بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ތިމަރަފުށީގެ ލޮބުވެތި އެންމެހައި ރައްޔިތުން، ކައުންސިލްގެ ރައީސް، މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، އެންމެހައި ކައުންސިލަރުންނާއި، މި ރަށުގެ މުއައްސަސާތަކުގެ ވެރިން، މި ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަދި މި ޖަލްސާ، ދުރާއި ގާތުން ބައްލަވާ، އަޑުއައްސަވަމުން ގެންދަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، މިއަދު ހަވީރު އަޅުގަނޑުމެންނަށް މި ރަށަށް އާދެވުނު ވަގުތު، ތިމަރަފުށީގެ ލޮބުވެތި ރައްޔިތުން ވަޑައިގެން، އަޅުގަނޑުމެންނަށް ވިދާޅުވި ވަރަށް ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، ވަރަށް ބޮޑަށް ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން.

އާދެ، މިއަދު އަޅުގަނޑު މި ރަށަށް އައި މައިގަނޑު މަޤްޞަދަކީ، ތިޔަބޭފުޅުންނާ ބައްދަލުކޮށް، މި ރަށުގެ ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންކަން ކުރިއަށް ގެންދިޔުމުގައި، އެ ކަންކަން ފެށްޓުމާއި، އަދި ކުރިއަށް ހުރި ކަންކަން ކުރިއަށް ގެންދިޔުމަށް ގަސްދުކުރާގޮތް ދަންނަވާލަން. މީގެތެރެއިން، ބައެއް ކަންކަމަކީ، ހަމަ ޔަޤީނުންވެސް އަޅުގަނޑު ވަޢުދުވެފައި ހުރި ކަންކަން. އަދި، އޭގެއިތުރަށްވެސް، ބައެއް ކަންކަން އެބަހުރި.

އާދެ، މި ރަށުގެ ރައްޔިތުންނަށް ތަރައްޤީގެ މައިދާނުގައި، އެންމެ އެކަށީގެންވާ ގޮތަކަށް ޙަޤީޤަތުގައިވެސް މިދިޔަ ދުވަސްތަކުގައި ނެތް ކަންތައްތަކެއް ހަމަޖެހިފައެއް. އެހެންވީމާ، އަޅުގަނޑުގެ ޒިންމާއެއް ގޮތުގައި އަޅުގަނޑު ދެކެނީ، އަދި އަޅުގަނޑުގެ މަސްއޫލިއްޔަތެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ، މިކަން ރަނގަޅުކުރުން. ހުރިހާ ރައްޔިތުންނަކީ ހަމަހަމަ ރައްޔިތުން. އެންމެންނަށް ހަމަހަމަކަމާއެކީގައި، ސަރުކާރުން ރައްޔިތުންނަށް ޚިދުމަތް ދޭންޖެހޭމެ. އެހެންވީމާ، މި ރަށުގެ ތަރައްޤީއަށް ހުރި މުހިންމު ކަންކަމުގައި ކުލަޖައްސައިދީ، ޢަމަލީގޮތުން ކަންކަން ހާސިލުކޮށްދިނުމަކީ، އަޅުގަނޑުގެ ޒިންމާ. އެހެންވީމާ، އެ މަސައްކަތް ކުރުމަށްޓަކައި، ކުރިއަށް މިދަނީ.

އާދެ އެގޮތުން، ޞިއްޙީ ދާއިރާއިން ހަމަ ޔަޤީނުންވެސް ވަރަށް ބޮޑު އިހުމާލުތަކެއް ވެވިފައި އޮތް ރަށެއް މިއީ. އާދެ، އެއް ކަމަކަށް އަޅުގަނޑުމެން މިއަދު ހަމަ ޔަޤީނުންވެސް މި ފެށިކަމަކީ، އެ މަޝްރޫޢެއް ނިމުނީމާ، މި ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް. އެއީ، 30 އެނދުގެ ފުލް ފްލެޑްޖް، ހުރިހާ ކަމެއް ފުރިހަމަވެފައި ހުންނަ ހޮސްޕިޓަލެއް. އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު މި ފެށީ. އެ މަޝްރޫޢު ނިމުނީމާ ހަމަ ޔަޤީނުންވެސް އެއީ، ވަރަށް ބޮޑުތަނުން މި ރަށުގެ ރައްޔިތުންނަށް ކުރިއެރުން ލިބޭނެ ކަމެއް. އެހެންވީމާ، އެ މަޝްރޫޢު ނިމެން އަދި ހަމަ ޔަޤީނުންވެސް ކޮންމެވެސްވަރަކަށް ވަގުތުކޮޅެއް ނަގާނެ. މަޝްރޫޢު ވަރަށް ބާރު ސްޕީޑުގައި މެދުނުކެނޑި ކުރިއަށްދާނެ. ދަންދެންވެސް، މިހާރުން މިހާރަށްވެސް މި ރަށުގެ ޞިއްޙީ ޚިދުމަތް ރަނގަޅުކުރަން އަޅުގަނޑުމެން ބޭނުން. މިހާރުން މިހާރަށްވެސް.

އެހެންވީމާ، ހޮސްޕިޓަލް އެ އެޅެނީ. ހޮސްޕިޓަލުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ވަރަށް ފުރިހަމަ ކަމާއެކީގައި ދާނެ ބާރަށް. ދަންދެންވެސް، މިހާރުވެސް އަޅުގަނޑުމެން ކުރިއަށް ގެންދަން ގަސްދުކުރާ ކަންކަމަކީ، ޞިއްޙީ ދާއިރާގައި، ޞިއްޙީ މަރުކަޒުތަކުގެ ލެވެލްތަކުގެ ތެރޭގައި ހިމެނޭ އެންމެ މަތީ ލެވެލް، ލެވެލް 4ގެ ޞިއްޙީ މަރުކަޒަކަށް މި ރަށުގެ ޞިއްޙީ މަރުކަޒު ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަންތައްތަކެއް އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް 3 މަސް ތެރޭގައި ނިންމާނަން އަޅުގަނޑުމެން. ދެން އަޅުގަނޑު ތަފުޞީލަކަށް ނުދާނަން. ތިޔަބޭފުޅުންނަށް ޚާއްޞަކޮށް، ޞިއްޙީ މަރުކަޒުގެ، ޞިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ލެވެލް 4ގައިވިއްޔާ ހުންނަންޖެހޭނެ ކަންކަން. ވަސީލަތުގެ ގޮތުން، މުވައްޒަފުންގެ ގޮތުން، ހުރިހާ ގޮތަކުން. އެއީ، މިހާރު ހުރި އިމާރާތުގައި، އަދި އިމާރާތުގައި ކޮންމެވެސްވަރަކަށް އިތުރު އެޖަސްޓްމަންޓެއް ގެންނަންޖެހެންޏާވެސް، އެ މިނިމަމް އެޖަސްޓްމަންޓެއްގެ ތެރެއިން އަޅުގަނޑުމެން ކުރާނެ ކަންތައް. އެހެންވީމާ، ހޮސްޕިޓަލް ނިމެންދެންވެސް، އިރާދަކުރެއްވިއްޔާ މި މަސައްކަތް، މި ދެންނެވި ލެވެލް އަޕްގްރޭޑް ވުމަށްފަހު ދެން ހުންނާނީ އެ ލެވެލްގައި. ދެން، ހޮސްޕިޓަލް ނިމުނީމާ، ހޮސްޕިޓަލް ކެޓަގަރީއަށް ދާނެ. އެހެންވީމާ، މިއީ އަޅުގަނޑު ހިތުން ހަމަ ޔަޤީނުންވެސް މިއަދު އަޅުގަނޑުމެން މި ސޮއިކުރި ދެ މަޝްރޫޢަށްވުރެވެސް ޙަޤީޤަތުގައި ރައްޔިތުންނަށް ވަރަށް މުހިންމު ކަންތައްތައް. މި ސޮއިކުރެވުނީވެސް މުހިންމު ކަންތައްތައް.

