بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި އުފާވެރި ޙަފްލާގެ އެންމެހައި ޝަރަފްވެރި ކިޔަވާކުދިންނާއި، އިނާމުތައް ހޯއްދެވި، ހުރިހާ އިނާމުތައް ލިބިވަޑައިގެންނެވި ބޭފުޅުން، ވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން، އަދި މި ޖަލްސާ، ދުރާއި ގާތުން ބައްލަވައި، އަޑުއައްސަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، އަޅުގަނޑު އެންމެ ފުރަތަމަވެސް އަވަސްވެގަންނާނީ، ދެންމެ އެކިއެކި ވަނަތައް ހޯއްދެވި ހުރިހާ ދަރިވަރުންނަށާއި، މުއައްސަސާތަކަށް މަރުޙަބާ ދަންނަވަން. އާދެ، ވަރަށް މަތިވެރި ކާމިޔާބީތަކެއް އެ ހުރިހާ ފަރާތްތަކުން އެ ހޯއްދެވީ.

އަޅުގަނޑު ގަބޫލުކުރާގޮތުގައި، ސައްތައިންސައްތަ އިސްލާމީ ޤައުމެއްގައި އެންމެ އިސްކަމެއް ދޭންޖެހޭނީ، ކީރިތި ޤުރްއާން ކިޔެވުމަށް ހިތްވަރު ދިނުމަށް. ބާރުއެޅުމަށް. އެ ދާއިރާއިން ކުރިއަށްދިޔުމަށް ހުރިހާ މަގުތަކެއް ފަހިކޮށްދިނުމަށް. އެގޮތުން، ދިވެހި ސަރުކާރުން ވަރަށްމަތީ މަޤްޞަދެއްގައި، މި ދެންނެވި ގޮތަށް މި ޤައުމު ތަރުބިއްޔަތުކުރުމަށް، ބައްޓަންކުރުމަށް، މި މުބާރާތަށް މި ދެންނެވި އިސްކަން ދިނުމަށް ނިންމީ.

އާދެ، އަޅުގަނޑު އުންމީދުކުރަނީ، މި މުބާރާތަކީ، މި ރާއްޖޭގެ ހުރިހާ ކިޔަވާކުދިން، ހުރިހާ ފަރާތްތަކުންވެސް، ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް ގަދައަޅައި، ވަރަށް ފޯރީގައި، ވަރަށް ރަނގަޅަށް ތައްޔާރުވެގެން، ވަރަށް ގިނަ ފަރާތްތަކެއް ބައިވެރިވެގެން، މި ވަނަތައް ހޯދުމުގައި މަސައްކަތްކުރާނެ މުބާރާތަކަށް ވާނެ ކަމަށް.

އާދެ، ކީރިތި ޤުރްއާން ކިޔެވުމަށް އަޅުގަނޑުމެންގެ ތުއްތުކުދިންނަށާއި، ހުރިހާ ކިޔަވާ ކުދިންނަށް އަދި ޖުމްލަކޮށް ހަމަ ހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑުމެން ވާނެ ހިތްވަރުދީ، ކުރިއަށްދިޔުމަށް މަސައްކަތްކޮށްދޭން. އާދެ، އަޅުގަނޑުމެންގެ އުޅުމާއި ގުޅުން ބައްޓަންކުރަން ޖެހޭނީ، ޤުރްއާނުން އަޅުގަނޑުމެންނަށް اللهُ سُبْحَانَهُ وَتَعَالَى އަންގަވާފައިވާ ގޮތަށް. މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ މަގުގައި ކުރިއަށްދިޔުމަށް.

