بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ
اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.
ގުރައިދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން، ރަށުގެ ކައުންސިލްގެ ރައީސް، މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، އަތޮޅު ކައުންސިލްގެ ރައީސް، ކައުންސިލަރުންނާއި، މުއައްސަސާތަކުގެ ވެރިން، މި ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، އަދި މި ޖަލްސާ، ދުރާއިގާތުން އަޑުއައްސަވާ، ބައްލަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛
السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.
އާދެ، މިއަދު ހަވީރުގެ ވަގުތު އަޅުގަނޑުމެންނަށް މި ރަށަށް އާދެވުނު ހިނދު، ގުރައިދޫގެ ލޮބުވެތި އެންމެހައި ރައްޔިތުން ވަޑައިގެން، ވިދާޅުވި ވަރަށް ހޫނު މަރުޙަބާއަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.
އާދެ، ތިޔަބޭފުޅުންގެ ވަރަށް ބޮޑު ތާއީދަކާއެކު، ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި، اللهُ سُبْحَانَهُ وَتَعَالَى ކާމިޔާބު ދެއްވައި، ވެރިކަން ފެށި، އަޅުގަނޑު އެންމެ ފުރަތަމަ އައީވެސް މި ރަށަށް. އެއީވެސް ވަޢުދެއް ފުއްދުމަށްޓަކައި. އަޅުގަނޑު ކެމްޕެއިންގެ ތެރޭގައި މި ރަށުގައި ވަޢުދުވިން، ރިޔާސީ އިންތިޚާބުގައި އެންމެ މަތީ އިންސައްތައަކުން ތާއީދުދޭ ރަށަކަށޭ އެންމެ ފުރަތަމަ ދާނީ. ދެން ތިޔަބޭފުޅުން ހަމަ އެކަން ކުރެއްވީ. އެހެންވީމާ، އެ ވަޢުދު ފުއްދުމުން ފެށުނީ.
މިއަދު މި ތަނަށް މި އައީ އަޅުގަނޑު މި ރަށުގެ ރައްޔިތުންނަށްވީ އެންމެ މުހިންމު ވަޢުދު ފުއްދުމުގެ ކަންތަކައިގެން. އާދެ، އެއަރޕޯޓުގެ ވާހަކަ. އެއަރޕޯޓުގެ މަސައްކަތަށް ބިން ހިއްކާ ނިމިއްޖެ. މިރޭ އަޅުގަނޑުމެން މި ސޮއިކުރި މަޝްރޫޢަކީ، އެއަރޕޯޓް އަޅައި، އެ އެއަރޕޯޓް އޮޕަރޭޓް ކުރުމަށް، ސޮއިކުރެވިގެންދިޔަ އެއްބަސްވުން. އާދެ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާ އަޅުގަނޑުމެން މި ހަވާލުކުރީ މި މަސައްކަތް. މި މަސައްކަތް، މާދަމާއިން ފެށިގެން 22 މަސްދުވަހުގެ ތެރޭގައި ނިންމައި، އިރާދަކުރެއްވިއްޔާ ހުޅުވާނަން. މާނައަކީ، 2027 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހު، މިނިވަންދުވަހު، އިރާދަކުރެއްވިއްޔާ މި ރަށުގައި އެއަރޕޯޓު ހުޅުވާނަން.
އާދެ، މި އެއަރޕޯޓަކީ ހަމަ ޔަޤީނުންވެސް މި ރަށުގެ ތަރައްޤީއަށް ވަރަށް މުހިންމު ވަސީލަތެއް. ވަރަށް މުހިންމު އިޤްތިޞާދީ، ޢުމްރާނީ، ވަސީލަތެއް. އޭގެ ސަބަބުން މި ރަށާއި، މި ދާއިރާއަށް، މި ސަރަޙައްދަށް ކުރިއެރުން ހޯދުމުގެ ވަރަށް މުހިންމު ދޮރޯއްޓެއް. އާދެ، އިރާދަކުރެއްވިއްޔާ މިއީ، ތަރައްޤީގެ މުހިންމު ފެށުމެއް. މިއަދު އަޅުގަނޑުމެން އެހެން ބައެއް މުހިންމު މަސައްކަތްތައްވެސް ފަށައިފިން.
އާދެ، ޚާއްޞަކޮށް މަގު ހެދުމުގެ މަސައްކަތް ފަށައިފިން. މިއީވެސް އަޅުގަނޑުވީ ވަޢުދެއް. މަގުހެދުމަކީ، މި ރަށުގައި މިހާރު ހަމަ ކޮންމެހެން ކުރަންޖެހިފައި އޮތް ވަރަށް މުހިންމު ކަމެއް. ހަމަ ޔަޤީނުންވެސް އެ މަގުތައް ހެދިގެން ދިއުމުން، ތިޔަބޭފުޅުންނަށް ވަރަށް ފަސޭހަވެގެންދާނެ. ވަރަށް ބޮޑަށް ލުއިވެގެންދާނެ. ރަނގަޅު ފެންވަރުގެ މަގުތަކެއް ލިބުނީމާ ތަރައްޤީގެ މަސައްކަތްތަކުގައްޔާއި، އިޤްތިޞާދީ މަސައްކަތްތަކުގައި މި ރަށުގައި ކަންކަން ކުރުމަށްވެސް ވަރަށް ބޮޑު ކުރިއެރުން ލިބޭނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަންވެސް އެވަނީ، ހަމަޖެހިގެން ގޮސްފައި.
މާދަމާ ހެނދުނު އަޅުގަނޑުމެން ޢަމަލީ މަސައްކަތް މި ފަށަނީ ހޮސްޕިޓަލުގެ މަސައްކަތް ކުރުމަށް. އާދެ، ޞިއްޙީ ދާއިރާ ކުރިއެރުވުމަކީ، އަޅުގަނޑުމެން ވަރަށް އިސްކަންދޭ ކަމެއް. ޙަޤީޤަތުގައި ހައުސިންގ އެއީ، އަޅުގަނޑުގެ އެންމެ މުހިންމު ސިޔާސަތު. އެ ނަގާފައި ދެން މި ސަރުކާރުން އެންމެ އިސްކަމެއްދެނީ، ޞިއްޙީ ދާއިރާ ކުރިއަރުވަން. އެއާ ހަމަ ދާދި އެއްވަރަކަށް ތަޢުލީމީ ދާއިރާ ކުރިއަރުވަން.
އަޅުގަނޑުމެންނާ ހަވާލުވީއިރުގައި މި ރަށް ފަދައިން، ހަމަ މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައިހެން ޞިއްޙީ ދާއިރާ އޮތީ ވަޅުޖެހިފައި. ވަރަށް ބޮޑަށް އަޅާނުލެވި ދޫކޮށްލެވިފައި. އެހެންވީމާ، އެހާބޮޑު އިސްކަމެއް އަޅުގަނޑުމެން މި ދެނީ މިކަން ކުރުމަށް. މި ރަށުގައި އެހެންވީމާ، މި ފެށޭ ހޮސްޕިޓަލް މަޝްރޫޢަކީ، މިގޮތުން ޞިއްޙީ ދާއިރާ ކުރިއެރުވުމުގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ މަޝްރޫޢަކަށް ވާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި ކަންވެސް މި ފުދިގެންދަނީ.
