بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ދިގުރަށުގެ ލޮބުވެތި އެންމެހައި ރައްޔިތުން، މި ރަށުގެ ކައުންސިލްގެ ރައީސް، އަދި މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، އެންމެހައި ކައުންސިލަރުންނާއި، ރަށުގެ މުއައްސަސާތަކުގެ ވެރިންނާއި، މި ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، އަދި ވަޑައިގެން ތިއްބެވި ހުރިހާ ޢިއްޒަތްތެރިން، އަދި މި ޖަލްސާ، ބައްލަވަމުން ގެންދަވާ، އަދި އަޑުއައްސަވަމުން ގެންދަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، މި އަތޮޅަށް އަޅުގަނޑުމެން މިކުރާ ދަތުރުގައި މި ރަށަށް އާދެވުމުން، ދިގުރަށުގެ ލޮބުވެތި ރައްޔިތުން އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ހިތުގެ އެންމެ ފުންމިނުން، ލޮބުވެތި ހުރިހާ ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
މިއަދު ތިޔަބޭފުޅުންނާ އަޅުގަނޑު މި ބައްދަލުކުރަނީ، އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ވީ މުހިންމު ހުރިހާ ވަޢުދެއް ފުއްދުމުގެ ގޮތުން ކުރެވޭ މަސައްކަތްތައް ފެށުމާއި، ސޮއިކުރުމާއި، މިފަދަ ކަންތައްތަކުގައި ބައިވެރިވުމަށްޓަކައި. އަދި އޭގެއިތުރަށްވެސް، ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސައިދިނުމުގެ ގޮތުން ކުރެވެންހުރި ކަންކަން ފާހަގަކޮށް، ރައްޔިތުންގެ ގާތުން ކަންތައްތައް އޮޅުންފިލުވައި، ކައުންސިލާއި، މުއައްސަސާތަކާއި، ރައްޔިތުންނާ ބައްދަލުކޮށްލުމަށް.
އާދެ، މިގޮތުން ބަލާއިރު، ދެންމެ އަޅުގަނޑުމެން މި ސޮއިކުރި ދެ މަޝްރޫޢަކީވެސް، ޙަޤީޤަތުގައި ރަށުގެ ތަރައްޤީއަށް ވަރަށް މުހިންމު ދެ މަޝްރޫޢު. ލޯކަލް ޓޫރިޒަމްގެ ގޮތުން ބެއްޔަސް، އަދި ޖުމްލަކޮށްވެސް ތަރައްޤީގެ ގޮތުގައި ވަރަށް ކުރިއަރަމުންދާ ރަށަކަށްވާއިރުގައި، ރަށުގެ ރައްޔިތުން އެދޭގޮތަކަށް ހެދިފައި ހުރި މަގުތަކެއް ރަށުގައި އޮންނަންޖެހޭ. އެއީ، ރަނގަޅަށް ފެން ހިންދޭ، ރަނގަޅު ނިޒާމެއްގެ ބޭނުންކުރެވޭ ވެލިމަގުތައް ކަމުގައިވިޔަސް، އެއީ ރައްޔިތުން ބޭނުންވާ ޑިޒައިނަކަށް ހެދިގެންގޮސް، މި ރަށުގައި ރައްޔިތުންނަށް އޭގެ އެންމެ ފައިދާވާ ގޮތަށް ހެދޭނެ މަގުތަކަކަށް ވާންޖެހޭ. އެހެންވީމާ، އަޅުގަނޑުމެން އެހާ އިސްކަންދީގެން، މި މަޝްރޫޢު މި ހަވާލުކުރީ. އިރާދަކުރެއްވިއްޔާ މި ފެށިގެންދާ މަޝްރޫޢަކީ، ދެންމެ އަޅުގަނޑު މި ދެންނެވި ފަދައިން، ތިޔަބޭފުޅުންނަށް އޭގެ އެންމެ ފައިދާވާ ގޮތަށް، ރައްޔިތުން އެންމެ އެދޭގޮތަށް ހެދިގެންދާނެ މަގުތަކެއްކަމުގެ ޔަޤީންކަން، އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.