އެހެންވީމާ، ކީރިތި ޤުރްއާން ކިޔެވުމުގައި ރީތި ރާގުތަކާއި ހަމަތަކުގެ މަތިން، ކުރިއަށްދިޔުމުގައި އަޅުގަނޑުމެން ސަރުކާރުން އެންމެ އިސްކަމެއްދެނީ، އެކަމަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް. އަޅުގަނޑުމެންގެ ދަރިންނަކީ، ޤުރްއާން ކިޔަވަން ބޭނުންވާ، އަދި އެއީ ފަޚުރެއްގެ ގޮތުގައި ދެކޭ ދަރިންގެ ގޮތުގައި ވާން އަޅުގަނޑު ބޭނުން. ސްކޫލްތަކުން އެންމެ އިސްކަމެއްދޭ ކަމެއްގެ ގޮތުގައި މިކަން ކަނޑައަޅަން އަދި އެގޮތަށް މަސައްކަތް ކުރަން އަޅުގަނޑު އެދެން. އަމިއްލަ ޖަމުޢިއްޔާތަކާއި، ސަރުކާރުގެ މުއައްސަސާތަކާއި، އަދި ޖުމްލަކޮށް، އަމިއްލަ ހުރިހާ ފަރާތްތަކުންވެސް މަސައްކަތްކުރަން އަޅުގަނޑު އެދެނީ، ކޮންމެ އަހަރަކުވެސް މިގޮތަށް ބޭއްވޭ ޤުރްއާން މުބާރާތްތަކަކީ، ވަރަށް ގިނަ ފަރާތްތަކުން ވަރަށް ރަނގަޅަށް ތައްޔާރުވެގެން، ދެންމެ މިތަނުގައި ފަނޑިޔާރުންގެ ފަރާތުން ވާހަކަދެއްކެވި ފަނޑިޔާރުވެސް ވިދާޅުވި ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން، ރަނގަޅަށް ރީތިކޮށް ޤުރްއާން ކިޔަވާ ކުދިންތަކެއް އުފައްދައި ބައިވެރިކޮށް، ކުރިއަށް ދިޔުމަށް މަސައްކަތް ކުރުމަށް. ހެޔޮގޮތުގައި ކުރިއަށްދިޔުމަށް ވާދަވެރިކަން އުފެއްދުމަކީ، ދީނުގައި އޮންނަ ގޮތް. ތަޤްވާވެރިކަމުގެ ގޮތުން ނޫނީވިއްޔާ ތަފާތުވުމެއް ނެތް އިންސާނުންގެ މެދުގައެއް. ދީނުގެ މަގުގައި ކުރިއަށްދިޔުމުގައި ނޫނީވިއްޔާ، ވާދަކުރުމެއް ޙަޤީޤަތުގައި އޮވެގެން ނުވާނެ.

އެހެންވީމާ، އަޅުގަނޑުމެންގެ މި މަތިވެރި މަޤްޞަދު ހާސިލުކުރުމުގައި އެންމެންވެސް އެއް ވިސްނުމެއްގައި އަޅުގަނޑުމެންގެ ޤައުމުގައި ހުރިހާ މުއައްސަސާތަކެއް، ހުރިހާ އަމިއްލަ ފަރާތްތަކެއް، މުޅި ޤައުމު އެކަތިގަނޑަކަށްވެގެން ކުރިއަށްދާން އަޅުގަނޑު އިލްތިމާސް ކުރަން.

އާދެ، މި ޤައުމުގައި އެންމެ އިސްކަންދޭންޖެހޭނީ އަޅުގަނޑު ހަމަ ދެންމެ ދެންނެވިފަދައިން، ކީރިތި ޤުރްއާން ކިޔެވުމަށް. އެންމެ މަތިވެރި އިނާމު ލިބެންޖެހޭނީ ކީރިތި ޤުރްއާން ރީތިކޮށް ކިޔެވުމަށް. ކިޔަވައިގެން ލިބޭ ވަނައަށް. އެހެންވީމާ، މިއަދު މި ތަނުގައި އަޅުގަނޑުމެން މި ފާހަގަކުރީ މިގޮތުން ވަރަށް މުހިންމު ފެށުމެއް. އަޅުގަނޑު ޔަޤީންކުރަނީ ދެންމެ މި ދެންނެވި ގޮތަށް، ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކުރާނެ ކަމަށް. އަޅުގަނޑުމެންނަށް ފަލާޙާއި ކާމިޔާބާއި ކުރިއެރުމާ، ހުރިހާ ކަމެއްވެސް ދެ ދުނިޔޭގައިވެސް ލިބެންއޮތީ، ކީރިތި ޤުރްއާނުގައި އަންގަވާފައިވާ ގޮތަށް ކުރިއަށްގޮސްގެން. މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ ހުރިހާ ކަމެއް، އެގޮތުގައި ކުރަން މަސައްކަތްކޮށްގެން.

