بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ފެންފުށީގެ ލޮބުވެތި އެންމެހައި ރައްޔިތުން، ކައުންސިލްގެ ރައީސް، މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބްލް ޤާސިމް އިބްރާހީމް، ކައުންސިލަރުން، ރަށުގެ މުއައްސަސާތަކުގެ ވެރިން، ފެންފުށީގެ ޚިދުމަތްތެރި އިސް ރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ އަޑުއައްސަވަމުން ގެންދަވާ އަދި ބައްލަވަމުން ގެންދަވާ ދިވެހި ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، މި ރަށަށް އަޅުގަނޑުމެންނަށް އާދެވުނު ވަގުތު، ތިޔަ ހުރިހާ ލޮބުވެތި ރައްޔިތުން ވަޑައިގެން، އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ހިތުގެ އެންމެ ފުންމިނުން، ފެންފުށީގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ވަރަށް ބޮޑަށް އަޅުގަނޑު ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.
އާދެ، ވަރަށް ގިނަ މަސައްކަތްތަކެއް މި ރަށުގައި އިރާދަކުރެއްވީތީ އަޅުގަނޑުމެން މިއަދު މި ފެށީ. އަދި ސޮއިކުރެވިގެން މި ދިޔައީ. ޙަޤީޤަތުގައި ފެންފުށީގެ ތަރައްޤީއަށް މިއިން ކޮންމެ ދާއިރާއަކުންވެސް މި ކަންކަން ކޮށްދިނުމަކީ، އަޅުގަނޑުމެން ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދީގެން ކުރާނެ ކަންތައްތައް ކަމުގައިވާތީ، މި މަސައްކަތްތައް މި ފެށީ. މިއިން ކޮންމެ މަޝްރޫޢަކީވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަ ވަރަށް އިސްކަމެއްދީގެން، ވަރަށް ހަލުވި ދުވެލީގައި ކުރިއަށް ގެންގޮސް ނިންމާނެ މަޝްރޫޢުތަކެއް. އިރާދަކުރެއްވިއްޔާ އެ މަޝްރޫޢުތައް ނިމިގެން ދިއުމުން، އެއިން ކޮންމެ ދާއިރާއަކުންވެސް މި ރަށަށް ލިބިގެންދާނީ ކުރިއެރުންތަކެއް.
އާދެ، ފެށިގެންދިޔަ މަޝްރޫޢުތަކާއި، ސޮއިކުރެވިގެންދިޔަ މަޝްރޫޢުތަކުގެ ތެރެއިން އަޅުގަނޑު ހަމަ ފާހަގަކޮށްލާނަން، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ކަންތަކުގައި، މީގައި އަދި ރައްޔިތުންގެ އެދިވަޑައިގަތުން އޮތް ކަމެއް އޮތުމާއެކީގައި، އެއީ މިހާރު ހެދިފައިވާ ޑިޒައިނަށް އަޅުގަނޑުމެން އިތުރު ބަދަލެއް ގެނެސްދީ، އެއްގަމުތޮށި، ނޫނީ ކީވޯލް އޭގައި ރައްޔިތުންގެ އެކްސްޕެކްޓޭޝަނާ އެއްގޮތަށް އަޅުގަނޑުމެން ހިމަނައި، އިރާދަކުރެއްވިއްޔާ މި މަޝްރޫޢު އަޅުގަނޑުމެން ކުރިއަށްގެންދާނީ. އެހެންވީމާ، އެކަން އަޅުގަނޑު ރައްޔިތުންނަށް ޔަޤީންކޮށް އެރުވުމަށްޓަކައި ދަންނަވާލަން. އަދި މިސްކިތުގެ މަޝްރޫޢު ކުރިއަށްދާއިރުގައި، ހިނަވާގެއެއްވެސް އެއާ ގުޅުވައިލައިގެން ހިމެނިގެންދާނެ ގޮތަށް، އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން. އެކަންވެސް އަޅުގަނޑު ދަންނަވާލަން.