ބަނދަރުގެ ޙާލަތު ވަރަށް ދަށް. އެހެންވީމާ، ބަނދަރު، އަޕްގްރޭޑެއް ނޫން މިއީކީ ޙަޤީޤަތުގައެއް. މިއީ، މުޅިން އާ ބަނދަރެއް މި ހެދެނީ. މިހާރު އޮތް ބަނދަރު އޮތް ތަނަށްވުރެ، އެ ތަނުގައި އަޕްގްރޭޑް، ނޫނީވިއްޔާ މުޅިން އާ ބަނދަރެއް ހެދި، ބޮޑުކުރެވި، މިހާރަށްވުރެ މާބޮޑަށް ބޮޑު، އާ ބަނދަރެއް މިހެދެނީ. ޙަޤީޤަތުގައި މީގެ ސަބަބުން، އެއަރޕޯޓުގެ ބޭނުމާއި، އަދި މި ރަށުގައި ދުވަހުން ދުވަހަށް ބޭނުންތައްކުރުމާއި، މި އެތައް ކަމަކަށް މީގެ ސަބަބުން ކުރިއެރުން ލިބޭނެ ކަމެއް މިއީ.

ދެން، ހަމައެއާއެކީގައި މަގުތައް. މަގުތަކުގައި ތާރުއަޅާ ހިސާބަށް ގޮސްފައި މިހާރު މިއޮތީ. އެ މަސައްކަތް، އެ އެގްރީމަންޓުގެ ތެރެއިން، އާރު.ޑީ.ސީ.އިން ވަރަށް އަވަހަށް ކުރިއަށް ގެންދާނެ. ދެން، ތާރުއަޅަންޖެހިފައި ހުރި މިފަދަ އެހެން ރަށްރަށުގެ މަސައްކަތާއެކީގައި، މިހާރު އާރު.ޑީ.ސީ.އިން އެބަ ތައްޔާރުވޭ، މެޝިނަރީޒާއި، އިކްއިޕްމަންޓްސްއާއި، ރާއްޖޭގައި މިހެން ހުރި ހުރިހާ ރަށަކަށް ހަމަކޮށް، ވަރަށް އަވަހަށް އެ މަސައްކަތް ނިންމާލަން. އޭގެއިތުރަށް، މި ސޮއިކުރީ އިތުރު މަގުތައް ހަދަން. ވަރަށް މުހިންމުކަމާއެކީގައި، ކޮންމެހެން އިސްކަންދޭންޖެހޭ، ދަތިވެފައި ހުރި މަގުތައް މި ރަށުގައި އެބަހުރި. އެހެންވީމާ، ދެވަނަ ފިޔަވަހީގައި މި ސޮއިކުރީ. އެހެންވީމާ، އިތުރު މަގުތައް އޭރުން އެ ހެދިގެންދަނީ. އެހެންވީމާ، މި ދެ މަޝްރޫޢަކީ ހަމަ ޔަޤީނުންވެސް، އެ މަސައްކަތްތަކެއް ކުރެވިގެން ދިޔުމުން، ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ވަރަށް ބޮޑަށް ލިބިގެންދާނެ ކަންކަން.

އާދެ، އޭގެއިތުރަށްވެސް، އަޅުގަނޑުމެން މިއަދު ފުލުހުންގެ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތްވެސް މި ފެށީ. އަދި އޭގެއިތުރަށް، ކުޅިވަރުގެ ދާއިރާއިން، ފުޓްސަލް ދަނޑެއް އެޅުމަށްވެސް މިއަދު މަސައްކަތް މި ފެށީ. އާދެ، ފުޓްސަލް ދަނޑުގެ މަސައްކަތް އިރާދަކުރެއްވިއްޔާ ނިމޭނެ ވަރަށް ބާރު ސްޕީޑުގައި. ފުލުހުންގެ މަރުކަޒުވެސް. ކުޅިވަރުގެ ދާއިރާއިން އަދި އިތުރު ކަންކަން އަޅުގަނޑު ދަންނަވާލަން ބޭނުން. މިހާރު އޮތް އެ ފުޓްބޯޅަ ދަނޑަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އަންނަ އަހަރު ބަޖެޓުގައި ހިމަނައިގެން، ސިޑިބަރިއެއް އިތުރުކުރެވިގެންދާނެ. ސިޑިބަރި މި އިތުރުކުރަނީ، ކޮށްޅަށްތިބެގެން ބެލުމުގެ ބަދަލުގައި، އިށީނދެގެން އެތަން ބޭނުންކުރުމަށް. ދެން، އޭގެ ދަށުގައި ހުންނަ ބައި، ރައްޔިތުންނަށް ފައިދާހުރި ކަމެއްގައި ކައުންސިލަށް ބޭނުންކުރެވޭނެ، ކުއްޔަށްދީގެން، ނޫނީވިއްޔާ އެ ނޫން ބޭނުމެއްގައިވެސް. އެހެންވީމާ، އެއީ އަޅުގަނޑުމެން ފުޓްބޯޅަ ދަނޑަށް އިތުރުކުރާ ކަމަކީ.

ދެން، ވަރަށް ރަނގަޅު އިމާރާތެއް، އެހެންނަމަވެސް، ހަލާކުވަމުންދާ، ޔޫތު ސެންޓަރު، އަޅުގަނޑުމެން މިހާރު ކިޔަނީ، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު. އެތަނަށް ހަދަން އަޅުގަނޑުމެން ގަސްދުކުރާ ގޮތަކީ، މި ރަށުގައި މުޅިން ވަކިން ފިޓްނަސް ސެންޓަރެއް ނޭޅުން. ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރަކަށް މި ރަށަށް ބަޖެޓު ހަމަޖެހިފައި އޮތީ. އަދި، މަސައްކަތް ކުރަންވެސް ހުރިހާ ކަމެއް ހަމަޖެހިފައި އޮތީ. އެ ހުރިހާ ޚަރަދެއް، މި ދެންނެވި، ތިޔަބޭފުޅުންގެ މިހާރު ހުރި އިމާރާތް ރީ-ފަރބިޝްކޮށް، އެތަން ފެންވަރު މަތިކޮށް، އެތަން އިކުއިޕްކޮށް، އެތަން ރަނގަޅުކޮށްދޭން. އެހެންވީމާ، އެގޮތަށް ވަރަށް އަވަހަށް، ކުރިއަށް މިއޮތް މަސްތެރޭގައި އިރާދަކުރެއްވިއްޔާ އެ މަސައްކަތް ފެށިގެންދާނެ. އެހެންވީމާ، އެކަން އަޅުގަނޑު ދަންނަވާލަން. ދެން، މި އަންނަ އަހަރު ބަޖެޓުގައި ހިމަނައިގެން، އަޅުގަނޑުމެން ވޮލީ ކޯޓެއްވެސް މި ރަށުގައި އިރާދަކުރެއްވިއްޔާ ހަދައިދޭނަން. އެހެންވީމާ، އެއީ ކުޅިވަރުގެ ދާއިރާއިން މައިގަނޑު ގޮތެއްގައި ހުރި ދެތިން ހަތަރު ކަމެއް އަޅުގަނޑު މި ފާހަގަކޮށްލީ. އަދިވެސް އިތުރު ކަންކަން ހުންނާނެ. އެހެންނަމަވެސް، މި ދެންނެވީ މައިގަނޑުކޮށް އަޅުގަނޑު ހަމަ ދެތިން ކަމެއް މި ފާހަގަކޮށްލީ.