އަޅުގަނޑު ވަޢުދުވީ މައިގަނޑު ކަންކަމުގެ ތެރޭގައި ހިމެނޭ، 3 ކަންތައް. އަދި އެހެންނަމަވެސް އިތުރު ވަޢުދުތައްވެސް ހަމަ ހުންނާނެ. އާދެ، އިރާދަކުރެއްވިއްޔާ މި 3 މަޝްރޫޢުވެސް ވަރަށް ބާރު މިނުގައި ވަރަށް ހަލުވިކޮށް، ވަރަށް ފުރިހަމަކަމާ އެކީގައި އެކަމާ ހަވާލުވެފައިވާ ކުންފުނިތަކުން، ކަމާބެހޭ ވުޒާރާތަކުން ބަލަހައްޓަވަމުން، ރަނގަޅަށް ކުރިއަށް ގެންދަވާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތީ، ވަޢުދުތަކުގެ ޢަމަލީ މަސައްކަތްތައް ކުރިއަށްގޮސް ނިމޭ ދުވަސްތައް.
އާދެ، މީގެ އިތުރަށްވެސް ބަލައިލާއިރުގައި، އަޅުގަނޑު ދެންމެ ފާހަގަކޮށްފިން ގެދޮރުގެ ވާހަކަ. އެއީ، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް، މިފަދަ ރަށްރަށުގައި އަދި އަމުދުން، އާބާދީ ބޮޑެތި ރަށްރަށުގައި ވަރަށް މުހިންމު ކަމެއް، ގެދޮރުގެ މައްސަލަ ހައްލުކުރުމަކީ. އެހެންވީމާ، އަޅުގަނޑުމެން ލޯނު ސްކީމްތައް ތަޢާރުފްކުރުމާއި، ގެދޮރު އެޅުމުގެ މަޝްރޫޢުތައް މި ފަށަނީ.
އާދެ، ސަރުކާރުން ފަސް ޕަސެންޓު އިންޓްރަސްޓުގެ ލޯނު ސްކީމެއް މި އަހަރު އަލަށް މި ފެށީ. މިއީ ކޮންމެ އަހަރަކު ކުރިއަށްދާނެ މަޝްރޫޢެއް. ކޮންމެ ރަށެއްގެ ރައްޔިތަކަށްވެސް އެއަށް އެޕްލައިކޮށް، އެ ފުރުޞަތު އޮތް މިންވަރަކުން، ހޯދޭނެ ލޯނު ސްކީމެއް އެއީ. އާދެ، މީގެ އިތުރަށްވެސް އަޅުގަނޑު ވާނީ ބޭންކް އޮފް މޯލްޑިވްސްގައި ދަންނަވައިގެން، އެ ބޭފުޅުން ސީދާ ބޭންކުން އިތުރު ފުރުޞަތުތައް، ހައުސިންގއަށް ލުއި ފުރުޞަތުތައް ހޯދައިދިނުމުގެ މަސައްކަތްތަކެއް ކުރައްވާފައި. އަދި ކުރައްވަމުން އެބަގެންދަވާ.
އެގޮތުން، މިދިޔަ އަހަރުގެ މޭ މަހު، ބޭންކް އޮފް މޯލްޑިވްސްއިން ވާނެ ތަޢާރުފް ކޮށްފައި، އިތުރު ރަހުނެއް ނުބަހައްޓައި އެއް މިލިއަން ރުފިޔާއާ ހަމައަށް ހައުސިންގ ލޯނު ދޫކުރަން. ދެން މި އަދަދު މި އަހަރުގެ ފެބުރުވަރީ މަހު ބޭންކުން ބޮޑުކޮށްދެއްވި ދެ މިލިއަން ރުފިޔާއާ ހަމައަށް. އެއީ، އެކަމަކު ސިޓީތަކުގައި.
ދެން މިހާރުވާނީ މިކަން އަދި އިތުރަށް ލުއިކޮށްދީފައި. އެހެންވީމާ، ކުރިއަށް އޮތް ދުވަސްތަކުގައި މިހާރު ބޭންކުން ނިންމާފައިވަނީ، ރާއްޖޭގެ ހަމަ ހުރިހާ ރަށެއްގައިވެސް ވަކި ރަށެއް ނުބަލައި، ހަމަ އެކަނި ސިޓީތަކެއް ނޫން. ހުރިހާ ރަށެއްގެ ރައްޔިތުންވެސް އެއްވެސް އިތުރު ރަހުނެއް ނުބަހައްޓައި، ގެދޮރު ބިނާކުރުމަށް ތިން މިލިއަން ރުފިޔާ އާ ހަމައަށް ބޭންކުން ލޯނު ދޫކުރަން ފަށާނެ. އެކަމުގެ ނިންމުން މިހާރު މީގެ ދެދުވަހެއްގެ ކުރިން، ބޭންކުގެ ބޯޑުންވާނީ ނިންމާފައި. އެހެންވީމާ، މި ލޯނުތަކަށް އެޕްލައިކުރަން ބޭންކުން ވަރަށް އަވަހަށް ފުރުޞަތު ހުޅުވާލާނެ. ތިން މިލިއަން ރުފިޔާއާ ހަމައަށް ރަހުނެއް ނުބަހައްޓައި ލޯނު ނެގުމަކީ، ވަރަށް ބޮޑަށް ލުއިވެގެންދާނެ ކަމެއް. ދެން އޭގެ އިކުއިޓީ ޕަސެންޓޭޖަށް ޑިޕެންޑުވާނީ. ދެން އޭގެ ދެންހުރި ތަފްސީލުތައް 20 އަހަރު ދުވަހުގެ ތެރޭގައި، އެންމެ ގިނަވެގެން 20 އަހަރު ދުވަހަށް ބަހާލައިގެން ލޯނު އަނބުރާ ދެއްކޭ ލޯނު ސްކީމެއް. އެހެންވީމާ، ވަރަށް އެފޯޑަބަލް ލޯނު ސްކީމެއްވެސް ތަޢާރުފްކޮށްފި. ދެން އެ ދޫކުރަން ފަށާނެ. އެހެންވީމާ، މިއީވެސް މި ހުރިހާ ރަށެއްގެ ރައްޔިތުންނަށް ބޭނުންކުރެވޭނެ ފުރުޞަތެއް.
މީގެ އިތުރުން، މި ރަށުގައި އަޅުގަނޑުމެން ހައުސިންގ މަޝްރޫޢެއް ހިންގާނަން. އާދެ، ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގައި، ގެ އަޅަން މި މަޝްރޫޢު އަޅުގަނޑުމެން ޚާއްޞަ ކުރަނީ. އެހެންނަމަވެސް، އެއީ ކައުންސިލުން ނިންމަވާނީ ވަކި ތަނެއްގައިތޯ އަޅާނީ. ނޫނީވިއްޔާ ދެންމެ މި ދެންނެވިހެން އަމިއްލަ ކޮންމެ މީހެއްގެ ގޯތީގައިތޯ ގެ އަޅާނީ. މިގޮތުން، މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން 100 ހައުސިންގ ޔުނިޓު މި ރަށަށް އަޅުގަނޑުމެން ހަމަޖައްސައިދޭނަން.
