بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

މާމިގިލީގެ ލޮބުވެތި އެންމެހައި ރައްޔިތުން، ރަށުގެ ކައުންސިލްގެ ރައީސް، މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބްލް ޤާސިމް އިބްރާހީމް، މި ރަށުގެ މުއައްސަސާތަކުގެ ވެރިންނާއި، މި ރަށުގެ ޚިދުމަތްތެރި ޢިއްޒަތްތެރިން، އިސް ރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަދި މި ޖަލްސާ ބައްލަވަމުން ގެންދަވާ، އަޑުއައްސަވަމުން ގެންދަވާ ދިވެހި ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

މިއަދުގެ ވަރަށް ހަވީރު ވަގުތު، އަޅުގަނޑުމެންނަށް މި ރަށަށް އާދެވުނީ. އެ ވަގުތު މާމިގިލީގެ ވަރަށް ގިނަ ރައްޔިތުން ނުކުމެވަޑައިގެން، އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، ތިޔަބޭފުޅުންނަށް ފަށްފަށުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑު ވާހަކަ ކުރިއަށް ގެންދިޔުމުގެ ކުރިން، އޮނަރަބްލް ޤާސިމް އިބްރާހީމް، އަޅުގަނޑަށް ނިސްބަތްކޮށް ވިދާޅުވެލެއްވި ހެޔޮ ބަސްފުޅުތަކަށްޓަކައި އަދި ޢިބްރަތްތެރި ވާހަކަފުޅުތަކަށްޓަކައި މަނިކުފާނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، މިއަދު އަޅުގަނޑުމެން މިތާނގައި، މި ރަށުގައި، މިއަދާއި މާދަމާ ހެނދުނު، ބައެއް މަސައްކަތްތައް ފެށުމާއި، ސޮއިކުރުން މިއޮތީ. މާދަމާ ހެނދުނު މި އޮތީ އިރާދަކުރެއްވިއްޔާ ހޮސްޕިޓަލް، 30 އެނދުގެ ހޮސްޕިޓަލެއް ބިނާކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު. އަދި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް ޤާއިމުކުރުމުގެ މަސައްކަތް ފެށުން. މި ދެ ކަންތައްވެސް އަދި މި ތަނުގައި މި ސޮއިކުރެވިގެންދިޔަ، އިސްލާމިކް ޔުނިވަރސިޓީގެ ކެމްޕަސް އެޅުމުގެ މަޝްރޫޢަކީވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް ވީ ވަޢުދުތަކެއް. އާދެ، އިރާދަކުރެއްވިއްޔާ އަޅުގަނޑު ދޭ ޔަޤީންކަމަކީ، ހަމަ ވަރަށް ޔަޤީންކަމާ އެކީގައިދޭ ޔަޤީންކަމެއް. މި ކޮންމެ މަޝްރޫޢަކީވެސް، ސަރުކާރުން ވަރަށް އިސްކަންދީގެން، ހަމަ ފުރިހަމަކަމާއެކީގައި އިރާދަކުރެއްވިއްޔާ ނިންމައިދޭނެ މަޝްރޫޢުތަކެއް. ހޮސްޕިޓަލަކީ ޞިއްޙީ ދާއިރާއިން މި ރަށުގެ ކުރިއެރުމަށްޓަކައި، އެތައް ފައިދާތަކެއް ވާނެ މަޝްރޫޢެއް. އިރާދަކުރެއްވިއްޔާ، އެކަން އަޅުގަނޑުމެން ހަމަ ވަރަށް އިސްކަންދީގެން ކުރިއަށް ގެންދާނަން.

އަދި އެއާއެކީގައި، ތަޢުލީމީ ދާއިރާ ކުރިއެރުވުމަށްޓަކައި މި ފެށިގެންދާ މަޝްރޫޢަކީވެސް، ޔަޤީނުންވެސް މިފަދަ އާބާދީއެއްގައި އަދި އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގައިވެސް ކާމިޔާބީތަކެއް، ވަރަށް ލާމަސީލު ކާމިޔާބީތަކެއް ހޯދާފައި އޮތް ރަށެއްގައި، ކުރިއަށް އޮތް ތަނުގައިވެސް އެކަން ކުރުމުގައި ކުރިއަށް ދިޔުމުގެ، ޝައުޤުވެރިކަން އޮތް ރަށެއްގައި، ވަރަށް މުހިންމު ކަމެއް ތަޢުލީމީ ފުރުޞަތުތައް އިތުރުވެގެންދިޔުން. ޞިއްޙީ ގޮތުން ފެންވަރު ރަނގަޅު ވަސީލަތްތައް ޤާއިމުވުން. ވަޒީފާގެ ފުރުޞަތުތައް އިތުރުވެގެން ދިޔުން. މިހެންހުރި ހުރިހާ ކަމެއް.

އެހެންވީމާ، އެ ވިސްނުމުގައި މި ސަރުކާރުން މަސައްކަތް ކުރަނީ. ހުރިހާ ރައްޔިތުންވެސް އަޅުގަނޑަށް ހަމަހަމަ. އެންމެ ކުޑަ ރަށުގެ ރައްޔިތުންނަށްވެސް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކަންކަން ކޮށްދެން. ހަމަ މިގޮތަށް، މިފަދަ އާބާދީ ބޮޑު ރަށްރަށުގެ ރައްޔިތުންނަށްވެސް ހަމަ އެގޮތުން ކަންތައް ކޮށްދެން. ތަފާތަކީ، މެދުރާސްތާ އަދި ދުރުރާސްތާއަށް ވިސްނައިގެން، އިތުރު އިންވެސްޓްމަންޓްތަކަކަށް މިފަދަ އާބާދީ ބޮޑު ރަށްތަކާއި، އާބާދީއާއި ތަރައްޤީ އެއްފަސް ކުރެވުނު ރަށްތަކަށާއި، މިފަދަ ރަށްރަށަށް އަޅުގަނޑުމެން ފޯކަސްކުރާކަން. ދެމެހެއްޓެނިވި ސަސްޓެއިނަބަލް ޑިވެލޮޕްމަންޓަކަށް ދިޔުމުގެ ވިސްނުމުގައި. އެ ދެ ކަންތައް ޕެރެލަލީ މި ގެންދަނީ. އެކަން ރައްޔިތުންނަށް މިހާރު ފާހަގަވާނެ.

