بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ދަނގެތީގެ ލޮބުވެތި އެންމެހައި ރައްޔިތުން، ރަށުގެ ކައުންސިލްގެ ރައީސް، އަދި މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ރަށުގެ އެންމެހައި ކައުންސިލަރުން، ރަށުގެ މުއައްސަސާތަކުގެ ވެރިން، މި ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، އަދި ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަދި މި ޖަލްސާ އަޑުއައްސަވާ، ބައްލަވާ، ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މި އަތޮޅަށް މި ފެށި ދަތުރުގައި މިއަދު ހެނދުނު މި ރަށަށް، ދަނގެއްޗަށް އާދެވުމުން، ރަށުގެ ލޮބުވެތި ރައްޔިތުން ވަޑައިގެން، އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، މި ރަށުގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، މިއަދު އަޅުގަނޑު މި ރަށަށް މިއައީ، ރިޔާސީ އިންތިޚާބުގައި އަދި އޭގެފަހުންވެސް ރައްޔިތުންނާ ބައްދަލުވެ، ރައްޔިތުން އެދިވަޑައިގެންފައިވާ ކަންކަން ކޮށްދިނުމަށްޓަކައި ވީ ވަޢުދުތައް ޢަމަލީގޮތުން ފުއްދުމުގެ މަސައްކަތް ކުރަން ފެށުމަށް. އެގޮތުން ވަރަށް ގިނަ މަސައްކަތްތަކެއްގެ ޢަމަލީ މަސައްކަތް ބިންގާއެޅި، އަދި ވަރަށް ގިނަ މަޝްރޫޢުތަކެއްގެ އެއްބަސްވުންތަކުގައި މިއަދު މި ސޮއިކުރެވިގެން އެ ދިޔައީ.

އާދެ، މިގޮތުން ބަލާއިރުގައި، މިއަދު އަޅުގަނޑުމެން މި ސޮއިކުރި ސްކޫލްގެ އިމާރާތުގެ މަސައްކަތަކީ، ޙަޤީޤަތުގައިވެސް މި ރަށުގެ ސްކޫލަށް ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ މުހިންމު މަސައްކަތެއް. އަޅުގަނޑު ވަޢުދުވީ ވަރަށް މުހިންމު ކަމެއް. 10 ކުލާސްރޫމާ އެކީގައި، މަލްޓި ޕާޕަސް ހޯލެއް އެޅުމަށްޓަކައި އަޅުގަނޑުމެން މި ހަވާލުކުރި މަސައްކަތަކީ، އިރާދަކުރެއްވިއްޔާ އެ މަސައްކަތް ނިމިގެން ދިޔުމުން، ރަށުގެ ސްކޫލަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ، ކުދިންނާއި ޓީޗަރުންނަށް، ބެލެނިވެރިންނަށް، ހުރިހާ ފަރާތްތަކަށްވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމެއް. މިކަން އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ހަމަ މި ސޮއިކުރެވުނު ގޮތަށް، މި އަހަރުގެ ތެރޭގައި މާލަސްތަކެއްނުވެ ޢަމަލީގޮތުން މަސައްކަތްތައް ފެށި، ވަރަށް ބާރުމިނުގައި، ވަރަށް ހަލުވި ދުވެލީގައި ގެންގޮސް ނިންމައިދޭނަން. އިރާދަކުރެއްވިއްޔާ، އޭގެ ފުރިހަމަ ނަތީޖާ ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ ކަމެއް މިއީ.