އާދެ، އޭގެއިތުރަށް، އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، ގެދޮރުގެ މައްސަލައިގައި މި ރަށުގައި ހަދާފައި ހުރި ހައުސިންގ ޔުނިޓުތަކަށް އަދި ޔޫޓިލިޓީޒް ނުގުޅޭ. ފެނާއި، ކަރަންޓާއި، ނަރުދަމާގެ ކަންތައްތައް ނުނިމޭ އަދި. ފެނަކައިން އިރާދަކުރެއްވިއްޔާ އެކަން ވަރަށް އަވަހަށް ނިންމައިދޭނެ. މިހާރު ގޮސްފައި އޮތް ހިސާބުން، ދެންހުރި މަސައްކަތްތައް އެ ބޭފުޅުން ވަރަށް ގާތުން، ވަރަށް އިސްކަމެއްދީގެން، ތަކެތި ގެނެސް، މަސައްކަތްތައް ހަލުވިކުރާނެ. އަޅުގަނޑުމެންގެ އަމާޒަކީ، މި އަހަރު ނިމެންވާއިރަށް، އެންމެ ލަސްވެގެން ނިންމުން. ފަހަރެއްގައި ނުނިމުނު ނަމަވެސް، އިތުރު މަހެއްހާ ދުވަސް އެންމެ ގިނަވިޔަސް ދާނީ. މާނައަކީ، ރަމަޟާން މަސް ފެށުމުގެ ކުރިން، ފެބުރުވަރީ މަސް އައުމުގެ ކުރިން ނިންމައި، އެތަން ލިބިފައިވާ ފަރާތްތަކަށް އިރާދަކުރެއްވިއްޔާ އެތަނަށް ވަދެވޭވަރުވާނެ.

ދެން، ހަމައެއާއެކީގައި، އަގުބޮޑު ވާހަކަ. މި ދެންނެވީ، ސަރުކާރުން މިހާރު އެކި ރަށްރަށުގައި އަޅާފައިހުރި ހައުސިންގ ޔުނިޓުތައް، މި ރަށް ހިމެނޭގޮތަށް، އަޅުގަނޑުމެން ކަނޑައަޅާފައި ހުރި އަގުތައް، ބައެއް ރަށްރަށުގައި އެހާ އެފޯޑަބަލްއެއް ނުވޭ ބައެއް ފަރާތްތަކަށް. އަޅުގަނޑުމެން ވާނީ މިހާރު އެއްކަމަކަށް، މަހުން މަހަށް ދައްކަންޖެހޭވަރު، ހުރިހާ ރަށެއްގައި ކުޑަކޮށްދީފައި. ކުރީގައި، ބައެއް ރަށްރަށުގައި -/5000 ރުފިޔާ ދައްކަންޖެހެނީ. މި ރަށުގައިވެސް އަޅުގަނޑު ހިތުން އެވަރަށް ކުރިން ހުރީ. މިހާރު -/3333 ރުފިޔާއަށް މަހުން މަހަށް ދައްކަންޖެހޭވަރު ވާނީ، ހުރިހާ ރަށެއްގައިވެސް ވާނީ އެންމެ މެކްސިމަމް އަދަދު ކަމަށް ކަނޑައަޅާފައި. އޭގެއިތުރަށް، ޑައުން ޕޭމަންޓެއް ގޮތުގައި ކަނޑައެޅީ، -/20,000 ރުފިޔާ. އަދި ގްރޭސް ޕީރިއަޑަކަށް އަޅުގަނޑު ހިތުން، 3 މަސްދުވަސް މި ލިބެނީ. މިއީވެސް ޙަޤީޤަތުގައި، ރައްޔިތުންނަށް، އެންމެ ކެރިފޯރުންތެރިކަން ލިބިގެންވާ މިންވަރެއްނޫން. އެފޯޑަބަލް މިންވަރެއްނޫން. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މި ދެންނެވި ޑައުންޕޭމަންޓް، -/10,000 ރުފިޔާއަށް ކުޑަކޮށްދޭނަން. އަދި، މި ރަށުގައި ވެއްޖިއްޔާ، މި ގްރޭސް ޕީރިއަޑް އެކްސްޓެންޑް ވެގެންދާނެ އެތަނަށް ވަދެނިމެންދެން. އެތަނަށް ވަދެވި، ބޭނުންކުރަން ފެށުމުން، ގްރޭސް ޕީރިއަޑް ހިނގަން ފަށާނީ. މިއީ، ނިމިފައިހުރި ތަނެއް ނޫން. ނިމިފައިހުރި ތަންތަނަށް އިތުރު 3 މަސް މި ލިބެނީވެސް. އެހެންވީމާ، 3 މަސް ޒީރޯ، އަދި ފަށާނީ ވަދެވުނީމާ. އަދި މާބޮޑަކަށް ކަންބޮޑުވެލައްވާނެ ކަމެއް ނެތް. އެހެންވީމާ، މި ރަށަށް ގްރޭސް ޕީރިއަޑްވެސް އިތުރުވެގެންދާނެ. އިރާދަކުރެއްވިއްޔާ، އެކަން ޙައްލުވެގެންދާނެ. އެހެންވީމާ، އެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވަން.

އިތުރު 100 ހައުސިންގ ޔުނިޓު މި އަންނަ އަހަރު ބަޖެޓުގައި ޖަހައިގެން، މި ރަށުގައި އެޅުން ކުރިއަށް އެބައޮތް. އާދެ، އަޅުގަނޑުމެންގެ މި ހައުސިންގ ޕްލޭންގައި ވަރަށް ގިނަ ކަންކަން ހާސިލުކުރަން މި މަސައްކަތް ކުރަނީ.