މިއަދު އަޅުގަނޑުމެން ދިޔައިން ދިއްދުއަށް. ނިސްބަތުން ވަރަށް އާބާދީ ކުޑަ ރަށެއް. އެހެންނަމަވެސް، އެ ރަށުގައި ބަނދަރާއި، އެ ރަށުގެ އެތައް ކަމެއްވެސް ފަށައި، ނޫނީވިއްޔާ ބަނދަރު ފަށައިފައި އެކަން ކުރިއަށްދާނެގޮތް ބަޔާންކޮށް، އަދި އެތައް މަސައްކަތެއް ފެށީ. އެފަދަ އެހެން ރަށްރަށްވެސް އެބަހުރި، ހަމަ ގާތްގަނޑަކަށް އެ އާބާދީގެ. އެހެންނަމަވެސް، އެ ރަށްރަށަށްވެސް އެތައް ކަމެއް އެބަ ކޮށްދެން. އެއާއެކީގައި، މިފަދަ އާބާދީތަކާއި، މި ދޭތެރޭގެ މެދުގެ އާބާދީތަކުގެ ރަށްރަށަށް، އެ ނިސްބަތުން ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުގައިވެސް މިދަނީ އިންވެސްޓް ކުރަމުންނޭ. އެއީ އިންވެސްޓްމެންޓްތަކެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެނީ. އެއީ، މި ރާއްޖޭގެ ޖިއޮގްރަފިކަލް ރިއަލިޓީއަށް ބަލާއިރުގައި، މެދު އަދި ދުރު ރާސްތާއަށް ވިސްނާއިރުގައި މިކަން ކުރަންޖެހޭނެ ގޮތް.

ހަނދުމަފުޅު ހުންނާނެ، އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ވަޢުދުވިން، 20 އަހަރު ދުވަހުގެ މާސްޓަރ ޕްލޭނެއްގެ ވާހަކަ. މި ރަށަށް މިހާރު ޓީމު އައިކަމެއް ނޭނގެ. ހުރިހާ ރަށެއްގެ ރައްޔިތުންގެ ގާތަށް ދާނެ، އަޅުގަނޑުމެން ސަރުކާރުން މިކަމަށް ނަގާފައިވާ ކޮންސަލްޓަންޓުންނާއި، ސަރުކާރުގެ ވުޒާރާއާއި، އެންމެން އެކީގައި ހަދާފައި އޮތް ޓީމުގެ ފަރާތުން، ހުރިހާ ކައުންސިލްތައް މެދުވެރިކޮށް، މުއައްސަސާތައް މެދުވެރިކޮށް، ބައްދަލުކުރާނެ. އެ ޕްލޭންވެސް މި ހަދަނީ، ދެމެހެއްޓެނިވި ގޮތެއްގައި މި ރާއްޖޭގެ ތަރައްޤީ މިސްރާބު ކަށަވަރުކުރަން، ރައްޔިތުން ބޭނުންވާގޮތަށް. އެހެންވީމާ، މިފަދަ ރަށްރަށުގައި އިތުރު މަޝްރޫޢުތައް ހިންގަނީ. އެގޮތުން އިރާދަކުރެއްވިއްޔާ، މި ތިން މަޝްރޫޢުވެސް ވެގެންދާނީ، އޭގެ ފައިދާ ނުހަނު ބޮޑުކަމާއެކީގައި މި ރަށަށް ލިބޭނެ ކަންކަމަށް.

މީގެއިތުރުން، ފެށިފައި އޮތް އެންމެ މުހިންމު އެއް މަޝްރޫޢަކީ، އަޅުގަނޑުމެން ނިންމާލަންޖެހޭ މަޝްރޫޢެއް. އެއީ މަގުތައް ނިންމުން. މަގުތަކުގެ މައްސަލައިގައި މިހާރު ދެން އޮތް ހިސާބު އަޅުގަނޑު ދަންނަވާލާނީ. އަޅުގަނޑުމެންނަށް ދުވަސްތަކެއްދިޔަ، ކޮންޓްރެކްޓަރއަށް އެ ޑިއު ޕޭމަންޓް ދެއްކުމުގައި. އެކަން ނިމިއްޖެ. އެކަން ހަމަޖެއްސިއްޖެ. އެހެންވީމާ، މި ރަށުގައި މިހާ ގިނަދުވަސް މެދުކެނޑިގެން ދިޔައިމާ، ސަރވޭ ކުރުމުގެ ކަންތައްތައް އެބޭފުޅުން މިހާރު އެ ފެށްޓެވީ. ދެން އެކަން ހަމަޖައްސާފައި، ދެން މިހާރު ބާކީ މިއޮތް ތާރުއެޅުމުގެ ކަންތައްތައް ނިންމުމަށްޓަކައި ކުރަންހުރި ކަންކަން އެ ދެނެގަންނަނީ. އިރާދަކުރެއްވިއްޔާ، ދާދިއަވަހަށް ތާރުއެޅުން ފެށޭނެ. ދެން އެ ހިސާބުންގޮސް އިރާދަކުރެއްވިއްޔާ، މި ނުނިމި އޮތް މަގުހެދުން ނިމޭނެ. މިހާރު މިއޮތް ހިސާބުން، ދެން ބާކީ މިއޮތް މަސައްކަތް ނިންމާލުމުގައި، އަޅުގަނޑުމެންނަށް ކޮންޓްރެކްޓަރގެ ފަރާތުން ވަރަށް ޔަޤީންކަން ލިބިފައިވަނީ. އަދި އަޅުގަނޑުމެން އަމިއްލައަށްވެސް އެކަން ޗެކްކޮށްފައި އޮތް ކަމެއް މިއީ. މި އަހަރުގެ ނިޔަލަށް އިރާދަކުރެއްވިއްޔާ މަގުހެދުމުގެ މަޝްރޫޢު އެކީގައި ނިންމާލެވޭނެ. މިހާރު ހަދަމުންދާ މަގުތައް. އަދި އިތުރު މަގު އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައި ހެދޭނެ. އާދެ، އެހެންވީމާ، އެއީ އެންމެ ދަތިވާ އެއްކަމެއް. އޭގެ ސަބަބުން ހިނގާބިނގާވެ އުޅުމާއި، ދުއްވުމާއި، އަދި ޞިއްޙަތަށްވެސް ގެއްލުންވޭ، އެ އޮތްގޮތަށް އޮތުމުގެ ސަބަބުން.

