ މަރުކަޒަށް ގެންނަން ބޭނުންވާ ވެކްސިން، އާރު.ޓީ.އެލް ފެރީ މެދުވެރިކޮށް ރަށަށް ގެނެވޭނެ އިންތިޒާމް ހަމައްސަވައިދެއްވުމަށް ޞިއްހީ މަރުކަޒުން ވަނީ އެދިވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.