ސަރުކާރުގެ އަމާޒަކީ ވަށާޖެހޭ ގޮތެއްގައި ހުރިހާކަމަކަށް ހައްލު ގެނައުމުގެ މަސައްކަތްކުރުން ކަމަށާ، ރާއްޖޭގައި ހުރި އެކި މައްސަލަތައް ހައްލުކުރުމަށް ޤާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި، މި އޮކްޓޫބަރު މަހު ފެށުނު މަޖިލީހުގެ ދައުރަށް ޖުމުލަ 27 ބިލެއް ހުށަހެޅުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، އދ. މަހިބަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

އދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މިރޭ ކުރިއަށްދިޔަ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިދިޔަ ދުވަސްތަކުގައިވެސް އެތައް ބިލެއް ހުށަހަޅުއްވައި، އެތައް ބިލެއްގެ މަސައްކަތް މަޖިލީހުން ނިންމަވައިދެއްވާފައިވާކަމަށާ، މިހާރުވެސް 18 ބިލެއްގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި މި އޮކްޓޫބަރު މަހު ފެށުނު ދައުރަށް 27 ބިލެއް ހުށަހެޅުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާ، އޭގެ ތެރޭގައި އައު ޤާނޫނުތަކެއްގެ ގޮތުގައި ތަޢާރަފު ކުރެވިގެންދާނެ 12 ޤާނޫނެއްވެސް ހިމެނޭކަމުގައި އެމަނުކުފާނު ފާހަގަކުރެއްވިއެވެ.

އަދި ޤާނޫނު އަސާސީއަށް ގެނެވޭ އިޞްލާޙެއް ހިމެނޭގޮތަށް، އިޞްލާޙުތަކެއްވެސް މީގެ ތެރޭގައި ހިމެނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ޤާނޫނު އަސާސީއަށް ގެނެވޭ އިޞްލާޙަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށް ބޭއްވުމަށް ހުށަހެޅޭ އިޞްލާޙުކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވަށާޖެހޭ ތަރައްޤީ ގެނައުމުގައި ނިޒާމު ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާ، އެގޮތުން، 27 ބިލުގެ ތެރޭގައި، ކޮރަޕްޝަން ނައްތާލުމަށް ރިޢާޔަތްކުރެވޭ 6 ބިލެއް ހިމެނޭނެކަމަށެވެ. މިއީ ކޮރަޕްޝަން ނައްތާލުމަށް ޤާނޫނުގައި މިވަގުތު ހުރި ހުރަސްތައް ނައްތާލައި، ޙަޤީޤީ މާނާގައި ކޮރަޕްޝަން ނައްތާލުމަށް ގެނެވޭ އިޞްލާޙުތަކެއްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއީ ޤާނޫނަށް އިޞްލާޙު ގެނެސްގެން އެކަނި ވާން އޮތް ކަމެއް ނޫންކަމަށާ، މިއީ ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިމޭރުމުން ގެނެވޭ އެއް އިޞްލާޙަކީ މަނީލޯންޑަރިންގް އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނަށް ގެންނަ އިޞްލާޙުކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިހާރު ހެދިފައިވާ ޤާނޫނުތަކުގެ ތެރެއިން "ދެމިގަންނަ ފަރާތްތައް" ހުއްޓުވުމަށް އިޞްލާޙުތަކެއް ގެނެވޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މަޖިލީހަށް ހުށަހަޅުއްވާނެކަމަށް މިދިޔަ ސެޕްޓެމްބަރު މަހު އިޢުލާންކުރެއްވި އެސެޓް ރިކަވަރީ ބިލުގެ ވާހަކަ އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށްވެސް އިޞްލާޙުތަކެއް ހުށަހަޅުއްވާނެކަމަށާ، ޖިނާޢީ މައްސަލަތަކުގައި ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ޤާނޫނަށް އިޞްލާޙު ގެންނަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެންޓިކޮރަޕްޝަން ކޮމިޝަންގެ ޤާނޫނަށާއި، ޤާނޫނުލް ޢުޤޫބާތަށްވެސް އިޞްލާޙުތަކެއް ހުށަހަޅުއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހާމަކުރައްވާފައެވެ.

ކޮރަޕްޝަންގެ މައްސަލައަށް ޙައްލު ގެނައުމަށްޓަކައި، މި އިޞްލާޙުތަކާއެކު ޖުޑިޝަރީއާއި އެންޓިކޮރަޕްޝަން ކޮމިޝަން، އަދި ފުލުހުންނާއި ޕްރޮސެކިއުޓަރ ޖެނެރަލަށްވެސް ބޮޑު ކުރިއެރުމެއް ލިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ކޯޓުތަކުގެ ޤާނޫނަށް އިޞްލާޙު ގެންނަވައި، ކޯޓުތަކުގައި ތަޅު އަޅުވާފައި އޮތްއޮތުން ނިމުމަކަށް ގެންނަވާނެކަމުގައިވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.