بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
މަހިބަދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، މި ރަށުގެ ކައުންސިލްގެ ރައީސް، އަދި މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ރަށުގެ އެންމެހައި މުއައްސަސާތަކުގެ ވެރިންނާއި، ޚިދުމަތްތެރި އިސް ރަށްވެހިން، އަދި ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ، ބައްލަވަމުން އަދި އަޑުއައްސަވަމުން ގެންދަވާ ލޮބުވެތި އެންމެހައި ދިވެހި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
މިއަދު ހަވީރު އަޅުގަނޑުމެންނަށް މި ރަށަށް އާދެވުނީ. ތިޔަބޭފުޅުން ވަޑައިގެން، އަޅުގަނޑުމެންނަށް ވިދާޅުވި ވަރަށް ހޫނު މަރުޙަބާއަށްޓަކައި، މަހިބަދޫގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، ފަށްފަށުން ޝުކުރު ދަންނަވަން.
އާދެ، އަޅުގަނޑަށް ރިޔާސީ އިންތިޚާބުގައި ދެފަހަރަކު ތިޔަބޭފުޅުންނާ ބައްދަލުވި. ރައްޔިތުންގެ އުންމީދުތައް އަޅުގަނޑާ ޙިއްޞާކުރެއްވި. ބޭނުންވާ، ނޫނީވިއްޔާ ނުވެފައި ހުރި ކަންކަން ވަރަށް ރަނގަޅަށް ބަޔާންކޮށްދެއްވި. މިގޮތުން އަޅުގަނޑު ވާނީ ރައްޔިތުންގެ އުންމީދުތައް ޙަޤީޤަތަކަށް ހަދައިދިނުމަށް، ރައްޔިތުން އެދޭ އަމާޒަށް މި ރަށުގެ ތަރައްޤީ ގެންދިޔުމަށް ވަޢުދުތައްވެފައި. އިރާދަކުރެއްވިއްޔާ، މިއަދާ ހަމައަށް އައިއިރުގައި، މި މަސައްކަތް ކުރަމުން އައީ މިގޮތުގައި. މި ކަންކަން ހާސިލުކޮށްދިނުމަށް. އަދި، މިއަދު މިވަނީ މިގޮތުން މުހިންމު މަރުޙަލާއެއް ފެށިފައި.
އާދެ، އެންމެ މުހިންމު ވަޢުދު. އެންމެ ބޮޑު ވަޢުދު، އެއީ އަޅުގަނޑު މި ރަށަށް ވީ ވަޢުދު. މި ރަށުގެ ކައިރީގައި މިއޮތް ފަޅު ހިއްކުމަށްޓަކައި، ރަށަށް ބިން އިތުރުކުރުމަށްޓަކައި. މިއީ، ރިޔާސީ އިންތިޚާބުގައި އަޅުގަނޑު ވީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ އެއްކަމެއް. އަރބަން ސެންޓަރުތަކެއް ތަރައްޤީކުރުން. ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެ ތަރައްޤީކުރާއިރުގައި، މުހިންމު ސިޔާސަތެއްގެ ގޮތުގައި އަޅުގަނޑު ކަނޑައެޅި ކަމެއް. އެގޮތުން، މި ރަށް ވާނީ އަޅުގަނޑު އިޢުލާނުކޮށްފައި، އޭގެ އެއްރަށުގެ ގޮތުގައި. އެކަން ހާސިލުކުރުމާއި، އެކަމަށް މަގުފަހިކުރުމާއި، މަހިބަދޫގެ ތަރައްޤީގެ ދުވެލި، އެތައް ގުނައެއް އަވަސްކުރުމާއި، ޒުވާނުންނާއި، ރައްޔިތުންގެ ތެރެއިން، ގާތްގަނޑަކަށް ހުރިހާ ރައްޔިތުންނަށްވެސް އެންމެ މުހިންމު، ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމާއި، މި ހުރިހާ ކަމަކަށްވެސް މަގުފަހިކޮށްދޭ ބިންހިއްކުމުގެ މަޝްރޫޢު. އެއީ އަޅުގަނޑު ހިތުން އެންމެ މުހިންމު ވަޢުދަކަށްވާނީ. އެއީ، އެތައް ކަމެއްގެ ދޮރު ހުޅުވިގެންދާ މަޝްރޫޢު. އެހެންވީމާ، އެކަމަށް އެހާ އިސްކަންދީގެން، މިއަދާ ހަމައަށް އައިއިރުގައި، އެކަމުގެ ޢަމަލީ މަސައްކަތާ ހަމައަށް ދިޔުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން އައީ.
އާދެ، މިއަދު މިވަނީ ޢަމަލީ މަރުޙަލާ ފެށިފައި. މިއަދު އަޅުގަނޑުމެން ޢަމަލީގޮތުން އެ ފަޅު ހިއްކުމުގެ މަސައްކަތް މި ފެށީ. އަޅުގަނޑު މި ރަށުގެ ލޮބުވެތި ރައްޔިތުންނަށް ދޭ ޔަޤީންކަމަކީ، މި ފެށި މަސައްކަތް، އިރާދަކުރެއްވިއްޔާ ނުހުއްޓި ކުރިއަށްދާނެކަން. ބާރު ސްޕީޑުގައި ކުރިއަށްދާނެ. މިހާރު މި ފެށީ ބިންހިއްކުމަށްޓަކައި ބައުންޑްރީ ހިމާޔަތްކުރަން، ނޫނީވިއްޔާ ބިންހިއްކުމަށްޓަކައި ހަދަންޖެހޭ ބަންޑްވޯލް ޖެހުމުގެ މަސައްކަތް. މިއަދު މި ފެށި މަސައްކަތް، ދެމަސް ދުވަހުގެ ތެރޭގައި ބަންޑްވޯލް އެކީއެކަށް، މި 67 ހެކްޓަރު ކަވަރވާގޮތަށް ޖަހައި ނިމޭނެ. ނުހުއްޓި ކުރިއަށްދާނެ އެ މަސައްކަތް. އެހެންވީމާ، ބަންޑްވޯލް ޖަހާ ނިމެންވާއިރަށް، އެތެރެއަށް ވެލި ޕަމްޕްކުރުމަށްޓަކައި ޑްރެޖަރު ގެނެވޭނެ. ގެނެވި، އެ ފެށޭ މަސައްކަތް މިއަދުން ފެށިގެން، ގިނަވެގެން 10 މަސް ދުވަހުގެ ތެރޭގައި ނިންމައި، މި 67 ހެކްޓަރު ތިޔަބޭފުޅުންނާ ހަވާލުކުރެވިގެންދާނެ. އެ ފެށުނީ ޙަޤީޤީ މަސައްކަތް އަދި އެ ހިސާބުން. ބިމެއް އޮވެގެން ކަމެއްވާނީ. މިހާރު ދެންއޮތް މަރުޙަލާއަށްވެސް ސަރުކާރުން މިދަނީ ތައްޔާރުވަމުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެ މަރުޙަލާއަށް ދިޔުމަށްޓަކައިވެސް، އެކުރެވޭ މަސައްކަތް ކާމިޔާބު ވާނެ. އެއީ، ތަނުގެ ބޭނުންހިފޭ ބިން އުފެދިގެން ދިޔުމާއެކީގައި، ދެން ބޭނުންކުރުމަށްޓަކައި ކުރަންޖެހޭ އުމްރާނީ މަސައްކަތްތަކާއި، ދެން ހުރި ކަންކަމަށް ކުރަންޖެހޭ ކަންތައް. އެހެންވީމާ، މިއަދު މި ފެށުނު މަސައްކަތް މި ދެންނެވި ފަދައިން ކުރިއަށްދާނެ. އެ ޔަޤީންކަން އަދިވެސް އެއްފަހަރު ތިޔަބޭފުޅުންނަށް އަރުވަން. ވަރަށް އިސްކަންދީގެން މި މަސައްކަތް މި ކުރަނީ. މީގެ ބޭނުންތެރިކަން ޙަޤީޤަތުގައިވެސް، ހުރިހާ ރައްޔިތުންނަށްވެސް، ހަމައެކަނި މި ރަށަކަށް ނޫން، މި އަތޮޅަށްވެސް ވަރަށް މުހިންމު. މި ސަރަޙައްދަށްވެސް ވަރަށް މުހިންމު. ދެމެހެއްޓެނިވި ތަރައްޤީއެއް ހާސިލުކުރުމުގައި މި ސެންޓަރު، މި ނޯޑަލް ޕޮއިންޓް ރާއްޖޭގެ ތަރައްޤީގައި މުހިންމު. ޖިއޮގްރަފިކަލީ، ސްޓްރެޓެޖިކަލީ މިތަނުގައި މި އަރބަން ސެންޓަރު ހެދުން. އެހެންވީމާ، އޭގެ ފައިދާ ރާއްޖޭގެ ތަރައްޤީގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރާނެ.
