بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ހަންޏާމީދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، މި ރަށުގެ ކައުންސިލްގެ ރައީސް، މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، އެންމެހައި ކައުންސިލަރުންނާއި، ހުރިހާ މުއައްސަސާތަކުގެ ވެރިން، އަދި މި ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ، އަޑުއައްސަވަމުން އަދި ބައްލަވަމުން ގެންދަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
މިއަދު އަޅުގަނޑުމެންނަށް މި ރަށަށް އާދެވުނު ވަގުތު، ތިޔަބޭފުޅުން ވަޑައިގެން، އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، ހަންޏާމީދޫގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
މި ރަށުގެ ތަރައްޤީއަށް އަޅުގަނޑު ވަޢުދުވެފައި ހުރި ކަންކަމާއި، އަދިވެސް އިތުރަށް މި ރަށަށް ބޭނުންވާ މުހިންމު ކަންކަން ކޮށްދިނުމަށްޓަކައި، އެ ކަންކަން ކުރުމަށް ރާވާފައި އޮތްގޮތް ދެންނެވުމަށްޓަކައި، އަޅުގަނޑު މި ދަތުރުގައި މިއައީ.
އާދެ، މިއަދު އަޅުގަނޑުމެން މިތާ މި ސޮއިކުރި، ސްކޫލަށް ބޭނުންވާ މަޝްރޫޢަކީ، ޙަޤީޤަތުގައި ސްކޫލުގެ ކުރިއެރުމަށްޓަކައި ދަރިވަރުންނާއި، ޓީޗަރުންނަށް، އަދި ބެލެނިވެރިންނަށް ވަރަށް މުހިންމު މަޝްރޫޢެއް. އާދެ، މި އިމާރާތް އެޅިގެންދާއިރުގައި، މިކަން ކުރެވިގެން މިދަނީ ސްކޫލުން ބޭނުންވާ ގޮތަށް. އެހެންވީމާ، ސްކޫލަށް ބޭނުންވާ ކްލާސްރޫމާއި، އަދި އެހެނިހެން ބޭނުންތަކަށް ބޭނުންވާ ރޫމްތައް ހަމަޖެހިގެންދާ ގޮތަށް ކަމުގައިވާތީ، އިރާދަކުރެއްވިއްޔާ މި އިމާރާތް އެޅިގެންދާއިރުގައި، ސްކޫލަށް ބޭނުންވާ ޖާގައިގެ ހުރިހާ މައްސަލައެއް ޙައްލުވެގެންދާނެ ކަމުގެ ޔަޤީންކަން، އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.
ހަމައެއާއެކީގައި، އަޅުގަނޑުމެން މިއަދު ޢަމަލީގޮތުން ބިންގާއަޅައި، މަސައްކަތް ފެށި ކޮންމެ މަޝްރޫޢަކީވެސް، މި ރަށަށް ކުރިއެރުންތައް ލިބިގެންދާނެ މުހިންމު ކަންކަން. ކުޅިވަރުގެ ދާއިރާއިން ފެށި ދެ މަޝްރޫޢުވެސް، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރާއި، ވޮލީކޯޓު މަޝްރޫޢުވެސް، އަދި ފުލުހުންގެ މަރުކަޒު އެޅުމުގެ މަޝްރޫޢަކީވެސް އެފަދަ މުހިންމު މަޝްރޫއެއް.
ހަމައެއާއެކީގައި، މި ރަށުގައި އަޅުގަނޑުމެން މިހާރު ސޮއިކޮށްފައި އޮތް، އަޅުގަނޑު ވަޢުދުވެފައި އޮތް އެއް ކަންތައް އެއީ، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢާއި، އަދި ދޯނިއެހެލާ ސަރަޙައްދެއް ގާއިމުކުރުމުގެ ކަންތައްވެސް އަޅުގަނޑުމެން ކުރިއަށް ގެންދާނީ، ތިޔަބޭފުޅުންގެ އުންމީދުތައް ހާސިލުވާގޮތަށް. އެކަމަށް އެ ބޭނުންވާ ގޮތް، ތިޔަބޭފުޅުން ވަނީ އަޅުގަނޑުމެންނާ ޙިއްޞާކުރައްވާފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް ގެންދާނީ، ހަމަ ޔަޤީންކަން އިރާދަކުރެއްވީތީ މި ދެނީ، ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް. އެ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން. އެހެންވީމާ، މާލަސްތަކެއްނުވެ އެ މަސައްކަތް ފެށޭނެ.