އާދެ، މި ރަށުގައި އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ކުރަންހުރި ކަންކަމަށް ބަލައިލާއިރުގައި، ދާދިއަވަހަށް އަޅުގަނޑުމެން ޤާއިމުކުރާނެ ވަރަށް މުހިންމު ޚިދުމަތެއް އެބައޮތް މި މަސްތެރޭގައި. މި މަސްނިމުމުގެ ކުރިން. މި އޮކްޓޫބަރު ނިމުމުގެ ކުރީގައި އިރާދަކުރެއްވިއްޔާ، އައި.ޑީ.ކާޑާއި، ޕާސްޕޯޓްގެ ޚިދުމަތް މި ރަށުގައި ފެށިގެންދާނެ. އެއީ ހަމަ ޔަޤީނުންވެސް މިފަދަ މުހިންމު ތަރައްޤީގެ ނާރެހެއްގައި، އެއަރޕޯޓާއި މި ހުރިހާ ކަމަކަށް ބަލާއިރުވެސް، މިހާތަނަށް ދިޔައިރުގައި ޙަޤީޤަތުގައި ނުވެއޮތުންވެސް އެއީ، ދެން އެހެން މައުޟޫޢެއް. އެއީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެން. އަޅުގަނޑުމެން މިދަނީ ކޮންމެ އަތޮޅެއްގައި، މަދުވެގެން އެއް ރަށުގައި މިކަން ޤާއިމުކުރަމުން. މަދުވެގެން އެއް ރަށުގައި. ބައެއް އަތޮޅުތަކުގައި ދެރަށް، ތިން ރަށް. އަދި ހަތަރު ރަށުގައިވެސް އެބަ ޤާއިމުކުރަން. ޖިއޮގްރަފިކަލީ ބައެއް ރަށްރަށް ހުރިގޮތުން، ބައެއް އަތޮޅުތަކުގައި ހަމަ ހަތަރު ރަށުގައިވެސް އެބަ ޤާއިމުކުރަން. އެއީ، އަޅުގަނޑުމެން ބޭނުންވަނީ އެ ރައްޔިތުންނަށް ވީހާވެސް ލުއިވާނެގޮތަށް މިފަދަ އަސާސީ ކަންކަން ހަމަޖެހެން. އަޅުގަނޑު ގަބޫލުކުރަނީ، އަސާސީކަންކަމުގެ ގޮތުގައި ޤާއިމު ކޮށްދޭން ޖެހޭނެކަމަށް. އަބަދު މާލެއަށް، ނޫނީވިއްޔާ އެ އަތޮޅުގައި އޮތް ކޮންމެވެސް ދުރު ރަށަކަށް ގޮސްގެން، އެ އަޅުދާސްތުވުން، އެ ތަޙައްމަލު ކުރަންޖެހޭ ދަތިކަން އެއީ، އަޅުގަނޑު ގަބޫލުކުރާ ކަމެއްނޫން.

އެހެންވީމާ، ރަށްރަށުގައި އޭ.ޓީ.އެމް.ވެސް މި ޤާއިމު ކުރަނީ. އެކަމަށް މިހާރު މަލާމާތްވެސް ކުރާ ބަޔަކު އެބަތިބި. އެކަމަކު، އެ ބޭފުޅުންނަށް ޙަޤީޤަތުގައި ވިސްނިވަޑައިނުގަންނަވަނީކަންނޭނގެ ނިކަމެތިކަމާ އެކީގައި ރައްޔިތުން އުޅެމުން އައިގޮތް. އަތުން އެތައް ޚަރަދެއްކޮށްފައި، ކައިރީގައި އޮތް އެހެން ރަށަކަށްގޮސް ފައިސާކޮޅެއް ޖަމާކޮށް، ނަގަންއުޅުނު އުޅުން. އިރާދަކުރެއްވިއްޔާ އެކަންވެސް ނިމެނީ މި މަސްތެރޭގައި. ހުރިހާ ރަށެއްގައި އޭ.ޓީ.އެމް. ޤާއިމުކޮށް އެބަ ނިމޭ މި މަސްތެރޭގައި.

ދެން ހަމައެއާއެކީގައި، ޑޮލަރު އޭ.ޓީ.އެމް.ތައް ޤާއިމުކުރަންވެސް ފެށިފައި މިވަނީ. ދެން ބްރާންޗްތައް ހަދައިދިނުން މި ފެށެނީ. އިތުރުކުރަމުން މިދަނީ. މިހެންގޮސް މި ކަންކަން މިކުރަނީ، މި ދެންނެވިހެން ވީހާވެސް ރައްޔިތުންނާ ގާތުން، މާލޭގައި ލިބެމުންދިޔަ ހުރިހާ ޚިދުމަތެއް އެސްޓެބްލިޝް ކޮށްދޭން. ޔަޤީންކޮށްދޭންވެގެން. އެހެންވީމާ، އެކަން މި ގެންދަނީ އެ ނިޔަތުގައި. އެހެންވީމާ، މި ރަށުގައި އައި.ޑީ.ކާޑާއި، ޕާސްޕޯޓް ޚިދުމަތް މި ފެށެނީ.