އަޅުގަނޑުމެން، ކައުންސިލުން މިނިސްޓްރީއަށް ހުށަހަޅުއްވާނެ މީގެ ކޮން ގޮތެއްތޯ. ދެ ގޮތަށްވެސް ގެންދެވޭނެ މި ހައުސިންގ ޔުނިޓުތައް. 100 ހައުސިންގ ޔުނިޓުގެ ތެރެއިން އެއްބައި ވަކި ސަރަޙައްދެއްގައި، ލޭންޑް ޔޫޒް ޕްލޭންގައި ކަނޑައަޅާފައި އޮންނަ ޕަބްލިކް ހައުސިންގ އޭރިއާގައިވެސް އެޅިދާނެ. އަނެއްބައި ވަކިވަކި ގޭގޭގައިވެސް އެޅިދާނެ. ނޫނީވިއްޔާ މުޅިން އެކީވެސް ގޭގޭގައި އެޅިދާނެ. ގޮތެއް ނިންމައިދޭނީ ކައުންސިލުން ރައްޔިތުންގެ ޚިޔާލު ހޯއްދަވައިގެން. އެހެންވީމާ، ކޮންމެ ގޮތެއްވިޔަސް، 100 ޔުނިޓު މި ހަމަޖެހުނީ. މި އަންނަ އަހަރުގެ ތެރޭގައި އެކަން ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ.
އެހެންވީމާ، އެކަން ދެން އަދި މި ދެންނެވި ބޭންކުން މި ފަށާ ވަރަށް ރަނގަޅު ފުރުޞަތެއް، އެ ލޯނު ސްކީމް ހަމަ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އޮތް އެއްޗެއް. އަދި ސަރުކާރުން ކުރިއަށް ގެންދާ 5 ޕަސެންޓުގެ އިންޓްރަސްޓުގެ ލޯނު ސްކީމް އެއީ އެންމެ ލުއި ލޯނު ސްކީމް. އެހެންވީމާ، މި ހުރިހާ ފުރުޞަތުތަކެއް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެބައޮތް މިހާރު. އިރާދަކުރެއްވިއްޔާ، ގެދޮރުގެ މައްސަލައިގައި މި ކަހަލަ އެކި ފުރުޞަތުތައް އަޅުގަނޑުމެން މި ހޯދައިދެނީ. އެކި ރަށްރަށުގައި، އެކި އަދަދުތަކަށް ހައުސިންގ ޔުނިޓުތައް އަޅައިދިނުމާއި، މިކަހަލަ ލޯނު ފުރުޞަތުތައް މި ދެނީ.
އާދެ، އެއަރޕޯޓާ ގުޅިގެން ބިން މިވަނީ ދަތިވެފައި. ދެންމެ ކައުންސިލްގެ ރައީސް އެ ފާހަގަކުރެއްވި ކަންތައް. އާދެ، މި ކަމަށްވެސް އަޅުގަނޑުވާނީ މިހާރު ގޮތްތަކެއް ކަނޑައަޅާފައި. އާދެ، ގާދިއްފުށީގައި އަޅުގަނޑު ރިޔާސީ އިންތިޚާބުގައި ހަމަ ވީ ވަޢުދެއް. އެ ރަށަށް ބިންހިއްކުމުގެ މަޝްރޫޢެއްގައި މާދަމާ އެބަ ސޮއިކުރަން. މި މަޝްރޫޢަށް އެމް.ޓީ.ސީ.ސީ.އިން މޮބިލައިޒްކުރާނެ އެ ރަށަށް. މޮބިލައިޒް ކުރާއިރުގައި، މި ރަށަށް ބޭނުންވާ 7 ހެކްޓަރުގެ ބިންވެސް ގާދިއްފުށީގައި ބިންހިއްކާފައި ދާއިރުގައި މި ރަށުގައިވެސް އިރާދަކުރެއްވިއްޔާ ހިއްކައިދީފައި ދާނީ.
އާދެ، އަޅުގަނޑު ދެން ހުރި ކަންކަމަށްވެސް ކުޑަކޮށް އަލިއަޅުވާލާނަން. ބަނދަރުގެ ވާހަކަ. މަސްވެރިކަމަށް ޚާއްޞަކޮށް، ހަމަ ޖުމުލަކޮށް ހުރިހާކަމަކަށް ބަލާއިރުގައިވެސް މި ރަށުގެ ބަނދަރު މިހާރު ކުޑަ. ބޮޑުކުރަންޖެހޭ. ތަރައްޤީކުރަންޖެހޭ. އެހެންވީމާ، މީގެ ފައިނަލް ކޮންސެޕްޓް ކައުންސިލުން މިނިސްޓްރީއާ މަޝްވަރާ ކުރައްވައި، ފައިނަލް ކުރައްވާނެ. އަޅުގަނޑުދޭ ޔަޤީންކަމަކީ، އެ ފައިނަލްކުރާ ޑިޒައިން ވީހާވެސް އަވަހަކަށް ފައިނަލްކޮށްދެއްވީމާ، މި އަންނަ އަހަރަށް އަޅުގަނޑުމެން މި ހުށަހަޅާ ބަޖެޓުގައި އަޅުގަނޑުމެން ހިމަނާނަން، މި ރަށުގެ ބަނދަރު ބޮޑުކޮށް ތަރައްޤީ ކުރުމުގެ މަޝްރޫޢު. އެހެންވީމާ، ރައްޔިތުން އެދޭގޮތަށް، ކަނޑައަޅާ ޑިޒައިނަށް، މި އަންނަ އަހަރު އިރާދަކުރެއްވިއްޔާ މި ރަށުގެ ބަނދަރުގެ މަޝްރޫޢު ކުރިއަށް ގެންގޮސްދޭނަން.
ދެން އަޅުގަނޑު ފާހަގަކޮށްލާނަން ތަޢުލީމީ ދާއިރާގެ ވާހަކަ. މި ކަމުގައި ވަރަށް ބޮޑު މައްސަލައެއް ދިމާވެފައި މި އޮތީ. އެއީ، ހަދަން ފަށާފައިހުރި މަޝްރޫޢެއް ނުނިމި މާ ދިގުލައިގެން މިދަނީ. އޭގެ ސަބަބުން، ވަރަށް ގިނަ ދަތިތައް ރައްޔިތުންނަށް އެބަ ދިމާވޭ. އަޅުގަނޑުމެން މި ކަމުގައި ދަންނަވާލަން ބޭނުންވަނީ، ސަރުކާރުން ކޮންމެ ގޮތެއްވިޔަސް ބޭނުން މިހެން ހުންނަ ހުރިހާ މަޝްރޫޢެއް ނިންމަން. މީގެ ތެރެއިން، މި ރަށް ހިމެނޭގޮތަށް، ގިނަ ރަށްރަށުގައި މަޝްރޫޢުތައް މިހިރީ، މިދިޔަ ސަރުކާރުން އަމިއްލަ އެކި ފަރާތްތަކަށް ދީފައި. އެކި ބޭނުންތަކަށް. ދެން އަޅުގަނޑު އެހެން ދަންނަވާނީ، އެއީ މީގެ ތެރެއިން ގިނަ ރަށްތަކުގެ ކުންފުނިތައް ސަރުކާރު ބަދަލުވި ހިސާބުން ގެއްލިފައިވާތީ. ދެން އަޅުގަނޑުމެން އުޅެއުޅެވެސް އެ މީހުން މަސައްކަތްތަކެއް ނުފެށި. ދެން އުޅެއުޅެއޭ މި ދެންނެވީ އަހަރެއްހާ ދުވަސް އަޅުގަނޑުމެން މަސައްކަތްކުރަންޖެހުނު، އޮންނަ އުސޫލުން އެ ފަރާތްތައް މެދުވެރިކޮށް މަސައްކަތް ކުރެވޭތޯ. ދެން އެ ވާހަކަ އަޅުގަނޑު ކުރުކޮށްލީ. އެގޮތަށް ދިމާވެގެން ވަރަށް ގިނަ ރަށްތަކުގައި މަސައްކަތްތައް ޑިލޭ ވެގެންދިޔަ. ދެން ޙަޤީޤަތް އެއީ ހަމަ. ކޮންމެ މިނިސްޓްރީއަކަށްވެސް އެކަން ދިމާވީ އެހެން.