އޭގެކުރިންވެސް، މި މަސައްކަތް ނިމެންދެންވެސް މި ތަނުގައި، މި ހޯލުގައި، މި ހޫނުމިނުގައި މި ބޭނުންކުރާ ކުރުމަށްވެސް ރަނގަޅު ބަދަލެއް ގެނެސްދިނުމަށްޓަކައި، މިހާރު އަޅުގަނޑުމެން މި ކުރިއަށް ގެންދަނީ، މުޅި ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ހުރިހާ ކުލާސްރޫމްތަކެއް އޭސީ ކުރުމުގެ މަޝްރޫޢެއް. އެ މަޝްރޫޢު މި އަހަރުގެ ނިޔަލަށް ނިމި ހުރިހާ ރަށެއްގެ، ހުރިހާ ސްކޫލެއްގެ ހުރިހާ ކުލާސްރޫމެއް އޭސީކޮށް ނިމޭނެ. އޭގެ އިތުރަށްވެސް، ހޯލުތައް އޭސީ ކުރުމުގެ ދެވަނަ ފިޔަވައްސެއްވެސް ފެށުމަށްވަނީ ނިންމާފައި. އެގޮތުން ބަލާއިރުގައި، މި ރަށުގެ މި ސްކޫލްގެ ކުލާސްރޫމްތައް އަދި ހޯލު މިއަހަރުގެ ތެރޭގައި އޭސީ ކޮށްދޭނެ ކަމަށް ތިޔަބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި ތަނުގެ މި ދާއިމީ މަޝްރޫޢު ނިމުމުން، ކުލާސްރޫމްތަކާއި، ސްޓާފް ރޫމް، ނޫނީވިއްޔާ އެކަހަލަ މުހިންމު ހުރިހާ ތަންތަނަކާއި ހޯލް، އެކީގައި، ފަސޭހަ ހިތްހަމަޖެހޭ ތަންތަނަށްވާނެ.

އޭގެ އިތުރަށް، އަޅުގަނޑުމެން މި ސޮއިކުރި ބިންހިއްކުމުގެ މަޝްރޫޢުން ހަމަ ޔަޤީނުންވެސް ރަށުގެ ޒުވާނުންނަށް އަދި ހަމަ ހުރިހާ ފަރާތްތަކަށްވެސް ގޯތިދިނުން، ނޫނީވިއްޔާ ގެދޮރުގެ މައްސަލައަށާއި، އަދި ޢުމްރާނީގޮތުން، އިޤްތިޞާދީގޮތުން، އިޖުތިމާޢީގޮތުން ބޭނުންޖެހިފައިވާ މުހިންމު ކަންކަމަށް އިތުރުވެގެންދާ ވަރަށްބޮޑު ބިމެއް، ޖާގައެއް އިތުރުވެގެންދާނެ ކަމެއް. ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް، މި މަޝްރޫޢު އަޅުގަނޑުމެން ބައްޓަންކޮށްފައި މިއޮތީ.

އަދި ހަމައެއާއެކީގައި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢަކީވެސް ވަރަށް މުހިންމު މަޝްރޫޢެއް. ބަނދަރު ހެދުމަށް އަޅުގަނޑުމެން ނިންމާފައި މިއޮތީވެސް، ރައްޔިތުން ބޭނުންވެލައްވާ ކޮންސެޕްޓުގައި. މި ހުރިހާ ކަމެއް، އެ ޞިނާޢީ މަސައްކަތާއި، ހުރިހާ ކަމެއްވެސް އެއޮތީ، ޑިޒައިން ކޮންސެޕްޓުގެ ހުރިހާ ކަމެއްވެސް ހަމަޖެހިގެން ގޮސްފައި، ރައްޔިތުން ބޭނުންވާ ގޮތަށް.

އެހެންވީމާ، އިރާދަކުރެއްވިއްޔާ ބަނދަރާއި، ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމާއި، މި ތިން ކަންތައް މިއީ ގުޅިލާމެހިފައި އޮތް ތިން ކަންތައް. މި ތިން މަސައްކަތް އެމް.ޓީ.ސީ.ސީ.އިން ކުރިއަށް ގެންދާނީ، ރައްޔިތުން ބޭނުންވެލައްވާ ގޮތަށް. އިރާދަކުރެއްވިއްޔާ، ވަރަށް ވަރަށް އިސްކަންދީގެން، ވަރަށް ހައި ޕްރިއޯރިޓީގައި މި މަސައްކަތް ކުރިއަށްދާނެ. ސަބަބަކީ، މިއީ، ރަށުގެ ތަރައްޤީއަށް ވަރަށް ބޮޑަށް ބޭނުންޖެހިފައި އޮތް ޙައްލުކުރަންޖެހޭ ތިން މައްސަލަ. އެހެންވީމާ، އެ ކަންތައްތައްވެސް އެގޮތުގައި، އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ ކަމުގެ ޔަޤީންކަން، އަޅުގަނޑު ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަރުވަން.