އާދެ، މި އަންނަ އަހަރު ކުރީކޮޅު، އަޅުގަނޑުމެން ފަށަން ނިންމާފައި އޮތް ވަރަށް މުހިންމު މަޝްރޫޢެއް ދަންނަވާލާނަން. އެއީ، ކުޅިވަރުގެ ދާއިރާއިން. އާދެ، މިފަދަ އާބާދީއެއްގައި މަރުކަޒެއްގެ ގޮތުގައި އަޅުގަނޑުމެން ގަބޫލުކުރަން، ސްޕޯޓްސް ކޮމްޕްލެކްސްއެއް ހުންނަންޖެހޭނެކަމަށް. އިންޑޯރ ހުރިހާ ކުޅިވަރެއް ކުޅެވޭ، ސްޕެކްޓޭޓަރުން 1200 މީހުންނަށް ބަލަންތިބެވޭ، މާލޭގެ ގޮތުން ދަންނަވަންޏާ، އެހެރަ ސޯޝަލް ސެންޓަރު ކަހަލަ ކޮންސެޕްޓެއް އެއީ. ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމުކުރުން، މި އަންނަ އަހަރު އަލަށް ފެށޭ، ކުރީކޮޅު ފެށޭ، އާ މަޝްރޫޢެއްގެ ގޮތުގައި ހިމަނައި، އިރާދަކުރެއްވިއްޔާ މި ދެންނެވި ގޮތަށް މި ރަށުގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެ.

އާދެ، މިކަންކަމުގެ އިތުރަށް، އަޅުގަނޑު ހަމަ ދަންނަވާލާނީ، މިހާރު ހިނގަމުންދާ ސްކޫލް މަޝްރޫޢު ނިމުމުން އިރާދަކުރެއްވިއްޔާ ސްކޫލަށް މިހާރު މި ދަތިވެފައި ހުރި ވަރަށް ގިނަ ކަންކަމަށް އެބަ ހައްލު ލިބޭ. އިރާދަކުރެއްވިއްޔާ، ދިރާސީ އާ އަހަރަށް އެތަން ބޭނުންކުރެވޭ ވަރަށް ނިމިގެންދާނެ. އެ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.

ހަމައެއާއެކީގައި، މުޅި ރާއްޖޭގެ ހުރިހާ އަތޮޅަކަށް އާރު.ޓީ.އެލް. ފުޅާކުރުމުގެ ތެރެއިން، މި އަތޮޅަށްވެސް އެކަން އެބަ އާދޭ. އެހެންވީމާ، މިއީ އަޅުގަނޑަށް ވަރަށް ގިނައިން މި ދަތުރުގައި ހަމަ މިދިޔަ ހުރިހާ ރަށެއްގައިހެން އައި ސުވާލެއް. މި ރަށާއި، މި އަތޮޅާއި ދެން ބާކީހުރި ހުރިހާ އަތޮޅެއްގައި އަޅުގަނޑުމެން މިގެންދަނީ ތަރުތީބުކޮށްގެން ވީހާވެސް އަވަހަކަށް މިކަން ކުރަން. މި އަހަރުގެ ނިޔަލަށް ކުރިން ޓާގެޓް ކުރީ. އަޅުގަނޑު ރިޔާސީ ބަޔާން އިއްވިއިރުގައި، ދެންނެވިން، މި އަހަރުގެ ނިޔަލަށް ނިންމަން ޓާގެޓް ކުރި ވާހަކަ. ކުޑަ ޑިލޭއެއް އެބަ އާދޭ. އެކަމަކު ދެތިން މަސް އިތުރުވަނީ. އެހެންވީމާ، މިގޮތަށް އިރާދަކުރެއްވިއްޔާ މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއް އެކަމުގައިވެސް އެބަ ކަވަރުވޭ.

ދެން ހަމައެއާއެކީގައި، އަޅުގަނޑު ހަމަ ޞިއްޙީ ދާއިރާއިން އަދި އިތުރު ކަމެއް ފާހަގަކޮށްލާނަން. ބޭސް ލިބުމުގައި ދިމާވި ދަތިކަމަށް ހައްލެއް ގެނައުމަށް މި ކުރެވޭ ކަންކަމާ ބެހޭގޮތުން. މައިގަނޑު އެއްކަމަކީ، އަޅުގަނޑުމެން އެކަމަށް ޚާއްޞަ ސަރުކާރު ކުންފުންޏެއް އުފައްދައިގެން، އޭގެ އެންމެ އިނީޝިއަލް ސްޓޭޖުގައި، އެހެންނަމަވެސް، ފުރިހަމަވެގެންދާވަރަކަށް، މި މައްސަލައަށް ދާއިމީ ޙައްލެއް އަންނާނެ.

އޭގެއިތުރަށް، ރަށްރަށުގައި މިހާރު މި އޮންނަ ގޮތަކީ، ރީޖަނަލް ހޮސްޕިޓަލް، ނޫނީވިއްޔާ އަތޮޅު ހޮސްޕިޓަލް މެދުވެރިކޮށް، އެ ރަށް ރަށުގައި ހުންނަ ހެލްތް ސެންޓަރުތަކަށް ބޭސް ފޯރުކޮށްދޭ ނިޒާމެއް. އަދި، ޞިއްޙީ ދާއިރާގައި ވަޒީފާތައް ކަމުގައިވިޔަސް، އެހެން ކަމެއްގައިވިޔަސް އަތޮޅު ހޮސްޕިޓަލް، ނޫނީވިއްޔާ އެގޮތަށް ހުންނަ މަރުކަޒީ ހޮސްޕިޓަލެއް މެދުވެރިކޮށް މި އޮންނަނީ އެހެން ކަންތައްތައް ކުރުންވެސް. އެކަން އިރާދަކުރެއްވިއްޔާ ނިމުމަކަށް މި ގެންނަނީ. ހެލްތް މިނިސްޓްރީއާ ކޮންމެ ޞިއްޙީ މަރުކަޒެއް، ކޮންމެ ހޮސްޕިޓަލެއް ސީދާ ސީދާކޮށް މުޢާމަލާތް ކުރެވޭގޮތަށް. އަދި ފިނޭންސް މިނިސްޓްރީއާ ގުޅެންޖެހޭ ކަންކަމުގައި، ސީދާ ފިނޭންސް މިނިސްޓްރީއާ. ކޮންމެ ހެލްތް ސެންޓަރެއް ސީދާ ބޭހުގެ ކަންތަކުގައިވިޔަސް، އަދި އެސް.ޓީ.އޯ.އާ ވިޔަސް، ބޭހުގައި އަދި އެހެން ކަމެއްގައި، ފިނޭންސް މިނިސްޓްރީއާ ވިޔަސް، ސީދާ މުޢާމަލާތްކުރެވޭ ނިޒާމު ގާއިމުކުރުމުގެ ކަންތައް ކުރިއަށް އެބަދޭ. އެއީ، ވަރަށް ގިނަ ކަންކަން ހަމަޖައްސަންޖެހޭ ކަމެއް. ސޮފްޓްވެއަރ ވައިސް ކުރަންޖެހޭ މަސައްކަތްތަކެއް އެބަހުރި. މުވައްޒަފުން ޓްރެއިން ކުރުމަށް ކުރަންޖެހޭ ކަންކަން އެބަހުރި. ކޮންމެ ރަށެއްގައި ދޭންޖެހޭ ޓްރޭނިންގއެއް އެބައޮތް. ހެލްތް ސެންޓަރުގައި ހުންނަންޖެހޭ، ކަމާބެހޭ މުވައްޒަފަކު ޓްރެއިން ކުރެވިފައި. ހެލްތް މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ، މި ތަންތާނގައިވެސް.

