بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ، وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ދިޔަމިގިލީގެ ލޮބުވެތި އެންމެހައި ރައްޔިތުން، ރަށުގެ ކައުންސިލްގެ ރައީސް، އަދި މި ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ކައުންސިލަރުންނާއި، ރަށުގެ މުއައްސަސާތަކުގެ ވެރިން، މި ރަށުގެ ޚިދުމަތްތެރި އިސް ރަށްވެހިން، ވަޑައިގެން ތިއްބެވި އެންމެހައި ޢިއްޒަތްތެރިން، މި ޖަލްސާ، ދުރާއި ގާތުން ބައްލަވާ، އަޑުއައްސަވާ ލޮބުވެތި އެންމެހައި ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

އާދެ، ތިޔަބޭފުޅުން ވަޑައިގެން، އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ދިޔަމިގިލީގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އިރާދަކުރެއްވީތީ މިއަދު މި ފެށިގެންދަނީ މި ރަށުގެ ތަރައްޤީގެ އެންމެ މުހިންމު މަސައްކަތްތައް. ރައްޔިތުން އަޅުގަނޑު ގާތު އިންތިޚާބުގެ ތެރޭގައި އަދި ފަހުންވެސް ވިދާޅުވެދެއްވި އެންމެ މުހިންމު ކަންކަން، އަޅުގަނޑު ވަޢުދުވީ މަސައްކަތްތައް ފެށުމުގެ އެއްބަސްވުންތަކުގައި މިއަދު މި ސޮއިކުރެވުނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ސޮއިކުރި ކޯޒްވޭގެ މަޝްރޫޢު، މި ސޮއިކުރެވިގެންދިޔަ ގޮތަށް، އާދެ، މި ރަށުން ގޮސް މަޑިފުށިން، މަޑިފުށިން އުފުރިޔާއާ ހަމަޔަށް މި ގުޅިގެންދާ ހުރިހާ ރަށެއް ގުޅޭގޮތަށް މި ހެދޭ ކޯޒްވޭގެ މަސައްކަތް ގިނަވެގެން 18 މަސްދުވަހުގެ ތެރޭގައި، ދޮޅުއަހަރު ދުވަހުގެ ތެރޭގައި ނިމިގެންދާނެ. އެކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް ދެން. އިރާދަކުރެއްވިއްޔާ އެއްފަސްވެގެން، ގުޅިގެންދިޔުމުން، މި ގުޅޭ ރަށްތަކަށް، ހަމަ މަޑިފުށްޓަށާއި ދިޔަމިގިއްޔަށް މި ލިބިގެންދަނީ ވަރަށްބޮޑު ކުރިއެރުމެއް. ޢުމްރާނީ، އިޤްތިޞާދީ، އިޖުތިމާޢީ ގޮތުން ކުރިއަރައިގެން ދިޔުމުގައި އެޅިގެންދާ ވަރަށް މުހިންމު ފާލަމެއް. ހުޅުވިގެންދާ ވަރަށްބޮޑު ދޮރެއް. އަޅުގަނޑު ޔަޤީންކުރަނީ އިރާދަކުރެއްވިއްޔާ މިއަދު މި ފެށޭ މަޝްރޫޢު، މިއަދު މި ސޮއިކުރެވުނު މަޝްރޫޢު ނިމިގެންދާއިރުގައި، މި ދެންނެވި ގޮތަށް މި ހުރިހާ ރައްޔިތުންނަށް މީގެ އުފާފާގަތިކަން ލިބިގެންދާނެ ކަމަށް.