ހަމައެއާއެކީގައި، ސްކޫލް މަޝްރޫޢަށް ބަލާއިރު ސްކޫލަށް ތިން ބުރީގެ އިމާރާތެއް އިތުރުކުރެވިގެން މިދަނީ. ކްލާސްރޫމްތަކާއި، އަދި އެހެނިހެން މުހިންމު ޖާގަތައް އިތުރުވެގެންދާ، އިންފްރާސްޓްރަކްޗަރ ގޮތުން ކުރިއެރުން ލިބޭ މަޝްރޫޢެއް މިއީ. އިރާދަކުރެއްވިއްޔާ، އެކަންވެސް ވެގެންދާނީ، ހަމަ ޔަޤީނުންވެސް ވަރަށް މުހިންމު ކަމަކަށް.
އާދެ، މި ރަށުގެ ޓޫރިޒަމް، ލޯކަލް ޓޫރިޒަމާއި، ހުރިހާ ކަމަކަށް ބަލާއިރުގައި، މިހާރު ބިމުގެ އަގު، ކުލިދެއްކުން، ނޫނީވިއްޔާ އެހެން ގޮތްގޮތުންވެސް ބޮޑު. އެހެންވީމާ، ސްކޫލްތަކަށް އަދި ސްކޫލަށް އަދި އެހެނިހެން ކަންކަމުގައިވިޔަސް، ގެންނަންޖެހޭ ބޭރު މުވައްޒަފުން، ޓީޗަރުން އަދި އެހެން ފަރާތްތައް ތިބޭނެ ތަންތަން ކުއްޔަށް ހިފައިގެން، ސަރުކާރުގެ ބަޖެޓުން ޚަރަދުކުރުމުގައި މި އޮންނަނީ ވަރަށް ބޮޑަށް ދަތިވެފައި. މިފަދަ ބައެއް ރަށްތައް މިހާރު އެބަހުރި، ރާއްޖޭގެ ބައެއް އެހެން ސަރަޙައްދުތަކުގައިވެސް. އަޅުގަނޑުމެން މިފަދަ ރަށްރަށުގައި މިހާރު ސަރުކާރުގެ ބަޖެޓުން މި ފަށަނީ، ސްކޫލް، ޞިއްޙީ މަރުކަޒު އަދި މިފަދަ ތަންތަނަށް ރަށުން ބޭރުން އަދި ރާއްޖެއިން ބޭރުން ކަމުގައިވިޔަސް މިގޮތަށް ގެންނަ މުވައްޒަފުން ބައިތިއްބާނެ އެކޮމޮޑޭޝަން ބްލޮކްތައް ހަދަން. އެގޮތުން، މި ރަށުގައި އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ބަޖެޓުގައި އަޅުގަނޑުމެން ހިމަނާނަން މި ދެންނެވި ގޮތަށް، ބޭރުގެ މުވައްޒަފުން، ރަށުން ބޭރުން ގެނެސް މިތަނުގައި ބައިތިއްބަންޖެހޭ، ކުއްޔަށް ތަންތަން ހިފައިގެން ބައިތިއްބަންޖެހޭ މުވައްޒަފުން، ބޭތިއްބޭނެފަދަ އެކޮމޮޑޭޝަން އިމާރާތެއް އެޅުމުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ ހިމަނާނަން. އޭރުން، އެ އިމާރާތް އެޅިގެންދިޔައީމަ، ހަމަ ޔަޤީނުންވެސް ސްކޫލާއި އަދި އެހެނިހެން މުއައްސަސާތަކަށް ރަށުން ބޭރުން ޚިދުމަތްކުރަން ގެންނަންޖެހޭ މީހުން ބޭތިއްބުމުގައި، ވަރަށް ބޮޑު ލުއިތަކެއް ވާނެ. މިއީ ޙަޤީޤަތުގައި، ސްކޫލަށްވެސް ބޭނުންވާ ކަމެއް. އަދި އެހެން ބައެއް މުއައްސަސާތަކަށްވެސް ބޭނުންވެދާނެ ކަމެއް. ބޭނުންވާނެ ކަމެއް. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި މަޝްރޫޢު، މި އަންނަ އަހަރަށް އަޅުގަނޑުމެން ބަޖެޓު ހަދާއިރުގައި، ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ތެރޭގައި ހިމަނައިގެން، އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނެކަމަށް އަޅުގަނޑު ދަންނަވާލަން.