ކޮންމެގޮތެއްވިޔަސް މި ރަށުގެ މަޝްރޫޢު އިރާދަކުރެއްވިއްޔާ މިހާރު އޮތީ ކުރިއަށްދާ ގޮތަށް. އެހެންވީމާ، އެކަން އިރާދަކުރެއްވިއްޔާ، ކުރިއަށްގޮސް ނިންމައިދޭނަން. އަޅުގަނޑު ދޭ ޔަޤީންކަމަކީ، ކަމާބެހޭ ވުޒާރާއިން، އެޑިޔުކޭޝަން މިނިސްޓްރީން މިކަން ވަރަށް ގާތުން ބައްލަވާނެކަން. އާ ދިރާސީ އަހަރު ފެށެންވާއިރަށް، ނިންމައިދޭނެކަމުގެ ޔަޤީންކަން.
އާދެ، އަޅުގަނޑު ދެން ފާހަގަކޮށްލާނަން ކުޅިވަރުގެ ދާއިރާގެ ވާހަކަ. ކުޅިވަރުގެ ދާއިރާއިން ފުޓްބޯޅަ ދަނޑު ތަރައްޤީކުރަން ޖެހިފައި އޮތީ. މިހާރު އަޅުގަނޑުމެން އޮންނާނެ، ތިޔަބޭފުޅުން ގެޒެޓް ބެއްލެވީމާ ފެނިވަޑައިގަންނަވާނެ، އަޅުގަނޑުމެން އިޢުލާންކޮށްފިން ބަޔަކު ހޯދަން މި ދަނޑު ހަދަން. އެހެންވީމާ، އެ އޮންނަ ޕްރޮސެސްއިން ބަޔަކު ހޮވޭނެ. އަޅުގަނޑުމެން މިހާރު ފުޓްބޯޅަ ދަނޑުތައް ހަދާ ކޮންސެޕްޓުގައި ދަނޑު ފުރިހަމަ ކުރެވިގެންދާނެ. ރޭގަނޑު ކުޅެވޭގޮތަށް ލައިޓްޖެހި، ހަމަ ފުރިހަމަ ދަނޑެއްގެ ގޮތަށް. ހުރިހާ ކަމެއް ފުރިހަމަވެފައި އޮންނަ ފުޓްބޯޅަ ދަނޑެއް. އެހެންވީމާ، އަޅުގަނޑުމެން މިހާރު ހަދާ ޒަމާނީ، ކަންތައްތައް ފުރިހަމަވެފައި އޮންނަ ފުޓްބޯޅަ ދަނޑެއްގެ މަސައްކަތް މިހާރު މިއޮތް ބިޑިންގ ޕްރޮސެސް ނިމި، ކުރިއަށް މި އޮތް މަސްތެރޭގައި ސޮއިކުރެވޭނެ. ސޮއިކުރެވި، ހަމަ މި އަހަރުގެ ތެރޭގައި، ޢަމަލީ މަސައްކަތް ފެށޭނެ. އެހެންވީމާ، އެކަން ހަމަ އަޅުގަނޑު ދަންނަވާލަން ބޭނުން.
އަޅުގަނޑުމެން ފިޓްނަސް ސެންޓަރެއްގެ މަސައްކަތް އެބަ ފަށަން. ފިޓްނަސް ސެންޓަރަކީ އަޅުގަނޑުމެން ހުރިހާ ރަށެއްގައި އަޅާ ޢިމާރާތެއް. ކުރީގައި ކިޔާގޮތުންވިއްޔާ ޔޫތު ސެންޓަރު. ފިޓްނަސް އެންޑް ރިކްރިއޭޝަން މަރުކަޒަކީ، ވަރަށް މުހިންމު މަރުކަޒެއް. އެ ތަނުގެ ބޭނުން ހެޔޮގޮތުގައި ހިފުމަކީ، ހުރިހާ ރައްޔިތުންނަށްވެސް އޭގެ ފައިދާވާނެ ކަމެއް. ހަމައެކަނި ޒުވާނުންނެއް ނޫން. އާދެ، އެ މަޝްރޫޢުވެސް އެހެންވީމާ، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ވާހަކަ އަޅުގަނޑު ފާހަގަކޮށްލަން.
އާދެ، ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާއަށް ބަލާއިރުގައި، ރާއްޖޭގެ ހުރިހާ ރަށެއްގައި، ޚާއްޞަކޮށް ކުޑަކުދިންނަށް، ޢާއިލާތަކަށް ވަރަށް މުހިންމު ކަމެއް، ޕާކުތައް، ކުޅެލަން ނުކުންނާނެ ތަންތަން ހުރުން. އެހެންވީމާ، އަޅުގަނޑު ރިޔާސީ ބަޔާން އިއްވިއިރުގައި، މި އަހަރު އޮންނާނެ އިޢުލާނު ކޮށްފައި ސިޔާސަތު. މި އަހަރާއި، މި އަންނަ އަހަރަށް ބަހާލައިގެން، ރާއްޖޭގައި ކުޑަކުދިންގެ ޕާކު ނެތް ހުރިހާ ރަށެއްގައި، އެ ރަށެއްގެ އާބާދީގެ ނިސްބަތުން، ސައިޒު، ޑިޒައިން ފައިނަލް ކުރެވިގެން ކުޑަކުދިންގެ ޕާކު އަޅައިދޭނެކަމަށް. މިއީ، މި އަތޮޅުގައި އެންމެ އާބާދީ ބޮޑު ރަށް. ދިރިއުޅޭ އާބާދީ އެންމެ ބޮޑު ރަށް. އެހެންވީމާ، އެ ނިސްބަތުން ބަލާއިރު، ވަރަށް ފުރިހަމަ، ވަރަށް ބޮޑު، ޒަމާނީ ކުޑަކުދިންގެ ޕާކެއް އަޅައިދޭނަން. އިރާދަކުރެއްވިއްޔާ، އެ މަޝްރޫޢު މި އަހަރު ފެށިގެންދާނެ.
އާދެ، އެއަރޕޯޓެއް އަންނައިރުގައި، މި ތަރައްޤީގެ ހުރިހާ ކަމެއް އަންނައިރުގައި، ހުރިހާ ޚިދުމަތްތަކެއްވެސް ހޯދަން މިތަނަށް އަންނަ މީހުންނަށް ސަރުކާރުންދޭ، އަޅުގަނޑުމެން މި ލާމަރުކަޒު ކުރާ ހުރިހާ ޚިދުމަތްތަކެއް، ލިބެންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. އެހެންވީމާ، މި އަތޮޅުގައި އަޅުގަނޑުމެން މިހާރު ދެ ރަށެއްގައި، އައި.ޑީ.ކާޑާއި، ޕާސްޕޯޓުގެ ޚިދުމަތް އެބަ ދެން. ބައެއް އެހެން މަދު އަތޮޅުތައް އެބަހުރި 3 ރަށް، އަދި އެއް އަތޮޅު އެބައޮތް، 4 ރަށުގައިވެސް އަޅުގަނޑުމެން އައި.ޑީ.ކާޑު، ޕާސްޕޯޓު ޚިދުމަތް އެބަ ދެން، ޖިއޮގްރަފިކަލީ އޮންނަ ގޮތަށް ބަލާފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި ރަށުގައި، މި ނޮވެންބަރު މަހުގެ ތެރޭގައި، އައި.ޑީ.ކާޑު އަދި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފެށިގެންދާނެ.