އާދެ، އެތަން ހެދެންދެންވެސް، ބޯހިޔާވަހިކަމުގެ މައްސަލައަށް މިހާރުން މިހާރަށްވެސް ޙައްލުތަކެއް ގެނައުމަށް، އަޅުގަނޑު އޮންނާނީ ވަޢުދުވެފައި. އަދި، އެކަމުގެ މަސައްކަތްތައްވެސް އެބަ ކުރަން. އެގޮތުން، މި ރަށުގައި މިހާރު އޮތް ބިމުގެ ތެރެއިންވެސް ފްލެޓް އެޅުމުގެ، ހައުސިންގ ޔުނިޓު ޕްރޮޖެކްޓެއް ހިންގުމުގެ މަސައްކަތް ފެށުމަށް އަޅުގަނޑުމެން މިދަނީ ތައްޔާރުވަމުން. އެގޮތުން، މި އަންނަ އަހަރަށް އަޅުގަނޑުމެން ބަޖެޓު ހަދާއިރުގައި، އޭގެތެރޭގައި ހިމަނާ މަޝްރޫޢުތަކުގެ ތެރޭގައި، ބޯހިޔާވަހިކަމުގެ ތެރޭގައި ހިމެނިގެންދާ މަޝްރޫޢުގެ ތެރޭގައި، މި ރަށުގައި 150 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫޢު ހިމަނައި، އިރާދަކުރެއްވިއްޔާ އެންމެ ކުރީކޮޅު ފެށިގެންދާ ހައުސިންގ މަޝްރޫޢެއް ގޮތުގައި، މި ރަށުގައި 150 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ފަށައިދޭނަން. އަޅުގަނޑު ހިތުން، އޭރުން މި ރަށުގައި މިހާރު އޮތް ބިމުން ބޯހިޔާވަހިކަމަށް، މިހާރުން މިހާރަށް އެ މަޝްރޫޢު ނިމިގެންދިޔުމާ އެކީގައި، އެ އަންނަނީ ކޮންމެވެސްވަރެއްގެ ޙައްލެއް. ދެން، ދުރުރާސްތާ ޙައްލު މިއޮތީ. އިރާދަކުރެއްވިއްޔާ ބިންހިކިގެން ދެން އެ އަންނަ ތަރައްޤީގެ ތެރެއިން.
އާދެ. ދެން ހުރި ދާއިރާތަކަށް ބަލާއިރު، ޞިއްޙީ ދާއިރާގެ ތެރެއިން މިއަދު އަޅުގަނޑުމެން ޑަޔަލިސިސް ޚިދުމަތް ފެށީ. އަޅުގަނޑުމެންގެ ސިޔާސަތުގެ ތެރޭގައި މި އޮންނަނީ، ލާމަރުކަޒީ ގޮތުން ރައްޔިތުންގެ ގާތަށް، މުހިންމު ހުރިހާ ޚިދުމަތްތައް ގެނައުމުގެ ސިޔާސަތު. އޭގެތެރެއިން ފެށި ކަމެއް. ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ހޮސްޕިޓަލުގައި، ޑަޔަލިސިސް ޚިދުމަތް ފުލް ފްލެޑްޖްކޮށް، ހުރިހާ ކަމެއް ހިމެނޭގޮތަށް ގާއިމުކުރުމުގެ ސިޔާސަތު. އަޅުގަނޑުމެންގެ ސިޔާސަތަކީ މިގޮތަށް ގެންދިޔުން.
މިއަދު އަޅުގަނޑުމެން މިތާ ނިންމައި، އިޢުލާނުކޮށް، ނޫނީވިއްޔާ މި ފާހަގަކުރީ، އައި.ޑީ.ކާޑު، ޕާސްޕޯޓު ޚިދުމަތްވެސް. ހަމަ ކޮންމެ އަތޮޅެއްގައި މި ގާއިމުކުރީ. އެގޮތުން، ޑަޔަލިސިސް ޚިދުމަތްވެސް މި ގާއިމުކުރީ. އާދެ، އެއީ ޞިއްޙީ ދާއިރާގައި މި ރަށަށް ލިބިގެންދިޔަ ކުރިއެރުމެއް. އޭގެއިތުރަށް، މިހާރު ބޭރު ފަންޑެއް ހަމަޖެހިފައިވާތީ، އެ ފަންޑުގެ ޕްރޮސެސްގެ ތެރެއިންގޮސް، މި އަންނަ އަހަރުގެ ކުރީކޮޅު މި ރަށުގައި 50 އެނދުގެ ހޮސްޕިޓަލެއްގެ މަސައްކަތް، އިރާދަކުރެއްވިއްޔާ ފެށިގެންދާނެ. ބޭރު ފަންޑެއްވީމަ، އޭގައި އޮވޭ ޑިއު ޕްރޮސެސްތަކެއް. ކޮންމެ ކަމެއްގައިވެސް ޑިއު ޕްރޮސެސް އޮވޭ. އެކަމަކު، ބޭރު ފަންޑުގެ ޕްރޮސެސްގައި އޮވޭ ތަންކޮޅެއް ގިނަ މަރުޙަލާތަކެއް. އެހެންވީމާ، އެކަމުގައި އިތުރު ވަގުތުކޮޅެއް ނަގަމުންދަނީ. އެ މަރުޙަލާތައް ނިމި، އަހަރު ކުރީކޮޅު ފެށޭނެ. އާދެ، އިރާދަކުރެއްވިއްޔާ އެކަން ވާނީ، ހަމަ ޔަޤީނުންވެސް މި އަތޮޅަށް ލިބޭ، މި ރަށަށް ލިބޭ މުހިންމު ކުރިއެރުމަކަށް، ޞިއްޙީ ދާއިރާއިން ބަލާއިރުގައި.