ހަމައެއާއެކީގައި، މަގުހެދުމުގެ މަޝްރޫޢަކީ، މިވަގުތު އަދި ފެނުގެ މަޝްރޫޢު ނުނިމޭތީ، ޢަމަލީ މަސައްކަތް ނުފެށުނު ނަމަވެސް، ފެނުގެ ނެޓްވަރކްގެ މަސައްކަތް، ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ނިމޭނެ. އެއީ މިހާރު އެއޮތީ އެމް.ޑަބްލިޔޫ.އެސް.ސީ.އާ އަޅުގަނޑުމެން ހަވާލުކޮށްފައި. އެ ބޭފުޅުން ހުރިހާ ކަމަކަށް، މަސައްކަތުގެ ހުރިހާ ކަމަކަށް ތައްޔާރުވެފައި ވަނީ. އެހެންވީމާ، 6 މަސްދުވަސް، މިހާރުން ފެށިގެން ގާތްގަނޑަކަށް 6 މަސް ދުވަހުގެ ތެރޭގައި ނިމިގެންދާއިރުގައި، މަގުހެދުމުގެ މަޝްރޫޢު ފެށޭގޮތަށް މިހާރު މި ސޮއިކުރެވި، އެ ބޭފުޅުން ތައްޔާރުވެގެންދާނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ މަގުހެދުމުގެ މަޝްރޫޢަކީވެސް ތިޔަބޭފުޅުންގެ ކުރިއެރުމަށް ހަމަ ޔަޤީނުންވެސް ވަރަށްބޮޑު ކުރިއެރުމެއް ލިބޭނެ ކަމެއް. އެހެންވީމާ، މި މުހިންމު ދެ މަޝްރޫޢު ސޮއިކުރެވިގެންދިޔަ މުނާސަބަތުގެ އުފަލުގައި، ދިޔަމިގިލީގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު މަރުޙަބާ ދަންނަވަން.

ހަމައެއާއެކީގައި، ހިނގަމުންދާ މަޝްރޫޢުތަކުގެ ތެރެއިން ޙަޤީޤަތުގައި ވަރަށް މުހިންމު މަޝްރޫޢެއް، ރަށް ގިރުމުގެ މައްސަލަ ޙައްލުކުރުމަށް އެމް.ޓީ.ސީ.ސީ.އާ ހަވާލުކުރެވިފައި އޮތް މަޝްރޫޢު. އެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް އެ ބޭފުޅުން މިހާރު މޮބިލައިޒް ކުރެވި، މަސައްކަތް ފެށުމަށް މިހާރު އެއޮތީ ތައްޔާރުވެފައި. މިހާރު ހަވާލުކުރެވިފައިވާ ސަރަޙައްދުގެ އިތުރަށް، އެ ސަރަޙައްދުން ފެށިގެން ކޮންޓިނިއު ކުރެވި، ގޮސް އިރުމަތީފަރާތް އެކީގައި ޙިމާޔަތްވާގޮތަށް އިރާދަކުރެއްވިއްޔާ މި މަޝްރޫޢު އަޅުގަނޑުމެން ނިންމާނީ. އެކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން. އޭގެ ނަތީޖާއަކަށް ވާނީ، ރަށް ޙިމާޔަތް ވެގެންދިޔުން. އެއީ، ވަރަށްބޮޑު އުނދަގުލެއް، ނުރައްކަލެއް. އިރާދަކުރެއްވިއްޔާ އޭގެ ސަބަބުން އެކަންކަން ނިމުމަކަށް އަންނާނެ.

ހަމައެއާއެކީގައި، ތަޢުލީމީ ދާއިރާއިން އަޅުގަނޑު ދެންނެވިން، ހުއްޓިފައި އޮތް ސްކޫލް މަޝްރޫޢު ކުރިއަށް ގެންދާނެ ކަމަށް. މިހާރު އެ މަސައްކަތް ހަވާލުވެފައި އޮތް ފަރާތުން ކުރިއަށްދިޔުމަށް އެއްބަސްވެ، މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށް އަޅުގަނޑަށް ހަމަ މިނިސްޓްރީގެ ފަރާތުން މަޢުލޫމާތު ލިބިފައިވަނީ. ކޮންމެގޮތެއްވިޔަސް މި މަސައްކަތް ނުނިމޭތީ، މި 10 ކްލާސްރޫމްގެ މަސައްކަތް ނުނިމޭތީ، ސްކޫލްގައި އޭ ލެވެލް ކުރިއަށް ގެންދިޔުންވިޔަސް އަދި ޖުމްލަކޮށް ހަމަ ސްކޫލްގައި ކިޔަވައިދިނުމުގައި ވަރަށްދަތި.