އަޅުގަނޑު އެނބުރި ޞިއްޙީ ދާއިރާއަށް ޖެހިލާނަން. ޞިއްހީ ދާއިރާއަށް މި ޖެހިލަނީ، ވަރަށް މުހިންމު ބޭނުމެއްގައި. އެއީ، މަސްވެރިންނާވެސް ގުޅިފައިއޮތް ކަމަކާ ގުޅުވައިގެން ވާހަކައެއް ދަންނަވާލަން. މަސްވެރިންނަށް، ޑައިވްކުރާ މީހުންނަށް ވަރަށް ބޮޑަށް ބޭނުންވާ އެއްޗެއް ޑީކޮމްޕްރެޝަން ޗެމްބަރަކީ. އާދެ މިއީ، ވަރަށް މުހިންމު ވަސީލަތެއް. ރާއްޖޭގައި ވަރަށް ނެތް އެއްޗެއް. އެހެންވީމާ، މިކަން އަޅުގަނޑުވާނެ ރިޔާސީ އިންތިޚާބުގައި، ބައެއް ރަށްރަށުގައި ވަޢުދުވެފައިވެސް. އާދެ، މާލެއިން ބޭރުގައި، އެންމެ ފުރަތަމަ ބެހެއްޓޭ ޑީކޮމްޕްރެޝަން ޗެމްބަރ، މި ރަށުގައި މާދަމާ ހުޅުވިގެންދާނެ. އެމް.އެން.ޑީ.އެފް.ގެ ސެނަހިޔާ ހޮސްޕިޓަލުގެ ބެލުމުގެ ދަށުން އޮޕަރޭޓްކުރާ، މި ޑީކޮމްޕްރެޝަން ޗެމްބަރ ހަދިޔާކޮށްފައިވަނީ، ޖަޕާން ސަރުކާރުގެ ދީލަތި އެހީގެދަށުން، އެ ސަރުކާރުގެ ފަރާތުން. މިއީ، މަސްވެރިންނަށް، ޑައިވްކުރާ މީހުންނަށް، އެ މީހުންގެ ފުރާނަ ސަލާމަތްކުރުމަށް، ވަރަށް މުހިންމު ޚިދުމަތެއް. ވަރަށް ޒަމާނީ، ވަރަށް ފުރިހަމަ އިކުއިޕްމަންޓެއް. 100 މީޓަރު އަޑިން ޑީކޯވިޔަސް، ޓްރީމަންޓްދެވޭ ފެންވަރު މީގައި އެބަހުރި. އޭގެއިތުރަށްވެސް، އޮކްސިޖަން ތެރަޕީއާ، މިފަދަ އިތުރު އެހެން ކަންކަމަށްވެސް، ކަމާބެހޭ ޑޮކްޓަރުންނަށް މީގެ ބޭނުން ހިފޭނެ. އާދެ، މިކަން މި ރަށުގައި ފެށިގެން މިދަނީ. އިތުރު އެހެން ރަށްރަށުގައިވެސް ކުރިއަށްދާން އެބައޮތް. އާދެ، އަޅުގަނޑުމެން މިހާރު، ރާއްޖޭގައި ވަޢުދުވެފައި ހުރި އެކި ރަށްރަށުގައި މިކަން ގާއިމުކުރުމަށްޓަކައި، މި ޗެމްބަރުތައް ގާއިމުކުރުމަށްޓަކައި، މަސައްކަތްތައް އެބަ ކުރެވޭ. ގަތުމާއި، ގެނެސް އިންސްޓޯލް ކުރުމާއި، މި ހުރިހާ ކަމަކަށް. ވަރަށް ހަލުވި ދުވެލީގައި، އެ ކަންކަން އެބަ ކުރިއަށްދޭ. ކުރިއަށް އޮތް 4 މަސްދުވަހުގެ ތެރޭގައި، އެންމެ ގިނަވެގެން 4 މަސްދުވަހުގެ ތެރޭގައި، މިގޮތުން އަޅުގަނޑު ވަޢުދުވެފައި ހުރި ރަށްތައް ކަމުގައިވާ، އައްޑޫ ސިޓީއާއި، ފުވައްމުލަކާއި، ރަސްދުއާއި، ތިނަދުއާއި، ގއ. ވިލިނގިއްޔާ އަދި މާލޭގައިވެސް މި ޗެމްބަރުތައް ބެހެއްޓިގެންދާނެ. މިއީ، މި ދެންނެވިހެން، ވަރަށް މުހިންމު ޚިދުމަތެއް ލިބިގެންދާ ކަމެއް. އާދެ، މަސްވެރިންނަށް ޚާއްޞަކޮށް، ޑައިވްކުރާ ފަރާތްތަކަށް، އަދި ޖުމްލަކޮށް މިއިން ބޭނުންކުރެވޭނެ ހުރިހާ ޓްރީމަންޓަކަށް، ވަރަށް މުހިންމު ކަމަކަށްވެގެންދޭ.