އެހެންވީމާ، ހިއުމަން ރިސޯސް ވައިސް، ސޮފްޓްވެއަރ ވައިސް، މިހެންހުރި ކަންކަން އެބަ ތަރުތީބު ކުރެވޭ. މި ކަންކަން ނިމޭނެ އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގައި. އެހެންވީމާ، އާ ބަޖެޓު ފާސްވެގެން އައިސް، ބަޖެޓު ތަންފީޒުވެގެންދާން ފަށާއިރުގައި، އެއީ ޖަނަވަރީން ފެށޭވަރަށް އިރާދަކުރެއްވިއްޔާ މިކަން ނިމޭނެ. ނިމުނީމާ ނަތީޖާއަކީ، އާ އަހަރުން ފެށިގެން، ޖަނަވަރީން ފެށިގެން، ރާއްޖޭގެ ހުރިހާ ޞިއްޙީ މަރުކަޒުތައް، ހޮސްޕިޓަލުތައް، ހުރިހާ ތަނެއް ވަކި މުއައްސަސާތައް ގޮތުގައި، ޑައިރެކްޓްލީ ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި، ވުޒާރާތަކާ މުޢާމަލާތް ކުރެވޭނެ ގޮތް ހަމަޖެހިގެންދިޔުން އޭގެ ސަބަބުން، ވަރަށް ކުރިއެރުން ލިބިގެންދާނެ. ވަރަށް އެފިޝަންޓް ވާނެ. އޭރުން ލޭޔަރުތައް އުނިވެގެންދިޔައީ. ލޭޔަރުތައް ނެތިގެންގޮސް، ސީދާ މުޢާމަލާތް ކުރެވޭނެ. އޭގެ ސަބަބުން، ބޭސް ހޯދުމުގައިވެސް ފަސޭހަވާނެ. ވަޒީފާތައް އެޕްރޫވް ކުރުމުގައިވެސް ފަސޭހަވާނެ. އެހެން ޚިދުމަތްތައް އެޕްރޫވް ކުރުމުގައިވެސް ފަސޭހަވާނެ. މައިގަނޑު ގޮތެއްގައި، ފިނޭންސް މިނިސްޓްރީއާއި، ހެލްތް މިނިސްޓްރީއާ ގުޅިގެން ކުރަންޖެހޭ ކަންކަމުގައި. އެހެންވީމާ، އެކަން އިރާދަކުރެއްވިއްޔާ ކުރިއަށްދާ ވާހަކަ، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދަންނަވާ ކަމެއް ގޮތުގައި އަޅުގަނޑު ދަންނަވާލާނަން.

އަޅުގަނޑުމެން މި ރަށުގައި ދެން ކުރަންހުރި ކަންކަމަށް ބަލާއިރުގައި، އަޅުގަނޑު ދެންނެވިން، ވަޒީފާގެ ފުރުޞަތުތަކަކީ ވަރަށް މުހިންމު ކަމެކޭ. އަދި، ޚިދުމަތްތައް ފުރިހަމަވެގެން ދިޔުމަކީ ވަރަށް މުހިންމު ކަމެކޭ. މިގޮތުން ބަލާއިރު، ކުނި މެނޭޖްކުރުން. ކުނި މެނޭޖްކުރުމުގެ ކަންކަން މި ރަށުގައި އެންމެ ރަނގަޅު ފެންވަރުގައި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށްޓަކައި، މި ރަށުގެ ކުނި މެނޭޖްކުރުން ވެމްކޯއާ ހަވާލުކުރަން އަޅުގަނޑުމެން ނިންމައިފިން. އެކަން އިރާދަކުރެއްވިއްޔާ އެގޮތަށް ކުރިއަށްދާނެ. ކުރިއަށް އޮތް ތިންމަސް، މާނައަކީ، މި އަހަރު ނިމެންވާއިރަށް އެ ބޭފުޅުންގެ ހުރިހާ ކަމެއް ނިމި، ވަޒީފާއަށް މީހުން ނެގުން، ތަކެތި ހޯދުން، ހުރިހާ ކަމެއް ހަމަޖެހިގެންގޮސް، އިރާދަކުރެއްވިއްޔާ އެކަން ދާނެ. އެހެންވީމާ، އެކަން ހަމަޖެހުނު ވާހަކަ ދަންނަވަން.