އާދެ، މި މަޝްރޫޢު މިހާރުން ފެށިގެން އަޅުގަނޑުމެން ވަރަށް ބޮޑަށް އެ މަސައްކަތްކުރާ ފަރާތަށް މިކަމުގައި ބާރުއަޅާނެ. ޙަޤީޤަތުގައި މިހާރު ސަރުކާރުން ކަމެއް ނުކޮށްދީގެން ލަސްވަނީކީ ނޫން. ޑިއުވެފައި އޮތް އެއްވެސް ޕޭމަންޓެއްވެސް އޮތީކީނޫން. އެހެންވީމާ، އަޅުގަނޑުމެން މިކަމުގައި ވަރަށް ބޮޑަށް ބާރުއަޅައި މަސައްކަތް ކުރަމުން ގެންދާނަން.

އަޅުގަނޑު މި ހުރިހާ ވާހަކައެއް ދައްކާފައި، ދޭން ބޭނުންވާ ޔަޤީންކަމަކީ، އިރާދަކުރެއްވިއްޔާ އަންނަ ދިރާސީ އާ އަހަރަށް އެތަން ބޭނުންކުރެވޭވަރަށް ނިންމައިދޭނެ ކަމުގެ ޔަޤީންކަން. ލައްކަ މަސައްކަތް އެބަހުރި އެކަމަކު ކުރަން. އަޅުގަނޑަށް އެނގޭ އަދި ވަރަށްބޮޑުބައި ނުނިމި ހުރިކަންވެސް. އަދި ހަމަ އެއާއެކީގައި، މަލްޓި ޕަރޕަސް ހޯލެއް އެޅުމަށް ބަޔަކާ ހަވާލުކުރުމަށް މިހާރު އަޅުގަނޑުމެން މިއޮތީ ތައްޔާރުވެފައި. އެ މަސައްކަތް މި އަހަރުގެ ބާކީ މިއޮތް މުއްދަތުގެ ތެރޭގައި ފެށިގެންދާނެ. އެ ޔަޤީންކަންވެސް އަރުވަން. އެހެންވީމާ، 10 ކްލާސްރޫމް ޕްރޮޖެކްޓާއި، މަލްޓި ޕަރޕަސް ހޯލު ޕްރޮޖެކްޓް، މި ރަށުގެ ސްކޫލް ތަރައްޤީކުރުމުގައި ހިނގަމުންދާނެ.

އާދެ، މީގެއިތުރަށްވެސް ހަމަ އިރާދަކުރެއްވީތީ މިއަދު އަޅުގަނޑުމެން މި ކުޅިވަރުގެ ދާއިރާއިން މި ފެށި ފިޓްނަސް އެންޑް ރިކްރިއޭޝަން މަރުކަޒުގެ މަޝްރޫޢަކީވެސް ހަމަ ޔަޤީނުންވެސް ކުޅިވަރުގެ ދާއިރާއިން، ފިޓްނަސްގެ ދާއިރާއިން ޒުވާނުންނަށް ޢާންމުކޮށް ހުރިހާ ރައްޔިތުންނަށްވެސް ވަރަށްބޮޑު ފަސޭހަތަކެއް ވާނެ މަޝްރޫޢެއް. އޭގެއިތުރަށް، މި ރަށުގައި ހުރި ދަނޑުތައް އިތުރަށް ތަރައްޤީ ކުރުމަށްވެސް އަޅުގަނޑުމެން މަސައްކަތް ކުރަން ނިންމާފައި އޮންނާނީ. މީގެތެރެއިން ފުޓްބޯޅަ ދަނޑުގެ ލައިޓް ޖަހައިދިނުމާއި، ހަލާކުވެފައިވާ ފެންސް ރަނގަޅުކޮށްދިނުން އަޅުގަނޑުމެން މިހާރު ތާވަލުކޮށްފައި އޮންނާނީ މި އަންނަ އަހަރަށް ބަޖެޓް ހުށަހަޅާއިރުގައި، އޭގައި ހިމަނައިގެން، އެ މަސައްކަތް ކޮށްދޭން. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަން އެގޮތަށް ކުރިއަށްދާނެ.

