بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
އޮމަދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ރަށުގެ ކައުންސިލަރުން، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، މުއައްސަސާތަކުގެ ވެރިން، މި ރަށުގެ އެންމެހައި ޚިދުމަތްތެރި ރަށްވެހިން، އަދި މިތަނަށް ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ، ދުރާއިގާތުން ބައްލަވަމުން ގެންދަވާ އަދި އަޑުއައްސަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
މިއަދު އަޅުގަނޑުމެންނަށް މި ރަށަށް އާދެވުނު ވަގުތު، ރަށުގެ ލޮބުވެތި ރައްޔިތުން އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، އޮމަދޫގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް، ފަށްފަށުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.
އާދެ، އަޅުގަނޑުމެންގެ އެންމެ މުހިންމު ޒިންމާއެއް ގޮތުގައި ދެކެނީ، ރައްޔިތުންނަށް އަޅުގަނޑު ވެފައިހުރި ވަޢުދުތައް ފުއްދައިދިނުމުގައި ވީހާވެސް ރަނގަޅަކަށް ނަތީޖާ ނެރެދިނުމަށް މަސައްކަތް ކުރުން. ރައްޔިތުން އެދޭ އެހެން އިތުރު ކަންކަމުގައިވެސް، ވީހާވެސް އަވަހަކަށް ޙަޤީޤީ ކުލަ ޖައްސައިދިނުމަށް މަސައްކަތް ކުރުން.
އެގޮތުން އިރާދަކުރެއްވިއްޔާ، މިއަދު މި ރަށުގައި މީގެތެރެއިން ވަރަށް ގިނަ ކަންކަމުގައި ޢަމަލީގޮތުން މަސައްކަތް ފެށިގެން މިދިޔައީ. އަދި، އިތުރު މަޝްރޫޢެއްގައި ސޮއިކުރެވިގެންވެސް މިދިޔައީ. އާދެ، މިއިން ކޮންމެ ކަމަކީވެސް، ހަމަ ޔަޤީނުންވެސް މި ރަށުގެ ރައްޔިތުންނަށް ނުހަނު ބޭނުންތެރި އަދި އޭގެ ސަބަބުން، ކުރިއެރުން ލިބިގެންދާނެ ކަންކަންކަން އަޅުގަނޑަށް ހަމަ ޔަޤީން.
އާދެ، ސްކޫލަށް މި ލިބިގެންދާ ކުރިއެރުމަކީ، އާދެ މަލްޓި ޕާރޕަސް ހޯލެއް އެޅިގެންދިޔުން. އަދި، ހޯލު އެޅިގެންދާއިރުގައި، އިރާދަކުރެއްވިއްޔާ މިއާއެކުގައި، ހަތަރު ކްލާސްރޫމް ހިމެނިގެންދާ ގޮތަށް، މި މަޝްރޫޢު އަޅުގަނޑުމެން ކުރިއަށް ގެންދަނީ. އެހެންވީމާ، ހޯލާއި، ކުލާސްރޫމްތައް ހިމެނޭގޮތަށް، މި މަޝްރޫޢު ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން، ސްކޫލްގެ ދަރިވަރުންނަށާއި، ޓީޗަރުންނަށާއި އަދި އާންމުކޮށް ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ދެން. އެ ޔަޤީންކަން އިރާދަކުރެއްވިއްޔާ އަރުވަން. މީގެ ސަބަބުން، މި ސްކޫލް އިތުރަށް ކުރިއަރައިގޮސް، ސްކޫލްގެ ފަރާތުން ދަރިވަރުންނަށް ލިބިގެންދާނީ، ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި އަޅުގަނޑަށް ޔަޤީން.
ހަމައެއާއެކީގައި، އަޅުގަނޑުމެން މިއަދު ފެށި ކޮންމެ މަޝްރޫޢަކީވެސް، އެއީ ޞިއްޙީ ދާއިރާއަށް ކުރިއެރުން ގެނެސްދިނުމަށްޓަކައި ފެށިގެންދާ ޞިއްޙީ މަރުކަޒު ކަމުގައިވިޔަސް، އަދި ކުޅިވަރުގެ ގޮތުން، ވޮލީކޯޓު ޤާއިމުކުރުމަށް ފެށޭ މަޝްރޫޢުވިޔަސް، ފިޓްނަސް އެންޑް ރިކްރިއޭޝަން މަރުކަޒު އެޅުމަށްޓަކައި ފެށިގެންދިޔަ މަޝްރޫޢު ކަމުގައިވިޔަސް، އަދި ފުލުހުންގެ ޚިދުމަތާއި، ކައުންސިލް އިމާރާތް، މިއިން ކޮންމެ ކަމަކީވެސް ހަމަ ޔަޤީނުންވެސް، ރަށުގެ ރައްޔިތުންނަށް މުހިންމު ކުރިއެރުންތަކެއް ލިބޭނެ ކަންކަން ކަމުގެ ޔަޤީންކަން، އަޅުގަނޑަށް ހަމަ އެބައޮތް.