އާދެ، ޞިއްޙީ ދާއިރާއަށް ބަލާއިރުގައި، މިފަދަ މުހިންމު އެހެން ކަންތައްތަކެއްވެސް އެބަ ކުރިއަށް ގެންދަން. މީގައި އަޅުގަނޑުގެ ވަޢުދުތައް ފުއްދުން މައިގަނޑު ގޮތެއްގައި ހިމެނިފައި އޮތީ. މިގޮތުން، ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި، އެންމެ ގިނަވެގެން 6 މަސްދުވަހުގެ ތެރޭގައި، މިހާރު މަސައްކަތް އެބަ ހިނގާ ހަމަ ވަރަށް ބާރަށް. އެންމެ ގިނަވެގެން 6 މަސްދުވަހުގެ ތެރޭގައި، މިހާރު އެމް.އާރު.އައި. ނެތް ހުރިހާ ޓާޝަރީ ހޮސްޕިޓަލެއްގައި، އެމް.އާރު.އައި. ގާއިމުކުރެވިގެންދާނެ. ހަމަ އެގޮތަށް، ހުރިހާ އަރބަން ސެންޓަރުތަކެއްގައި، ސީ.ޓީ. މެޝިން ގާއިމުކުރެވިގެންދާނެ، ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި. އެންމެ ގިނަވެގެން 6 މަސްދުވަހުގެ ތެރޭގައި. އަދި، ހުރިހާ އަތޮޅު ހޮސްޕިޓަލްތަކެއްގައި، 15 އަތޮޅު ހޮސްޕިޓަލެއްގައި، އެންމެ ޒަމާނީ، ހުރިހާ ޚިދުމަތްތަކެއް ފުރިހަމަ، ފުލް ފްލެޑްޖް ޑެންޓަލް ސެޓަޕް، 15 އަތޮޅު ހޮސްޕިޓަލެއްގައިވެސް، ކުރިއަށް އޮތް 4 މަސްދުވަހުގެ ތެރޭގައި ގާއިމުވެގެންދާނެ. މިއީވެސް، މާލެއަށް ހުރިހާ ކަމަކަށް، މިއިން ކޮންމެ ކަމެއްކުރަން އަންނަންޖެހޭ ވަރު މަދުކޮށްދީ، ރަށުގައި ތިބެގެން، އަތޮޅުގައި ތިބެގެން، އެ ސަރަޙައްދުން އެ ޚިދުމަތް ހޯދުމަށް ފަސޭހަކޮށްދީ، ރައްޔިތުން ބާރުވެރިކޮށްދީ، މާލެއަށް އަންނަން މިޖެހޭ އަޅުވެތިކަމުން ސަލާމަތްކޮށްދިނުމަށް، ޞިއްޙީ ދާއިރާ ވަރުގަދަކުރުމަށް، އަދި ޖުމްލަކޮށް މި ސިޔާސަތު ލާމަރުކަޒީކޮށް، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި، މިކަހަލަ ހުރިހާ ޚިދުމަތްތަކެއް ގާއިމުކުރުމަށް، އަޅުގަނޑުމެން ހިންގާ ސިޔާސަތުތަކުގެ ތެރެއިން ކުރިއަށްދާ ކަންކަން. ތިޔަބޭފުޅުންނަށް، ހުރިހާ ރައްޔިތުންނަށް ފާހަގަވެގެންދާނެ، އަޅުގަނޑުމެންގެ ސިޔާސަތުތައް ހުރީ މިހެންކަން. ކޮންމެ ރަށެއްގައި އޭ.ޓީ.އެމް. ގާއިމުކުރުން، ދެން މިހެންގޮސް އެތައް ކަމެއް. ކޮންމެ ރަށެއްގައި، ކޮންމެ އަތޮޅެއްގައި، މިހެންގޮސް، އެތައް ކަމެއް މި ގާއިމުކުރަނީ، ކުރީގައި މާލޭގައި އެކަނި ލިބޭނެ ކަންކަން މި ހުންނަނީ. އެއީ، އަޅުގަނޑު ގަބޫލުކުރާގޮތުގައި، ރާއްޖޭގެ ކޮންމެ ކަންކޮޅެއްގައިވެސް، ހުރީ ދިވެހި ރައްޔިތެއް. ތިބީ ހަމަ ދިވެހި ރައްޔިތުން. އަޅުގަނޑު ކުރިމަތީގައި، ކޮންމެ ދިވެހި ރައްޔިތެއްވެސް ހަމަހަމަ. އެހެންވީމާ، އެކަން މިގޮތަށް މި ކުރަނީ. އާދެ، މި ކަންކަން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި ގާއިމުވެގެން ދިޔައީމަ، ރާއްޖޭގެ ޞިއްޙީ ދާއިރާ އިރާދަކުރެއްވިއްޔާ އެތައް ގުނައަކުން ކުރިއަރައިގެންދާނެ.
އާދެ، އަޅުގަނޑު ދެންމެ މި ފާހަގަކޮށްލީ، މި ރަށުގައި ކުރިއަށްހުރި ބައެއް މަޝްރޫޢުތައް. ކުރިއަށްދާނެ ގޮތް، ޕްލޭން ކުރެވިފައި ހުރިގޮތް. މީގެއިތުރަށްވެސް، އެތައް ކަމެއް އެބަހުރި. އަޅުގަނޑު ލިސްޓު އެކީގައި ނުކިޔަން. އޭގެ މާނައަކީ، އެކަންކަން ނެތީކީނޫން. މިހާރު އެކި ވުޒާރާތަކުން ކައުންސިލާ ގުޅިގެން، ކަމާބެހޭ މުއައްސަސާއާ ގުޅިގެން ހިނގާ ކަންކަން ހުންނާނެ. މިސާލަކަށް، މި ރަށުގައި ޕަވަރ ހައުސް، ފެނަކަ، އެބަޖެހޭ ރީލޮކޭޓްވާން އެހެން ތާކަށް. މިއީ ހަމަ މިސާލެއް އިނގޭތޯ، އަޅުގަނޑު ލިސްޓު ނުކިޔާކަން ދަންނަވަންވެގެން. އެއީ، ވަރަށް މުހިންމު ކަމެއްދީގެން ފެނަކައިން، މި އަންނަ އަހަރު އެ ބޭފުޅުން ބަޖެޓު ހަދާއިރުގައި، މި އަންނަ އަހަރު ކުރީކޮޅުގައި ފަށާނެ މަޝްރޫޢެއް. މި ހުރިތަން މިހާރު ގޯސް. މީހުންގެ ތެރޭގައި ހުރީމަ. އެހެންވީމާ، މިކަހަލަ އެތައް ކަމެއް އެބަހުރި، މި ރަށުގައި ކުރިއަށްދާން މި އަންނަ އަހަރު ތެރޭގައި. އެތައް ކަމެއް އެބަހުރި. އެހެންވީމާ، އެ ކަންކަން ކުރިއަށް އޮތް ވާހަކަ، ގުރައިދޫގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުން.
އާދެ މިއީ، އަޅުގަނޑުމެން ރައްޔިތުންނަށް ޚިދުމަތްދޭ ގޮތަކީ. ދޭން ބޭނުންވާ ގޮތަކީ. ރައްޔިތުން ގާތަށް އައިސް، ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުވައިގެން ރައްޔިތުންނަށް ޚިދުމަތްކުރުން. ރައްޔިތުން އެދޭ އަމާޒަށް ކަންކަން ގެންގޮސްދިނުން. އެގޮތަށް ކަންކަން ކުރީމާ، އިރާދަކުރެއްވިއްޔާ އެ ކަންކަން އެ ކޮށްދެވެނީ، ރައްޔިތުންނަށް ޙަޤީޤަތުގައި ޚިދުމަތް ކުރަންޖެހޭ ގޮތަށް. ރާއްޖޭގެ ކޮންމެ ކަންކޮޅެއްގައިވެސް، އަޅުގަނޑުމެން މިގޮތަށް ހުރިހާ ކަންކަމެއް މި ކުރަނީ. މިހެންހުރި ޢަމަލީގޮތުން އަތުންހިފޭ މަޝްރޫޢުތައް ހިންގުމާއި، ރާއްޖޭގައި ބޮޑުވެފައި ހުރި ހުރިހާ މައްސަލަތަކެއް ޙައްލުކުރުމާއި، މި ކަންކަން މި ކުރަނީ މިގޮތުން.
