ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަރިއަތޮޅު ދެކުނުބުރީ ހަންޏާމީދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި އދ. ހަންޏާމީދޫ ކައުންސިލް އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވާފައެވެ. މިގޮތުން ކައުންސިލުން ވަނީ، ރަށުގެ އުތުރު ފަރާތު ބަނދަރު މަރާމާތުކޮށްދިނުމަށާއި މަގުތައް ޒަމާނީ ފެންވަރަށް ފެންހިނދޭނެ ގޮތަށް ހައްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. އެގޮތުން އެ ރަށަކީ ފަތުރުވެރިން ޒިޔާރަތްކުރާ ރަށަކަށްވާތީ ވެލި ލައިގެން މަގުތައް ތަރައްޤީކުރުމަށް ކައުންސިލްގެ ފަރާތުން ވަނީ އެދިވަޑައިގެންފައެވެ. މީގެއިތުރުން ގޮނޑުދޮށް ހިމާޔަތް ކުރުމާއި ބްރޭކްވޯޓަރގެ މައްސަލަ ޙައްލުކޮށްދެއްވުމަށާއި ދޯނި އެހެލަން ޚާއްޞަ ސަރަހައްދެއް ތަރައްގީކުރުމަށް ބޭނުންވާކަން ކައުންސިލުން ހިއްސާކުރެއްވިއެވެ. އަދި ރަށުގެ ޞިއްޙީ މަރުކަޒު އިތުރަށް ތަރައްޤީ ކުރުމާއި ލެބޯޓްރީގައި ވަސީލަތްތައް ގާއިމުކޮށްދިނުމަށްވެސް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ. ރަށުގައި ތަރައްގީ ކުރަމުންދާ ފުޓްބޯޅަ ދަނޑުގެ މަސައްކަތް މިހާރު ހުއްޓިފައިވުމާއެކު އެ މަސައްކަތް އަވަސްކޮށްދެއްވުމަށްވެސް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.