ހަމަ އޭގެއިތުރަށް، އަޅުގަނޑުމެން ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށުގައި މި ހަދަނީ ޕަބްލިކް ވަރކްސް ޔުނިޓު. އެހެންވީމާ، މި އަތޮޅުގައި މަހިބަދޫގައި ކަނޑައަޅާފައި އޮތީ. އޭގެއިތުރަށް، މި ރަށުގައި އިރާދަކުރެއްވިއްޔާ ޕަބްލިކް ވަރކްސްގެ ޔުނިޓެއް އަޅުގަނޑުމެން ގާއިމުކުރާނަން. އޭގެ ސަބަބުންވެސް، މި ދަންނަވާ މަގުތައް މެއިންޓެއިން ކުރުން، ނޫނީވިއްޔާ އެހެން ކުރަން ހުންނަ މެއިންޓެނަންސް މަސައްކަތްތައް، ސަރުކާރުން އަބަދު ކޮންޓްރެކްޓަރުން ހޯދައިގެން އަގުބޮޑުކޮށް ކުރުމުގެ ކަންކަމަށް އެދާ ޚަރަދުތައް ނިމި، ޕަބްލިކް ވަރކްސް ޔުނިޓުތައް، ސަރުކާރުގެ އޮފީހެއް ގާއިމުވެގެންދިޔައީމަ، އެއީ ވަރަށް ބޮޑުތަނުން މެއިންޓެނަންސް ކޮސްޓް ކުޑަވެގެންދޭ. އެއީ، ސަރަޙައްދީގޮތެއްގައި ބޭނުންކުރާ ނިޒާމެއް. އެހެންވީމާ، އަތޮޅު ތެރޭގައި ހުންނަ ރަށްރަށުގައި ހުންނަ ބަނދަރުތެރެ ތިލަވީމަ، އެ ވެލިކޮޅު ނަގައިދިނުން ކަހަލަ، ރަށްރަށުގައި ހުންނަ ކޮށާލަންޖެހޭ މަގު ކޮށާލުން، އެއްވަރުކުރަންޖެހޭ ފަސްގަނޑު އެއްވަރުކޮށްދިނުން. މިހެންގޮސް، ކުރާ ހުރިހާ ކަމެއް ކުރާ ބައެއް، އެ ޕަބްލިކް ވަރކްސް ޔުނިޓަކީ. އެހެންވީމާ، މި އަތޮޅުގައި މި ދެ ރަށުގައި ގާއިމުކުރަން ނިންމާފައި މިއޮތީ. އެއީވެސް އިރާދަކުރެއްވިއްޔާ، މި ރަށަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ.

އާދެ އެހެންވީމާ، މި ރަށުގައި މި ދެންނެވި ގޮތަށް، ޕަބްލިކް ވަރކްސް ޔުނިޓާއި، ވެމްކޯ ގާއިމުވެގެންދިޔުން ވާނީ، ޔަޤީނުންވެސް ވަޒީފާތައް އިތުރުވެގެންދާ ކަމަކަށް. ދެންމެ ފާހަގަ އެކުރެއްވީ، ޤާސިމް އިބްރާހީމްގެ ވާހަކަފުޅުގައި، ވަޒީފާތައް މިއީ ކިހިނެއްވާ ކަމެއްކަން، ނޫނީވިއްޔާ ދޭއިރުގައި ވިސްނަންޖެހޭ ކަންތައްތައް. އަޅުގަނޑު ޤަބޫލުކުރަނީ، މި ދެ މުއައްސަސާ މިތާ ގާއިމުވެގެންދިޔައީމަ، އެއީ ނެސެސިޓީއެއްގެ ގޮތުގައި. އޭގެ ސަބަބުން، މި ރަށުގެ ރައްޔިތުންނަށް ވަޒީފާ ލިބިގެންދިޔުމުން، އެއިން ޙަޤީޤަތުގައި، އެއީކީ ދައުލަތަށް އަންނަ ބުރައަކަށް ނުވާނޭ. އޭގެ ސަބަބުން އިފެކްޓިވްލީ، ޙަޤީޤަތުގައި ކޮސްޓް ކުޑަވެގެންދާނެ، އެފިޝަންސީ ވެގެންދާ ވަރަކަށް. މީޑިއަމް ޓު ލޯންގް ޓަރމްގައި، އެއީ ކޮސްޓް އިފެކްޓިވް ކަމަކަށްވާނެ. އެއީ ޙަޤީޤަތުގައި މި ރަށުގައި ކުރެވޭ އިންވެސްޓްމަންޓެއް. އެހެންވީމާ، އެގޮތުން އަޅުގަނޑު ޤަބޫލުކުރަނީ، އެއީ ވަރަށް ފީޒިބަލް ކަމެއްގޮތުގައި.

އާދެ، މި ދެންނެވި ކަންކަމުގެ އިތުރަށްވެސް، އިރާދަކުރެއްވިއްޔާ މި ރަށުގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް، ކުރިއަށް އޮތްތަނުގައި ކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް އެބަ ގެންދަން. ކުރިއަށް އޮތްތާނގައި، އެކި ދާއިރާތަކުން ކުރިއެރުން ގެނެސްދިނުމުގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނަން. އަދިވެސް އެބަހުރި، ކައުންސިލާއި، މުއައްސަސާތަކުގެ މީޓީންގގައި އައި ކަންކަމާއި، އަދި ރައްޔިތުންގެ ފަރާތުން އައިސްފައި ހުރި ކަންކަން. އެ ކަންކަމުގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ގެންދާނީ ތަރުތީބުކޮށްގެން، ވީހާވެސް އެންމެ ރަނގަޅަކަށް، މި ރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދެމުން.

