ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރު ފެށުމާއެކު ސަރުކާރުން ހުށަހަޅުއްވާ އެސެޓް ރިކަވަރީ ބިލުގެ ކަންކަން މަޖިލީހުން ނިންމަވައި، ތަސްދީޤުކުރައްވަން ފޮނުވާ ދުވަހު އެބިލު ތަސްދީޤުކުރައްވާނެކަމަށާ، އެސެޓް ރިކަވަރީ ބިލު، ޤާނޫނަކަށް ވާ ދުވަހުން ފަށައިގެން، މީގެ ކުރިން ބޮޑެތި ވައްކަންތައް ކޮށްފައިވާ ހުރިހާ އެންމެންގެ ފަހަތުން، ސަރުކާރުގެ އިދާރާތަކުން ވަރަށް ބާރަށް ދާނޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ކޮޅުމަޑުލު ތިމަރަފުށީގެ ރައްޔިތުންނާ މިރޭ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނާ މުޚާޠަބުކުރައްވަމުންނެވެ.
އެސެޓް ރިކަވަރީ ބިލެއް ހުށަހެޅުއްވުމުގެ މައިގަނޑު މަޤްޞަދަކީ، މިދިޔަ ދުވަސްތަކުގައި ޤައުމުގައި ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަމުގެ ބޮޑެތި މައްސަލަތައް ބަލައި، ނިމޭއިރު، އެ ވައްކަންތަކުގައި ޝާމިލުވާ ފަރާތްތަކުގެ އަތުން ބަދަލު ނެގޭނެ ގޮތެއް ނެތުމުން، އެކަން ބަދަލުކުރެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ކޮރަޕްޝަން ނައްތާލުމަށް އެމަނިކުފާނުގެ ސަރުކާރު އޮތީ ވަރަށް ވަރުގަދައަށް ތައްޔާރުވެ ކަމަށާ، މޯލްޑިވްސް 2.0 ގެ ޑިޖިޓައިޒޭޝަން ބިޔަ، ބޮޑު މަޝްރޫޢަކީވެސް ކޮރަޕްޝަން ނައްތާލުމުގެ ބޭނުމުގައި ނިޒާމަށް ގެންނަ ބޮޑު ބަދަލެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިއީ ކުރިއަށް އޮތްތަނުގައި ކޮރަޕްޝަން ނައްތާލުމަށް ހިންގާ އެންމެ ބޮޑު މަޝްރޫޢުކަމަށާ، ވެރިކަން ހިންގުމުގެ ނިޒާމުގެ ކަންކަން ޑިޖިޓަލައިޒް ކުރައްވަނީވެސް ކޮރަޕްޝަން ނައްތާލުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިއީ އަތުން ހިފޭނެ އެއްޗެއް ނޫން ކަމަށާ، ނަމަވެސް މިއީ އިޙްސާސްވާނެ ކަމެއްކަމުގައިވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މިމޭރުމުން ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޖުޑިޝަރީއާއި މިނިވަން މުއައްސަސާތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެކަމުގެ ޔަޤީންކަން، ތަކުރާރުކުރައްވައި އެކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި އެއީ ކުރަންޖެހޭ ކަމެއްކަމުގައި ޤަބޫލުފުޅު ނުކުރައްވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން ސަރުކާރުން ކުރައްވާހާވެސް ކަމަކީ، ޖުޑިޝަރީއާއި މިނިވަން މުއައްސަސާތަކުގެ ޒިންމާތައް އަދާކުރުމަށް މަގުފަހިކޮށްދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދައުލަތުގެ ވެރިކަން ހިންގަވާން ހުރި އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން އަދާކުރައްވަންޖެހޭ ޒިންމާތަކުގެ ތެރެއިން، މަސައްކަތްތަކުގެ ދުވެލި ހަލުވިކުރެއްވުމަށް އެންޓިކޮރަޕްޝަން ކޮމިޝަނާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި ދަންނަވާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިމޭރުމުން، ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅުދައްކަވާފައިވާ މި ދަނޑިވަޅަކީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ތެރެއިން، ދައުލަތުގެ މާލިއްޔާގެ 2.2 ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާކަން ހާމަވެފައިވާ ދަނޑިވަޅަކަށް ވާއިރު، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިކަމުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. ފެނަކައަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ކުންފުނިކަން ފާހަގަކުރައްވައި، އޮޑިޓް އޮފީހުގެ ރިޕޯޓަށް އަލިއަޅުވާލައްވައި، ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއީ ވަރަށް ހިތާމަހުރި ކަމެއްކަމުގައެވެ. މިކަމުގައި ދިވެހި ފުލުހުންގެ އިދާރާއިން ކުރަންޖެހޭ ކަންކަން ކުރަން ފަށާފައިވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮރަޕްޝަން ނައްތާލުމަށްޓަކައި ކުރަންޖެހިވަޑައިގެންނެވި ކޮންމެ ކަމެއްވެސް ކުރައްވާނެކަމަށާ، އެކަމުގައި ވަކި މީހަކަށް ނުބައްލަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެއީ ކޮންމެ މީހަކު ކަމުގައިވިޔަސް، ޢަމަލުކުރައްވާނީ އެކަމެއްގައި އޮންނަ އެންމެ ޢަދުލުވެރި ގޮތަށް ކަމަށާ، ސިޔާސީ މަސައްކަތްތައް ކުރުމަށް ރާއްޖޭގައި މިހާރު ފުރިހަމަ މިނިވަންކަން ދެވިފައި އޮތްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.