ހަމައެއާއެކީގައި، އަޅުގަނޑުމެން މި އަންނަ އަހަރަށް ކަނޑައަޅާފައި އޮތް ބަޖެޓުގައި ހިމަނާ އެހެން މުހިންމު މަޝްރޫޢެއް ދަންނަވާލާނަން. އެއީ، ފުޓްބޯޅަ ދަނޑެއް އެޅުމުގެ މަސައްކަތް. ފުޓްބޯޅަ ދަނޑެއް މި ޒަމާނުގައި މިހާރު، މި ސަރުކާރުން ހަދައި ސްޓޭންޑަޑްގައި، މި ޒަމާނީ، އެންމެ ފުރިހަމަ ފުޓްބޯޅަ ދަނޑެއް، އަހަރުގެ ކުރީކޮޅު ފެށިގެންދާގޮތަށް ބަޖެޓުގައި ޖަހައިގެން، އިރާދަކުރެއްވިއްޔާ އަޅައިދޭނެ ކަމުގެ ޔަޤީންކަން އަރުވަން.
އަދި ހަމައެއާއެކީގައި، ޓޫރިޒަމަށް އިތުރު ކުރިއެރުމެއް ގެނެސްދިނުމަށްޓަކައި، އަޅުގަނޑު ރައްޔިތުންނަށް ވީ ވަޢުދެއް ފުއްދައިދިނުމުގެ ގޮތުން، އަޅުގަނޑުމެން މި އަންނަ އަހަރުގެ ބަޖެޓުގައި ޖަހައިގެން، އަހަރުގެ ކުރީކޮޅު، އިރާދަކުރެއްވިއްޔާ ފެށިގެންދާނެ، ލޯކަލް ޓޫރިޒަމަށް ވަރަށް މުހިންމު މިހާރު ކޮންވެންޝަން ސެންޓަރުތައް ބައެއް ރަށުގައި އެޅިގެންދިޔުން. "މައިސް ޓޫރިޒަމް". އެހެންވީމާ، އެކަމަށް ބޭނުންހިފޭނެ ކަހަލަ އިމާރާތެއް، ފެސިލިޓީއެއް އިރާދަކުރެއްވިއްޔާ، މި ރަށުގައި މި އަންނަ އަހަރު ކުރީކޮޅު އަޅަންފެށޭނެ. އެކަމުގެ ޔަޤީންކަންވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.
ޓޫރިޒަމަށް މުހިންމު އެހެން ކަމެއް، މިހާގިނަ ރޫމްތައް، 400 އަށްވުރެ ގިނަ ރޫމް މިހާރުވެސް އެބަހުރި. އަދި ހަދަމުންވެސް އެބަދޭ. ދާއިރުގައި، އެމެރިކާ ޑޮލަރު، ޔޫ.އެސް. ޑޮލަރުގެ މުޢާމަލާތް އެހާގިނައިން ކުރެވޭއިރުގައި، ޔޫ.އެސް.ޑީ. އޭ.ޓީ.އެމް.އެއް ހުންނަންޖެހޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އަންނަ އަހަރުގެ ކުރީކޮޅު މި ރަށުގައި މި ދެންނެވި ގޮތަށް، ޑޮލަރު އޭ.ޓީ.އެމް.އެއްވެސް ބަހައްޓައިދޭނަން. އެ ޔަޤީންކަންވެސް އަރުވަން.