މީގައި މި ވާގޮތަކީ، މި ރަށުގެ ފަޅުތެރެއިން ވެލި ނަގާނެ ޖާގައެއް ނެތުން. އެހެންވީމާ، އަޅުގަނޑުމެން އެކި ގޮތްގޮތުން އެ މައްސަލަ ޙައްލުކުރުމަށް މަސައްކަތް މި ކުރަނީ. އެހެންނަމަވެސް، ކުރުކޮށް ދަންނަވަންޏާ، ރައްޔިތުން އެދޭގޮތަށް ކުރިއަށްދާނީ. އެހެންވީމާ، ވީހާވެސް އަވަހަކަށް ބޭރު ތޮށްޓާއި، އަދި ވެލިއެޅުމާއި، މި ހުރިހާ ކަމެއްގެ ކަންތައްތައް އަޅުގަނޑުމެން ފަށާނަން. އެހެންވީމާ، ދޯނި އެހެލުމާއި، ރަށް ގިރުމާއި، ދެ މައްސަލައަށް އެއް މަޝްރޫޢެއްގެ ތެރެއިން ޙައްލު ގެނައުމަށް، އަޅުގަނޑުމެން މަސައްކަތް މި ކުރަނީ. އެހެންވީމާ، ދާދި އަވަހަށް އޭގެ ޢަމަލީ މަސައްކަތް ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ.
އާދެ، ދެން ހަމައެއާއެކީގައި، އަޅުގަނޑުމެން ވާނީ އާރު.ޑީ.ސީ.އާ ހަވާލުކޮށްފައި، ފުޓްބޯޅަ ދަނޑު އެކީގައި ނިންމުމަށް. ދެން، އެކަމުގައި އަޅުގަނޑުމެންނަށް ކުޑަ ވަގުތުކޮޅެއް ނަގައިފި، ތަކެތި ގެނައުމާ، މިފަދަ ކަންކަމަށް. އެހެންނަމަވެސް، މިހާރު މި ރަށް އެކަންޏެއްނޫން، މިގޮތަށް ވަރަށް ގިނަ ރަށްތަކުގައި އަޅުގަނޑުމެން ވާނީ މިހާރު ބަލްކުކޮށް، ފުޓްބޯޅަ ދަނޑުތަކަށް ބޭނުންވާ ތަކެތި ގެންނަން، ފުޓްސަލްއާއި، ފުޓްބޯޅަ ދަނޑުތަކަށް ބޭނުންވާ ތަކެތި ގެންނަން ހަވާލުކޮށްފައި. އެސް.ޓީ.އޯ.އިން އެބަ ގެނޭ. މި އަންނަ މަސް ނިމެންވާއިރަށް ރާއްޖެއަށް އެބަ އާދޭ، ވަރަށް ގިނަ ރަށްތަކުގެ ހުރިހާ ތަކެއްޗެއް އެކީގައި. ލައިޓާ އެކީގައި، ހުރިހާ ކަމަކަށް ބޭނުންވާ އެއްޗެހި. އެހެންވީމާ، އެވެސް އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވަން ފަށާނެ، ޢަމަލީގޮތުން ބާރު ސްޕީޑުގައި، ފުލް ސްކޯޕްގައި ވަށާފާރު، ފެންސު، ލައިޓު، ހުރިހާ ކަމެއްވެސް ހިމެނޭހެން ދާތަން.
ހަމައެއާއެކީގައި، ދެންހުރި ކަންކަމަށް ބަލާއިރުގައިވެސް، ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް އޮތީ ކުރިއަށް ގެންދިޔުން. އަޅުގަނޑުމެން ކޮންމެ ކަމެއްގައިވެސް މި އިސްކަންދެނީ، ރަށުގެ ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ކުރަން.
އާދެ، މި ރަށަކީ ވަރަށް ބޮޑަށް ޓޫރިޒަމްގައި ކުރިއަށްދާ ރަށެއް. ޚާއްޞަކޮށް، ގެސްޓްހައުސް އަދި ލޯކަލް ޓޫރިޒަމްގައި ރަށުގެ އެތައް ރައްޔިތުންނެއް ޝާމިލުވާ، އޭގެ ސަބަބުން ރަށަށް ވަރަށް ބޮޑު އާމްދަނީއެއް، ދައުލަތަށްވެސް އާމްދަނީ ދައްކަމުންދާ އަދި ރައްޔިތުންނަށްވެސް އޭގެ ނަފާ ލިބެމުންދާ ރައްޔިތެއް ދިރިއުޅޭ ރަށެއް.