ޞިއްޙީ މަރުކަޒުގެ މަޝްރޫޢާ ބެހޭގޮތުން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިހާރު ބޭނުންކުރަމުންދާ މަރުކަޒުގެ ބަދަލުގައި، މިއަދު އަޅުގަނޑުމެން މިފެށި މަޝްރޫޢު އަޅުގަނޑުމެން ކުރިއަށްގެންދާނީ، އިތުރު ޑިޒައިނަށް، ސްކޯޕަށް، އިރާދަކުރެއްވިއްޔާ ބަދަލުތަކެއް ގެނެސްގެން. ގެނެސް، ފުލްފުލެޖް، ވަކި މަރުކަޒެއްގެ ގޮތުގައި ހެދިގެންދާގޮތަށް، ދެބުރިއަށް ނެގިފައި ހުންނަ އިމާރާތެއް ގޮތަށް، އެތަނަށް މިހާރު ހުރި މަރުކަޒުގެ މަސައްކަތްތައްވެސް ބަދަލުކުރެވި، އިތުރު ޖާގަ ލިބޭ، މިހާރު މި އެކްސްޕޭންޝަނެއްގެ ގޮތުގައި މި އަންނަ ބަޔާ އެކުގައި، ވަކި އާ އިމާރާތެއްގެ ގޮތުގައި އެޅިގެންދާގޮތަށް، ރައްޔިތުން އެދިވަޑައިގަންނަވާ، އުންމީދުކުރައްވާ މިންވަރަށް ހެދިގެންދާނެ މަރުކަޒެއް ކަމުގެ ޔަޤީންކަން އަޅުގަނޑު ރައްޔިތުންނަށް ދަންނަވަން.
ހަމައެއާއެކީގައި، މިއަދު އަޅުގަނޑުމެން ފެށި ދެންހުރި ހުރިހާ މަސައްކަތްތަކެއްވެސް، ވޮލީކޯޓު ކަމަށްވިޔަސް، ފުލުހުންގެ މަރުކަޒު ކަމުގައިވިޔަސް، ވޭސްޓް މެނޭޖްމަންޓް ސެންޓަރު ކަމުގައިވިޔަސް، އަދި ފުޓްބޯޅަ ދަނޑުގެ ޓްރެކްއެޅުން ކަމުގައިވިޔަސް، މިއިން ކޮންމެ ކަމަކީ އިރާދަކުރެއްވިއްޔާ ހަމަ ރައްޔިތުންގެ އެކްސްޕެކްޓޭޝަނާ އެއްގޮތަށް ކުރިއަށްދާނެ ކަންކަން.
ފުޓްބޯޅަ ދަނޑު ކަންތަކުގައި އަޅުގަނޑު ހަމަ ދަންނަވާލަން، އަޅުގަނޑުމެން މިހާރު ރަށްރަށުގައި އެއީ، ކޮންމެ ކުޅިވަރަކާ ގުޅޭ ދަނޑެއްވިޔަސް ހަދާއިރުގައި މި ހަދަނީ ރޭގަނޑު ލައިޓުވެސްޖެހޭ ގޮތަށް. މި ރަށުގައި އަޅުގަނޑުމެން މިއޮތީ، މި ސަރުކާރުން ޓަރފް ކަންތައް ނިންމާފައި. މިއަދު މި ހަވާލުކުރީ ޓްރެކް. ޓްރެކުގެ މަސައްކަތް ނިމިގެންދާއިރުގައި، ދަނޑުގައި ލައިޓުވެސް ހަރުކުރެވި، ރޭގަނޑު ކުޅެވޭގޮތަށް ބަދަލުވެގެންދާނެ. އެކަން އަޅުގަނޑު ދަންނަވާލަން ބޭނުން.