އާދެ، މި ދެންނެވި ކަންކަން މިއީ، މި ރަށުގެ ރައްޔިތުންގެ މުއްސަނދިކަން، ނޫނީވިއްޔާ އާމްދަނީ އިތުރުކުރުމަށްޓަކައި މަގުފަހިކޮށްދޭ ކަންކަން. މަގުހެދުން ކަމުގައިވިޔަސް، މި ދެންނެވި ގޮތަށް، ޓޫރިޒަމްގެ ދާއިރާއިން ސީދާ ފައިދާވާގޮތަށް ކޮންވެންޝަން ސެންޓަރު ކަމުގައިވިޔަސް، ޑޮލަރު އޭ.ޓީ.އެމް. ކަމުގައިވިޔަސް އަދި ނުސީދާގޮތުން ބެލިކަމުގައިވަންޏާ، ޞިއްޙީ މަރުކަޒަށް އަންނަ ކުރިއެރުންވެސް. އެއީ، ހަމަ މިކަހަލަ ކޮންމެ ކަމަކީ މި ދެންނެވި ގޮތަށް، ގުޅިލާމެހޭ ކަންކަން.
ޞިއްޙީ މަރުކަޒުގެ މިއަދު އިމާރާތަށް ޖާގަ އިތުރުކުރެވިގެން މިދިޔައީ. އެހެންނަމަވެސް، އެ ހިސާބުން އަޅުގަނޑުމެން ނިންމައެއްނުލަން މިކަމެއް. ރައްޔިތުންގެ އުންމީދުތައް ފުދޭގޮތަށް އިތުރަށް އަދި ހުރީ އަޅުގަނޑުމެން ކުރަން ހުރި ކަންކަން. ލެވެލް މަތިކޮށްދީ، 24 ގަޑިއިރު ޚިދުމަތްދޭ މަރުކަޒަކަށް، މި މަރުކަޒު އިރާދަކުރެއްވިއްޔާ ބަދަލުކޮށްދޭނަން. އެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން.
ހަމައެއާއެކީގައި، މިއަދު އަޅުގަނޑުމެންނަށް މި ފެށިގެންދިޔަ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތާއި، މިހާރު ހިނގަމުންދާ ބޮޑުހިލައާ ހަމައަށް ގޮސްފައި އޮތް ބަނދަރުގެ މަސައްކަތާއި، މިއީ އިރާދަކުރެއްވިއްޔާ ހަމަ ވަރަށް ގާތުން އަޅުގަނޑުމެން ވަރަށް އިސްކަންދީގެން ކުރިއަށްގެންދާނެ މަޝްރޫޢުތައް. އަދި ފުލުހުންގެ މަރުކަޒު އެޅުމުގެ މަޝްރޫޢުވެސް. އާދެ، މިކަންކަން ހަމަ އަޅުގަނޑު މި ފާހަގަކޮށްލީ، މިއީ ބައެއް މުހިންމު ކަންތައްތައްވީމަ.