އާދެ، ދެން އަޅުގަނޑުމެން މިއަދު ރަސްމީކޮށް މި އިފުތިތާޙުކުރީ، މަގުތަކުގައި ގާއެތުރުނީމަ، މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ ބާކީއޮތް މަސައްކަތް. ދެވަނަ ފިޔަވަހީގެ މަސައްކަތް ރަސްމީކޮށް މި ފެށީ. އެއީ ހަމަ ޔަޤީނުންވެސް، މިހާރު ހަދާފައި އޮތް މަގުތަކަށް، މި މަގުތައް އެޑްވެގެން، އިތުރުވެގެން ދިޔައީމަ، އަނެއްކާވެސް އިތުރު ފަސޭހަތަކެއް ރައްޔިތުންނަށް ލިބޭނެ ކަމަކަށް ވާނެ.
ދެން، އަޅުގަނޑުމެން ވެމްކޯއާ މި ހަވާލުކުރީ، ކުނީގެ މައްސަލަ ޙައްލުކުރުމަށް. ދާއިމީގޮތެއްގައި މި ރަށުގައި ގާއިމުވެ، ވެމްކޯގެ ޚިދުމަތްދިނުމަށް. އެހެންނަމަވެސް، އެކަން ކުރުމަށް އަދި އެބަޖެހޭ ބިމެއް އުފައްދަން. އެކަމުގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ ހަމަ ރަނގަޅަށް ކުރިއަށްދާނެ. އެއީ، އަޅުގަނޑުމެން ހިތުން އެންމެ މުހިންމު އެއް ކަންތައް. އެކަމަށް ދާއިމީ ޙައްލެއް ގެނައުމަށްޓަކައި ދާއިމީ މަރުކަޒެއް ގާއިމުކުރުން.
އަޅުގަނޑުމެން އޮންނާނީ މިހާރު އެމް.ޓީ.ސީ.ސީ.އާ މި ރަށުގައި އިތުރަށް ގޮނޑުދޮށް ހިމާޔަތްކުރުމާއި، މިހެންގޮސް، ބައެއް ކަންކަމަށް ބިން އިތުރުކުރަން، ބާކީއޮތް ޖާގައިގެ ތެރެއިންވެސް މަސައްކަތްތަކެއް ހަވާލުކޮށްފައި. މި ހުރިހާ ކަމެއް މިއޮތީ ގުޅިލާމެހިފައި. އެހެންވީމާ، އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ، މި ބިމުގެ މައްސަލަ، ވެމްކޯއަށް ބޭނުންވާ ބިމާއި، އަދި މި ދެންނެވި ކަންކަންވެސް ދާދި އަވަހަށް، ރަނގަޅު ގޮތަކަށް ނިންމަން. ފަޅުތެރެއިން ވެލި ނެގުމުގައި ދަތިތަކެއް ހުރީމަ އަންނަ ޑިލޭއެއް އެކަނި އެ މައްސަލައިގައިވެސް އަންނަނީ. އެހެންނަމަވެސް، އެކަމަށް އަޅުގަނޑުމެން ޙައްލެއް ގެންނާނަން. ދެން، މިއަދު މި ފެށިގެންދިޔަ މަޝްރޫޢު ތެރެއިންނަމަވެސް، ކޮންމެވެސް ގޮތަކުން އެކަމުގައި، އަޅުގަނޑުމެން މިހާރު އެއް ކުންފުނި އަނެއް ކުންފުންޏާ އެބަ މުޢާމަލާތްކުރޭ. އެމް.އޭ.ސީ.އެލް.އާއި، އެމް.ޓީ.ސީ.ސީ.އާ. އާދެ، އެހެންވީމާ، އެކަންވެސް އަޅުގަނޑު މި ފާހަގަކޮށްލީ. އެއްގޮތަކަށްވެސް މިއީ، އަޅުގަނޑުމެން ނަމެއްގައި ކުރާ ކަންކަން ނޫންކަން ދަންނަވަން.
ޙަޤީޤީ މާނައިގައި، ރައްޔިތުންނަށް މި ކަންކަން ޑެލިވަރ ކޮށްދިނުމަށްކަން އަޅުގަނޑުމެން މަސައްކަތް މި ކުރަނީ. މިއިން ކޮންމެ ކަމެއްގެ ތެރޭގައި ހުންނަ ތަފުސީލުގެ ތެރެއަށް އަޅުގަނޑުމެން ދާކަން ދަންނަވަންވެގެން. ކޮންމެ ކަމެއްގެ ތެރޭގައި ހުރި އިޝޫޒްތައް، މައްސަލަތައް ބަލައި، އެކަން ޙައްލުކޮށްދީ، އެކަން ހާސިލުކޮށްދީ، ނިންމައިދިނުމުގެ ނިޔަތުގައި، އެގޮތުގައިކަން އަޅުގަނޑުމެން ކަންކަން ކުރަނީ. އެހެންވީމާ، މި މައްސަލައަށްވެސް، ކުނީގެ މައްސަލައަށްވެސް ޙަޤީޤަތުގައި، މުޅި މައްސަލަ ޙައްލުވާގޮތަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން ދާނީ. އާދެ، އަޅުގަނޑު ހިތުން މި ކަންކަން ވެގެންދިޔުމުން، މި ރަށަށް އެ ލިބިގެންދަނީ، ކޮންމެ ދާއިރާއަކުންވެސް ކުރިއެރުން.
ކުޅިވަރުގެ ދާއިރާއިން ބެލިނަމަވެސް ހަމަ އެގޮތަށް. ފުޓްބޯޅަ ދަނޑަކީ ވަރަށް ފެންވަރު ރަނގަޅު ދަނޑެއް. އެތަން އިތުރަށް ފުރިހަމަވަނީ، މިހާރު މި ދެން އޮތް މަރުޙަލާ، މިހާރު އެ ސޮއިކުރެވުނު މަސައްކަތުގެ ތެރެއިން. އެހެންވީމާ، އެހެންގޮސް އިތުރު ކަންކަން ކުރިއަށް މިދަނީ، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންގެ އުންމީދުތައް ޙަޤީޤަތަށް ހަދައިދީ، އަޅުގަނޑު ވެފައިހުރި ވަޢުދުތައް ފުރިހަމަކޮށްދިނުމާ އެކީގައި، އެ ކަންކަން ފުރިހަމަވެގެން އެދަނީ.