އާދެ، އޭގެ އިތުރަށް، އެންމެ މުހިންމު އެއްކަމަކީ، ފެނުގެ ނެޓްވަރކް ނިންމާލުމުގެ ކަންތައް. އާދެ، މި މަޝްރޫޢަކީ ވަރަށް ބޮޑުބައި ނިމިފައި އޮތް މަސައްކަތެއް. އަޅުގަނޑުމެން ބަލައިލިއިރުގައި، މީގައި އެއްވެސް މައްސަލައެއް ނުއެއް ނެތް. ސަރުކާރުން ދައްކަންޖެހޭ ޕެންޑިންގ އެއްވެސް ބިލެއްވެސް ނެތް. އެއްވެސް މައްސަލައެއް ނެތް. އެހެންވީމާ، ބާރަށް ދާންޖެހޭނެ ނޫންތޯ. އެހެންވީމާ، އަޅުގަނޑުމެން އިތުރަށް މަސައްކަތްކުރަމުން ދާނަން، އެކަން ކުރާ ކުންފުނި މެދުވެރިކޮށް، ވީހާވެސް އަވަހަކަށް ބާކީހުރި ހުރިހާ ކަމެއް ނިންމާލުމަށްޓަކައި ބާރުއަޅަން. އެހެންވީމާ، އެކަން މިއަދު މި ރަށުގެ ކައުންސިލާއި، މުއައްސަސާތަކާ އެކީއޮތް ބައްދަލުވުމުގައިވެސް އަޅުގަނޑުމެންނަށް އެކަމުގެ ތަފުސީލު ވާހަކަތައް ދެކެވުނު. އާދެ، މި މަޝްރޫޢު އިރާދަކުރެއްވިއްޔާ ހަމަ ވަރަށް ރަނގަޅަށް އަޅުގަނޑުމެން ގާތުން ބަލާނަން އަވަހަށް ނިންމައިދިނުމަށްޓަކައި. ޙަޤީޤަތުގައި އެއީ އަޅުގަނޑު ހިތުން، ރައްޔިތުންނަށް މިހާރު އެންމެ ބޮޑަށް ބޭނުންޖެހިފައި އޮތް، އެންމެ މުހިންމު ޢުމްރާނީ ތަރައްޤީގެ މަސައްކަތަކަށް ވާނެ.
ދެން ބަނދަރުގެ މަސައްކަތަށް ބަލާނަމަ، އެދަނީ އިރާދަކުރެއްވިއްޔާ ރައްޔިތުން އެދޭގޮތަށް. ރައްޔިތުން އެދޭ ބޭނުންތައް ފުއްދޭގޮތަށް ޑިޒައިނަށް އެވަނީ ބަދަލުގެނެސްދީފައި. ހުރިހާ ބަދަލެއް. އަދި އިތުރަށްވެސް އަޅުގަނޑުމެން ބަލާނީ ނިމިގެންދާއިރުގައި، ރައްޔިތުން އެދޭ ފުރިހަމަކަން ގެނެސްދިނުމަށްޓަކައި މަސައްކަތް ކުރުމަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ ބަނދަރުގެ މަސައްކަތް ނިމިގެންދާއިރުގައި އެ ބަނދަރު ވެގެންދާނީ، މި ރަށުގެ ރައްޔިތުން އެންމެ އެދޭ ފެންވަރުގައި ހެދިގެންދާނެ ބަނދަރެއްކަމުގެ ޔަޤީންކަން، އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.
ހަމައެއާއެކީގައި، ރަށްގިރުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައި އޮތުމާއެކީގައި، ބަނދަރާއެކީގައި އެ މަސައްކަތްވެސް، މިހާރު އެއީ ހަވާލުކޮށްފައި އޮތް މަސައްކަތެއް. އެހެންވީމާ، އެކީގައި ދާނެ. ވަރަށް އަވަހަށް ޢަމަލީގޮތުން އެ މަސައްކަތް ކުރުމުގެ މަރުޙަލާ ފެށިގެން އެދަނީ. އެހެންވީމާ، މި ދެ މަސައްކަތް މިއީ ދާދި އެކުއެކީގައި ހިނގާނެ ދެ މަސައްކަތް.