ހަމައެއާއެކީގައި، އަޅުގަނޑުމެން މިއަދު ޢަމަލީ މަސައްކަތް ފަށައިފިން، ތިން މަސައްކަތެއްގެ. ރަށުގައި ކައުންސިލަށް ބޭނުންވާ އިމާރާތް އެޅުމާއި، ފުލުހުންގެ އިދާރާއެއް އެޅުމާއި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއް އެޅުމާ، މި ހުރިހާ ކަންކަމަކީވެސް، ރަށުގެ މި ދެންނެވި ތިން ދާއިރާގެ މަސައްކަތްތަކަށްވެސް، ދާއިރާގެ ރައްޔިތުންނަށްވެސް، ބޭނުންކުރާ ފަރާތްތަކަށް ވަރަށް މުހިންމު ކަންކަމަށް ވެގެން އެބަދޭ.

އާދެ އޭގެއިތުރަށްވެސް، އިރާދަކުރެއްވިއްޔާ ކުޅިވަރުގެ ދާއިރާއިން އަޅުގަނޑުމެން ކުރަން ނިންމާފައި އޮތް، މުހިންމު ކަމެއް ދަންނަވާލާނަން. އެއީ، ފުޓްބޯޅަ ދަނޑެއް ތަރައްޤީކޮށްދިނުމަށްޓަކައި، ޒަމާނީ ރަނގަޅު ފެންވަރުގެ ފުޓްބޯޅަ ދަނޑެއް އަޅައިދިނުން. މި ރަށުގައި އެބަހުރި، އެހެން ކަހަލަ ދަނޑުތައް. ފުޓްބޯޅަ ދަނޑެއް އަޅައިދިނުން، އަޅުގަނޑުމެން މި އަންނަ އަހަރަށް ކަނޑައަޅާ ބަޖެޓުގެ ތެރޭގައި ހިމަނައިގެން، މި ރަށުގައި ހަމަ އެންމެ ރަނގަޅު ފެންވަރުގެ ފުޓްބޯޅަ ދަނޑެއް، އިރާދަކުރެއްވިއްޔާ ގާއިމުކޮށްދޭނަން.

އާދެ، އޭގެއިތުރުން ބަލާއިރުގައި، ޞިއްޙީ ދާއިރާއިން އަޅުގަނޑުމެން މިހާރު އޮންނާނީ އެމް.ޓީ.ސީ.ސީ.އާ އެކީގައި އެގްރީމަންޓް ހަދާފައި، ޞިއްޙީ މަރުކަޒަށް ބޭނުންވާ އިތުރު ޖާގަ ކްރިއޭޓް ކުރަން، ނޫނީވިއްޔާ އިމާރާތް އެޅުމަށް. އެކްސްޓެންޝަނާއި އަދި އެއަށް ބޭނުންވާ ހުރިހާ އިންފްރާސްޓްރަކްޗަރއެއް ގާއިމުކުރުމަށް. ދެން އިރާދަކުރެއްވިއްޔާ، ދާދި އަވަހަށް އެ މަސައްކަތް ފެށުމަށް އެދަނީ ތައްޔާރުވަމުން. ވީހާވެސް އަވަހަކަށް، ބިން ހަމަޖެހުމުގެ ކަންތައްވެސް ކައުންސިލުން ކުރިއަށް ގެންދާކަން މިއަދު އަޅުގަނޑަށް އެނގިފައިވޭ. އެހެންވީމާ، އެ މަސައްކަތް ފެށުމަށްޓަކައި ބިން ލިބުނުހާ އަވަހަކަށް، އެމް.ޓީ.ސީ.ސީ.އިން އެ މަސައްކަތް ފަށާނެ. އެވެސް ހަވާލުކޮށްފައި އޮތް މަސައްކަތެއް. މި އަހަރު ތެރޭގައި އެ މަސައްކަތްވެސް ފެށިގެން، ބާރު ސްޕީޑުގައި ދާނެ ކަމެއް އެއީ. އެހެންވީމާ، އެއީވެސް ހަމަޖެހިފައި އޮތް ކަމެއް.

ދެން، އަޅުގަނޑު ދަންނަވާލަން ބޭނުންވާ މުހިންމު އަނެއް ކަމަކީ، ޓޫރިޒަމްގައި، ލޯކަލް ޓޫރިޒަމްގައި ވަރަށް މުހިންމު ރަށެއް މިރަށަކީ. ވަރަށް ގިނަ ފަރާތްތައް އެކަމުގައި ޝާމިލުވާ، ވަރަށް ބޮޑު އާމްދަނީއެއް ރަށަށް ލިބޭ ކަމަކަށްވާއިރުގައި، މި އަންނަ އަހަރުގެ ފުރަތަމަ ތިންމަސް ތެރޭގައި، މާރިޗު މަހުގެ ކުރިއަށް، އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި ރަށުގައި ޑޮލަރު އޭ.ޓީ.އެމް.އެއް ބަހައްޓައިދޭނެ ކަމުގެ ޔަޤީންކަން އަރުވަން.

އާދެ އެހެންވީމާ، މި ދެންނެވި ކަންކަމަކީ، މިހާރު ކުރިއަށް ގެންދިޔުމަށް އަޅުގަނޑުމެން ނިންމާފައިވާ މައިގަނޑު ކަންކަމުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަން.

އާދެ، އިންޑިއާގެ ހައި އިމްޕެކްޓް ފަންޑުގެ ތެރެއިން، މި ރަށުގައި ގާއިމުކުރެވޭ ކަލްޗަރަލް ސެންޓަރުގެ ކަންތައް، ކަމާބެހޭ ފަރާތާ ގުޅިގެން، އަޅުގަނޑުމެން އެބަ ބަލަން، ވީހާވެސް އަވަހަކަށް އެކަން ހަމައަކަށް އެޅުވިގެން، ރަނގަޅަށް ކުރިއަށް ގެންދަން. އެއްވެސް އިޝޫއެއް އޮތްކަން އެނގިފައި އޮތް ކަމެއްނޫން އެއީ. އެހެންވީމާ، އަޅުގަނޑަށް އެކަމުގައި ވަކި ކޮމިޓްމަންޓެއް މިއަދު ނުދެވެނީ. އެހެންނަމަވެސް، އެއީ ހަމަޖެހިފައި އޮތް ކަމެއްކަން އަޅުގަނޑަށް އެނގޭ.

އާދެ، ދެންހުރި މަޝްރޫޢުތަކަކީ، މި ދެންނެވި ގޮތަށް، އަޅުގަނޑު ދެންމެ މި ބަޔާންކުރި ގޮތަށް، ހަމަ ރަނގަޅަށް، ބާރަށް ކުރިއަށްދާނެ ކަންކަން. މި ހުރިހާ މަސައްކަތްތަކަކީވެސް، ސޮއިކުރެވުނު މަޝްރޫޢުތައްވެސް، އަދި ޢަމަލީގޮތުން ބިންގާ އެޅިގެންދިޔަ މަސައްކަތްތައްވެސް، އަދި މިހާރު ފެށުމަށް މި ތައްޔާރުވި، މި ބަނދަރުގެ މަސައްކަތް ކަމުގައިވިޔަސް، ވަރަށް އިސްކަންދީގެން، ކަމާގުޅޭ ވުޒާރާތަކުން، ކަމާގުޅޭ ކުންފުނިތަކުން ގެންދާނެ ކަންތައްތައް.

އިރާދަކުރެއްވިއްޔާ، މި ކަންކަން ވެގެންދިޔުމުން، ދަނގެތީގެ ތަރައްޤީއަށް ލިބިގެން އެދަނީ، ވަރަށް ބޮޑެތި ކުރިއެރުންތަކެއް. ވަރަށް މުހިންމު ކުރިއެރުންތަކެއް. އެ ކަންކަމުގައި މި ސަރުކާރުން ވަރަށް އިސްކަންދީގެން، ރައްޔިތުންނަށް ކަންކަން ކޮށްދޭނަން. އިރާދަކުރެއްވިއްޔާ، އެ ކަންކަން ޙަޤީޤަތަކަށް ހަދައިދޭނަން. އެހެންވީމާ، ހަމަ އެ ޔަޤީންކަން ދޭންވެގެން، އަޅުގަނޑު މިއަދު މިތަނަށް މިއައީ.

އާދެ، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، ތިޔަބޭފުޅުން ތިޔަ ބަހައްޓަވާ ގާތްކަމާއި، ދެއްވާ ތަރުޙީބަށް. އިރާދަކުރެއްވިއްޔާ، ސަރުކާރުން ރައްޔިތުން އެދޭގޮތަށް، މި ހުރިހާ ކަމެއް ކޮށްދޭނެ ކަމުގެ ޔަޤީންކަން އަދިވެސް އަރުވަން. އެއާއެކީގައި، އަޅުގަނޑު މިއަދު ވަކިވެލާނަން.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ ހުރިހާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. ރާއްޖޭގެ ރައްޔިތުންނަށް އުފާފާގަތިކަން މިންވަރު ކުރެއްވުން. އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.