ހަމައެއާއެކީގައި، ވޮލީކޯޓެއް އެޅުމަށް އަޅުގަނޑުމެން ކައުންސިލަށް ތަކެތި ފޯރުކޮށްދޭނަން. މިނިސްޓްރީގެ ފަރާތުން ފޯރުކޮށްދިނީމަ، ކައުންސިލުން ވިދާޅުވެފައި އޮތީ، ތިމަންނާމެން ވޮލީކޯޓު އަޅާނެކަމަށް. އެހެންވީމާ، ފިޓްނަސް އެންޑް ރިކްރިއޭޝަން މަރުކަޒާއި، ވޮލީކޯޓާއި، ދަނޑުގައި ލައިޓްޖެހިގެން ދިޔުމާ، މިކަންކަން ވެގެންދިޔުމަކީ ހަމަ ޔަޤީނުންވެސް ޒުވާނުންނަށް، ކުޅިވަރުގެ ދާއިރާއިން ކުރިއަށްދާ ހުރިހާ ފަރާތްތަކަށް ވަރަށްބޮޑު ކުރިއެރުމަކާއި ހިތްހަމަޖެހުމަކަށް ވާނެ ކަންތައްތައްކަން އަޅުގަނޑަށް ޔަޤީން.

އާދެ، ޞިއްޙީ ދާއިރާއިން ބަލާއިރުގައި، މިތަނުގައި އަޅަންހުރި މަރުކަޒު، ނޫނީވިއްޔާ ޞިއްޙީ މަރުކަޒުގައި އަޅަން ނިންމާފައި އޮތް އިމާރާތް ވަރަށް ބޮޑަށް އޮތީ ނުފެށި ލަސްވެފައި. މީގައިވެސް ނެތް، ސަރުކާރުން ކޮމްޕެނީއަށް އެއްވެސް ކަހަލަ ޑިއު ޕޭމަންޓެއް އޮވެގެން ލަސްތަކެއް ވެފައެއް. މިހާރު އެ ކުންފުނި ވަނީ އެއްބަސްވެފައި، ސަރުކާރާ އެކީގައި މިކަމުގައި ކުރިއަށްދާން. މިގޮތަށް ގިނަ ދުވަސްތަކެއް ވެފައި މިހެންހުރި މަޝްރޫޢުތައް ވެފައި ހުރީ، ޕްރައިވެޓް ބައެއް ކުންފުނިތަކާ ހަވާލުކޮށްފައި ހުރި ބައެއް މަޝްރޫޢުތައް ހަމަ އެކި ސަބަބުތަކާހެދި ނުކޮށް ހުއްޓާލީމާ ޙަޤީޤަތުގައި ގިނަ ފަރާތްތަކުން. ދެން އެކިގޮތްގޮތުން މަސައްކަތްކޮށްގެން އަޅުގަނޑުމެން މި ރީސްޓާޓް ކުރުވަނީ. ޕޭމަންޓް ޑިއުވެފައި އޮންނަނީކީ ނޫން. ބައެއް ފަރާތްތަކަށް ޕޭމަންޓް ޑިއުވެފައި ހުރި. އެ ޕޭމަންޓްތައް ދީފިން. އެހެންވީމާ، މިހާރު އެކަހަލަ އެއްވެސް އިޝޫއެއް ނުއެއްއުޅޭ، މި މަޝްރޫޢުގެވެސް. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ، މި މަޝްރޫޢު އެ ފަރާތް މެދުވެރިކޮށް ކުރިއަށް ގެންދާނަން.