އާދެ، ތަޢުލީމީ ދާއިރާއިންވެސް އަޅުގަނޑުމެން މި ރަށުގެ ތަޢުލީމީ މަރުކަޒު ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތްތަކެއް މި ހަވާލުކުރީ. އާދެ، ތަޢުލީމީ ދާއިރާއަކީ، ސަރުކާރުން ވަރަށް އިސްކަންދޭ، އެންމެ އިސްކަމެއްދޭ، އެކެއް، ދޭއް، ތިނެއް، ކިޔާއިރުގައި އޭގެތެރޭގައި ހިމެނޭ ކަމެއް. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ތަޢުލީމީ އިންފްރާސްޓްރަކްޗަރ ގާއިމުކުރުމުގެ ބިޔަ ބޮޑެތި މަސައްކަތްތައް މި ކުރަނީ އެއްފަހަރާ، އެތައް ރަށެއްގައި. މީގެތެރޭގައި މި ހިނގަނީ، އަލަށް ފަށާ މަޝްރޫޢުތަކާއި، އަޅުގަނޑުމެންނާ ހަވާލުވީއިރުގައި، އެކި ގޮތްގޮތުން ހުއްޓި ހަމަ ގުޑާވެސްނުލާ ހުރި މަޝްރޫޢުތައް އަލުން ފަށައިގެން، ރީ-ސްޓަރޓް ކޮށްގެން ގެންގޮސް ނިންމާލުމާ، މި ހުރިހާ ކަމެއް. އޭގެއިތުރަށްވެސް، މިގެންދަނީ، ކުދިންގެ ކިޔެވުމުގެ މާޙައުލު، އެ އެކްސްޕީރިއެންސް ރަނގަޅުކޮށްދިނުމަށްޓަކައި އޭސީ، ނޫނީވިއްޔާ އެއަރކޯން ހަރުކޮށްދީ، ފިނިކޮށްދިނުމުގެ މަޝްރޫޢެއް. މިހާރު އެކަމުގެ މަސައްކަތްވެސް، ވަރަށް ބާރަށް އެބަ ހިނގާ. އަޅުގަނޑުމެން އޮންނާނީ ވަޢުދުވެފައި، މި އަހަރު ނިމެންވާއިރަށް، ރާއްޖޭގެ ހުރިހާ ރަށެއްގެ، ހުރިހާ ސްކޫލެއްގެ، ހުރިހާ ކްލާސްރޫމްތަކެއް އޭސީ ކުރާނަމޭ. އެޑިޔުކޭޝަން މިނިސްޓްރީން ވަރަށް ރަނގަޅަށް އެކަން ކުރިއަށް އެބަ ގެންދަވާ. މިހާރު ގޮސްފައި އޮތް ހިސާބުންވެސް މި ދެންނެވި ޓާގެޓް އެބަ ހާސިލުވޭ. އިރާދަކުރެއްވިއްޔާ، މި އަންނަ ދިރާސީ އަހަރަށް ރާއްޖޭގެ ހުރިހާ ސްކޫލަކަށް ކުދިން ނުކުންނާނީ، އޭސީ ކުރެވިފައިހުރި ކްލާސްރޫމްތަކަށް ކިޔަވަން. އަދި ޓީޗަރުންގެ ސްޓާފްރޫމްތައްވެސް ހުންނާނީ، މި އަންނަ އަހަރު، ދިރާސީ އާ އަހަރަށް ނުކުންނައިރުގައި އޭސީ ކުރެވިފައި. ޓީޗަރުންވެސް އިރާދަކުރެއްވިއްޔާ ބޭނުންކުރާނީ އޭސީ ސްޓާފްރޫމްތައް. އެކަންވެސް އަޅުގަނޑުމެން ހާސިލުކުރާނަން. އެހެންވީމާ، ކިޔަވާކުދިންނާއި، ޓީޗަރުންނަށް އޭސީ ރޫމްތައް. ދެން، މިކަހަލަ ހޯލުތަކަށް އަޅުގަނޑު އޮންނާނީ އިޢުލާނުކޮށްފައި، އެއީ ދެވަނަ ފިޔަވަހިކަމަށް. މިއީ ދެވަނަ ފިޔަވައްސެއް.
އެހެންވީމާ، ފުރަތަމަ އަޅުގަނޑުގެ ޓާގެޓަކީ، މި އަހަރު ނިޔަލަށްދާއިރުގައި މި ދެންނެވިގޮތަށް ކުލާސްރޫމްތައް، ސްޓާފްރޫމްތައް، އޭސީ ކުރުން. ދެވަނަ ފިޔަވައްސެއްގައި މި އަންނަ އަހަރު އަޅުގަނޑުމެން މި ބަޖެޓުކުރަނީ މިގޮތަށް ހުންނަ ބޮޑެތި ހޯލުތައް އޭސީ ކޮށްދިނުން. އެހެންވީމާ، އެގޮތަށް އަޅުގަނޑުމެން މި އަންނަ އަހަރުގެ ތެރެއަށް ބަހާލައިގެން ރާއްޖޭގެ ހުރިހާ ރަށެއްގެ މަލްޓި ޕާޕަސް ހޯލުތަކާއި، ސްކޫލް ހޯލުތައް އޭސީ ކުރާނަން. މިހެން ދެންނެވިޔަސް، ވަރަށް ހާލުގައި ހުރެއްޖިއްޔާ، އަޅުގަނޑުމެން ހަމަ ކޭސް ބައި ކޭސް ގެންދާނީ. ބައެއް ރަށްރަށުގެ ހޯލުތައްވެސް މި އަހަރު އެބަ އޭސީ ކުރަން. އެހެންނަމަވެސް، އާންމު އުސޫލަކީ އެ ހޯލުތައް އޭސީ ކުރަން ދެވަނަ ފިޔަވައްސެއް ކުރިއަށް ގެންދިޔުންކަން ދަންނަވާލަން.
އެހެންވީމާ، ސްކޫލް އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމުގެ ތެރެއިން އިތުރު ފިޔަވައްސެއްގެ ގޮތުގައި، ނޫނީވިއްޔާ އިތުރު ކަމެއްގެ ގޮތުގައި މިކުރަނީ، މި ދެންނެވިހެން ކުލާސްރޫމްތައް، ސްޓާފްރޫމްތައް ފިނިކޮށްދިނުން. އެއީ ހަމަ ޔަޤީނުންވެސް ކުދިންނަށް އިތުރަށް ކިޔެވުމުގައި ފަސޭހަވާނެ ކަމެއް. ހޫނުގެ ތެރޭގައި، ގަދަ ހޫނުގައި ދާހިއްލައިގެން ތިބެގެން، ޓީޗަރުންވެސް އެ ހޫނުގެ ތެރޭގައި ތިބެގެން ކުރާ މަސައްކަތް، ކުދިން ކިޔަވަންކުރާ މަސައްކަތް، އެހާ ޕްރޮޑްކްޓިވްއެއް ނުވާނެ. ވަރަށް ބޮޑު ސްޓްރަގްލްއެއް ޓީޗަރުންނާއި ހުރިހާ ކުދިން މި ގޯތުރޫ މި ކުރަނީ. ސްކޫލްތަކުގެ ވެރިން މި ގޯތުރޫ މި ކުރަނީ. އެހެންވީމާ، އެކަމުގައި ހިތްހަމަޖެހޭ މާޙައުލެއް ޤާއިމުކޮށްދިނުމުގައި މިކަން މި ކުރަނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެން ހާސިލުކުރާނަން.