މިސާލަކަށް، ހަދަމުންދާ މިސްކިތެއްވެސް އެބަހުރި. އެ މިސްކިތަށް މުންނާރެއް އިތުރުކުރުމަށްޓަކައި، މިހާރުވާނީ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން އިޢުލާނު ކުރެވިފައި. މި މަސައްކަތް މިހާރު ގޮސްފައި އޮތް ހިސާބުން، އަންނަ ރަމަޟާންމަސް ފެށެންވާއިރަށް މިސްކިތް ނިންމައި އިރާދަކުރެއްވިއްޔާ ރޯދައަށް ހުޅުވިގެންދާނެ. މި ހުރިހާ ކަމެއްގެ އިތުރަށް، އެންމެ މުހިންމު ކަމަކީ ގެދޮރުގެ، ނޫނީވިއްޔާ ގޯތީގެ މައްސަލަ ހައްލުކުރުން. މި ރަށުގައި މި ކަންތައް ވަރަށް ބޮޑަށް މިއޮތީ، އާންމު ގިނަ ރައްޔިތުންގެ މަޞްލަޙަތަށް އެންމެ ބޮޑަށް ހައްލު ނުލިބޭކަހަލަ ގޮތަކަށް މިހާތަނަށް މިކަން އައިސްފައި އޮތީ. އެއްކަމަކީ، ލޭންޑް ޔޫސް ޕްލޭން، އެންމެ އެކަށީގެންވާ ގޮތަކަށް ހެދިފައި ނެތިދިޔައީ. މިހާރު މިއޮތީ ކޮންމެވެސް ގޮތަކަށް އެކަމަށް ހައްލެއް އަޅުގަނޑުމެންނަށް ގެނެވިފައި. ލޭންޑް ޔޫސް ޕްލޭންގައި ހިމެނިއްޖެ ގޯތިތަކެއް. އެހެންނަމަވެސް، އަދިވެސް ބޭނުންވާ އަދަދަކަށް ގޯތި ހިމެނިފައެއް ނެތް. އަދި މިކަމަށް ކަނޑައަޅާ އުސޫލުވެސް ވާންޖެހޭނީ ވަރަށް އިންޞާފުވެރި އުސޫލަކަށް. ރަށްރަށުގެ ކައުންސިލްތަކަށް މި އޮންނަނީ މަތިކޮށްފައި، ރަށްރަށުގައި ގޯތި ދިނުމާއި، އެ އުސޫލު ހެދުމާ، މި ހުރިހާ ކަމެއްވެސް.
އެހެންވީމާ، މި ރަށުގެ ކައުންސިލުންވެސް އަދި އެހެން ރަށްރަށުންވެސް ކައުންސިލްތަކުން އުސޫލު ހަދަންޖެހޭނީ، ރަށުގެ ރައްޔިތުންގެ އެންމެ މަތީ މަޞްލަޙަތުތައް އިސްކަންދީގެން ހުރިހާ ރައްޔިތުންނަށް ޝާމިލުވާގޮތަށް، ޙިމާޔަތްވާ ގޮތަށް. ހަމަހަމަކަމާއެކީގައި، އަދުލުވެރިކޮށް، އިންޞާފުވެރިކޮށް. އެހެންވީމާ، އެކަން ޔަޤީންކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ވުޒާރާގެ ލަފަޔާއި އަދި ޕޮލިސީ ޑައިރެކްޝަން ހޯދަން ޤާނޫނުގައި މި އޮންނަނީ. ގަވާއިދު، ނޫނީވިއްޔާ ގޯތި ދިނުމާބެހޭ އުސޫލެއް އިޢުލާނުކުރާއިރުގައި.
