ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އުސޫލުތަކާ އެއްގޮތަށް ހުށަހަޅާފައިވާ އެންމެހާ ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ ކުރިއަށް އޮތް ފަސް ހަފްތާ ތެރޭ ދައްކަވާ ނިންމަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން މިރޭ ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ޕޯސްޓުގައި، 17 ނޮވެމްބަރު 2023 ގައި ސަރުކާރު ހިންގުމާ އެމަނިކުފާނު ހަވާލުވެވަޑައިގެންނެވިއިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް މަސައްކަތް ކުރުވައި، ފައިސާނުދީ ހުރި އެތައްހާސް ބިލުތަކެއް ހިމެނޭހެން، ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅާފައިވާ އެންމެހައި ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ، ކުރިޔަށް އޮތް ފަސް ހަފްތާ ތެރޭ ދައްކަވާ ނިންމަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިކަމަކީ ފުން އަނދަވަޅެއްގައި އޭރު އޮތް ދިވެހި އިޤްތިޞާދު ނަގާ ކޮޅަށްޖެހުމުގައި ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ޙާސިލްކުރެވޭ ވަރަށް ބޮޑު ކާމިޔާބިއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ.