އުސްފަސްގަނޑު ސަރަހައްދުގައި ޤާއިމްކުރެވޭ ދާއިމީ ސްކޭޓިން އެރީނާގެ ސަބަބުން ސްކޭޓް ކުޅިވަރުގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ކުރިއަށްދިޔުމަށް ދިވެހި ޒުވާނުންނަށް ގިނަ ފުރުޞަތުތައް ފަހިވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓުގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ދާއިމީ ސްކޭޓިން އެރީނާގެ މަޝްރޫޢަކީ ކުޅިވަރާއި އިޖުތިމާޢީ ގޮތުން ގިނަ މަންފާތަކެއް ލިބޭނެ މުހިންމު މަޝްރޫޢެއްކަމަށާއި، މިއީ ޒުވާނުންގެ ކުރިއެރުމާއި މުޖުތަމަޢުގެ ދުޅަހެޔޮކަމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. އަދި މި މަސައްކަތް ފެށިގެންދާ މުނާސަބަތުގައި ރޯލަރސްކޭޓާއި ސްކޭޓްބޯޑު ކޮމިޔުނިޓީއަށް އެމަނިކުފާނު ވަނީ މަރުޙަބާ ދަންނަވާފައެވެ.
ސްކޭޓިން އެރީނާ ތަރައްޤީކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު އޮތީ ބުރާސްފަތި ދުވަހުގެ ހަވީރު، މާލޭ އުސްފަސްގަނޑު ސަރަޙައްދުގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. ސްޕީޑް ސްކޭޓިން ޓްރެކަކާއި ސްކޭޓް ބޯޑް ޕާކެއް ހިމެނޭ ގޮތަށް ތަރައްޤީކުރާ، ސްކޭޓިން އެރީނާގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރު.ސީ.ސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އާދަމް ރަހީމްއެވެ.