އަޅުގަނޑު ރިޔާސީ އިންތިޚާބުގައި އެއްކަމަކަށް ވަޢުދުވިން، ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކަށް، އެ މީހުންގެ އަމިއްލަ ރަށާ ވީހާވެސް ކައިރިން، ގެދޮރު ލިބޭނެގޮތެއް ހަދައިދޭން. މި މަޤްޞަދު ހާސިލުކުރަން ބަލާއިރުގައި، މި އަތޮޅުގައި ޓޫރިޒަމް ވަރަށް ދަށް. އެހެންވީމާ، މިއޮތީ އަޅުގަނޑުމެން މިހާރު ވަރަށް ބޮޑުތަނުން އަގުތައް ޑިސްކައުންޓް ކޮށްލާފައި، ސްލޭޝް ކޮށްލާފައި، ކުޑަކޮށްލާފައި މިއޮތީ ނުވަވަރަކަށް ރަށް ހުޅުވައިލާފައި، ފަޅުތައް ހިމެނޭހެން ޓޫރިޒަމަށް. ދެން، މީގެ ދެތިން ރެއެއް ކުރިން އަޅުގަނޑު އެ ތަފުޞީލު އެހެން ރަށެއްގައި އިޢުލާނުކުރިން. އެހެންވީމާ، މި މަސައްކަތްކުރަނީ، އެކިއެކި މޮޑެލްތަކުގެ ތެރެއިން، މި އަތޮޅަށް ޓޫރިޒަމް ގެންނަން. ގެނައީމަ، ތިޔަބޭފުޅުންގެ ޢާއިލާ ބޭފުޅުން، މި އަތޮޅާ ދުރުގައި ހުރި ރަށްރަށުގައި، އަތޮޅުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް މި އަތޮޅަށް އެނބުރި އާދެވޭނެ. އަމިއްލަ ރަށަށްވެސް އާދެވޭނެ. އަދި، މި އަތޮޅުގެ ރިޒޯޓުތައް ހެދިގެން އައީމަ، އެ ރިޒޯޓުތަކުގައި މަސައްކަތްކުރަން، އެހެން އަތޮޅުތަކުގެ ފަރާތްތަކުންވެސް އޭރުން އަންނާނެ.

އެހެންވީމާ، އެބަ ބޭނުންވޭ މި ދެންނެވިގޮތަށް، ހައުސިންގ ޔުނިޓުތައް އެޅިގެންދާއިރުގައި، ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ދިވެހިންނަށް، އެމީހުންގެ ގެޔާ ކައިރިން، ރަށާ ކައިރިން ހައުސިންގ ޔުނިޓުތައް ލިބޭނެގޮތްވާން. އެއީ، އަޅުގަނޑު ވެފައި އޮތް ވަޢުދެއް. އެހެންވީމާ، އާންމު ރައްޔިތުންނަށް، ޓޫރިޒަމް ސެކްޓަރ ނޫން ރައްޔިތުންނަށްވެސް، އާންމު ރައްޔިތުންނަށް ލިބޭހެން، މި ފަރާތްތަކަށްވެސް ލިބޭގޮތަށް. މި ހުރިހާ ކަމެއް ޝާމިލުވާގޮތަށް އަޅުގަނޑުމެން މި ޕްލޭންކުރަނީ، ހައުސިންގ ޕްރޮޖެކްޓްސްތައް ގެންދިޔުން. އެހެންވީމާ، މި އަތޮޅަށް މި މަސައްކަތްކުރަނީ، އެތައް ކަމެއް އެއްފަހަރާ ގެނައުން. އިރާދަކުރެއްވިއްޔާ ޓޫރިޒަމް ގެނެވޭނެ. ވަރަށް ޔަޤީންކަން އެބައޮތް. ބައެއް ފަރާތްތަކުން މިހާރު ޕްރޮޕޯޒަލް ހުށަހަޅައި، އަޅުގަނޑުމެންގެ އެ އޮންނަ އުޞޫލުތެރެއިން އެބަ ކުރިއަށްދޭ. ބައެއް ފަރާތްތަކުގެ ޕްރޮޕޯޒަލް އެކްސެޕްޓްކުރެވި، އެވޯޑްކުރެވި، ދެން، އެ ފައިސާ ދެއްކުމުގެ މަރުޙަލާވެސް އެބަ ހިނގާ. މި އަންނަ މަސްތެރޭގައި ގިނަ ފަރާތްތަކަކަށް ޑެޑްލައިން ހަމަވާނީވެސް. އެހެންވީމާ، ކުރިއަށް އޮތް ދުވަސްތަކުގައި އެނގޭނެ މިތަނުން ކޮން ރަށެއް، ކޮން ފަޅެއްތޯ އެ ފަރާތްތަކަށް ލިބުނީ. އެ ތަންތަން ހެދުމުގެ ކަންތައްތައް ދާގޮތް. މިހާރު ހަދަމުންދާ ދެ ރަށްވެސް ނިމެމުންދާނެ. އެހެންވީމާ، މި އަތޮޅަށް ޓޫރިޒަމް ގެނައުމަކީ، ޙަޤީޤަތުގައި އިޤްތިޞާދީގޮތުން ތިޔަބޭފުޅުންނަށް، މި އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ކުރިއެރުން. އެހެންވީމާ، އެކަން ކުރާއިރުގައި، ހައުސިންގވެސް ބޭނުންވާނެ. އާންމު ރައްޔިތުންނަށްވެސް އަދި މި އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް. އެހެންވީމާ، އެކަން މި ކުރަނީ، އެ ވިސްނުމުގައި. އެ ޕްލޭނާ އެއްގޮތަށް.

އާދެ، މި ކަންކަން މިގޮތަށް އަޅުގަނޑުމެން ކުރިއަށް ގެންދާއިރުގައި، މި ރަށުގައި އިތުރު ޚިދުމަތްތައް ފެށޭނެ. އެއަރޕޯޓެއް އޮންނަ ރަށަކަށްވާއިރުގައި، އަދި އެންމެ ފުރަތަމަ މި އަތޮޅުގައި އެއަރޕޯޓު ހެދިގެންދިޔަ ރަށް. އަދިވެސް އޮތް ހަމައެކަނި އެއަރޕޯޓް ކަމުގައިވާއިރުގައި، މި ރަށުގައި އިރާދަކުރެއްވިއްޔާ މި އަންނަ ނޮވެންބަރު މަހުގެ ތެރޭގައި، އައި.ޑީ.ކާޑާއި، ޕާސްޕޯޓުގެ ޚިދުމަތް ފެށިގެންދާނެ.

އަދި، މި ރަށުގައި ހަދާފައި، މިހާރު ނިންމާފައި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ވޭސްޓް މެނޭޖްމަންޓް ސެންޓަރު ހިންގުން، އޮޕަރޭޓްކުރުން ވެމްކޯއާ ހަވާލުކުރަން އަޅުގަނޑުމެން ވާނީ ނިންމާފައި.

އާދެ، މިއީ ހަމަ ބައެއް ކަންކަން އަޅުގަނޑު މިރޭ މި ދަންނަވާލީ. އިރާދަކުރެއްވިއްޔާ ކުރިއަށް ގިނަ ކަންކަން ހުންނާނެ. އަޅުގަނޑު ވީ ވަޢުދުތައް މައިގަނޑު ގޮތެއްގައި މީގެތެރެއިން ފުދިގެން އެބަދޭ. އަދި، އިތުރަށްވެސް މިހިރަ މުހިންމު ކަންކަން އިރާދަކުރެއްވިއްޔާ ފުދިގެންދާނެ. އެހެންވީމާ، އޭގެއިތުރަށްވެސް ބައެއް މަޝްރޫޢުތައް ކުރިއަށް އޮތްތާނގައި އެއޮތީ.

