ދިވެހީންނަކީ ލޯތްބާއި ކުލުނާއި، ހިނިތުންވުމާއެކު އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރި ބައެއް ކަމަށާ، ދިވެހީންގެ ތެރޭގައި އިހުއޮތް އެކަކުއަނެކަކަށް އިޙްތިރާމްކުރުމުގެ އާދަކާދަ ދިރުވުމަށްޓަކައި އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢެއް ފައްޓަވަން ގަސްތުކުރައްވާކަމަށާ، މިކަމުގައި ހުރިހާ ފަރާތްތަކުންވެސް ޝާމިލުވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ގޮވާލައްވާފައި މި ވަނީ، އަރިއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު މަހިބަދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ.
ތަރައްޤީގެ ކަންކަން ކުރިއަށްދާއިރު މީހުންގެ ވިސްނުމާއި، އުޅުމާއި ގުޅުންތައްވެސް ތަރައްޤީވާންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އަހަރުތަކެއް ކުރިން، ސިޔާސީ އޮއިވަރެއްގެ ތެރެއަށް ވަދެގެންދާން ފެށުމާއެކު، އެކަކު އަނެކަކަށް އިޙްތިރާމް އަދާކުރުމުގެ އާދަކާދަ މިހާރު ވަރަށް ބޮޑަށް ނެތި ގޮސްފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ބޭނުންފުޅުވަނީ މިކަން ބަދަލުކުރައްވައި، އިހު އޮތް ގޮތަށް އަނބުރާ ވަޑައިގަތުމަށްކަމުގައި ވިދާޅުވެ، ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ބިޔަ މަޝްރޫޢެއްގެ ގޮތުގައި، 2026 ވަނަ އަހަރުގެ ތެރޭގައި އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢެއް ފައްޓަވަން އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ. ކަމާބެހޭ ހުރިހާ ފަރާތްތަކާއި، ހުރިހާ ރައްޔިތުން އަދި ސިޔާސީ ޕާޓީތަކުންވެސް މިކަމުގައި ބައިވެރިވެވަޑައިގެން، އިހު އޮތް އިޙްތިރާމް އަދާކުރުމުގެ އާދަ އަށަގެންނެވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.
މިކަމުގެ ޙަޤީޤީ ނަތީޖާ ފެންނާނީ، އެންމެންގެ ބައިވެރިވުން ލިބިގެންކަމުގައިވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. ޙަޤީޤީ މާނާގައި ދިވެހިރާއްޖެ ތަރައްޤީވެގެންދާނީ، މިފަދަ، ވަށާޖެހޭ ގޮތެއްގައި ތަރައްޤީ ޙާޞިލުކުރެވިގެންކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި މިކަމުގައި ދިވެހި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބި، ކާމިޔާބު ހޯއްދެވޭނެކަމުގެ ޔަޤީންކަން އެމަނިކުފާނަށް އޮތްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.