އާދެ އެހެންވީމާ، ޖުމްލަކޮށް މާމިގިލީގެ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ރަށުގެ ތަރައްޤީއަށް މިހިރަ ހުރިހާ ކަމަކަށް އަޅުގަނޑުމެން ދެނީ ވަރަށް ބޮޑު އިސްކަމެކޭ. ތަޢުލީމީ ދާއިރާ، ކުޅިވަރުގެ ދާއިރާ، ޞިއްޙީ ދާއިރާ، ވަޒީފާގެ ދާއިރާތައްވިޔަސް، އުމްރާނީ ތަރައްޤީ ކަމުގައިވިޔަސް، އަދި އިޖުތިމާޢީގޮތުން ގެނެސްދޭ ކުރިއެރުން ކަމުގައިވިޔަސް، ހުރިހާ ކަމެއްގައި އަޅުގަނޑުމެން ވަރަށް އިސްކަމެއްދީގެން، މަސައްކަތް ކުރަމުން ގެންދާނެކަމުގެ ޔަޤީންކަން އަރުވަން. އަދި، މުޅި ރާއްޖޭގެ ރައްޔިތުންނަށްވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މިހެން ހުރި ކަންކަމުގައި، ވަރަށް ދެމެހެއްޓެނިވި ވިސްނުމެއްގައި، އިތުރު ކުރިއެރުން ގެނެސްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ވާހަކަ.

މި އަތޮޅަކީ، ޓޫރިޒަމްގައި ވަރަށް ބޮޑަށް ކުރިއަރާފައި އޮތް އަތޮޅެއް. އަދި ލޯކަލް ޓޫރިޒަމްގައިވެސް ވަރަށް ބޮޑަށް ކުރިއަރަމުންދާ ރަށްރަށް ހުރި އަތޮޅެއް. އަދި، ރާއްޖޭގައިވެސް މިހާރު ވަރަށް ގިނަ، މި ދެންނެވި ގޮތަށް، ލޯކަލް ޓޫރިޒަމް ކުރިއަރައި، އަދި މި ދެންނެވިހެން، ޓޫރިޒަމް ކުރިއަރާފައި އޮތް ރަށްރަށް.

މިގޮތުން ބަލާއިރުގައި، އަދި މީގެއިތުރަށްވެސް، ރަށްރަށުގައި މިހާރު ތަރައްޤީވެގެންގޮސް، އާބާދީ ބޮޑުވެގެންގޮސް، ބީޗުތައް ހުސްވެ، މި ހުރިހާ ކަމެއް ވެގެންގޮސް، އާންމު ރައްޔިތުންގެ ފަރާތުންވެސް ވަރަށް ގިނައިން އަންނަ ރިކްއެސްޓެއް، ދަތުރު ދާނެ ރަށްރަށް ނުލިބޭ ވާހަކަ. އާންމު ރައްޔިތުން ފެމިލީތައް ގޮވައިގެން ޕިކްނިކް ހަދަން ދާނެ ރަށެއް، ނޫނީވިއްޔާ ގެސްޓުން ގޮވައިގެން، ވަކި އުސޫލަކުން ގެންދާނެ ތަންތަން ނެތް ވާހަކަވެސް. އަޅުގަނޑުމެން މިހާރު މިދަނީ، ޓޫރިޒަމް މިނިސްޓްރީން ކެބިނެޓަށް ޕޭޕަރެއް ތައްޔާރު ކުރަމުން. ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަސް ތެރޭގައި އެ ޕޭޕަރު ހުށަހެޅޭނެ. އޭގައި މި ކަނޑައަޅަނީ، ސަރުކާރުން ކަމާބެހޭ އުސޫލުތަކުގެ ތެރެއިން، ސަރުކާރުގެ ކަމާބެހޭ ކުންފުންޏެއް މެދުވެރިކޮށް، އަޅުގަނޑުމެން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށް، ޕިކްނިކް އައިލެންޑެއް ގޮތުގައި ސަރުކާރުން ތަރައްޤީކޮށްދޭން. އެތަން މެނޭޖްކުރާނެ ގޮތާއި، މި ދެންނެވި ދެ ބޭނުން ހިފޭގޮތަށް. ހަފުތާގެ އެކި ދުވަސްތައް އެކިގޮތަށް. ހަފުތާގެ ބައެއް ދުވަސްތައް ޓޫރިޒަމްގެ ބޭނުމަށް، ޓޫރިސްޓުން ގޮވައިން ދިޔުމަށް. އަނެއް ދުވަސްތައް ޢާއިލާތަކާއި، ކުޑަކުދިންނާ އެންމެންނަށް ބޭނުންކުރެވޭ ގޮތަށް، މިކަހަލަ އުސޫލަކުން ބޭނުންކުރެވޭ ގޮތަށް. ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށް، ޕިކްނިކް އައިލެންޑެއްގެ ގޮތަށް، ރަނގަޅަށް ތަރައްޤީ ކޮށްދިނުމުގެ ޕޭޕަރެއް އެބަ ތައްޔާރުކުރަން. އެކަން މި ކުރަނީ، ކޮންމެ އަތޮޅެއްގައިވެސް މަދުވެގެން އެއްރަށް އެގޮތަށް ގާއިމުކުރުމަށްޓަކައި.