އާދެ، އަޅުގަނޑުމެން ވަރަށް އިސްކަމެއް ދެން، އެކަމުގައި ކުރިއަށް ދިޔުމުގައި، އެ ދާއިރާއިން ކުރިއަށްދާން ރައްޔިތުން ބޭނުންވާ ކަމުގައިވަންޏާ އެކި މަގުތައް ފަހިކޮށްދޭން. މިގޮތަށް އަޅުގަނޑުމެންވާނީ މިހާތަނަށް ވަރަށް ގިނަ ރަށްރަށުގެ ރައްޔިތުންނަށް އެކި ގޮތްގޮތުން ކަންކަން ފަހިކޮށްދީފައި. އެހެންވީމާ، މި ރަށަށްވެސް ހަމަ މިގޮތުން ބަލާއިރުގައި ވަރަށް މުހިންމު އިތުރު ކުރިއެރުންތައް ލިބޭނެ ކަންކަން ހަމަޖައްސައިދިނުން. އެގޮތުން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ރަށް ކައިރީގައި މި އޮންނަ އުތުރު އަތަފަރު، މި ރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސައި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެކަމުގެ ޤަރާރު ދާދިއަވަހަށް ހަމަޖައްސައި ނެރޭނެކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަރުވަން.
މީގެ އިތުރަށްވެސް، އެ ތަން ތަރައްޤީކުރަން ދެން ޖެހޭނީ. އެކަމުގައިވެސް ސަރުކާރުން ދެވެން އޮތް ފުރިހަމަ އެހީތެރިކަން ދޭނަން. އެހެންވީމާ، ފުރަތަމަ ރަށުގެ ބައެއްގެ ގޮތުގައި އެތަން ހަމަޖެއްސިގެންދާނެ. އެކަމަށްޓަކައި ކުރަންޖެހޭ ޤާނޫނީ، އިދާރީ، އިޖުރާއީ މަސައްކަތްތައް މިހާރު ކުރިއަށް އެބަދޭ. އެހެންވީމާ، އެކަން ދާދިއަވަހަށް ހަމަޖެހޭނެ.
އާދެ، މި އަތޮޅުގައިވެސް ވަރަށް މަދު، ގެސްޓުން ގޮވައިގެން ގޮސް ބޭނުންކޮށްލާނެ ތަންތަން. ވެލިކޮޅު ނޫނީ ރަށް، މި ކަހަލަ އެއްވެސް ތަންތަނެއް ނެތް. ނޫނީވިއްޔާ ބޭނުންކުރަން ހުސްކޮށް، އެވެއިލަބްލް ތަންތަނެއް ނެތް. އެހެންވީމާ، އެއީ ޙަޤީޤަތުގައި މި އަތޮޅަށް، މި ސަރަޙައްދަށް ވަރަށް މުހިންމު ކަމެއް ހައްލުކޮށްދޭން. އާދެ، އިރާދަކުރެއްވިއްޔާ މި ކަމަށްވެސް އަޅުގަނޑުމެން ހައްލެއް އެބަ ގެނެސްދެން. މާދުރުނޫން ހިސާބެއްގައި އޮތް އަލިކޮއި ރަށް. މި ރަށަކީ އެއްވެސް ފަރާތަކަށް ދޭން އަޅުގަނޑުމެން ހަވާލުކުރާނެ ތަނެއްނޫން. ޓޫރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ބާއްވައިގެން މި ރަށާއި، މިތާ ކައިރީގެ ރަށްރަށާއި، މި ހިސާބުގެ ހުރިހާ ރަށެއްގެ ރައްޔިތުން ގެސްޓުން ގޮވައިގެންގޮސް ބޭނުންކުރުމަށް ކަނޑައަޅާ ޚާއްޞަ ރަށެއްގެ ގޮތުގައި، އަޅުގަނޑުމެން ކަނޑައަޅަން. އެކަން ތިޔަބޭފުޅުންނަށް ހަމަ ޔަޤީންކޮށް އަރުވަން.
އެހެންވީމާ، ޓޫރިޒަމް މިނިސްޓްރީން އިޢުލާނުކުރާނެ ކަމާބެހޭ ގަވާއިދު. އެތަން ބޭނުންކުރެވޭނެ ގޮތް. އެ އުސޫލު ނުކުތީމާ، އެ އުސޫލާ އެއްގޮތަށް މި ރަށްވެސް، އަދި އެހެން ރަށްރަށުގެ ރައްޔިތުންނަށްވެސް ލޯކަލް ޓޫރިޒަމްގައި، އެ ހިސާބުން އެ ރަށުގެ ނަފާ ހޯދަމުން ގެންދެވޭނެ. އެހެންވީމާ، އެ ރަށެއް ދެން ބަޔަކާ އަޅުގަނޑުމެން ހަވާލެއް ނުކުރާނަން. މި ކަމުގެ ކަންބޮޑުވުން ދާއިމަށް އިރާދަކުރެއްވިއްޔާ ހައްލުވެގެންދާނެ.