އޭގެ އިތުރަށް، އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު މި ދެންނެވިފަދައިން، އެކި ގޮތްގޮތުން މަޑުޖެހި، ނުހިނގައި، ކޮންޓްރެކްޓަރ ވީތަނެއް ނޭގި ހުރި މަޝްރޫޢުތައް، އަލުން ނަގައިގެން އެ ކަންކަން ކުރުމާ އެކީގައި، މި ބަލަނީ ވީހާވެސް ގިނަ ސްކޫލްތަކެއްގައި އިންފްރާސްޓްރަކްޗަރ ނިންމައި، ދިރާސީ އާ އަހަރަށް އެ ތަންތަންވެސް ހުޅުވަން. އަޅުގަނޑު މި ދަތުރުތަކުގައި މިގޮތަށް ހުންނާނެ، މިހާރު އެތައް ރަށެއްގައި އެ ކޮމިޓްމަންޓް ދީފައި. އެއީ، އެގޮތަށް ގެންދެވޭނެކަން ޔަޤީންވާ ރަށްރަށުގައި. އެހެންވީމާ، އަޅުގަނޑު ހިތުން ހަމަ އެކި ސަބަބުތަކާ ހެދި ނުކޮށް ދޫކޮށްލެވިފައި ހުރި އެތައް ކަމެއް ރަނގަޅު ކުރުމަށް، ތަޢުލީމީ ދާއިރާ ވަރުގަދަ ކުރުމަށް، ޞިއްޙީ ދާއިރާ ވަރުގަދަ ކުރުމަށް މި ކުރެވޭ ކަންތައްތައް ޙަޤީޤަތުގައި މި ކުރަނީ. އަދި ބޯހިޔާވަހިކަމުގެ ގޮތުން ރައްޔިތުންނަށް ކަންތައްތައް ކޮށްދިނުން. މިއީ، އަޅުގަނޑުގެ ތަރައްޤީގެ ސިޔާސަތުގެ އެކެއް، ދޭއް، ތިނެއް. ބޯހިޔާވަހިކަން، ޞިއްޙީ ދާއިރާ، ތަޢުލީމީ ދާއިރާ.
އެހެންވީމާ، މި ތިން ދާއިރާއަށް ސަރުކާރުގެ ބަޖެޓުން ވަރަށް އިސްކަންދެން. މުވައްޒަފުން ހޯދައިދިނުމުގައިވެސް ތިޔަބޭފުޅުންނަށް، ޞިއްޙީ ދާއިރާގައި އުޅުއްވާ ބޭފުޅުންނަށް ފާހަގަކުރެއްވޭނެ މިހާރު، މި އަހަރުގެ ތެރޭގައި ރާއްޖޭގެ ހަމަ ގާތްގަނޑަކަށް ހުރިހާ ރަށެއްނޫން، ހަމަ ވަރަށް ގިނަ ރަށްތަކުގައި ޞިއްޙީ މަރުކަޒުތަކަށް ސްޓާފުން އިތުރުކޮށްދީފިން، ޞިއްޙީ ގޮތުން ތަރައްޤީ ކޮށްދިނުމަށްޓަކައި. ހިއުމަން ރިސޯސް އިތުރުކޮށްދިނުމަކީ، މި އަހަރު ސިވިލް ސަރވިސްގެ ތެރޭގައި އަޅުގަނޑުމެން މުވައްޒަފުން އިތުރުކުރުމުގެ އާންމު ސިޔާސަތެއް ނުގެންގުޅޭއިރުގައި، ޚާއްޞަ އިސްކަމެއްދީގެން ޞިއްޙީ ދާއިރާއަށް މުވައްޒަފުން މި އިތުރުކުރަނީ. މީގެ ދެވަނަ ފިޔަވަހި މި އަންނަ އަހަރުވެސް އޮންނާނެ. ޞިއްޙީ ދާއިރާއަށް އިތުރު މުވައްޒަފުން ހޯދައިދީ، އިތުރު ވަގުތު އިތުރުކޮށްދީ، ލެބޯރެޓަރީތައް ޤާއިމުކޮށްދީ، ވަސީލަތްތައް އިތުރުކުރުމަކީ، އަޅުގަނޑުމެން ޞިއްޙީ ދާއިރާއިން ކުރާ ކަންތައް. ރާއްޖޭގެ ހުރިހާ ރަށެއްގައި މި އަންނަ އަހަރު ނިމޭއިރަށް، މިހާރުވެސް ލެބޯރެޓަރީ ނެތް ރަށްރަށުގައި ލެބޯރެޓަރީ ޤާއިމުވާނެ. އެއީ، އަޅުގަނޑު ވެފައި އޮތް ވަޢުދެއް. އެކަން އެދަނީ ކުރިއަށް. މި އަހަރުވެސް ވަރަށް ގިނަ ރަށްރަށުގައި ހެލްތު ސެންޓަރުތަކުގައި ލެބޯރެޓަރީގެ ޚިދުމަތް އަޕްގްރޭޑްވޭ. ނޫނީވިއްޔާ އިތުރުކުރެވިގެން އެބަދޭ. ބާކީހުރި ހުރިހާ ރަށެއް މި އަންނަ އަހަރު. އެހެންވީމާ، މިގޮތަށް ބަހާލެވިގެން އަޅުގަނޑުމެން މި ގެންދަނީ ރައްޔިތުންނަށް މިހެން ނުކޮށްދެވިފައި، ނޫނީވިއްޔާ ނުވެފައި ހުރި ކަންކަން ކޮށްދިނުމުގެ މުހިންމު މަސައްކަތްތައް.
އާދެ، އެހެންވީމާ އެގޮތުން މި ރަށުގައިވެސް މި ދެންނެވި ގޮތަށް މިގެންދަނީ. މިއީ އަރބަން ސެންޓަރެއް. މި ރަށުގެ ތަރައްޤީއަކީ، މުޅި ރާއްޖެއަށް އަންނަ މުހިންމު ތަރައްޤީގެ މަސައްކަތެއް. އެހެންވީމާ، ޞިއްޙީ ދާއިރާއިންވެސް މި އަންނަނީ ވަރަށް ބޮޑު ކުރިއެރުމެއް. 50 އެނދުގެ ފުލްފުލެޖް އެންމެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއްގެ މަސައްކަތް ކުރެވެނީ. ތަޢުލީމީ ދާއިރާއިންވެސް މިހިރަ ކަންކަންވޭ. އަދި އިތުރު މަސައްކަތްތައްވެސް ކުރިއަށް ހުންނާނެ. އެހެންވީމާ، އެ ކަންކަމަކީ އިރާދަކުރެއްވިއްޔާ، މި ރަށުގެ ތަރައްޤީއަށް އަދި މި ސަރަޙައްދަށް ލިބިގެންދާނެ ބޮޑު ކުރިއެރުންތަކަކަށް ވާނެ ކަންތައްތައް.