އެހެންވީމާ، އެންމެ މުހިންމު ކަމަކީ މި ދެންނެވި ގޮތަށް، އަޅުގަނޑުމެން ޤުރްއާން ކިޔެވުން، ރީތިކޮށް ކިޔެވުން އެއީ، އަޅުގަނޑުމެންގެ ތެރޭގައި، އަޅުގަނޑުމެން އެކަމަކަށްޓަކައި ފަޚުރުވެރިވާ ކަމަކަށް ހަދަން މަސައްކަތްކޮށްގެން. އަޅުގަނޑުމެންގެ ތެރޭގައި ކުރީގައި ހުރި ރީތި އާދަތައް މިގޮތުން އަނބުރާ ގެންނަން މަސައްކަތްކޮށްގެން. މިސާލަކަށް ދަންނަވަންޏާ، އާންމުކޮށް ދެ ނަމާދު ދޭތެރޭގައި، މަޣުރިބް ނަމާދަށްފަހު ޢިޝާނަމާދާ ދޭތެރޭގައި، ކުރީގައިވިއްޔާ ގޭގޭގައި، މިސްކިތްތަކުގައި، މައިންބަފައިންނާއި، ކުދިންނާއި، ޤުރްއާން ކިޔެވުމުގައި ޝާމިލުވެއުޅޭ. މިހާރު ބިޒީވެގެންނާއި، އެކި ކަންކަމުގެ ތެރެއިން އެ އާދަ ނެތިގެން ގޮސްފި ގާތްގަނޑަކަށް. ނެތޭވެސް ދެންނެވިދާނެ. އެހެންނަމަވެސް، އެއީ ރަނގަޅު ގޮތެއް ކަމަކަށް ނުދެކެން އަޅުގަނޑެއް. ވަގުތަކީ ވަރަށް ކުޑަ އެއްޗެއް. އެންމެންވެސް ވަރަށް ބިޒީ، އެކި ކަންކަމުގައި. އާމްދަނީ ހޯދަން، ކުދިންނަށް ކިޔަވައިދޭން، ނޫނީވިއްޔާ ކުޅިވަރު ކުޅުން. ދެން ކިޔާނެ ކަމެއްނެތް. އެކި ކަންކަމުގައި ބިޒީ. އެހެންނަމަވެސް، އަޅުގަނޑުމެން އެންމެ އިސްކަމެއް ދޭންޖެހޭ ކަންކަމުގައި ވަގުތު އޮންނަންޖެހޭނެ. އެއީ، އިސްލާމްދީނުގައި އަންގަވާފައިވާ އަޅުކަންތައް ކުރުމުގައި. ޤުރްއާން ކިޔެވުމުގައި. މިހެންގޮސް، އިސްލާމްދީނުގައި އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެފައިވާ ކަންކަމަކީ ވަގުތު ނެތިގެންގޮސް، ފަހަތަށްގޮސް، އެކަންކަމަށް ފަރުވާކުޑަކުރާ ކަންކަމަށް ވެއްޖިއްޔާ، މި ޤައުމުގައި އަޅުގަނޑުމެންގެ މި މުޖުތަމަޢުގެ ތެރޭގައި އުފާފާގަތިކަމެއް، އަމާންކަމެއް ނޯންނާނެ.

އެހެންވީމާ، އަޅުގަނޑުމެން އިސްކަމެއް ދޭންޖެހޭ މި ދެންނެވި، ކުރީގައި މިހެން ހުރި ރީތިއާދަތައް އަނބުރާ ގެންނަން. މަޣުރިބް ނަމާދުކޮށްގެން ޢިޝާނަމާދާ ދޭތެރޭގައި ތަރުތީބުކޮށްގެން އަޅުގަނޑުމެން ވަގުތު ހުސްކުރަން އެބަޖެހޭ ކިޔަވަން. އެއީ، ކޮންމެހެން އެ ގަޑީގައި އެކަނި ކިޔަވާކަށްނޫން. މިސާލެއް މި ދެންނެވީ.