ދެން، ސްކޫލް ކަންތަކަކީ، އެންމެ ދަތިވާ ކަންތައް ޙަޤީޤަތުގައިވެސް. މި ރަށުގައި ސްކޫލްގެ މަސައްކަތްތަކެއް ފެށިފައި އެބައޮތް. ދެން، މި މަސައްކަތް އޮތީ ވަރަށް ބޮޑަށް ފަހަތުގައި، މަޑުޖެހިގެން ގޮސްފައި. ދެން، އަޅުގަނޑުމެން އެ މަސައްކަތް ކުރުމަށްޓަކައި، މިހާރު ވާނީ ސަރުކާރުގެ ކުންފުންޏަކާ ހަވާލުކޮށް، މޮބިލައިޒް ކުރެވިފައި. މި މަސައްކަތް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ވަރަށް އަވަހަށް، މިހާރު އަލުން ފެށިގެން، ރީ-ސްޓަރޓް ވެގެންދާނެ. ގޮސް، ބާކީހުރި މަސައްކަތްތައް ވަރަށް ހަމަ ރިސޯސް ވައިސް، އަދި ހުރިހާ ގޮތަކުންވެސް އިތުރުކޮށްދީގެން އަވަހަށް، ބާރު ސްޕީޑުގައި ގެންގޮސްދީ، މި އަންނަ ދިރާސީ އަހަރަށް، އެ ކްލާސްރޫމްތަކުގެ އިމާރާތް ބޭނުންކުރެވޭ ގޮތަށް އިރާދަކުރެއްވިއްޔާ ނިންމާނަން. އެކަން އެއީ އަޅުގަނޑުމެންގެ ޓާގެޓަކީ. އެގޮތަށް އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ. އެކަން އަޅުގަނޑު ދަންނަވާލަން.
ދެން، އާ އަހަރަށް ބަޖެޓު ހެދިގެންދާއިރުގައި، އަޅުގަނޑުމެން މަލްޓި ޕަރޕަސް ހޯލެއް ހިމަނާގޮތަށް އޮތީ ހަމަޖައްސާފައި. މިހާރު މި ނިމިގެންދާ މަޝްރޫޢަކު ނެތް. އަދި މި އަހަރުގެ ބަޖެޓު ތެރެއަކުވެސް ނެތް. އެހެންނަމަވެސް، އަޅުގަނޑުމެން އަލަށް ފަށާ، އާ މަޝްރޫޢެއް ގޮތުގައި، މި ރަށަށް މަލްޓި ޕަރޕަސް ހޯލެއް އެޑްވެގެންދާނެ. ދެން، މިހާރު މިހިރަ ހުރިހާ ކްލާސްރޫމްތަކަކީ، އޭސީ ކުރެވިގެންދާނެ ތަންތަން. އަޅުގަނޑުމެންގެ ނެޝަނަލް ޕްރޮގްރާމެއް އެބަ ހިނގާ. ރާއްޖޭގެ ހުރިހާ ކްލާސްރޫމްތަކެއް އަދި ސްޓާފުން ބޭނުންކުރާ ޖާގަތައް އޭސީ ކުރުމުގެ ޕްރޮގްރާމެއް. އެހެންވީމާ، އޭގެތެރެއިން މި ރަށުގެ ހުރިހާ ކްލާސްރޫމްތަކެއްވެސް، ކުދިން ބޭނުންކުރާ ތަންތަނާއި، ސްޓާފުން ބޭނުންކުރާ ތަންތަން އެއީ އޭސީވާނެ ތަންތަން.