އަޅުގަނޑު މީގެ ހައެއްކަދުވަސް ކުރިން އިޢުލާނުކުރިން، ޖެހިގެންއަންނަ ދުވަހު، 21 ސެޕްޓެންބަރުގައި އަޅުގަނޑުމެން އެބަ ފަށަމޭ، މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ވިޔަފާރިތައް ހިންގާ، ނުގަވާއިދުން އުޅޭ ބިދޭސީން ތިބި ތަންތަން ހޯދައިގެން، ވަގުތުން ޑީޕޯޓްކުރުމުގެ ޕްރޮގްރާމެއް. މިކަން އަޅުގަނޑުމެން ފަށަން ނިންމި ސަބަބަކީ، ދިވެހިންނަށް މި ފުރުޞަތުތައް ގެއްލިގެންދާތީ. މި މައްސަލައަކީ، ވަރަށް ބޮޑުވެފައި އޮތް މައްސަލައެއް. ހަމަ އެއްވެސް ކަހަލަ ގަވާއިދެއް، ޤާނޫނެއް ބެލުމެއްނެތި، މި ފަރާތްތަކުން މާލޭގައާއި، އެކި ތަންތާނގައި ތަންތަން ހުޅުވާލައިގެން، ވިޔަފާރިތަކުގެ ތެރެއަށް ވަދެ، ރާއްޖޭގެ ވިޔަފާރި ހަލާކުވެގެން މިހާރު ދަނީ. ދިވެހިން ކުރަމުން އައި އަމިއްލަ ވިޔަފާރިތައް ގެއްލެމުންދަނީ. ޚާއްޞަކޮށް ކުދި ވިޔަފާރިތައް. ކުދިކުދި ފިހާރަތައް ހިންގާ ފަރާތްތަކާ، މިފަދަ ފަރާތްތައް. އެހެންވީމާ، މި އޮޕަރޭޝަން ފަށައިގެން މިހާރު އަޅުގަނޑުމެން މި ގެންދަނީ. ޚާއްޞަކޮށް، މާލޭގައި އަޅުގަނޑުމެން ފެށީ. އަޅުގަނޑު ހަމަ ދަންނަވާލާނަން، މިހާތަނަށް، މިދިޔަ 5 ދުވަހުގެ ތެރޭގައި، އެންމެ 5 ދުވަހުގެ ތެރޭގައި، އަޅުގަނޑުމެން 474 ވިޔަފާރިއެއް ޗެކްކޮށްފިން. ޗެކްކުރިއިރުގައި، އަޅުގަނޑުމެން 959 ބިދޭސީއެއްގެ ތަފުޞީލުތައް ބަލައިފިން. ބެލިއިރުގައި، މުޅިން ނުބައިކޮށް، މި ދެންނެވިހެން، ގަވާއިދާ ޚިލާފަށް އުޅޭ 108 ބިދޭސީން، 5 ދުވަހުގެ ތެރޭގައި، 108 ބިދޭސީން މިހާރުވަނީ ޑީޓެއިން ކުރެވިފައި. ހައްޔަރު ކުރެވިފައި. އެމީހުން ޑީޕޯޓްކުރުމުގެ މަސައްކަތް މިހާރު އެދަނީ ކުރިއަށް. އާދެ، އަޅުގަނޑުމެން ބޭނުމެއްނޫން، ދިވެހިންގެ މަސައްކަތުގެ ތެރެއަށް އައިސް މިގޮތަށް، ކުރިން އެކި ގޮތްގޮތުން ރާއްޖެއަށް ނުގަވާއިދުން ވައްދާފައި ތިބި ބިދޭސީން ވަދެގެން، އަޅުގަނޑުމެން އިޤްތިޞާދީ ކަންކަން ހަލާކުވެގެންދާކަށް. މިމަހު އެކަނި، 1 ސެޕްޓެންބަރުން 25 ސެޕްޓެންބަރާ ހަމައަށް، މިދިޔަ 25 ދުވަހުގެ ތެރޭގައި، އަޅުގަނޑުމެން 110 ބިދޭސީން ޑީޕޯޓްކޮށްފިން. އަދި، ޑީޕޯޓްކުރަން ރެޑީކޮށްފައި ތިބި މީހުންގެ ތެރެއިން، ޑީޕޯޓްކުރުމުގެ ބަދަލުގައި، އަމިއްލައަށް ދާން ބޭނުންވި 230 މީހަކު، ޖުމްލަ 340 ބިދޭސީން ފޮނުވާލެވިއްޖެ، މިދިޔަ 25 ދުވަހުގެ ތެރޭގައި އެކަނި. މިއީ، އަޅުގަނޑުމެން މި ކަންކަން ކުރާ ގޮތަކީ. މިހެން ހުރި އިމާރާތްތައް އެޅުމުގެ އިތުރަށް، މިހެން ހުރި ބޮޑެތި މައްސަލަތައް މި ޙައްލުކުރަނީ.
ރާއްޖޭގައި މައިގަނޑު ބޮޑު ތިން މައްސަލައެއް އެބައޮތް. ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލަތަކާއި، ޑްރަގުގެ އެކިކަހަލަ މައްސަލަތަކާއި، ގޭންގުތަކުގެ އެކިކަހަލަ މައްސަލަތަކާ. މި ތިން މައްސަލަ ޙައްލުކުރުމަށް އަޅުގަނޑުމެން ވަރަށް ފޯކަސް ބޮޑެތި މަސައްކަތްތަކެއް މި ކުރަނީ. ގޭންގް ކުށްތަކާ ބެހޭ، ތޫނު ހަތިޔާރު ގެންގުޅުމާ ބެހޭ ޤާނޫނު އަޅުގަނޑުމެން އެއޮތީ ހަދާފައި. ސީދާ މިކަން ޙައްލުކުރަން. އެއްވެސް ވަރަކަށް އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން މިކަމުގައެއް. އެއީ، މި ރާއްޖޭގައި ޙައްލުކުރަން ޖެހިފައި އޮތްކަމެއް. ވަރަށް ވަރަށް ފަރމްކޮށް އަޅުގަނޑުމެން ކުރިއަށް މިދަނީ އެކަމުގައި. މިހާރު، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު މި އިޞްލާޙުކުރަނީ. މިހާރު ހުރި ޤާނޫނުތަކުގެ ތެރެއިން ވަރަށްގިނަ ހުރަސްތައް އެބަހުރި، އަޅުގަނޑުމެން ބޭނުންވާ ސްޕީޑުގައި، ބޭނުންވާ ސްކޭލްގައި މިކަން ކުރުމަށް ހުރަސްތަކެއް. އެހެންވީމާ، މަޖިލީހުގެ މި އަންނަ މަހު ހުޅުވޭ ދައުރުގައި، އަޅުގަނޑުމެން ހުށަހަޅާނަން އިޞްލާޙުތައް. އެ އިޞްލާޙުތައް ފާސްވީމަ، ވަރަށް ބާރު ސްޕީޑުގައި ދާނެ، މި ޑްރަގުގެ މައްސަލަ ޙައްލުކުރުމުގެ ކަންތައްވެސް.
އެހެންވީމާ، މި ތިން މައްސަލަ ޙައްލުކުރަން މިކުރާ މަސައްކަތް މިއީ، ޙަޤީޤަތުގައި އަތްލެވޭ ކަހަލަ ތަރައްޤީއެއް ނޫން. މިހެން ހުންނަ، އެއަރޕޯޓެއް އެޅުން، މަގު ހެދުން، ހޮސްޕިޓަލް އެޅުން ކަހަލަ ކަމެއް ނޫން. އެހެންނަމަވެސް، އެއާ އެއްވަރު، ނޫނީ އެއަށްވުރެ ބޮޑު ކުރިއެރުމެއް ލިބޭ، ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކެއް ހާސިލުވެގެންދާ މަޝްރޫޢުތަކެއް މިއީ. އެހެންވީމާ، މިހެން ހުންނަ ހުރިހާ ކަމެއްވެސް ސަރުކާރުން އެބަ ހިންގަން. މި ކަންކަން މި ކުރަނީ، މީގެ ކުރިން މި ކަންކަން ނުކޮށް ދޫކޮށްލާފައި ހުރީމަ. ފަސޭހަގޮތް ޚިޔާރުކުރެވިފައި އޮތީ، ކޮންމެގޮތެއްވިޔަސް. އެހެންވީމާ، އެ ފަސޭހަގޮތް ޚިޔާރުކުރީމަ، ރައްޔިތުންނަށް އޭގެ ހުރިހާ ގެއްލުންތަކެއް، މިއަދާ ހަމައަށް އައިއިރުގައި ވަމުން މިއައީ.