އާދެ، މި ކަންކަން އަޅުގަނޑުމެން ކުރަމުން ދާއިރުގައިވެސް، އަޅުގަނޑުމެން ސަރުކާރުގެ އަމާޒަކީ، ވަށައިޖެހޭ ގޮތެއްގައި ހުރިހާ ކަމަކަށް ޙައްލު ގެނައުމުގެ މަސައްކަތް ކުރުން. އަޅުގަނޑު ވަޢުދުވީ އިރާދަކުރެއްވިއްޔާ، ރައްޔިތުންނަށް މާނަހުރި ތަރައްޤީ ގެނެސްދިނުމަށް. އެގޮތުން ކުރާ ކަންތައްތަކުގައި އެއީ، އެކިކަހަލަ ގަވަރނަންސް ނިޒާމަށް ގެންނަ ކުރިއެރުން ކަމުގައިވިޔަސް، އެކި ކަހަލަ ރިފޯރމް މަސައްކަތްތައް ކަމުގައިވިޔަސް، އެކި ކަންތައްތައް މި ގެންދަނީ ކުރަމުން. ރާއްޖޭގެ އެކި މައްސަލަތައް ޙައްލުކުރުމުގައި، ޤާނޫނީގޮތުން ހުރި ކަންކަން ޙައްލުކުރުމަށްވެސް މުހިންމު ޤާނޫނުތައް ހަދައި، ހުރި ޤާނޫނުތައް އިޞްލާޙުވެސް އެބަ ކުރަން.
އާދެ، މި މަޖިލީހުގައި، މިހާރު މި އޮތް މަޖިލީހުގައި މިދިޔަ ދައުރުތަކުގައިވެސް އެތައް ބިލެއް ހުށަހެޅި، އެތައް ބިލެއް ނިންމައިދީފި. މިހާރުވެސް އެތައް މަސައްކަތެއް 18 ބިލެއްގެ މަސައްކަތް އެބަ ކުރައްވާ. މިހާރު މި މަހު އެ ފެށުނު މަޖިލީހުގެ ދައުރަށްވެސް އަޅުގަނޑުމެން އެބަ ހުށަހަޅަން ޖުމްލަ 27 ބިލެއް. ޖުމްލަ 27 ބިލެއް ހުށަހަޅަނީ. އޭގެތެރޭގައި، މުޅިން އަލަށް އާ ޤާނޫނުތައް ގޮތުގައި އަންނަ 12 ޤާނޫނެއްވެސް ހިމެނޭ. އަދި އިޞްލާޙުތައް ގޮތުގައި އަންނަ، ޤާނޫނުއަސާސީން އަންނަ އިޞްލާޙެއް ހިމެނޭގޮތަށް، އިޞްލާޙުތައްވެސް އެބަ އާދޭ.
ޤާނޫނުއަސާސީން އަޅުގަނޑުމެން ގެންނަ މައިގަނޑު އެއް އިޞްލާޙަކީ އަޅުގަނޑު އޮންނާނެ ކުރިން އިޢުލާނުކޮށްފައި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި، ރިޔާސީ އިންތިޚާބާ އެކީގައި ބޭއްވުމުގެ އިޞްލާޙު. އެއީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ކަމެއްވީމާ، އެ ޤާނޫނުއަސާސީއަށް ގެންނަ އިޞްލާޙު ހިމެނޭގޮތަށް، 27 ބިލެއް އެބަ ހުށަހަޅަން.
މީގެތެރެއިން އަޅުގަނޑު އެބަ ފާހަގަކޮށްލަން މައިގަނޑު އެއް ކަމެއް. އެއީ، އަޅުގަނޑު ދެންމެ މި ދެންނެވި ގޮތަށް، ވަށައިޖެހޭ ތަރައްޤީ ގެނައުމުގައި އަޅުގަނޑު މި ގެންދަނީ، ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ކަންތައްތައް ކުރަން. އެ ކަންކަމަށްވެސް ބިލުތައް ހުށަހަޅަން. މީގެ ތެރެއިން އެއްކަމަކީ، ކޮރަޕްޝަން ނައްތާލުން. ކޮރަޕްޝަން ނައްތާލުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، މިހާތަނަށްވެސް އެތައް ކަންކަމެއް އަޅުގަނޑުމެން ކޮށްފިން. އެތައް މަސައްކަތްތަކެއް ކޮށްފިން. މިހާރު އަޅުގަނޑުމެން މި ހުށަހަޅާ 27 ބިލުގެ ތެރޭގައި، މިކަމަށް އެޑްރެސްކުރަން، އަޅުގަނޑުމެން އެބަ ހުށަހަޅަން 6 ބިލެއް.
އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުން، ދިވެހި ލޮބުވެތި ރައްޔިތުންނަށް މަޢުލޫމާތަށްޓަކައި. މި ކޮރަޕްޝަންގެ މައްސަލަ ޙައްލުކުރުމުގައި މިހާރު ހުރި ޤާނޫނުތަކުގެ ތެރެއިން، ހުރި ހުރަސްތައް ނައްތާލައި، މިކަން ޙަޤީޤީ މާނައިގައި ރާއްޖޭގެ ނިޒާމުގެ ތެރެއިން އިރޭޑިކޭޓް ކުރުމަށްޓަކައި، ކުރެވެންހުރި މަސައްކަތްތަކަށް އަޅުގަނޑުމެން މި އިޞްލާޙުތައް މި ގެންނަނީ. ޤާނޫނު އެކަނި އިޞްލާޙުވެގެން ވާނެ ކަމެއްނޫން މިއީކީއެއް. ހުރިހާ ރައްޔިތުންގެ އެއްބާރުލުން، ހުރިހާ އެންމެންގެ އެއްބާރުލުން، ވަޒީފާތަކުގެ އެކިވަރުވަރުން، އެކި ލެވެލްލެވެލްގައި ތިބި އެންމެންގެ އެއްބާރުލުން ލިބެންޖެހޭނެ ކަންކަން މިއީ. އެ މައްސަލަ ޙައްލުވާނީ ކޮންމެ މީހަކުވެސް އަމިއްލައަށް ފުރަތަމަ އެކަމާ ދުރުވާން ނިންމައިގެން. އެހެންނަމަވެސް، ޤާނޫނުތައް ވަރުގަދަކޮށް، މިކަމުގެ ނިޒާމު ވަރުގަދަކުރުމަކީ ސަރުކާރަށް ކުރެވޭނެ ކަމެއް.