ދެން، އަޅުގަނޑު މި ކަންކަން މި ފާހަގަކޮށްލީ. ދެން، އެންމެ ދަތިވާ އެއް މައްސަލައަކީ ނަރުދަމާގެ މައްސަލަ. މިކަމުގައި އަޅުގަނޑު ޖުމްލަކޮށް އެއްޗެއް ދަންނަވާލާނީ. އެއީ، މި މައްސަލަ ދިމާވާ އެހެން ރަށްތަކެއްވެސް އެބަހުރި. މިވާގޮތަކީ، ކުރީގައި، އަޅުގަނޑުމެންނާ ހަވާލުވީއިރުގައި، ޕްރައިވެޓް ކުންފުންޏަކާ މިއޮތީ މި ރަށް ހަވާލުކޮށްފައި. އަދި، މި ރަށް ގޮތަށް، އެ ކުންފުންޏާ އެހެން ރަށްތައްވެސް އެބަހުރި ހަވާލުކޮށްފައި. އެއްވެސް ރަށެއް ނުހިނގަނީ ރަނގަޅަށް. ހުއްޓިފައި. ސަރުކާރުން ޕޭމަންޓުގެ އިޝޫއެއްވެސް ނެތް. ކޮށްފައި އޮތް މަސައްކަތަކަށްވިއްޔާ ދޭންޖެހޭ ހުރިހާ ފައިސާއެއް ދީފައި. ދެން، އެއްވެސް ރަށެއްގައި މަސައްކަތް ނުހިނގުމަކީ، އަޅުގަނޑުމެން ސަރުކާރުގެ މިނިސްޓްރީގެ ހައިސިއްޔަތުންވެސް، ވަރަށް ބޮޑަށް އެކަމުގައި ބާރުއަޅައިގެން، ނުވެގެން އުޅޭ ކަމެއް. ދެން، އަޅުގަނޑުމެން މިހާރު ނިންމާފައި މިއޮތީ ޓަރމިނޭޝަނަކަށް ދާގޮތަށް. ޓަރމިނޭޓް ކޮށްގެންވިޔަސް، މިކަން ކުރަން ވަކި ބަޔަކާ ހަވާލުކޮށްގެންވިޔަސް ކުރާގޮތަށް. އެހެންވީމާ، މިއީ ހަމަ ވަރަށް ލަސްވާ ކަމެއް. ދެން، އެކަން ކުރެވިގެންދާއިރުގައި، އިރާދަކުރެއްވިއްޔާ ރައްޔިތުން ކަންބޮޑުވުންތަކަށް އެޑްރެސް ކުރާނަން. އައުޓްފްލޯރ އޮންނަ ލޮކޭޝަން، ސަރަޙައްދު ބަދަލުކުރުމާ، މި ކަންކަން ހިނގާނެ. އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުން، ނަރުދަމާގެ މައްސަލައަށް އަޅުގަނޑުމެން ޙައްލެއް ގެނައުން، ކުރިއަށް އެބައޮތޭ. މި ދެންނެވިހެން، އަޅުގަނޑުމެން އެކަން ޙައްލުކޮށްދޭނަން.
ފެނުގެ މައްސަލަ އެއޮތީ، ހަމަ އެގޮތަށް އޮތް މައްސަލައެއް މިހާރު އެމް.ޑަބްލިޔު.އެސް.ސީ.އާ ހަވާލުކުރެވިފައި. އެ ބޭފުޅުން މިހާރު މަސައްކަތް އެއޮތީ ފަށައިގެންފައި. އެހެންވީމާ، އެއަކު ނެތް އެކަހަލަ ކަންބޮޑުވުމެއް. ނަރުދަމާގެ މިއޮތީ ކަންބޮޑުވުންތަކެއް. އެހެންވީމާ، އެކަންވެސް އޮތީ މި ދެންނެވިހެން. ކުރިއަށް ގެންދާނަން އަޅުގަނޑުމެން. އެ މައްސަލަ ޙައްލުކޮށްދޭނަން.
އާދެ، ޖުމްލަކޮށް މި ދެންނެވި ގޮތަށް، މިއަދު ސޮއިކުރެވިގެންދިޔަ މަޝްރޫޢުތައް ކުރިއަށްދާނެ ގޮތް އަދި ޢަމަލީގޮތުން ބިންގާއެޅިގެން، ނޫނީވިއްޔާ ޢަމަލީ މަސައްކަތް ފެށުނު މަޝްރޫޢުތައް ކުރިއަށްދާނެގޮތް މި ދަންނަވާލީ. އަދި އިރާދަކުރެއްވިއްޔާ، މި އަންނަ އަހަރަށް އަޅުގަނޑުމެން ކުރަންހުރި ބައެއް ކަންކަންވެސް މި ފާހަގަކޮށްލީ.
އިރާދަކުރެއްވިއްޔާ، ފެންފުށީގެ ތަރައްޤީއަށް މިހިރަ ހުރިހާ ކަމަކީ، ސަރުކާރުން ވަރަށް އިސްކަންދީގެން، ރައްޔިތުންނަށްޓަކައި ރަނގަޅަށް ކޮށް ނިންމާނެ ކަންތައްތައް ކަމުގެ ޔަޤީންކަން، އަދިވެސް އެއްފަހަރު ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަމުން، ވަކިވެލާނަން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.