އަޅުގަނޑުމެންގެ ކޮންމެ ދުވަހަކުވެސް ފަރުޟު ފަސްނަމާދު ވަގުތުން ކުރުމަށް ސަމާލުކަން ދިނުމާއި، ވަގުތު ވީވަރަކުން ހަމަ އެންމެ އިސްކަމެއްދީގެން ކިރިޔާވެސް ދެވެން އޮތިއްޔާ ޖަމާޢަތަށް ދިޔުމާއި، ޤުރްއާނަށް ސަމާލުކަންދީގެން އަޅުގަނޑުމެން ރީތިކޮށް ކިޔެވުމަށް މަސައްކަތް ކޮށްދިނުމާއި، ކުދިން އެ މަގުން ކުރިއަށްދިޔުމަށް އެކިކަހަލަ ކަންކަން، ހުރިހާ ނިޒާމެއްގެ ތެރެއިން، ސްކޫލް ނިޒާމާއި، އަމިއްލަ ފަރާތްތަކުގެ މުއައްސަސާތަކާއި، މިހެންގޮސް ހުރިހާ ފަރާތްތަކެއްގެ ނިޒާމުތަކުގެ ތެރެއިން ކުރިއަށްދިޔުމަށް މަސައްކަތްކުރުމާއި، މި ދެންނެވި ގޮތަށް އަޅުގަނޑުމެންގެ ތެރޭގައި ކުރިން ހުރި ރީތި އާދަތައް އަނބުރާ ގެންނަން މަސައްކަތް ކުރުމަކީ، އަޅުގަނޑުމެންގެ ޤައުމަށް ޙަޤީޤީ ކުރިއެރުން ލިބޭނެ މަގަކީ.

އެހެންވީމާ، އަޅުގަނޑު އަބަދުވެސް މި ދަންނަވަނީ، އަޅުގަނޑު ދެކޭ ތަރައްޤީއަކީ، މި ޤައުމުގައި ދެކެން ބޭނުންވާ ތަރައްޤީއަކީ، މި ދެންނެވި މާނަހުރި، މާނަފުން، ވަށައިޖެހޭ ތަރައްޤީއޭ. އިމާރާތްތައް ހެދިދާނެ 50 ބުރިއަށްވެސް. އެހެންނަމަވެސް، އެ އިމާރާތެއް ހެދުމުގެ ބޭނުމެއް ނެތް، އަޅުގަނޑުމެންގެ ހިތުގެ ތެރޭގައި ބިންވަޅުނެގި، އެ ބިންވަޅުގެ މައްޗަށް އަޅުގަނޑުމެންގެ ޢަމަލުތައް ބައްޓަންކުރާގޮތް ވަރުގަދަ ނުކުރެވެންޏާ. އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތު اللهُ سُبْحَانَهُ وَتَعَالَى ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދެއްވާފައި އޮތް ވަރަށް ޔުނީކް ޤައުމެއް. އެހެންވީމާ، މި ޤައުމުގައި އަޅުގަނޑުމެން އެންމެ އިސްކަމެއް މި ދޭންޖެހެނީ، މި ދެންނެވި އިމާރާތްތަކާއި، އަތުން މި ހިފޭ ތަރައްޤީއަށްވުރެ ބޮޑަށް، އަޅުގަނޑުމެންގެ ދެން މި ދާންއޮތް ދުނިޔެއަށް ތައްޔާރުވާން. އަޅުގަނޑުމެންނަށް އެބައޮތް އެގޮތް اللهُ سُبْحَانَهُ وَتَعَالَى ދެއްވާފައި. އެ ނިޢުމަތް. އެއަށްވުރެ ބޮޑު ނިޢުމަތެއް ނެތޭ.

އެހެންވީމާ، ވަށައިޖެހޭ ތަރައްޤީއަކީ، ސިކުނޑިތައް ތަރައްޤީވުން. އަޅުގަނޑުމެންގެ ވިސްނުން ތަރައްޤީވުން. އަޅުގަނޑުމެންގެ ޢަމަލާއި ބަސް، އިސްލާމްދީނުގައި އަންގަވާފައިވާ މަގުން ކުރިއަށްދިޔުމުގައި އިސްކަންދީގެން ކުރިއަށްދިޔުމަށް ވިސްނުން. އެ ތަރައްޤީ. އެ ތަރައްޤީ އަންނާނީ، އަމިއްލައަށް އެކަން ކުރަން ބޭނުންވިއްޔާ. ސަރުކާރަކަށް ކުރެވޭނެ ކަމަކަށް އޮންނާނީ، މިފަދަ މުބާރާތްތަކާއި، އެހެނިހެން ގޮތްގޮތުން ހިތްވަރުދިނުން. މަގުފަހިކޮށްދިނުން.