އެހެންވީމާ، އެގޮތުން އެއް އިޞްލާޙަކަށް މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނަށް އަޅުގަނޑުމެން އެބަ ގެންނަން މުހިންމު އިޞްލާޙުތަކެއް. މިހާރު އޮތް ޤާނޫނުގެ ތެރެއިން ދެމިގަންނަ ފަރާތްތައް، އާދައިގެ ގޮތަކަށް ދަންނަވަންޏާ އެބަތިބި. އެހެންވީމާ، އެކަން ހުއްޓުވުމަށްޓަކައި އިޞްލާޙު ގެންނަން، މުޅިން އަލަށް އަޅުގަނޑު ދެންނެވިން، އެސެޓް ރިކަވަރީ ބިލެއް ހުށަހަޅާ ވާހަކަ. މީގެ ކުރިން ބޮޑެތި އަދަދުތަކުން ވައްކަންކޮށްފައި، ރައްޔިތުންގެ ފައިސާ ފޮރުވާފައިވާ ފަރާތްތައް އެބަތިބި މުދާ ފޮރުވާފައި. އެ ހޯދޭނެ ގޮތެއް ނެތް. އެހެންވީމާ، އެސެޓް ރިކަވަރީ ބިލެއް އެބަ ހުށަހަޅަން. ޖިނާއީ އިޖްރާއަތުގެ ޤާނޫނަށްވެސް އިޞްލާޙުތަކެއް އެބަ ހުށަހަޅަން. މިކަން ހުއްޓުމަށްޓަކައި މުހިންމު ކުރިއެރުންތަކެއް އަޅުގަނޑުމެން ގެނައުމަށްޓަކައި.
ހަމަ އޭގެއިތުރަށް، ޖިނާއީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނަށްވެސް އެބަޖެހޭ އިޞްލާޙުތަކެއް ގެންނަން. އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނަށްވެސް އިޞްލާޙުތަކެއް އެބަ ގެންނަން. ޤާނޫނުލްއުޤޫބާތަށްވެސް އިޞްލާޙުތަކެއް އެބަ ގެންނަން. މިއީ ޕެކޭޖެއް. މި 6 ބިލް އިޞްލާޙު ކުރެވުނީމާ، ޖުޑީޝަރީއަށްވެސް، އެންޓި ކޮރަޕްޝަން ކޮމިޝަނަށްވެސް، ފުލުހުންނަށްވެސް، ޕީ.ޖީ.އަށްވެސް، މި ހުރިހާ ފަރާތްތަކަށްވެސް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ. ޤާނޫނީ ނިޒާމުގެ ތެރެއިން އެ މައްސަލަތަކުގައި ފިޔަވަޅު އަޅައި، މި ރާއްޖޭގައި ކޮރަޕްޝަންގެ މި ޢަމަލަށް ރަނގަޅު ޙައްލެއް ގެނައުމަށްޓަކައި. އެހެންވީމާ، މި މައްސަލަތައް އިރާދަކުރެއްވިއްޔާ އަޅުގަނޑު ކުރިއަށް ގެންދާނަން.
ކޯޓުތަކަށް ބަލާއިރުގައިވެސް އަޅުގަނޑު މިދަނީ، ޙަޤީޤީ މާނައިގައި ކޯޓުތަކަށް، ޖުޑީޝަރީއަށް މިނިވަންކަން ދެމުން. ބަޖެޓުވެސް މި ވަކިކޮށްދެނީ. ވަކިކޮށްދޭ ވާހަކަ މި ދެންނެވީ، އެ ބޭފުޅުންނަށް ވަކި އެކައުންޓެއް ޤާއިމުކޮށްދީފައި، ބްލޮކް ގްރާންޓް އުސޫލުން، ކައުންސިލްތަކަށް ލާރިލިބޭ އުސޫލުން، ބްލޮކް ގްރާންޓްކޮށް ކަނޑައަޅާފައި، ޖުޑީޝަރީގެ ބަޖެޓުވެސް މި ދެނީ. ދިނީމާ ޚަރަދުކުރުމުގެ މިނިވަންކަން ލިބޭ. އަދި އޭގެއިތުރަށް، މިހާތަނަށް ބަޖެޓުގެ ތެރެއިން ޖުޑީޝަރީއަށް ނުލިބޭވަރަށްވުރެ ގިނައިން އެބަ މިފަހަރު ބަޖެޓު ކަނޑައަޅައިދެން. މި ފަހަރު ފައްސަތޭކަ ފަސްދޮޅަސް މިލިއަން ޖުޑީޝަރީއަށް އޮތީ. މި އަންނަ އަހަރު ހަސަތޭކަ ފަސްދޮޅަސް މިލިއަން ބަޖެޓުގައި އޮންނާނެ. ސަތޭކަ މިލިއަން އިތުރުވާނެ. އަޅުގަނޑުމެން ބޭނުންވަނީ، ޖުޑިޝަރީ އިންޑިޕެންޑެންޓްކޮށް، ފުރިހަމައަށް ފަންކްޝަން ކުރަން. މިހާރު އެހެރީ ހުޅުމާލޭގައި ކްރިމިނަލް ކޯޓު ހަދައިދީފައި. ޑުރަގް ކޯޓު ހަދައިދީފައި. ހުރިހާ ބާރުތަކެއް މިދެނީ. ސަރުކާރުގެ އެއްވެސް ނުފޫޒެއް ނޯންނާނެ މިހާރަކުއެއް އެއްވެސް ހުކުމެއް ކުރާކަށް، ނުކުރާކަށްވެސް، ކުރާގޮތަކަށްވެސް. އަޅުގަނޑުމެން މި ދަންނަވަނީ، އިންޞާފުވެރިކޮށް ކުރިއަށް ގެންދާށޭ. ޢަދުލުވެރިކޮށް ކުރިއަށް ގެންދާށޭ. ސަރުކާރުން ކަންކަން ފެސިލިޓޭޓް ކޮށްދޭނަމޭ. އެކަން މި ކޮށްދެނީ.
އަޅުގަނޑުމެން މި ހުށަހަޅާ އިޞްލާޙުތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުވެސް އިޞްލާޙު ކުރުން ހިމެނޭ. މިދިޔަ ސަރުކާރުން އޮތީ، ކޯޓުތައް ތަޅުއަޅުވާފައި. ޖޭ.އެސް.ސީ.ގެ ތެރެއަށް ހުރިހާ ބާރެއް ގެންގޮސްފައި، ކޯޓުތައް އޮތީ ޙަޤީޤަތުގައި ތަޅުއަޅުވާފައި. އެހެންވީމާ، ކޯޓުތަކަށް ދޭންޖެހޭ، އެ ޙަޤީޤަތުގައި އޮންނަންޖެހޭ ގޮތަށް ބާރުތައް އަނބުރާ މި ދެނީ ކޯޓުތަކުގެ ޤާނޫނުވެސް އިޞްލާޙުކޮށްފައި.