އާދެ، މި އަތޮޅުގެ މި ހުރިހާ ރަށެއްގެ، ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ދެންނެވި ގޮތަށް، އަޅުގަނޑު ހަމަ މި 13 ރަށުގެ ރައްޔިތުންނަށްވެސް މި ވާހަކަ މި ދަންނަވަނީ. ޓޫރިޒަމް ގެނައުން. އަދި ދެން މިހިރަ ތަރައްޤީގެ ކަންކަން މުޅި އަތޮޅުގެ ތަރައްޤީ އަޅުގަނޑުމެން ރާވާފާއި މިއޮތްގޮތަށް، ރައްޔިތުން އެދޭގޮތަށް، ރައްޔިތުން އެދޭ އަމާޒަށް އިރާދަކުރެއްވިއްޔާ ވާސިލުކޮށްދޭނަމޭ.

މިހާރު އަޅުގަނޑުމެން މިވަނީ، އިރާދަކުރެއްވީތީ އާރު.ޓީ.އެލް. ޚިދުމަތްވެސް ފަށާފައި. އަދި އެވެސް އިތުރަށް، ކުރިއަށް އޮތް އަހަރުތަކުގައި ތަރައްޤީވެގެންދާނެ ކަންކަން. އެހެންވީމާ، އެ ކަންކަމަކީ އިރާދަކުރެއްވިއްޔާ ހަމަ ވަރަށް ބޮޑުތަނުން ކުރިއަރައިގެންދާނެ ކަންކަން.

މިހާތަނަށް ޓޫރިޒަމަށް ހުޅުވައިނުލާ އޮތް އެންމެ ބޮޑު ފަޅުރަށް، ރާއްޖޭގައިވެސް އެންމެ ބޮޑު ފަޅުރަށަށް ވެދާނެ. އެ ރަށްވެސް އަދި އޮތީ ކުރިއަށްއޮތްތާ ހުޅުވާލުން. އެހެންވީމާ، މިހެންގޮސް، ވަރަށް ގިނަ ކަންތައްތައް އެބައޮތް ކުރިއަށް.

އާދެ، އަޅުގަނޑު 4 އަތޮޅަކަށް ކުރި ދަތުރު، މިރޭ ނިމުމަކަށް މި އަންނަނީ. މި އަތޮޅުގެ އިތުރުން، ވ. އަތޮޅާއި، ފ. އަތޮޅާއި، މ. އަތޮޅުގެ ހުރިހާ ރަށަކަށްވެސް މި ދަތުރުގައި އަޅުގަނޑު ދިޔައިން. ހުރިހާ އަތޮޅެއްގެ، ހުރިހާ ރަށެއްގެ ރައްޔިތުންނަށްވެސް، އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ! ހުރިހާ ރަށެއްގެ ހުރިހާ ރައްޔިތުންވެސް، ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވި. ވަރަށް ގާތް މެހެމާންދާރީއެއް އަދާކުރެއްވި. ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް ކަންކަން ޙިއްޞާކޮށްދެއްވި، ރައްޔިތުން ބޭނުންވާ ކަންތައްތައް. އެހެންވީމާ، އަޅުގަނޑު ބޭނުންވި މަގުސަދު އަޅުގަނޑަށް ހާސިލުވި. ރައްޔިތުން ގާތަށް އައިސް، ރައްޔިތުން ގާތުން، ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުވި، އެ ކަންކަމަށް ޙައްލުތައް ގެނެވޭނެގޮތް ފަހިކޮށްދެވި، ކަންކަން ކުރިއަށްދާނެގޮތް ބަޔާންކޮށްދެވުނު. އެހެންވީމާ، މި 4 އަތޮޅުގެ ހުރިހާ ރައްޔިތުންނަށް، އަދިވެސް އެއްފަހަރު، އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

މި ދަތުރުގައި، މި ދަތުރޭ މި ދަންނަވަނީ، 4 އަތޮޅަށް މި ކުރެވުނު ދަތުރުގައި، އަޅުގަނޑުމެން ކުރި ކަންކަމަށް ބަލާއިރުގައި، ސޮއިކުރެވިގެންދިޔަ އެކި އަތޮޅުތަކުގެ، އެކި މަޝްރޫޢުތަކެއްގައި. ޢަމަލީގޮތުން މަސައްކަތް ފެށުނު ބައެއް މަޝްރޫޢުތަކުގައި. އަދި، ނިމިފައިހުރި ތަންތަން ހުޅުވިގެންދިޔަ. ކޮންމެ ރަށެއްގައި، މި 4 އަތޮޅުގެ ހުރިހާ ރަށެއްގައި،  އޭ.ޓީ.އެމް. ނުހުޅުވި ހުރި ހުރިހާ ރަށެއްގައި، މި ދަތުރުގައި އޭ.ޓީ.އެމް. ގާއިމުކުރެވި، އެ ޚިދުމަތްދޭންވެސް ވަނީ ފެށިފައި. އެހެންވީމާ، ވ. މ. ފ. ތ.، މި 4 އަތޮޅުގެ ހުރިހާ ރަށެއްގައި، އޭ.ޓީ.އެމް.ގެ ޚިދުމަތްވަނީ ފެށިފައި.

ވ. އަތޮޅުގައި، 4 އެއްބަސްވުމެއްގައި ސޮއިކުރެވިގެންދިޔަ. 5 މަޝްރޫޢެއް ފެށިގެންދިޔަ. 4 މަޝްރޫޢެއް ނިންމައި، ހުޅުވިގެންދިޔަ. ފ. އަތޮޅުގައި، 10 އެއްބަސްވުމެއްގައި ސޮއިކުރެވިގެންދިޔަ. 13 މަޝްރޫޢެއްގެ މަސައްކަތް ފެށުނު. 6 މަޝްރޫޢެއް ނިންމައި، ހުޅުވުނު. މ. އަތޮޅުގައި، 6 މަޝްރޫޢެއްގައި ސޮއިކުރެވި، 13 މަޝްރޫޢެއްގެ މަސައްކަތް ފެށި، 2 މަޝްރޫޢެއް ނިންމައި، ހުޅުވުނު. އަދި، މި އަތޮޅުގައި، 20 މަޝްރޫޢެއްގައި ސޮއިކުރެވި، 29 މަޝްރޫޢެއްގެ މަސައްކަތް ފެށި، 12 މަޝްރޫޢެއް ނިންމައި، ހުޅުވުނު.

އެހެންވީމާ، ޒަމާންތަކެއް ވަންދެން، ތަރައްޤީގެ ރާޑަރުން ކައްސާލާފައި އޮތް ކޮޅުމަޑުލު މިވަނީ، ތަރައްޤީގެ ރާޑަރުގެ ސީދާ މެދަށް އިރާދަކުރެއްވީތީ ގެނެވިފައި. އެއީ، ހަމަހަމަކަން ގާއިމުކުރުން. އެއީ، ޢަދުލުވެރިކަން ޔަޤީންކުރުން. އެއީ، އިންސާފުވެރިކަން. އެއީ، އަޅުގަނޑު ދެކޭގޮތުގައި، ސަރުކާރަކުންވިއްޔާ ކަންކަން ކުރަންޖެހޭނެ ގޮތަކީ. ބާކީކޮށްލާފައި އަތޮޅުތައް، ރަށްރަށް އޮތްއޮތުން އެއީ، މާޒީ. އަޅުގަނޑު ޤަބޫލުކުރާ ހަމައެއްނޫން އެއީކީއެއް. ހުރިހާ ރައްޔިތުން، ހުރިހާ ރަށެއް، ހުރިހާ އަތޮޅެއް، އަޅުގަނޑު ގާތުގައި ހަމަހަމަ.