އެހެންވީމާ، ހުރިހާ ފަރާތްތަކުންވެސް އިސްކަންދޭންވީ، އަޅުގަނޑުމެންގެ ތުއްތުކުދިންނާއި، އަޅުގަނޑުމެން އަމިއްލައަށާއި، މި ދެންނެވި ގޮތުން އަޅުގަނޑުމެންގެ ވިސްނުމާއި، ޚިޔާލާއި ފިކުރާއި، ޢަމަލުތައް ތަރައްޤީކުރަން. އެ ތަރައްޤީ އޮތީ اللهُ سُبْحَانَهُ وَتَعَالَى ބާވައިލައްވާފައި ކީރިތި ޤުރްއާނުގައި. ރަސޫލާ صـلّى الله علـيـه وسـلّمގެ ސުންނަތުގައި. އެހެންވީމާ، މި ތަރައްޤީ
މިއޮތީ އަޅުގަނޑުމެންނަށް ދާންވީ މަގު ސާފުސީދާކޮށް ބަޔާންކޮށްދީފައި. އެމަގުން ދިޔައިމާ ނަޞްރު ލިބޭ. އެ މަގުން ނުގޮސްފިއްޔާ ހަމަ ޔަޤީނުންވެސް އަޅުގަނޑުމެންނަށް އޮތީ ބަދުނަސީބު.

އެހެންވީމާ، އެގޮތުގައި ކުރިއަށްދިޔުމަށްޓަކައި އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށްވެ، އަޅުގަނޑުމެންގެ މުސްތަޤްބަލް އުޖާލާކުރަން މަސައްކަތްކުރުމަކީ، އަޅުގަނޑު މިއަދު ދަންނަވަން ބޭނުންވާ ހަމައެކަނި ވާހަކައަކީ. އޭރުން ވަށައިޖެހޭ ޙަޤީޤީ ތަރައްޤީ އަޅުގަނޑުމެންނަށް އެ ހާސިލުވަނީ. ވަށައިޖެހޭ ޙަޤީޤީ މާނައިގައި ފުރިހަމަ ތަރައްޤީއެއް ލިބެނީ. އަޅުގަނޑު ރަށްރަށަށް ދާއިރު، މާލޭގައާއި އެކި ތަންތަނުގައި ރައްޔިތުންނާ ބައްދަލުވާއިރު، ލިސްޓެއް އާދޭ، މި ރަށުގައި މިކަމޭ، މިތާ މިކަމޭ، މިވެނި ކަމެއް. ރަނގަޅު. ބޭނުންޖެހިފައި ހުރި ކަންކަން އެއީ. އެކަންކަންވެސް ކުރާނެ ސަރުކާރުން. ކުރާއިރުގައި ރައްޔިތުންގެ މި ދެންނެވިހެން ޙަޤީޤީ ތަރައްޤީ، ޤައުމުގެ ޙަޤީޤީ ތަރައްޤީ މިއޮތީ، މި ދެންނެވިހެން އަތުން މިހެން ނުހިފޭ، އެހެންނަމަވެސް، މި ދެންނެވި ގޮތަށް ހުރި މިފަދަ މުހިންމު، މާނަހުރި ތަރައްޤީ. އެއީ، އަޅުގަނޑުމެން މުސްލިމުންނަށްވީތީ، އަޅުގަނޑުމެން އިސްކަންދޭންޖެހޭ ކަމަކީ. އެގޮތުގައި ކުރިއަށްދާން އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށްވެގެން މަސައްކަތް ފަށައިފިއްޔާ، އިރާދަކުރެއްވިއްޔާ މި ޤައުމު އޮތީ ވަރަށް އުޖާލާކަންމަތީ ކުރިއަށް. އަޅުގަނޑުމެންނަކީ ކުޑަކުޑަ މުޖުތަމަޢެއް. އަޅުގަނޑުމެންގެ ތެރޭގައި ފަސްލައްކައެއްހާ މީހުން މިތިބީ. އަޅުގަނޑުމެން އެކަކު އަނެކަކު ދަންނާނެ. ތިމާގެ، ނޫނީވިއްޔާ ރައްޓެހި، ނޫނީވިއްޔާ އެކުގައި މަސައްކަތްކުރާ ކޮލީގުން.

އެހެންވީމާ، އަޅުގަނޑުމެންގެ މި ކުޑަ މުޖުތަމަޢުގެ ތެރޭގައި އަޅުގަނޑުމެންނަށް ދާދި ފަސޭހަކަމެއް ޙަޤީޤަތުގައިވެސް މިތާނގައި މިހިރަ އަޅުގަނޑުމެންގެ ދީނާ ބީރައްޓެހި، ނޫނީވިއްޔާ ދީނުގައި މަނާކުރައްވާފައި ހުރި ކަންކަން ދޫކޮށްލަން، ބޭރުކޮށްލަން، އެންމެން އެކަތިގަނޑަކަށް ވެއްޖިއްޔާ. އެއީ، އަޅުގަނޑުމެންގެ އަތާއި ދުލުން ކުރެވެން އޮތް ކަމެއް. ހިތުން ފުރަތަމަ އެ ކަންތައް ގަބޫލުކޮށްގެން.

އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ މިއީ. އަޅުގަނޑު އެދެނީ، އަދި ޔަޤީންކުރަނީވެސް އަޅުގަނޑުމެންގެ ޤައުމުގެ ކަންކަން އަޅުގަނޑުމެން އަމިއްލައަށް މިގޮތުގައި ކުރިއަށްދާން ބައްޓަންކުރާނެ ކަމަށް. ޤައުމެއްގެ ޙާލަތު ބަދަލުވާނީ، އެ ޤައުމެއްގެ ރައްޔިތުން، އެ ޤައުމެއްގެ އަހުލުވެރިން، އެ މުޖުތަމަޢެއްގެ އަހުލުވެރިން އެގޮތަށްދާން، ކުރިއަށްދާން ބޭނުންވަންޏާ.

އެހެންވީމާ، އަޅުގަނޑު ޔަޤީންކުރަނީ، އިރާދަކުރެއްވިއްޔާ މިއަދު މި ތަނުގައި މި ފެށިގެން މިދާ ޞަފްޙާއަކީ އެއްލިގެންމިދާ ޞަފްޙާއަކީ، އަޅުގަނޑުމެންގެ ޤައުމުގެ މުސްތަޤްބަލް ޙަޤީޤީ މާނައިގައި އުޖާލާކުރުމަށްޓަކައި އެއްލިގެންދާ ޞަފްޙާއެއްގެ ގޮތުގައި، ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުން ގަބޫލުކުރައްވައި އެގޮތުގައި އެންމެން އެކަތިގަނޑަކަށްވެގެން ކުރިއަށްދާނެ ޞަފްޙާއަކަށް ވާނެ ކަމަށް. ވަގުތުކޮޅަކަށް ވާނެ ކަމަށް. މިއީ އެންމެންގެ މުސްތަޤްބަލް. ދިވެހިރާއްޖޭގެ މުސްތަޤްބަލް އޮތީ އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް، ހުރިހާ މާނައެއްގައި އަޅުގަނޑު މި ދެންނެވި ފަދައިން، އަޅުގަނޑުމެން ކުރިއަށްދާން، އެންމެން އެކަތިގަނޑަކަށްވެގެން ކުރިއަށްދާ ކަމުގައިވާނަމަ.

އާދެ، އަދިވެސް އެއްފަހަރު، މަތީ ވަނަތައް ހޯއްދެވި ހުރިހާ ފަރާތްތަކާއި، އެ ވަނަތައް ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވި ހުރިހާ ފަރާތްތަކަށާއި، މިފަދަ މުހިންމު މުބާރާތެއް ބޭއްވުމުގައި ޝާމިލުވެލެއްވި ހުރިހާ ފަރާތްތަކަށާއި، އަދި އިނާމު ނުލިބުނު ނަމަވެސް، ބައިވެރިވެލެއްވި، ގަދައަޅައި މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށާއި، ހުރިހާ އެންމެންނަށްވެސް، ހުރިހާ ފަރާތްތަކަށްވެސް އަޅުގަނޑު ޝުކުރާއި، މަރުޙަބާއާއި މުބާރަކުބާދީ ދަންނަވަން.

އަޅުގަނޑު އެދެނީ، އަޅުގަނޑުމެންނަކީ، އަޅުގަނޑުމެންނަށް މާތްﷲ މި ދެއްވާފައިވާ މަތިވެރި ނިޢުމަތް ހެޔޮގޮތުގައި ބޭނުންހިފަން ވަރުގަދަ ޢަޒުމެއްގައި މަސައްކަތް ކުރާނެ ބައެއް ކަމުގައި ވެގެންދިޔުން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަކީ ހެޔޮބަސްއަހާ، ހެޔޮބަސް ގަބޫލުކުރާ ބައެއް ކަމުގައި  اللهُ سُبْحَانَهُ وَتَعَالَى ލެއްވުން. މި ޤައުމަކީ އުފާފާގަތިކަމާއި، ދެ ދުނިޔޭގެ ބާއްޖަވެރިކަން ހޯދުމުގައި ކާމިޔާބީ ހޯދާ ރައްޔިތެއްވާ ޤައުމެއް ކަމުގައި މިންވަރު ކުރެއްވުން. އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.