އެހެންވީމާ، މިހެން ހުންނަ ތަރައްޤީގެ މަސައްކަތްތައް ކުރާއިރުގައި އަޅުގަނޑުމެން މި ދެންނެވި ދިމަދިމާއަށްވެސް އެބަ އެޑްރެސް ކުރަން. އޭރުން ތަރައްޤީ އަންނާނީ. ނިޒާމުވެސް ތަރައްޤީވާންޖެހޭ. އިންފްރާސްޓްރަކްޗަރ ވައިޒްކޮށް މިހެން ހުންނަ މަޝްރޫޢުތައްވެސް ހިންގަންޖެހޭ. މީހުންގެ ވިސްނުންތައްވެސް ތަރައްޤީވާންޖެހޭ. ސިކުނޑި ތަރައްޤީވާންޖެހޭ. އަޅުގަނޑުމެންގެ އުޅުމާއި ގުޅުން ތަރައްޤީވާންޖެހޭ. އަޅުގަނޑުމެންގެ ތެރޭގައި އެކަކު އަނެކަކަށް އޮންނަ އިޙްތިރާމު އަދާކުރުން، އެކަކު އަނެކަކަށް އޮންނަންޖެހޭ ގާތްގުޅުން، މިއީ ރާއްޖޭގައި ކުރީގައި ދިވެހިންގެ ތެރޭގައި ފަޚުރުވެރިކަމާ އެކީގައި އަޅުގަނޑުމެން ބަލައިގެންފައިވާ ކަމެއް. ދިވެހިންނަކީ އެކަކު އަނެކަކަށް ވަރަށް ލޯތްބާއި، ކުލުނާ އެކީގައި، ހިނިތުންވުމާ އެކީގައި އަޅާލާ ބައެއް ކުރީގައި. އެހެންނަމަވެސް، މި ސިޔާސީ އޮއިވަރެއްގެ ތެރެއަށް މީގެ އެތައް އަހަރެއް ކުރިއަށް ވަދެގެން ދާންފެށިގޮތަށް ގޮސް، މިހާރު މި އޮތީ ރެސްޕެކްޓް ކުރުން، އިޙްތިރާމު އަދާކުރުން، ހަމަ ވަރަށް ބޮޑަށް ވެއްޓިފައި.
އަޅުގަނޑު ބޭނުންވަނީ، މިކަން ބަދަލުކުރަން. ކުރީގައި އޮތްގޮތަށް އަޅުގަނޑުމެން ދާން. އަޅުގަނޑު ހިތުން ހުރިހާ ރައްޔިތުން ޙަޤީޤަތުގައި ބޭނުންވާނެ އެކަން. ރެސްޕެކްޓް ކުރަން އެކަކު އަނެކަކަށް. އިޙްތިރާމު އަދާކުރަން. އަޅުގަނޑު ގޮވާލަން، ސަރުކާރުން ބޭނުން މި އަންނަ އަހަރު ތެރޭގައި މަޝްރޫޢެއް ފަށަން. މިއީ، އަތްލެވޭ މަޝްރޫޢެއް ނޫން. އެހެންނަމަވެސް، ބިޔަ މަޝްރޫޢެއްގެ ގޮތުގައި، އިޙްތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢެއް ފަށަން. ރެސްޕެކްޓް ކެމްޕެއިނެއް ފަށަން. މިކަމުގައި ކަމާބެހޭ ހުރިހާ ރައްޔިތުންނާއި، ކަމާބެހޭ ހުރިހާ މުއައްސަސާތަކާއި، ސިވިލް ސޮސައިޓީގެ ހުރިހާ އެން.ޖީ.އޯ.ތަކާއި، ހުރިހާ ފަރާތްތައް ބައިވެރިވާން އަޅުގަނޑު ގޮވާލަން. ސިޔާސީ ޕާޓީތަކާއި ހުރިހާ ފަރާތްތައް. ބައިވެރިވެގެން އެކަކު އަނެކަކަށް އިޙްތިރާމު އަދާކުރުމުގެ އާދަ ގެނެސް، މި ޤައުމުގައި ދިވެހިންގެ ތެރޭގައި ކުރީގައި އޮތް، އިޙްތިރާމު އަދާކުރުން، އަވަށްޓެރިންނަށް އިޙްތިރާމު އަދާކުރުން، މައިންބަފައިންނަށް އިޙްތިރާމު އަދާކުރުން، ދުވަސްވީ މީހުންނަށް އިޙްތިރާމު އަދާކުރުން، ކުލާސްރޫމްތަކުގައި ޓީޗަރުންނަށް އިޙްތިރާމު އަދާކުރުން، މިހެންގޮސް މުޅި ޤައުމުގައި، ސޮސައިޓީގައި، މުޖުތަމަޢުގައި އެކަކު އަނެކަކަށް އިޙްތިރާމު އަދާކޮށް މި ރެސްޕެކްޓް އެބަޖެހޭ އަނބުރާ އަންނަން.
އެހެންވީމާ، މިފަދަ ކެމްޕެއިނެއް އަޅުގަނޑުމެން ފަށާނަން. މިފަދަ ޕްރޮގްރާމެއް، މިފަދަ މަޝްރޫޢެއް ފަށާނަން. މިކަމުގައި އެހެންނަމަވެސް، ޙަޤީޤީ ނަތީޖާ ނުކުންނާނީ، އެންމެން އެކަމުގައި ބައިވެރިވެގެން. އެހެންވީމާ، މިގޮތަށް ވަށައިޖެހޭ މަސައްކަތްތަކެއް ކުރެވުނީމާ، ޙަޤީޤީ މާނައިގައި ރާއްޖެ މި ތަރައްޤީވަނީ. އެގޮތަށް އިރާދަކުރެއްވިއްޔާ، ކުރިއަށްދިޔުމުގައި އަޅުގަނޑަށް ހަމަ ޔަޤީން، ކާމިޔާބީ ހޯދޭނެ. މި ކަމުގައި ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުން އެއްބާރުލުން ދޭނެކަން މިއީ، އަޅުގަނޑު ޔަޤީންކުރާ ކަމެއް.
އާދެ، އަދިވެސް އެއްފަހަރު، މަހިބަދޫގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަދި މަރުޙަބާ ދަންނަވަން، މިއަދު މި ފެށިގެންދިޔަ މަޝްރޫޢަށް. އިރާދަކުރެއްވިއްޔާ އެ މަޝްރޫޢު ހިމެނޭހެން، ދެން މި ދެންނެވި ހުރިހާ ކަމެއްވެސް ހިމެނޭހެން، މި ރަށުގެ ތަރައްޤީ ޙަޤީޤަތަކަށް ހަދައިދީ، އަޅުގަނޑު ވެފައި ހުރި ހުރިހާ ވަޢުދަކާއި އަދި އޭގެ އިތުރަށްވެސް ރައްޔިތުންނަށް، މި ރަށުގެ ރައްޔިތުންނަށް ކަންކަން ވެގެންދާނެ ކަމުގެ ޔަޤީންކަން އަރުވަމުން އަޅުގަނޑު ވަކިވެލާނަން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން އެންމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، މި ޤައުމަށް އުފާފާގަތިކަން މިންވަރު ކުރެއްވުން. އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.