އާދެ، ވަކިވެލުމުގެ ކުރިން އަދި، މުޅި ރާއްޖޭގެ ރައްޔިތުންނަށް މުހިންމު ބައެއް ކަންކަން، ދެތިން ކަމެއް ދަންނަވާލާނަން. އާދެ، ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދާއިރުގައި، މިއާއެކީގައި، އަޅުގަނޑު ހަމަ އަބަދުވެސް ދަންނަވާ ވާހަކައެއް، ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ޙައްލުކުރުމާވެސް އެކީގައޭ މި ކުރިއަށްދަނީ. އެއީ، ރައްޔިތުން ބޭނުންވާ ގޮތޭ.

އެއްކަމަކީ، ކޮރަޕްޝަން ނައްތާލުން. މި ސަރުކާރުން ކޮރަޕްޝަން ނައްތާލަން މިތިބީ ހަމަ ވަރަށް ގަދަޔަށް ތައްޔާރަށް. މިއީ، އަޅުގަނޑުމެން ކުރިމަތީގައި އެންމެ މުހިންމު އެއް ކަންތައް. ސަރުކާރުގެ ތެރެއިންނާއި، ދައުލަތުގެ ތެރޭގައި އޮތް ކޮރަޕްޝަންގެ ނުބައި ވަބާ ނައްތާލުން. އަޅުގަނޑު މި ވާހަކަ އެހެން ރަށެއްގައި ދެއްކިން. ޑިޖިޓަލައިޒް މި ކުރަނީވެސް އެ ބޭނުމުގައި. "މޯލްޑިވްސް 2.0"ގެ ނަމުގައި މިފަށާ ބިޔަ ބޮޑު މަޝްރޫޢު އެއީ، އަތުންހިފޭ އެއްޗެއްނޫން. އެހެންނަމަވެސް، އެއީ ނިޒާމަށް ގެނެވޭ ބަދަލެއް. އެކަންވެސް މި ކުރަނީ، ކޮރަޕްޝަން ނައްތާލަން. އެއީ ކީއްވެތޯ؟ އޮފީސް ތެރޭގައި މިސާލަކަށް، މިއީ ހަމަ ހިނގާ ކަންތައްތައް، މި ޒަމާން، މި ރާއްޖެ އެކަންޏެއް ނޫން، ހުރިހާ ތާކުވެސް. އޮފީހެއްގެ ތެރޭގައި، ތަނަކުން އެއްޗެއް ޕްރޮކިއޮ ކުރަން ދާއިރުގައި، އެކަމުގައި އުޅޭ މީހާއަށް އެބަ ފުރުޞަތު ލިބޭ، އެ މީހާ އަމިއްލައަށް ގަވާއިދާ ޚިލާފަށް ކަމެއްކުރަން. އެ މީހާގެ އަމިއްލަ މަސްލަހަތު އޮތް ފިހާރައަކުން އެއްޗެހި ގަންނަން. މިކަހަލަ ކަންތައްތައް. ޑިޖިޓަލައިޒް ކުރެވުނީމަ، ހިއުމަން އިންޓަރވެންޝަން، އަމިއްލަ އަތުން ކުރަންޖެހޭ ކަންކަން މަދުވެގެންދާނެ. އޮޓޯ ކުރެވިފައި ހުންނާނީ. ނިޒާމުގެ ތެރޭގައި ސިސްޓަމް ގާއިމުކުރެވި، ދެފުށް ފެންނާނެ، ރެކޯޑު ކުރެވޭނެ. ކުރެވޭ ކަންކަން ހުންނާނީ ޓްރޭސްކުރެވޭ ގޮތަށް. އެހެންވީމާ، މިހެންގޮސް، އެތައް ކަމެއް މި ކުރަނީ، މި ގަވަރނަންސް ނިޒާމު ޑިޖިޓަލައިޒް މި ކުރަނީ، ކޮރަޕްޝަން އިރޭޑިކޭޓް ކުރަން. ނައްތާލަން. އެހެންވީމާ، މިއީ ކުރިއަށް އޮތްތަނަށް އަޅުގަނޑުމެން ކުރާ، ކޮރަޕްޝަން ނައްތާލުމުގެ އެންމެ ބިޔަ ބޮޑު މަޝްރޫޢު. އެހެންނަމަވެސް، އެއީ އިމާރާތެއްނޫން. އަތުންހިފޭ އެއްޗެއް ނޫން. އެހެންނަމަވެސް، އިހުސާސްވާނެ އެއްޗެއް. ފެންނާނެ އެއްޗެއް. ދެން، މިހާރު މި ކުރެވޭ ކަމަކީ، ކުރީގައި ހިންގާފައިހުރި އެތައް ވައްކަމެއް، އެތައް ކޮރަޕްޝަނެއް ބަލައި، އެ މައްސަލަތައް ބެލުން.