މިއީ، މިހާތަނަށް ރަށްރަށަށް ކުރެވުނު ދަތުރުތަކުގައި، އަޅުގަނޑުމެންނަށް ވަރަށް ގިނައިން އައި ކަމެއް. ވަރަށް ގިނަ ރަށްތަކުން ރިކްއެސްޓް އައިސްފައި އޮތް ކަމެއް. ޢާއިލާތައް ގޮވައިގެން ދަތުރުދާނެ ތަނެއްވެސް ނެތް ވާހަކައާއި، އަދި މި ދެންނެވި ގޮތަށް، ގެސްޓުން ގޮވައިގެން ދާނެ ތަނެއްވެސް ނެތް ވާހަކަ. އެހެންވީމާ، އެ ބޭނުމަށް، ޕަރޕަސްލީ ބިލްޑް، ސްޓޭޓް އޮފް ދި އަރޓް ފެސިލިޓީޒްތަކާ އެކީގައި ގާއިމުކުރުމަށް، ރަށްތަކެއް ކަނޑައެޅުން. މިއީ އެއްދުވަހުން ވާނެ ކަމެއް ނޫން، އެހެންނަމަވެސް، ރަށްތަކެއް ކަނޑައަޅައި، އެކަމަށް އިންވެސްޓް ކުރުމަށް ސަރުކާރުގެ ކަމާބެހޭ ކުންފުންޏެއް ކަނޑައަޅައި، އެކަމަށްޓަކައި މަސައްކަތްތަކެއް ކުރުމުގެ ސިޔާސަތެއް ކަނޑައަޅުމަށް، މިހާރު ކެބިނެޓަށް ޕޭޕަރެއް މި ހުށަހަޅަނީ. އިރާދަކުރެއްވިއްޔާ ދެ ހަފުތާއެއް ތެރޭގައި ހުށަހެޅޭނެ. އޭގައި އޮންނާނެ، ރަށްތަކުގެ ނަންތަކާ އެކީގައި. އޭގެތެރެއިން މި އަތޮޅުވެސް އަންނާނެ. ދެންހުރި ހުރިހާ އަތޮޅެއްވެސް އަންނާނެ. އެހެންވީމާ، މިކަންވެސް ކުރިއަށް މިދަނީ، އިރާދަކުރެއްވިއްޔާ މީގެ ނަތީޖާ ރަނގަޅުވާނެ ކަމަށް އަޅުގަނޑުމެންނަށް ޤަބޫލުކުރެވޭތީ. ރައްޔިތުންގެ މިކަހަލަ އުންމީދުތަކުގައި، މިކަހަލަ ކަންކަމުގައި ކުލަޖައްސައިދިނުމަށް ސަރުކާރުން ބޭނުންވާތީ. ދާއިމީގޮތެއްގައި މިކަހަލަ ކަންކަމަށް، އަޅުގަނޑުމެން ރަނގަޅު ޙައްލު ގެނެސްދޭން ބޭނުންވާތީ.

އެހެންވީމާ، އެކަންވެސް އަޅުގަނޑު މިއަދު މި ފާހަގަކޮށްލީ. އެއީ މި ފެށި ދަތުރުގައިވެސް، މި ދެވުނު ހުރިހާ ރަށަކުން، މި އަތޮޅުންވެސް ކަހަލަ ގޮތަކަށް އައި ކަމެއް. އެހެންވީމާ، އެކަންވެސް އަޅުގަނޑުމެން ކުރިއަށް ގެންދަން މަސައްކަތް ކުރަމުންދާ ވާހަކަ، އަޅުގަނޑު ފާހަގަކޮށްލަން. ވަކި މި ރަށަށް އެކަނި ޚާއްޞަ ކަމެއްނޫން. މިއީ، މުޅި އަތޮޅަށްވެސް، މުޅި ރާއްޖެއަށްވެސް ޚާއްޞަ ކަމެއްވީމާ، އަޅުގަނޑު ހިތަށްއެރީ، އެ ވާހަކަ މިއަދު ދަންނަވައިލާނަމޭ. އެކަންވެސް ކުރިއަށް އެބަ ގެންދަން. އެހެންވީމާ، މި އަހަރު ތެރޭގައި، މި ރަށްތައް ކަނޑައެޅޭނެ. މިކަން ކުރަން ކުންފުންޏަކާ ހަވާލުކުރެވޭނެ. ދެން، ދެމެހެއްޓެނިވި މޮޑެލްއެއްގެ ތެރެއިން އެ އިންވެސްޓްމަންޓް ކުރާނީ. ކޮށްގެން، އެކަން ކުރެވޭނެ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދާނީ. އެހެންވީމާ، އެކަންވެސް ކުރިއަށް އޮތް ވާހަކަ އަޅުގަނޑު ދަންނަވާލަން.

އާދެ، ނިންމާލުމުގެ ކުރިން، އަދިވެސް އެއްފަހަރު މާމިގިލީގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެން މިއަދު މި ސޮއިކުރި މަޝްރޫޢާއި، މާދަމާ މި ފެށޭ މަޝްރޫޢު، އަދި ކުރިއަށް ހުރި ކަންކަން، އަޅުގަނޑު ދެންމެ މި ބަޔާންކުރި ގޮތަށް، އިރާދަކުރެއްވިއްޔާ ސަރުކާރުން ވަރަށް އިސްކަންދީގެން ކުރިއަށް ގެންދާނަމޭ. މި ރަށުގެ ތަރައްޤީގައި މިހިރަ ކަންކަމުގައި ކުލަޖައްސައިދޭނަން.

އަދިވެސް ކުރިއަށް އިތުރު ކަންކަން އެބަހުރި، އަޅުގަނޑު ތަފުޞީލު ނުދިންނަމަވެސް. ކުރިއަށް އޮތްތާނގައި، ހައުސިންގގެ ދާއިރާއިންވެސް އަޅުގަނޑު މަޝްރޫޢުތައް ކުރިއަށް ގެންދާނަން. ފްލެޓްއެޅުމުގެ މަޝްރޫޢުފަދަ ކަންކަން ކުރިއަށް އެބައޮތް. އެހެންވީމާ، އެ ތަފުޞީލުތައް އަޅުގަނޑު މިވަގުތު ދަންނަވައިނުލިޔަސް، މިއިން ކޮންމެ ދާއިރާއަކީ، އަޅުގަނޑުމެންގެ ވިސްނުމުގެ ތަރައްޤީގެ ޕްލޭންގައި އޮތް ކަންތައް. މި ރަށުގައި މި ދެމެހެއްޓެނިވި ތަރައްޤީގައި އަޅުގަނޑުމެން ވަރަށް އިސްކަންދޭ ރަށެއްވީމަ، ހައުސިންގގެ ދާއިރާވެސް އަދި ކުރިއަށް އެބައޮތް. އެހެންވީމާ، މި ހުރިހާ ކަމެއްގައި އަޅުގަނޑުމެން ތިޔަބޭފުޅުންގެ އުންމީދުތަކުގައި ކުލަޖައްސައިދިނުމުގައި، އިރާދަކުރެއްވިއްޔާ ވަރަށް ޝައުޤުވެރިކަމާއެކީގައި، ވަރަށް ޒިންމާދާރުކަމާއެކީގައި އަޅުގަނޑުމެން މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން، ލޮބުވެތި އެންމެހައި ރައްޔިތުންނަށް އަޅުގަނޑު އަރުވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.