އާދެ، މި ދެ މައްސަލަ ހައްލުވެގެން ދިޔައިމާ، މި ދެ ކަންތައް ހައްލުވެގެން ދިޔުމަކީ، މި ރަށުގެ ލޯކަލް ޓޫރިޒަމަށް، އަދި މި ސަރަޙައްދުގެ ލޯކަލް ޓޫރިޒަމަށް ވަރަށް ބޮޑަށް ކުރިއެރުން ލިބޭނެ ކަންކަން. އިތުރަށްވެސް އަޅުގަނޑުމެން ކުރާނެ ކަންކަން އެބަހުރި. އަޅުގަނޑުމެން ރަށްރަށުގައި ޑޮލަރު އޭ.ޓީ.އެމް.ވެސް އެބަ ބަހައްޓަން. ޓޫރިޒަމްގައި، ލޯކަލް ޓޫރިޒަމްގައި ކުރިއަށްދާ ހުރިހާ ރަށްތަކެއްގައި. ގިނަ ރަށްތަކުގައި، މި އަންނަ އަހަރު މާރިޗުމަސް އަންނަންވާއިރަށް އަޅުގަނޑުމެން ޑޮލަރު އޭ.ޓީ.އެމް. ޤާއިމުކުރުމުގެ ކަންތައް އެބަ ކުރިއަށްގެންދަން. އެހެންވީމާ، އޭގެތެރޭގައި އަޅުގަނޑުމެން މި ރަށްވެސް ހިމަނާނަން. އަދި ދެންހުރި ރަށްރަށްވެސް. މި ބަލަނީ ސާޅީހަކަށް ރަށުގައި ބަހައްޓަން. އަޅުގަނޑު ވާނީ މި ކަން އިޢުލާނު ކޮށްފައި މިހާރު. އެހެންވީމާ، ރަށްތަކުގެ ލިސްޓު ހަދަމުން މިދަނީ. އެންމެ ބެޑު ގިނަ، އެންމެ ގިނަ ބެޑު ކުރިއަށް އޮތް ކުރު މުސްތަޤުބަލެއްގައި އިތުރުވާން ހުރި ރަށްރަށް، މި ކަހަލަ ޑޭޓާ އެބަ ނަގަން ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް. ނަގާފައި، އެގޮތުން ބަލާ ތަރުތީބަކުން އަޅުގަނޑުމެން މި ނަގަނީ 40 ރަށް.
މީގެ ތެރޭގައި އަޅުގަނޑުމެން އެބަ ހިމަނަން، އާރބަން ސެންޓަރުތަކާއި، ސިޓީތަކުގެ ތެރެއިން މިހާރު ޑޮލަރު އޭ.ޓީ.އެމް. ނެތް ރަށްރަށް. އެ ތަންތަން ނަގާފައި ބާކީވާ ހުރިހާ އޭ.ޓީ.އެމް.ތައް މި ބަހައްޓަނީ ތަރުތީބަކުން ލޯކަލް ޓޫރިޒަމްގައި މިހާރު އެންމެ ފައްކާވެގެން ހިނގަމުންދާ ރަށްރަށުގައި. އެހެންވީމާ، އެ ވާހަކަ މި ދާއިރާގައި މަސައްކަތްކުރާ ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް މި ހިއްސާކޮށްލީ. މި ރަށަށް އަންނާނެކަމުގެ ޔަޤީންކަން އަޅުގަނޑު މި ދެނީ.
އާދެ، އަދިވެސް އެއްފަހަރު، ހަންޏާމީދޫގެ ލޮބުވެތި ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑު މިތާނގައި ލިސްޓެއް ނުކިޔަން، އެހެން އެއްވެސް ކަމެއްގައެއް. މަގުހެދުންވެސް އެބައޮތް. އަދި އެހެން މަޝްރޫޢުތައްވެސް ކުރިއަށް އެބަހުރި. މި އަހަރު އަޅުގަނޑުމެން ޢަމަލީގޮތުން ނުފަށާ މަޝްރޫޢުތައް، މި އަންނަ އަހަރުގެ ބަޖެޓުގައި އެބަ ޖަހަން. އެހެންވީމާ، ކުރިއަށް އޮތީ އަދި ތަރައްޤީގެ އިތުރު މަޝްރޫޢުތައް އަންނާނެ ދުވަސްތައް. ކޮންމެ މަޝްރޫޢެއްވެސް ގެންދާނީ ރައްޔިތުން ބޭނުންވާގޮތަށް. މަގުހަދާނީވެސް، ވެލިމަގުތައް މެއިންޓެއިން ކުރެވޭ ޑްރެއިނިންގ ސިސްޓަމެއްގެ ގޮތަށް. ރައްޔިތުން ބޭނުންވަނީ އެގޮތް. އެހެންވީމާ، ހުރިހާ މަޝްރޫޢުތަކެއްގެ ތަފްސީލަކަށް އަޅުގަނޑެއް ނުދަން. ޖުމްލަކޮށް މި ދަންނަވާލީ.
އާދެ، އަދިވެސް އެއްފަހަރު ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލައްވައި، މި ރާއްޖޭގެ ރައްޔިތުންނަށް އުފާފާގަތިކަން މިންވަރު ކުރެއްވުން. އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.