ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަރިއަތޮޅު ދެކުނުބުރީ ދަނގެތި ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު އދ. ދަނގެތި ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވާފައެވެ. މިގޮތުން ކައުންސިލުން ވަނީ، ރަށު ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދެވުމުގައި ރައްޔިތުން ބޭނުންވާގޮތަށް ދިގުމުއްދަތުގައި ބޭނުންކުރެވޭނެ ގޮތަށް އެ ބަނދަރު ހައްދަވައިދެއްވުމާއި ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް އަވަސްކޮށްދިނުމުގެ އިތުރުން ރަށުން ބިން ހޯދުމަށް ރައްޔިތުން އެދޭކަމަށާއި ރަށުން ބިން ހިއްކަވައިދެއްވުމަށާއި، ރަށުގައި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗެއް ގާއިމުކޮށްދެއްވައި، ރަށުގައި ޑޮލަރު އޭ.ޓީ.އެމް. އެއް ބަހައްޓަވައިދެއްވުމާއި، ރަށްގިރުން ހައްލުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ރަށުގެ ފުޓްބޯޅަ ދަނޑު ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދެއްވުމަށްވެސް ކައުންސިލަރުން އެދިވަޑަގެންނެވިއެވެ. މީގެއިތުރުން ސްކޫލުގެ އިމާރާތުގެ ހާލަތު ރަނގަޅުކުރުމަށް، ސްކޫލަށް އިތުރު އިމާރާތާއި ކްލާސްރޫމްތައް ބޭނުންވާކަން ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.