އެހެންވީމާ، މިހެންހުރި މުހިންމު ކަންތައްތައް އަޅުގަނޑުމެން މިއަދު މި ފެށި ކަންކަމުގެ އިތުރަށް ކުރިއަށް ދާނެ. މި ދެންނެވިހެން، މި ރަށުގައި ފެށިފައި ނިމުމަކާ ހަމައަށް ދާން ގާތްވެފައި އޮތް، ފެނުގެ ނެޓްވަރކް ނިންމުމާއި، އަދި މި ބަނދަރާއި، ރަށްގިރުމުގެ މައްސަލަ ޙައްލުކުރުމާ، މި ކަންކަމަކީ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ވަރަށް އިސްކަންދީގެން، ކުރިއަށް ގެންދާނެ މަސައްކަތްތަކެއް.
އާދެ، މިއިން ކޮންމެ މަސައްކަތަކުންވެސް، އިރާދަކުރެއްވިއްޔާ މި ރަށުގެ ރައްޔިތުންނަށް ފުރިހަމަ ކުރިއެރުމެއް ލިބިގެންދާނެ. މި ރަށުގެ ލޯކަލް ޓޫރިޒަމަށް ޚާއްޞަކޮށް، އަދި ޖުމްލަކޮށް ރަށުގެ އެހެން ބޭނުންތަކަށްވެސް ހުޅުވިގެންދިޔަ މުހިންމު ދޮރެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަން، މި ހަވާލުކުރެވުނު މި ރަށުގެ ބަޔަކަށް ހެދުނު ފަޅުތައް. އަޅުގަނޑު އުންމީދުކުރަނީ، ރައްޔިތުން އޭގެ ބޭނުން ފުރިހަމަގޮތުގައި ހިއްޕަވާނެކަމަށް. ރަށުގެ ކުރިއެރުމަށްޓަކައި، ޚާއްޞަކޮށް އިޤްތިޞާދީ ކުރިއެރުން ހޯދުމުގައި، މި ފަޅުތައް ތިޔަބޭފުޅުންނަށް ހަމަ ޔަޤީނުންވެސް މުހިންމު ދައުރެއް އަދާކޮށްދޭނެ. ސަރުކާރުން ކުރިއަށްދާނީ، ޔަޤީންކަމާއެކީގައިކަން އަޅުގަނޑު ދަންނަވަން، ރައްޔިތުން އެދޭގޮތަށް ކޮންމެ ކަމެއް ކޮށްދިނުމުގައިވެސް. އެހެންވީމާ، މިކަމުގައި ތިޔަބޭފުޅުން ބޭނުންފުޅުވާ ހުރިހާ އެހީތެރިކަމެއް ސަރުކާރުން ދޭނަން.
އަދި އެހެން ގޮތްގޮތުންވެސް، މި ރަށުގައި ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށްޓަކައި، ފުރިހަމަ އެހީތެރިކަން އަޅުގަނޑުމެން ދެމުން ދާނަން. މިގޮތުން އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރު ކުރީކޮޅު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުގަނޑުމެން މި ބަހައްޓާ ޑޮލަރު އޭ.ޓީ.އެމް.ތަކުގެ ތެރެއިން އޭ.ޓީ.އެމް.އެއްވެސް މި ރަށުގައި ބެހެއްޓުމަށް، އަޅުގަނޑުމެން ނިންމާފައިވާ ވާހަކަވެސް ތިޔަބޭފުޅުންނަށް ދަންނަވާލަން.
ދެން، މިހެންގޮސް އިތުރު ކުރިއެރުންތައް ރަށަށް ލިބޭނެ ކަހަލަ ކަންކަން. މިއިން ކޮންމެ އިންފްރާސްޓްރަކްޗަރ މަޝްރޫޢަކީވެސް އާންމު ރައްޔިތުންގެ ޑޭ ޓު ޑޭ ލައިފްގައި ކުރިއެރުން ލިބުމާއި، ލޯކަލް ޓޫރިޒަމް ފައްކާކުރުމަށްވެސް އެޅޭ ވަރަށް މުހިންމު ފިޔަވަޅުތަކަކަށް ހަމަ ޔަޤީނުންވެސް ވާނެ.
އާދެ އެހެންވީމާ، ޖުމްލަކޮށް މި ކަންކަން އަޅުގަނޑު މި ފާހަގަކޮށްލީ. އިތުރަށްވެސް އެބަހުރި، އަޅުގަނޑުމެން ބަލާނެ ކަންތައްތައް. ސަމާލުކަންދޭނެ މުހިންމު ކަންކަން. މީގެތެރެއިން، ކޮންމެ ދާއިރާއަކުންވެސް އެބަހުރި. ޞިއްޙީ ދާއިރާއިންނާއި އަދި އެހެނިހެން ދާއިރާތަކުންވެސް އަޅުގަނޑުމެން އިތުރަށް ކުރިއެރުން ގެނެސްދިނުމަށް މަސައްކަތް ކުރަމުންދާނަން. ރަށުގެ ރައްޔިތުންނަށް ދަތިވެފައި ހުރި ކަންކަން ގާތުން ބަލައި، އެ ކަންކަމުގައި ޙައްލުތައް ގެނެސްދިނުމަށް އަޅުގަނޑު މި ރަށަށް މިއައީ. އަޅުގަނޑުމެން މި ރަށަށް އައިސް، ރައްޔިތުންނާ އެކީގައި މި ވަގުތު ހޭދަކުރަނީ. އަޅުގަނޑު ބޭނުންވަނީ، ތިޔައިން ކޮންމެ ބޭފުޅަކުވެސް ތިޔަ ބޭނުންފުޅުވާ ގޮތަށް ކަންކަން ފުރިހަމަކޮށްދިނުމަށް.