އަޅުގަނޑު ޤަބޫލުކުރާ ހަމައެއްނޫން، މިނިވަން މުއައްސަސާތަކާއި، ޖުޑިޝަރީ ތެރެއަށް ނުފޫޒު ފޯރުވުން. އަޅުގަނޑެއް ނުކުރާނަން އެކަމެއް. މިހާތަނަކަށްވެސް ނުކުރަން. ނޫހުން އަޅުގަނޑަށް ފެންނަނީ، އެކިއެކި ފަރާތްތައް، ކޯޓަށް ގެންދަން ޗިޓު އަންނަ ވާހަކައާއި ހުރިހާ ކަމެއް، ހަމަ ޙަޤީޤަތުގައިވެސް. މިއީ ހަމަ ޙަޤީޤަތް. އެއްވެސް ފަނޑިޔާރަކަށް، އެއްވެސް ކޯޓެއްގައި ހުރި އެއްވެސް މީހަކަށް ނުބުނެވޭނެ، ތެދުބަހުން ވިދާޅުވަންޏަކާ، އަޅުގަނޑު އެއްވެސް ފަރާތަކަށް ގުޅައި، މިވެނި މައްސަލައެއް އަވަސްކުރާށޭ، ލަސްކުރާށޭ، މިވެނިގޮތަކަށް ޙުކުމްކުރާށޭ، ނުކުރާށޭ ބުނި ކަމަކަށް ނުބެނެވޭނެ. އަދި އަޅުގަނޑުގެ ފަރާތުންވެސް މީހަކު ގުޅި ވާހަކައެއް ނުބުނެވޭނެ. އެއީ، އަޅުގަނޑު ނުކުރާނެ ކަމެއް. އަޅުގަނޑު އޮންނާނީ، އިޢުލާނުކޮށްފައި، 17 ނޮވެންބަރު 2023 ވަނަ ދުވަހު ހަވީރު، އަޅުގަނޑު ރައްޔިތުންނާ މުޚާޠަބުކޮށް، މަގާމާ ހަވާލުވެ، ފުރަތަމަ ވާހަކަ ދެއްކި ދުވަހުވެސް. އެވަގުތުން ފެށިގެން، މި ރާއްޖޭގައި ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ފޯރުވުން ނިމުނީއޭ. އެހެންވީމާ، ނުފޫޒެއް ނުފޯރުވާނެ، މިނިވަން މުއައްސަސާތަކަށްވެސް. އަޅުގަނޑު އޮންނާނީ، އޭސީސީއަށްވެސް އަންގާފައި، އަޅުގަނޑުގެ މަގާމުގެ ހައިސިއްޔަތުން. ދައުލަތުގެ އެންމެ އިސްވެރިޔާގެ ގޮތުގައި، ޤާނޫނުއަސާސީގައި އޮންނާނީ ރައީސުލްޖުމްހޫރިއްޔާއަށް ހުންނަ މީހާ. އެހެންވީމާ، އަޅުގަނޑުގެ މަގާމުގެ ހައިސިއްޔަތުން އޮންނާނީ އަންގާފައި، ހުރިހާ މައްސަލަތަކެއް ރަނގަޅަށް ބަލާށޭ. ޕްރޮސެކިއުޓަރ ޖެނެރަލަށްވެސް އޮންނާނީ އަންގާފައި، އަވަސްކުރަން. އަޅުގަނޑަށް އެންގޭނީ، އަޅުގަނޑު އަންގަންވެސް ޖެހޭނެ އަވަސްކުރަން. އަދި ފެސިލިޓޭޓް ކޮށްދޭން އަޅުގަނޑަށް ޖެހޭނެ. ފެސިލިޓޭޓް އެބަ ކޮށްދެން. ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގައި ޖާގައާއި، މިހެން ހުރި ކަންކަން ރަނގަޅުކޮށްދޭން އަޅުގަނޑުމެން ޚަރަދު އެބަ ކޮށްދެން. އެ ބޭފުޅުން އެބަ ކުރޭ ވަރަށް ބާރު ސްޕީޑުގައި އެ ކަންތައް. ކްރިމިނަލް ކޯޓާއި، ޑްރަގް ކޯޓާއި، މި ތަންތަނުގައި ޖާގަ ނެތިގެން ބަންދުކުރާ ހިސާބަށް ގޮސްފައި އޮތީ، އަޅުގަނޑުމެންނާ ހަވާލުވީއިރުވެސް. އެ ތަންތަން މިހާރު އެހެރީ، ފުދޭވަރަކަށް ރަނގަޅު ޖާގަ ކްރިއޭޓް ކޮށްދީފައި، ހުޅުމާލޭގައި އިމާރާތެއްގައި. އެހެންވީމާ، އަޅުގަނޑުމެން މިކުރާ ކަމަކީ، ފެސިލިޓޭޓްކޮށްދީ، ކަންކަން އަވަސްކުރަން ދަންނަވަނީ. އެހެންވީމާ، މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި، މިހެންހުރި ކޮރަޕްޝަނާއި، ކުރިން ހިންގާފައިހުރި ވައްކަމުގެ ކަންތައްތައް ބެލުމަށް، މިނިވަން މުއައްސަސާތަކާއި، ޖުޑިޝަރީއަށް އަޅުގަނޑުމެން މިވަނީ ކަންކަން މަގުފަހިކޮށްދީފައި. ފުލުސް އޮފީހުން، ޕޮލިހުން ކުރަންޖެހޭ ކަންކަން. އެއީ، ސަރުކާރުގެ ސީދާ އިދާރާއެއްގެ ދަށުން ހިންގާ އޮފީހަކަށް ހުރި ތަނަކީ، ހޯމް މިނިސްޓްރީގެ ދަށުން. އަޅުގަނޑުމެން ހޯމް މިނިސްޓްރީން، ފުލުހުންގެ ޤާނޫނުގެ ތެރެއިން ލިބިދީފައި އޮންނަ ބާރުގެ، ނޫނީވިއްޔާ ފުރުޞަތުގެ ތެރެއިން ކުރެވެން އޮތް މެކްސިމަމްއަށް އެކަންވެސް އެބަ ކުރަން. އެހެންވީމާ، ޤާނޫނާ ޚިލާފުނުވެ، ރޫލް އޮފް ލޯ ފޮލޯއަޕްކުރަމުން، ޤާނޫނީ ނިޒާމުގެ ތެރެއިން، މި ކަންކަން މި ގެންދަނީ.

މަޖިލިސް ދެން މި ހުޅުވޭ މި އަންނަ ދައުރަށް، އޮކްޓޫބަރު މަހުގެ ތެރޭގައި ހުޅުވޭ ދައުރަށް އަޅުގަނޑުމެން އެބަ ފޮނުވަން، ސަރުކާރުގެ ފަރާތުން އެސެޓް ރިކަވަރީ ބިލެއް. އެސެޓް ރިކަވަރީ ބިލުގެ ބޭނުމަކީ ކޮބައިތޯ؟ މިދިޔަ ދުވަސްތަކުގައި ހިންގާފައި ހުރި ބޮޑެތި ކޮރަޕްޝަނާއި، ވައްކަމުގެ މައްސަލަތައް، އެމް.އެމް.ޕީ.އާރު.ސީ. ޚާއްޞަކޮށް. މި ކަންކަން ބަލައި ނިމޭއިރުގައި، މިއިން އެއްވެސް ފަރާތެއް ދައްކަން އޮތް އެއްޗެއް ހޯދޭގޮތެއް ނުވޭ. މިހާރު އޮތް ނިޒާމުގެ ތެރެއިން ނުހޯދޭ. ކޮންމެވެސް ކަހަލަ ގޮތަކުން އެ ފަރާތްތަކަށް ފުރުޞަތު ލިބޭ އެބަ މި ކަންކަމުން މަޑުޖައްސާލަން. އެހެންވީމާ، އަޅުގަނޑުމެން މި ހުށަހަޅަނީ، އެސެޓް ރިކަވަރީ ޤާނޫނެއް ތަޢާރުފު ކުރުމަށްޓަކައި ބިލެއް. މި ބިލު މަޖިލީހުން ނިންމައިދީ، ތަޞްދީޤުކުރަން ފޮނުވާ ދުވަހު އަޅުގަނޑު ހަމަ ތަޞްދީޤު ކުރާނަން. އެ ބިލު ޤާނޫނަކަށްވާ ދުވަހުން ފެށިގެން، މީގެކުރިން، މިކަހަލަ ބޮޑެތި ވައްކަން ކޮށްފައި ތިބި ހުރިހާ އެންމެންގެ ފަހަތުން ވަރަށް ބާރަށް ދާނެ ސަރުކާރުގެ އިދާރާތައް. އަޅުގަނޑަކަށް މުހިންމެއް ނޫން އެއްވެސް މީހަކު، ދައުލަތުގެ، ރައްޔިތުންގެ ފައިސާ ފޮރުވައިގެން ހޯދައިގެން އުޅެންޏާ އެއީ، އަޅުގަނޑު ފުރުޞަތު ދޭނެކަމެއް ނޫން. އަޅުގަނޑަށް ލިބިފައި އޮތް ޙައްޤެއްވެސް ނޫން އަދި އެއީކީއެއް. އަޅުގަނޑުގެ ޒިންމާއަކީ، އަޅުގަނޑު ކޮށްފައި ހުރި ހުވައާ އެއްގޮތަށް ކަންކަން ކުރުން. އެހެންވީމާ، ރައްޔިތުންގެ ފައިސާ މިލިއަނުން، ބިލިއަނުން މި މީހުންގެ އަތުގައި ހުރިކަމަށްވަންޏާ، ކަމާބެހޭ އިދާރާތަކުން އެކަން ނިންމައިފިއްޔާ، ތަންފީޒު ކުރުމަށްޓަކައި، އެ ފައިސާ، އެ އެސެޓް އަނބުރާ ހޯދުމުގައި، މި ދެންނެވި ޤާނޫނު މުހިންމުވޭ އެބަ.