މީގެ އަމާޒަކީ، 24 ގަޑިއިރު، މިހާރުވެސް 24 ގަޑިއިރު ތިޔަބޭފުޅުން ޚިދުމަތް ރަސްމީކޮށް އަދި ކަނޑައަޅާފައި ނެތަސް، ކޮންމެވެސްވަރަކަށް އެބަދޭ. 24 ގަޑިއިރު ޚިދުމަތްދޭ މަރުކަޒަކަށް ހެދުމަށްޓަކައި ބޭނުންވާ ޢުމްރާނީ ވަސީލަތްތަކާއި، އިންސާނީ ވަސީލަތް، ސްޓާފުން ހޯދައިދިނުން، މި ހުރިހާ ކަމެއް ޤާއިމުކޮށްދިނުން އެއީ އަމާޒަކީ. އެހެންވީމާ، އެގޮތަށް އަޅުގަނޑުމެން ކުރިއަށްގެންދިޔުން މިކުރާ މަސައްކަތަކީ. އެހެންވީމާ، މި އަހަރު ބާކީއޮތް މުއްދަތުގައި މަސައްކަތްތައް ފެށި، މިއީ، މި އަންނަ އަހަރު ތެރޭގައި އިރާދަކުރެއްވިއްޔާ ހަމަ ހަލުވި ދުވެލީގައި ގޮސް، ވީހާވެސް އަވަހަކަށް ނިމިގެންދާނެ މަޝްރޫޢެއްކަން އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ޔަޤީންކުރަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ މި ދެންނެވި ގޮތަށް، ޞިއްޙީ ދާއިރާއިން މި މަޝްރޫޢު ކުރިއަށް ގެންދެވޭނެ ކަމަށް އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށް ދަންނަވަން.

އާދެ، އެހެންވީމާ، މައިގަނޑު ގޮތެއްގައި އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވި މުހިންމު ކަންކަމަކީ މިއީ. މީގެއިތުރަށްވެސް އެކި ކަންކަން ކުރިއަށްދާނެ.

އާދެ، ފުލުހުން ޚިދުމަތް ދިނުމުގައި، މި ރަށުގައި މިހާރުދޭ ފުލުހުންގެ ޚިދުމަތް މިއަދު އަޅުގަނޑުމެން އަޕްގްރޭޑް ކޮށްފިން. ޕޮލިސް ޕޯސްޓަކަށް ޚިދުމަތް އަޕްގްރޭޑް ކޮށްފިން. އަދި ފުލުހުންގެ އިމާރާތެއް އެޅުންވެސް ކުރިއަށް އެބައޮތް. އިރާދަކުރެއްވިއްޔާ އެއީވެސް ހަމަ ކުރިއަށްދާނެ މަޝްރޫޢެއް. މާލަސްތަކެއްނުވެ އަޅުގަނޑުމެން މި އަހަރު ނިމުމުގެ ކުރީގައި ފަށަން ނިންމާފައި މިއޮތީ. މިގޮތަށް ފުލުހުންގެ އަމިއްލަ އިމާރާތް ނެތް، ގާތްގަނޑަކަށް ސާޅީހަކަށް ރަށުގައި އަޅުގަނޑުމެން މި އަހަރު އިމާރާތް އަޅަން ފަށަން މިހާރު މިއޮތީ ނިންމާފައި. އެހެންވީމާ، ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަށްވެސް އަޅުގަނޑުމެން މިދަނީ ވަރަށްބޮޑު މަސައްކަތެއް ކުރަމުން.