މި އަހަރު ޢަމަލީގޮތުން ނުފެށޭ މަޝްރޫޢުތައްވިއްޔާ އެއީ، މި އަންނަ އަހަރު ފެށޭނެ މަޝްރޫޢުތައް. ތިޔަބޭފުޅުން ގެޒެޓު ބައްލަވައިލެއްވީމަ ފެނިވަޑައިގަންނަވާނެ، ފުޓްބޯޅަ ދަނޑެއް އަޅަންވެސް މިހާރު އަޅުގަނޑުމެން ވާނީ ބަޔަކު ހޯދަން އިޢުލާނުކޮށްފައި. އެ ފުޓްބޯޅަ ދަނޑަކީ، ބައިކުޅަބަޔަށް އަޅާ ދަނޑެއް ނޫން. އަޅުގަނޑުމެން ދަނޑުތައް އަޅަނީ މިހާރު ފުލް ސްކޯޕްގައި. މާނައަކީ، ވަށާފާރާއި، ފެންސާއި، ލައިޓާއި، މިހެންގޮސް ހުރިހާ ކަމެއްވެސް ހިމެނޭގޮތަށް. އެހެންވީމާ، މިހާރު އެއޮތީ އިޢުލާނު ކުރެވިފައި. ދެން، އޮންނަ އުސޫލުން ބަޔަކު ކުރިމަތިލައިގެން، ހޮވޭކަމަށްވަންޏާ، އެއީ އާންމުކޮށް އިޢުލާނުކުރެވިފައި އޮތް ޕްރޮސެސްއިންދާ ކަމެއްވީމާ، ކުރިމަތިލާންޖެހޭނެ ފަރާތަކުން. އަޅުގަނޑު އުންމީދުކުރަން ބަޔަކު ހޮވޭނެކަމަށް. ރަނގަޅަށް ކުރިއަށް ހިނގައްޖެނަމަ މި މަސް ނިމުމުގެ ކުރީގައި، ބަޔަކާ ހަވާލުކުރެވޭނެ. ހަވާލުކުރެވިއްޖިއްޔާ، އެންމެ ގިނަވެގެން ދެމަހެއްހާ ދުވަސްތެރޭގައި އާންމުކޮށް، 30 ނޫނީވިއްޔާ 45 ދުވަހުގެ ތެރޭގައި ފެށޭނެ. އެހެންވީމާ، އެ ހިސާބުގައި އެ މަޝްރޫޢުވެސް އެއޮތީ.
އެހެންވީމާ، ދެންވެސް ހުންނާނެ އަދިވެސް އިތުރު ކަންކަން. އެހެންވީމާ، މި ރަށުގެ ކަންކަމުގައި މިހިރަ ހުރިހާ ކަންކަމަކީ، އަޅުގަނޑުމެން ތިޔަބޭފުޅުންގެ އުންމީދުތަކަށް ދިރުން ގެނެސްދީ، ޙަޤީޤަތަކަށް ހަދައިދިނުމަށްޓަކައި، އަޅުގަނޑުމެން ކުރާނެ ކަންތައްތައް.
އަދިވެސް އެއްފަހަރު އޮމަދޫގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ދޭންބޭނުންވާ ޔަޤީންކަމަކީ، މިއަދު އަޅުގަނޑުމެން ޢަމަލީގޮތުން ފެށި މަސައްކަތްތަކާއި، ހިނގަމުންދާ ކަންކަން ނިންމުމަށް ކުރެވޭ ކަންކަމާއި، ސޮއިކުރެވުނު މަޝްރޫޢާ، މިއިން ކޮންމެ ކަމަކީވެސް، އަދި ކުރިއަށް އޮތްތަނުގައި ފެށެން މިހިރަ ކަންކަމަކީވެސް، އިރާދަކުރެއްވިއްޔާ މި ރަށުގެ ރައްޔިތުން އެދޭ މިންވަރަށް، އެދޭހާ ފުރިހަމަކަމާ އެކީގައި ކޮށްދެވޭނެ ކަންކަމުގެ ޔަޤީންކަން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، ދިވެހި ލޮބުވެތި ރައްޔިތުންނަށް އުފާފާގަތިކަން މިންވަރު ކުރެއްވުން. އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.