ދެން، މިއަދު އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ ފެނަކަ، ސަރުކާރުގެ އެންމެ މުހިންމު އެއް ކުންފުނި، ހުރިހާ ރަށެއްގައި އޮތް ކުންފުންޏެއް. ކުންފުންޏަށް ހަދާލާފައި އޮތްގޮތް. ވަރަށް ހިތާމަހުރި ކަމެއް. އޯޑިޓް އޮފީހުން ނެރުނު ރިޕޯޓް. އަނެއްކާ، އޯޑިޓް އޮފީހަކީވެސް މިނިވަން ތަނެއް. ސަރުކާރުން ނުފޫޒެއް ނުފޯރުވާނެ އެތާކަށެއް. އެތަނަށް ބޭނުންވާ ބަޖެޓު އެ ބޭފުޅުން ބުނާގޮތަކަށްދީ، އެ މީހުންނަށް ކަންކަން ފެސިލިޓޭޓް އަޅުގަނޑުމެން ކޮށްދެނީ. އޭގައި އެއޮތީ، އެތައް ސަތޭކަ މިލިއަން ރުފިޔާގެ ވައްކަން ކޮށްފައި އޮތް ކަމަށް. ދެން މި ކަންކަން، ފުލުހުންގެ އިދާރާއިން ކުރަންޖެހޭ ކަންތައްތައް މިހާރު ފަށައިފި. އެއީ ސީދާ، އަޅުގަނޑު މި ދެންނެވިހެން، އަޅުގަނޑުމެންނަށް، ސަރުކާރުގެ އިދާރާއެއްގެ ތެރެއިން ބެލެން ހުންނާނެ ކަންކަން. އަޅުގަނޑުމެން އަންގައިފިން އޭ.ސީ.ސީ.އަށްވެސް. އަޅުގަނޑުމެން އަންގައިފިން، ޕްރޮސެކިއުޓަރ ޖެނެރަލަށްވެސް. އަޅުގަނޑުމެންގެ މަގާމުގެ ހައިސިއްޔަތުން އެންގޭނެ މިންވަރަށް އަންގައިފިން، މި ކަންކަން އަވަސްކުރަން. މިއީ ރައްޔިތުންގެ ފައިސާ. މި ކުންފުނި ދަރާ، މި ކުންފުނި ހަލާކުވާން ދޫކޮށްލާފައި މިއޮތީ، މި ހުރިހާ ކަމެއް މިގޮތަށް ކޮށްގެން. އެހެންވީމާ، މިއީ މި ކަންކަން ކޮށްފައި އޮތްގޮތަކީ. އެހެންވީމާ، އެތައް މައްސަލަތަކެއް ޙައްލުކުރަން އެހާދުވަސް މިނެގީ އަޅުގަނޑުމެންނަށް. މިހުރިހާ ކުންފުނިތަކެއް ހުރީ، މިގޮތަށް މިސްޔޫސް ކޮށްފައި. ޕަވަރ އެބިއުސް ކޮށްފައި.

އެހެންވީމާ، ކޮރަޕްޝަން ނައްތާލުމަށްޓަކައި، ކުރަންޖެހުނު ހުރިހާ ކަމެއް އަޅުގަނޑުމެން ކުރާނީ. އެއްވެސް މީހަކަށް ނުބަލާނަން. އަޅުގަނޑު ޤަބޫލުކުރާ ހަމައަކީ، މީހާއަށް ބެލުމެއްނޫން. ކުރި ޢަމަލަށް ބެލުން. ސިޔާސީއެއް ނުވާނަން. އެ މީހަކު ކުރި ކަމެއް އެއީ، ކޮންމެ މީހަކު ކުރި ކަމެއްވިޔަސް، އެކަމަށް އޮންނަންޖެހޭ އެންމެ ޢަދުލުވެރިގޮތަކަށް ޢަމަލުކުރުން. އެއީ، އަޅުގަނޑު ޤަބޫލުކުރާ ގޮތަކީ. އެގޮތަށް އަޅުގަނޑު ކަންކުރާނީ. މި ރާއްޖޭގެ އެއްވެސް ރައްޔިތަކަށް ފެނިވަޑައެއްނުގަންނަވާނެ، މިދިޔަ ދެ އަހަރެއްހާ ދުވަހު އަދަބެއް ދޭންވެގެން، މީހާއަށް ބަލައިގެން ކުރި ކަމެއް. ސިޔާސީ މަގާމެއްގައި ކުރިންހުރި މީހެއް، ސިޔާސީ ޕާޓީއެއްގެ މީހެއް، އިސްމީހެއް، ނޫނީ އެހެން މީހަކަށްވެގެން، ހައްޔަރެއްކޮށް، ޖަލަށްލައި ހެދިންތޯ؟ ނަހަދަން. އަޅުގަނޑު ޤަބޫލުކުރާ ހަމައެއްނޫން އެއީ. މި ޤައުމުގައި މިހާރު މިއޮތީ، ޓޯޓަލް ފްރީޑަމް، ޕޮލިޓިކަލް މަސައްކަތްކުރަން. ޓޯޓަލް ފްރީޑަމް. ހަމަ ބޭނުންގޮތަކަށް ސިޔާސީ މަސައްކަތުގައި އުޅެންވީ. އެކިއެކި ވެރިން އުޅުއްވަންވީ. އެއްވެސް ކަހަލަ ގޮތަކަށް ނުހިފަހައްޓަން. ނުވެސްއުޅެން ހިފަހައްޓާކަށް. އަޅުގަނޑަށް ރަނގަޅީވެސް ގިނަގިނައިން ސިޔާސީ މަސައްކަތުގައި ހުރިހާ ބޭފުޅުން އުޅުއްވިއްޔާ. އޭރުން އެކަމަކު، ޒިންމާދާރުވާންޖެހޭނެ. ތެދުބަހުން ހުރިހާ ފަރާތްތައްވެސް ވާހަކަދައްކަންޖެހޭނީ. އެއީ، އަޅުގަނޑުމެންނަކީ މުސްލިމުންނަށްވީތީ.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އަޅުގަނޑުމެންގެ ޤައުމަށް އުފާ ފާގަތިކަން މިންވަރު ކުރެއްވުން. އަޅުގަނޑުމެންގެ ޤައުމު މިނިވަންކަންމަތީ ތާއަބަދަށް ލެހެއްޓެވުން. އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.