އެހެންވީމާ، މިކަމުގައި މި ރަށުގައި މި ކަންތައް މިހާތަނަށް ދިގުލައިގެންދިޔަ ދިޔުން ރަނގަޅުކުރުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑަށް އެހީތެރިކަން ދޭނަން. މިހާރު މި ފާސްކުރެވިފައި އޮތް ލޭންޑް ޔޫސް ޕްލޭނަށްވެސް އަދި އިތުރު ގޯތި އިތުރުކުރަންޖެހޭ ކަމަށް، މި ދަތުރުގައި އަޅުގަނޑަށް ރަށުގެ ރައްޔިތުންގެ ކިބައިން މަޢުލޫމާތު ލިބިފައިވޭ. އެހެންވީމާ، މަދުވެގެން 50 ގޯތި ދެވޭވަރަށް، ލޭންޑް ޔޫސް ޕްލޭން އިޞްލާޙު ކޮށްދިނުމުގައި ސަރުކާރުން އެހީތެރިކަން ދޭނަން. އަދި އޭގެ އިތުރަށް، މި ރަށުގައި މި ދެންނެވިހެން، ހުރިހާ ރައްޔިތުންނަށް އެންމެ ހަމަހަމަގޮތުގައި އިންޞާފުވެރިކޮށް ގޯތި ދިނުމުގެ ކަންތައް އިޢުލާނު ކުރެވިގެންދާ ގޮތަށް، ހައުސިންގ މިނިސްޓްރީން އެ މަސައްކަތް އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ބޭނުންވާގޮތަށް މިކަމުގައި، އުސޫލު ބައްޓަންކޮށްދިނުމުގައި އެހީތެރިކަންދޭނަން. އެ އުސޫލު ހަދާފައި، ކައުންސިލަށް އަޅުގަނޑުމެން ފޮނުވާނަން. ކައުންސިލުން އެ އުސޫލު ރައްޔިތުންނަށް ހާމަކޮށްދީ، އެކަމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށްފަހު ފައިނަލްކުރާ ގޮތަށް.
އެހެންވީމާ، ސަރުކާރުން، މި ރަށުގައި މިއޮތް ގޯތިދިނުމުގެ މައްސަލައަށް އެންމެ އިންޞާފުވެރިކޮށް ހައްލު ގެނައުމަށް، ކަމާބެހޭ ވުޒާރާއިން އިސްނަގައިގެން މި ދެންނެވި މައްސަލަ ހައްލުކުރުމަށް، ގޯތިދިނުމުގެ އުސޫލު ހެދުމާއި، އަދި ލޭންޑް ޔޫސް ޕްލޭންގައި މަދުވެގެން 50 ގޯތި ދެވޭގޮތަށް އިތުރަށް ބަދަލުތައް ގެނެސްދިނުމާ، ދެ ކަންތައް އަޅުގަނޑުމެން އެހީތެރިކަންދީގެން އިރާދަކުރެއްވިއްޔާ ގެންގޮސްދޭނަން.
އަޅުގަނޑު އެދެނީ މިކަން ހައުސިންގ މިނިސްޓްރީން ކުރުމާއެކީގައި، ވަގުތުން އެކަމުގައި ކައުންސިލުންވެސް ފުރިހަމަ އެއްބާރުލުންދީގެން އެކަން ކުރިއަށް ގެންގޮސްދިނުމަށް. އޭރުން ދާދިއަވަހަށް މިއީ ހައްލުވެދާނެ މައްސަލައެއް. މި ރަށުގައި ބިމުގައި އެހާ ބޮޑު މައްސަލައެއް، ދަތިކަމެއް އޮތީކީއެއްނޫން. މިއޮތީ ރައްޔިތުން އެންމެ އެދޭގޮތަށް އިންޞާފުވެރިކޮށް މިކަން ހައްލުކުރުން. ސަރުކާރުން ބޭނުންވަނީ އެގޮތަށް އެކަން ގެންދަން.
އެހެންވީމާ، އަޅުގަނޑު އެދެން، ކައުންސިލްގެ ކިބައިން މި ދެންނެވި ގޮތަށް، ސަރުކާރުން މިކަން މިގޮތަށް ގެންދިޔުމުގައި، ފުރިހަމަ އެއްބާރުލުން ކައުންސިލުން ދެއްވުމަށް. ސަރުކާރުން މަސައްކަތް ކުރާނީ، ރައްޔިތުން ބޭނުންވާގޮތަށް. އެހެންވީމާ، ރައްޔިތުންގެ ގާތަށް މި އަންނަނީވެސް. ރައްޔިތުން ބޭނުންވާ ކަންކަން ގާތުން އޮޅުންފިލުވަން. ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ގެންދަން.