މިއަދު އަޅުގަނޑުމެންނަށް މިއަދުގެ ހަމަ މި ތާރީޚުގައި އަޅުގަނޑުމެންނަށް މި ހާސިލު ކުރެވުނީ މި މުޅި އަތޮޅުގައި، މި ތ. އަތޮޅުގައި މިހާރު ހުރިހާ ރަށެއްގައި މިއަދު މެންދުރުފަހު 2 ޖެހުމާ ހިސާބުން ފެށިގެން ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށް ނިމުނީ. އެކަން އަޅުގަނޑުމެންނަށް ހާސިލުކުރެވިއްޖެ. ފުލުހުންގެ އަމިއްލަ އިމާރާތް އެޅުން މިހާރު މިއޮތީ ފެށިފައި. މި ރަށުގައި އަމިއްލަ އިމާރާތެއް އެޅޭނެ. މި އަތޮޅުގެ ވަރަށްގިނަ ރަށްރަށުގައި އަޅުގަނޑުމެންގެ މި ދަތުރުގެ ތެރޭގައި އާ އިމާރާތް އެޅުމަށް، އިމާރާތް ނެތް ރަށްރަށުގައި އާ އިމާރާތް އެޅުން ފަށައިފިން. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް މި އަހަރު ތެރޭގައި ސަތޭކައަށްވުރެ ގިނަ ރަށުގައި ފުލުހުންގެ އިމާރާތް އެޅުމުގެ މަސައްކަތް އެބަ ކުރިއަށް ގެންދަން. ފުލުހުންގެ ޚިދުމަތަކީ، ރައްޔިތުންނަށް ވަރަށް މުހިންމު ޚިދުމަތެއް. އެހެންވީމާ، އެކަން އަޅުގަނޑުމެން މި ކުރަނީ ރައްޔިތުންނަށް އެންމެ ފެންވަރު ރަނގަޅުކޮށް ޚިދުމަތް ދިނުމުގެ ބޭނުމުގައި.

އާދެ، އިރާދަކުރެއްވިއްޔާ އެ ކަންތައްތައް އެގޮތަށް އަޅުގަނޑުމެން ކުރިއަށް ގެންދާނަން. އަދި ހަމަ އެމް.އެން.ޑީ.އެފް.ގެ ފަޔަރ ސްޓޭޝަނެއް ޤާއިމުކުރަންވެސް އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން. އެއީވެސް އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ވާންހުރި ކަންތައްތައް. ކައުންސިލް އިމާރާތެއްވެސް އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު ބަޖެޓުގައި ޖަހައިގެން އަޅަން އަޅުގަނޑުމެން ނިންމާފައި އޮތީ. އެހެންވީމާ، އަދި އެބަހުރި ކުރިއަށް ވަރަށްގިނަ ކަންކަން.

އަޅުގަނޑު މައިގަނޑު ގޮތެއްގައި މި ފާހަގަކުރީ، ކޯޒްވޭއާއި، މަގުހެދުމާއި، ސްކޫލް އިމާރާތުގެ ވާހަކަ. މި ތިން ކަންތައް އަޅުގަނޑު ހިތުން ޙަޤީޤަތުގައި މިވަގުތު އެންމެ ޕްރެސިންގ، އެންމެ މުހިންމު، އެންމެ އިސްކަންދޭ ތިން ކަމަކީ. މިއީ އިރާދަކުރެއްވިއްޔާ، އަޅުގަނޑު މި ދެންނެވި ގޮތަށް ދާނެ ކަންތައްތައް. 18 މަސް ދުވަހުގެ ތެރޭގައި ކޯޒްވޭ ނިމޭނެ. ދިރާސީ އާ އަހަރަށް ސްކޫލްގެ 10 ކްލާސްރޫމްގެ އިމާރާތް ނިމޭނެ. މި އަހަރު ނިމުމުގެ ކުރީގައި، މަލްޓި ޕަރޕަސް ހޯލުގެ މަސައްކަތް ފެށޭނެ. އެހެންވީމާ، އެކަންކަން އެގޮތަށް ދާނެކަމުގެ ޔަޤީންކަން އަދިވެސް ތިޔަބޭފުޅުންނަށް އަރުވަމުން، އަދިވެސް އެއްފަހަރު ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމުން، އަޅުގަނޑު މިއަދު ވަކިވެލާނަން، އަނެއްކާވެސް ބައްދަލުކޮށްލުމުގެ އުންމީދުގައި.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެން މިކުރާ މަސައްކަތްތަކުގައި، اللهُ سُبْحَانَهُ وَتَعَالَى ބަރަކާތް ލެއްވުން. އާމީން.

وَمَا تَوْفِيقِي إِلَّا بِاللَّهِ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.