އަޅުގަނޑަކަށް ކަމަކުނުދޭ އެގޮތެއް. އެއީ، އަޅުގަނޑު ކޮށްގެންހުރި ހުވާގައި، އަޅުގަނޑަކަށް ތަނެއްނުދޭ، އަޅުގަނޑަށް ފަސޭހަގޮތް ޚިޔާރުކޮށްފައި ކުރިއަށް ދިޔުމެއް. އިޚްލާޞްތެރިކަމާ އެކީގައި، ރައްޔިތުންނަށް ޚިދުމަތް ކުރުމަށް، ރައްޔިތުން ޚާދިމެއްގޮތުގައި ރައްޔިތުން އަޅުގަނޑު ހޮވީ. އެހެންވީމާ، އަޅުގަނޑު ކޮށްފައިހުރި ހުވައާ އެއްގޮތަށް އަޅުގަނޑު ބޭނުން، ރައްޔިތުންގެ ތެރޭގައި މިހިރަ ބޮޑެތި މައްސަލަތައް ޙައްލުކުރުމުގައި، ޙަޤީޤީ މަސައްކަތްތަކެއް ކުރަން. އެއީ އަޅުގަނޑު ވީ ވަޢުދަކީވެސް. އެހެންވީމާ، އެ ވަޢުދު ފުއްދުމުގައި، އަޅުގަނޑުމެން މަސައްކަތް މި ކުރަނީ. ކުރިއަށް މިދަނީ. މިކަމުގައި ހަމަ ލޮބުވެތި ހުރިހާ ރައްޔިތުން، ގުރައިދޫގެ ރައްޔިތުން، ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުން، ތިޔަ ދެއްވަނީ ވަރަށް ބޮޑު އެއްބާރުލުމެއް. ވަރަށް ބޮޑު ތާއީދެއް. އެކަމަށްޓަކައި، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން، ރާއްޖެގެ ހުރިހާ ރައްޔިތުންނަށް ހަމަ ވަރަށް ބޮޑު ޝުކުރެއް ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ!
އިރާދަކުރެއްވިއްޔާ މިހެން ހުރި ހުރިހާ ކަމެއް ޙައްލުވާނެ. ގިނަދުވަސް ނަގާނެ، ބޮޑެތި މައްސަލަތައް ޙައްލުކުރަން. މަސްތުވާތަކެތީގެ މައްސަލަ ރާއްޖޭގައި ފެށުނުފަހުން، ތިރީހަކަށް އަހަރަށްވުރެ ގިނަދުވަސް ވެއްޖެ. ދެން، އެދިޔަ ގޮތަކަށް އެއޮތީ ގޮސްފައި. އެހެންވީމާ، އެއްދުވަހަކުން، ދެދުވަހަކުން ޙައްލެއް ނުވާނެ. އެހެންނަމަވެސް، މިހާތަނަށް ނާޅާވަރުގެ ފިޔަވަޅުތައް އަޅައި، މިހާތަނަށް ކުރަން ނުކެރިފައިހުރި ކަންކަން، އަޅުގަނޑުމެން ކުރަން ފަށައިގެން މިއުޅެނީ. މި ތިން މައްސަލަ ޙައްލުކުރުމުގައިވެސް. މި ތިން މައްސަލަވެސް ރާއްޖޭގައި ފެތުރިގެންގޮސްފައި މިއޮތީކީ ދެ ދުވަހަކުން، ތިން ދުވަހަކުން ނޫން. ހަމަ އެކި ފަހަރު، އިމިގްރޭޝަނާއި، އެކި ތަންތާނގައި ތިބި މީހުން، ރާއްޖެއަށް ބޭރުމީހުން ވައްދައި، އެމީހުންގެ އަމިއްލަ މުއްސަނދިކަން ހޯދައިގެން، ހިއުމަން ޓްރެފިކިންގ ރާއްޖޭގައި ހިންގައިގެން މިތިބީ ރާއްޖެއަށް އެތައް ބަޔަކު ވައްދާފައި.
އަޅުގަނޑުމެން "ކުރަނގި" ނަމުގައި މިހާރު ފަށައިގެން މިއުޅޭ ޕްރޮގްރާމް. ގާތްގަނޑަކަށް ދެލައްކަ ބިދޭސީންގެ ދިހަ އިނގިލީގެ، ބައޯމެޓްރިކްސް މިހާރު ނަގާ މި ނިމެނީ. ދެލައްކަ މީހުން ގާތްގަނޑަކަށް. މީގެތެރެއިން، އެންމެންނަކީ ކޮންމެހެން ނުގަވާއިދުން އުޅޭ މީހުންނެއްނޫން. ގަވާއިދުން މިތާ ސްކޫލުގައި އުޅޭ ބިދޭސީ ޓީޗަރުންވެސް އޭގައި ހިމެނޭނެ. އެކަމަކު ގިނަވާނީ، ނުގަވާއިދުން ތިބި މީހުން. އެންމެންގެ ޑޭޓާ މި ނަގަނީ. އެ ނަގައި ނިމުނީމަ ނޫންތޯ، ދެން އަޅުގަނޑުމެންނަށް އެނގޭނީ، އެ މީހާއަކީ، ކާކުކަން، ކޮންތާކުކަން ތިބީވެސް. މިހާރު އެ ދެލައްކަ މީހުންނަކަށް، ދެލައްކަ ސީދާ އަދި ހަމައެއްނުވޭ. އެއްލައްކަ ނުވަދިހަވަރަކަށް ހާސް މިވީ. އެކަން ވަރަށް ބާރު ސްޕީޑުގައި އެބަދޭ. އެހެންވީމާ، އެ މީހުންނަށް ދެން އަޅަންވީ ފިޔަވަޅުތައް، އޭގެތެރެއިން ޑީޕޯޓްކުރަންވީ މީހުން ޑީޕޯޓްކުރުން، ރަސްމީ ނިޒާމުތެރެއަށް ވައްދާ މީހުން، ރަސްމީ ނިޒާމުގެ ތެރެއަށް ވެއްދުން. މި ހުރިހާ ކަމެއްވެސް ހިންގޭނެ. އެހެންވީމާ، މި ވާހަކަތައް އަޅުގަނޑު މި ޙިއްޞާކޮށްލީ. އަޅުގަނޑު ގަބޫލުކުރާ ހަމައަކީ، އަދި ސަރުކާރުގެ ސިޔާސަތު އަޅުގަނޑުމެން ތަންފީޒުކުރާ ގޮތަކީ، މި ވަށާޖެހޭ ތަރައްޤީއާ އެއްގޮތަށްކަން ހަމަ ދަންނަވާލަންވެގެން.
އާދެ، އަދިވެސް އެއްފަހަރު ގުރައިދޫގެ ރައްޔިތުންނަށް، ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މި ރަށުގެ ތަރައްޤީގައި މި ފެށިގެންދާ މަސައްކަތްތަކަކީ، އިރާދަކުރެއްވިއްޔާ އަޅުގަނޑު މި ދެންނެވިގޮތަށް ދާނެ ކަންކަން. 2027 ވަނަ އަހަރުގެ މިނިވަން ދުވަހަކީ، އިރާދަކުރެއްވިއްޔާ މި ރަށުގައި އެއަރޕޯޓު ހުޅުވޭނެ ދުވަސްކަމުގެ ޔަޤީންކަން އަދިވެސް އެއްފަހަރު ދެމުން ވަކިވެލަން.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން.
وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.