އެހެންވީމާ، އަޅުގަނޑު މިކަމާ ބެހޭގޮތުން ކުރުކޮށް ދަންނަވާލަން ބޭނުންވަނީ، މި ހުރިހާ ތަފްޞީލެއްގެ ސަމަރީއެއްގެ ގޮތުގައި، މި ރަށުގެ ރައްޔިތުންގެ ގޯތި ދިނުމުގެ މައްސަލަ ހައްލުކޮށްދިނުމުގައި، ރައްޔިތުން އެދޭގޮތަށް، ކޮށްދޭންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކޮށްދޭނެކަމުގެ ޔަޤީންކަން އަރުވަމޭ. އެ ޔަޤީންކަން ދެން.
އާދެ، މި ދެންނެވި ކަންކަން އަޅުގަނޑު މި ފާހަގަކޮށްލީ. ދެން ހަމަ އިރާދަކުރެއްވިއްޔާ އިތުރަށްވެސް މުހިންމު ވަރަށް ގިނަ މަސައްކަތްތައް އެބަހުރި. ސްޕޯޓްސް ފިޝިންގ ބޮއެއް އެޅުމުގެ ކަންތައްވެސް ކުރިއަށް ގެންދިޔުން އެބައޮތް. މޫދަށް އެރޭ ސަރަޙައްދެއް ހެދުމުގެ ކަންތައްވެސް، މި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ތެރެއިން އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ. އެހެންވީމާ، މި ހުރިހާ ކަމެއް އެބައޮތް. ހަދައި ނިމުނުއިރު ހަލާކުވެފައި ހުރި ފިޓްނަސް ސެންޓަރެއްވެސް އެބަހުރި. މިއީ، ސަރުކާރު އައިއިރުގައި އަޅުގަނޑުމެންނަށް ވާރުތަވެފައިހުރި ބައެއް މަޝްރޫޢުތައް. ވަރަށް ގިނަ ރަށްރަށުގައި ހަމަ މި ސޭމް ޑިޒައިންގައި ހަދާފައި، ހަލާކުވެފައި ހުރި ތަންތަން އެބަހުރި. އެހެންވީމާ، މި މައްސަލަ ހައްލުކުރުމަށްވެސް އެބަ މަސައްކަތް ކުރަން.
އެހެންވީމާ، ޖުމްލަކޮށް މި ދެންނެވި ހުރިހާ ކަމެއް މިއޮތީ. ކޮންމެ ރަށެއްގައި ހަދާގޮތަށް އަޅުގަނޑު އިޢުލާނުކުރި ތަންތަންވެސް މި ރަށުގައި ހެދޭނެ. މިސާލަކަށް، ކުޑަކުދިންގެ ޕާކު، އައުޓްޑޯ ޖިމް. މިހިރީ މި އަހަރާއި މި އަންނަ އަހަރާ ދެ އަހަރަށް ބަހާލައިގެން، ރާއްޖޭގެ ހުރިހާ ރަށެއްގައި އަޅުގަނޑުމެން ނިންމާ ތަންތަން. އެހެންވީމާ، މި ރަށަށްވެސް އެ ތަންތަންވެސް އަންނާނެ.
އެހެންވީމާ، ޖުމްލަކޮށް، މި ދެންނެވި ކަންކަން އަޅުގަނޑު މި ދެންނެވި ގޮތަށް، މިއަދު ފެށުނު މަޝްރޫޢުތަކާއި، ސޮއިކުރެވުނު މަޝްރޫޢުތަކާއި، އަދި ދެން މިހިރަ ކަންކަން، މި ދެންނެވި ގޮތަށް ކުރިއަށްދާނެކަމުގެ ޔަޤީންކަން އަނެއްކާވެސް ތަކުރާރުކޮށް ތިޔަބޭފުޅުންނަށް އަރުވަމުން އަޅުގަނޑު ވަކިވެލާނަން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.